ސެކިއުރިޓީއެއްގެ ވަޒީފާ އަދާކުރުމަކީ ބުރަކަމެކެވެ. އަރާމު ނިންޖާ އަމިއްލަ މުހިންމު ބައެއް ކަންތަ ގުރުބާންކުރަންޖެހެއެވެ. ގިނަފަހަރު ރަނގަޅު އާމްދަނީއެއްވެސް ލިބެނީ ގިނަ ދަންފަޅި ނަގައިގެންނެވެ. ވަޒީފާގައި އުޅޭއިރު އެކި މީހުންނަށް އެކި ހާދިސާތައް ދިމާވެއެވެ. ބައެއްފަހަރު އެ ހާދިސާތައް ކިޔާދިނުމަކީވެސް އެހާ ރަނގަޅު ކަމެއްނޫނެވެ.
މޫސަބެއަކީ ސެކިއުރިޓީ އެއްގެ ވަޒީފާ އަދާކުރަމުން އަންނަ އުމުރުން ސާޅީސް ފަސްއަހަރުގެ މީހެކެވެ. މޫސަބޭއަކީ މާލޭގައި ކުއްޔަށް އުޅެމުން އަންނަ މީހެކެވެ. ސެކިއުރިޓީ ވަޒީފާ އަދާކުރާ ދެމީހަކާ ގުޅިގެން ކޮޓަރިއެއް ބަހައިގެން ހިފައިގެން އުޅޭ މީހެކެވެ. ކޮންމެ މީހަކުވެސް ވަޒީފާ ނިންމާފައި އަންނަންވާއިރަށް އަނެއް މީހާ ކޮޓަރި ހުސްކޮއްދެއެވެ. އަރާމު ނިދިކޮޅެއް ނިދާލެވެންވެސް އޮންނަނީ މިކަހަލަ ގޮތަކަށްށެވެ. ހުސް ކޮޓަރިއެއްގައި އެކަނި ނިދާލުމަށް ކޮންމެ މީހަކުވެސް ބޭނުންވާތީ އެންމެންވެސް ދަންފަޅި ބަހަނީ އެގޮތަށް ދިމާވާ ގޮތަށްށެވެ.
މޫސަބެއަކީ ހިނގާފައި އުޅޭ މީހެއްކަމުން ބައެއްފަހަރު ލަހުންވެސް އާދެވޭގޮތްވެއެވެ. ނަމަވެސް ވެރިފަރާތުން މޫސަބެއަށް ވަރަށް އިހްތިރާމްކުރެއެވެ. ލަހުން އާދެވުނަސް ހަމަޔަށް މުސާރަދެއެވެ. ބައެއްފަހަރު ވަޒީފާގައި މޫސަބެއަށް އެކި މިޒާޖުގެ އެކި މީހުންނާ ކުރިމަތިލާންޖެހެއެވެ. މިގޮތުން ބައެއް ޒުވާނުންގެ އުނދަގޫ ގިނަފަހަރު ޖެހެއެވެ. ނަމަވެސް މޫސަބެ އެކުދިންނަށް އަބަދުވެސް ހިތަނީ ހެޔޮކޮށެވެ. މިކަމުގެ ސަބަބުން ބައެއް ކުދިން މޫސަބެ ކައިރިއަށް އައިސް ވާހަކަ ދައްކާލަން މަޑުކޮއްލައެވެ.
ދުވަސްތައް ފާއިތުވަމުންގޮސް މޫސަބެއަށް ރަށަކުން އިންޖީނުގޭގެ ވަޒީފާ ލިބިއްޖެއެވެ. މޫސަބެ ލަހެއް ފަހެއްނުކޮއް މިކަން ވެރިފަރާތަށް އަނގާ ވަޒީފާއިން ވަކިވެގެން އެރަށަށް ދިޔައެވެ. އެއީ ވަރަށް މީހުން މަދު ރަށެކެވެ. މޫސަބެގެ ފުރުތަމަ ދަންފަޅި ޖެހުނީ ހަވީރުގަޑިއާއެވެ. ހަތަރެެއް ޖެހުމުން ފެންވަރާލައިގެން ވަޒީފާއަށް ނުކުތެވެ. އިންޖީނުގެ ހުންނަނީ މީހުން ދިރިއުޅޭ ހިސާބާ ކުޑަކޮއް ދުރުގައެވެ. އިންޖީނުގޭގައި ހުރި އާދަމްބެ މޫސަބެއަށް ހުރިހާ އެއްޗެއް ކިޔާދިނުމަށްފަހު ދިޔައެވެ. ފޫހިކަމެއްނެތި ވަޒީފާ އަދާކުރުމުގައި މޫސަބެ އުޅެނިކޮއް އިރުއޮއްސި ދިހައެއް ޖަހާފިއެވެ. އިންޖީނުގެ ވަށާ އިންނަނީ އެންމެ ދެ ހޮޅިބުރި ޖަހާފަކަމުން އެހާބޮޑު އަލިކަމެއް މަގަކަށް ނުލިބެއެވެ. މޫސަބެ އިންޖީނުގޭގެ ޖޯލީގައި އޮއްވާ އަންހެނުންތަކެއް ހޭއަޑު އިވުނެވެ. އަޅާވެސް ނުލާ މޫސަބެ އޮއްވާ ދެން އިވުނީ ކުޑަކުއްޖަކު ރޯ އަޑެވެ. ހައިރާންވާ ކަމަކީ އެއަޑު އިވެނީ އިންޖީނުގެއާ ވަރަށް ކައިރިންނެވެ. މޫސަބެ ބައްތި ނަގާ އަޑު އައި ދިމާލަށް އަލިކޮއްލިއިރު އެއްވެސް މީހެއްގެ ހިލަމެއްވެސްނެތެވެ. މެންދަމު ބާރަ ޖަހަންދެން އިރު އިރުކޮޅާ އެކުއްޖާ ރޯ އަޑު އިވުނެވެ. މިހެން އޮއްވާ ދަންވަރު ދަންފަޅީގެ މީހާ ކަމުގައިވާ ބަކުރުބެ އަތުވެއްޖެއެވެ. ބަކުރުބެ އައިސް މޫސަބެ ގެއަށް ފޮނުވާލިއެވެ. މޫސަބެ ގެއަށް ގޮސް އިވުނު އަޑުތަކާމެދު މާކަށް ބޮޑަށް ނުވިސްނާ ނިދަން އޮށޯތެވެ.
ޖެހިގެން އައި ދުވަހުގެ މެންދަމު ޑިއުޓީއަށް މޫސަބެ ދިޔައިރު ބަކުރުބެ ހުރީ މޫސަބެ އިންތިޒާރުގައެވެ. ބަކުރުބެ ދިޔުމުން މޫސަބެ ޖަނަރޭޓަރަށް ތެޔޮއަޅާ މުޅިތަން ސާފުކުރަމުން ދަނިކޮއް ބަކުރުބެ ބޭރުން މޫސަބެއަށް ގޮވާލިއެވެ. މޫސަބެ ނުކުތް އިރު އެކަކުވެސް ފެންނާކަށްނެތެވެ. އަޑު އިވުނު ގޮތޭ ހިތަށް އަރާ އިންޖީނުގެ އެތެރެއަށްވަދެ ޓޯޗް ދިއްލޭތޯ ބަލާލިއެވެ. ޓޯޗް ދިއްލާފައި ނިއްވާލިއެވެ. އަދި ހުރިހާ މީޓަރެއް ބަލާ ޗެކުކޮއްފައި ބޭރަށް ނުކުންނަން ހިނގައިގަތްތަނުން ޖަނަރޭޓަރު ނިވިއްޖެއެވެ. ޓޯޗް ބައްތި ދިއްލައިގެން އެތެރެއަށް ވަދެ ޖަނަރޭޓަރު ހިންގަން މަސައްކަތްފެށިއެވެ. އެތައް އިރަކު އުޅެގެންވެސް އެކަން ނުވުމުން ޖޯއްޔަށް މީހަކު އާދޭތޯ ނުކުމެ އިންނެވެ. މީހެއްގެ ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށުމުން އެދިމާލަށް ޓޯޗުން އަލިކޮއްލިއިރު ބަކުރުބޭ ހުއްޓެވެ. ބަކުރުބެ ކައިރީ ޖަނަރޭޓަރު މައްސަލަ ޖެހިގެން އުޅޭ ވާހަކަ ބުނުމުން ބަހެއްވެސް ނުބުނިއެވެ. ދެއަތް ފުރަގަހަށް ލައިގެން ހުރި ބަކުރުބެ އެތެރެއަށް ވަދެ އިސާހިތަކު ޖަނަރޭޓަރު ހިންގާލިއެވެ. އަދި ނުކުމެގެން ދަމުން ހީލާފައި ދިޔައެވެ.
މެންދަމުން އަނބުރާ ތިނެއް ޖެހީއެވެ. މޫސަބެއަށް އެކިކަހަލަ އަޑުތައް އިވެންފެށިއެވެ. މޫސަބެއަށް ބައެއްފަހަރަކު މީހަކު ގޮވާ އަޑާ އަދި ކުޑަ ކުއްޖާ ރޯއަޑު ކެނޑިނޭޅި އިވެމުންދެއެވެ. އަދި އެ ނިމުނީކީ ނޫނެވެ. ކުޑަކުދިން ދުވާއަޑާ އަންހެނުން ހޭ އަޑުވެސް އިވެއެވެ. މި ކުޅިގަނޑު ނިމުނީ ފަތިސްނަމާދު ބަންގި ގޮވުމުންނެވެ. މޫސަބެ ފޮނުވާލުމަށް އާދަމްބެއާ ބަކުރުބެއައެވެ. އެ ދެމީހުންނަށް އެރޭ ހިނގި ހުރިހާ ކަމެއް ކިޔާދިނެވެ. މޫސަބެ ގޮވައިގެން އެ ދެމީހުން ޖޯލީގައި އިށީނދެފައި ބަކުރުބެ ފަށައިގަތެވެ.
” މޫސާ. މި އިންޖީނުގެއަށް ރޭގަ އަހަރެންނެއް ނާންނަން އަހަރެން އޮތީ ގަދަ ނިދީގައި އެންމެ ކުޑަމިނުން ކަރަންޓު ދިޔަކަންވެސް އިހުސާސްއެއްނުވޭ. ދެން ތި އިވޭ އަޑުތައް. އަހަރެން އެންމެ ފުރުތަމަވެސް އާދަމްބެ ކައިރި އެހިން މޫސަބެއަށް މިކަން ވާނެހޭ. އާދަމްބެ ބުނި ވާނެޔޭ ބުނީމަ މި ގެނައީ. މޫސަ ކައިރި މި ބުނަނީ މި އިންޖީނުގެ ހަދާފައި މިހުރީ ގަބުރުސްތާނެއް މަތީގައޭ. މިތަނުގެ އަހުލުވެރިންގެ އަޑު ކޮންމެ ރެޔަކުވެސް އިވޭނެ އެކަމާ އަޅާނުލުން އެންމެ ރަނގަޅުވާނީ. މިގޮތަށް ނޫނީ މިވަޒީފާ އަދައެއްނުކުރެވޭނެ. މިތަނަށް އައި އެކަކުވެސް މިތަނުގެ ހަގީގަތް އެނގުމަށްފަހު ވަޒީފާއަކަށް ނުނުކުމޭ. ވީމާ މޫސަގެ ނިންމުމަށް އަހަރުމެން އިހްތިރާމްކުރާނަން ”
ބަކުރުބެ ވާހަކަ ނިމުމުން މޫސަބެ ފުންކޮއް ވިސްނާލިއެވެ. އަދި ކޮންމެ ކަމެއް ވިޔަސް މަޑުކުރަން ނިންމިއެވެ. ސަބަބަކީ މޫސަބެމެން ކަހަލަ މީހުންނަށް ގިނަފަހަރު ވަޒީފާވެސް ނުލިބޭތީއެވެ
No comments:
Post a Comment