ލޯގަނޑުން ފަރިބެލުމަކީ ކޮންމެ ޒުވާން ކުއްޖަކުވެސް މިޒަމާނުގައި ކުރަން ވަރު ހުންނަ ކަމެކެވެ. ބައެއްފަހަރު އެތައް އިރެއް ލޯގަނޑުކައިރީ ހޭދަކުރެއެވެ. އަދި އެތައް ފަރި ހަރަކާތްތަކެއް ލޯގަނޑުކުރިމަތީހުރެ ޖައްސާ ނިންމާލައެވެ. ނަމަވެސް އެއީ ކުރަން ހެޔޮވާވަރުކަމެއް ނޫންކަން ސާމިރާއަށްވަނީ މިއަދު އެނގިފައެވެ. މިއަދު ސާމިރާ ނުކުޅެދޭ މީހަކަށްވީވެސް އޭނާއަށް ލޯގަނޑު ކުރިމަތީހުރެ ކުރެވުނު ކުއްތަކުންނެވެ.
ސާމިރާއަކީ ރީތިކުއްޖެކެވެ. ފައިސާހުރި ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. އެތައް ފިރިހެނުންނެއްގެ ހިތް ފަތަހަ ކުރަމުން އަންނަ އަންހެނެކެވެ. އެހާމެ ފެޝަންނަށްވެސް ލޯބިކުރާ ކުއްޖެކެވެ. ރީތިވާންވެއްޖެ ނަމަ މަދުވެގެން ދޮޅުގަޑިއިރުނަގައެވެ. ސާމިރާ އެންމެ ލޯބިކުރާއެއްކަމަކީ އޭނާގެ ރީތިކަން ބެލުމަށް ލޯގަނޑު ކުރިމަތީ ހޭދަކުރުމެވެ. އޭނާގެ ދިގު އިސްތަށިގަނޑު ނަގައިގެންއިނދެ ފަޙުރުވެރިކަމާއެކު ލޯގަނޑަށް ބަލަހައްޓާންހުރެ އެކި ގޮތްގޮތަށް ހޫރުވައެވެ. ބައެއްފަހަރު ހެއްދެވިގޮތަށް ހުރެ އޭނާގެ ހަށިގަނޑަށް ފަޙުރުވެރިކަމާއެކު އެތައްއިރެއް ވަންދެން ލޯގަނޑު ކުރިމަތީހުރެ ބަލައެވެ.
އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް ސާމިރާ ދިޔައީ ލޯގަނޑު ކުރިމަތީ ފަރިބަލަމުންނެވެ. ސާމިރާގެ މަންމަ އައިސް ދޮރުގައި ޓަކިދީފައި ގަޑިޖެހެނީކަމަށް ބުނިއެވެ. ޖަވާބުގައި މިދަނީ ކަމަށް ބުނެ ސާމިރާ ފުންނޭވައެއްލުމަށްފަހު ދަބަސްނަގާ ކޮނޑުގައި އެޅުވުމަށްފަހު ލޯގަނޑަށް ފުރަގަސްދީ ހިނގާގަތްތަނުން ސާމިރާގެ ލޮލުގައި އަޅާގަތީ ލޯގަނޑުގައި ހުރި އޭނާގެ ސޫރަ ނުވެސްގުޑާލާ ހުރިތަނެވެ. މިކަމާ ހައިރާންވެ ލޯގަނޑާ ދިމާލަށް އެނބުރިލާފައި ކައިރިވެލިއެވެ. އަދި އަތް މައްޗަށް ހިއްލާލިއެވެ. ނަމަވެސް ހަމަ ލޯގަނޑުގައި ހުރި އޭނާގެ ސޫރަ އެއްވެސް ހަރަކާތެއްނުކޮއް ހުއްޓެވެ. މިކަމާ ސާމިރާ ވަރަށް ބިރުން ދުވެފައި ކޮޓަރިން ނުކުތެވެ. ހަޅޭއް ފަޅޭއްޖަހަމުން ނުކުތްގަޑީ ސިޑިންވެސް ވެއްޓީއްޖެއެވެ. ސާމިރާ ހަޅޭކުގެ އަޑަށް މަންމަ ދުވެފައި އައެވެ. އަދި ވެގެން އުޅޭގޮތް އެހުމުން ސާމިރާ ތުރުތުރުއަޅާ ހާލު ވީކަންތައް ކިޔާދިނެވެ.
އެދުވަހު ކަންތައް ހިނގިގޮތުން ސާމިރާ އެކޮޓަރިއަށް ނުވަންނަތާ އެއްމަސްދުވަސްވީއެވެ. ނަމަވެސް ބޮޑާކަމާ ފަޙުރުވެރިކަމާހެދި އެކަން ގިނަދުވަހެއްނެތި ހަނދާނުން ފިލާފިއެވެ. އަލުން އަންބުރާ ސާމިރާ އޭނާގެ ކޮޓަރިއަށްވަނެވެ. ވަދެ އިހެކޭވެސް އެއްގޮތަށް އޭނާގެ ކަންތައްތައް ކުރިއަށް ގެންދިޔައެވެ. ކޮޓަރިއަށް ބަދަލުވުމަށްފަހު ގިނަދުވަހެއްނުވެ ސާމިރާ މީހަކާވެސް ރައްޓެހިވެއްޖެއެވެ. އަދި އެމީހާ ގެއަށް ގެނެސް އޭނާގެ ކޮޓަރިއަށްވައްދައިގެން އެތައް ފާހިޝް އަމަލެއް ހިނގިއެވެ. ސާމިރާ ގިނައިން އެނުބައި އަމަލްތަށް ހިންގަމުން ދަނީވެސް އެމީހާއާއެކު އޭނާ ފަރިބަލާ ލޯގަނޑަށް ދެމީހުން ބަލަހައްޓާންތިބެއެވެ.
އެއްރެއެއްގެ ދަންވަރެވެ. ސާމިރާ އޭނާ ރައްޓެހިވެގެން އުޅޭ ފިރިހެންމީހާއާއެކު ފާހިޝް އަމަލްތައް ހިންގާ ނިންމާލުމަށްފަހު އެމީހާ ފޮނުވާލާފައި ސާމިރާ ފެންވަރައިގެން ނުކުމެ ލޯގަނޑު ކުރިމައްޗައް ހުއްޓުނެވެ. އަދި އިރުގަނޑެއްވަންދެން ބަލަހައްޓާން ހުއްޓެވެ. ސާމިރާއަށް ފާހަގަވީ ލޯގަނޑުގައިހުރި އޭނާގެ ސޫރާގެ ހިނިތުންވުން އާދަޔާ ޙިލާފުކަމެވެ. ސާމިރާގެ ސޫރަ ހިނިތުންވެފައިހުރިއިރު ދެ މިޔަކަނު ގޮސް ލޮލާހަމައަށް އަރައެވެ. މީ ގޯހެއްކަން ސާމިރާއަށް އެނގި ފަހަތައް ފިޔަވަޅު އަޅަން މަސައްކަތްކުރިއެވެ. ނަމަވެސް ހުރިތަނުން ހަމަ ގުޑާވެސްނުލެވުނެވެ. ލޯގަނޑުގައި ހުރި ސާމިރާގެ ސޫރަ ސާމިރާ ދިމާލަށް އަތްދިއްކޮއްލިއެވެ. އަދި އެ އަތް ދިގުވަމުން އައިސް ސާމިރާ ކަރުގައި ހިފިއެވެ. އެއަށްފަހު ސާމިރާގެ ސޫރަ ލޯގަނޑުން ނުކުމެގެން އައިސް ސާމިރާ ކުރިމައްޗަށް ހުއްޓުނެވެ. އަދި ބަރު ބިރުވެރި އަޑަކުން ބުނެލިއެވެ. ” ކަލޭ ކުރާ ހުރިހާ ކަމެއް އަހަރެން އައީ ގާތުން ބަލަމުން. ކަލޭ ތީ އިންސާނެއްކަމަކު އެއްވެސް އަގެއްނެތް މީހެއް. ފުރުތަމަ އަހަރެން ދިން އިންޒާރުވެސް ކަލޭ ހަނދާން ނައްޓާލީ ނުލާހިކު އަވަހަށް. މިރޭ އަހަރެން ކަލެއަށް ހަދާނީ ބޭނުންގޮތެއް. ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް އެކަކަށްވެސް އަޑެއް ނުއިވޭނެ. ” މިހެން ބުނުމަށްފަހު ސާމިރާގެ ސޫރަ އޭގެ އަސްލި ސިފައަށް ބަދަލުވެގަތެވެ. މިހާރު ސާމިރާ ކުރިމަތީހުރީ ދިގު ކަޅު ރަތްދެލޯ ލިބިފައިވާ ކުނިވަސްދުވާ މަޙްލޫގެކެވެ. އެމަޙްލޫގު ސާމިރާގެ ދެފައި ފަލަމަސްގަނޑަށް އޭނާގެ ތޫނު ވަކިތައް ވައްދާލިއެވެ. އަދި ފައިގެ ނާރުތައް ބުރިކޮއްލިއެވެ އަދި ނުވީތާކަށް ކަރުގައި ދަތްއަޅާ ލޭބޮއެ މީހާ އަނަރޫފަކޮއްލިއެވެ. އެއަށްފަހު ސާމިރާ ނަގާ ކޮޓަރީގެ ކަނަށް ހޫރުވާލުމަށްފަހު އެމަޙުލޫގު ގެއްލުނެވެ.
ސާމިރާގެ ވޭނީ ހަޅޭކުގެއަޑަށް އޭނާގެ މައިންބަފައިން ކޮޓަރިއަށް ދުވެފައި އައިސް ވަނެވެ. ދަރިފުޅުއޮތް ހާލު ފެނިފައި ދެމަފިރިން ރޯންފެށިއެވެ. އަދި އަވަހަށް ނަގައިގަނެގެން ހޮސްޕިޓަލްއަށް ގެންދިޔައެވެ. ނަމަވެސް އެދެމަފިރިންނަށް ލިބުނީ އިތުރު ހިތާމައެކެވެ. ސާމިރާއަށް ދުވަހަކުވެސް ނުހިނގޭނެކަމެވެ.
މިއަދު ސާމިރާ އެކަމާ ވަރަށް ހިތާމަކުރެއެވެ. އޭނާއަށް އުޅެވުނު ގޮތްތަކާމެދު އޭނާ ހިތާމަށްކޮއް ރޮއެހަދައެވެ. ﷲ سُبْحَانَهُ وَ تَعَالَى ނަހީކުރެއްވި އެތައް ފާފައެއް ކުރުމުން އެކަމުގެ އަޒާބު މިއަދު އޭނާއަށް ލިބިއްޖެކަން އޭނާ ގަބޫލްކުރިއެވެ.
– ނިމުނީ –
No comments:
Post a Comment