Sunday, June 26, 2022

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެތި ދޮށްޓާ ރީލް އެމީހަކަށް ގަނެވޭ ފެންވަރުގާ ގަނެލާގެން ގޮސް ބާނާލާ މަސްތައް މީސްމީޑިޔާއަށް ދޫކޮށް އެއްބަޔަކު އަނެއްބަޔަކާ ވާދަކުރަމުންދަނީވެސް އަމަށަކު ވަރަކަށްނޫނެވެ. ދުރު ދިމަ ދިމާލަށް ގޫރޫޕް ހަދާލާގެން ދަތުރުގޮސް ވީހާވެސް އަޑިންޔަށް ދޫކޮށްލާން އެހެރަ ޖެހިލާ މަސްތަކުގެ ސަބަބުން ކުރަންޖެހޭ މަސައްކަތް ބައެއްފަހަރު ވަރަށް ބުރަވެގެންދެއެވެ. ނަމަވެސް ހިތަށް އެލިބެމުންދަނީ ހާދަހާވާ ބޮޑު ހިތްހަމަޖެހުމެކެވެ. 

މޫނިސްއަކީވެސް ސްޕޯޓްސް ފިޝިންގްއަށް އަލަށް ނުކުތް ޒުވާނެކެވެ. ކުޑަ ދުވަސްކޮޅެއްތެރޭ މީސްމީޑިޔާގާ މީހުންނާ ވާދަޖަހައިގެން އޭނާގެ ހުނަރާ ކުޅަދާނަކަން ވީޑިޔޯތަކުން ފެންނަމުންދިޔައެވެ. މޫނިސް ވަޒީފާ އަދާކުރަމުންދަނީ ކޮނޮށްޓާގައެވެ. އެއްދުވަހު ރިސޯޓަށް އަލަށް މުވައްޒިފަކުއައެވެ. އޭނާގެ ނަމަކީ ބަޝީރުއެވެ. ބަޝީރަކީ މޫނިސް މީސްމީޑިޔާއިން ފެނި ރަހްމަތްތެރިވެފާވާ މީހަކަށްވީތީ މޫނިސްއާ އޭނާގެ ރަހްމަތްތެރިން ތިބޭ ކޮޓަރީގާ ބަޝީރު ބެހެއްޓިޔެވެ. ކުޑަ ދުވަސްކޮޅެއްފަހުން ބަޝީރުވެސް ދޮށްޓަކާ ރީލްއެއް ގެނެސްގެން މޫނިސްއާ ވާދަކުރަމުންދިޔައެވެ. މިހެން އުޅެލާފާ ދެމީހުން އެއްކޮށް ކޮފީއަކަށް އަރާ މީސްމީޑިޔާ ހާވަން ތިއްބާ ރަހްމަތްތެރިޔަކު އައިސް މަސްދަތުރެއް ރާވަން ބުންޏެވެ. މޫނިސްއާ ބަޝީރު މަޝްވަރާކޮށް ދުވަސް ކަނޑައަޅާ ސާމާނުތައް ތައްޔާރުކުރިޔެވެ. މި ދަތުރުގާ ބައިވެރިވަނީ ހަތަރު ބައިވެރިންނެވެ. އެއީ މޫނިސްއާ ބަޝީރުގެ އިތުރުން ޝިޔާޒްއާ މޫސައެވެ. އެންމެން ޑިޔުޓީ ނިންމާލުމަށްފަހު ޑިންގީއެއްނަގާގެން ހަވީރު ފުރީ ކޮނޮށްޓާ ކައިރީގާ އޮންނަ ބޮޑު ފަރެއް ކައިރިޔަށްށެވެ. ދަތުރު ކޮށްތަށް މާކަށް ބޮޑު އެއްޗެއް ނުގެންދިޔައީ އަވަހަށް އަނބުރާ އައުމުގެ ނިޔަތުގައެވެ. އިސާހިތަކު އަޑިޔަށް ޖިގްތައް ފޮނުވާލާ މަސްބާނާ މަހެއް ޖެހޭތޯ މަސައްކަތްފެށިޔެވެ. އުޅެ އުޅެ ހަމަ އެކަތިވެސް ނުޖެހުނެވެ. އެހެންކަމުން ފަރުގެ އަނެއްފަޅިޔަށް ދާން ނިންމިޔެވެ. ޑިންގީ ސްޓާޓްކޮށްލުމަށްފަހު ދުއްވާފާ ގޮސް ފަރުގެ އަނެއް ފަޅީގާ ވޭއްވުމަށްފަހު ނަގިލިއެޅިޔެވެ. އެއިރު އިރުއޮއްސިއްޖެއެވެ. ގަޑިން ރޭގަނޑު ހަތެއް ޖަހިތަނުން އެހެރަ މަސްތައް ގަންނަން ފެށީޔެވެ. ބައެއް މަސްތައް މައްޗަށް އެރުވުމުގެ ކުރިން މިޔަރުތައް ދިޔައީ ކަމުންނެވެ. މިހެން ތިއްބާ ބޮޑު ފެމުނެއްވެސް އައިސް އެނބުރެންފަށާފިޔެވެ. އެމީހަކަށް ނެގުނު މަހެއް އަވަސް އަވަހަށް ދިޔައީ ނަގަމުންނެވެ. މަސްބާނާ ނިންމާލަން ބެލިއިރު ގަޑިން 10 ޖަހާފިޔެވެ. އަލިކޮށްލަން ދިއްލާފާ އިން އަލިވެސް ނިވާލާފިޔެވެ. ނަގިލި ނަގަން މޫނިސް މަސައްކަތްފެށިތަނުން ކަނޑުތެރެއިން ނޫކުލައިގެ އެއްޗެއް ދިއްލިލާފާ ގެއްލެން ފަށާފިޔެވެ. މާކަށް ބޮޑު ސަމާލުކަމެއްނުދީ މޫނިސް ދިޔައީ ނަގިލި ނަގަމުންނެވެ. އެވަގުތު ހަމަ އެއްކަލަ ނޫ އަލި ދިއްލިލާފާ ގެެއްލެމުންދިޔައެވެ. ނަގިލި ނަގަނަގާ ހުއްޓާ ނަގިލި ވާގަނޑުގާ ހިފާ ފިސާރެ ބާރަށް ކަނޑުތެރެރެޔަށް ދަމައިގެންފިޔެވެ. އެހިނދު މޫނިސްގެ އަތް ވަލުގަ ހިފަހަށްޓާގެން އޮތުމުން ފިހިގެންދިޔައެވެ. މޫނިސް ޑިންގީތެރެޔަށް ވެއްޓުމުން މޫސަ އައިސް މޫނިސް ނެގިޔެވެ. އިރުކޮޅަކުން އިވުނީ ބަޝީރު ހޭންފެށިއަޑެވެ. އޭނާ ޑިންގީ ކޮޅަށް އިނގިލި ދިއްކޮށްފާ އެތަނުގާ ކަޅު ވަރުގަދަ ކެހެރިބޯ އެއްޗެއް ހުރި ވާހަކަ ބުނަމުންދިޔައެވެ. އަދި މިފަހަރު ސަލާމަތެއް ނެތްކަމުގާ ބުނެ ބިރުވެރި އަޑަކުން ހެމުންދިޔައެވެ. މޫނިސް އާ މޫސައާ ދެމީހުންނަށް ކަނޑާ ދިމާލަށް ބަލާލެވުނުލިއިރު ޑިންގީ ދަށުން ނޫކުލައިން ދިއްލެން ފަށާފިޔެވެ. އިސާހިތަކު ނާމަން އަޑުތައް އިވެންފެށިޔެވެ. ވާރޭ ވެހޭހެންވެސް ހީވެގެންދިޔައެވެ. ދެން ފެނިގެންދިޔައީ ސަންދޯކާ ގަބުރު ފަދަ ތަކެތި ކަނޑުން މައްޗަށް އަރަމުންދިޔަތަނެވެ. ހަދާނެ ގޮތް ހުސްވެފާ ތިއްބާ ޝިޔާޒް ކުރިޔަށް ޖެހިލުމަށް ފަހު ބާރަށް ބަނގިގޮވަންފެށިޔެވެ. އެއާއެކު ބަޝީރު ހޭނެތިގެން ވެއްޓިއްޖެއެވެ. ފެންނަމުންދިޔަ ބިރުވެރި މަންޒަރުތައް ގެއްލެންފަށާފިޔެވެ. އަވަސް އަވަހަށް ނަގިލި ނަގާ އިންޖީނު ސްޓާޓުކޮށް ލޯންޗް ދުއްވާލިޔެވެ. ސާޅިސް ފަސްމޭލު ބާރުގާ ދިޔަ ލޯންޗްއާ އެއްވަރަށް ކަނޑުތެރެއިން ނިވިއްދިލަމުން އަލިގަނޑު އަންނަމުންދިޔައެވެ. ލޯންޗްއާ އެއްވަރުކުރުމަށްފަހު އަލިގަނޑު ކަނޑުތެރެޔަށް ގެއްލިގެންދިޔައެވެ. އަވަސް އަވަހަށް ރިސޯޓަށްގޮސް ލޯންޗް އެޅުމަށްފަހު ހޭނެތިފާވާ ބަޝީރު ނަގައިގެން ގެންގޮސް ރިސޯޓްގެ މިސްކިތާ ހަވާލުވެގެންހުރި އިމާމްލައްވާ ރުގްޔާކޮށް ބަޝީރު ރަނގަޅުކުރިޔެވެ. 

އޭގެ އަހަރެއްފަހުން ބަޝީރު ވަޒީފާއިން ކެނޑުނެވެ. ދުވަސްކޮޅެއްފަހުން ހަބަރު ލިބިގެންދިޔައީ އޭނާ ގެނބިގެން ނިޔާވި ހަބަރެވެ. ބަޝީރު ނިޔާވި ހަބަރު ލިބުމާއެކު ދަތުރުދިޔަ އެންމެންވެސް ވަރަށް ހިތާމަކުރިޔެވެ. ބަޝީރު ނިޔާވިތާ ދުވަސްކޮޅެއްފަހުން ކާޑެއްދޫ ކައިރި އޮންނަ ފަޅުރަށެއްކައިރިޔަށް މޫނިސްއާއެކު ކުރިން ދިޔަ ދެކުދިންކަމުގާވާ މޫސައާ ޝިޔާޒް މަސްބާނަންގޮސް ތިއްބެވެ. އެރޭ އައި ކޮޅިގަނޑެއްގާ ތަނެއް ދޮރެއް ނުފެންނަވަރަށް ވިއްސާރަ އޮއްސާލާ ކަނޑުވެސް ގަދަވެއްޖެއެވެ. މޫނިސް އޭނާގެ ފޯނުން ޗާޓު ބަލާގެން ލޯންޗް މަޑުމަޑުން ދެ ފަޅުރަށެއްގެ ދޭތެރޭ އޮންނަ ފަޅަކަށް ވެއްދިޔެވެ. މާކަށް ގިނައިރެއްނުވެ ވިއްސާރަ ހުއްޓާލާފިޔެވެ. ހަނދުވަރެއްނެތް ކަޅުފޮއެ އެރޭގާ ކަނޑު މަޑުވެލުމުން ނުކުންނަން ތައްޔާރަށް ފޯނުން ޗާޓުބަލާގެން ތައްޔާރުވަމުންދަނިކޮށް ކައިރީގަ އޮތް އެއް ފަޅުރަށުން އަލިގުޅަޔެއް މައްޗަށްއަރާފިޔެވެ. އެ ދިޔަގޮތައް ދެރަށް ދެމެދަށް އެރުމާއެކު މުޅި ސަރަހައްދު ވަރުގަދަ އަލިގަނޑަކުން ދިއްލާލިޔެވެ. އެއާއެކު ދެން ފެނިގެން ދިޔައީ ދެރަށުގެ އެތެރެ ވަރުގަދަޔަށް ރަތްކުލާންދިޔަތަނެވެ. ހީވަނީ ދެރަށު އެތެރޭގާ އަލިފާންރޯވެފައޮތްހެނެވެ. އިރުކޮޅަކުން އަލިފާން ބޯޅަތައް މައްޗަށް އަރާ އަލިފާން ވެއްޓެމުންދިޔައެވެ. ހީވަނީ އުޑުން އަލިފާން ފައިބަމުންދިޔަހެނެވެ. މަންޒަރު ބަލަންތިއްބާ އިރުކޮޅަކުން ލޯންޗު ކުރިމަތީ ދުރުގާ އޮތް ފަރެއްގެ މައްޗަށް ފިރުކިފާ މީހަކު އަރަމުންދިޔަތަންފެނިގެންދިޔައެވެ. އެމީހާ ކޮޅަށް ތެދުވިވަގުތު އަލިގުޅަޔެއް އެމީހާ މަތިން ދިއްލާލިޔެވެ. އެޔާއެކު އެންމެނަށް ފެނިގެންދިޔައީ ގެނބިގެން ނިޔާވި ހަބަރު ލިބުން ބަޝީރުއެވެ. އޭނާ ހިނިއައިސް ހުރެ އެއްއަތުން ހަނާ އަޅަމުން މޫދަށް ފައިބަންފެށިޔެވެ. އެހިނދު އެންމެންވެސް ބާރު ބާރަށް ބަނގިގޮވާ ކިޔުނު ހެޔޮއެއްޗެއް ކިޔަމުންދިޔައެވެ. އަވަސް އަވަހަށް ލޯންޗް ސްޓާޓްކޮށްލާގެން ބާރު ބާރަށް ގަދަ ކަނޑުތެރެޔަށް ނެރެގެން އަނބުރާ ރިސޯޓަށްދިޔައެވެ. އެ ހާދިސާތަކަށްފަހު އެންމެންވެސް އިމާންތެރިކަން ވަރުގަދަކުރިޔެވެ. ބަރާބަރަށް ނަމާދުކުރަންފެށިޔެވެ. ނަމާދު އެއްގޮތަކަށްވެސް ނާޅައެވެ. ކޮންމެތާކު ހުއްޓަސްމެއެވެ. އެމީހުންނަށް ދިމާވި ހާދިސާތައް ދުވަހަކުވެސް ހަނދާންނުނެތޭނެއެވެ. 

- ނިމުނީ - 

Saturday, June 25, 2022

އެއްލާލި ޙަޒާނާ

 ފަނާވަމުން ދަނިވި ދުނިޔެއަށް މީސްތަކުންވަނީ ބުރަވެފައެވެ. ދިރިއުޅުން އެތައް ގުނައަކަށްވަނީ ބަދަލްވެފައެވެ. އިސްލާމްދީންއަށް ތަބާވެ ކަމޭހިތަމުން ދަނީ މަދުބަޔެކެވެ. އަނެއްބަޔަކު ތިބެނީ ނަމެއްގާ އިސްލާމްކަންމަތީގައެވެ. އެބައިމީހުންގެ ކުރިމަތީގާ އޮތް އެތައް ޙަޒާނާއެއް އެބައިމީހުންގެ ކަނު ލޯތަކަށް ހަމަ ނުފެންނަނީއެވެ. އެބައި މީހުންނަށް ވިސްނަނީ އަޖަލު ހަމަވާން ގާތްވެ މަރު ހާޒިރުވުމުންނެވެ. 

ޔަޒީދުއަކީ ޒުވާނެވެ. ބުރަ މަސައްކަތްކޮށްގެން ޔަޒީދުގެ އުމުރުން ފަންސަވީސް އަހަރުގާ މުއްސަނދިވެއްޖެއެވެ. އެ މުއްސަނދިކަމުގެ ސަބަބުން އޭނާ ހުންނަނީ ވަރަށް ބޮޑާވެ ފޮނިވެފައެވެ. މީހަކު ގޮވާލިޔަސް ބައެއްފަހަރު ދަންނަ ކަމަށްވެސް ނުހަދައެވެ. ޔަޒީދު އެންމެ ކުރާހިތްވާކަމަކީ މަސްވެރިކަމެވެ. އަގުބޮޑު ލޯންޗެއް ގަނެ އެންމެ ގާތް އިތުބާރުކުރާ މީހުން ގޮވާގެން ކޮންމެ ދުވަހަކު ހަވީރު ޔަޒީދު މަހަށްދެއެވެ. އެކަމަށް އޭނާގެ މުއްސަނދިކަމުން އެތައް ހަރަދެއްކޮށްލާކަށް ޖެހިލުމެއްނުވެއެވެ. ދާ ކޮންމެ ދުވަހަކުވެސް ބޭނޭ އެއްޗެއް ވިއްކާލާ ފައިދާ ބަހާއިރު ޔަޒީދު ބޮޑުބައި ނަގާތީ އެކުވެރިންނާ ބައެއްފަހަރު މައްސަލަވެސްޖެހެއެވެ. ނަމަވެސް ޔަޒީދޫ އެމީހުންނަށް އެކި ގޮތްގޮތުން ބަހަނާ ދައްކާ މައްސަލަ އޮއްބާލައެވެ. 

އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް މިއަދުވެސް ޔަޒީދުއާ އޭނާގެ އެކުވެރިން މަހަށް ނުކުތެވެ. ފޯރީގާ ތިއްބާ އިންޖީނުން ބާރު އަޑެއްކިޔާފާ ލޯންޗް ހުއްޓިއްޖެއެވެ. ޔަަޒީދުއާ އޭނާގެ ރަހްމަތްތެރިން އިންޖީނަށް ވީގޮތް ބަލާ ހައްލު ހޯދުމަށް މަސައްކަތްފެށިޔެވެ. ނަމަވެސް ރަނގަޅު ނުވުމުން ކޯސްޓްގާޑްގެ އެހީއާއެކު ކައިރި ރަށަކަށް ލޯންޗް ގެންދެވުނެވެ. ކޯސްޓް ގާޑްގެ މެކޭނިކެއްކަމަށްވާ ޔޫސުފް އައިސް އިންޖީނު މަރާމާތުކުރުމުގެ މަސައްކަތްފެށިޔެވެ. ނަމަވެސް އިރުކޮޅަކުން ބަންގިގޮވުމުން ޔޫސުފް މަސައްކަތް ހުއްޓާލުމަށްފަހު ނަމާދަށް އެރުމަށް ހިނގާގަތެވެ. އެހިނދު ޔަޒީދު އައިސް ޔޫސުފް އަތުގާ ހިފެހެއްޓިޔެވެ. 

ޔަޒީދު : އޭ ބުރޯ ކޮންތާކަށް ތިދަނީ މަސައްކަތް ހުއްޓާލާފަ؟
ޔޫސުފް : މިދަނީ ނަމާދަށް. ކަލެޔަށް ނީވޭތަ ބަންގިގޮވާއަޑު؟
ޔަޒީދު : ނޫނޭ ބުރޯ އިވޭ އެކަމު އަހަރުމެން ފުރަން ބޭނުން އަވަހަށް މިކަން ނިންމާލަދީބަލަ ކަލޭ ބުނި އަދަދެއް ދޭނަމޭ.
ޔޫސުފް : (ހިނިގަނޑެއް ޖަހާލާފަ) ކަލޭގެ ފައިސާއާ އެކަލާނގެ އަހަރެންނަށް ދެއްވާ ސަވާބާ އަޅާވެސް ކިޔާނުލެވޭނެ. އަހަރެން ނަމާދުކޮށްލާން އަންނަންދެން މަޑުކޮށްލާ. އިތުރު ޝަކުވާއެއް އޮތިއްޔާ އަހަރެންގެ ކޮމާންޑަރާ ވާހަކަ ދައްކާ
ޔަޒީދު : (ޔޫސުފް ދުރަށް ދިޔުމުން) މާ ސޯލިހު މީހެއްވިއްޔާ..... ހަމަ ކީއްތަވާނީ ނިންމާލާފަ ދިޔައްޔާ. ފަހުންވެސް ނަމާދުކުރެވިދާނު 

ފަނަރަ މިނެޓްފަހުން އައިސް ޔޫސުފް މަސައްކަތްފަށާގަތެވެ. އިރުގަނޑެއްގެ މަސައްކަތަށްފަހު ޔަޒީދުގެ ލޯންޗް އިންޖީން ހަދާ ނިމިއްޖެއެވެ. މިކަމާ ޔަޒީދު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނަމަވެސް ޔޫސުފް ދެން ދިން ހަބަރުން ޔަޒީދު މާޔޫސްވެ ރުޅިގަދަވިޔެވެ. އެއީ ޔޫސުފްގެ މަސައްކަތުން ގެނެވުނީ ވަގުތީ ހައްލަކަށްވާތީއެވެ. ލޯންޗް އަނބުރާ މާލެ ގެންގޮސް ބޮޑު މަރާމާތެއް ކުރަންޖެހޭތީއެވެ. ޔަޒީދު އައި ރުޅިގާ ހެއްދެވި ނެހެއްދެވިޔެއް ޔޫސުފްއަށް ގޮވާ މަލާމާތްކުރަމުން ދަނިކޮށް ކޮމާންޑަރު އައިސް އެދޭތެރެޔަށްވަދެ ޔަޒީދު ދުރަށް ޖައްސަން މަސައްކަތްކުރިޔެވެ. ނަމަވެސް ޔަޒީދުއާ އޭނާގެ ރައްޓެހިން ގަދަ ދައްކަމުންދަނިކޮށް ކޯސްޓްގާޑްގާ ތިބި އިތުރު ސިފައިން ފައިބާ ޔަޒީދުމެން ދުރުކޮށް އިންޒާރުދިނެވެ. އެއަށްފަހު ޔަޒީދުމެންނާ ލޯންޗް ދޫކޮށްލުމަށްފަހު ކޯސްޓްގާޑް ފުރާގެންދިޔައެވެ. ޔަޒީދުމެން ލޯންޗްއަށް އަރާ ދުއްވާލިޔެވެ. މާކަށް ދުރަށް ނުދެވެނީ އިންޖީނުން އަނެއްކާވެސް ކުޑަކޮށް އަޑުކިޔާފިޔެވެ. މިފަހަރު މާލެ އަނބުރާ ދިޔުން ނޫންގޮތެއް ނެތިގެން އަނބުރާ ގޮސް ބަނދަރުކުރުމަށްފަހު ޔަޒީދުއާ އޭނާގެ އެކުވެރިން ގެޔަށްދިޔައެވެ. 

ލޯންޗްގާ މައްސަލަ ޖެހިފާވުމުން ޔަޒީދު ދެކޮޅަށް އެނބުރެނީއެވެ. ގެނެވުނު އެންމެ މޮޅެތި މެކޭނިކުން ގެނެސް މަސައްކަތްކުރުވިޔެވެ. ނަމަވެސް ހައްލެއް ހަމަ ނުފެނުނެވެ. އެންމެ ފަހަށް އެކަމާ ފޫހިވެގެން ޔަޒީދުގެ މައިންބަފައިންނާ އެވާހަކަ ހިއްސާކޮށްލިޔެވެ. އެކަމާ މެދު މައިންބަފައިން ދެއްކި ވާހަކަޔާމެދު ޔަޒީދު ޖެހުނީ ހިތްހަމަ ނުޖެހިގެން ގެއިން ނުކުންނާށެވެ. އެއީ ޔަޒީދު އަޑުއަހަން ބޭނުންވާފަދަ ވާހަކަތަކަކަށް ނުވާތީއެވެ. ދީނީ ވާހަކަތަކަކަށްވާތީއެވެ. ފޫހިވެގެން މާލެތެރޭ ދުއްވާލަން ނުކުމެ ގޮސް އައިޖިއެމް އެޗް ކައިރީ ހުރި ތަނެއްގާ އިށީންދެލައިގެންއިނެވެ. މިހެން އިންދާ މީހަކު ފަހަތުން ސަލާމް ގޮވާލިޔެވެ. ޔަޒީދު ފަހަތް އެނބުރި ބަލާލިއިރު ހިނިތުންވުމާއެކު ހުރީ ޔޫސުފްއެވެ. 

ޔަޒީދު : ކަލޭ ކޮން މަލާމާތްކުރާ ފާޑަކަށް ހިނިއައިސްފަ ތިޔަހުރީ؟
ޔޫސުފް : މައާފްކުރައްވާތި އެކަމުވެސް ހިނިތުންވުމަކީ ސަދަގާތެއް. ކޮބާ އިންޖީނު ހެދިއްޖެތަ؟
ޔަޒީދު : ނޫނޭ އެކަކަށްވެސް އެކަމެއްނުވި. ވަރަށް ދެރަ. މައިންބަފައިންނާ އެވާހަކަ ހިއްސާކޮށްލީމަވެސް ފެށީ ދީނީ ނަސޭހަތް
ޔޫސުފް : ކީކޯ ބުނީ؟
ޔަޒީދު : އެފަދަ ކަންތައްތައް ދިމާވަނީ އަހަރެންގެ ދިރިއުޅުން ހުންނަގޮތުންނޯ. ނަމާދުނުކޮށް ގުރުއާން ނުކިޔަވާ އަދި ނުވީތާކަށް ސަދަގާތްވެސް ނުދޭތީޔޯ.
ޔޫސުފް : ތިކަމުގާ އަހަރެން ބުނާނެ ވަކި އެއްޗެއް ނެތިން. އެކަމު ފައިސާ ހުރެ އެ ހެޔޮގޮތުގާ ބޭނުން ނުކުރަންޏާ އެކިކަހަލަ މުސީބާތްތަކާ ކުރިމަތިވާނެ. އެހެންވެ އަނގަވާފަ އެއޮންނަނީ ގައިގާ ވަރުހުރި ދުވަހު ހައްޖަށްވެސް ދާން. ނަމާދުވެސް ނާޅާން މާދަމާ ވާނެ ގޮތެއް ހަމަ ނޭނގޭނެ. މިދުނިޔެއަށް އަލްވަދާއު ކިޔަންޖެހިދާނެ 
ޔަޒީދު : ހޫ ކަލޭވެސް ފެށީ ދޯ ދެން ހުއްޓާލާ މަ މިދަނީ 

ޔަޒީދު ގެޔަށް ގޮސް ވަންނަނިކޮށް ފޯންކުރީ އޭނާގެ އެކުވެރިޔެކެވެ. ލޯންޗްގާ ހުޅުހިފާ ރޯވެ އަނދަމުންދާކަމުގެ ހަބަރު ދިނުމާއެކު ޔަޒީ ބާރަށް ސައިކަލްގާ އެދިމާލަށް ދިޔައިރު ކަންވެ ނިމިއްޖެއެވެ. ޔަޒީދުގެ ލޯންޗް އަނދާ އަޅިޔަށްވެއްޖެއެވެ. އޭތިވަނީ މިހާރު މޫދު އަޑީގައެވެ. މަންޒަރު ފެނިފާ ޔަޒީދު ވަރަށް ހިތުގާ ޖެހުނެވެ. އޭގެ ދުވަސްކޮޅެއް ފަހުން ޔަޒީދު ހުޅުވާގެން އުޅުނު އަމިއްލަ ކުންފުނި ބަނގުރޫޓުވެ އަތުން ފައިސާ ހުސްވެ ފަގީރު ހާލަތަށްދިޔައެވެ. މައިން ބަފައިންގެ ބެލުމުގެ ދަށުގާ ޔަޒީދު ގެންގުޅެނިކޮށް މަގުމަތިން ހިނގި އެކްސިޑެންޓްއެއްގާ ޔަޒީދުގެ އެއްފައި ބިންދާންގޮސް ނުކުޅަދޭ މީހަކަށް ވެއްޖެއެވެ. އެންމެ ގާތުން އުޅުން ރައްޓެހިންވެސް އޭނާއަށް ދޯކާދީ ދަންނަ މީހަކަށްވެސް ނަހަދައެވެ. މުޅިން އެކަނިވެއްޖެއެވެ. މިހާލުގާ އެއްދުވަހު މަންމަޔާ އެއްކޮށް ރަސްފަނަށް ދިޔަތަނުން މީހަކު ފަހަތުން ސަލާމް ގޮވާލިޔެވެ. ފަހަތް ބަލާލިއިރު ހުރީ ޔޫސުފްއެވެ. ޔަޒީދުގެ ދައުވަތަށް ޔޫސުޕް އޭނާ ގާތު އިށީނެވެ.

ޔަޒީދު : އަހަރެންނަށް މައާފްކޮށްފާނަންތަ؟
ޔޫސުފް : އަހަރެންގެ ހިތް ކަލެޔާމެދު ސާފު
ޔަޒީދު : އަހަރެންނަށް މިއަދު މިހާލު ޖެހުނީ ކީއްވެކަން ވަރަށް ސާފުވެއްޖެ. އެއިރު ކަލެޔާ މަންމަޔާ ބައްޕަގެ ނަސޭހަތް އަޑުއެހިނަމަ މިއަދު މިހާލު ނުޖެހުނީސް
ޔޫސުފް : (ޔަޒީދް ކޮނޑުގާ އަތްއަޅާފަ) ތައުބާގެ ދޮރު އަދިވެސް ވަނީ ހުޅުވިފަ. އަވަހަށް ތައުބާވެ އިސްލާހްވޭ. 

- ނިމުނީ - 

ގެއްލި ހުސްވި ހަޔާތް

 މީސްމީޑިޔާގެ އަވާގާ ޒުވާނުން ޖެހި ހަލާކުވަމުންދާތަން މިއަދު ވަރަށް ފުޅާ ދާއިރާއެއްގާ ފެނިގެން އެބަދެއެވެ. ޒުވާން އަންހެންކުދިންނާ ފިރިހެންކުދިން މިކަމަށް މުޅި ދުވަސް ހޭދަކޮށްލަނީ އެއްވެސް ވިސްނުމެއް ފިކުރެއްނެތިޔެވެ. އުމުރަކީ ކިހާ ކުޑައެއްޗެއްކަން އެމީހުންނަށް ހަމަ ނޭނގެނީބާއެވެ. އެ ޒުވާނުންނޭ ހޭއަރާށެވެ. އެންމެ ދުރުގާވެސް އެންމެ ގާތުގާވެސްވަނީ މަރެވެ. 

ނަފާއަކީ މުޅި ދުވަސްހެން މީސްމީޑިޔާއަށް ހުސްކޮށްލަމުން އަންނަ ޒުވާން އަންހެންކުއްޖެކެވެ. މަންމަޔާ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުކަމުން ނަފާ ބުނި ކޮންމެ އެއްޗެއް ނަފާއަށް ލިބެމުންދެއެވެ. ގެޔަށް ލާފަ ހުންނަ އިންޓަނެޓްއަކީ ނަފާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެޔާނުލާ ނަފާއަށް ނޭވާވެސްނުލެވެއެވެ. އެންމެ ފަހަރަކު އިންޓަނެޓްގެ ހިދުމަތަށް ބުރައެއް އެރިޔަސް އެ ލާދީފާވާ ފަރާތަށް ގުޅާ އެތައް އުނދަގުލެއްކުރުމަކީ ނަފާގެ ހަށީގާ ހިފާފަ ހުންނަ އާދައެކެވެ. ގެއިން ބޭރަށް ދާނަމަ ހުސްނުވާވަރަށް ނަފާ އަބަދުވެސް ހުންނަނީ ފޯނަށް ޑާޓާ ނަގާފައެވެ. ފޯނު އަތުން ހަމަ އެންމެ ހިނދުކޮޅަކުވެސް ނަފާ ދޫނުކޮށްލައެވެ. ފާހާނައަށް ވަނަސް އަދި ރައްޓެހިންނާއެކު ކިތަންމެ މުހިންމު ކަމަކު އުޅުނަސް އެޔަށް ގިނަފަހަރު ނުބަލާ ފަރުވެސްނުޖެއެވެ. މިކަމާ ނަފާގެ ބައެއް އެކުވެރިން ނުރުހުންވެސް ފާޅުކުރެއެވެ. ނަމަވެސް ނަފާ އެކަމަކާ އަޅާނުލައެވެ. 

ދުވަސްތައް ފާއިތުވެގެންގޮސް ޓިކްޓޮކްގެ އަވާގާ ޒުވާނުންތައް ޖެހެންފަށާފިޔެވެ. މިއީ މުޅިން ރާއްޖެއަށް އަލަށް ތައާރަފްވި އެއްޗެކެވެ. އިސާހިތަކު ނަފާއަށްވެސް ޓިކްޓޮކްގެ ހަބަރު ލިބިއްޖެއެވެ. ވަގުތުން ފޯނަށް އަޅާ އެ ދިރާސާކުރަންފެށިޔެވެ. އެންމެ ފަހަށް ނަފާއަށް ވަރަށް ޓިކްޓޮކް ކަމުގޮސްފިޔެވެ. ފުރުތަމަ ހެދި ވީޑިޔޯއަށްވެސް އެތައް ތައުރީފަކާ ކޮމެންޓްތައް އޮއްސާލާފިޔެވެ. ބެލި މީހުންގެ އަދަދު ދިޔައީ އެތައް ގުނަޔެއް މައްޗަށްށެވެ. ޓިކްޓޮކްގާ ނަފާ ވިދަންފެށީ ލައްކަ އަވަހަށްށެވެ. ހިލޭ ފިރިހެނުންނާއެކު ބޭރަށް ގޮސް ޓިކްޓޮކް ހެދުން ގިނަވެއްޖެއެވެ. ގްރޫޕްހަދާފާ އެކި ތަންތަނުންގާ ނަށާ ވީޑިޔޯތައް އެކި މީސްމިޑިޔާތަކުގާ އާއްމުވެއްޖެއެވެ. މިކަންތައް ނަފާގެ މައިންބަފައިންނަށް ކަމަކު ނުދިޔައެވެ. އެހެންކަމުން ނަސޭހަތްދޭންފެށިޔެވެ. ނަމަވެސް ބީރު ކަންފަތަކަށް އިވޭނީ ކޮން ނަސޭހަތެއްހެއްޔެވެ. ނަމާދުގަޑިޔެއް ރޯދަމަހެއް އެހެން މާތް ދުވަހެއް ނަފާއަކަށް ނޯވެއެވެ. ރީތިވެލާން މުޅިންވެސް އުޅެނީ ޓިކްޓޮކްގައެވެ. 

އެހެން ދުވަސް ދުވަހެކޭ އެއްގޮތައް މިއަދުވެސް ނަފާ އުޅުނީ ޓިކްޓޮކްއެއް ހަދާލުމަށް ތައްޔާރުވެއެވެ. ގަޑިން މައްރިބް ނަމާދުވަގުތު ޖެހި ބަންގިވެސް ގޮވަން ފަށާފިޔެވެ. ނަފާ ތައްޔާރުވެ ނިމި އޭނާގެ ރައްޓެހިން އައުމަށް އެދި ގުޅާލިޔެވެ. ނަފާގެ ރައްޓެހިން ކުޑަ ހިނދުކޮޅެއްތެރޭ ނަފާގެ ކޮޓަރިޔަށް އައިސްވަނެވެ. އެންމެން ހީ ސަކާރާތްޖަހާ ހަދަންވާ ޓިކްޓޮކް ރަވާލާފިޔެވެ. އެޔަށްފަހު އެންމެ އެކުގާ ނަށަންފަށާފިޔެވެ. ތިރީސް ސިކުންތުގެ އެ ޓީކްޓޮކް ނުނިމި އުޅެނިކޮށް ނަފާއަށް ކުއްލިޔަކަށް ގޮތްތަކެއްވާންފެށިޔެވެ. މީހާ ކުއްލިޔަކަށް ބިންމައްޗަށް ބާރަކަށް ވެއްޓިއްޖެއެވެ. ބިންމަތީއޮވެވެސް އޭނާ ދިޔައީ ނަށަމުންނެވެ. ހާސްވެފާ ތިބި އޭނާގެ ރައްޓެހިން ނަފާގެ މައިންބަފައިންނަށް ގޮވާ ގެނެއެވެ. އެއިރުގާ ނަފާގެ ހަރަކާތްތައް ހުއްޓެމުންއައެވެ. މީހަކު ތިމަންނާގެ ކަރަށް ފިއްތާލާފިޔޭ ބުނާ ކަހަލަގޮތަކަށް ނަފާ އިށާރާތްކުރަންށިޔެވެ. ނަފާގެ މޫނުމަތީ ނޫކުލަވާންށިޔެވެ. ނޭވާ ނުލެވި ތެޅެންފެށިޔެވެ. ތެޅެމުންދިޔައިރުވެސް ޖެއްސެނީ ނަށާއިރު ޖައްސާ ވައްތަރުތަކެވެ. މައިންބަފައިންނަށް މިއީ ނަފާގެ އެންމެ ފަހު ވަގުތުކޮޅުކަން އެނގި ރޮއެ ހޭރެންފަށާފިޔެވެ. ނަމަވެސް ކުރެވޭނެ އެއްވެސް ކަމެއްނެތެއެވެ. ނަފާގެ ފުރާނަ ހިއްޕަވާން މަލަކަލް މައުތު އެ ވަޑައިގަތީ ﷲ ގެ ހަޒްރަތަށްށެވެ. ކޮންފަދަ ހިތި ނުބައި ނިމުމެއްތޯއެވެ. އެއްވެސް ހެޔޮ އަމަލެއްނުކޮށް ދުނިޔެއާ ވަކިވެގެން އެދިޔައީ ގެއްލި ހަލާކުވެ ހުރި ހާލުގައެވެ. ވިސްނާލި މީހަކަށް އިބުރަތެކެވެ. މިއަދު އޭނާ ލަމުން އައި ރީތި ހެދުމުގެ ބަދަލުގާ އޭނާ ކަފުންކޮށްލެވުނީ ހުދު ފޮތިކޮޅަކުންނެވެ. އޭނާ ބޭނުން ކުރަމުން އައި އަގުބޮޑު ސެންޓްގެ ބަދަލުގާ އޭނާ ގައިގާ ލެވިގެންދިޔައީ ކާފޫރެވެ. އޭނާ ނިދަމުން އައި އަރާމު އެނދު މިއަދު ވެގެން އެދިޔައީ އޭނާގެ ސަންދޯކަށެވެ. 

ލޮބުވެތި އަހުންނާ އުހްތުންނޭވެ. ތިމާ ކުރާ ކޮންމެ ހެޔޮ އަމަލަކީ ލިޔެވޭނެ އެއްޗެކެވެ. އަދި ތިމާ ކުރާ ނުބައި ކޮންމެ އަމަލަކީ ލިޔެވޭނެ އެއްޗެކެވެ. އެހެންކަމުން ތިމާ ޓިކްޓޮކް ފަދަ މީސްމިޑީޔާތަކަށް ތިޔަ ދޫކޮށްލާ އެއްޗަކުން ތިމާއަށް އާހިރަތުގާ ހުރި ގެއްލުމާމެދު ފުންކޮށް ވިސްނާލާށެވެ. މާތް ﷲ އަޅަމެންނަށް ތެދުމަގު ދައްކަވާ ސާބިތުކަން ދެއްވާށެވެ. 

- ނިމުނީ -

 


ﷲ سُبْحَانَهُ وَتَعَالَى‎ އިންސާނާ އުފެއްދެވީއްސުރެ އެކަމާ އެންމެ ހަސަދަވެރިވީ ނުބައިވެގެންވާ ނުލަފާ އިބްލީސްއެވެ. އޭނާގެ ސަބަބުން މިއަދު އިންސާނާ މިވަނީ ސުވަރުގެއިން ނެރެވި ފަނާވަމުންދާ ދުނިޔެއަކަށްލެވިފައެވެ. މި ފަނާވަމުންދާ ދުނިޔެއަށް އަލްވަދާއުކިޔާ އަލުން އަނބުރާ ސުވަރުގެވަދެވެނޭމަގު އިންސާނާއަށް ﷲ سُبْحَانَهُ وَتَعَالَى‎ ވަނީ ދައްކަވާފައެވެ. ނަމަވެސް އެކަމަށްވެސް ހުރަސްއެޅުމުގާ ނުބައިވެގެންވާ އިބްލީސްއާ އޭނާގެ ޝައިތާނުން އަވަދިނެތިއުޅެމުން ގެންދެއެވެ.


ހާރުންއަކީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރުކޮށްލާކޮށްލާ ހުންނަ ޒުވާނެކެވެ. ވަޒީފާއަކަށް ނުދިޔަސް އަމިއްލަ ފައިމައްޗަށްވަނީ ތެދުވެވިފައެވެ. ފައިސާ ހޯދުމަށް ކުޅަދާނައެވެ. ޓުއަރިސްޓުން ގެނެސްގެން އެމީހުންނަށް ރާއްޖޭގެ ނަލަ ތަންތަން ދައްކާލަން ދިޔުމަކީ ހާރޫން ވަރަށް ހިތްހަމަޖެހޭކަމެކެވެ. ފަތިހު ތެދުވާ މީހާ ދުވަސްފަށަނީ ކަސްރަތުކޮށް މޫދަށް އެރިލާގެންނެވެ. އެއަށްފަހު ގެނެސްފާ ތިބި ޓުއަރިސްޓުންގެ ހެނދުނު ނާސްތާ ތައްޔާރުކުރުމަށް އަވަދިނެތިއުޅެމުން ގެންދެއެވެ. އެމީހުންނަށް ކާންދިނުމަށްފަހު ދުވަހުގެ ބާކީބައި ހޭދަކުރަމުންދިޔައީ އެމީހުން ގޮވައިގެން ރަށްތައް ދައްކާލުމުގައްޔާ އަދި ކުޅިވަރުތަކުގައެވެ. މިގޮތަށް ކޮންމެ ދުވަހެއްވެސް ނިމިގެންދަނީ ރޭގަނޑު 8 ޖަހާއިރުގައެވެ.


ކޮންމެއަކަސް މާތްވެގެންވާ ރޯދަ މަސް އައިސް ބޯމަތިވެއްޖެއެވެ. ރޯދަމަހުގެ ފުރުތަމަ ދުވަހު ހާރޫން ހޭލީ މެންދުރު ނަމާދަށް ގާތްވެފާ ހުއްޓާއެވެ. އަވަސްކޮށްލާގެން މިސްކިތައްދިޔައިރު މީހުންވަނީ ތޮއްޖެހިފައެވެ. ނަމާދުކުރަން ޖެހުނީ ބޭރުގާ ކަމުން އެކަމާ ހާރޫން ހުރީ ހިތްހަމަ ނުޖެހިފައެވެ. އެދުވަހުގެ އަސުރުނަމާދުގެ ހާލަތުވެސް ދިޔައީ ހަމަ އެގޮތަށްށެވެ. މައްރިބް ބަންގިޔަށް ރޯދަ ވިއްލުމަށްފަހު ހާރޫން ގޭގާ ނަމާދުކޮށްލިޔެވެ. އެޔަށްފަހު އިޝާއަށް ގޮވުމުން މިސްކިތައްގޮސް ތަރާވީސްނަމާދުވެސް ނިންމާލާގެންއައެވެ. މިގޮތަށް ފުރުތަމަ ދިހަ ދުވަސް ނިމިއްޖެއެވެ. މިހާރު ހާރޫން ހޭލަނީ ހަވީރުއެވެ. ނަމާދުމަތިން ހަނދާންވެސް ނުހުންނަނީޔެވެ. ރޯދަ ވިއްލާން ބެލެނީ މަޖާކުރެވޭތޯއެވެ. މުޅިރޭ ހަތަރުދަމު ހޭލާ އުޅުމަށްފަހު ހާރު ކައިގެން ފަތިސްނަމާދު ބަންގިޔަށް ނިދަން އޮށޯވެއެވެ. މިގޮތަށް ދެވަނަ ދިހައެއްނިމި ފަހު ދިހަޔަކަށް އަޅާފިޔެވެ. މިސްކިތްތަކުން މީހުން މަދުވެސްވާން ފަށާފިޔެވެ. ޓީވީއިން ދައްކަމުންދާ ލަވަމުބާރާތް ފަދަ ކަންކަމަށް ގެއްލި މީހުންގަނޑު ހުސްވެފާވާތަން ހާރޫންއަށް ފެންނަމުންދިޔައެވެ. ހަރޫންގެ ހިތަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އަންނަމުންދާންފަށާފިޔެވެ. އެކަނި ވަގުތުތައް ހޭދަކުރަންފެށިޔެވެ. އެއަށްފަހު އޭނާގެ ރަހްމަތްތެރިޔެއް ކަމަށްވާ އަޒީއަށް ގުޅާލިޔެވެ. އަޒީޒްއަކީ މާލޭގެ މިސްކިތެއްގެ އިމާމެކެވެ. އަހުލާގު ރަނގަޅު ގަދަރުވެރި އާއިލާއަކަށް ލިބިފައިވާ ހަމައެކަނި ފިރިހެންދަރިޔެވެ.


އަޒީޒް : އައްސަލާމް އަލައިކުމް އެކުވެރިޔާ ހާދަ ދުވަހެއްކޮށްލާފަ ތިޔަ ގުޅާލީ. ކިހިނެއްވަނީ ކަންތައްތައް؟

ހާރޫން : ވާލައިކުމް ވައްސަލާމް. ކަންތައްތައް އަދި ރަނގަޅު. ކަމަކު މި ގުޅާލީ

އަޒީޒް : އަވަހަށް ބުނެލާ.

ހާރޫން : އަހަރެންނަކީ ނަމާދާ ވަރަށް ދުރު މީހެއް. މި ރޯދަމަސް އައި ފަހުން ފުރުތަމަ ދިހަޔަކަށް ނަމާދަށް ދެވުނީ ދާހިތުން ނަމަވެސް ފަރުވާ ކުޑަކޮށް މެދު ދިހަޔެއްގާ މާބޮޑަށް ފަރުވާކުޑަވެއްޖެ. އަދި މިހާރު މިޔޮށްތީ ފަހު ދިހަޔަކަށް އަޅާފަ. އަހަރެންނަށް މިއަދު ފެނުން މިސްކިތްތަކުގެ ސަފުތައް މަދުވެފާވާތަން އަދި ގޭގޭގާ މީހުން ޓީވީތައް ބުޑުގާ ލަވަމުބާރާތްފަދަ އެއްޗެހި ބެލުމުގާ އަވަދިނެތިއުޅޭތަން. މިކަމުގެ ސަބަބުން އަހަރެންނަށް ނުތަނަވަސްކަމެއް އައިސްގެން މިއުޅެނީ

އަޒީޒް : ލޮބުވެތި އެކުވެރިޔާގެ ހިތަށް ތިފަދަ ނުތަނަވަސްކަމެއް ތިޔައައީ ހިތުގާ ކޮންމެވެސް ވަރެއްގެ އިމާންތެރިކަމެއް އޮތީމާ. އެކުވެރިޔާ ބުނަންނަ ވާހަކައެއް. އަހަރެން އެކުވެރިޔާގެ ދިރިއުޅުން ގާތުން ދެކުނިން ނަމާދަށްދާން ނެސޭހަތްދޭން މަަސައްކަތްކުރަން ވިސްނިން ނަމަވެސް އޭގެ ބަދަލްގާ އަހަރެން ދުއާކުރިން އެކުވެރިޔާއަށް ހިދާޔަތް ދައްކަވާތޯ. މިއަދު އެހެންވެ ކަންނޭގެ މި ކޯލްވެސް މަށަށް މި އައީ. އަހަރެންނަށް ބުނެދެވެން އޮތީ މިހެން. އަހަރުމެންނަކީ ކުޑަ ވަގުތުކޮޅަށް މިދުނިޔެއަށް ފޮނުވުނު ބަޔެކޭ. އަހަރުމެންނަށް އަނގަވާފާވަނީ މާތް ﷲ އަށް އަޅުކަން ކުރުމަށް. އެއީކީ މާކަށް ބުރަކަމެއްނޫން އެކުވެރިޔާ. ކޮންމެ ނަމާދަކީ އެންމެ ފަނަރަ މިނެޓް. އެކަން ޝައިތާނާ އެ ދައްކަނީ ބުރަޔަކަށް. ޝައިތާނާ އިންސާނާ ނަމާދަށް ދާން އުޅޭއިރަށް ފަހަރަކު ކަމެއް ދައްކާ މީހާ ބުރަބޮޑުކޮށްލާނެ. މިކަމަށް ވަރަށް ސަމާލުވެގެން ހުންނާތި. އަހަރުމެން އިންސާނުން ފަސްނަމާދު ކުރާއިރު ކޮންމެ ދެނަމާދެއްގެ ދޭތެރޭ ކިތައް ފާފަ ކުރެވިފާ ހުންނާނެ. އެކަމުން ސަލާމަތްވާން އޮތީވެސް ހަމަ ގަވައިދުން ނަމާދަށް ގޮސްގެންނޭ އެކުވެރިޔާ. ކީރިތި ގުރުއާންއަށްވެސް ނިކަން ވިސްނާލަބަލަ ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ސަވާބޭ އެކުވެރިޔާ. އަހަރުމެންނަށް ކިހާބޮޑު ނިއުމަތެއް މިއޮށްތީ ދެއްވާފަ. އަމިއްލަޔަށް ވިސްނާލަބަލަ އެކުވެރިޔާ. އާ އަޒުމަކާގެން މި ފަހު ދިހަޔެއްގާ ނުކުމެ ލައިލަތުލް ގަދްރި ވިލޭރޭ ހޯދަން ގަދައަޅާ މަސައްކަތްކޮށްބަލަ.

ހާރޫން : ޝުކުރިއްޔާ އެކުވެރިޔާ މިފަހަރު އަހަރެން ނުކުންނާނީ އާ އަޒުމަކާއެކުގާ.


ޖެހިގެން އައި ދުވަހު އާ އަޒުމަކާއެކު ހާރޫން ނުކުތެވެ. ފަތިސް ނަމާދު ޖަމާއަތުގެ އެންމެ ކުރީ ސަފުގާ ނަމާދުކުރިޔެވެ. އެއަށްފަހު ގުރުއާން ކިޔަވަން މަޑުކޮށްލިޔެވެ. ނިންމާލުމަށްފަހު ކުޑަކޮށް ނިދާލުމަށްފަހު މަސައްކަތާގެން ކުރިޔަށް ދިޔައެވެ. މެންދުރު ވުމުން މަސައްކަތް މަޑު ޖައްސާލުމަށްފަހު ނަމާދަށް ދިޔައެވެ. މިގޮތައް ގޮސް ހުރިހާ ނަމާދަކަށް ގަވައިދުން ދާންފެށިޔެވެ. ރޯދަމަހުގެ ފަހު ދިހަޔެއް ނިމިގެންދިޔައީ ހާރޫން އެންމެ ބޭނުންވިގޮތަށްށެވެ. އެންމެ ނަމާދެއްވެސް ވައްޓާނުލާއެވެ. ރޯދަމަސް ނިމުމުންވެސް އެގޮތުގާ ބަރާބަރަށް ހާރޫން ދިޔައީ ހިފަހަށްޓަމުންނެވެ. މިއަދު އޭނާއަކީ ގަވައިދުން ނަމާދަށް ގަޑިޔަށް ހާޒިރުވާ ޒުވާނެކެވެ.


- ނިމުނީ -

 


ކަނޑިމަތި އެޅުމުގެ ހާދިސާތަކަކީ ހިނގާ ކަންކަމެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުސުރެ މިއަދާ ހަމަޔަށްވެސް މިފަދަ ހާދިސާތައް އަންނަނީ ހިނގަމުންނެވެ. މިފަދަ ކަމަކުން ސަލާމަތްވެތިބުމަށް އޮތީ އީމާންތެރިކަން ވަރުގަދަކުރުމެވެ.


އަލިބެއްޔާއަކީ މަސްވެރިޔެކެވެ. އޭނާއާއެކު އޭނާގެ އެކުވެރި ތައްޙާން ބެއްޔާ އަބަދުވެސް މަސްވެރިކަމުގާ ބައިވެރިވެއެވެ. ތައްޙާން ބެއްޔާ އަބަދުވެސް އަލިބެއްޔާއާ ސަމާސާކުރެއެވެ. މަސްބާނަމުންދާއިރު ބައެއްފަހަރު ޖެއްސުންކޮށްލުމުގެ ގޮތުން ފައިންޖަހާ ކަނޑަށްވެސް ވައްޓާލައެވެ. ނަމަވެސް އަލިބެއްޔާއަކީ މަޑުމައިތިރި މީހެއްކަމުން ތައްޙާން ބެއްޔާގެ އެ ސަމާސާ އަބަދުވެސް ހިތުއަޑިން ގަބޫލްކޮށް މައާފްކުރެއެވެ.


ދުވަސްތައް ފާއިތުވެގެންގޮސް ރަށުގެ މަސްދޯނި އެހެލާފިޔެވެ. ރަށަށް މަސްލިބުންވެސް ދަތިވެއްޖެއެވެ. ރަށު ރައްޔިތުން ގޮނޑުދޮށްތަކަށް ނުކުމެ ފަރުމަސް ބާނަން މަޖުބޫރުވިޔެވެ. އަލިބެއްޔާއާ ތައްޙާން ބެއްޔާ އެއްބަސް ކިޔާން މެދު މިނުގެ ކުޑަ ދޯންޏެއް ބަނުމުގެ މަސައްކަތްފެށިއްޖެއެވެ. ބަރާބަރު ތިންމަސްތެރޭގާ ދޯނި ނިންމާލާފިޔެވެ. ދެމީހަކަށް ދަތުރުކުރެވޭ އެ ދޯންޏަށް ރިޔަލަކާ އެއްޗެހި ހަދިޔާކުރީ އަލިބެއްޔާގެ ޅިޔަނެއްކަމުގާވާ ބަކުރެވެ. މޫސުމަށް ބެލުމަށްފަހު ދޯނި ބާލާގެން ފުރުތަމަ ދަތުރު އަލިބެއްޔާއާ ތައްހާން ބެއްޔާ ކުރަންފެށިޔެވެ. ކައިރީގާ ވާ ފަޅުރަށްތައް ކައިރިން ވަދު އަޅާލަން ދުވާލުމުން ލައްޓި އަދި ކުރުމަސްގެ އިތުރުން ތޮޅިފަދަ ސާމާނު ކާމިޔާބުކަމާއެކު ބޭނުނެވެ. މަސްކޮޅު ވާވަރަށް ބޭނުމުން އަނބުރާ ރަށަށް އައިސް ރައްޔިތުންނަށް ހުރިހާ އެއްޗެއް ބަހާލިޔެވެ. އެއަށްފަހު ޖެހިގެން އައި ދުވަހުވެސް ހަމަ އެގޮތައް ދިޔައެވެ. ވަރަށް ކާމިޔާބެވެ. މިގޮތައް އެތައް ދަތުރެއް ކުރުމަށްފަހު ތައްޙާން ބެއްޔާ އަލިބެއްޔާއަށް ރޭގަނޑު މަހަށް ދިޔުމަށް ލަފާދިނެވެ. މިކަމާ އަލިބެއްޔާ އެއްބަސްވެ ދެމީހުން ހަވީރު ފުރާފިޔެވެ. ފަޅުރަށްތައް ކައިރީ ދުއްވާލުމަށްފަހު ފަރު ކައިރިޔަށް ނަގިލި ވައްޓާލުމަށްފަހު ދެމީހުން މަސްވެރިކަމާގެން ކުރިޔަށްދިޔައެވެ. އިރުކޮޅަކުން ކައިރިން ފެންނަން އޮތް ފަޅުރަށް މަތިން އަލިގުޅަޔެއް ދަތުރުކުރިތަން ފެނިގެންދިޔައެވެ. ތައްޙާން ބެއްޔާ އެވާހަކަ އަލިބެއްޔާ ގާތު ބުނުމުން އެކަމާ އަޅާ ނުލުމަށް އަލިބެއްޔާ ބުނެލިޔެވެ.


ވަރުގަދަޔަށް މަސްގަންނަ ގަޑި ޖެހިއްޖެއެވެ. ރަތް މަހާ އެކި ޒާތުގެ ބޮޑެތި މަސް ފޯރިޔާއެކު ދެމީހުން ދިޔައީ ބާނަމުންނެވެ. ވަގުތު ދިޔަގޮތްވެސް ނޭނގި މެންދަމު އަތަށް އަޅާފިޔެވެ. ކުއްލިޔަކަށް ފެނުނީ ކައިރީ އޮތް ފަރުމަތީ ރެދަންލާ ދިއްލާލިތަނެވެ. އެޔާއެކު ފަރުހަކި ވަސްގަނޑު ވަރަށް ގަދަވެގެންދިޔައެވެ. ފަރުމަތިން އަލިގަނޑެއްވެސް އަރާފިޔެވެ. ދެން ފެނިގެން ދިޔައީ ރަން ކުލައިން ދިއްލިފާވާ އެއްޗެއް ފަރުމަތީ ހިނގަމުންދިޔަތަނެވެ. އަލިގަދަ ކަމުން އެއް އެއްޗެއްގެ ސިފަ ރަނގަޅަށް ނުވެސް އެނގެއެވެ. ފަރުގެ އެއްކޮޅު އަނެއްކޮޅަށް އެ އެއްޗެއް ދިޔައީ މަޑު ދުވެލީގައެވެ. އޭތީގެ މާނޭވާ ލާ އަޑު ރީއްޗަށް އަލިބެއްޔާއާ ތައްހާން ބެއްޔާއަށް އިވެއެވެ. މިއީ ގޯހެއްކަން އެނގި ދެމީހުން އަވަހަށް މަސްބޭނުން ހުއްޓާލުމަށްފަހު އަވަހަށް ނަގިލި ނަގާ ރިޔާ ނަގާން ދަތުރު ރަށާ ދިމާލަށް ފަށާގަތެވެ. ފަޅުރަށްތައް ކައިރިން ދިޔައިރު އިވެމުންދިޔައީ ކުޑަކުދިން ރޯއަޑާ ބިރުވެރި ނާމަން އަޑުތަކެވެ. ތައްހާން ބެއްޔާއާ އަލިބެއްޔާ ދެފަރާތަށް ބަލަ ބަލާ ތިއްބާ ފާހަގަވީ ދޯނި ކުރިޔަށް ނުދާކަމެވެ. ދޯނީގެ ތިރިވަނީ ރަންކުލައިން ދިއްލިފައެވެ. ފަރުވަސް ވަރަށްވެސް ގަދަވެއްޖެއެވެ. ދޯނީ ފަހަތުގާ އިން ތައްޙާން ބެއްޔާ ސިއްސާން ދިޔައީ އޭނާގެ އަތުގާ އެއްޗެއް ހިފުމުންނެވެ. އެ ހިފި އެއްޗެއްގެ އަތުގާވަނީ ރަންކުލައެވެ. ތޫނު ވަކިތައްހުރީ ނުކުމެފައެވެ. އެހާމެ ހަންގަނޑު ލޮންޖެވެ. ތައްޙާން ބެއްޔާ ބަލަން ނުއިންދެ ކައިރީ އޮތް ވަޅި ނަގާ އެ އަތަށް ހަރާލިޔެވެ. އެޔާއެކު ބާރު އަޑުފައްގަނޑަކާއެކު އެއް އެއްޗެއް ހަޅޭއްލަވާގަނެ ތައްހާން ބެއްޔާ އަތުން ދޫކޮށްލުމަށްފަހު ކަނޑުތެރެޔަށް ގެއްލުނެވެ. އިސާހިތަކު ދޯނިވެސް ކުރިޔަށް ދާންފެށިޔެވެ. ރަށާ ހަމަޔަށް ދެވުންއިރު ފަތިސްވާން ކައިރިވެއްޖެއެވެ. ރަށު ރައްޔިތުން ތިބީ ކަންބޮޑުވެގެން ނުކުމެއެވެ. އަލިބެއްޔާމެން ދޯނި އައިސް ލެފުމުން އެންމެންގެ ޝަކުވާތައް ބަންޑުންކޮށްލިޔެވެ. އިރުކޮޅަކު އިނދެލުމަށްފަހު އަލިބެއްޔާ ހުރިހާ އެއްޗެއް ކިޔާދިނެވެ. ރައްޔިތުން އެވާހަކަ އަޑުއަހާފާ ވަރަށް ބިރުވެސްގަތެވެ. އަދި ރޭގަނޑު މަހަށް ނުދިޔުމަށް އަލިބެއްޔާއަށް އާދޭސްކުރިޔެވެ.


ދުވަސްގަނޑަކަށްފަހު ތައްޙާން ބެއްޔާ ކުއްލިގޮތަކަށް ބޮޑު ބައްޔެއް ވެއްޖެއެވެ. ހަކީމަކަށް ދެއްކުމަށް ދަތުރުކުރުމަށް ރަށުގެ މަސްދޯނިވެސް ބަލާފިޔެވެ. އޭގެން ތައްޙާން ބެއްޔާ ގޮވާގެން ދަތުރު ފެށުނީ ހަވީރުއެވެ. ދަތުރު ކުރަމުން ގޮސް އިރުއޮއްސި އަނދިރިވެއްޖެއެވެ. ހަކީމްވެރިޔާގެ ރަށް ފެންނަ ހިސާބަށް އާދެވުނުތަނާ ތައްހާން ބެއްޔާ ކުއްލިޔަކަށް ހާލުބޮޑުވެ ނޭވާ ހާސްވެގެންގޮސް މަރުވެއްޖެއެވެ. ކުރިޔަށް ދިޔުން ނޫން އިތުރު ގޮތެއް ނެތި ދޯނި މިސްރާބް ބެހެއްޓި ހަކީމްވެރިޔާގެ ރަށަށްށެވެ. ކުއްލިޔަކަށް ވާރޭވެސް ވެހެންފެށިޔެވެ. ކަނޑުމަތި ގަދަވާންފެށިޔެވެ. އަދި ކުރިން ނުފެންނަ އެތައް ފަރުތަކެއް ދިއްލިފާ ހުންނަތަން ފެންނަންފެށިޔެވެ. ދުއްވަން ހުރި އަލިބެއްޔާއަށް މިއީ ގޯހެއްކަން އެނގި ވެހެމުންދިޔަ ވާރޭގެ ރަހަ ބަލާލިޔެވެ. ވާރޭގާ ލޮނުރަހަށް ހުރުމުން އަލިބެއްޔާ ވަރަށް ހައިރާންވިޔެވެ. އިރުގަނޑަކަށްފަހު ކަނޑު މަޑުވެއްޖެއެވެ. ރަށް އޮތީ ހަމަ އޮތް ހިސާބުގާ ފެންނާށެވެ. ދޯނި ކުރިޔަށް ދާހެނެއް ހިޔެއްނުވެއެވެ. މިހެއް ތިއްބާ ކަނޑު އަޑިން ކަފުންކޮށްފާވާ ގަބުރުތައް ފެނުމައްޗަށް އަރަންފެށިޔެވެ. ނާމާން އަޑުތައް އިވެންފެށިޔެވެ. މަރުވެފާވާ ތައްހާން ބެއްޔާގެ ހަށިގަނޑު ކުޑަކޮށް ގުޑާލިހެން ހީވެގެން ހަށިގަނޑު ކައިރީ ތިބި އެންމެން ފަހަށް ޖެހިގަތެވެ. ތައްހާން ބެއްޔާގެ ދެލޯ މަޑުމަޑުން ހުޅުވުނެވެ. ދެލޮލުގެ ކުލަވަނީ ރަންކުލައިން ދިއްލިފައެވެ. މަޑު މަޑުން ކޮޅަށް ތެދުވެ ދެފަރާތަށް ކަނދުރާ އަނބުރާލިޔެވެ. ތައްހާން ބެއްޔާގެ އަތުގެ އިނގިލިތަކުން ތޫނު ވަކިތަކެއް ނުކުތްތަން އެންމެންނަށް ފެނިގެންދިޔައެވެ. ކުއްލިޔަކަށް އައިސް އެންމެ ކައިރިން އަތުޖެހެން ހުރި މީހާ އަތުކޮށް އޭނާ ކަރުގާ ވަކިއަޅާ މަރާލުމަށްފަހު މޫދަށް އެއްލާލިޔެވެ. އެއަށްފަހު ދެން ތިބި އެންމެންނާ ދިމާކުރުމުގެ ކުރިން އަލިބެއްޔާ އަޑުގެ ނެތްކޮޅަށް ބަންގި ގޮވަން ފެށިޔެވެ. އިސާހިތަކު ތައްޙާން ބެއްޔާ ބިރުވެރި އަޑަކުން ހަޅެއްލަވާގަތުމަށްފަހު ކަނޑަށް ފުންމާލާގެންގޮސް ގެއްލުނެވެ. އިސާހިތަކު ދޯނިވެސް ކުރިޔަށް ދާންފެށިޔެވެ. ހަކީމްވެރިޔާގެ ރަށަށް ލެފުމާއެކު މީހުންގަނޑު ރޮއެ ހޭރެން ފެށުމުން ރައްޔިތުން އައިސް ކީއްތޯވީ ބަލާ ސުވާލުކުރަން ފެށުމުން ހާދިސާ ހިނގިގޮތް ކިޔާދިނެވެ. އެހިސާބުން އެރަށުގާ މަސްދުވަސް ވަންދެން ދޯނި މަޑުކުރަން އެންގިޔެވެ. ކިޔެވެލި ކިޔަވާ މީހުން ކިޔެވެލި ކިޔެވުމަށްފަހު އިތުރަށް އެއްމަހު މަޑުކުރުވާފާ ދޯނި ފުރުވާލިޔެވެ. ސަލާމަތުން އަލިބެއްޔާމެން ރަށަށް އާދެވުމުން ހުރިހާ އެއްޗެއް ރަށު ރައްޔިތުންނަށް ކިޔާދިނެވެ. އެހިސާބުން ރަށު މީހުންގެ އިމާންތެރިކަން ވަރުގަދަ ކުރުމަށް ގަދައަޅާ މަސައްކަތްތައް ފެށުނެވެ. ލިބު ކޮންމެ ދީނީ ތައުލީމެއް އެރަށު މީހުން ދިޔައީ ހާސިލްކޮށް އެޅުނު ރައްކާތެރި ފިޔަވަޅެއް އަޅަމުންނެވެ.


ހާދިސާ ހިނގިތާ ފަސް އަހަރުފަހުން އަލިބެއްޔާއާ އޭނާގެ ޅިޔަނެއް ރޭގަނޑު މަސްވެރިކަމަށް ނުކުތެވެ. ފަރު ކައިރީ މަސްބާނާލަން ތިއްބާ ޅިޔަނަށް ފަރުމަތިން މީހަކު ފެންނަ ވާހަކަ އަލިބެއްޔާ ކައިރީ ބުންޏެވެ. އަލިބެއްޔާ ބަލާލިއިރު ފަރުމަތީގާ އެއްކޮޅުން އަނެއްކޮޅަށް ހިނގަމުންދާތަން ފެނުނީ ތައްޙާން ބެއްޔާއެވެ. ނަމަވެސް އެއީ ތައްޙާން ބެއްޔާއެއް ނޫންކަން އަލިބެއްޔާއަށް އެނގި ޅިޔަނު ކައިރީ ކިޔުނު ހެޔޮ އެއްޗެއް ކިޔަން އަންގާ ދޯނި އޮތް ތަނުން ނަގާން ރަށާ ދިމާލަށް މިސްރާބުޖެހިޔެވެ.


- ނިމުނީ -


ނޯޓް : މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް އިތުރު ބައިތައް ލައިގެން ލިޔެވިފާވާ ވާހަކައެކެވެ.

 


މައިންބަފައިންނަކީ ރަން މުތެކެވެ. އެމީހުންނާ ދެތެރޭ ހެޔޮކޮށް ކަންތައް ކުރަން ލޮބުވެތި ރަސޫލާވެސްވަނީ އަމުރު ކުރައްވާފައެވެ. އަދި ކީރިތި القرآن‎ ގާވެސް ވަރަށް ސާފުކޮށް އެކަންވަނީ ބަޔާންކޮށްފައެވެ.


މުއާޒުއަކީ ޒުވާނެކެވެ. މަންމައާ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ކިޔެވުމަށް މޮޅެވެ. މުއާޒު ބުނި ކޮންމެ އެއްޗެއް އެމީހުން މުއާޒުއަށް ހޯދާދެއެވެ. އެމީހުންގެ ރަންދަރި ހިނދުކޮޅަކަށްވެސް ލޯމަތިން ގެއްލިއްޖެނަމަ އެހާމެ ކަންބޮޑުވެއެވެ. އެހާވެސް ލޯބިޔެވެ. ނަމަވެސް މައިންބަފައިންގެ ކިތަންމެ ލޯބި ލިބުނަސް މުއާޒުއަކީ ދީނީ ކަންތައްތަކަށް ވަރަށް ފަރުވާކުޑަ ޒުވާނެކެވެ. މައިންބަފައިންނަށް ލިބޭ އެއްޗަކުން އެތައް ހަރަދެއް އިސްރާފްވެސްކޮށްލަނީ އެއްޗެއް ހިތަށްވެސް ނާރާހާ އަވަހަށްށެވެ. ރައްޓެހިންނަށް ކުރާ ހަރަދު އެތައް ގުނަޔެއް ބޮޑުވެގެންދެއެވެ. އަބަދުވެސް ފަހުގެ ޓެކްނޯލޮޖީ ގެންގުޅެން ބޭނުންވެއެވެ. މިފަދަ ގޮތަކަށް އުޅެމުން އައި ޒުވާނާއާމެދު އޭނާގެ މައިބަފައިން ވަރަށް ކެތްތެރިވިޔެވެ.


ދުވަސްތައް ފާއިތުވެގެންގޮސް މުއާޒުވެސް އަމިއްލައަށް ފެނިގެން ވަޒީފާގެ މާހައުލަށް ނުކުމެއްޖެއެވެ. ދެ އަހަރުތެރޭގާ އޭނާއަށް ލިބެމުން އައި އާމްދަނީ ބޮޑުވެސް ވެއްޖެއެވެ. ނަމަވެސް އެ ލިބެމުން އައި އެއްޗަކުން މައިންބަފައިންނަށް ޒައްރެއްގެ މިންވަރުވެސް ދިއްކޮށްނުލައެވެެ. މަންމައާ ބައްޕަ ބަލިވިޔަސް މާކަށް ބޮޑު ސަމާލުކަމެއްވެސް ނުދެއެވެ. މުއާޒު އުޅެމުން އައީ އޭނާ ހިތުހުރި ގޮތަކަށްށެވެ. ލޯބިދެމުން އައި މައިންބަފައިންނަކީ މުއާޒު ލޯ ކުރިމަތީ މިހާރަކު މާކަށް ބޮޑު އެއްޗެއް ނޫނެވެ. އަނގައިން ވެސް ބުނެއުޅެނީ ވަރަށް މަދުންނެވެ. މިކަމާ ހިތާމާކޮށްކޮށް ބައްޕަ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ބައްޕަގެ ބޭސްފަރުވާ ކަންތަކަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް މުއާޒު ނުދެއެވެ. އެންމެ ފަހަށް ބަލިހާލު ބޮޑުވުމުން މަންމަ ފަހަށް ހައްޖަށް ދިޔުމަށް ރައްކާކޮށްފާހުރި ހުރިހާ ފައިސާއެއް ނަގާގެން ބައްޕަޔަށް ބޭސްފަރުވާކުރިޔެވެ. ފުރާނާ ސަލާމަތްވީ ހަމަ ކިރިޔާއެވެ.


ދުވަސްތައް ފާއިތުވެގެންގޮސް މުއާޒު އަލަތު ކައިވެނިވެސްކޮށްފިޔެވެ. އިނދެގެން އައި މީހާ މައިބަފައިންނަށް ވަރަށް ހެވެވެ. މުއާޒުއަށް މައިބަފައިންނަށް އަޅާލުމަށް އަބަދުވެސް ނަސޭހަތްދެމުން ގެންދެއެވެ. މިކަން މުއާޒުއަށް ވެގެންދިޔައީ ވަރަށް ބޮޑު އުނދަގުލަކަށްށެވެ. އަނބި މީހާ ދިން ހެޔޮ ނަސޭހަތް އޭނާއަށް ފެނިގެންދިޔައީ ވިހައެއްގޮތުގައެވެ. އެހެންކަމުން ގިނަދުވަސްތަކެއް ނުކޮށް ވަރިވެސްކޮށްފިޔެވެ. އިހާނެތިކޮށް ގެއިން ނެރެ އެއްލާލިޔެވެ. ދާނެތަނެއް ނެތް ނިކަމެތި އެ އަންހެނާއަށް އެހީވީވެސް މުއާޒްގެ މައިންބަފައިންނެވެ. ކޮންމެޔަކަސް އެތައް ދުވަހެއް ފަހުން މުއާޒު ދެވަނަ ކައިވެންޏެއްކޮށްފިޔެވެ. އިން މީހާއަކީ މުއާޒުއާ ހެދި ހޭބަލިވެފާ ހުންނަ މީހެއްކަމުން އޭނާ ބޭނުންވީ އެ ދެމީހުން އެކަނި އެގޭގާ އުޅޭށެވެ. އަދި މުއާޒުގެ މައިންބަފައިން އެގެއިން ނެރެލުމަށް ކޮންމެ ރެޔަކުމެ އެ އަންހެންމީހާ ދިޔައީ މުއާޒުގެ ހިތަށް ވަސްވާސްދެމުންނެވެ. އެންމެ ފަހަށް މުއާޒު މައިންބަފައިން ކައިރީ އެގެއިން ނުކުންނަން ބުންޏެވެ. ނަމަވެސް އެކަމާ މައިންބަފައިން ދެކޮޅުހެދިޔެވެ. އަދި ބޮޑު އަރާރުމަކަށްވިޔެވެ. މި އަރާރުން މާރާމާރީއަކަށް ބަދަލްވެ މުއާޒުގެ ބައްޕަ ކޮއްޕާލިވަގުތު ގޮސް ސިޑިން ވެއްޓި ފައި ބިންދާންދިޔައެވެ. ހިތާމާގެ ކޮޅެއް ނެތެވެ. އެންމެ ފަހަށް މަންމަ ހަދާނެ ގޮތް ހުސްވިޔެވެ. މަޖްބޫރުވެގެން އެގެއިން ނުކުންނަން ޖެހިޖެއެވެ. ވަންނާނެ ތަނެއް ނެތި މަގުމަތިވެއްޖެއެވެ. ނަސީބު ދިމާކުރި ގޮތުން ތިމާގެ މީހަކާ ދިމާވެ ހިޔާވަހިކަމެއް ލިބުނެވެ. އޭގެ ކުޑަދުވަސްކޮޅެއް ފަހުން ބައްޕަ މަރުވެ މަންމަ އެކަނިވެރިވެއްޖެއެވެ. ގެންދިޔަ ތިމާގެ މީހާގެ ފަރާތުންވެސް ލިބެމުން އައި އޯގާތެރިކަން ނެތެންފަށާފިޔެވެ. އެގެއިންވެސް ނުކުންނަން މަޖްބޫރުވެއްޖެއެވެ. އެންމެ ފަހަށް އެކަނިވެރިވެ އެ މަންމަ މަގުމަތީ ސަލާންޖަހަން އިށީންނަން ޖެހުނެވެ.


ދުވަސްތައް ފާއިތުވެގެން ގޮސް އެއްދުވަހަކު ސަލާން ޖަހަން މަގުމަތީ އިން މަންމަގެ އަތުގާ އައިސް ހިފީ ކުރިން މުއާޒު އިން އަންހެނުންނެވެ. މިހާރު އޭނާ އުޅެނީ އެހެން ކައިވެންޏެއްކޮށް ވަރަށް އުފަލުގައެވެ. މަންމަ ފެނިފާ އޭނާ ވަރަށް ދެރަވިޔެވެ. އަދި އޭނާގެ ބެލުމުގެ ދަށަށް މަންމަ ގެންދިޔައެވެ. އޭގެ ދެ ހަފްތާފަހުން މުއާޒު ކުރީގެ އަންހެނުންނަށް މުއާޒު ގުޅިޔެވެ. އަދި އޭނާ ބިކަވެ ނިކަމެތި ވެއްޖެ ހަބަރުދިނެވެ. އަންހެންމީހާ ވަގުތުން ގޮސް މުއާޒުގެ މަންމައަށް ހުރިހާ އެއްޗެއް ކިޔާދިނުމަށްފަހު މުއާޒުއަށް ގުޅާ ގެނެސް މަންމައާ ބައްދަލްކުރުވިޔެވެ. މަންމަ ފެނުމާއެކު މުއާޒު ލޯ ފެންކަޅިވިޔެވެ. އަދި ކުރެވުނު ކަންތަކަށް މައާފްއަށް އެދުނެވެ. އެއަށްފަހު އޭނާ އިނދެގެން އައި މީހާގެ ހަގީގަތް މަންމައަށް ކިޔާދިނެވެ. އެއީ މަސްތުވާތަކެތި ބޭނުންކުރާ ބޮޑު މަކަރުވެރިޔެއްކަން ބުންޏެވެ. އަދި ގޯތި އަތުލަން މަސައްކަތްކުރުމުން މުއާޒު އެކަމާ ދެކޮޅު ހެދުމުން ބިރުދައްކަން އުޅުން ވާހަކަވެސް ބުންޏެވެ. އޭނާ ކިބައިން ސަލާމަތްވީ މުއާޒްގެ އަތުގާ ހުރި ހުރިހާ އެއްޗެއް ދިނުމަށްފަހުކަން ބުންޏެވެ. މިހާރު ހަމައެކަނި އަތުގާ ހުރީ ގޯތި އެކަނިކަމުން މަންމައާ އެކު އަނބުރާގޮސް އަލުން ދިރިއުޅުން ފައްޓަން ބޭނުންވާކަން ބުނެ އާދޭސްކުރަން ފެށިޔެވެ. މަންމަ މުއާޒުއަށް މައާފްކޮށް އަނބުރާ ގެޔަށް ދިޔައީ އުފަލާއެކުގައެވެ. އެއް އަހަރުތެރޭ ދިން އޯގާތެރިކަމާއެކު މުއާޒްއަކީ ބަދަލްވެފާވާ ޒުވާނެއްކަން މަންމަ ގަބޫލްކުރިޔެވެ. މިހާރު މަންމައަށް މާމަ ކިޔާފަ ގޮވާލާނެ ކުއްޖަކު އޮންނާތީ އެކަމާ މަންމަ ވަރަށް އުފާކުރެއެވެ.


- ނިމުނީ -

 


އިންސާނާ ދުނިޔެއަށް ފޮނުއްވާ ދުވަހުން ފައްޓާން އެކި ބަލިތައް އޭނާގެ ހަށިގަނޑުގާ އަށަގަންނަން ދިމާކުރެއެވެ. މި ބަލިތަކުން ދިފާއުކުރުމަށް އެންމެ ތުއްތުއިރުން ވެކްސިންވެސް ދެމުންގެންދެއެވެ. ނަމަވެސް ބައެއް ބޭސްތަކުން އިންސާނާއަށް ފަރުވާނުލިބި އުންމީދުކަނޑާލާ ހިސާބަށްވެސް ގޮސްފާ އެބަހުއްޓެވެ. އެފަދަ ދަނޑިވަޅެއްގާ ގިނަ އިންސާނުންނަށް ހެއްދެވިފަރާތްމަތިން ހަނދާންވެސްވެއެވެ. އަދި މާތް ﷲ ބާއްވާލެއްވި ފޮތާ ދިމާލަށް ދުއްވާވެސްގަންނަ މީހުން މަދެއްނޫނެވެ.


ކޮރޯނާ ބަލި ދުނިޔެއަށް ފެތުރި މީހުންތައް ބަލިވެ މަރުވަމުންދާ ހަބަރު ލައްކަ ބާރަށް ފެތުރެން ފަށާފިޔެވެ. މި ބައްޔަކީ ފުއްޕާމޭޔަށް އެތައް ގެއްލުމެއްދޭ ވަރުގަދަ ބައްޔެކެވެ. މި ބަލި ޖެހޭ މީހުން ގިނަފަހަރަށް ވެންޓިލޭޓަރަށްވެސް ލައިގެން ސަލާމަތްނުވެއެވެ. މި ބައްޔަށް އެތައް ރައްކާތެރި ފިޔަވަޅެއް އެޅިޔަސް ފަރުވާ ކުޑަ އިންސާނުންގެ ސަބަބުން މި ބަލި އިތުރަށް ބާރަށް ދިޔައީ ފެތުރެމުންނެވެ. ޒާހިރުއަކީވެސް ހަމަ އެފަދަ މީހެކެވެ. އޭނާއަކީ ކޮރޯނާގެ ކުރިން ވަރުގަދަ ރެސްޓުއަރެންޓްއެއް ހިނގަމުން އައި މީހެކެވެ. ޒާހިދު މުއްސަނދިވެފާވަނީ އެތަނުގެ ސަބަބުންނެވެ. އެ މުއްސަނދިކަމުގާ އޭނާވަނީ ހެއްދެވި ފަރާތްމަތިން ހަނދާންވެސް ނައްތާލާފައެވެ. ކޮންމެޔަކަސް ކޮރޯނާ މާލެޔާ ހަމަޔަށް އައުމުން ޒާހިދުއަށް ގެއްލުންތައްވަމުންދިޔައީ އަމަށަކު ވަރަކަށް ނޫނެވެ. ސަރުކާރުން ރެސްޓުއަރެންޓްތައްވެސް ބަންދުކުރަން އަނގާފިޔެވެ. މިކަމަށް ޒާހިރު ބޯނުލަނބާ ހުއްޓި އެންމެ ފަހަށް ކަމާ ބޭހޭ ފަރާތުން އައިސް އިންޒާރުދީ އެތަން ބަންދުކުރިޔެވެ. އެކަމާ ޒާހިދު ވަރަށް ހިތްހަމަ ނުޖެހުނެވެ. އެހެންކަމުން ވަގުވަގަށް މީސްމީޑިޔާގާ ޕޭޖްއެއް ހުޅުވާން ޓޭކްއަވޭ ހިދުމަތްދޭކަމަށް އިއުލާންކުރިޔެވެ. އެއާއެކު ޒާހިދުއަށް އެތައް ކޯލްއަކާއެކު އެތައް ފައިދާއެއްވާންފެށިޔެވެ.


ދުވަސްތައް ފާއިތުވެގެންގޮސް އެންމެ ފުރުތަމަ ކޮރޯނާ ބަލީގެ ޝިކާރައަކަށްވީ ޒާހިރު ތަނުގާ އުޅޭ ކާތަކެތި ގެންގޮސްދޭ ކުއްޖާއެވެ. އެހެންކަމުން ޒާހިރު އޭނާއަށް ގޭގާ މަޑުކުރުމަށް އެނގިޔެވެ. އެޔަށްފަހު އިތުރު މީހެއް ނެތުމުން ޒާހިރު އަމިއްލަޔަށް ކާތަކެތި ގެންދަން ނުކުތެވެ. ގޭގެޔަށް ވަންނައިރު ބައެއް ފަހަރު ހުންނަނީ މާސްކް ނަގާންނެވެ. އަތަށް އެއްވެސް އަނގިޔެއް އެއްޗެއްވެސް ނުލައްވައެވެ. މިހެން އުޅުމުގެ ތެރޭގާ ގެޔަކަށް ކާތަކެތި ގެންދިޔަވަގުތު ޒާހިރު ކައިރިން ދިޔަ މީހަކު ވަރަށް ގަދަޔަށް ކެއްސާ ކިނބިހި އަޅަމުންދިޔައެވެ. އެއިރުގާ ޒާހިރު ހުރީ މާސްކްވެސް ތިރިކޮށްލާންނެވެ. އަވަސް އަވަހަށް މާސްކް މައްޗަށް ހިއްލާލުމަށްފަހު ޒާހިރު ގޮސް ކާތަކެތި ހަވާލުކުރުމަށްފަހު އެރެޔަށް ނިންމާލިޔެވެ. ފައިސާތައް ގުނާ ނިންމުމަށްފަހު މުވައްޒިފުންގެ އުޖޫރަދީ ނިންމާލިޔެވެ. އެޔަށްފަހު އެންމެން ގެޔަށް ފޮނުވާލިޔެވެ.


އޭގެ ހަފްތާއެއް ފަހެވެ. ޒާހިރު އާދަޔާ ހިލާފަށް ބަލިވާންފެށިޔެވެ. ނޭވާ ލާންވެސް އުނދަގޫވާން ފައްޓާފިޔެވެ. ރަނގަޅަށް ނިދެނީކީނޫނެވެ. ހުންވެސް އެހާ ގަދަޔެވެ. ހޮޑުވެސް ލެވެންފެށިޔެވެ. އެންމެ ފަހަށް ރޯގާ ވަރުގަދަވެ ބޮލަށް ތަދުވެ މީހާ ނުތެދުވެވޭ ވަރުވެއްޖެއެވެ. އެންމެ ފަހަށް އެޗްޕީއޭއަށްވެސް ގުޅާފިޔެވެ. އެދުވަސްވަރަކީ އެޗްޕީއޭވެސް އެންމެ ބުރަ ދުވަސްވަރުކަމުން މީހުން ފޮނުވަން އެމީހުންވެސް ވަރަށް މަސައްކަތްކުރިޔެވެ. ގިނައިރުވާ ވަރަކަށް ޒާހިރުގެ ކެތްތެރިކަން ދިޔައީ ކޮޅުން ލަމުންނެވެ. އެތައް ފަހަރަކު ގުޅާ ހާލަތު ކިޔާދެމުންދިޔައެވެ. އެންމެ ފަހަށް ފަތިސްވެއްޖެއެވެ. ބަންގި ގޮވާ އަޑު ޒާހިރު ކަންފަތުގާ ޖެހުނެވެ. މިއޮށް ހުރިހާ ދުވަހު ސަމާލުކަން ނުދިން އެ ގޮވާލުމަށް މިއަދު ޒާހިރު ސާމާލުކަންދީ ތެޅިގަނެފިޔެވެ. ގަދަކަމުން ތެދުވެގެންގޮސް ފާހާނާއަށްވަދެ ވުލޫކޮށްލާފިޔެވެ. އެއަށްފަހު ގޮނޑިޔެއްގާ އިށީނދެ ނަމާދުކުރަންފެށިޔެވެ. ނަމާދުކުރަން ފެށުމާއެކު ޒާހިރުގެ އުނދަގޫތައް ދިޔައީ ލުއިވަމުންނެވެ. ނަމާދުކޮށް ނިމިގެން ލިބުނު ކުޑަ ލުޔާއެކު މީގެ ކުރިން ހިރަފުސްކުރަން ބާއްވާޕައޮތް ހަތިމްވެސް ނަގާ ކިޔަވަން ފައްޓާފިޔެވެ. ކިޔަވަމުންދާވަރަކަށް ހަށިގަނޑަށް ދިޔައީ ލުއިކަން ލިބެމުންނެވެ.


ހަށިގަނޑަށް ލުއިކަން ލިބުމުން ޒާހިރުއަށް ކޮންމެވެސް ވަރަކަށް ނިދީގެ އަރާމުވެސް ލިބިގެންދިޔައެވެ. ނަމަވެސް އިރުކޮޅަކުން ހޭލެވުނީ އެޗްޕީއޭ މީހުންގެ ޓަކީގެ އަޑަށްށެވެ. ޒާހިރު އެމީހުންނާއެކު ގެންދެވި ފަރުވާދޭންފެށުނެވެ. ޒާހިރުއާ ގާތުން މީހަކުވެސް ދިޔައީ ފަރުވާ ދެވެމުންނެވެ. ދެމީހުން އިސާހިތަކު އެކުވެރިކަން އާލާވެއްޖެއެވެ. އެކަކު އަނެކަކަށް ކޮރޯނާ ޖެހުނުގޮތް ކިޔާދީހެދިޔެވެ. ނަމަވެސް މިއަދު ޒާހިރުގެ އާ ރަހްމަތްތެރިޔާގެ ހާލު ކުއްލިޔަކަށް ހަމަ ގޯސްވިޔެވެ. ޑޮކްޓަރުން ދުވެފާ އައިސް އެމީހާއަށް ފަރުވާދޭން އެތައް މަސައްކަތެއްކޮށް ވެންޓިލޭޓަރުވެސް ގުޅާފިޔެވެ. ނަމަވެސް އެންމެން ކުރިމަތީ އޭނާގެ ފުރާނަ މިދުނިޔެއާ ވަކިވެގެންދިޔައެވެ. ޒާހިރުގެ ހިތަށް ވަރަށްވެސް ބޮޑަށް އަސަރުކޮށްފިޔެވެ. އަދި ބިރުވެސް ގަންނަން ފަށާފިޔެވެ. ކުރިމަތިން ފެނިގެން އެދިޔައީ މަރެވެ. އެކަމަށް ތައްޔާރުނުވެއްޖެނަމަ ހުރި ވޭން އޭނާއަށް އިހުސާސްވާންފެށިޔެވެ. އެހެންކަމުން ޒާހިރު ބާއްވާފަ އޮތް ތަނުގާ ހުރި ގޮނޑި ބޭނުންކޮށްގެން ނަމާދުކުރުމުގާ އަވަދިނެތި އުޅުނެވެ. އަދި ފޯނަށް القرآن ކިޔަވަމުން ގެންދިޔައެވެ.


ފަނަރަ ދުވަހަށްފަހު ޒާހިރު ދޫކޮށްލާފިޔެވެ. މީހާ ހުރީ ފުރިހަމަ ސިއްހަތުގައެވެ. ގެޔަށް ދިޔައީވެސް ވަރަށްވެސް ބަލާގެންނެވެ. ގެޔަށްގޮސް މުޅިތަން ސާފުކޮށް ނަމާދުކޮށް ހެދުމާ القرآن ކިޔެވުމަށް ވަކިތަނެއް ގިބްލައަށް ވާގޮތައް ހަދާލިޔެވެ. އެޔަށްފަހު ކޮންމެ ދުވަހަކުވެސް ގެއިން ނުކުންނަނީ القرآن ގެ މިންވަރެއް ކިޔަވާލާންނެވެ. ކޮންމެ ނަމާދަކަށްފަހުވެސް القرآن ގެ ތިން ސަފްހާ ކިޔުމަށް އާދަކުރިޔެވެ. ޒާހިރުގެ އަޒުމަކީ ހަމައެކަނި ކޮރޯނާއިން ސަލާމަތްވެ ހުރުމެއްނޫނެވެ. އާޙިރަތްވެސް ބާއްޖަވެރިކުރުމެވެ.


- ނިމުނީ -

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...