Tuesday, October 30, 2018


الله سبحان و تعالىٰ ގެ މަގުގައި ހަނގުރާމަކޮއް ޝަހީދުވާ ބޭކަލުންނަށްވަނީ ސުވަރުގޭގައި އެތައް ނިއުމަތްތަކެއް ލިބޭނެކަން އަންގަވާފައެވެ. މިކަންވަނީ ކީރިތި القرآن ގައި ވެސް ބަޔާންކުރެވިފައެވެ. އެ ނިއުމަތްތައް ލިބިގަތުމަށް ފެންބޮވައިގަނެ ހަށިން ހިތްވަރުލާ ނުކުމެ މި ދުނިޔާ އެތައް އަޙުންނެއްވަނީ އަލްވަދާއު ކިޔާފައެވެ. الله سبحان و تعالىٰ އެބޭކަލުންނަށް ބަރަކާތްލައްވާށެވެ.
ދުވަސްވަރަކީ އިރާގްއަށް އެމެރިކާގެ ލަޝްކަރުތައް އަރައިގަނެ މުޅި އެގައުމު ސުންނާފަތި ކުރަމުން ދިޔަ ދުވަސްވަރެވެ. އެތައް ބަޔަކު ޝަހީދުކުރަމުން އަންހެނުން އިފައިތް ފޭރެމުން އައި މި ބައިގަނޑު އިރާގްގެ މައި އަވަށަށް ވަދެގަންނަންވަނީ މަސައްކަތްފަށާފައެވެ. އެމީހުންގެ ޒަމާނީ ހަތިޔާރާއެކު ވަރުގަދައަށް ހަމަލާދަނީ މެދުނުކެނޑިދެމުންނެވެ.
އުމުރުން އެންމެ ބާރަ އަހަރުގެ އަފްޝާން ދިޔައީ އެމަންޒަރުތައް އޭނާ ދިރިއުޅޭ ގޭގެ އެންމެ މަތިން ބަލަމުންނެވެ. އޭނާއަކީ ހަނގުރާމަވެރިއެއްކަމަށް ހީކޮއް އޭނާއަށް ހަމަލާއެއް އަރާފާނެކަމަށް އޭނާ އެއްވެސް ގޮތަކަށް ޖެހިލުން ނުވެއެވެ. ސަބަބަކީ އޭނާގެ އާއިލާއަކީ الله سبحان و تعالىٰ އަށްޓަކައި ހަނގުރާމަ ކުރަމުންދާ އާއިލާއަކަށްވާތީއެވެ. އަފްޝާންގެ ބައްޕައަކީ އިރާގްގެ ސިފައިންގެ މީހެކެވެ. ސިފައިންގެ މަތީ ވަނަތައް ހާސިލްކޮއް ކޮމާންޑަރެއްގެ މަގާމް ލިބިފައިވާ މީހެކެވެ. އަފްޝާން ނަސީބު ރަނގަޅު ކަމުން އޭނާގެ ބައްޕައާ އިތުރު ސިފައިން ތިބެނީ ގެއާ މާ ދުރުނޫން ހިސާބެއްގައި ހަދާފައިވާ މަރުކަޒެއްގައެވެ. އެއީ އިރާގްގެ ހަތަރުވަނަ މައިދޮރު ދިފާއުކުރުމަށްޓަކައި ގާއިމްކޮއްފައިވާ ހާއްސަ ފައުޖުތައް ތިބޭތަނެވެ. އެމެރިކާގެ ފައުޖުތަކަށް ހަމައެކަނި ހުރަހަކަށް ވެފައިވަނީ މި ހާއްސަ ފައުޖުތަކެވެ. އެމީހުންގެ ހަނގުރާމައިގެ އުކުޅުތައް އެހާމެ ފުރިހަމައެވެ. ދުވާލެއްގެ މައްޗަށް އެތައް އެމެރިކާ ސިފައިންނެއް މަރާލައެވެ. އެމެރިކާ މީހުން އެމީހުން ފާހަގަކޮއްފައިވަނީ އަރައިގެން އަންނަ ބިރުވެރިކަމެއްގޮތުގައެވެ.
އެއްދުވަހެއްގެ ހެނދުނެވެ. އަފްޝާން ދިޔައީ އޭނާގެ ބައްޕައަށް ކާތަކެތި ހިފައިގެނެވެ. ބައްޕަ ހުރީ މަރުކަޒު ދޮރުމައްޗަށް ނުކުމެ އޭނާގެ ލޯބިވާ ދަރިފުޅު އަންނަތަން ބަލާށެވެ. ކުއްލިއަކަށް މައިދޮރުގައި ގާއިމްކޮއްފައިވާ ބަންކަރަކަށް ހަމަލާއެއް އެރިއެވެ. އަފްޝާންގެ ބައްޕަ އަފްޝާން ކައިރި މަޑުކުރުމަށް އަތުން އިޝާރާތްކޮއް ހަމަލާ އައި ދިމާލަށް ކުޑަ ފައުޖެއް ގޮވައިގެން ހަތިޔާރުއެޅި އުޅަނދެއްގައި ނައްޓާލިއެވެ. ދުރުގައި މަންޒަރުބަލަން ހުރި އަފްޝާންއަށް ފެނިގެން ދިޔައީ އޭނާ ބައްޕަ ދަތުރުކުރަމުން ދިޔަ އުޅަނދަށް ހަމަލާއެއް އެރިތަނެވެ. ބަލާކަށް ނުހުރެ ގައިގާ ހުރި ބާރެއްލާފައި އަފްޝާން އެދިމާލަށް ދުއްވައިގަތެވެ. އަނދަމުންދާ އުޅަނދުގެ ދަށުވެފައިވާ އޭނާގެ ބައްޕަ ސަލާމަތްކުރުމަށްށެވެ. އުޅަނދާ އަރާ ހަމަވިތަނާހެން މައި ގޭޓުގެ ދޮރު ކުރިމަތީ އަޅާފައިވާ ތޫނު ނަރު ރޯލުތައް ފޫއަޅުވާމުން އެމެރިކާގެ ޓޭންކަރެއް ވަނީ މައިދޮރުން ވަންނަން މަސައްކަތް ފަށާފައެވެ. އެމަންޒަރު އަފްޝާންއަށް ފެނުމާއެކު އޭނާގެ ބައްޕަ ދަށުވެފައިވާ އުޅަނދުކައިރީގައި އޮތް ރޮކެޓް ބަޑިއެއްނަގާ ޓޭންކަރަށް ހަމަލާދީ ގޮއްވާލިއެވެ. އަދި އިތުރު ސިފައިން އަންނަންދެން އެސަރަހައްދު އޭނާ ކުޅަދާނަކަމާއެކު އޭނާގެ ނިޔާވަމުންދިޔަ ބައްޕަޔާއެކު ބެލެހެއްޓިއެވެ. ބައްޕަ ނިޔާވަމުން ކުރީ ވަރުގަދަ ވަސިއްޔަތެކެވެ. ފަހު ނޭވާއާ ޖެހެންދެން ކާފަރުންގެ ލަޝްކަރުތަކާ ހަނގުރާމަ ކުރުމަށްށެވެ.
އަފްޝާންގެ ބައްޕަ ނިޔާވި ދުވަހުން ފަށައިގެން އޭނާ ހަތިޔާރު ގެންގުޅެން ދަސްކުރިއެވެ. އަދި ސިފައިންނާއެކު އުޅެ އެކި އުކުޅުތައް ދަސްކުރިއެވެ. ދޭތެރެ ދޭތެރޭން މައިދޮރުން ބޭރަށް ނުކުމެ އަމިއްލައަށް ދުޝްމަނުންގެ ހަރަކާތްތައް ބަލާލައެވެ. އަދި ބައެއްފަހަރު ދުޝްމަނުންގެ މަރުކަޒުތަކަށް ވަދެ މައުލޫމާތު ހޯދައިގެން އާދެއެވެ. އަފްޝާންގެ ކުޅަދާނަކަން ފާހަގަ ކުރެވި އޭނާއާ އެކު ހަނގުރާމައަށް އެތައް ރަޔިތުންނެއް ހަތިޔާރާއެކު މައިދޮރު ދިފާއު ކުރުމަށް ކޮންމެ ދުވަހަކު ޖަމާވެއެވެ. މިކަމާ ސިފައިންގެ މަރުކަޒުން ވަރަށް ތައުރީފް ލިބުނެވެ. ނަމަވެސް ގިނަ ދުވަސްތަކެއްނުވެ ލިބުނީ ހައިރާން ކުރުވާފަދަ ޙަބަރެކެވެ. މަރުކަޒުގައި ތިބި ހުރިހާ ހާއްސަ ފައުޖުތައް ފަހަތަށް ޖެހި އިރާގުގެ މައި އަވަށުގެ އެންމެ އެތެރެއަށް ޖެހުމަށް އަމުރު އައި ޙަބަރެވެ. މިކަމާ އަފްޝާން ކަންބޮޑެއްނުވިއެވެ. އޭނާއާ އެކު ތިބި ބަޔަކަށް އޭނާ ދިޔައީ ހިތްވަރުލާދެމުންނެވެ. ސުވަރުގޭގެ އުފާވެރި ޙަބަރާ ނިއުމަތްތަކުގެ ވާހަކަތައް އޭނާ ދިޔައީ އެމީހުންނަށް ކިޔާދެމުންނެވެ. މަރުކަޒުގައި ތިބި ފައުޖުތައް ފަހަތަށް ޖެހުމުގެ ކުރިން އަފްޝާންއާ އޭނާގެ ހަނގުރާމަވެރިންނަށް ސިފައިން ދިޔައީ ހަތިޔާރުއެޅި އުޅަނދުތަކާ އެކިބާވަތުގެ ތަކެތި ހަދިޔާކޮއްފައެވެ. އަދި އަލްވަދާއުކިޔާ އެކަކު އަނެކަކާ ސަލާމްކޮއް ހިތްވަރުކުރުމަށް ނަސޭހަތްތެރިވިއެވެ.
ހާއްސަ ފައުޖުތައް ދިޔުމުން އަފްޝާންގެ ރޭވުންތެރިކަމާއެކު މައިދޮރު ދިފާއިކުރުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. ފުލު ފުލުން އައި ޓޭންކަރު ހަމަލާތަކުން ހީވަނީ މައިދޮރު ވައްޓާލަފާނެހެނެވެ. ނަމަވެސް ހިތްވަރުގަދަ އަފްޝާން ދިޔައީ އެންމެ ތަންފުކެއްވެސް ދޫނުކުރުމަށް ގޮވަމުންނެވެ. މައިދޮރު ކުރިމަތީ ޙަންދަގު ކޮނެގެން ތިބި މުޖާހިދުންގެ ވަރުގަދަ ހަމަލާތަކުން ދުޝްމަނުން ސިއްސުވާލުމުން އެމީހުން ފަހަތަށްޖެހި ދުވެ ފިލިއެވެ. މިގޮތުގައި ދިހަ ދުވަސް ހިފާއްޓާލިއެވެ. ނަމަވެސް ކޮންމެ ދުވަހެއްގެ ހަނގުރާމަ ނިމެނީ އެތައް ޝަހީދުންގެ ލެއިން ގުރުބާންވެގެންނެވެ. ދިހަވަނަ ދުވަހު ހަނގުރާމަ މެދުކަނޑަލައި ލަޝްކަރުގެ ބާކީ ގުނާލުމުގައި އަފްޝާން އަވަދިނެތި އުޅުނެވެ. ގުނާ ނިމުނުއިރު އޭނާގެ ލަޝްކަރުގައި ތިބީ އެންމެ ދުއިސައްތަ މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުންވަނީ ޒަޙަމްވެފައެވެ. އަފްޝާންގެ ހާލުވެސް ވަކި ރަނގަޅެއްނޫނެވެ. އޭނާގެ ހަށިގަނޑުގައިވެސް އެހާ ޒަޙަމް ގިނައެވެ. އަފްޝާންގެ ލަޝްކަރު މައިދޮރު ކައިރީ ހަދާފައިވާ އިމާރާތަކަށްވަދެ އަންނަން އޮތް ހަމަލާތަކަށް ތައްޔާރުވިއެވެ.
އެމެރިކާގެ ލަޝްކަރުތައް އައިސް ހަމަލާތައް ފަށައިގަތެވެ. ހުރިހާ މުޖާހިދުން އެއްފަހަރާ ހަރުއަޑުން ތަކުބީރު ކިޔާ ރައްދުދޭންފެށިއެވެ. އަފްޝާންވެސް ދިޔައީ ފޯރިއާއެކު ހަމާލާދެމުންނެވެ. އެކި ބާވަތުގެ ހަތިޔާރުން އޭނާ ދިޔައީ ކާފަރުންނަށް ގެއްލުންދެމުންނެވެ. މިގޮތުގައި ވަގުތުތައް ހޭދަވެ އެންމެން އަތުން ވަޒަން ހުސްވާން ކައިރިވުމުން އަފްޝާންއާ މުޖާހިދުންކޮޅެއް އިމާރާތް ދޫކޮއް ނުކުމެ ހަނގުރާމައިގެ މައިދާނުން ހޮވުނު އެއްޗެއް ހޮވައިގެން ވަންނަން ދުއްވައިގަތެވެ. ނަމަވެސް އިމާރާތާ އަރާ ހަމަވުމުގެ ކުރިން ވައިގެ މަގުން އައި ހަމަލާއަކުން މުޅި އިމާރާތް ފުންޑާލިއެވެ. މުޅި އިމާރާތުގައި ތިބި އެންމެން ޝަހީދުވިއެވެ. އަފްޝާންއާ އޭނާގެ މަދު ބައިވެރިންކޮޅު މައިދޮރު ކުރިމަތީ ބަހައްޓާފައި ހުރި ބަސްތާތަށް ފުރަގަހަށްވަދެ ހަމަލާ ދޭންފެށިއެވެ. ނަމަވެސް އަމާޒަށް ބަޑިޖަހާ ކާފަރުންގެ ޝިކާރައަކަށް އެމީހުންވެއްޖެއެވެ. ފަހަރަކު މީހަކު ޝަހީދުވަމުންގޮސް އަފްޝާން އެކަނިވެއްޖެއެވެ. ގައިގާ ހުރި ހިތްވަރެއްލާފައި މެޝިނުބަޑިއެއް ހިފައިން ތެދުވެ ދުވަމުން އައި ކާފަރުންގެ ފަންސާސް މީހުން މަރާލިތަނާހެން އަފްޝާން ގަޔަށް އެތައް ވަޒަނެއް އަރާ އެމުޖާހިދު ޝާހިދުވެގެން ވެއްޓި މައިދޮރުގައި ލެނގިފައި އިނެވެ. އެންމެ ފަހުނޭވާއާ ޖެހެންދެންވެސް އޭނާދެއްކީ ހިތްވަރެވެ. މިއަދު އޭނާގެ މޫނުމަތީގައި ވަނީ ހިނިތުންވުމެވެ.

ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ. މިވަގުތީ ދުނިޔެއަށް ވަކި މުއްދަތަކަށް އިންސާނާ ފޮނުވިފައިވަނީ އިމްތިހާންނެއްގެ ގޮތުންނެވެ. އެ މުއްދަތު ހަމަވުމުން ކަފުންކުރެވި ވަޅުލެވެއެވެ. އެއީ ކިތަންމެ ބާރުވެރި މީހަކަސް ނުވަތަ ނިކަމެތި ފަގީރެއްކަމުގައި ވިޔަސްމެއެވެ.
ޒުބެއިރުއަކީ ހަރު ހިތެއްގެ ވެރިއެކެވެ. ޖާނުން ވަރުގަދަ ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. މީސް މީހުންނަށް އެއްވެސް ސަބަބެއްނެތި ގޯނާކޮއް އޭނާގެ ނުލަފާކަން ދައްކާ މީހެކެވެ. ޒުވާން އަންހެން ކުދިންނަށް އޭނާގެ އުނދަގޫ ވަކިން ބޮޑެވެ. އަންހެން ކުއްޖަކު ފެނިއްޖެނަމަ ޖެއްސުންކޮއް ފުރައްސާރަ ކުރަނީ ހަމަ އެކަނި އެކުއްޖަކަށްނޫނެވެ. އެކުއްޖެއްގެ މައި މީހާ އެކުއްޖަކު ކައިރީ ހުއްޓަސް ޒަބެރުގެ ޙުތުރު ދުލުން އެމީހުން ލަދުގަންނުވާލާވަރުކޮއްލައެވެ.
އެއްދުވަހެއްގެ ހެނދުނެވެ. ޒުބެއިރު ނިދާ ތެދުވިގޮތަށް ހުސްގަޔާ ހަދާލައިގެން އޭނާގެ ގޭ ދޮރުމައްޗަށް ނުކުތެވެ. ނުކުމެ ސިނގިރޭޓެއް ރޯކޮއްލައިގެން ފާރުގަ ލެނގިލިއެވެ. ޒުބެއިރު އުޅޭ ގެ ހުންނަނީ ސަހަރާއެއް ކުރިމަތީއެވެ. ކޮންމެ ދުވަހަކުހެން އޭނާއަށް މީހުން އެތަނުގައި ވަޅުލާތަން ފެނެއެވެ. މިއަދުވެސް އޭނާގެ ލޯ ކުރިމަތީ ދިޔައީ ޖަނާޒާއެއް ކުރިޔަށް ދަމުންނެވެ. ނަމަވެސް އޭނާގެ ހަރު ހިތަށް އެކަމުން އެއްވެސް އަސަރެއް ނުކުރެއެވެ. އޭނާގެ ދުވަސް ފަށަން އޭނާ ބޯން ހުރި ސިނގިރޭޓުގައި މަސްތުވާ ތަކެތި އުނގުޅާލިއެވެ. އަދި ފުން ނޭވާއެއް ލުމަށްފަހު އެ ސިނގިރޭޓް އެއްކޮއް ބޮއެ ހުސްކޮއްލިއެވެ. އިސާހިތަކު މީހާ ހަމަ ބުއްދިން ނެއްޓުނެވެ. އަދި ކައިރިން ދިޔަ މީހަކަށް ހަމަލާ ދިނުމަށްފަހު އެމީހާގެ ބޯ ފަޅާލިއެވެ. އެއަށްފަހު ސަހަރާ ފާރުމަތިން ފުންމާލައިގެން ޖަނާޒާއޮތް ދިމާލަށް ހިނގައިގަތެވެ. އެ އައިގޮތަށް އައިސް ސަންދޯކު ކަށްވަޅަށް ތިރިކޮއްކޮއް އޮއްވާ ތިރިކުރަން ތިބި މީހުން ކޮއްޕާލިއެވެ. އެއާއެކު ސަންދޯކު އެމީހުން އަތުން ދޫވެ ވެއްޓުނު ވަގުތު ސަންދޯކުގެ މަތި ނައްޓައިގެން ގޮސް ގަބުރުވެސް ބޭރުވިއެވެ.
ކުރެވުނު ކަންތަކާ ފަޙުރުވެރިވެގެން މަސްތުގެ ހާލުގައި ޒުބެއިރު ހެމުން ހެމުން އައިސް އޭނާ ގޭދޮށުގައިހުރެ ސަހަރާގައި ތިބި މީހުންނަށް އައުގުރާނަ ގޮވަމުން ގެންދިޔައެވެ. މިގޮތުގައި ހުއްޓާ މީހަކު އައިސް ޒަބެއިރު ކައިރީ ހުއްޓުމުން އޭނާ ސިއްސައިގެން ގޮސް ބަލާލިއެވެ. އެއީ އޭނާ އުޅޭ ސަރަހައްދުގެ މިސްކިތުގެ އިމާމްއެވެ.
” ކޮއްކޮއަށް ތިޔަ ކުރެވުނު ކަންތައް އެނގޭތަ؟ ” އެމީހާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ.
” އެއީ އަހަރެން މަޖަލަކަށް ކުރި ކަމެއް. އެހެންނޫނަސް ކަލެއަށް ކީއްތަ ބީތާޔާ ” ޒުބެއިރު އޭނާގެ މުޑުދާރު ބަހުރުވައިން އިމާމް މީހާއާ މުޙާތަބްކުރިއެވެ.
” ކޮއްކޮއަށް އެނގޭތަ އެއްދުވަހަކުން ކޮއްކޮވެސް އެގޮތަށް ވަޅުލެވޭނެކަން. މިދުނިޔެ ނޫނަސް އެހެން ދުނިޔެއެއް އޮތްކަން ދަންނާތި މިއީ ވަގުތީ ތަނެއްކަން ހަނދާންކުރާތި. ކޮއްކޮގެ ލޯމައްޗަށް ތިޔަ ފެންނަނީ ވަޅުލެވި ހިމޭންވެފައިވާ ސަހަރެއް ނަމަވެސް އެނގޭތަ އެމީހުންގެ ކައްވަޅުތަކުގައި އަލުން ދުނިޔެ ފޮނުއްވުމަށް އާދޭސް ކުރަމުންދާނީ ކިތައް މީހުންކަން. އެމީހުންގެ އަމަލް ތަކުގެ ސަބަބުން ދެވޭ އަޒާބުގެ އަޑު އަހަރުމެނަށް އަޑު ނީވޭގޮތް ހަދާފައިވަނީ ސަބަބެއް އޮވެގެން. އެހެންވެ ބޭބެ ނަސޭހަތް މިދެނީ ތި އުޅުން ދޫކޮއްލާ އިސްލާހްވޭ އަދިވެސް ވަގުތު އެބޮތް ” އެމީހާ ދަމުން ބުނެލިއެވެ.
” ކޮންމެހެން މަށަށް ނަސޭހަތް ދޭނެކަމެއްނެތް ” ޒުބެއިރު ރުޅިއައިސްގެން ގެއަށް ވަންނަމުން އިމާމް މީހާއާ ދިމާލަށް ހަޅޭއްލަވައިގަނެފާ ބުންޏެވެ.
އެރޭގެ ދަންވަރެވެ. ޒުބެއިރު ނިދަން ވަރަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ގާތަށް ނިންޖެއްނައެވެ. މުޅި މީހާވަނީ ހޫނުވެ ދާހިތްލާފައެވެ. ވާއެއް ނުވާއެއް އެނާއަކަށް ނުވެސް އެނގެއެވެ. ދެކޮޅަށް ފުރޮޅި ފުރޮޅިފައި ނުނިދިގެން ބޭރަށް ނުކުތެވެ. ނުކުމެ ފާރުގައި ލެނގިލައިގެން ސަހަރާއަށް ނަޒަރު ހިނގާލިއެވެ. މިއަދު މުދިންބެ ދެއްކި ވާހަކަތަކާމެދު އޭނާ ވިސްނާލިއެވެ. ނަމަވެސް އެކަމަށް މާގިނައިރެއްނުވިއެވެ. ފަތިހު މިސްކިތަށް ދާން ނުކުތް އަންހެން ކުއްޖަކު އޭނާ ކައިރިން އަޅާފައި ދާންފެށުމުން އެކުއްޖާއާ އޭނާ ފޮށިގަނެ އެކުއްޖާ ފަހަތުން ގޮސް އަތުގައި ހިފާ ދަމާގަތެވެ.
” މަންޖެ އާދެބަލަ މަ ފަޅު ފިލުވައިދޭން އަހަރެންނާއެކު ގެއަށް ” އެކުއްޖާ ދަމަމުން ގެއާ ދިމާލަށް ގެންދަމުން ޒުބެއިރު ބުނެލިއެވެ.
” الله سبحان و تعالىٰ ޓަކައި އަހަރެންގެ އަތުން ކަލޭ ހަމަ މިހާރު ދޫކުރޭ ނޫނީ އެފަރާތުން ކަލެއާމެދު ފިޔަވަޅު އަޅާނެ ” އެކުއްޖާ ރޮއެގަނެފާ ބުނެލިއެވެ.
” ތީ ކަލެއަށް ހީވާގޮތް. އަހަރެންނާމެދު ފިޔަވަޅު އަޅާނެނަމަ މިހާރު ވާނީ އަޅާފަ. އެކަމުވެސް އަހަރެން މިހުރީ. މިރޭ ކަނބުލޮ ޖެހޭނީ އަހަރެން ބުނާގޮތް ހަދަން. އަންނަންވީ ގޮތްނުދައްކާ ” ޒުބެއިރު އިތުރު ބާރެއްލާފައި އެކުއްޖާ އޭނާގެ ގެއަށް ވެއްދުމަށްފަހު ތަޅުލިޔެވެ.
އެކުއްޖާ ގައިގަ ޒުބެއިރު އަތްލާން އުޅުމާއެކު ދުޢާކުރަންފެށިއެވެ. އިސާހިތަކު ޒުބެއިރު ހުއްޓުން އެރިއެވެ. އަދި އޭނާގެ ދެލޯ ބޮޑުވެ ބިރުވެރިކަން ފާޅުވިއެވެ. މީހާ ގައިން ދުންއަރަންފެށިއެވެ. އަދި ވޭނީ އަޑުން ހަޅޭއްލަވަންފެށިއެވެ. މީހާގެ ދެއަތާ ދެފައި ބަނޑިލާންފެށިއެވެ. އަދި ކަށިތައް މުގުރޭއަޑު އަންހެންކުއްޖާއަށް އިވިގެންދިޔައެވެ. މިހާރު ޒުބެއިރުގެ ސިފަވެސް ވަކިނުވެއެވެ. މޫނުވަނީ ވިރިފައެވެ. ގައިގެ ހުރިހާ ކައްޓެއްހެންވަނީ މުގުރިފައެވެ. އަންހެން ކުއްޖާ ގަތް ބިރުން އެގެއިން ނުކުމެ ރައްޔިތުން އެއްކުރިއެވެ. އަދި ކޮންމެ މީހަކުވެސް އެގެއަށް ވަނުމަށްފަހު ނުކުންނަނީ ބިރުވެރިކަމާއެކުއެވެ.
ޒުބެއިރު ވަޅުލުމުގެ ކަންތައް ކުރިއަށް ގެންދަން މުދިންބެ ތައްޔާރުވިއެވެ. ސަންދޯކު ހިފައިގެން ތިބި މީހުންނަށް ދުވާ ކުނިވަހުން ނޯއްދަމާލަން ނުކެރުނެވެ. ފަހަރަކު މީހަކު ދިޔައި ބަދަލު ކުރަމުންނެވެ. ޒުބެއިރުގެ ގަބުރުލެވިފައިވާ ސަންދޯކު ތިން ފަހަރު އެމީހުން އަތުން ވެއްޓި ޒުބެއިރުގެ ގަބުރު ސަންދޯކުން ބޭރުވިއެވެ. ސަހަރާއަށް ޒުބެއިރުގެ ގަބުރު ގެންދެވި ކަށްވަޅުކައިރި ބޭއްވިތަނާހެން ބިންގަނޑު އަމިއްލައަކަށް ޒުބެއިރުގެ ސަންދޯކު ކައްވަޅަށް ދަމައިގަނެ ފަސްއެޅިއްޖެއެވެ. މިކަމާ އެންމެން ތިބީ ހައިރާންވެ ބިރުގަނެފައެވެ.
” އަހަރެން އެއިރުވެސް އޭނާއަށް ނަސޭހަތްތެރިވިން. ނަމަވެސް އޭނާ އަހަރެން ބުނި ބަހެއް ނޭހި. މިއަދު ކިހާ ދެރަ ނިމުމެއް އޭނާއަށް އެ ލިބިގެން ދިޔައީ. ކިތަންމެ އަޑުގަދަކޮއް ބާރުދައްކާ އުޅުނެއްކަމަކު މިއަދު އެވަނީ ވަޅުލެވި ހިމޭންވެފައި ” މުދިންބެ އިސްދަށަށް ޖަހާލައިގެން ހުރެފައި ބުނެލިއެވެ

Thursday, October 18, 2018


ދުނިޔެ ދޫކޮށް ކޮންމެ މީހަކުވެސް ނިމިދާނެއެވެ. އެމީހަކާއެކު ގެންދެވޭނީ އެމީހަކު ކޮށްފައިވާ އަމަލްތަކެވެ. ސަލާމަތް ހޯދެން އޮތީވެސް ދުނިޔޭގައި އުޅުމަށް ދެވުނުވަގުތު ހެޔޮގޮތުގައި ބޭނުންކޮށްގެންނެވެ. ނަމަވެސް މި ވަގުތީ ދުނިޔެއަށް ގެއްލި ހަލާކުވެ އެ ކުޑަ ވަގުތުކޮޅުގެ ބޭނުން ހިތުހުރި ގޮތަކަށް އެތައްބަޔަކު އުޅެމުންދެއެވެ.
އަކްރަމް އަދި ސަބާހް އަކީ ގާތް ދެ އެކުވެރިންނެވެ. ސްކޫލް ދައުރުއްސުރެ ވަރަށް ގާތްކޮށް އުޅެމުން އައި ދެމީހުންނެވެ. ސްކޫލް ދައުރުގައި ސަބާހްއަކީ މޮޅެތި ވަނަތައް ހާސިލްކުރަމުން އައި މީހެކެވެ. މީހުންގެ ގަދަރުވެސް ލިބިފައިވާ މީހެކެވެ. ނަމަވެސް އަކްރަމްއަކީ އޭގެ އިދިކޮޅެވެ. ސްކޫލް ދައުރުގައި ކިޔެވުމާ އަޙުލާގްވެސް އެހާ ދަށެވެ. އަކްރަމް ވަނީ ސްކޫލްތެރޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ސްކޫލުން ވަކިކޮށްފައެވެ. ނަމަވެސް އޭނާ އަކީ ސަބާހްގެ ހެޔޮކަމާ ނަސޭހަތް އަބަދުވެސް ލިބެމުން އަންނަ މީހެކެވެ. އޭނާ މިދުނިޔެއިންވެސް އެންމެ އިތުބާރުކޮށް އަޑުއަހަނީ ސަބާހްގެ ވާހަކަތަކެވެ. އަދި އުޅުން އިސްލާހް ކުރެވޭތޯ ވަރަށް މަސައްކަތްވެސް ކުރެއެވެ. ނަމަވެސް އަކްރަމް އަކީ ސްކޫލުން ކަނޑާލީސުރެ ނުފޫޒުގަދަ ގްރޫޕްއެއްގެ މެމްބަރެކެވެ. އެމީހުން އޭނާ ގިނަފަހަރު ހެޔޮމަގަށްދާން މަސައްކަތްކުރާއިރަށް އޭނާއަށް ފުރައްސާރަކޮށް ހަދައެވެ.
އެއްދުވަހެއްގެ ފަތިހެވެ. ނަމާދުކޮށް ނިންމާލައިގެން ސަބާހް މިސްކިތުން ނުކުމެ ސައިބޯން ހޮޓަލަށްވަނެވެ. ސައިބޯން އިށީންދެފައި އޭނާގެ އެކުވެރި އަކްރަމްއަށް ގުޅާލަން ފޯނު ނެގިއެވެ. ކުއްލިއަކަށް އިވުނީ ބާރު އަޑުފައްގަނޑެކެވެ. ސަބާހް ދުވެފައި ބޭރަށް ނުކުތްއިރު ވަނީ ސައިކަލަކާއެކު ޒުވާނަކު ބިންމައްތަށް ޖެހިފައެވެ، އަދި އެ ޒުވާނާއަށް ދެމީހަކު ދަނީ ލަޓިބުރިން ހަމަލާދެމުންނެވެ. ސަބާހްއަކަށް މަންޒަރުބަލާކަށް ނުހުރެވުނެވެ. އައި ބާރުމިނެއްލާފައި އައިސް މަރާމާރީ ހުއްޓުވަން މަސައްކަތް ކުރީ ފިސާރެ ކެރިހުރެއެވެ. ދެ މީހުން ހަމަލާދެމުން ދިޔަ ލައްޓިބުރިތަކުގެ މެދަށްވަދެ ސަބާހްގެ ބުރަކަށިން ވެއްޓިފައިވާ ޒުވާނާ ދިޔައީ ދިފައު ކުރަމުންނެވެ. ހުއްޓާލުމަށް އެދި އާދޭސްވެސް ކުރަމުންނެވެ. ﷲ سُبْحَانَهُ وَ تَعَالَى އަށްޓަކައި ބިރުވެތިވުމަށް ގޮވާލަމުންނެވެ. ސަބާހްގެ އަޑަށް އެތައްބަޔަކު އެހީވާން އަންނަންފެށުމުން މަރާމާރީ ހުއްޓާލުމަށްފަހު ދެމީހުން ދުވެ ފިލާފިއެވެ. އެމީހުން ފިލުމާއެކު ވެއްޓިފައިވާ ޒުވާނާއަށް ރަނގަޅަށް ސަބާހް ނަޒަރު ހިނގާލިއެވެ. އެއީ އޭނާގެ އެކުވެރި އަކްރަމްއެވެ. އެއްވެފައި ތިބި މީހުންގެ އެހީއާއެކު އަކްރަމް ހޮސްޕިޓަލްއަށް ގެންދެވުނެވެ. އަދި ފަރުވާދެވުމަށްފަހު ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުނެވެ. އަކްރަމް ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރަނީ ސަބާހްއެވެ. ކޮންމެ ދުވަހަކު ވަޒީފާ ނިންމަށް ފަހު އަކްރަމްއާއެކު އެތައްވަގުތެއް ހޭދަކުރެއެވެ.
ދުވަސްތައް ފާއިތުވެ އަކްރަމް ހެޔޮހާލަށްއެޅި ހޮސްޕިޓަލްއިން ދޫކޮއްލާ ދުވަސް ޖެހިއްޖެއެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެންނަމުންދަނީ މާޔޫސްކަމެވެ. ސަބަބު އޮޅުންފިލުވާލަން އަކްރަމްއާ ސަބާހް ސުވާލްކޮއްލުމުން އެނގިގެންދިޔައީ އޭނާ ދާނެ ތަނެއް ނެތްކަމެވެ. ސަބާހް އޭނާގެ ރަހްމަތްތެރިޔާ ހާސްނުވުމަށް ބުނެ ދޫކޮއްލި ދުވަހުން ފަށައިގެން ކުއްޔަށް ތަނެއްގައި ބަހައްޓާދިނެވެ. އަދި އަކްރަމްއަށް ސަބާހް އެތައްކަމެއް އުނގަންނާދިނެވެ. ދިރިއުޅުން އެއްކޮއް ބަދަލުކޮއްލިއެވެ. މިހާރު އަކްރަމްއަކީ ކުރީގެ އަކްރަމް އެއްނޫނެވެ. ބުރަކޮށް މަސައްކަތްކޮއް ހަލާލް އާމްދަނީ ހޯދާމީހެކެވެ. މީހުންނަ ހިތްހެޔޮ މީހުން ދަންނަ ގަދަރުކުރާ އުފާވެރި މޫނެކެވެ.
އެއްދުވަހެއްގެ މެންދުރެވެ. ސަބާހްއަށް އަކްރަމް ގުޅާފައި ވަރަށް އަވަހަށް ބައްދަލްކޮއްލަން އެދުނެވެ. ރަހްމަތްތެރިޔާގެ ދައުވަތަށް ސަބާހް އޭނާއާ ބައްދަލްކުރަން ދިޔައެވެ. ހަމަ ދިޔުމާއެކު ފުރުތަމަވެސް ދިއްކޮއްލީ ކަރުދާހެކެވެ. ސަބާހް އެ ކަރުދާސް ރަނގަޅަށް ބަލާލިއެވެ. އުފަލުން ދެލޮލުން ކަރުނަ އޮހޮރުނެވެ. އެއީ އަކްރަމްގެ ހައްޖު ދަތުރުގެ އެއްބަސްވުމެވެ. އޭނާގެ ރަހްމަތްތެރިޔާ ބުރަ މަސައްކަތްކޮއްގެން އެދަނީ ހައްޖަށްށެވެ. ފުރަން އޮތީ ޖެހިގެން އޮތް ދުވަސްކަމުން ބާކީ ކުރަން ހުރި ހުރިހާ ކަމެއްގައި ސަބާހް އަކްރަމްއަށް އެހީވިއެވެ. އަދި ފުރުވަން ދިޔުމަށްފަހު އެކަކު އަނެކަކަށް އަލްވަދާއު ކިޔާ ސަލާމްކޮއް ހެޔޮދުއާ ކުރުމަށްފަހު އަކްރަމް ފުރުވާލާފައި ސަބާހް ގެއަށް އައެވެ. އަކްރަމް ފުރިތާ ދިހަ ދުވަސްފަހެވެ. ނުދަންނަ ނަމްބަރަކުން ފޯނެއް އައުމުން ސަބާހް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. ވާހަކަ ދެއްކީ އަކްރަމްއެއް ނޫނެވެ. ހައްޖު ކޯޕްރޭޝަންގެ މުވައްޒިފެކެވެ. އޭނާ އަކްރަމް ނިޔާވި ޙަބަރު ދިނެވެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ މިއަދު ސަބާހްއާ އޭނާގެ އެކުވެރިޔާ ވަކިވެގެން އެދިޔައީ ވަދާއީ ސަލާމް ކުރުމަށް ފަހު ހެޔޮ ނިމުމަކުންނެވެ.

ޖިންނީންނަކީ އުޅޭ ބައެއްކެވެ. އެކަން ކީރިތި ގުރުއާނުންވެސް ސާބިތުވެއެވެ. އިންސާނުންގެ ލޮލަށް އެބަޔަކު ފޮރުވިފައިވާ ބައިވަރު ސަބަބުތައް ހުރެއެވެ. އެސޮރުމެންގެ ކިބައިން ރައްކާތެރިވާނެ ގޮތްތައްވެސް ވަނީ އިސްލާމްދީންގައި އުގަންނާދީފައެވެ. ނަމަވެސް އެރައްކާތެރިކަން ބޭނުންކުރަނީ މަދު ބައެކެވެ. ޖިންނިއަކަށް އިންސާނެއްގެ ފަރާތުން ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ބަދަލު ހިފަން އަންނަނީ އެންމެ ޖިންނިއެއްނޫނެވެ. މުޅި އާއިލާ އެއްކޮއްށެވެ.
ރަގީބާ ދިޔައީ ހަޅޭއްލަވަމުންނެވެ. އޭނާ ގައިގާ އަޅާވޭނަށް ކެތްނުކުރެވޭތީއެވެ. މުޅި މީހާގެ ހަށިގަނޑު ވަނީ ކަޅު ބޮޑެތި ލައްތަކެއް ލާފައެވެ. އަދި ހަށިގަނޑު އެހާމެ ހޫނެވެ. އޭނާ ބުނާގޮތުންނަމަ ހަށިގަނޑު ހީވަނީ އަލިފާނަށް ލެވިފައިވާހެނެވެ. ނަމަވެސް ރުގްޔާ ކިޔަވަމުން ދިޔަ މީހާ އެންމެ ތަންފުކެއްވެސް ދުލެއް ނުކުރިއެވެ. އޭނާގެ ކިޔެވުން ވަރުގަދަކުރިއެވެ. ރާގީބާއަށް އަވަލައިގެން އުޅޭ ޖިންނި ހާޒިރު ކުރުމަށްށެވެ. ގަޑިއެއްހާއިރު ކިޔަވައިގެން ޖިންނި ހާޒިރުވެއްޖެއެވެ. ރުގުޔާ ކުރާ މީހާ ޖިންނިއާާ ސުވާލުކުރަންފެށިއެވެ.
ރުގްޔާކުރާމީހާ އެންމެ ފުރުތަމަވެސް އެ ޖިންނިގެ ނަން އެހިއެވެ. ” ކަލޭތީ ކާކު؟ ”
” އަހަރެންނަށް ކިޔަނީ އަބިޔަލް ” ނުބައި ބަރު އަޑަކުން ހީގަނެފައި އެ ޖިންނި ޖަވާބުދިނެވެ.
ރުގްޔާކުރާމީހާ ދެވަނަ ސުވާލައިގެން ކުރިޔަށް ދިޔައެވެ ” ކަލޭ މީނާގެ ހަށިގަނޑަށްވަދެ އަވަލައިގެން ތިޔައުޅެނީ ކީއްވެ؟ ”
” އަހަރެން އޭނާދެކެ ލޯބިވާތީ ” ރަގީބާގެ ދެލޯ ބޮޑުކޮއްލައިގެން ދެކަންފަތާ ހަމައަށް މިޔަކަނުދަމާލާފައިވާ ހިނިތުންވުމަކައިގެން ރަގީބާގެ ހަށިގަނޑުން އެ ޖިންނި ޖަވާބުދިނެވެ.
” ކަލޭގެ އަސްލު ބޭނުމަކީކޮބާ؟ “ރުގްޔާކުރާ މީހާ އެ ޖިންނިއާ ތިންވަނަ ސުވާލުކޮއްލިއެވެ.
” އަހަރެން ބޭނުންވަނީ މީނާ މަރާލަން ” ރުޅިއައިސްފައިވާ ރާގަކަށް އެޖިންނި ޖަވާބުދިނެވެ.
ރުގްޔާކުރާމީ އިތުރު ސުވާލަކަށް ދިޔުމުގެކުރިން ރަގީބާ ހޭނެތިއްޖެއެވެ. ހޭނެތުމާއެކު އެރެޔަށް ހުއްޓާލުމަށްފަހު ރުގްޔާކުރާ މީހާ ގެއަށް ދިޔައެވެ. ފެންވަރާލައިގެން އެމީހާ ނިދަން އޮށޯންނަންދިޔައިރު އެނދުމަތީ ކަޅު ހިޔަންޏެއް އިނެވެ. އެ މީހާ ޖެހިލުން ނުވެ ގޮނޑިއެއް ހިފައިގެން އައިސް އެނދުކައިރީ ބެހެއްޓުމަށްފަހު އިށީނެވެ. އަދި އެ ހިޔަންޏާ ސުވާލުކުރިއެވެ.
” ކަލޭތީ ކާކު؟ ކީއްކުރަން އަހަރެންގެ އެނދުމައްޗަށްއަރާ ތިޔައިނީ؟ ”
” އަހަރެންނަކީ ކަލޭ ރުގްޔާ ކިޔަވައިގެން ހާޒިރުކުރި ޖިންނި. އަހަރެން މިއައީ ކަލެއަށް ހުރިހައި އެއްޗެއް ކިޔައިދޭން. އަހަރެންނަށް ކަލޭ ރުގްޔާ ކިޔެވުމުން ވަރަށް ގެއްލުންވެއްޖެ. އިތުރަށް އަނިޔާ ލިބޭކަށް ބޭނުމެއްނޫން ” އެ ހިޔަނި ކުޑަކުއްޖެއްގެ އަޑުން ޖަވާބުދިނެވެ.
” މައްސަލައެއްނެތް ކުރިޔަށްގެންދޭ އަހަރެން މި އިނީ އަޑުއަހަން ” ހަމަޖެހިލާފައި ރުގްޔާކުރާ މީހާ ބުނެލިއެވެ.
” އެ އަންހެނާ އުޅެމުން އައި ގެއަކީ ވަރަށް ރަނގަޅު މީހުން ދިރިއުޅޭ ގެއެއް. ކުޑަކުދިންވެސް އިރުއޮއްސެންވާ އިރަށް ގެއަށްވެސް ވައްދާނެ. އެކަމު ފަހަކަށް އައިސް އަހަރެންނަށް އެގެއަށް ސަމާލުކަންދެވި ޝައުގުވެރިވާންފެށުނީ މިބުނާ އަންހެނާގެ އުޅުން ބަދަލްވުމުން. ހަމަ އެކަނި އެ އަންހެނާއެއްނޫން އެގޭ އެތައް ބަޔަކު ގޯސްކޮއް އުޅެންފެށީ. ފުރުތަމަ އިވެންފެށީ ޗާލު މިއުޒިކް އަދި ހިންދީ ޑްރާމާ ތަކުގެ އަޑުތައް ބުދަށް އަޅުކަންކުރާތަން ބަލަން އަހަރެން ފޯރީގައި އެމީހުންގެ ފަހަތުގައި ހުންނަން އެއީ އަހަރެން އަޅުކަން ކުރާގަޑި. އެއަށް ފަހު މިބުނާ އަންހެނާ ބަންގިގޮވާ ގަޑިއެއް ނުބަލާނެ ހަމަ ނަޝާ އަހަރެންނަށް ކަމުދާ އެތައް ވައްތަރެއް އޭނާ ޖައްސާ އޭނާ ކޮޓަރި ތަޅުލައިގެންހުރެ. ދެން ހުރީ އޭނާގެ ބޭބެ އެއީ މަސްތުވާތްކެއްޗަށް ދެވި ހިފައިފާ ހުންނަ މީހެއް. އޭނާގެ ކޮޓަރީގައި އަހަރެން އަޅުކަންކުރާނެ ބައިވަރު ސާމާނު ހުރޭ. މިހާރުވެސް އަހާބަލަ ކުރިމަތީ ހުންނަ ގޭ ފަސްވަނަ ފްލޯގައި އުޅޭ އަކްރަމް ކިޔާ މީހެއްކައިރި އޭނާ އަހަރެން އެ ކޮޓަރި ދޮރުމައްޗަށް ގުދުވާތަން ނުދެކޭތޯ. އަހަރެން ހުރި ސިފަ އޭނާއަށް ފެނުނީ ކިހިނެއްތޯ އަހާބަލަ ގޮސް. އަހަރެން އެމީހުންނަށް ވަރަށް ޖެއްސުން ކުރަން ގޭގެ ތަންތަން ގުޑުވާ އެއްޗެހިވެސް އުކަން. އަހަރެން އެ އަންހެނާއަށް އަވަލާން ދިމާވީ އޭނާ އަހަރެންގެ އާއިލާ މީހަކު މަރާލުމުން. އަހަރެންގެ އާއިލާ މީހާ އިނީ ކުރަތްޕެއްގެ ސިފައިގައި ކަބަޑެއް މަތީ. އެއީ އެމީހުންނަށް އުދަނގޫވާނެ ދިމާލެއްވެސް ނޫން ނަމަވެސް މިބުނާ އަންހެނާ އެއްވެސް ރަހުމެތްނެތި އޭނާ ޗިސް ޗިސް ކޮއްލީ އެއްޗަކުން ޖަހާ. އެހިސާބުން އަހަރެން ގާތަށް ރުޅިއައީ. އަހަރެން އޭނާ މަރާލަން ގަސްތުކޮއްގެން އޭނާ ގައިތެރެއަށްވަދު މިއުޅެނީ. ނަމަވެސް މިއަދު ކަލޭ އަހަރެންގެ މައްޗަށް ކުރި ހޯދައިފި. މިވަގުތަށް އަހަރެން މިހުރީ އޭނާއާ ދުރުވެފަ ނަމަވެސް ހަނދާންކުރާތި އޭނާއާ އޭނާގެ އާއިލާ އެ ދިރިއުޅުން ދޫނުކޮއްފިނަމަ އަހަރެންގެ ބާރު ގަދަވާނެ. ދެން އަންނާނީ އަހަރެން އެކަންޏެއްނޫން މުޅި އާއިލާ ”
މިހެން ބުނުމަށްފަހު އެ ހިޔަނި ގެއްލިއްޖެއެވެ. ރުގްޔާކުރާ މީހާ ލަހެއް ފަހެއް ނުކޮއް ރަގީބާ މެންގެއަށްގޮސް ހުރިހައިއެއްޗެއް ކިޔައިދިނެވެ. އަދި އެމީހުން ކުރިމައްޗަށް ޖިންނި ބުނި މީހާ ހާޒުރިކޮއް ކޮންހެނެއް ހުރި މަޙްލޫގެއްތޯ ފެނުނީ ރުގްޔާކުރާ މީހާ ސުވާލު ކުރިޔެވެ. އެ ސުވާލަށް އޭނާ ތުރުތުރުއަޅާ ހާލު ޖަވާބު ދިނެވެ.
” އަހަރެންނަށް ފެނުނީ މިގޭ ކޮޓަރިއެއްގެ ކުރިމައްޗަށް ވަރުގަދަ ކަޅު ހިޔަންޏެއް ގުދުވެ ގުދުވެފައި ތެދުވާތަން. އޭގެ ބޮލުގައި ދިގު ދެ ދަޅުވެސް އިން. ”
– ނިމުނީ –

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...