Monday, April 8, 2019


ކައިވެނި ކުރުމަކީ އިސްލާމްދީން ބާރުއަޅާކަމެކެވެ. ކައިވެނީގެ ސަބަބުން އެތައް ފާފަޔަކާ އިންސާނާ ދުރުކޮއްދެއެވެ. އުފާވެރި ހަޔާތެއްފެށި ކުރިޔަށް ދިޔުމަށް ދެމީހުންގެ އިތުބާރަކީވެސް އެހާމެ މުހިންމު އެއްޗެކެވެ.
ޒުހޭރު އާ ޝަކީބްއަކީ ދެ އެކުވެރިންނެވެ. ޒުހޭރުއަކީ ނިކަމެއްޗެކެވެ. އެހާ މޮޅަށް ކިޔެވިފައިވާ މީހެއް ނޫނެވެ. ޒުހޭރަކީ މުދާ އުފުލާ ބޯޓެއްގައި ކުޑަ އާމްދަނީއަކަށް ބުރަކޮއް މަސައްކަތްކުރާ މީހެކެވެ. ނަމަވެސް ޝަކީބްއަކީ ހެޔޮވަރެއްގެ މުއްސަނދިކަމެއް ލިބިފައިވާ މީހެކެވެ. އޭނާއަކީ ބޭރުން ތައުލީމް ހާސިލްކޮއް ސްކޫލެއްގައި ކިޔަވާދެމުން އައި މީހެކެވެ.
އެއްދުވަހަކު ދެ އެކުވެރިން ދިމާވެގެން ސައިބޯން ހޮޓަލަށްވަނެވެ. ޝަކީބް ޒުހޭރުކައިރީ ހާލު އަހުވާލު އޮޅުން ފިލުވާލިއެވެ. އަދި އަތްމަތި ދަތިނަމަ އެހީވާން ބޭނުން ވާހަކަ ބުނެލިއެވެ. ޖަވާބުގައި ޒުހޭރު ކުރާ ބުރަ މަސައްކަތުން އޭނާއަށް ފުދޭކަމަށް ބުނެލިއެވެ. ޝަކީބް އޭނާގެ ރަހްމަތްތެރިޔާ އެކަނި އުޅޭތީ އެކަމާ ހިތާމަ ކުރާ ވާހަކަ ބުނެލިއެވެ. އަދި ރަނގަޅު ބައިވެރިޔަކު ހޯދުމަށް ނަސޭހަތްދިނެވެ. ޖަވާބުގައި ވަރަށް ދެރަވެލާފައި ޒުހޭރު ކަހަލަ ކުޑަ އާމްދަނީއެއް ލިބޭ މީހަކާ އިންނާނީ ކާކުހޭ ބުނެލިއެވެ. އެހިނދު ނަމާދުކޮއް ގިނަ ގިނައިން ދުއާ ކުރުމަށް ޝަކީބް ނަސޭހަތްދިނެވެ. ޖަވާބުގައި ނަމާދުކޮއް ދުއާ އަބަދުވެސް ކުރާ ވާހަކަ ޒުހެރު ބުނެލިއެވެ. ސައިބޮއެގެން ދެ ރަހްމަތްތެރިން އެކަކު އަނެކަކަށް އަލްވަދާއު ކިޔާ އެދުވަހަށް ވަކިވިއެވެ.
ޒުހޭރުއާ ވަކިވިތާ ތިން މަސްފަހުން ޝަކީބްއަށް ފޯނުކޯލްއެއްއައެވެ. އައި ފޯންކޯލްއަކީ އުފާވެރި ޙަބަރެވެ. ޒުހޭރު ކައިވެނިކޮއްފިކަމެވެ. މިކަމުގެ އުފަލުގައި ބައިވެރިވާކަމަށް ޝަކީބު ބުނެލިއެވެ. އަދި ދެމަފިރިންނަށް ރަނގަޅަށް ނަސޭހަތް ދިނުމަށްފަހު ފޯނު ކަނޑާލިއެވެ. ޒުހޭރު ފޯން ބާއްވާފައި އޭނާގެ އަނބި މީހާއާއެކު ވަގުތުތައް ގުނާ އުފާވެރި ދުވަސްތަކައިގެން ކުރިޔަށް ދިޔައެވެ. ލިބޭ ކުޑަ އާމްދަނީގެ ބޮޑުބައި އަނބި މީހާއާ ހަވާލުކޮއް ދަތުރުވަރެއްގައި އައިސް ސައިބޯލެވޭވަރަށް އަތުގައި ޒުހޭރު ލާރި ބަހައްޓައެވެ.
ކައިވެންޏަށް ތިން އަހަރުވީއެވެ. ނަމަވެސް ދެމަފިރިންނަށް ދަރިޔަކު ނުލިބެއެވެ. މިކަން އަބަދުވެސް
ދަތުރުވަރެއގައި އާދެވުމުން އެކުވެރި ޝަކީބްއާ ޒުހޭރު ހިއްސާކުރެއެވެ. އަދި އެހެން މީހަކާ އިންނާކަށް ހިޔާލުވެސް ނުކުރާ ވާހަކަ ބުނެލިއެވެ. ސަބަބަކީ އަލަތު އަނބި މީހާއަށް އެކަމުން ހިތާމައެއް ލިބިދާނެތީއެވެ. ޒުހޭރުގެ ވާހަކަތައް އަޑުއަހާފައި ހިތްވަރުކުރުމަށް ޝަކީބް ނަސޭހަތްދިނެވެ. އަދި ދުއާކުރުން ހުއްޓާ ނުލުމަށް ނަސޭހަތްދިނެވެ. ޒުހެއިރު ރަށަށް އައުމުން އަނބި މީހާ ޒުހެރުއަށް ކާންދީހަދާފައި އޮލަ ވާހަކަތަކަށް ވެއްޓިގަތެވެ. ދެމީހުން ސަކަރާތުގައި ވަގުތުތައް ހޭދަކުރިއެވެ. އެކަކު އަނެކަކު ލޯބި ހާމަކޮއް އުފާކޮއްދީ ހިތްހަމަ ޖައްސާދިނެވެ.
އެއްދުވަހެއްގެ ހެނދުނެވެ. ޒުހޭރު ގެއަށް އައި އިރު އަންހެނުން އޮތީ ބިންމައްޗަށް ވެއްޓިފައެވެ. ނަގައިގަނެގެން މަރުކަޒަށް ގެންދިޔައެވެ. ޑޮކްޓަރު ބަލާފައި ހިނިތުންވުމާއެކު ދިނީ އުފާވެރި ޙަބަރެކެވެ. ޒުހޭރު ބައްޕައަކަށް ވާ ވާހަކައެވެ. މި ބަސްތައް އިވުމާއެކު ހުރިތަނަށް ޒުހޭރު ޝުކުރުގެ ސަޖިދަޖެހިއެވެ. އަދި އުފާވެރި ޙަބަރު ރަހްމަތްތެރި ޝަކީބްއަށްދިނެވެ. އަދި މާބަނޑު ދުވަސްވަރު ބައެއް ޙަރަދު ބަރަދު ބޮޑުވެދާނެތީ ކުޑަ އެހީއެއް ލިބޭނެތޯ އަހާލިއެވެ. ނަމަވެސް އެކުވެރިޔާ ދިނީ ހިތާމަވެރި ޙަބަރެކެވެ. އޭނާވެސް އަނބިދަރިންގެ ޙަރަދުތައް ހުރިގޮތުން މިވަގުތު ދަތި ވާހަކައެވެ. ހިތާމައާއެކު ފޯނު ބާއްވާލުމަށްފަހު އަންހެނުން ގޮވައިގެން ގެއަށް ދިޔައެވެ. ޒުހޭރުގެ މާޔޫސްވެފައިވާ މޫނު ފެނުމުން އަންހެނުން ކޮން ކަމަކާތޯ ކަންބޮޑުވެފައިހުރީ އަހާލިއެވެ. ޖަވާބުގައި ހުރިހާ އެއްޗެއް ކިޔާދިނުމުން އަންހެނުން ފުން ނޭވާއެއްލުމަށްފަހު ޒުހޭރު ބޮލުގައި ފިރުމާލާފައި ހާސްނުވުމަށް ބުނެލިއެވެ. އަދި އަލަމާރިއަށް އިޝާރާތްކޮއް އޭގައި އިން އަންހެނުންގެ ކުޑަ އަންނައުނު އަޅާ ފޮށި ގެނެސްދިނުމަށް އެދުނެވެ. ފޮށި ގެނައުމުން އެ ހުޅުވާލުމަށް އަންހެނުން ޒުހޭރު ކައިރީ އެދުނެވެ. މާޔޫސްވެފައި އިން ޒުހޭރު އެ ފޮށި ހުޅުވާލިއެވެ. ދެލޯ ދިޔައީ ބޮޑުވެގެންނެވެ. މުޅި ފޮށި ފުރާ ހުރީ ހުސް ފައިސާއެވެ. މިކަމާ ހާސްވެގެން ކޮންތާކުން ހޯދި ފައިސާއެއްތޯ ސުވާލު ކުރިއެވެ. ޖަވާބުގައި އަންހެނުން ހިނިތުންވެލާފައި އެއީ ޒުހޭރު އޭނާއަށް ކުރި އިތުބާރުގެ ނަތީޖާކަން ބުނެލިއެވެ. ކޮންމެ މަހަކު ލިބޭ ކުޑަ އާމްދަނީއިން އަންހެނުނާ ހަވާލު ކުރި ފައިސާ ބޭނުން ކުރުމަށް ފަހު ބާކީ ކަމަށް ބުނެލިއެވެ. ޒުހޭރު މިކަމާ ބުނާނެ އެއްޗެއް ނޭންގުނެވެ. ލޮލުން ކަރުނަ ފޯވިއެވެ. އަދި الله سبحان و تعالىٰ ދެއްވި ނިއުމަތެއް ފަދަ ޙަޒާނާއަށް ޝުކުރު ދެންނެވިއެވެ.
– ނިމުނީ –

No comments:

Post a Comment

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...