Saturday, February 8, 2020


ސާނިޔާއަކީ މަންމައާ ބައްޕައަކަށް ލިބިފައިހުރި ހަމައެކަނި ދަރިފުޅެވެ. ސާނިޔާގެ އާއިލާއަކީ އެހާ ފޯރުންތެރި ބަޔެއްނޫނެވެ. ރަށުގައި ކައިބޮއެ ހެދުމަށް ކުރާ މަސައްކަތަކީ މަސް ކެއްކުމެވެ. ބައްޕަ މަސް ބާނާއިގެން އައުމުން އެންމެ ފުރުތަމަވެސް ބަރޯ ހިފައިގެން މަސްބަލާ ގޮސް ހުންނަ ކުއްޖަކީ ސާނިޔާއެވެ. ބަރޯއަށް މަސްތައް އަޅައިގެން ވަރުބަލިވެފައިވާ ބައްޕައަށް އެއްވެސް ބުރައެއް ނުޖައްސާ ބަރޯ ގެއާ ހަމައަށް ގެންގޮސް މަސްކެނޑުމުގެ ކުރިޔަށް ބައްޕައަށް ކާންދިނުމަށްފަހުނޫނީ މަސައްކަތް ފެއްޓިއަވެސްނުދެއެވެ. މިކަމާ ބައެއްފަހަރު ސާނިޔާގެ ބައްޕަ މުޙުތާރު ހިނިވެސް އާދެއެވެ. ނަމަވެސް ދަރިފުޅަށް ތައުރީފްގެ ބަސްތައް އޮއްސާލައެވެ. ސާނިޔާގެ މަންމަ ރުގިއްޔާ ދަރު އުނދުންތައް ރޯކޮއް މަސްކެއްކުމަށް ކޮންމެ ރެޔަކުވެސް ތައްޔާރުވަނީ ފިސާރި ފޯރިއާއެކުއެވެ. މަސައްކަތް ނިމޭއިރު ހުންނަނީ ދަންވަރު އެކެއްޖަހާފައެވެ. މަސައްކަތް ނިމުމުން ތިން މީހުން އެއްތަންވެ ސަކަރާތްޖެހުމަށްފަހު ނިދަންދެއެވެ.
އާދުވަހަކަށް އިރުއެރުމުން މުޙްތާރު މަހަށްދާން ނުކުތެވެ. އަނބިދަރިންނަށް އަލްވަދާއު ކިޔުމަށްފަހު މަސްދޯންޏަށް އަރައި މަސްވެރިންނާ ސަކަރާތްޖެހުމަށްފަހު ދުވަހުގެ ތާވަލް ކިޔައިދިނެވެ. އެން ހޯދުމަށް ނުކުމެ އެތައް އިރަކު ދުއްވިއެވެ. ވާވަރަށް އެން ނެގުމަށްފަހު މަސް އައިނު ހޯދަން ދުއްވަންފެށިއެވެ. އެއިރު އުޑުމަތިވެސް ދިޔައީ ފުދޭވަރަކަށް ބަނަވަމުންނެވެ. ވައި ގަދަވެ ކަނޑުވެސް ގަދަވާން ފަށައިފިއެވެ. ނަމަވެސް ހިތްވަރު އެލުވައިނުލާ ކުރިޔަށްގޮސް މަސްބާނަން ތިބި އެހެން ދޯނިތަކާ އެއްވަރުކޮއް ދޮށިތައް ކަނޑަށް އުކައި މަސްބާނަންފެށިއެވެ. ނަގަމުން ދިޔަ ރާޅުތަކަށް ބެލުމެއްނެތި ފޯރިޔާއެކު މަސްބާނަމުންގޮސް ވަތުތެރެ ފުރިގެން ބަަންޑުންދާހިސާބަށް ދިޔުމުން ހުއްޓާލުމަށްފަހު މަސް ކިރަން ދިޔުމުގެ ދަތުރު ފަށައިގަތެވެ. ހުންގާނުގައި ހުރި މުޙުތާރު ނަގާ ދޯނިތެރެޔަށް ޖަހަމުން ދިޔަ ރާޅުތަކަށް ނުބަލައި ދިޔައީ ކުރިޔަށްށެވެ. ވިއްސާރަވެސް ވަރަށް ބޯކޮއްފިއެވެ. ކަނޑު އިހަށްވުރެ ގަދަވުމުން އެންމެ ކައިރިން ފެންނަންއޮތް ފަޅު ރަށެއްގެ ފަޅަށް ދޯނި ގޮސް ވައްދާލިއެވެ. އެއަށްފަހު ފޯނު ނެގުމަށްފަހު މުޙްތާރު އޭނާގެ ލޯބިވާ ދަރިފުޅަށް ގުޅާފައި ހާލަތު ކިޔައިދިނެވެ. އަދި އެދުވަހު ލަސްވާނެކަން އެންގިއެވެ.
ބައްޕަގެ ފޯނު ނިމުމުން ސާނިޔާ ގޮސް މަންމައަށް ޙަބަރުދިނެވެ. އެއިރު ރަށަށްވެސް ދިޔައީ ބޯކޮއް ވާރޭވެހެމުންނެވެ. ގޭތެރޭގައި ކުރަން ހުރި ކުދި މަސައްކަތްތައް ސާނިޔާ ނިންމާލުމަށްފަހު ބަރޯއަށް ކުނިތައް އަޅައިގެން ކުނި އުކާލަން ދާން ހިނގައިގަތެވެ. ކުނި ގޮނޑު ހުންނަނީ ރަށުގެ އަނެއްކޮޅުގައި ކަމުން ވެހެމުން ދިޔަ ވާރޭގައި ހިނިތުންވެފައި ތެމިލައިގެން ސާނިޔާ ކުރިޔަށްދިޔައެވެ. ދަނިކޮއް އޭނާގެ ދުވަސްވީ އެކުވެރިޔާ ސާތިހުއާ ދިމާވިއެވެ. ސާތިހުއަކީ އަބަދުވެސް ސާނިޔާއަށް ކޮންމެ ކަމެއްގައިވެސް އެންމެ އެހީތެރިވާ އެކުވެރިޔާއެވެ. ކުނި ބަރޯއަށް ބަލާލުމަށްފަހު ” ބޮންދު ކޮންތާކަށްހޭ ” ސާތިހު ސާނިޔާއަށް ޖެއްސުމަށް އަހާލިއެވެ. އެބަސްކޮޅަށް ސާނިޔާ ތުން ދަމާލުމަށްފަހު ” ކުނިއުކާކަށްނޫންހޭ މިދަނީ ” ބުނެލިއެވެ. ހިނިގަނޑެއް ޖަހާލުމަށްފަހު ސާތިހު ޙަރަދު ދަޅު ބޯންދާން ދައުވަތު ސާނިޔާއަށްދިނެވެ. ދައުވަތު ގަބޫލްކޮއް ވެހެމުން ދިޔަ ބޯ ވާރޭގައި ދެމީހުން ގޮސް ފިހާރަކަށްވަދެ ދެ ރެޑްބުލްދަޅު ގަނެގެން ފިހާރަ ކައިރީ ބޯން ތިއްބައި ވަރުގަދަ ގުގުރިއެއް ޖަހާލިއެވެ. ޖަހާލުމާއެކު ސާނިޔާ ސިއްސައިގެން ގޮސް ތުންފަތުގައި ޖައްސައިގެން ހުރި ރެޑްބުލްދަޅު އަތުން ދޫވެ ކިސަޑު ފެންގަނޑު ތެރެޔަށް ވެއްޓުނެވެ. ސާތިހު ހިނިގަނޑެއް ޖަހާލުމަށްފަހު އޭނާ ބޯންހުރި ރެޑްބުލްދަޅު ސާނިޔާއަށް ދިއްކޮއްލިއެވެ. ދެމީހުން ބަހައިގެން ދަޅު ހުސްކޮއްލިއިރު އެންމެ ފަހު އެތިކޮޅު ލައްވާލީ ސާތިހުއަށްށެވެ. ހުސްވި ރެޑް ބުލްދަޅު ސާނިޔާގެ ކުނި ބަރޯއަށް ވެއްޓާލިއެވެ. ” ބޮންދު މިވެސް އެއްލާލައްޗޭ ” ހެމުން ސާތިހު ބުނެލިއެވެ. ސާނިޔާވެސް ހެމުން ބޯޖަހާލިއެވެ. ދެ އެކުވެރިން އެކުގައި ކުނިގޮނޑާ ދިމާލަށް ގޮސް ކުނިބަރޯ ހުސްކޮއްލިއެވެ. އެއަށްފަހު ތުނޑީ ކޮޅަށްގޮސް ބޮޑު ވާހަކައިގައި ވެހެމުންދިޔަ ވާރޭގައި ތިއްބެވެ.
ސާނިޔާގެ އިންތިޒާރުގައި އޭނާގެ މަންމަ ރުގިއްޔާ އުނދޯލީގައި މަޑުކޮއްލައިގެންއިނެވެ. ހަމައެކަނި ހުރި ދަރިފުޅުވީމައި ކިރިޔާވެސް ލަސްވިޔަސް ކަންބޮޑުވުން ރުގިއްޔާގެ ހުރެއެވެ. ދަރިފުޅު އަތުގައި ފޯނެއް ނޯންނާތީ ލިބޭ ކުޑަ އާމްދަނީއިން ފޯނެއް ގަނެދޭން ރުއްގިއްޔާ ދިޔައީ ލާރިވެސް ފޮރުވަމުންނެވެ. އުނދޯލީގައި އިން ރުގިއްޔާ ސިއްސައިގެން ދިޔައީ ފޯނު ރިންގްވާންފެށުމުންނެވެ. ގުޅަމުން ދިޔައީ އޭނާގެ ފިރިމިހާ މުޙްތާރުކަމުން އުފަލުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. ނަމަވެސް ފޯނުން ވާހަކަ ދެއްކީ މުޙްތާރުއެއްނޫނެވެ. ދޯނީގެ ފަޅުވެރިޔެކެވެ. ” ދައްތާ ހިތްވަރު ކުރާތި މުޙްތާރުބެ މިއުޅެނީ އޮޑީގައި ހުއްޓާ އެއްފަޅި ވާގިގޮސްގެން ވެއްޓިގެން. މި ބަލަނީ ވީހާވެސް އަވަހަކާ ރަށަށްދެވޭތޯ ” މި ބަސްތައް ވެގެން ދިޔައީ ރުގިއްޔާގެ ދެލޯ ކަރުނައިން ފޯވެގެން ދިޔަ ބަސްތަކަކަށްށެވެ. އާމްދަނީ ލިބެމުން އައި ދޮރު ހީވީ ބަންދުވީހެންނެވެ. އަވަސް އަވަހަށް ސާނިޔާ ހޯދުމަށް ވެހެމުން ދިޔަ ވާރޭތެރޭގައި ދުވެފައި ނުކުތެވެ. ކުނި ގޮނޑާ ދިމާލަށް ދަނިކޮއް ސާތިހުއާ ދެމީހުން އަންނަ ތަން ފެނިގެން އެދިމަލަށްގޮސް ބައްޕައަށް ވެގެން އުޅޭގޮސް ކިޔައިދިނެވެ. ސާނިޔާގެ ދެލޯވެސް ކަރުނައިން ފޯވިއެވެ. އެވަގުތު ކައިރީ ހުރި ސާތިހު ސާނިޔާއަށް ހިތްވަރުލައިދިނެވެ. އަދި ދޯނި ލަފާތޯ ގޮސް ބަނދަރުގައި މަޑުކުރުމަށް ދެމައިންނަށް ނަސޭހަތްދިނެވެ.
ޖަހަމުން ދިޔަ ރާޅުތަކަށް ބެލުމެއްނެތި ހުންގާނާ ހަވާލުވެގެން ހުރި ޒަރީރު ދިޔައީ ރަށާ ދިމާލަށް ދަތުރު ކުރަމުންނެވެ. ގައިގެ އެއްފަޅި ވާގިނެތިފައިވާ މުޙްތާރު ގާތުގައި ދެތިން ފަޅުވެރިޔަކު އިށީންދެލައިގެން ހިފަހައްޓާލައިގެން ތިއްބެވެ. ރަށަށް ލެފުމާއެކު އިންތިޒާރުގައި ތިބި ދެމައިން ދުވަމުން ދޯނި ކައިރިއަށްއައެވެ. މުޙްތާރު މަރުކަޒަށް ގެންދިޔުމަށް ރަށުގެ ވަރުހުރި ހަތަރު ޒުވާނުން ފައްޖެހެނދެއް ހިފައިގެން އައިސް ތިއްބެވެ. ދޯނި މީހުންގެ އެހީއާއެކު މުޙްތާރު ފައްޖެހެނދަށްލުމަށްފަހު ހަތަރު ޒުވާނުންގެ ކޮނޑުމަތީ މުޙްތާރު މަރުކަޒަށް ގެންދެވުނެވެ. ޑޮކްޓަރު މުޙްތާރު ބެލުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔުމަށް އެދުނެވެ. އެތައް ބަޔެއްގެ ދީލަތި އެހީޔާއެކު މުޙްތާރުއާ އޭނާގެ އާއިލާ ފަސްދުވަހަށް މާލެ ގޮސް މުޙްތާރު ޑޮކްޓަރަށް ދެއްކުމުން އެނގިގެން ދިޔައީ ގިނަ ދުވަސްތަކަކަށް މުޙްތާރުގެ އެއްފަޅި ވާގި ދިޔައީ ޖެހުނު މެދު މިނެއްގެ ސްޓްރޯކަކުންކަމެވެ. މި ޙަބަރު ވެގެން ދިޔައީ ތިން މީހުންނަށްވެސް ލިބުނު ބޮޑު ހިތާމައަކަށްށެވެ. ކަނދުރާ އެލުވާލައިގެން ތިބި ހާލު ރަށަށް އަނބުރާ އައިސް ދިރިއުޅުން އުޅެވޭތޯ ގަދައަޅާ މަސައްކަތްކުރިއެވެ. ސާނިޔާގެ އެކުވެރި ސާތިހު ދިޔައީ އެތަށް ބައިވަރު އެހީތަށް ވަމުންނެވެ. ސާނިޔާގެ އާއިލާއަށް އެއްވެސް ދައްޗެއް އޭނާ ވިޔަކަށް ނުދެއެވެ. މަސްބާނައިގެން ދޯނިފަހަރު އައުމުން މަސް ހޯދައިގެން ގެންގޮސް އެގެއަށްލާ ކައިބޮއެ ހެދޭވަރުކޮއްދެއެވެ.
ސާނިޔާއާ ދޭތެރޭ ސާތިހު ބަހައްޓަމުން އައި އޯގާތެރިކަން މުޙްތާރުގެ ދެމަފިރިންނަށް ފާހަގަ ކުރެވި އެއްރެޔަކު އެގެޔަށް ކެއުމަކަށް ދައުވަތުދިނެވެ. ސާތިހު ވަގުތުން ދައުވަތު ގަބޫލްކުރިއެވެ.
ދައުވަތު ދެވިފައި އޮތް ރޭގައި ސާތިހު ނަލަވެލާ ސެންޓް ޖަހާލައިގެން ސާނިޔާ މެންގެޔަށް ދިޔައެވެ. ދޮރާ ހަމަޔަށް އެރިތަނުން ދޮރުމަތީ ސާނިޔާ ހުރިތަން ފެނުނެވެ. ސާނިޔާއާ އަރާ ހަމަކޮއްފައި ” އަހާ ބޮންދޫ ” އޭބުނެލިއެވެ. ސާނިޔާ ހިނިފަޅައިގެން ގޮސް ސާތިހު ކޮނޑުމަތީ އެތިފަހަރެއް އަޅާލިއެވެ. ގޭތެރެޔަށް ވެދެ ކާމޭޒުދޮށުގައި ސާތިހު އިށީނުމަށްފަހު ” އޭ ބޮންދޫ ގަރުދިޔައާ ބަތާ އެނގޭ ” ސާނިޔާއާ ދިމާލަށް ބުނެލިއެވެ. ތުން ދަމާފަ ހުރި ސާނިޔާ ކައްކާފައި ހުރި ސާމާނު ގެނެސް މޭޒުމަތީ ބަހައްޓާލިއެވެ. އެވަގުތު ސާނިޔާގެ މައިންބަފައިން ނުކުމެގެން އައިސް މޭޒުދޮށުގައި އިށީނެވެ. ފުން ނޭވާއެއް ލުމަށްފަހު ސާނިޔާ ކައިރީވެސް އިށީނުމަށް މުޙުތާރު އެދުނެވެ. ސާނިޔާ އިށީނުމުން މުޙްތާރު ފަށައިގަތެވެ.
” ދަރިފުޅާ ސާނިޔާ. ބައްޕަ މީނީ މިހާރު ބަލިވެފައި. މަންމަ އަކަށްވެސް އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއްނެތް. މިހާރު ހުރިހާވެސް އުންމީދަކީ ދަރިފުޅު ވީމާ ބައްޕަމެން މި ދައްކާ ވާހަކަ ގަބޫލް ކުރާނެކަމަށް އުންމީދުކުރަން. ދަރިފުޅު ބައްޕަމެން ބުނާ މީހަކާ ކައިވެނިކުރަން ކެރޭނެތަ؟ ”
ސާނިޔާ އިރުކޮޅަކު ވިސްނަން އިނުމަށްފަހު ފުންނޭވާއެއްލާފައި ފަށައިގަތެވެ. ” ބައްޕައާ މަންމަގެ އުފަލަށް އަހަރެން މިހުރީ ދެއްކި މީހަކާ އިންނަން ތައްޔާރަށް ”
ކާން އިން ސާތިހުވެސް އެވާހަކަ އަޑު އިވުމުން ފޯރި އެރިއެވެ. ” ބޮންދު މީހަކާ އިންނަނީ ދޯ؟ ދަޅު ލިބޭނެދޯ. ހެކިވެރިޔަކަށް ޖަހާތި މަކޮއެ ”
ސާނިޔާގެ ބައްޕަ މުޙްތާރު ހިނިގަނޑެއް ޖަހާލުމަށްފަހު ” އާނ ބޮންދު މީހަކާ އިންނަނީ ބޮންދު އިންނަ މީހާއަކީ ކައިރީގައި ކާން ތިޔައިން މީހާ. މިކަމާ ގަބޫލްތަ؟ ”
އެވަގުތު ސާތިހު ކޮށިއަރައިގަނެ އަނގައިގާހުރި ބަތްތަށް ބޭރަށް ނުކުތެވެ. އަދި އެވަގުތު ސާނިޔާ ސާތިހުގެ ބުރަކަށިމަތީ ކުޑަކޮއް ތަޅާލިއެވެ. ” އަޅުގަނޑުތޯ؟ ކީއްވެ؟ މި ބޮންދްއާ؟ ”
ސާނިޔާގެ މަންމަ ރުގިއްޔާ ހީލާފައި ” އަސްލު އަހަރުމެން ވަރަށް ރަނގަޅަށް ބަލައިފިން. ސާތިހު އަހަރުން ދަރިފުޅާ ދޭތެރޭ ބަހައްޓާ އޯގާތެރިކަމާ އަދި އަހަރުމެނާ ދޭތެރޭ ބަހައްޓާ އޯގާތެރިކަންވެސް. ދެން އޮތީ ސާތިހުގެ ޖަވާބު. ކޮބާ ޖަވާބަކީ؟ ”
ސާތިހު ސާނިޔާއަށް ބަލާލާފައި ” ބޮންދު ކައްކާ އެއްޗެހި ނުބައެއްވެސް ނޫން. އެހެންވެ އިންނަންވެސް ގަބޫލް ”
ގިނަދުވަސްތަކެއްނުވެ ސާނިޔާއާ ސާތިހުގެ ކައިވެނިކުރެވުނެވެ. ސާތިހުގެ ބެލުމުގެ ދަށުން ގޭގެ ކަންތައްތަކަށް ބޭނުންވާ ފައިސާ އަބަދުވެސް ސާނިޔާއާ ހަވާލުކުރެއެވެ. އާމްދަނީ ހޯދަން ބުރަކޮއް ސާތިހު މަސައްކަތްފެށިއެވެ. އެގޮތުން ރަށު ކައިރީ އޮތް ރިސޯޓްއެއްގެ ރޫމްބޯއިއެއްގެ ވަޒީފާއަށްވަނެވެ. ލިބޭ އާމްދަނީ އެއްކޮއްހެން ސާނިޔާއަށް ފޮނުވާލުމަށްފަހު ބައްޕަގެ ބޭސްފަރުވާ ކުރިޔަށް ގެންދިޔުމަށް އެންގިއެވެ. ސާނިޔާ ފިރިމީހާ ފޮނުވަމުން ދިޔަ ފައިސާތައް ރައްކާކޮއް އަހަރެއްތެރޭގައި ބޭރަށް ދެވޭވަރަށް ފައިސާ އެއްކުރަން އަޒުމް ކަނޑައެޅިއެވެ.
ހެނދުނުގެ ވަގުތެވެ. ބައްޕައަށް ސައި ހަދާފާ ބައްޕައަށް ގޮވަން ސާނިޔާ ބައްޕަގެ ކޮޓަރިއަށްދިޔައެވެ. ކޮޓަރި ހުޅުވާލިއިރު ކޮޓަރީގައި ބައްޕަ ފެންނަން ނެތުމުން ފާހާނާ ދޮރުގައި ގޮސް ހިފާލިއެވެ. އެތެރެއިން ތަޅުލާފައި ހުރުމުން ސައިބޯން އަންނަން ބައްޕައަށް ގޮވާލުމަށްފަހު ސާނިޔާ ނުކުމެގެން ގޮސް ކާމޭޒުދޮށުގައި އިންދާ މީހަކު އައިސް ދެލޯމަތީ އަތްއެޅިއެވެ. ” މަގޭ ބޮންދޫ ” މިހެން އެމީހަކު ބުނެލުމާއެކު ސާނިޔާއަށް އެއީ އޭނާގެ ލޯބިވާ ފިރިމީހާކަން އެނގިއްޖެއެވެ. އަވަސް އަވަހަށް އެނބުރިލާ ފުރުތަމަވެސް ބައްދާލިއެވެ. އެއަށްފަހު ފިރިމީހާއަށް ސައިހަދައި ސައިދީ ނިންމާލިއެވެ. ސާތިހު ބައްޕަ ކޮބައިތޯ އަހާލުމުން ސާނިޔާއަށް ބައްޕަ މަތިން ހަނދާންވިއެވެ. އަލުން ބައްޕަ ކޮޓަރިއަށް ގޮސް ފާހާނާގައި ޓަކިޖަހާލިއެވެ. ނަމަވެސް ހަބަރެއް ނުވުމުން ކަމެއް ގޯސްކަން އެނގި ސާތިހު ގެނެސް ފާހާނާ ދޮރު ހަލާކޮއްލައިގެން ހުޅުވާލިތަނުން ފެނުނީ ތަޅުންމަތީ ނިޔާވެފައި އޮތް މުޙްތާރެވެ. ސާނިޔާ އަޑުން އަޑުނަގައި ރޯންފެށިއެވެ. އެވަގުތު ސާތިހު އޭނާގެ އަނބި މީހާގައިގާ ބާރަށް ބައްދައިގަތެވެ.
ހަނޑޫ ހޮވަން ރައްޓެހިންނާއެކު ރުގިއްޔާ އިނީ ތުނޑިމަތީ ބޮޑު ވާހަކައިގައެވެ. ޒުވާން އިރުގެ ފޮނި ވާހަކަތަކާ ހިނިގަނޑުތަކުގައި އިންދާ ދުވަމުން އައި ކުޑަކުއްޖަކު އައިސް ރުގިއްޔާ ކައިރިއަށް މަޑުކޮއް ފިރިމީހާ މަރުވެގެން އުޅޭ ޙަބަރުދިނެވެ. ހޮވަން އިން ހަނޑޫއެތި ބައިންދާފައި ރޮއެ ހޭރެމުން ގޭދޮށަށްދިޔައެވެ. އެއިރު މުޙުތާރުގެ ހަށިގަނޑު ނެރެގެން މަރުކަޒަށް ގެންދަނީއެވެ. މަރުކަޒަށް ގެންދެވުނު މުޙްތާރުގެ ހަށިގަނޑުބެލި ޑޮކްޓަރު ސާނިޔާ ކައިރިއަށް އައިސް ބުނެލީ ބައްޕަވަނީ ގުދުރަތީ މަރަކުން ނިޔާވެފަކަމެވެ. މުޙްތާރުގެ ކަށުކަމާކެމީގެ ކަންތައް ނިންމާ އެރޭ ވަޅުލެވިއްޖެއެވެ. ހިތާމައިން ފޯވެފައިވާ ހުވަފަތްވެފައިވާ އަނބިމީހާގެ ލަގޮނޑިއަށް ކެތްނުވެ ދިޔައީ ގަދައަޑުން ރޮމުންނެވެ.
ފިރިމީހާ ނިޔާވުމުން ރުގިއްޔާގެ މުޅި ހަޔާތްވަނީ ހިތާމައިން ފޯވެފައެވެ. ގިނަ ރޭރޭ ނުނިދައެވެ. ހަނދާންތައް އާވަނީއެވެ. ޒުވާން ދުވަސްވަރުގެ ފޮނި ހަނދާންތައް އާކޮއްކޮއް އޮތް ރުގިއްޔާއަށް ކިރިޔާވެސް ހިތްހަމަޖެހުމެއްލިބެނީ ސާނިޔާގެ ފަރާތުންނެވެ. މިހާރު ސާނިޔާ ބަނޑުބޮޑެވެ. ބަނޑަށް ފަސްމަހެވެ. ކޮންމެ ހިތަކީވެސް ސިއްރުތަކެއް ހިފެހެއްޓިފައިވާ ހިތެކެވެ. އެގޮތުން ސާނިޔާގެ ހިތުގައިވެސް މަންމައަށް ފޮރުވިފައިވާ ބައިވަރު ސިއްރު އެބަހުއްޓެވެ.
ސާނިޔާއާ ސާތިހުގެ ކައިވެންޏަށް ތިންއަހަރާ 8 މަސް ވީތަނާހެން ސާތިހުގެ އުޅުން ކުއްލިއަކަށް ބަދަލްވިއެވެ. ރިސޯޓަށްދާފަހުން ގުޅާލެއްމަދެވެ. އަހާލުމުން ބުނަނީ މަސައްކަތް ބުރަކަމެވެ. ނަމަވެސް ވާހަކަ ދެއްކުމުގައި ހުންނަ ކަންނެތްކަމާ އަދި ރުޅިގަދަވުން އަވަސްވާތީ ކޮންމެވެސް ކަމެއް ގޯސްކަން ސާނިޔާއަށް ވިސްނެއެވެ. ޗުއްޓީ ދުވަހެއްގައި ސާނިޔާ ކައިރިއަށް އައުމުން އަބަދު އޮންނަނީ ޒުވާބެވެ. އެޔަށްފަހު އަނިޔާއެެވެ. އަނިޔާވެރިކޮއްނޫނީ ހަށިގަނޑުގައި ބީހިވެސް ނުލާނެއެވެ. އަނގައިން ދުވާ ވަހުން ނޯއްދަމާލަން ބައެއްފަހަރު ނުކެރެއެވެ. މި ހުރިހާ ކަމަކަށް ސާނިޔާ ކެތްތެރިވެގެން ކުރިޔަށްދެއެވެ. މިހާރު ހުންނަނީ ސާތިހުގެ އަނިޔާވެރިކަމާ އޭނާގެ އުޅުމަށް ހޭނިފައެވެ. ލޯބިވާ ބައްޕަ ދުނިޔޭގައި ހުރިނަމައޭ ބައެއްފަހަރު ހިތަށްވެސް އަރައެވެ. އެބައްޕައަށް އާމްދަނީއެއް ނުލިބުނެއްކަމަކު އެ ބައްޕަ ފަރާތުން ލިބޭނެ އޯގާތެރިކަމާ ލޯބި މާ ތަނަވަސްވާނެކަން ޔަގީނެވެ. ނަމަވެސް އެ ބައްޕަ މިއަދު މިދުނިޔެއަށް ލޯ މަރާލީ ސާނިޔާއަށް އުފަލެއް ހޯދައިދީފައެވެ. ނަމަވެސް އެއުފަލަށްވުރެ ކަރުނަ ބާލާހާލު އަބަދުވެސް މިޖެހެނީ ކޮންމެދުވަހަކު ލޯމަރާލާށެވެ. މީ ތަގުދީރުގައި ނިޔާ ކަނޑައެޅިފައިވާގޮތެވެ. އޮތީ ކެތްތެރިވުމެވެ.

No comments:

Post a Comment

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...