Monday, April 8, 2019


މީދަލަކީ އަބަދުވެސް އިންސާނުންނަށް އުނދަގޫ ޖައްސާ އެއްޗެކެވެ. މިސޮރުމެންގެ ސަބަބުން ނުރައްކާތެރި އެތައް ބަލިތަކެއް ފެތުރެން މެދުވެރިވެއެވެ. ބައެއްފަހަރު އެންމެ މީދަލެއްގެ ސަބަބުން މުޅި ހަޔާތް ބަރުބާދުވެއެވެ.
ހަސަނަކީ ދަނޑުވެރިއެކެވެ. މީހުން އޭނާއަށް ވަނަމަކަށް ތުނޑު ހަސަނު ކިޔާއުޅެއެވެ. ހަސަނުގެ ދަނޑުތަކުން އެތައް މޭވާއެއް ކޮންމެ އަހަރަކު އުފައްދާ އެތައް ފައިދާއެއް ވައްދާލައެވެ. މިކަމާ ހަސަނުއާ އޭނާގެ އާއިލާ ތިބެނީ ވަރަށްވެސް އުފަލުންނެވެ. ކޮންމެ އަހަރަކުވެސް ހަސަނު ދަނޑުތައް ދޫކޮއް ދަތުރެއް އާއިލާއާއެކު ކޮއްލައެވެ. މިފަހަރުވެސް ފަޅު ރަށަކަށް ދާން އޭނާ ނިންމިއެވެ. ދަތުރުގެ ހުރިހާ ކަމެއް ތައްޔާރުކޮއްފައި ބޮއްކުރަލަށް އެންމެން އަރާ ކައިރީގައި އޮތް ފަޅުރަށަށް ފުރިއެވެ. ރަށަށް ލެފުމާއެކު އެންމެން މޫދަށް އެރި ސަކަރާތްޖަހާ ދުވަހުގެ ކުޅިވަރުތަކައިގެން އަވަދިނެތި އުޅުނެވެ. މިގޮތުގައި ވަގުތުތައް ހޭދަވަމުންގޮސް އިރުއޮއްސެން ކައިރިވެއްޖެއެވެ. ހަސަނު ފުރުމުގެ ކުރިން ވަލުތެރޭން ދަރުތައް އެއްކޮއްލުމަށް ވަލަށް ވަނެވެ. ދަރު އެއްކުރުމުގައި އުޅެނިކޮއް ފައި ބުޑުން މީދަލެއް ދުއްވައިގަތެވެ. އެދިޔަ ގޮތައްގޮސް ހަސަނު އެއްކޮއްފައި ހުރި ދަރު ބޮނޑިތެރެއަށްވަނެވެ. މިކަމާ ހަސަނު ބޮލަށް އުދަގީވެގެންގޮސް ދަރުބޮނޑި މޮހާލިއެވެ. އަދި މީދާ ފެނުމާއެކު ދަރު ބުރިއަކުން ދެތިން ފަހަރަކު އޭގެ ބޮލުގައި ޖެހިއެވެ. ޖެހުމާއެކު އެ މީދާ ދުވެފައިގޮސް ވަލުތެރެއަށް ވަނުމުގެ ކުރިން ހަސަނާ ދިމާލަށް އެނބުރިފައި އަނގަ ވަރަށް ބޮޑަށް ހުޅުވާލާ އޭގެ ދަތްތައް ދައްކާލިއެވެ. އަދި އިރުގަނޑެއް ވަންދެން ބަލަން އޮވެފައި ލޯމައްޗަށް ގެއްލުނެވެ. ހަސަނު މިކަމާ މާ ބޮޑު ފިކުރެއްނުކޮއް ބޮއްކުރަލަށް ދަރުތައް އަރުވައިގެން އާއިލާއާއެކު ރަށަށް ފުރިއެވެ.
ރަށަށް ލެފުނީ އިރުއޮއްސި އަނދިރިވުމުންނެވެ. ހަސަނުއާ އޭނާގެ އާއިލާ ދަތުރު ވަރުބަލިވެފައި ހުރުމުން ކައިގެން އަވަހަށް ނިދަން އޮށޯނަން ނިންމިއެވެ. ނަމަވެސް ހަސަނު އޭނާގެ ދަނޑުތައް ކުޑަކޮއް ބަލައިލާފާ ނިދަން ނިންމިއެވެ. ދަނޑިތަކު ތެރެއަށް ހަސަނު ނުކުމެ ފަހަރަކު ދަނޑެއްގެ މޭވާތައް ހުރި ހާލަތްތައް ބަލާލިއެވެ. އަނެއް ދުވަހު ބިންނަން ތައްޔާރުވެފައި ހުރި މޭވާތައް ފާހަގަ ކުރުމަށްފަހު އޭނާ ނިދަން ގެއަށް ވަނެވެ.
ހެނދުނު އިރުއެރުމާއެކު ހަސަނު ދަނޑުތަކުން މޭވާ ބިންނަން ނުކުތެވެ. ނަމަވެސް އޭނާ ސިއްސައިގެން ދިޔައީ އެތައް މޭވާތަކެއް ހަލާކުވެފައިވާތަން ފެނުމުންނެވެ. އެކި މޭވާތައް އެކި ގޮތްގޮތައްވަނީ ކައިފައެވެ. ބަލާބެލުމަށް މީ މީދަލެއްގެ އުނދަގޫކަން ހަސަނަށް ފާހަގަވިއެވެ. ކުއްލިއަކަށް ހަނދާންވި ފަޅު ރަށުން ފެނުން މީދާ މަތިންނެވެ. އަނެއްކާ އެމީދާ ހަސަނަށް ނޭގި ދަރުތަކުތެރެއަށް ދެވަނަ ފަހަރު ވަދެގެން އައީބާއޭ ހިތައްއެރިއެވެ. ހަސަނުއާ އޭނާގެ އާއިލާ ދަނޑުތައް ހަލާކުކުރަމުން ދިޔަ މީދާ ހޯދުމުގެ މަސައްކަތް މުޅި ދުވަހު ކޮއްގެންވެސް ކާމިޔާބީއެއް ނުލިބި ނިންމާލަން ޖެހުނެވެ.
އިރުއޮއްސުމާއެކު މަސައްކަތް ހުއްޓާލާ އެންމެން ނިދަން ވަނެވެ. ހަސަނަށް ދަންވަރު ހޭލެވުނީ އޭނާގެ މަންމަ ހަޅޭއްލަވާގަތް އަޑަށްށެވެ. މަންމަގެ ކޮޓަރިއަށް ވަތްއިރު މުޅި ކަރުވަނީ އިރާލާފައެވެ. ލޭތައް ހޯސްލާފަ ފާބާތަން ބަލަން ހުރި ހަސަނު ބުރުން ބޭރަށް ނުކުމެ ހަޅޭއްލަވާގަނެ މީހުން އެއްކުރިއެވެ. މަންޒަރު ދެކުނު ކޮންމެ މީހަކު ނިކުތީ ބިރުން ފިއްކަނޑައިގެން ދާ ހާލުގައެވެ. ކަށުކަމާކެމީގެ ކަންތައް އަވަސްކޮއް މަންމަ ވަޅުލުމަށް ފަހު ހަސަނާ އޭނާގެ އަންހެނުންނާ ދަރިފުޅު ތިބެނީ ވަރަށް ބިރުންނެވެ. ހުރިހާ ދަނޑަކަށް ކޮންމެ ދުވަކު އެ މީދާ އެތައް ގެއްލުމެއް ދެއެވެ. މިގޮތަށް ދުވަސްތައް ވޭތުވެގެންގޮސް އަންހެނުންނާ ދަރިފުޅު އެމީދަލުގެ ޝިކާރަކަށްވެ ބޮޑު ބައްޔެއްގައި ދުނިޔެ ދޫކޮއް ހަސަނު މުޅިން އެކަނި ވެއްޖެއެވެ. މާޔުސް ވެފައިވާ ހާލު ހަސަނު ގޭތެރޭގައި އިންދާ އެނދު ބުޑުން މީދާ ގޮވާ އަޑުއިވުނެވެ. ހަސަނު ފުޅިބައްތިން އަލިކޮއް އެނދުދަށް ބަލާލުމަށް ގުދުވުމާއެކު މޫނުމަތި ކައިރިން މީދާ ހުރަސްކޮއްލިއެވެ. ސިއްސައިގެން ގޮސް ހަސަނު އަތުން ފުޅިބައްތު ދޫވެ މުޅި ގޭގައި ހުޅު ހިފާފިއެވެ. ހަސަނު ބޭރަށް ނުކުމެ ހުއްޓާ މީހުންތައް ފެން ހިފައިގެން އައިސް އަލިފާންގަނޑު ނިއްވޭތޯ މަސައްކަތްފެށިއެވެ. ނަމަވެސް އެކަން ކާމިޔާބުނުވެ ލޯ ކުރިމަތީ ހަސަނުގެ ގެ އަނދައިގެން ގޮސް ދަނޑުތަކަށްވެސް އަލިފާން ފެތުރި ދަނޑުތައްވެސް ވީރާނާވެއްޖެއެވެ. މިކަމާ ހަސަނު ވަރަށް ދެރަވިއެވެ. މިއަދު އޭނާއަކީ އެކައްޗެއްވެސް ނެތް މިހެކެވެ.
އާ އަޒުމަކާއެކު ދަނޑިތައް އަލުން ހައްދަން އާމްދަނީ ހޯދުމަށް ދަރު ވިއްކުމުގެ ވިޔަފާރި ފެށުމަށް ހަސަނު ވިސްނިއެވެ. އޭނާ އަތުގައި އޮތް ބޮއްކުރާގަނޑަށް އަރައިގެން ކައިރި ފަޅުރަށަށް ދިޔައެވެ. ދަރު ހޮވުމުގައި އުޅުމުގެ ތެރޭގައި ހަސަނު ކުރިމައްޗަށް އައިސް މީދަލެއް ހުއްޓުނުވެ. އޭތީގެ ބޮލުގައި ކެހެރި ކެހިފައިވާ ބޮޑުތަންގަޑެއް އިންތަން ފެނުމުން ހަސަނު އޭނާ އަނިޔާދިން މީދާ މަތިން ހަނދާންވިއެވެ. ނަމަވެސް ޙިޔާލަށް ގެއްލިފައިހުއްޓާ މިދާ ކޮޅަށް ތެދުވެލާފިއެވެ. އަދި އޭތި އިތުރަށް ބޮޑުވަމުން ގޮސް އިންސާނަކާ އެއްވަރަށް ބޮޑުވިއެވެ. އަދި އެޔަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
” ހަނދާންވޭތަ އަހަރެންނަށް ދިން އަނިޔާ. މިއަދު ކަލެއަށް އަހަރެން އޭގެ ބަދަލް މިދިނީ ފިސާރެ ހިތިކޮއް. މިއަދު އަހަރެންގެ އެންމެ ފަހު ޝިކާރައަކީ ކަލޭ ”
މިހެން ބުނުމަށްފަހު މީދަލުގެ ސިފަ ބަދަލްވެގެން ދިޔައީ ރަތް ދެލޯ ލިބިފައިވާ ބިރުވެރި ކަޅު މަޙްލޫގްއަކަށްށެވެ. އެ މަޙްލޫގް އެންމެ ފުރުތަމަވެސް ހަސަނު ކަރުގައި ހިފާ އުފުލާލިއެވެ. އެޔަށްފަހު ދެ ލޮލަށް އިނގިލި ގަންނުވާލާ ދެލޯ ކޮނެލިއެވެ. އަދި އެއް އަތް ބިންދާލާ އަނެއް އަތް އިރާލިއެެވެ. އަދި އެވަރުންވެސް ދޫނުކޮއް ހަސަނުގެ އެއް ފަޔަށް އޭގެ ވަކިތައް ހަރާލިއެވެ. އެޔަށްފަހު ދުރަށް އެއްލާލިއެވެ. ހަސަނު ފިރުކޭ ހާލުގައި އެރަށުން ފައިބަން ދަނިކޮއް އިތުރު އެތައް ބައިވަރު މީދާތަކެއް އައިސް ހަސަނު މުޅި ހަށިގަނޑުގެ އެތަން މިތާ ދަތް އަޅާ ކާންފެށިއެވެ. ހަސަނުގެ ވޭނީ ނިމުން މިއަދު އައީ އޭނާ ދުވަހަކުވެސް ހީނުކުރާގޮތައްށެވެ. އެންމެ މީދަލަކަށް ދިން ގެއްލުމެއްގެ ސަބަބުން އޭނާ ވަނީ މިދުނިޔެއާ ވަކިވާން ޖެހިފައެވެ.
– ނިމުނީ –

No comments:

Post a Comment

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...