ހަޔާތުގާ ހެދޭ ޅަ އެއްޗަކުން ކުރިމަގު މުޅިން ހަލާކުވެދިޔުމަކީ ވަރަށްވެސް ޔަގީންކަމެކެވެ. ކޮންމެ އިންސާނެއްގެ އޮންނަނީވެސް ހިތެކެވެ. އެ ހިތް ހަލާކުކޮށްފި މީހަކަށް އެކަމުގެ ބަދަލް ވަރަށް ހިތި ގޮތްގޮތަށް ލިބިފާ އެބަހުއްޓެވެ.
މުނީރުއަކީ އުމުރުން އެކާވީސް އަހަރުގެ ޒުވާނެކެވެ. ވަޒީފާއެއްގެ ގޮތުން އަދާކުރަމުން އަންނަނީ މަސައްކަތު މީހެއްގެ މަގާމެވެ. އެއީ އޭނާގެ އަލަތު ވަޒީފާއެވެ. މާކަށް ބޮޑު އާމްދަނީއެއްވެސް ނުލިބެއެވެ. ލިބެނީވެސް އެންމެ ސޯޅަ ސަތޭކަ ރުފިޔާއެވެ. އޭގެން ގެޔަށް ލާރި ދީފަ އަތުގާ ހޭދަކޮށްލަން އޮންނަނީ ވަރަށްވެސް މަދު އެއްޗެކެވެ.
ދުވަސްވަރަކީ ރާއްޖެއަށް ފުރުތަމަ ފަހަރަށް މޯބައިލް އިންޓަނެޓް ދޫކުރި ދުވަސްވަރެވެ. މުނީރު ތިން މަހު މުސާރަ ރައްކާކޮށްގެން އެއިރުގެ އެންމެ ރަނގަޅު ނޮކިޔާ ބްރޭންޑްގެ ފޯންއެއްގަތެވެ. އިންޓަނެޓް ހިދުމަތް ލިބޭތީއާއެކު މުނީރު ހަމަޖެހިލައިގެން އޭނާ ބޭނުން އެއްޗެއް ބަލާލައެވެ. މިހެން އުޅުމުގެ ތެރޭގައި މުނީރުގެ އެކުވެރިޔަކު މިގް ތާޓީތްރީ ކިޔާ ޗެޓް އެޕްލިކޭޝަންއެއް މުނީރުއަށް ތައާރަފްކޮށްދިނެވެ. އޭގެން އެކި ގައުމުތަކުގެ މީހުންނާ ދިމާވެ ވާހަކަ ދެއްކޭނެކަން މުނީރުއަށް އެކުވެރިޔާ ކިޔާދިނެވެ. ހާއްސަކޮށް ރާއްޖެ ކުދިންނަށް ވަރަށް މަގްބޫލްވެފައޮތް އެއްޗެއްކަން ބުންޏެވެ.
އެކުވެރިޔާގެ ވާހަކަ އަޑުއެހުމަށްފަހު މުނީރުވެސް މިގް ތާޓީ ތްރީ އަޅާގެން ޗެޓްރޫމްތަކަށް ވަންނަންފެށިއެވެ. އެތައް ގައުމެއްގެ ޗެޓްރޫމްތަކަށް ވަދެ އެކިމީހުން އެޑްކޮށް ވާހަކަދައްކާހެދިއެވެ. އަދި އެވަރުން ނިމުނީކީނޫނެވެ. ރާއްޖޭގެ ޗެޓްރޫމްތަކަށްވަދެވެސް އެތައް އެކުވެރިންނެއް ހޯދިއެވެ. މުނީރުގެ އޮންލައިންގާ އިންނަލެއް ގިނަކަމުން އޭނާގެ މަގްބޫލްކަން ބޮޑުވިއެވެ. އެތައް ރައްޓެހިންނަކާ ވާހަކަދައްކަން އެތައް އިރަކު ގެއަށް ވަދެއްޖެނަމަ އޮންނާނެއެވެ. ބައެއް ފަހަރު ރާއްޖެ ޗެޓްރޫމްތަކުން ދިމާވާ ކުދިންނާއެކު ކޮފީއަށްވެސްދެއެވެ.
ދުވަސްތައް ފާއިތުވެގެންގޮސް މުނީރު ވަޒީފާއިން ކެނޑުނެވެ. ކުޑަ މުސާރައަކަށް ތިން އަހަރު ކެތްކުރުމަށްފަހުގައެވެ. އާ ވަޒީފާއެއް ހޯދުމަށް ކުރި ބުރަ މަސައްކަތުން ތަނެއްގެ ޕިޔޯނުކަން ލިބިގެންދިޔައެވެ. ހަތަރު ހާސް ރުފިޔާގެ މުސާރައަކާއެކުއެވެ. މަސައްކަތްވެސް އެހާ ބުރައެއްނޫނެވެ. މިކަމާ މުނީރު ވަރަށް ހިތްހަމަޖެހުނެވެ. ހުސްވަގުތު ތަކުގައި މިގް ތާޓީތްރީއަށް ވަދެގެން އެކި ކުދިންނާ ވާހަކަ ދައްކަމުންދަނިކޮށް ދިވެހި ޗެޓްރޫމްއަކުން ކަމުދާ އައިޑީއެއްފެނިގެން އެޑްކޮށްލިއެވެ. މައުލޫމާތު ސާފުކޮށްލިއިރު އެއީ ލާމު އަތޮޅަށް ނިސްބަތްވާ ކުއްޖެކެވެ. ކިޔަވަނީ މާލޭގައެވެ. ދިރިއުޅެނީ ހުޅުމާލޭގައެވެ. ކޮންމެ އަކަސް މުނީރު އަބަދުވެސް މިކުއްޖާއަށް ފާރަލާންފެށިއެވެ. އޮންލައިން ވާއިރަށް ގޮވާލައެވެ. ނަމަވެސް ބަސްމަދު އެކުއްޖާ ވަރަށް އަވަހަށް އޮފްލައިންވެއެވެ. ނަމަވެސް މުނީރު މަސައްކަތް ހުއްޓާކަށް ބޭނުމެއްނުވިއެވެ. ވަރަށްވެސް ނަމްބަރު ލިބޭތޯ މަސައްކަތްކުރިއެވެ. ދުވަސްގަނޑަކަށްފަހު އެކުއްޖާގެ ނަމްބަރު ލިބުނެވެ. މަދު ގުޅުމަކަށްފަހު ދޭތެރެޔަކުން ގުޅުން ގިނަވިއެވެ. އަދި އެކުއްޖާގެ އޯގާތެރިކަން މުނީރުއަށް ލިބުނެވެ. ކިޔަވާ ނިންމުމަށްފަހު ރަށަށްގޮސްވެސް މުނީރު ހާލުބަލަން އަބަދުވެސް ގުޅާހަދައެވެ. މިކަމާ މުނީރު ވަރަށްވެސް އުފާކުރިއެވެ. ވާހަކަ ދައްކަން މިހާރު އެއް ގަޑިއިރުވެސް މުނީރުއަށް މަދެވެ. ފޯން ކާޑަކަށްފަހު ކާޑެއް އަޅާގެން ވިޔަސް އެކުއްޖާއަށް ގުޅައެވެ. އެންމެ ފަހަށް ދެމީހުންނަށް އެކަކު އަނެކަކަށް އިތުބާރުކުރެވޭ ހިސާބަށްދިޔައެވެ. އެންމެ ފަހަށް އަންހެން ކުއްޖާ ފޮރުވައިގެން ހުރި ސިއްރެއްވެސް މުނީރުއަށް ކިޔާދިނެވެ. އެކުއްޖާއަކީ ކުރިން މީހަކާ އިނދެ ވަރިވެފާވާ ކުއްޖެކަމެވެ. އެހެން ބުނުމުން މުނީރުގެ ވިސްނުން ކުޑަކޮށް ބަދަލްވާންފެށިއެވެ. މިހެން ހުރެ މިގް ތާޓީތްރީއަށް ވަދެގެން އުޅެނިކޮށް އައިޑިއަކުން މުނީރު އެޑްކުރިއެވެ. އެއީވެސް އަންހެން ކުއްޖެކެވެ. އުޅެނީ މާލޭގައެވެ. ކޮންމެއަކަސް މިހިސާބުން މުނީރު އެކުއްޖާއާ ބައްދަލްކުރިއެވެ. އަދި އެތައް ފަހަރަކު ގުޅާހަދައެވެ. ނަމަވެސް އެކުއްޖާ އެހާ މުނީރަކާ ގަޔާނުވެއެވެ. ނަމަވެސް މުނީރުގެ ވިސްނުން ގޯސްވާންފެށީ މިހިސާބުންނެވެ. ދުރުގާ ހުރި މީހަކަށްވުރެ ކައިރީ ހުރި މީހަކު މާ ކަމުދާކަމަށް މުނީރުގެ ހިތާ ސިކުނޑިވެސް ބުނަންފެށިއެވެ. ގޮތެއްވެސް ނިންމަން މަޖްބޫރުވިއެވެ. އެންމެ ފަހަށް ލާމު އަތޮޅުގާ ހުރި ކުއްޖާއަށް މުނީރު އެއްރެޔަކު ގުޅިއެވެ. ގުޅުމުން އެކުއްޖާގެ ޝަކުވާތައް މުނީރަށް ބަންޑުންކޮށްލިއެވެ. ގުޅުން މަދުވުމާ އޮންލައިގަ އިންނައިރުވެސް ގޮވާނުލަނީ ކީއްވެކަން އަހާލިއެވެ. ނަމަވެސް މުނީރު އެ ސުވާލަށް ޖަވާބުނުދީ ކުރިޔަށް ގެންދަން ބޭނުންނުވާ ވާހަކަ ބުނިއެވެ. އެއްވެސް ކުށެއް ނެތް ނިކަމެތި އެކުއްޖާގެ ހިތް އެވަގުތު ފަޅަފަޅައިގެންދިޔައެވެ. ފޯނުގާ އޮވެ ރޮއެ ހޭރުނެވެ. އެންމެ ފަހަށް މުނީރުއާ އެފަދަ ގޮތަކަށް ކަންތައް ކުރީތީ ދިމާލަށް ދުވަހަކުވެސް އުފަލެއް ނުލިބޭނެކަމަށް ބުންޏެވެ. އެއަށްފަހު އެކުއްޖާ ރޮމުން ފޯނު ބޭއްވިއެވެ. އެކަމުން މުނީރުގެ ހިތަށް އެއްވެސް އަސަރެއްނުކުރިއެވެ.
ޖެހިގެން އައި ދުވަހު މުނީރުގެ މަސައްކަތާގެން ކުރިޔަށްދިޔައެވެ. ވަރުގަދަ އަޒުމަކާގެން މާލޭގަ ހުރި ކުއްޖާގެ ހިތް ކާމިޔާބުކުރަން މަސައްކަތްފަށާގަތެވެ. ދުވާލަކު އެތައް އާދޭހެއްކުރެއެވެ. އެތައް މެސެޖެއް ފޮނުވައެވެ. އެންމެ ފަހަށް މަޑުމަޑުން އެކުއްޖާގެ އިތުބާރު ހޯދިއެވެ. އަދި އެކުއްޖާ ބުނި ކޮންމެ ކަމެއް ކޮށްދޭންފެށިއެވެ. އެންމެ ފަހަށް އެކުއްޖާ މުނީރުއަށް އޭނާއަކީވެސް ވަރިވެފާވާ ކުއްޖެއްކަން އަންގާލިއެވެ. ނަމަވެސް މުނީރު ބޭނުންވީ ކުރިޔަށްދާށެވެ. އެކުގައި އުޅެމުން ގޮސް އެންމެ ފަހަށް އެކުއްޖާ ގެޔަށް ގެންގޮސް އާއިލާއަށް ތައާރަފްކޮށްދިނެވެ. އެކުއްޖާވެސް މުނީރު އޭނާގެ އާއިލާއަށް ތައާރަފްކޮށްދިނެވެ.
ދުވަސްތައް ފާއިތުވެގެންގޮސް އަންހެންކުއްޖާގެ އަސްލު ސިފަ މުނީރުއަށް ފެންނަށްފެށިއެވެ. މުނީރުއަށް ލިބޭ މުސާރައިން އޭނާއަށް ހަރަދުކުރުމަށް މަޖްބޫރުކުރުވައެވެ. ނުއިނދެ އުޅުނަސް ލޯބިވެރިން ހަރަދުކުރާ ވާހަކަ އަބަދުވެސް ދައްކައެވެ. މިހެން އުޅެމުން މުނީރު އޮންލައިން އިން ފެނިއްޖެޔާ ޝަކުވާކުރެއެވެ. އަދި ޝައްކުކުރެއެވެ. ދިމާވާތަނުން މުނީރުއާ ދިމާލަށް އެއްޗެހިކިޔައެވެ. މަގުމަތީގަ މީހުން ކުރިމަތީ ބޮޑާދައްކާހަދާ މުނީރު ބަދުނާމްކޮށް ލަދުގަންނުވާލައެވެ. އަދި ނިމުނީކީނޫނެވެ. މުނީރު ފަހަތުން ހަމަ އެއްގޮތަކަށްވެސް ނުނައްޓައެވެ. ދާކޮންމެ ތާކަށްދެއެވެ. މުނީރު ވަޒީފާވެސް ގިނަފަހަރު އަދާކުރިޔަނުދެއެވެ. މުނީރު އެއްޗެކޭ ބުނެފިއްޔާ ރުޅި އައިސްގެން މުނީރުގާގަ ތަޅާނުގަންނަ ދުވަހެއް ނުދާނެއެވެ. ވިކާ ހަންނޮޅާ ތަންތަނުން ލޭދުއްވާލައެވެ. އެންމެ ފަހަށް ދެރެއިން އެއްރޭ މުނީރު ގޭގާ އޭނާ ރޭކުރަން ފެށިއެވެ. މިނީރުގެ ފޯނުވެސް ދެދުވަހުން އެއްދުވަހު ގެންދެއެވެ. މިގޮތަށް އުޅޭތާ ދެ އަހަރުފަހުން މުނީރުއަށް ސަލާމަތްވާނެ ގޮތެއް ހޯދަން މަޖްބޫރުވިއެވެ. އެންމެ ފަހަށް މުނީރުގެ އާއިލާ މީހުންނަށް ހުރިހާ އެއްޗެއް ކިޔާދިނެވެ. އާއިލާގެ އެހީއާއެކު މުނީރު އެކުއްޖާގެ ކަންތައް ގަނޑު ނިންމާލިއެވެ.
މުސީބާތުން ސަލާމަތްވުމުން މުނީރު އެކަމާ އުފާކުރިއެވެ. ނަމަވެސް ދެރަވެސްވިއެވެ. އަދި މުނީރު ލާމު އަތޮޅުގާހުރި ކުއްޖާ މަތިން ހަނދާންވާންފެށިއެވެ. ރޮއެ ގިސްލާހަދަން ފެށި މުނީރުއަށް މިއަދުވަނީ ރަނގަޅު ފިލާވަޅެއް ލިބިފައެވެ. މިހާރު ބޭނުންވަނީ އެކުއްޖާ ގާތުން މައާފްއަށް އެދޭށެވެ. ހިތްވަރުކޮށްލާފަ ފޯނުނަގާ މިގް ތާޓީތްރީއަށް ވަދެ އިންތިޒާރުގާ ސައްވީސް ގަޑިއިރު އިން އިރުވެސް އެކުއްޖާ ޙަބަރެއްނުވިއެވެ. އެތައް ދުވަހަކު މިގޮތަށް އުޅެނިކޮށް އެއްދުވަހަކު އެކުއްޖާ އޮންލައިންގަ އިންދާ ފެނިގެން އަވަހަށް ގޮވާލިއެވެ. އެކުއްޖާ އަނބުރާ ޖަވާބުދިނެވެ. މުނީރު ހިތުގާވާ ހުރިހާއެއްޗެއް ލަސްނުކޮށް ބަނޑުންކޮށްލިއެވެ. އަދި އެކުއްޖާއަށް ދެރަ ދެވުނީތީ އެކަމަށް މައާފްއަށް އެދުނެވެ. މިއަދު މުނީރުއަށް ކަންތައް ވެފާވާގޮތް ކިޔާދިނެވެ. އެހިސާބުން އެކުއްޖާ މުނީރުއަށް މައާފްދިނެވެ. ނަމަވެސް ދެން ދިން ޖަވާބު ހިތްޗެވެ. މިހާރު އޭނާ އުޅެނީ މީހާކާ އިންދެގެންކަން ބުންޏެވެ. އަދި ދެންވެސް މީހުންނަށް ދެރަކޮށް ކަންތައް ނުކުރުމަށް އޭނާ މުނީރުއަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވިއެވެ.
No comments:
Post a Comment