ޒަމާނަށް އަންނަ ބަދަލާއެއްކޮއް އެތައް ކަމެއް މިއަދުވަނީ ފަސޭހަވެގެން ގޮސްފައެވެ. ކިތަންމެ ދުރުގައި ހުރި މީހަކަށްވެސް ސިކުންތެއް ތެރޭގައި މިހާރު ގުޅާލެވެއެވެ. އަދި ހަމައެކަނި ގުޅާލުމަކުން ނިމުނީކީނޫނެވެ. ބޭނުންވާ ކަމެއް ސިއްރިއްޔާތުގައި ބުނެލުމުގެ ގާބިލްކަން މިއަދު ވަނީ އިންސާނުންނަށް ލިބިފައެވެ. މެސެޖްގެ ޒަރިއްޔާއިންވެސް އެ ބޭނުންވާކަމެއް ބައެއްގެ ތެރޭގައި ހާމަ ކުރަން ބޭނުންނުވާނަމަ ބުނެލެވެއެވެ.
ރޫމާއަކީ އާއިލާއެއްގައި ހުރި ހަމައެކަނި އަންހެންކުއްޖާއެވެ. މައިން ބަފައިންގެ ލޯބި އެންމެ ގަދައަށް ލިބެމުން އަންނަ ކުއްޖާއެވެ. ރޫމާ ބުނި އެއްޗެއް ލަހެއް ފަހެއް ނުކޮއް އޭނާ މައިންބަފައިން ހޯދާދެނީ އޭނާ ކިޔެވުމަށްވެސް މޮޅުވެ ފަރުވާ ބަހައްޓާތީއެވެ. ރޫމާގެ ރަހްމަތްތެރިންވެސް ފިސާރެ ގުނައެވެ. އަންހެން އަދި ފިރިހެންވެސް ގުނާ އަދަދު ނުކުރެވެއެވެ. ކޮންމެ މީހެއްގެ ސިއްރެއް އޮވެއްޖެނަމަ ރޫމާއަށް ކިޔާދެއެވެ. ސަބަބަކީ ރޫމާއަކީ މީހުން ފަލީހަތްކުރާ މީހުން ބޭޒާރުކުރާ ކުއްޖަކަށްނުވާތީއެވެ. ރޫމާއާ ރައްޓެހިވާން އެތައް ކުދިންނެއް އެކި ގޮތްގޮތަށްވަނީ މަސައްކަތްކޮއްފައެވެ. ނަމަވެސް ރޫމާ އެކަމާ އަބަދުވެސް އިދިކޮޅުހަދައެވެ. ރޫމާއަށް ކަމުދާ މީހަކު ފެންނަންދެން އޭނާ މަޑުކުރަނީ ސަބަބެއް އޮވެގެންނެވެ.
ސްކޫލް ނިމުމުން ހުރިހާ ކުދިން ވަކިވުމުގެ ކުރިން ދަތުރެއްދާން ނިންމިއެވެ. މިދަތުރުގައި ރޫމާވެސް ބައިވެރިވިއެވެ. ވިލިމާލެއަށްގޮސް ބާބަކިއުހަދާ އެންމެ މޫދަށްއެރި ސަކަރާތުގައި އުޅުނެވެ. ނަމަވެސް ރޫމާ މޫދަށް ނޭރި އަތިރިމަތީ ދެފައި ވައްކޮއްލައިގެން އިންދެ ދިޔައީ ފޮޓޯ ނަގަމުންނެވެ. ކުއްލިއަކަށް ރޫމާ ސިއްސައިގެން ދިޔައީ ބޯޅައެއް އައިސް ރޫމާ ބުރަކަށީގައި ޖެހުމުންނެވެ. ފަހަތަށް އެނބުރި ބޯޅަ ނަގައި ވެރިފަރާތެއް ފެނޭތޯ ހުއްޓާ ޒުވާނަކު ދުވަމުން އަތްހޫރުވަމުން އައިތަން ފެނުނެވެ. އެއީ ރޫމާ ދުވަހަކުވެސް ދެކިފައިނުވާފަދަ ރީތި ޒުވާނެކެވެ. އިސްތަށިގަނޑު ދިގު ދޮންހަމެއް ލިބިފައިވާ ޒުވާނާ އައިގޮތަށް އައިސް ފުރުތަމަވެސް އެދުނީ މައާޕްއަށްށެވެ. އަދި ބޯޅަ ރޫމާ އަތުން ނަގަން އުޅުމުން ރޫމާ އިސްވެ އެޒުވާނާއާ ވާހަކަ ދެއްކިއެވެ. އަދި އަމިއްލައަށް ތައާރަފްވުމުން އެޒުވާނާވެސް ތައާރަފްވިއެވެ. އެޒުވާނާގެ ނަމަކީ ސާމީކަމަށް ބުނިއެވެ. ރޫމާ އަތުން ބޯޅަ ހޯދައިގެން އެޒުވާނާ ގޮސް ލޮލުކޮޅަށް ގެއްލުމުގެ ކުރިން ރޫމާ ވަގުވަގަށް އެ ޒުވާނާގެ ފޮޓޯއެއް ނަގާލިއެވެ.
ދަތުރު ނިންމާފައި އައިސް ގެއަށްވަދެ ފެންވާރަލައިގެން ރޫމާ އެނދުމައްޗަށް ވެއްޓިގަނެ ދަތުރު ފޮޓޯތައް ބަލަމުން ގޮސް ސާމީގެ ފޮޓޯ ފެނުނެވެ. އަދި ސާމީގެ ހުރިހާ މައުލޫމާތެއް ހޯދަން ރޫމާ ނިންމިއެވެ. މިގޮތުން މީސް މީޑިއާ ހާވަންފެށިއެވެ. ނަމަވެސް ސާމީގެ އައިޑީއެއް ނުފެނުވެ. މިކަމާ ފޫހިވެގެން ރޫމާގެ އެންމެ އިތުބާރުހިފޭ ރަހްމަތްތެރިން ތިބޭ ވައިބާ ގްރޫޕްއަށް ސާމީގެ ފޮޓޯލިއެވެ. އިސާހިތަކު މުޅި ވައިބާ ގްރޫޕް ރޫމާއާ ދިމާކުރަންފެށިއެވެ. ނަމަވެސް ރޫމާގެ ޕްރިންސް ހޯދައިދޭނެ ވާހަކަ އެންމެން ބުނިއެވެ. ހުރިހާ އެންމެނަށް ރޫމާ ޝުކުރުއަދާކޮއްފައި އެރޭ ނިދޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ނުނިދުނެވެ. ރޫމާއަށް އިހްސާސްތަކެއްވާތީއެވެ. ފުރުތަމަ ފަހަރަށް ރޫމާ މީހަކަށް ހިތްކިޔައިފިކަން ރޫމާއަށް އެނގިއްޖެއެވެ.
ޖެހިގެން އައި ދުވަހު އެކަނި ވިލިމާލެއަށް ރޫމާ ހަވީރުގަޑީ ދިޔައެވެ. ސަމީ ފެނޭތޯއެވެ. ވިލިމާލެއަރާ އަތިރިމަތިން ހިނގަމުންދަނިކޮއް މީހަކު ފަހަތުން ރޫމާގެ ނަން ގޮވާލިއަޑުއިވުނެވެ. ފަހަތް އެނބުރި ބަލާލިއިރު ސާމީ ހުއްޓެވެ. ކީއްތޯ ކުރަނީ ސާމީ އަހާލުމުން ޖަވާބުގައި ރޫމާ ހަމަ ޖައްސާލީކަމަށް ބުނިއެވެ. އަދި ސާމީގާތު ވަގުތު އޮތިއްޔާ ކޮފީއެއް ބޯލަން ދެވިދާނެތޯ ރޫމާ ސުވާލުކޮއްލިއެވެ. ޖަވާބުގައި ސާމީ އެއްބަސްވިއެވެ. ދެމީހުން ކޮފީގައި އެތައް ވާހަކައެއް ދެކެވުނެވެ. އަދި އެކަކު އަނެކަކު ނަމްބަރު ދިނުމަށްފަހު އެރެޔަށް އަލްވަދާއުކިޔާ ރޫމާ މާލެއައެވެ. އައި ގޮތަށް ގެއަށްވަދެ އޭނާގެ ރަހްމަތްތެރިން ތިބޭ ވައިބާ ގްރޫޕްގައި މިޝަން އެކޮންމްޕްލިޝް ޖަހާލިއެވެ. އަދި ހުރިހާ އެއްޗެއް ކިޔާދިނެވެ. އެއަށްފަހު ނިދަން އޮށޯވެ ސާމީއަށް ފުރުތަމަ ގުޑްނައިޓް މެސެޖް ރޫމާ ފޮނުވާލިއެވެ. އެ މެސެޖްގެ ޖަވާބު ގިނަ ހިނދުތަކެއްނުވެ ލިބުނެވެ. ސާމީވެސް އޮތީ ގުޑްނައިޓް ކިޔާފައެވެ.
ސާމީއާ ރޫމާގެ މެސެޖްތައް ފޯނުކޯލްތަކަށް ބަދަލްވެގެންދިޔައެވެ. ދެމީހުންގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންނެވެ. އެކުގައި ބައްދަލްކޮއް ވަގުތު ހޭދަކުރުން ގިނަވެއްޖެއެވެ. ރޫމާގެ އަލަތު ލޯބީގެ ފޮނިރަހަތަށް އޭނާއަށް އަބަދުވެސް ސާމީ ފަރާތުން ލިބެއެވެ. ނަމަވެސް ބައެއް ފަހަރު ސާމީއަށް ނުހުރެވޭ ފަހަރުވެސްދެއެވެ. ކޮންމެ ދެމަހުން އެއްމަހު ލަންކާއަށް އޭނާ ދާންޖެހޭތީއެވެ. ދާ މީހާ ގޮސް ޙަބަރެއްވެސްނުވެއެވެ. ސާމީ ލަންކާގައި ހުންނަނީ ވަރަށް ދުރު ހިސާބެއްގައި ކަމުން ރޫމާގެ އެއްވެސް މެސެޖެއް އޭނާއާ ހަމައަށް ނުދާވާހަކަ ބުނެއެވެ.
ލަންކާއިން ސާމީ އައިދުވަހެއްގައި އޭނާއާ ބައްދަލްކުރަން ބޭނުންވާ ވާހަކަ މެސެޖަކުން ރޫމާ ބުނެލިއެވެ. ނަމަވެސް ޖަވާބު އަންނަން ގިނައިރުވާތީ ސާމީއަށް ރޫމާ ގުޅިއެވެ. ދެ ތިންފަހަރު ގުޅިއިރުވެސް ނުނެގުމުން ނިދުނީކަމަށް ހިތާ ސާމީ ގުޅަންދެން ރޫމާ މަޑުކޮއްލިއެވެ. ހަވީރުވުމުން ރޫމާ ސާމީއަށް ހޭލީތޯ ބަލަން މެސެޖްކޮއްލިއެވެ. ޖަވާބުއައީ ރޫމާ ހީވެސް ނުކުރާފަދަ ގޮތަކަށްށެވެ. ސާމީގެ ރުޅިގަދަ މެސެޖްގައި ރޫމާއާ ހެދި ކިހާ ބޮޑު ބަލާއެއްހޭ ޖަހާފައި އޮތްތަންފެނުމުން ރޫމާ ހިތްދަތިވިއެވެ. ސާމީއަށް ގުޅާލުމުން ނަމްބަރު ބިޒީ ކޮއްލައެވެ. ރޫމާ ދޫނުކޮއް މެސެޖްކުރަމުން ދިޔައެވެ. އޭނާގެ ކުށަކީ ކޮބާތޯ އަހަމުން ދިޔައެވެ. ނަމަވެސް ސާމީ ދިޔައީ ރުޅިވެރިކަމުގެ މެސެޖްތަކުން ރޫމާގެ ހިތްފަޅަމުންނެވެ. ގޮވުނު އައުގުރާނައެއް ގޮވަމުންނެވެ. އެންމެ ފަހަށް އައި މެސެޖްގައި ސާމީއަކީ މީހެއްގެ ފިރިއެއްކަމަށް ބުނިއެވެ. ރޫމާގެ ސަބަބުން އެ ދެމީހުން ވަރިފަށަށް އަރައިގެން އުޅޭވާހަކަވެސް ބުނިއެވެ. އަދި މެސެޖް ނުކުރުމަށް ނުގުޅުމަށް އަމުރުކުރިއެވެ. ރޫމާ މިކަމާ ވަރަށް ބޮޑަށް ހިތްދަތިވިއެވެ. ރޫމާގެ ކުށަކީ ކޮބައިކަން ތަކުރާރުކޮއް ސާމީ ކައިރީ އޮޅުން ފިލުވައިދިނުމަށްއެދި ކޮންމެ ދުވަހަކުވެސް ދިޔައީ މެސެޖްކުރަމުންނެވެ. އެންމެ ފަހަށް ސާމީގެ މެސެޖްއެއް އައުމުން ރޫމާ އެ މެސެޖް ހުޅުވާލިއެވެ. އޭގައި ވަނީ ރޫމާ އަމިއްލައަށް މަރުވާންވީއެއްނޫހޭ ޖަހާފައެވެ. ރޫމާގެ ހިތް އިތުރަށް ފަޅަފަޅައިގެން ދިޔައެވެ. ދުނިޔެމަތިން ފޫހިވިއެވެ. އަދި ކޮޓަރި އަނދިރިކޮއްލުމަށްފަހު ނިދޭތޯ ވަރަށް މަސައްކަތްކުރިއެވެ.
ހެނދުނު ސައިބޯން ރޫމާ ނާންނާތީ އޭނާގެ ޙަބަރެއް ބަލަން މަންމަ ގޮސް ދޮރުގައި ޓަކިދޭން ފެށިއެެވެ. އެތައް އިރަކު ޓަކި ޖަހައިގެން ނުހުޅުވުމުން ރޫމާ ބައްޕަ ޑަބަލް ތަޅުދަނޑި ހިފައިގެން އައިސް ރޫމާގެ ކޮޓަރު ހުޅުވާލިއެެވެ. ހުޅުވާލުމާއެކު ރޫމާގެ މަންމަ ” އަސްތާ މަގޭ ދަރި ” މިހެން ކިޔާފައި ހަޅޭއްލަވައިގަތެވެ. މަންމަގެ އަޑަށް ސައިބޯން ތިބި ރޫމާގެ އާއިލާ އެންމެ ދުވެފައި ކޮޓަރި ކައިރިއަށްއައެވެ. އެންމެގެ ލޯބިވާ ރޫމާ އެހުރީ ފަންކާގައި އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ.
– ނިމުނީ –
No comments:
Post a Comment