އިންސާނާ ފުރިހަމަ ސިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރަންޖެހެއެވެ. ކަސްރަތު ނުކުރުމުގެ ސަބަބުން މުސްކުޅި އުމުރުގައި އެތައް ބަޔަކުވަނީ އެތައް އުނދަގުލަކާ ކުރިމަތިލާންޖެހިފައެވެ.
އިޔާޒުއަކީ ކުޑައިރުއްސުރެ ކެއުމަށް ފޯރި ހުންނަ ކުއްޖެކެވެ. އިޔާޒުގެ މަންމަ އޭނާ ބުނި ކޮންމެ އެއްޗެއް ހަދާފަ ކާންދެއެވެ. އިޔާޒުގެ އުމުރުން ފަނަރަ އަހަރުގައި އޭނާގެ ބަރުދަން ފަންސާސް ކިލޯއަށްވަނީ އަރާފައެވެ. ކޮންމެއަކަސް އޯލެވެލް ނިންމުމަށްފަހު ފުރުތަމަ ވަޒީފާއަށް އިޔާޒުވަނެވެ. މޭޒެއް ދޮށުގައި އިންދެ މަސައްކަތްކޮއްލުމަކީ އިޔާޒް އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ.
ފުރުތަމަ މަހުގެ މުސާރަ އިޔާޒްއަށް ލިބުމުން އޭނާގެ އޮފީސް ކުދިން ގޮވައިގެން ކެއުމަކަށް ދިޔައެވެ. އިޔާޒުގެ އޯޑަރު ފެނިފައި ހުރިހާ ކުދިން ތިބީ ހައިރާންވެފައެވެ. އޭނާގެ އޯޑަރު އޭނާއަށް ހުސްވާނެތޯ ކުއްޖަކު ސުވާލުކޮއްލުމުން ހިނިގަނޑަކާއެކު އެކަން ވާނެކަމަށް ބުނިއެވެ. އޮފީސް ކުދިން މަދުން ކާތީ އެކަމާ އިޔާޒް ޝަކުވާކުރިއެވެ. ނަމަވެސް އެކުދިން ދިން ޖަވާބުން އިޔާޒް އައީ ރުޅިއެވެ. މާ ގިނައިން ކެއުމަކީ މީހާ ކަންނެތްވެ ނުރައްކާތެރި ބަލިތައް ހަށިގަނޑުގައި އުފެދުމުގެ ފުރުސަތު ބޮޑުވާނެ ވާހަކަ ބުނުމުންނެވެ. ކެއުން ނިންމާލުމަށްފަހު ބިލް ދެއްކިގޮތަށް އިޔާޒް ގެއަށް ގޮސް ނިދަން އޮށޯތެވެ. ނަމަވެސް އޮފީސް ކުދިންގެ ނަސޭހަތުގެ ބަސްތައް ކަންފަތްތެރޭ ގުގުމާވަރުން އޭނާއަށް ރަނގަޅަށް ނުނިދުނެވެ.
ޖެހިގެން އައި ދުވަހު އޮފީހަކަށް އިޔާޒް ނުދެއެވެ. އޭނާ ބޭނުންވީ މުޅި ދުވަސް އެއްކޮއް އޭނާ އަމިއްލަ ކަންތައްތަކުގައި އުޅެލާށެވެ. މިގޮތުން ބާޒާރުކޮލުމަށް ނުކުމެ ދުއްވުންތައް ދުއްވާލުމަށްފަހު އެދުވަހު މެންދުރު ކެއުން ކެއީ ބޭރުންނެވެ. އެއަށް ފަހު ރަހްމަތްތެރިއަކާއެކީ ކޮފީއަކަށް ގޮސް ކޮފީ ނިންމާލުމަށްފަހު ހަވީރު ސައިބޯން ހޮޓަލަކަށްވަދެ ތަށި ފުރާ ސާމާނު އަޅައިގެން ކައި ހުސްކޮއްލިއެވެ. އަދި ގެގައަށް ގޮސް ކާގަޑި ޖެހެންދެކަށް ކޮމްޕިޔުޓަރ ކައިރީ ވަގުތުތައް ހޭދަކުރިއެވެ. ކާގަޑި ޖެހުމާއެއްކޮއް ކައިގެން އޮށޯވެ ނިދައިފިއެވެ. މިގޮތުގައި އިޔާޒްގެ ދުވަސްތައް ހޭދަކުރަމުންގޮސް މީހާ ކުރިއަށްވުރެ ފަލަވެއްޖެއެވެ. އިޔާޒްގެ ބަރުދަނަކީ މިހާރު ސަތޭކަ ވިހި ކިލޯއެވެ. ކުރިން އިޔާޒް ލަމުން އައި އެކްއެލް ގަމީސް މިހާރު ތްރީ އެކްސެލްއަށް ބަދަލްވެއްޖެއެވެ. މިކަމާ އިޔާޒް އެއްވެސް ވަރަކަށް ކަންބޮޑެއްނުވެއެވެ. ނަމަވެސް އިޔާޒްގެ މަންމަ އެކަމާ ކަންބޮޑުވެ ކަސްރަތުކުރުމަށް ނަސޭހަތްދޭންފަށާފިއެވެ. މިކަމާ އިޔާޒް ހިތްހަމަ ނުޖެހެއެވެ. އެހެންވެ ގޭގެ ކެއުން ނުކައި ބޭރުން ކެއުން ގިނަކުރިއެވެ.
އެއްދުވަހެއްގެ ހެނދުނެވެ. އިޔާޒް އޮފިހަށްދާން ތެދުވެ ފެންވަރައިގެން ނުކުމެ ރީތިވެލައިގެން ނުކުމެވުނީ ގޭ ދޮރާއްޓާ ހަމައަށްށެވެ. ކުއްލިއަކަށް މެޔަށް ތަދެއް އަރައިފިއެވެ. ވީ ތަދުން ހަޅޭއްވެސް ލަވަގެންފިއެވެ، އިޔާޒްގެ މަންމަ އައިސް ވެގެން އުޅެނީ ކީއްތޯ އަހާލިއެވެ. ނަމަވެސް އިޔާޒްއަށް ޖަވާބު ނުދެވުމުން ގޭދޮށު ބައެއްގެ އެހީގައި އޭނާ ހޮސްޕިޓަލްއަށް ގެންދެވުނެވެ. ޓެސްޓްތައް ހަދާ ނަތީޖާ ލިބިއްޖެއެވެ. އިޔާޒްގެ މަންމަ ޑޮކްޓަރު އައުމުން ނަތީޖާ ދިއްކޮއްލިއެވެ. ޑޮކްޓަރ ވަރަށް ސީރިއަސްވެފައި އިޔާޒް މޫނަށް ބަލާލާފައި އިޔާޒްގެ ލޭ ވަރަށް މަތިވެ އެއާއެކު ކޮލެސްޓްރޯލްވެސް ހުރީ ވަރަށް މަތީގައި ކަމަށް ބުނެލިއެވެ. މިކަމުގެ ސަބަބުން ވެދާނެ ގެއްލުންތައްވެސް ކިޔާދިނެވެ. އަދި ކެއުން މަދުކޮއް ކަސްރަތުކުރުމަށް އިރުޝާދު ދިނެވެ. މިކަންކަން ނުކޮއްފިނަމަ ދާއިމީ ކޮއް ބޭސްކާންޖެހި ބޮޑު ބައްޔަކަށް ބަދަލްވެ އަދި ފުރާނައަށް ގެއްލުންވުން އެކަށީގެންވާކަން ކިޔާދިނެވެ. އަދި އުމުރު މަތިވާވަރަކަށް މިކަމުގެ ވޭން ވަކިން ބޮޑުވާނެކަމުގެ އިންޒާރު ދިނުމަށްފަހު އިޔާޒް ފޮނުވާލިއެވެ.
ޑޮކްޓަރުގެ ނަސޭހަތުން އިޔާޒްއަށް އިވުނީ އެއްބައެވެ. ދުވަސްކޮޅަކު ކަސްރަތުކުރަން ދާންފެށިއެވެ. ނުދެވޭނަމަ ގޭގައިވެސް ކުޑަކޮއް ކޮއްލައެވެ. ނަމަވެސް އިޔާޒް ދެވިހިފާފައިވާ ކެއުމުގެ އާދައަށް ހުއްޓުމެއް ނާދެއެވެ. ގެއިން ބޭރަށް ގޮސްފިއްޔާ އަންނީ ކޮންމެސް ތާކަށް ވަދެ ކާލައިގެންނެވެ. މިގޮތުގައި އުޅެނިކޮއް އެއްދުވަހަކު އިޔާޒް ހޮޓަލުން ނުކުތްތަނުން މީހާ ހުއްޓުން އެރިއެވެ. އަދި އެއްފަޅި ވާގިގޮސްގެން ބިންމައްޗަށް ވެއްޓުނެވެ. ހޮޓަލުގައި ތިބި ބަޔެއްގެ އެހީގައި އިޔާޒް ހޮސްޕިޓަލަށް ގެންދެވުނެވެ. އިމަޖެންސީ ކޮޓަރިއަށް ވައްދާ މެޝިންތައް ގުޅިއެވެ. ޑޮކްޓަރު އައިސް ބަލާފައި އިޔާޒްގެ މަންމަ ހޮސްޕިޓަލްއަށް ގެނެސް އިޔާޒްއަށްވަނީ ސްޓްރޯކްއެއް ޖެހިފައިކަން ބުނިއެވެ. އަދި ޖެހުނީ ފުދޭވަރަކަށް ބޮޑު ސްޓްރޯކްއެއް ކަމުން އިޔާޒްގެ އެއްފަޅިވަނީ ދިގު މުއްދަތަކަށް ވާގިގޮސްފައިކަން އެންގިއެވެ. އިޔާޒްގެ މަންމަ ކަރުނައަޅާ ހާލު އިޔާޒް ކައިރިއަށް އައިސް އިޔާޒްއާ ކައިރީ އިށިންދެފައި މަންމަގެ ނަސޭހަތް އަޑު ނޭހުމުން މިއަދު އިޔާޒްއަށް ލިބުނު ނަތީޖާ ކިހާ ހިތިކަން ބުނެލިއެވެ. މި ބަސްތައް އިވުމާއެކު އިޔާޒްވެސް ލޮލުން ކަރުނައަޅާ ރޯންފެށިއެވެ. އަދި މައާފްއަށްވެސް އެދުނެވެ. ނަމަވެސް މިއަދު ކުރާނީ ކީއްހެއްޔެވެ. އިޔާޒް އެވަނީ ދާއިމީކޮއް ބަލިމީހަކަށް އޭނާގެ އުމުރުން އެންމެ ވިހި އަހަރުގައިވެފައެވެ.
– ނިމުނީ –
No comments:
Post a Comment