ހަބީބްއަކީ އާދައިގެ ވަޒީފާއެއްގައި އުޅެމުން އަންނަ ޒުވާނެކެވެ. އާމްދަނީއެއްގޮތުގައި މަހެއްގެ މައްޗަށް ދިހަހާސް ނުވަތަ ފަނަރަހާސް ލިބެއެބެ. ހަބީބް އަބަދުވެސް ފަހުގެ ސާމާނު ވަރަށް ގެންގުޅޭ ހިތްވެއެވެ. މިގޮތުން ފޯނެއް ނުކުމެއްޖެނަމަ އެންމެ ފުރުތަމަ އެގަތުމަށް އަޒުމް ކަނޑައަޅައެވެ. ލިބޭ މުސާރައިން ގޭ ކުލި ދައްކާފައި ނުކައި ނުބޮއެ ހުންނަން ޖެހުނަސް އެ އެއްޗެއް އޭނާ ހޯދާނެއެވެ. މަހުގެ ބާކީ ބައި އޭނާ ގިނަފަހަރު ކައިބޮއެހަދަނީ ރައްޓެއްސެއް އަތުން ލޯންއެއް ނަގާލައިގެންނެވެ. ނަމަވެސް ގިނަފަހަރު އެ ލޯން އަދާ ނުކުރެވެއެވެ. ފައިސާ ހޯދަން ރައްޓެހިން ގުޅުމުން ބަހަނާއެއް ދައްކާފައި ޖެހިގެން އަންނަމަހު ދޭނަމޭބުނެއެވެ.
ހަބީބްގެ އާ ފޯނު ނެގިތާ އަހަރެއް ވެއްޖެއެވެ. މިހާރު ހަބީބް ބޭނުންވަނީ ފަހުގެ ސައިކަލެއް ނަގާށެވެ. އެކި ސައިޓްތަކަށްވަދެ ސައިކަލްތަކުގެ އަގުތައް ބެލުމަށްފަހު ދަރަންޏަށް ސައިކަލެއް ނަގަން ތައްޔާރުވިއެވެ. ނަމަވެސް ގެރެންޓީދޭނެ ފަރާތެއް ހޯދަންޖެހޭތީވެ ހަބީބްގެ އެކުވެރި އަބްޝަމްއާ ބައްދަލްކުރިއެވެ. އަބްޝަމްއަށްވެސް ހަބީބްވަނީ ދަރާފައިކަމުން އަބްޝަމްގެ ދަރަނީގެ ދެބައިކުޅަ އެއްބައި އަބްޝަމްއާ ހަވާލުކުރިއެވެ. އަދި ސައިކަލް ނަގަންއުޅޭ ވާހަކަ ހިއްސާކޮއްލިއެވެ. އަބްޝަމް އެންމެ ފުރުތަމަވެސް އެކަމަށް ދެބަސްވިއެވެ. ސަބަބަކީ ހަބީބްއަށް ފައިސާ ނުދެއްކިއްޖެނަމަ އޭނާ އެއަށް ޒިންމާ ނަގަންޖެހޭނެތީއެވެ. ހަބީބް އެތައް އާދޭހެއްކުރުމުންވެސް އަބްޝަމް އެކަމަށް އެއްބަސްނުވިއެވެ. އެންމެ ފަހަށް ހަބީބް ނަގާފައި އޮތް ފަހުގެ ފޯނުވެސް އަބްޝަމްއަށްދިނެވެ. އެއީ ސައިކަލް ނަގާދޭމަތިން ދޭ ހަދިޔާއެއްކަމަށް ބުނެލިއެވެ. އެންމެ ފަހަށް އަބްޝަމް ސޮއެކުރަން އެއްބަސްވިއެވެ.
ދެމީހުން އޭޓީއެމްއަށް ގޮސް ފަސްހާސް ރުފިޔާ ނަގައިގެން ޝިޝާއަށް ދިޔައެވެ. އަދި ފޯމްތައް ފުރުމަށްފަހު ދެފަރާތުން ސޮއެކުރިއެވެ. ހަފްތާއެއް ތެރޭގައި ސައިކަލް ބަލާ އައުމަށް ޝީޝާއިން ހަބީބްއަށް ލިޔުން ހަވާލުކުރިއެވެ. ޝީޝާއިން ނުކުމެ އަބްޝަމްއަށް ޝުކުރު އަދާކުރުމަށްފަހު ހަބީބްއާ ދެމީހުން ވަކިވިއެވެ. ހަބީބް އޮފީހަށް ދިޔަގޮތަށްގޮސް އެންމެން ކައިރި ސައިކަލް ނަގައިފީމޭކިޔާ ފޮނިކަނޑާލިއެވެ. އެއަށްފަހު އޮފީހު ވެރިމީހާ އިންތޯ ބަލައި ވެރިމީހާއާ ބައްދަލްކޮއް އޮފީހުން މުސާރަ އެޑްވާސްއެއް ނެގުމަށް އެދުނެވެ. ފައިސާ ހަމަޖެހުމުން ފޯނު ވިއްކާ ފިހާރައަކަށްވަދެ އެންމެ ފަހުގެ ފޯނެއް ނެގިއެވެ. ފޯނަށް ސިމް ލައްވާލުމާއެކު ފުލު ފުލުން ރައްޓެހިންގެ މެސެޖްތައް އަންނަން ފަށައިފިއެވެ. ކޮންމެ މެސެޖެއްގައިވަނީ ފައިސާ އަނބުރާ ދިނުމަށްށެވެ. ނަމަވެސް ކައިވަތެކޭވެސް ހަބީބް ހިތަކަށް ނާރައެވެ.
ހަފްތާއެއްފަހު ޝީޝާއިން ހަބީބް ސައިކަލް ބަލައި އައުމަށް ގުޅުމުން ވީ އެންމެ އަވަހަކަށް އެދިމާލަށް ދިޔައެވެ. ހަބީބްގެ އާ ސައިކަލް ފެނުމުން މޫނުމައްޗަށް އުފާވެރިކަން ފާޅުވިއެވެ. ތަޅުދަނޑިއާ ހަވާލުވެ އަރާ ސްޓާޓްކޮއްލުމަށްފަހު ދުއްވާލަން ނުކުތެވެ. ދުއްވަނިކޮއް ރައްޓެއްސަކު ހަބީބްއާ އަރާ ހަމަކޮއްފައި އޭނާގެ ލާރި ކޮބައިތޯ ސުވާލުކޮއްލިއެވެ. ޖަވާބުގައި ހަބީބް އެފައިސާ މަސް ނިމުމުން ރައްދު ކޮއްދޭނެވާހަކަ ބުނިއެވެ. ނަމަވެސް މިފަހަރު ކަންވީ ހީނުކުރާ ގޮތައްށެވެ. ރަހްމަތްތެރިޔާ ހަބީބް މަޑުކުރުވުމަށްފަހު މަގުމަތީގައި ހަޅޭއްލަވައި އިންޒާރުދޭންފެށިއެވެ. އައި ރުޅީގައި ހަބީބްވެސް އޭނާ ދިނިޔާއެއްނޫހޭ ލިބޭނީ ބުނެލިއެވެ. ރަހްމަތްތެރިޔާ ފަހުގެ އިންޒާރު ހަބީބްއަށް ދިނުމަށްފަހު އެތަނުންދިޔައެވެ. ނަމަވެސް ހަބީބް އެ ރަހްމަތްތެރިޔާ ދިން އިންޒާރަކަށް ނުބަލައެވެ. ސައިކަލް ގޮސް ގޭދޮށުގައި ބަހައްޓާފައި ފެންވަރާ ނަލަވެލަން ގެއަށްވަނެވެ. ފެންވަރާލައިގެން އަވަސް އަވަހަށް ހަބީބް ނުކުމެލީ އަނެއްކާވެސް ސައިކަލް ދުއްވާލަންދާށެވެ. ނުކުތްއިރު ސައިކަލް ބެހެއްޓިތާކު ސައިކަލްއެއްނެތެވެ. ހާސްވެފައިހުރި ހަބީބް އެކި ދިމަދިމާ ބަލަންފެށިއެވެ. ގޭދޮށު މަގު އެއްކޮއް ބަލައިހެދިއެވެ. ކައިރީގައި އިން ރައްޓެއްސެއްގެ ގޭގެ ކެމެރާއިން ބަލައިލުމުން ފެނިގެން ދިޔައީ އިންޒާރުދިން ރަހްމަތްތެރިޔާ އައިސް ހަބީބްގެ އާ ސައިކަލް ގެންދިޔަތަނެވެ. އައި ރުޅީގައި ފޯނު ނަގާ އެ ރަހްމަތްތެރިޔާއަށްގުޅާ ހެއްދެވި ނެހެއްދެވިއެއްގޮވިއެވެ. ނަމަވެސް އެފަރާތުންވެސް ވަކި ދުލެއްނުދެއެވެ. އެންމެ ފަހަށް ހަބީބް ގަތް އާ ފޯން ވިއްކާލަން ނުކުތެވެ. ނުއަގުގައި ވިއްކާލަން ޖެހުނަސް ހެޔޮކަމަށް އެފޯން މީހާކަށް ވިއްކާލުމަށްފަހު ރަހްމަތްތެރިޔާއަށް ގުޅައި ފައިސާ ބަލާ ސައިކަލާއެކު އައުމަށް އެދުނެވެ. ރަހްމަތްތެރިޔާ ހަބީބްގެ އާ ސައިކަލް ހިފައިގެން އައިސް ހަބީބް އަތުން ފައިސާ ނެގުމަށްފަހު ސައިކަލް ހަވާލުކުރިއެވެ.
ސައިކަލް ނެގިތާ މިހާރު ފުރުތަމަ މަސް ނިމިއްޖެއެވެ. ސައިކަލްއަށް ފައިސާ ދެއްކުމުގެ މުއްދަތުވެސް ހަމަވަނީއެވެ. ނުދައްކައިފިނަމަ އިތުރަށް ފައިސާ އަރާނެކަން ހަބީބްއަށް އެނގޭތީ އިނީ ވަރަށް ކަންބޮޑުވެފައެވެ. އެދުވަހު ނަސީބު ރަނގަޅުކަމުން މުސާރަވެސް ދީފިއެވެ. ނަމަވެސް ހަބީބްއަށް ލިބުނީ އެޑްވާސް ނަގާފައިވުމުން ހަތަރުހާސް ރުފިޔާއެވެ. ދިޔަގޮތަށް ގޮސް އެންމެ ފުރުތަމަވެސް ސައިކަލްއަށް ފައިސާ ދައްކާލިއެވެ. އަދި ބާކީ ފައިސާއިން މަސް ނިމެންދެން ފުއްދަން ބެހެއްޓިއެވެ. ނަމަވެސް ހަބީބްއަށް ގިނަ ދުވަހަކު ނުހުރެވުނެވެ. ދަރަންޏަށް ފައިސާކޮޅެއް ހޯދަން އެކި ރައްޓެހިންނާ ބައްދަލްކުރަންފެށިއެވެ. ނަމަވެސް މިފަހަރު އެކަކު އަތުންވެސް ނުލިބުނެވެ. މަސް ނިމިގެން ދިޔައީ ގިނަފަހަރު ނުކައި ނުބޮއެ ހުރެގެންނެވެ. މިފަހަރު ގޭ ކުލިވެސް ނުދެއްކުނެވެ. ޖެހިގެން އައި މަހު މުސާރަ ލިބުމުން ކުލި ދައްކާފައި ސައިކަލްއަށް ދައްކާނެ ފައިސާއެއް ހަބީބް އަތަކުނެތެވެ. އެންމެ ފަހަށް ޝީޝާއިން ހަބީބްއަށް ފައިސާ ހޯދަން ގުޅަން ފަށައިފިއެވެ. އެއަށްފަހު ރައްޓެހިންވެސް ގުޅަން ފަށައިފިއެވެ. ނަމަވެސް ބަހަނާތަކެއް ދެއްކުމަށްފަހު ފޯން ކަނޑާލިއެވެ. ދަރަނީގެ މައްޗަށް ދަރަނި ޖެހިފައިވާ ހަބީބް ހުރީ ގޮތްހުސްވެފައެވެ. ފައިސާ އަދާކުރަނެ ގޮތަކާމެދު ވިސްނަމުން ސައިކަލް ދުއްވަމުން ދިޔަ ހަބީބް ސައިކަލް ކާރަކާއި އެކްސިޑެންޓް ވެއްޖެއެވެ. ކާރު ޑްރައިވަރު ފުލުހުން ހާޒިރުކުރިއެވެ. ފުލުހުން އެނގީ ދެފަރާތް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށްށެވެ. ހަބީބް ކާރު ޑްރައިވަރާ ވާހަކަދައްކައި ފައިސާ ހަމަޖެހޭނެކަމަށްބުނެ ޑްރައިވަރު ފޯން ނަމްބަރު ނެގުމަށްފަހު ސައިކަލް ނަގައިގެން އެތަނުން އަވަހަށްދިޔައެވެ.
ތިން މަސް ފާއިތުވީއެވެ. ހަބީބް ފޯންއަށް އެކި ނަމްބަރުތަކުން ކޯލް އަންނަނީއެވެ. ނަމަވެސް އެއިން އެއްވެސް ކޯލްއަކަށް ޖަވާބުނުދެއެވެ. އެންމެ ފަހަށް ހަބީބްގެ މައްސަލަ އޮފީހާ ހަމައަށްވެސް ގޮސްފިއެވެ. ހަބީބްގެ މައްސަލައިގެ ބޮޑުކަން އެނގިގެން އެންމެފަހަށް އޮފީހުންވެސް ހަބީބް ދޫކޮއްލިއެވެ. ދެރަވެފައި ހުރި ހަބީބް ގެއަށް ދިޔުމުން ކުލި ނުދައްކާތާ ދެމަސްވެފައިވާތީ އެގެއިންވެސް ނެރެލިއެވެ. މަގުމަތިވެފައިވާ ހަބީބް ސައިކަލްމަތީ އިންދާ ދެމީހަކު ސައިކަލްއެއްގައި އައިސް ހަބީބްއާ ބައްދަލްކުރިއެވެ. އެމީހުން ތިބީ ޝީޝާގެ ޔުނިފޯމްގައެވެ. އެމީހުން ހަބީބްގެ ސައިކަލްވެސް އޭނާ އަތުން ގެންދިޔައެވެ. މިއަދު ހަބީބް އަތަކު އެކައްޗެއްވެސްނެތެވެ. މޮޅު ފޯނެއް ސައިކަލެއް ވަޒީފާއެއް އަދި ކީއްކުރަން ވަންނާނެ ތަނެއްވެސްނެތެވެ. މިއަދު ހަބީބް އެކަމާ ހިތާމަކުރެއެވެ. ދަރަންޏަކީ ހިތި އެއްޗެއްކަން މިއަދު އޭނާއަށް ރަނގަޅަށް ވިސްނިއްޖެއެވެ. ނަމަވެސް ވަގުތުވަނީ މިއަދު މާ ބޮޑަށްވެސް ފާއިތުވެފައެވެ.
– ނިމުނީ –
*****************
*****************
ލޮބުވެތި ކިޔުންތެރިންނޭ. އެއްވެސް ހާލެއްގައި ދަރަނި ބޮލުގައި އަޅައިގެން އުޅުމަކީ ސަޅިކަމެއްނޫނެވެ. ބައެއްމީހުނަށް އެއީ ސްޓައިލްއެކެވެ. ނަމަވެސް ތިބާ މިދުނިޔެ ދޫކުރާތަނުން ދަރަންޏެއް ނުވަތަ ވަސިއްޔަތެއް އޮތްތޯ ރޭޑިއޯއިންނާ ޓީވީއިން ގޮވާލެވޭނެއެވެ. އެދުވަހު ހައްގު ހޯދަން އަންނަނީ ކިތައް މީހުންތޯއެވެ؟ އެމީހުންގެ ހައްގުތައް ތިބާއަށް އަދާ ނުކުރެވި ތިބާގެ މީހުންނަށްވެސް އަދާ ނުކޮއްދެވިއްޖެނަމަ ހުރީ ކޮންފަދަ ހިތާމައެއްތޯއެވެ. ވީމާ ތިބާ ދުނިޔެ ދޫކުރުމުގެ ކުރިން އަވަހަށް ދަރަންޏެއް އޮތިއްޔާ އެ އަދާކުރާށެވެ.
No comments:
Post a Comment