އިންސާނުންނަށް ޖިންނީން ފޮރުވިފައިވާ ބައިވަރު ސަބަބުތައް ހުރެއެވެ. އެސޮރުމެންނަށް އިންސާނެއްގެ ފަރާތުން ގޯނާއެއް ވެއްޖެނަމަ އެމީހަކު ހަމަ ހިލާ ދޫނުކުރާނެކަން ކަށަވަރެވެ. އެސޮރުމެންގެ ފަރާތުން އަޅުގަނޑުމެން ރައްކާތެރިކަން ހޯދޭނެ މަގުތައްވަނީ އިސްލާމްދީންގައި އުނގަންނާދެވިފައެވެ.
ރާއްޖޭގެ މަޝްހޫރު ރިސޯޓެއް ހުޅުވުމުގެ މަސައްކަތް އަހަރެންގެ ކުންފުންޏަށް ލިބުނެވެ. މަސައްކަތް ފެށުމަށްޓަކައި ބިދޭސީން ގެންނަންފެށީމެވެ. ގެންނަ ކޮންމެ ބިދޭސީއަކު ލަހެއް ފަހެއްނުކޮއް ވީ އެންމެ އަވަހަކާ ރިސޯޓަށް ފޮނުވާލަމެވެ. މި ގޮތުން އައި އެންމެ ފަހު ބިދޭސީ މީހާއާއެކު އަހަރެންވެސް ރިސޯޓަށް ފުރާފީމެވެ. ބައެއް ބިދޭސީންނަކީ ފަރުވާ ކުޑަ ބަޔަކަށް ވާތީ އަހަރެން އެމީހުންގެ މަސައްކަތްތައް ގެންދަންވާ ގޮތް ކިޔާދޭން އިރު އެރީސުރެ އިރު އޮއްސެންދެން ހުންނަމެވެ. ބިދޭސީންގެ ކައްކާއަކަށް ހުންނަ ބާބޫ އަކީ އަހަރެން އެންމެ އިތުބާރު ކުރާ އެކަކެވެ. އެހެން ބިދޭސީންނާ ޙިލާފަށް އަބަދުވެސް އަހަރެން ކައިރިން ހުއްދަ ހޯދައިގެން ނޫނީ އެއްވެސް ތާކަށް ނުދާނެއެވެ. ބާބޫ އަކީ ވަރަށް ބޮޑު ނިކަމެއްޗެކަމުން އަހަރެން ފަރާތުން އަބަދުވެސް އޭނާގެ އާއިލާއަށް ކަމެއް ދިމާވެއްޖެނަމަ އެހީތެރިވަމެވެ.
މަސައްކަތު ބިދޭސީއެއް ކަމަށްވާ ޝުމޮން އަކީ ފިސާރި ކަންތައްބޮޑުކުރާ ސޮރެކެވެ. މިއަދުވެސް މީނާގެ އުނދަގޫ އަހަރެންނަށް ޖެހުނެވެ. ބުނާ އެއްގޮތެއްވެސް ނުހަދައެވެ. މަސައްކަތުގައި އެހާ ފަރުވާކުޑައެވެ. އޭނާގެ އުނދަގޫ ބޮޑުވެގެން އެތައް ބިދޭސީންނެއްގެ ޝަކުވާއާއެކު އޭނާ ފޮނުވާލަން އަހަރެން ވަނީ ނިންމާފައެވެ. އިރުއޮއްސި މަސައްކަތް ނިމުމުން އަހަރެން ޝުމޮންއަށް ގުޅާފައި އަހަރެން ކައިރިއަށް އަންނަން ބުނީމެވެ. އޭނާ އައީ ރުޅި މޫނު ހަދާފައެވެ. އައިސް އަހަރެން ކުރިމަތީ އެތައް ޒުވާބެއްކޮއް ގަޔަށް ބޮލަށް އަރާ ހިސާބަށް ދިޔުމުން ބާކީ ތިބި ބިދޭސީން އައިސް އޭނާ ދުރަށް ގެންދިޔައެވެ. އަދި ޝުމޮން ފޮނުވާލުމަށް ފަހު އެންމެން ކާން ދިޔައެވެ. ކައި ނިމުން އިރުވެސް ޝުމޮން ނާންނާތީ އޭނާ ހޯދަން ދިޔުމަށް އަހަރެން ދެ ބިދޭސީން ފޮނުވީމެވެ. ފޮނުވިތާ ގިނައިރެއް ނުވަނީސް އަހަރެންނަށް ފޯނުކޯލްއެއް އައެވެ. ފޯނުކުރީ ޝުމޮން ހޯދަން ފޮނުވި ބިދޭސީއެއްކަމަށްވާ ރާޖާއެވެ. އޭނާ އަހަރެން ގާތުގައި ވަރަށް އަވަހަށް އޭނާ ހުރި ތަނަށް އައިސް ދިނުމަށް އެދުނެވެ. އަހަރެން ދިޔައިރު ޝުމޮން އޮތީ ބިންމަތީގައެވެ. އޭނާއަށް ވެފައިވަނީ ކީއްތޯ ބަލަން ރިސޯޓް ކްލިނިކްގެ ޑޮކްޓަރު ގެނެއިމެވެ. ޑޮކްޓަރު ބަލާފައި އަހަރެންކައިރީ ބުނީ އެއްވެސް ކަމެއް ނުވާކަމަށްށާ ހަމަ ހޭނެތިފަވާ ކަމަށްށެވެ. އަހަރެންގެ އަމުރަށް ރާޖާ ޝުމޮން ގެންގޮސް އެމީހުން ނިދާ ކޮޓަރީގައި ބޭއްވިއެވެ. އަދި އެންމެން ނިދާ ގަޑި ޖެހުމުން ނިދަން ދިޔައީމެވެ.
ގަޑިން މެންދަމު ދޭއް ޖެހީއެވެ. އަހަރެން ނިދާފައި އޮއްވާ ފޯން ރިންގްވާން ފެށުމުން އަހަރެންނަށް ހޭލެވުނެވެ. ފޯން ނަގެތަނުން ސިއްރުން ވާހަކަ ދެއްކީ ރާޖާއެވެ. ” ބޮސް…. މިރޫމް އަންހެން މީހާ ހުންނަނީ….. ބޮސް އޭނާ ހުންނަނީ ޝުމޮން ބެޑް ކައިރީ….. ބޮސް އަވަސް އާދޭ ” ރާޖާ ބުނި ވާހަކައިން އަހަރެން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ސަބަބަކީ އެރަށުގައި އެއްވެސް އަންހެނެއް ނޫޅޭތީއެވެ. ނަމަވެސް ކަމުގެ ހަގީގަތް ބަލާލުމަށް އަހަރެން ރާޖާމެން ނިދާ ކޮޓަރިއަށް ގޮސް ދޮރު ހުޅުވާލީމެވެ. ހުޅުވާލިއިރު ޝުމޮންގެ އެނދުކައިރީ އެކަކުވެސް ނެތުމުން އެއީ އެމީހުން ޖެހި ސަކަރާތެއް ކަމަށް ހިތާ އަހަރެން އެމީހުންނާ ދިމާލަށް ބަވާލުމަށްފަހު ގޮސް އަހަރެންގެ ކޮޓަރިއަށް ވަދެ ނިދީމެވެ.
ޖެހިގެން އައި ރޭވެސް ހަމަ ކަންތައް ހިނގީ އެހެންނެވެ. ހަމަ ދޭއް ޖެހިތަނާހެން ރާޖާ އަހަރެންނަށް ގުޅާ އެއްކަލަ އަންހެން މީހާ ހުރި ވާހަކަ ބުނިއެވެ. މިފަހަރެވެސް އަހަރެން ދިޔައިރު އެބުނާ އަންހެން މީހާ ނެތުމުން އަހަރެން ވަރަށް ރުޅިގަދަވިއެވެ. އަދި ރާޖާ ކައިރީ މާދަންރޭ އަހަރެންނާ ބާބޫ އާ ޝުމޮން އެ ކޮޓަރީގައި ނިދާނެ ވާހަކަ ބުނީމެވެ. އެނެއް ދުވަހުގެ އިރު އެރުމާއެކު ޝުމޮންއާ އަހަރެން ސުވާލު ކޮއްލީމެވެ. ނަމަވެސް ޝުމޮންއަށްވެސް މި ބުނާ އަންހެނެއް ނުފެންނަށް ވާހަކަ ބުނެއެވެ. ދަންވުމުގެ ކުރިން ޝުމޮންއަކީ ނިދާ މީހެއްކަމަށް ބުނިއެވެ. އޭނާ އަކީ ލޭމައްޗަށް ދާ މީހަކަށް ވާތީ އެހެން ބިދޭސީން ގޮތަށް ގިނައިރު ހޭލާވެސް ނޫޅޭކަމަށް ބުނިއެވެ.
ކޮންމެއަކަސް ދުވަހުގެ މަސައްކަތް ނިމި އެންމެން ކައިގެން ނިދަން ވަނެވެ. އަހަރެންނާ ބާބޫ މިރޭ ނިދީ ރާޖާއާ ޝުމޮން ނިދާ ކޮޓާރީގައި ޝުމޮންވެސް ގޮވައިގެނެވެ. ޝުމޮން އެނދުގައި ޖެހުމާއެކު ގިނައިރެއް ނުވެ ނިދާ ގުގުރި ދަމަން ފަށައިފިއެވެ. ގުގުރި ދަމާވަރުން އަހަރެންނަށް ނުނިދި އުޅެނިކޮއް މެންދަމު ދޭ ޖެހާފިއެވެ. ދޭއް ޖެހިތަނާހެން އަހަރެން ތާއްޔާ ޖެހެން ފަށައިފިއެވެ. ނަމަވެސް ނިދި ނަގާލީ އަހަރެންގެ ލޮލުގައި އަޅާގަތް އެއްޗަކުންނެވެ. ޝުމޮންގެ އެނދު ކައިރީ ރަތް ލިބާޙެއްފަދަ ހެދުމެއްގައި އިސްތަށިގަނޑު ދިގު އަނހެނެއް ފުރަގަހަށް އެނބުރިގެން ހުއްޓެވެ. އަދި އަތުން ޝުމޮންގެ ކަރަށް އިޝާރާތް ކޮއްލިތަނާހެން ޝުމޮންގެ އަނގައިން ފޮނު ފައިބަން ފަށައިފިއެވެ. އަހަރެން ގަތް ބިރުން ބާބޫ ގައިގާ ކޮއްޓާލީމެވެ. ބާބޫއަށް ހޭލެވުނުތަނުން އަހަރެން އިނގިލިން އިޝާރާތްކޮއް ބާބޫއަށް މަންޒަރު ދެއްކީމެވެ. ބާބޫ ތެދުވެ ކިޔުނު ހެޔޮ އެއްޗެއް ކިޔަން ފެށުމުން ދުމެއް ޖެހިހެން އެ އަންހެން މީހާ ފިލާފިއެވެ.
ޝުމޮންއަށް ދިމާވި ކަންތަކާހުރެ ރުގްޔާ ކިޔަވާ މީހަކު އަހަރެން ގެނެއިމެވެ. އޭނާ ޝުމޮންއަށް ރުގްޔާ ކިޔެވުމަށްފަހު ޖިންނި ހާޒިރުކޮއް މައްސަލަ ބެލިއެވެ. ބެލި ބެލުމުން މި އެނގުނީ ޝުމޮން އޭނާ ގަޔަށް ކުޑަކަމު ދިޔަ ކަމެވެ. އެއީވެސް އޭނާގެ ގޭގައި އިންދާ ކަމެވެ. އޭނާގެ ގެއަކީ ކޮބާތޯ އެހުމުން ޖަވަބުގައި ރަށުގެ ދެކުނުގައި ހުރި މަގޫފަތް ތަކުތެރޭގައި ހުރި މަހާނައެއްގެ ވާހަކަ ބުނިއެވެ. އެއީ އެރަށު އިހުޒަމާނެއްގައި އުޅުނު އެންމެ ރީތި ކަމަނަ ރެހެންދި ކިޔާ އަންހެނެއް ގެ މަހާނަ ކަމަށްވެސް އެ ޖިންނި ބުނިއެވެ. ޝުމޮންއަށް އުނދަގޫ ކުރުން ހުއްޓާލާނީވެސް އެންމެން ރަށުން ފޭބީމަކަން އެ ޖިންނި ބުނިއެވެ. އަދި އެރަށުގައި ތިބޭނަމަ އިތުރަށް އުނދަގޫތައް ބޮޑުވާނެކަމަށް ބުނިއެވެ.
ރުގްޔާ ކުރާ މީހާ އަހަރެމެން އެރިސޯޓުން އިހަށް ފޭބުމަށް އެންގިއެވެ. ނަމަވެސް ލިބެން އޮތް އާމްދަނީ އާ ނިންމަން އޮތް ވަގުތު ކުޑަތަން ވެފައިވާތީ ގަދަހަދާފައި އެރަށުގައި އަހަރެމެން މަޑު ކުރީމެވެ. އަދި ނުވިތާކަށް އެ ބުނި މަގޫ ގަސްތައް ހާވަ ބެލީމެވެ. ބެލިއިރުގައި ރީތި ހުދު މަހާނަ ޒުޔާރަތެއް އިނެވެ. އޭގައި އެއްވެސް ކޫރުމެއް އަދި ހަލާކުވުމެއްވެސް ނެތެވެ. ހަމަ ހީވެނީ އިހައްދުވަހު ޖެހި މަހާނައެއްހެނެވެ. ކޮންމެޔަކަސް ކޮންމެ ރެޔަކުވެސް އަހަރެމެންނަށް ކަމަނަ ފެނެއެވެ. ފެންނަނީ އެކި ރޭ އެކި މީހުންނަށްށެވެ. ގިނަ ފަހަރު ނިދާފައި ތިބޭއިރު އައިސް ކައިރީގައި އިށީނދެ ކޯމަތީތަޅާ ފަޔަށްވެސް ދަމައެވެ. އަދި މަސައްކަތު ގަޑީ އެކި ސާމާނުވެސް ގެއްލެއެވެ. އަދި ބައެއްފަހަރު ލަކުޑިބުރި އެއްޗެހިވެސް ވައިތެރޭ އުދުހިފައި އައިސް މަސައްކަތްކުރާ މީހުންގެ ގައިގާ ޖެހެއެވެ. ކަންތައްތައް މާ މައްޗަށް ދިޔުމުން އިތުރަށް ގޯސްވެދާނެތީ އަހަރެމެން އެންމެން އެރިސޯޓުގެ މަސައްކަތް އަހަރު ދުވަހަށް ހުއްޓާލަން މަޖްބޫރުވިއެވެ.
– ނިމުނީ –
( ނޯޓް : މީ ހަގީގީ ހާދިސާއަކަށް ބިނާކޮއް ލިޔެވިފައިވާ ވާހަކައެކެވެ. )
No comments:
Post a Comment