އެމާތް ބިމުގައި ފައިޖައްސާލަން ބޭނުންވާ ކިތައް މީހުން ތިބޭނެހެއްޔެވެ. އެ ފުރުސަތު ހޯދުމަށް މުޅި އުމުރު އެތައް މަސައްކަތެއްކޮއް ލާރި އެއް ނުކުރާނީ ފަހެ ކާކުހެއްޔެވެ. ފާފައިން ފުރިފައިވާ ހަށިގަނޑު ތޯހިރުކޮއްލުމުގެ އަޒުމުގައި އެދަތުރު އިންތިޒާރު ނުކުރާނީ ފަހެ ކާކު ހެއްޔެވެ.
ތޯހާއަކީ ނިކަމެތި އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ކުޑައިރުއްސުރެ ދީނީ ކަންތައްތަކަށް ސަމާލުކަން ދެމުން އަންނަ ކުއްޖެކެވެ. މިސްކިތައް ގަވައިދުން ޖަމާއަތަށް ދިޔުމަށް ގަދައަޅާ މަސައްކަތްކުރާ ކުއްޖެކެވެ. ނަމާދުކޮއް ނިމުމުން ގުރުއާން ކިޔަވާލާފަ ނޫނީ މިސްކިތުން ނުފައިބައެވެ. ދަރުހެއް އޮންނަކަން އެނގިއްޖެނަމަ އެކަމަށް އޭނާގެ ސިކުނޑި ސަމާލުކަންނުދީ ދޫނުކޮއްލައެވެ. ތޯހާ ދެކެމުން އަންނަނީ އެންމެ ހުވަފެނެކެވެ. ހައްޖުގެ މާތް އަޅުކަމުގައި ބާވެރިވެލަންށެވެ. ތޯހާގެ ކަންފަތުގައި އަބަދުވެސް އެ މާތް ބިމުގެ ހިތްގައިމު ވާހަކަތައް ހުންނަނީ ޖެހިޖެހިއެވެ. ހައްޖަށް ގޮސްފައި ތިބޭ މީހުންގެ ގާތައްގޮސް މައުލޫމާތު އަބަދުވެސް އޮޅުން ފިލުވައި ދުރާލާ ދަތުރަށް ތައްޔާރުވާން ހުންނަނީ ނިންމައިގެނެވެ.
ތޯހާއަކީ ދަނޑުވެރި އާއިލާއެއްގެ ހަމަ އެކަނި ހުރި ފިރިހެން ކުއްޖާކަމުން އެ މަސައްކަތުގައި އޭނާގެ މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ބައްޕަގެ ބެލުމުގެ ދަށުން ކުރިއަށްދެއެވެ. ބައެއް ފަހަރު ލިބޭ އާމްދަނީ ކޮޅުން ކިރިޔާ ކައިބޮއެ ހަދާލެވޭވަރުވެއެވެ. ނަމަވެސް ފޮރުވަން ކިތަންމެ ކުޑައެއްޗެއް ލިބުނަސް ފޮރުވައެވެ. ރޭގަނޑުވެއްޖެ ނަމަ ތޯހާ ގިނައިރުވަންދެން ހޭލާ މަޑުކުރެއެވެ. ދަނޑަށް ގެއްލުން ދީފާނެ ޖަނަވާރާ ވައްކަންކުރަން އަންނަ ވަގުން ފެހުމަށް ފޯރި މަރަން އޭނާ ފަތިސްވަންދެން މަޑުކުރެއެވެ. މަދު ނިދިކޮޅަކާއެކު ކޮންމެ ދުވަހެއްގެ މަސައްކަތް ކުރިއަށް ގެންދެއެވެ.
ދުވަސްތައް ފާއިތުވެގެންގޮސް ތޯހާގެ އާއިލާއަށް ހިތާމަވެރި ދުވަސްތައް ފުލު ފުލުން އަންނަން ފެށިއެވެ. އެންމެ ފުރުތަމަ ލޯބިވާ ބައްޕަ ދުނިޔެ ދޫކުރިއެވެ. އެއަށްފަހު ހޫނު މޫސުމުގައި ދަނޑަށް ލިބުނު ގެއްލުމުގެ ސަބަބުން ފޮރުވުނު ލާރިކޮޅު ބޭނުން ކުރަން ޖެހުނެވެ. އެއަށްފަހު އައި ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ ހާދިސާ ކުރިމަތިވުމުން މުޅި ގެ އަލުން މަރާމަތުކުރަން ޖެހުނެވެ. ނަމަވެސް މިކަމާ ތޯހާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ކޮންމެ ކަމަކީވެސް އިމްތިހާނެއް ކަން ޙުދު އޭނާއަށްވެސް އެނގެއެވެ. މިއަދު ތޯހާ އަތްމަތިވަނީ އެއްކޮއް ހުސްވެފައެވެ. ނަމަވެސް الله سبحان و تعالىٰ ގެ حَضْرَة ޝުކުރުކޮއްލައިގެން އޭނާ އަލުން މަސައްކަތް ފަށާގަތެވެ.
އާ އަޒުމަކާ ހިތްވަރާއެކު ތޯހާ ބުރަކޮށް ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅެމުން ގެންދިޔައެވެ. الله سبحان و تعالىٰ ތޯހާއަށް ރިޒްގު ތަނަވަސްކަން އިތުރުކޮއްދެއްވިއެވެ. މިހާރު ތޯހާގެ ބުރަ މަސައްކަތުން އޭނާގެ އާއިލާއަށް ޙަރަދުކުރުމަށްފަހު ރަނގަޅު އެއްޗެއް ފޮރުވަން ލިބެއެވެ. މިގޮތުގައި ތިން އަހަރު ވޭތުކުރުމަށްފަހު ތޯހާ އަތުގައި ހައްޖަށް ދެވޭވަރަށް ފައިސާ ހަމަވެއްޖެއެވެ. ނަމަވެސް ކަންދިމާކުރީ މާ ހިތްދަތި ގޮތަކަށްށެވެ. ތޯހާ ގޭގާ ނެތްވަގުތު ވަގަކު ވަދެ ތޯހާ ހައްޖަށް ދާންވެގެން އެއްކޮއްފައިހުރި ހުރިހާ ފައިސާއެއް ވަގަށް ނަގާފިއެވެ. މިކަމާ ތޯހާގެ ހިތް ހިތާމައިން ފުރިގެން ދިޔައެވެ. އަދި ވީ ހިތްދަތިން މިސްކިތަށް އަރާ ސަޖިދާގައި އޮވެ الله سبحان و تعالىٰ އަށް ދެންނެވިއެވެ. މިސްކިތުން ނުކުތްތަނުން މީހަކު މިސްކިތް ކުރިމަތީގައި ހުއްޓެވެ. އެއީ ތޯހާ ނުދަންނަ މީހެކެވެ. ތޯހާ ފެނުމާއެކު އެމީހާ ދުވަމުން އައިސް ތޯހާގެ ފައިބުޑަށް ވެއްޓިގަނެ ރޮއެ ހޭރި މައާފްއަށް އެދުނެވެ. ވެގެން އުޅޭގޮތް އޮޅުން ފިލުވާދޭން އެދުމުން އެމީހާ ކިޔާދޭންފެށިއެވެ.
” އަހަރެންނަކީ ތިގެއިން ވައްކަންކުރި މިހާ. އަހަރެން އެ ފައިސާތައް ހިފައިގެން ފުރަން އުޅެނިކޮއް އަހަރެެންނަށް ބަޔަކު ކިޔާއަޑު އިވުނީ މީހަކު ހައްޖަށް ދާން އެއްކުރި ފައިސާ ނަގަނީ ހާދަ ހިތުގައި ރަހުމެތް ނެތް މީހެކޭ. الله سبحان و تعالىٰ އެމީހަކަށް ހެޔޮމަގު ދައްކަވާށެވެ. މިއަދު އަހަރެންނަށް الله سبحان و تعالىٰ ވަނީ ހެޔޮމަގު ދައްކަވާފައި އަހަރެން ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން މިއޮތީ ބޭބެގެ ފައިސާ މީގެން އެންމެ ލާރިއެއްވެސް މަދެއް ނުވާނެ. އަވަހަށް ހިނގާ ހައްޖު ދަތުރަށް ފައިސާ ދައްކަން ދަމާ ”
ތޯހާ އަތަށް ފައިސާތައް ދިނުމަށް ފަހު އެމީހާއާއެކު ގޮސް ހައްޖަށް ދިޔުމަށް ފައިސާ ދެއްކިއެވެ. އޭގެ މަސްދުވަސް ފަހުން ތޯހާ ކުރަމުން އައި ފޮނި އިންތިޒާރުގެ ނިމުން އައެވެ. މިއަދު އޭނާ އެހުރީ މައްކާގެ މާތް ބިމުގައެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން އައިހެވެ.
– ނިމުނީ –
No comments:
Post a Comment