Saturday, February 8, 2020



އޭ އިންސާނާއެވެ. ދުނިޔެއަށް ގެއްލި ތިޔަދަނީ ކީއްވެގެންހެއްޔެވެ؟ މިއީ ވަގުތީތަނެކެވެ. ކުރުމުއްދަތެއްގެ އުމުރަކާގެން މި ފަނާވަނިވި ދުނިޔެއަށް ތިބާ ފޮނުއްވުނީ ސަކަރާތްޖަހާކަށްނޫނެވެ.
ފަތިސްނަމާދަށް އެލާމް ޖެއްސުމަށްފަހު މުހީން ނިދަން އޮށޯތެވެ. ފަތިސްނަމާދަށް ތެދުވުމުގެ އުންމީދުގައެވެ. އިހު ސުންނަތް އަތުލުމުގެ އުންމީދުގައެވެ. މުހީންގެ އެންމެ ބޮޑު ބިރަކީ ނުހޭލެވިދާނެތީއެވެ. ނަމަވެސް އަޒުމް އަބަދުވެސް ވަރުގަދަކުރެއެވެ. ޝަހާދަތް ކިޔާލާން ނިދާލި މުހީންއަށް ހޭލެވުނީ ތިންގަޑި ބާގައެެވެ. ލިބުނު ފުރުސަތުން ދަމުނަމާދުވެސްކޮށްލިއެވެ. އަދި ޙަތިމް ހިފައިގެން ފަތިސް ނަމާދަށް ގޮވަންދެން ގުރުއާން ކިޔަވާލަން އިނުމަށްފަހު ބަންގިގޮވަން ފަސްމިނެޓަށްވުމުން ފެންވަރާ ނަލަ ހެދިލާން މިސްކިތައް ގޮސް އޭނާގެ މަގްސަދު ހާސިލްކުރިއެވެ.
ފަތިސްނަމާދުން ފާބާގެން އަންނަނިކޮށް އެކުވެރި އަމީރުއާ ދިމާވިއެވެ. އަމީރުއަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ގިނަވަގުތު އެކުވެރިންނާއެކު ބޭރުގަ ހޭދަކުރެއެވެ. ގެޔަށް ނިދަންވަންނަނީ އިރުއެރުމުންނެވެ. މުހީން ފެނުމުން އަމީރު ހިނިތުންވެލިއެވެ.
އަމީރު : އަހަ މުހީން ކޮބާ ކިހިނެއް ހާލު؟
މުހީން : ٱلْـحَـمْـدُ للهِ‎ ވަރަށް ރަނގަޅު. ކީއްކޮށްލަނީ މިތާ
އަމީރު : ސީމާ ބަލާ އައިސް
މުހީން : ސީމާ؟
އަމީރު : އާނ މިހާރު މަ ގެންގުޅޭ ޗިކު
މުހީން : (ހިނިގަނޑެއްޖަހާލާފަ) އަބަދުވެސް ހާލަތު
އަމީރު : ދޯ
މުހީން : ކިހިނެއް މަންމައާ ބައްޕަމެން؟
އަމީރު : ވަރަށް ރަނގަޅު
މުޙީން : (ސިމާ އަންނަތަން ފެނިގެން) އެޔޮށް އަންނަނީ ކަލޭ ޗިކް މަ ގޮސްލީދެން
އަމީރު : (ސީމާ އައިސް ސައިކަލަށް އެރުމުން) ސީމާ މިއީ މުހީން އެނގޭ
ސީމާ : އާނ އޯކޭ ދެން ހިނގާ އަވަހަށް ދާން
އަމީރު : (ރުޅި އައިސްފަ) އޭތް…. މަ މި ތައާރަފްކޮށްދިނީ މަގޭ ރަހްމަތްތެރިޔެއް ކަލެޔަށް މަގޭ ރައްޓެހިންނަށް ހަމްދަރުދީއެއް ބަހައްޓަން ނޭނގެންޏާ ހަމަ މިހާރު ފާބާ ސައިކަލުން. ފާބާށޭ މި ބުނީނު
ސީމާ : ކަލެޔަށް ކަލޭގެ ރައްޓެހިން އަހަރެންނަށްވުރެ މާ މުހިންމު ވިއްޔަ
އަމީރު : ދެން ހެވޭ ދަތުރު ކެންސަލް ގޮސް ނިދާދެން
ސީމާ : (ރުޅިގަދަވެގެން ގެޔާދިމާލަށްދަމުން) ކަލެޔާ ކަލޭގެ ރައްޓެހިން މީގެ ފަހުން މަށަށް ނުގުޅާތި
އަމީރު : ތިއީ ގުޅާވަރުގެ މީހެއްވިއްޔަ ރީތި މީހެއްނަމަ އެންމެ ރަނގަޅޭ ހަޅޭއްލަވަން
މުހީން : އަހަރެންނާހެދި މުޅިން ގޯހެއްނު މިވީ
އަމީރު : ނޫނޭ އެއީ ކަލޭގެ މައްސަލައެއްނޫން އެ މަންޖެ އެއީ ވަރަށް ފޮނި ޒީލަގަދަ އެއްޗެއް
މުހީން : (ހިނިގަނޑެއްޖަހާލާފަ) އޭ ދެންދަނީ އެނގޭ ނިދާލާފަ ޝުހާ ނަމާދުކޮށްލައިގެން މަސައްކަތުދާންޖެހޭ މިއަދު
އަމީރު : އާނ އޯކޭ
ދެރަހްމަތްތެރިން އަލްވަދާއުކިޔުމަށްފަހު މުހީން ގެއަށް އައިސް އޮށޯތެވެ. ކުޑަކޮށް ނިދާލާފަ ތެދުވެ ޝުހާ ނަމާދުކޮށްލާގެން އަވަހަށް މަސައްކަތުދިޔައެވެ. މުޅި ދުވަހު ބުރަކޮށް އުޅެމުންވެސް މުހީން ހުރިހާ ނަމާދެއް ވަގުތަށް އަތުލިއެވެ. އިޝާކޮށްލައިގެން ގެޔަށް އައި މަގުމަތީގަ އަނެއްކާވެސް އެކުވެރި އަމީރުއާ ދިމާވިއެވެ. އަމީރުގެ ދައުވަތަށް ދެ އެކުވެރިން ކެއުމަށް ތަނަކަށް ދިޔައެވެ. ދެ އެކުވެރިންވެސް ވަރުގަދަ ވާހަކަގަނޑަކުން ކުރިޔަށް ދަމުން ކެއުން ނިންމާލިއެވެ. ކުއްލިޔަކަށް އަމީރު ހިތުގާ ފޮރުވިފާވާ އެއްޗެހި ބަންޑުންކޮށްލިއެވެ.
އަމީރު : މުހީން އަހަރެންނަށް އެނގޭ އަހަރެންނަށް މި އުޅެވެނީ ރަނގަޅަކަށްނޫންކަން
މުހީން : ތިބުނީ ކީކޭ؟
އަމީރު : އަހަރެންނަށް އެނގޭ ނަމާދަކީ މުހިންމު އެއްޗެއްކަން އެކަމުވެސް އެޔާ ގާތްނުވެވޭ އެންމެ ކުޑަމިނުން ހަތިިމްގަވެސް އަތްލީ މިދިޔަ ރޯދަމަހު ދެން އެ އޮންނަނީ ރީއްޗަކަށް ބާއްވާފަ
މުހީން : އަހަރެން ނުބެހޭނަން ކަލޭގެ ދިރިއުޅުމަކާ އެކަމު އަހަރެން މި ދައްކާ ވާހަކަ އަޑުއަހާނެކަމަށް އުންމީދުކުރަން. މިރޭ ކަލޭ ނިދަންގޮސް މާދަމާއަށް އެތައް ކަމެއް ރޭވުމަށްފަހު ނިދާނެ ނަމަވެސް މާދަން ކިހިނެއް އެނގެނީ ކަލޭ ތެދުވާނެ ކަމެއް. އަބަދުވެސް ރޭޑިއޯއާ ޓީވީއިން އެބަ ގޮވާ ކޮންމެވެސް މީހަކު މަރުވެގެން މިއީ އަބަދުވެސް އަހަރުން ކަންފަތުގަ ޖެހޭއަޑު. ދެން ބަލާބަލަ މިދުނިޔެއާ އާޙިރަތުގާ ހުރި ތަފާތު. މިދުނިޔޭގަ އެތައް އިމްތިހާންއަކުން އަހަރުމެންނަށް ފާސްވެވިދާނެ ނަމަވެސް ގިޔާމަތްދުވަހުން އެންމެ ފުރުތަމަވެސް ސުވާލުކުރެވޭނީ ނަމާދާ ބެހޭގޮތުން އެ އިމްތިހާން އިން ފެއިލްވާ މީހުންނަށް ހުރީ ކިހާބޮޑު ވޭންދެނިވި ހިތާމައެއް. އަމީރުއަށް އެނގޭތަ މި ދުނިޔޭގަ ހުރި އަލިފާނާ ނަރަކައިގެ އަލިފާނުގަ ހުރި ތަފާތު. އަމީރުމެން ތި ހަދާ ބާބަކިޔު އެއްޗެހި ހެދުމަށް ރޯކޮށްލާ ހުޅުގަނޑު އަދި އެ ނިވުމަށްފަހު އެ ހުންނަ ހޫނުގަނޑަށްވެސް މި ފެންނަނީ އިންސާނުންނަށް ކެތްނުވެގެން އުޅޭތަން. ނަރަކައިގެ އަލިފާނަށް އިންސާނާ ސިކުންތުކޮޅަކަށް ހުށެހެޅުނަސް އެމީހާ މުޅި ދުނިޔޭގަކުރި ހުރިހާ ކަމެއް މަތިން ހަނދާންނެތޭނެ. ވީމާ އެންމެ ފުރުތަމަ ކުރަންވީ ކަމަކީ ތައުބާ ނަމާދުކުރަންވީ އެއަށްފަހު ގަވައިދުން ނަމާދުކުރަން އާދަކުރަންވީ. ރޭގަނޑު މުހިންމު ކަމެއް ނެތިއްޔާ އަވަހަށް ނިދަންވީ.
އަމީރު : އަހަރެން ވަރަށް މަސައްކަތްކުރާނަން
މުހީން : އެންމެ ރަނގަޅު ޓެސްޓް އަކަށް އަހަރެން މިބުނާ ކަމެއް ފުރުތަމަ ކޮށްލަބަލަ
އަމީރު : އެއީ ކޮންކަމެއް
މުހީން : އަމީރު އަތުގާ ހުރި އެންމެ އަގުބޮޑެތި އެއްޗެހި އަމީރު ހަތިމް ހިފައިން ކިޔަވަން އިންނައިރު ހަތިމް ކައިރީ ބަހައްޓާލަބަލަ ކިޔަވަމުންދާއިރު އަމީރުއަށް އިހުސާސްވާނެ ވަރަށް ބޮޑު އެއްޗެއް.
އަމީރު : ޝުކުރިއްޔާ މިރޭ ތިކަމާ އުޅޭނަން
ދެ ރަހްމަތްތެރިން ވަކިވެ މުހީން އަވަސް އަވަހަށް ގެޔަށް ދިޔައެވެ. ގޭތެރޭގަ ކުރަން ހުރި ކަންތައް ނިންމާލުމަށްފަހު ފެންވަރާލާގެން ގަޑި ފަތިސް ނަމާދަށް ސޯނާކޮށްގެން ނިދަން އޮށޯތެވެ.
އަމީރު ގެޔަށްގޮސް މުހީން ބުނި ގޮތަށް މަސައްކަތްފެށިއެވެ. އެންމެ ފުރުތަމަވެސް ވުޝޫކޮށްލައިގެން ތައުބާ ނަމާދުކޮށްލިއެވެ. އެއަށްފަހު ހަތިމް ނަގާ އެނދުމަތީ ބޭއްވުމަށްފަހު ހުޅުވާލިޔެވެ. އަދި ހަތިމް ކައިރީ އަމީރުގެ އެންމެ އަގުބޮޑު ފޯނާ ލެޕްޓޮޕް ބޭއްވިއެވެ. އެއަށްފަހު ކިޔަވަން ފެށިއެވެ. ހިނދުކޮޅެއްތެރޭގަ އަމީރުގެ މުޅި މޫނު ހިވީ ހަތިމް ތެރެޔަށް ދަމާގަތްހެނެވެ. ހަމަ ހިލާ އެހެން ދިމާލަކަށް ނަޒަރު ހިނގާ ނުލެވުނެވެ. ގުރުއާންގެ އާޔަތްތަކުގެ މާނަ ހިތަށް އަމިއްލައަށް ވަންނަންފެށިއެވެ. އެ ފޮތުގެ މާތްކަން އިހުސާސްވެގެންދިޔައެވެ. އެތައް އިރަކު ކިޔަވަން އިނުމަށްފަހުވެސް އެ ފޮތް ލައްޕާލާ ހިތްވެސް ހަމަނުވިއެވެ. މިހެން އިންދާ ފަތިސްނަމާދު ބަންގީގެ އަޑު އިވުނެވެ. ގަޑި ދިޔަގޮތްވެސް ނޭންގުނެވެ. އަވަސް އަވަހަށް ފަތިސް ނަމާދަށްދިޔައެވެ. އެކުވެރި މުހީންއާވެސް ބައްދަލްވުމުގެ އުންމީދުގައެވެ. ހުރިހާ އެއްޗެއް ކިޔާދޭންހުރީ ޝައުގުވެރިވެފައެވެ.
ފަތިސްނަމާދުކޮށް ނިމުނުއިރުވެސް މުހީންގެ ހަބަރެއްނުވެއެވެ. ގުޅާ ގުޅާ ފޯންވެސް ނުނަގައެވެ. އެންމެ ފަހަށް ކަމެއް ގޯސްކަން އެނގިގެން މުހީންގެ ގޭދޮށަށްދިޔައެވެ. ގޭމީހުން ދިން ޙަބަރުން ހިތް ފަޅަފަޅައިގެންދިޔައެވެ. މި ފަނާވަނިވި ދުނިޔެއާ މުހީން ވަކިވި ހަބަރު ލިބުމުން ވަރަށްވެސް އަމީރު ހިތާމަކުރިއެވެ. އަވަސް އަވަހަށް މުހީންގެ ކަށުކަމާކެމީގެ ކަންތައް އަމީރު ހަރަދުގާ ހަމަޖައްސާދިނެވެ. އަދި ކަށުނަމާދުގާ ބައިވެރިވެ އެކުވެރިޔާގެ ސަންދޯލްގާ ހިފާލަން ފުރުސަތު ހޯދިއެވެ. އެކުވެރިޔާގެ ސަންދޯކް ވަޅަށް ތިރިކުރެވި ފަސްދާނުލާން ވެލިއަޅަމުން ދިޔައިރު އަމީރު ހިތާ ހިތުން ” މާދަމާއަކީ އެއްވެސް ޔަގީންކަމެއް ހުރިދުވަހެއްނޫނޭ ” ކިޔާލަ ކިޔާލަ ހުއްޓެވެ.

No comments:

Post a Comment

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...