Saturday, February 8, 2020



މެންދަމު ތިނެއް ޖެހުމާއެކު އަހަންމާކަލޯ އެނދުން ފުންމާލައިގެން ގޮސް ދޮންވެލިން ދަތް އުނގުޅާލައިގެން ގޮސް ކުރާ އުނދުނަށް އެރުވުމަށްފަހު ގޭގައި ހަމައެކަނި އޮތް ކްރީމް ކްރެކަރު ބިސްކޯދުއުރަ ކަނޑާލުމަށްފަހު ބިސްކޯދެއްނަގާ ހަފާލިއެވެ. އެއަށްފަހު ކުރާ ކެކުމުން އުނދުނުން ނަގާ ސާފަތްދަޅުން ސާފަތްއަޅާ ނިކަން ކަޅުކަންގަދަ ކަޅުސަޔެއް ތައްޔާރުކޮށްލިއެވެ. އެއަށްފަހު ބިސްކޯދާ ސަޔާ ޖަހައިގެން ކެއުމަށްފަހު ސައިޖޯޑު ދޮވެލާ ބެހެއްޓުމަށްފަހު ގެއިން ބޭރަށް ނުކުތެވެ. ފިނި މާހައުލުގައި ދެއަތް ފުރަގަހަށް ލައިގެން ހިނގަމުން ގޮސް ރެކީކަލޯމެންގެޔާ އަރާ ހަމަވުމާއެކު ދެއަތުން މުއްކަވާފައި ދޮރުގާ ތަޅާގަނެ މަހަށްދާން ގޮވިއެވެ. ” އޭތް މަހަށް ދާން ތެދުވޭ އަނބި ކައިރި އޮތަސް ބަނޑެއް ނުފުރޭނެ ” އެއާއެކު ރެކީކަލޯ ދޮރު ހުޅުވާލާފައި ނުކުތެވެ. ދެމީހުން އޮލަ ވާހަކައިގައި ހިނގަމުންގޮސް ތުއްތީދިމެންގެއާ އަރާ ހަމަވުމާއެކު ދެމީހުން އެއްފަހަރާ ގޮއްމުށުން ދޮރުގައި ތަޅައިގަނެ ތުއްތީދި ހޭލައްވާލުމަށްފަހު އަތިރިމައްޗާ ދިމާލަށް ހިނގާގަތެވެ. މިހެން ދިޔުމުގެ ތެރޭގައި ދޯނިންދާ އިތުރު ދެ ފަޅުވެރިޔަކު އައިސް އަހަންމާކަލޯމެނާ އަރާ ހަމަކުރިއެވެ. އެއީ ސައްތާރުސޮރާ މުހަންމާކަލޯއެވެ.
އޮލަވާހަކައިގާ އެންމެންގޮސް އަތިރިމައްޗަށް ފާބައި އަހަންމާކަލޯއާ ރެކީކަލޯ މޫދަށް އެރިގަނެގެންގޮސް ދޯންޏަށް އަރާ ދޯނި އަތިރިޔާ ކުރެވުނުހާ ގާތެއްކުރިޔެވެ. އެއަށްފަހު ރެކީކަލޯ ދޯނީގެ ދިޔަ ހިއްކައި ފަލިތައް ރަނގަޅުތޯ ބަލާލިއެވެ. އިރުކޮޅަކުން ތުއްތީދިބެވެސް އަތިރިމައްޗަށް އަތުވެއްޖެއެވެ. އެއާއެކު އެންމެން ދޯންޏަށް އަރާ ފަލިތައްނެގުމަށްފަހު ފަލިޖަހަންފެށިއެވެ. ނެރުން ބޭރުވުމާއެކު ރިޔާ ނެގުމަށްފަހު ދަތުރު ފަށާގަތެވެ. އެންދެމުމަށްޓަކާ ދާގަނޑު ތައްޔާރުކުރުމުގާ އެންމެން އަވަދިނެތި އުޅުނެވެ. އެން ދަމަން މަޑުކޮށް ދާގަނޑު ހިފައިގެން ތުއްތީދިއާ ސައްތާރުސޮރު ފޭބިއެވެ. އެއިރު ރެކީކަލޯ އުޅެނީ ދޯނި ދިޔަހިއްކުމުގައި އަވަދިނެތިއެވެ. މުހަންމާކަލޯއާ އަހަންމާކަލޯ ދޯނީގާ ތިބެގެން އެންދަމަމުން ދިޔައެވެ. އެން ދަމާ ނިންމުމަށްފަހު ކައިރިން ފެންނަންއޮތް ފަޅުރަށަކަށް ދޯނި ގާތްކުރިއެވެ. އެއަށްފަހު ދޯނީގައި ހުރި އެމުން އެންކޮޅެއް ހިފާގެން ފާބައި ކާއްޓާ ކުރުންބާ އެޅުމަށްފަހު އަލިފާންގަނޑެއް ރޯކޮށް އެންކޮޅު ފިހެލައިގެން ކާގެން ދޯންޏަށް އަނބުރާ އެންމެން ގޮސް މަހަށް ފުރުމަށްޓަކާ ދަތުރުފެށިއެވެ.
މެންދުރާ ހަމައަށް އެރުމާއެކު މަސްއައިނަކާ ލައްވާލާލާފިއެވެ. ރެކީ ކަލޯއާ އެން އުކަން ހަވާލުކުރުމަށްފަހު ސައްތާރުސޮރާ ދިޔަ ހިއްކަން ހަވާލުކުރިއެވެ. އަދި ބާކީ ތިބި އެންމެން ދޮށިއުކަމުންގޮސް ފޯރިއާއެކު މަސްބާނަމުންދިޔައެވެ. އިރުކޮޅެއްތެރޭ މުޅި ދޯނި ފުރިގެންދިޔައެވެ. ހިތްހަމަ ޖެހޭވަރުވުމުން ރަށަށް އަނބުރާ ދިޔުމަށްޓަކައި ފަލިޖަހަންފެށިއެވެ. ނަމަވެސް އޮއެ ބާރުކަމުން ޖަހަމުން ދިޔަ ފަލީގެ އެއްވެސް އަސަރެއް ނުކުރިއެވެ. އެންމެ ފަހަށް ވާގަދަވާން ފަށާފިއެވެ. އަހަންމާކަލޯއާ ރެކީކަލޯވެގެން ރިޔާ ލުއްސާލިއެވެ. ދެން ތިބި މީހުން އަތަށް ބާރުލާ ފަލިޖަހަންފަށާފިއެވެ. ނަމަވެސް ޖެހެމުން ދިޔަ ގަދަވަޔާ ކަނޑުގެ އޮއެވަރު ގަދަވުމުގެ އިތުރަށް ވިއްސާރަވިލާތައްވެސް ނަގަންފަށާފިއެވެ. ކުދިކަނީގައި ނަގަމުން ދިޔަ ވިއްސާރަވިލާތައް ކަޅުކަން ގަދަވެސް ގުގުރުމާއެކު ބޯކޮށް ވާރޭ އޮއްސާލިއެވެ. ތަނެއް ދޮރެއް ފެންނަވަރެއްނޫނެވެ. އެންމެ ފަހަށް އެތައް އިރެއް ވަންދެން ކަނޑުތެރޭ ތެޅުވުމަށްފަހު އަހަންމާކަލޯމެން ގޮސް ރަށެއްގެ ފަޅުތެރެޔަށް ވައްދާލާފިއެވެ. ފަޅުތެރޭ ތިބުމަށްވުރެ ރަށަށް އެރުން ބުއްދިވެރިކަމަށް މުހަންމާކަލޯ ހިޔާލު ދިނުމުން އެކަމާ އެންމެން އެއްބަސްވެ ރަށާ ދިމާލަށް ފަލިޖަހަމުން ގޮސް ގޮނޑުދޮށަށް ދޯނި ބީއްސާލިއެވެ. އެއަށްފަހު ރަށުތެރެޔަށް މުހަންމާކަލޯއާ އަހަންމާކަލޯ ވަދެގަނެގެން ދިޔައެވެ. ފަނުން ހެދިފައިވާ ގޭގެ ވަރަށް މަދު މަދުން ދުރު ދުރުގާ ހުއްޓެވެ. ބެލެވޭގޮތުގާ މިއީ މީހުން އުޅެފާވާ ރަށެކެވެ. އެހެންކަމުން އަނބުރާ ދޯންޏަށް ގޮސް ބާކީ ތިބި އެންމެންގާތު ބޭނުނު މަސްތައް ހިފާގެން އައުމަށް އެންގިއެވެ.
ބޭނުނު ހުރިހާ މަހެއް ގެނެއުމަށްފަހު މަސްތައް ބަހާލިއެވެ. އަދި ކޮންމެ ދެމީހަކަށް ގެޔެއް ނެގިއެވެ. އެއަށްފަހު މޫސުން ރަނގަޅުވަންދެން އެރަށުގައި ތިބެން ނިންމިއެވެ. މަސްކަނޑާ ނިންމާލުމަށްފަހު އަހަންމާކަލޯ ގޭތެރެ ހާވާލަންވަނެވެ. ގޭގައި ހިފާ ގެންގުޅޭ ސާމާނުވެސް ހުއްޓެވެ. ބަދިގެ ބަޔަށްވަދެ ދަރު އުނދުން ރޯކޮށްލުމަށްފަހު ތެއްޔެއްނަގައިގެންގޮސް ގިފިއްޔަށްވަދެ ވަޅުމަތީ ބޭއްވިފައި އޮތް ދާނިން ވަޅަށް ތިރިކޮށް ފެންނަގާ ތެލި ރަނގަޅަށް ދޮވެލުމަށްފަހު ގެންގޮސް އުނދުންމައްޗަށްލާ ގަރުދިޔަ ކެއްކުމަށް މަސްތައް އަޅާލިއެވެ. އެވަގުތު ރެކީކަލޯ ބަދިގެތެރެޔަށް ވަނުމުން ގަރުދިޔައެތި ބެލުމަށް ހަވާލުކޮށް ފެންވަރާލަން ގިފިއްޔަށް އަހަންމާކަލޯ ދިޔައެވެ. ދާނި ވަޅަށްލާ ދެތިން ފަހަރަކުން ފެންނަގާ ގަޔަށް އަޅާލުމަށްފަހު އެންމެ ފަހު ފެންދާނީ ނެގުމަށް ވަޅަށް ދާނި ލީބޮނޑީ އެއްޗެއްގަ ޖެހޭހެން ހީވެގެން ވަޅުތެރެޔަށް ބޯދިއްކޮށްލިއެވެ. އެވަގުތު ގައިން ހީބިހި ނަގައިގެންދިޔައެވެ. ވަޅުތެރޭގައި އިސްއުފުލާލާއިގެން ބަލަހައްޓައިގެން އެހުރީ މީހެކެވެ. ހުސްގަޔާ މުންޑެއް ހަމައެކަނި އަނދެލައިގެން ހުރި އެމީހާގެ ދެލޯވަނީ ކޮނެލާފައެވެ. ގަތް ބިރުން އަހަންމާކަލޯ ދުވަމުން ގިފިލިން ނުކުތެވެ. ނުކުތުމާއެކު ދިޔައީ އިތުރަށް ސިއްސައިގެންދާފަދަ މަންޒަރެކެވެ. ގަރުދިޔަތެލި ބެލެހެއްޓުމަށް ހަވާލުކުރެވުނު ރެކީކަލޯ އެހުރީ ގަރުދިޔަ އެތިތެރެޔަށް ދެއަތް ލައިގެން ހޫނު ގަރުދިޔައެތި ހާވާށެވެ. ތެޅިފޮޅެމުން ގެއިން ނުކުމެ އަހަންމާކަލޯ ދުވަމުންގޮސް ސައްތާރުސޮރާ މުހަންމާކަލޯގެ ގެޔަށްވަނެވެ.
ސައްތާރުސޮރު : (ހައިރާންވެފަ) އަހަންމާކަލޯ ކިހިނެއްވީ ހާދަ ބިރުގަނެފަ
އަހަންމާކަލޯ : (މާނޭވާލަމުން) ކިހިނެއް ނުވަނީ…. އަހަރެންގޭ ގިފިލިން ފެންވަރަމުން ގޮސް ދާނި ވަޅަށް އެންމެ ފަހުފަހަރަށްލީއިރު އެއްޗެއްގައި ޖެހޭހެންހީވެގެން ބަލާލިއިރު ވަޅުތެރޭގައިހުރީ މީހެއް
މުހަންމާކަލޯ : މީހެކޭ؟
އަހަންމާކަލޯ : އާނ. މީހެއް. އޭނާ އިސް އުފުއްލާލައިގެން އަހަރެންނާދިމާލަށް ބަލަހައްޓައިގެންހުރީ އޭނާގެ ދެލޯވެސްވަނީ ކޮނެލާފަ
ސައްތާރުސޮރު : ދޮގުނަހަދާ
އަހަންމާކަލޯ : އަދި ނިމުނީކީނޫން. ގަރުދިޔައެތި މަ ހަވާލުކުރިން ރެކީކަލޯއާ ގިފިލިން ނުކުތްއިރު އެސޮރު އޮތީ ދެ އަތް ހޫނު ގަރުދިޔައެތިތެރެޔަށްލާގެން
ސައްތާރުސޮރު : ނާހަމަ ތެދެއް
އަހަންމާކަލޯ : އާއެކޭ. ގަބޫލް ނުކުރަންޏާ ހިނގާބަލަ މަށާއެކީ
ތިން މީހުން އެއްކޮށް އަހަންމާކަލޯއާ ރެކީކަލޯ ނެގި ގޭކައިރިއަށް ދިޔައެވެ. އެކުގައި ގޭތެރެޔަށް ވަތްއިރު ގަރުދިޔައެތި ކެކި އަރަނީއެވެ. ނަމަވެސް އެތާކު ރެކީކަލޯއެއްނެތެވެ. ދެން އެންމެން އެކުގައިވަނީ ގިފިއްޔަށްށެވެ. ވަދެ ވަޅުތެރެ ބަލާލިއިރު އެކަކުވެސް ފެންނާކަށްނެތެވެ. ތިންމީހުން އެއްކޮށް ނުކުމެ އުނދުންމަތީހުރި ގަރުދިޔައެތި ބޭލުމަށްފަހު ގެއިން ނުކުތްތަނާ ކުރިމައްޗަށް ރެކީކަލޯ ދަރުބޮނޑިއެއް ހިފާގެން އައިސް ހުއްޓުނެވެ. އެވަގުތު ތިން މީހުން އެއްފަހަރާ ހަޅޭއްލަވައިގަނެއް ތިން ދިމާލަށް ދުއްވާގަތެވެ. ހައިރާންވެފާ ހުރި ރެކިކަލޯގާތަށް އައީ ހިންޏެވެ. ވެގެން މިއުޅެނީ ކިހިނެއްކަން ބަލަން ފަހަރަކު މީހެއްގެ ނަމުން ގޮވަން ފަށާފިއެވެ.
ރެކީކަލޯ : އޭ ބަލަ އަހަންމާކަލޯ، ސައްތާރުސޮރާ، މުހަންމާކަލޯ ކިހިނެއް ވެގެން ތިއުޅެނީ
އަހަންމާކަލޯ : (ގަސްގަނޑެއްތެރޭ ފިލާއޮވެ) ތިޔައީ އަހަރުމެންގެ ރެކީކަލޯތަ އަނެއްކާ
ރެކީކަލޯ : މީހަކު މޮޔައެއްނުވާނެތަ އަޅެ ފަހެ. އަޅޭ ސައްތާރުސޮރާ ކިހިނެއްވެގެންތަ ކަލޯމެނަށް ތިއުޅެނީ
ފިލާތިބި ތަންތަނުން އެންމެން ނުކުމެގެން އައިސް ރެކީކަލޯ ކުރިމައްޗަށް ހުއްޓުނެވެ. އެއަށްފަހު އަހަންމާކަލޯ ހުރިހާ އެއްޗެއް ކިޔާދިނެވެ. ރެކީކަލޯ ވަރަށް ރަނގަޅަށް އެވާހަކަ އަޑުއެހުމަށްފަހު އޭނާގެ ހިތަށްވެސް ބިރުވެރިކަން ވަދެއްޖެކަން ބުނެލިއެވެ. އެއަށްފަހު ގެނެސްފައިވާ ދަރުތައް ގޭތެރެޔަށްލުމަށްފަހު ތުއްތީދީ ހޯދުމަށް މުހަންމާކަލޯ ހިނގާގަތެވެ. މުހަންމާކަލޯގޮސް ތުއްތީދި ހޯދުމަށްޓަކާ ގެއަށްވަދެ ގޮވާލިއެވެ. ނަމަވެސް ޖަވާބެއް ނުލިބުމުން ގޭތެރޭގައި ނެތްކަން އެނގުމުން ކުޑަކޮށް ހޯދާލުމަށް ގޭކައިރި ބަލަންފެށިއެވެ. މިހެން ހޯދަމުންދަނިކޮށް ތުއްތީދިބެ ގަހެއްގެ ފުރަގަހުން ނުކުތްތަންފެނުނެވެ. މުހަންމާކަލޯ ތުއްތީދިބެ ގާތު އަހަންމާކަލޯމެންގެޔަށް ކާންދާން އައުމަށް ބުނެލިއެވެ. އެއާއެކު ތުއްތީދި ބޯޖަހާލިއެވެ.
މުހަންމާކަލޯގެ ފަހަތުން ތުއްތީދި ހިނގަމުންދިޔައެވެ. މުހަންމާކަލޯ ތުއްތީދިއާ އަނގަތަޅަމުންގޮސް ފަހަތަށް އެނބުރި ބަލާލިއިރު ތުއްތީދި ފަހަތުން ވަރަށް ރުޅިއައިސްފާހުރި އަންހެނަކު އަންނަތަންފެނުނެވެ. ރަތް ލިބާހެއްލާފައިި ހުރި ދޮން ބުޅި އިސްތަށިގަނޑެއް ލިބިފައިވާ އެ އަންހެންމީހާ ތުއްތީދިއާ ދިމާލަށް އިނގިލި ދިއްކޮށް އައީ އައުގުރާނަގޮވަމުންނެވެ. ނަމަވެސް ތުއްތީދިއަށް އަޑުވެސް ނީވޭތީ މުހަންމާކަލޯ ހައިރާންވިއެވެ. އަދި ހުއްޓި ތުއްތީދި ކައިރި އެވާހަކަ ބުނުމުން ތުއްތީދިވެސް ހައިރާންވެ ފަހަތަށް އެނބުރުނެވެ. އެވަގުތު އެ އަންހެންމީހާ ލޯމައްޗަށް ގެއްލުމާއެކު ދެމީހުން އެއްފަހަރާ ދުއްވައިގަތީ އަހަންމާކަލޯ ގެއާދިމާލަށްށެވެ. ދުވަމުން އައިސް އަހަންމާކަލޯމެންގެޔަށްވަދެ މާނޭވާލާންފެށުމުން ދެންތިބިމީހުންވެސް ހާސްވިއެވެ.
އަހަންމާކަލޯ : ކިހިނެއްވީ؟
މުހަންމާކަލޯ : ތުއްތީދި ފަހަތުން އަންހެނަކު އެއްޗެއްހި ގޮވަމުން އައީ
ސައްތާރުސޮރު : އޭނ. އަންހެނެކޭ؟ މި ފަޅުރަށުގަ؟
ތުއްތީދި : މުހަންމާކަލޯ ބުނެގެން އަހަރެން ފަހަތް ބަލާލިން އެ އަންހެންމީހާ ފެނުން ވަރަށް ރުޅިވެސް އައިސްފަހުރީ. ކުއްލިއަކަށް އަހަރުމެން ލޯކުރިމަތީ އޭނާ ގެއްލުނީ
ރެކީކަލޯ : ތިވާނީ ހަންޑިއަކަށް އަވަހަށް ހިނގާ މިރަށުން ފާބަމާ
މުހަންމާކަލޯ : ކިހިނެއް ފާބާނީ ކަނޑު އެހާ ގަދަ ވިއްސާރަވެސްވެހޭ
ތުއްތީދި : (ހާސްވެފަ) ފަޅުތެރޭވެސް ތިބެވޭނު
އަހަންމާކަލޯ : މާދަމާ ތިކަމާ އުޅޭނީ އިހަށް ކާންއުޅޭ. މިރޭ އަދި ދޯނިގަ ބާކީ ހުރި މަސްތައް ބަލާ އަހަރެން ދާނަން
އިރުއޮއްސި އަނދިރިވުމުން އަހަންމާކަލޯ ދޯނިދޮށަށްދިޔައެވެ. ދޯނީގައި ބާކީ ހުރި މަސްތައް ދޯނީގައި ހުރި ބޮޑު ތެއްޔަކަށް އެޅުމަށްފަހު ބޯމަތީ ތެލި ބަހައްޓާގެން ހިނގާގަތެވެ. އިރުކޮޅަކުން ފަހަތުން މީހަކު އަންނަހެން ހީވެގެން ވަށްކަޅިން ބަލާލިއެވެ. އެއާއެކު ފަހަތުން މީހަކު އަންނަތަން ފެނުނެވެ. މަސްވެރިން އަޅާކަހަލަ ބޮޑު ތޮތްޕެއްއަޅާފައި މުންޑެއް އަނދެ ހުސްގަޔާހުރި އެމީހާ މަޑު ހިނގުމެއްގާ އާދެއެވެ. އަހަންމާކަލޯ ދުވެލި ކުޑަކޮށް ބާރުކޮށްލުމުން ބޯމަތީހުރި ތެލީގެ ބަރުކަން ލުއިވާހެން ހީވެގެން ފަހަތް އަނެއްކާވެސް ބަލާލިއެވެ. އެއްކަލަ މީހާ ހުރި ހިސާބުގައި ހަމަ ހުއްޓެވެ. ނަމަވެސް ފެނިގެން ދިޔައީ ބިންމަތީ ދަމާލެވިފައިވާ ދިގު ހިމަ ހިޔަންޏެކެވެ. އެ ހިޔަނި އައިސް ހުރީ ހަމަ ސީދާ އަހަންމާކަލޯ ބޯމަތީގައިހުރި ތެއްޔާދިމާލަށްށެވެ. އާދަޔާ ހިލާފަށް ތެލި ލުއިވުމުން ބޯމަތިން ތެލިބާލާ ބަލާލިއިރު ހަމަ ހިލާ އެންމެ މަހެއްވެސްނެތެވެ. ބިރުން ތުރުތުރު އަޅައިގަނެފައި ތެލި ހޫރުވާލާފަ ގެއާ ދިމާލަށް ބާރު ބާރަށް ދުއްވާގަތެވެ. އެދިޔަގޮތަށްގޮސް އެންމެން ތިބި ގެޔަށްވަދެ އަވަސް އަވަހަށް ދޮރު ބޭންދުމަށްފަހު އެއްސިއެވެ. އެއަށްފަހު ކަންވީގޮތް އެންމެނަށް ކިޔާދިނެވެ. އެއާއެކު އެންމެން ހިތްތަކުގާ ބިރުވެރިކަން އުފެދި ބޭރަށް ނުކުންނަން ނުކެރިފާ ތިއްބެވެ. މިހެން ތިއްބާ އިރުކޮޅަކުން ނާމާން އަޑުތައް އިވެންފަށާފިއެވެ. ގޭ ކައިރިން މީހަކު ހިނގާ އަޑާ ބަރު ނޭވާގެ އަޑެވެ. ބޭރުގާ މިއުޅެނީ އިންސާނެއްތޯ ބަލަން އަހަންމާކަލޯ ބޭނުންވިއެވެ. ފަންގަނޑުން ކުޑަ ތަންކޮޅެއް ހަލާކުކޮށްލުމަށްފަހު ލޯ ޖަހާ ބޭރު ބަލާލިއިރު ގޭ ކުރިމަތީ ފުރަގަހަށް އެނބުރިގެން އާދަޔާ ޙިލާފު އެއްޗެއްހުއްޓެވެ. ހަންގަނޑު ނޫކުލަލިބި މުޅި ގައިގާ ވަނީ ކަސްއަޅާފައެވެ. ބޮލުގާ ތޫނު ކަށިތަކެއް ހުއްޓެވެ. އަތުގެ ވަކިތައް ތޫނުވެފާ ދިގެވެ. ކުއްލިއަކަށް އެ އެއްޗެއް ގެއާ ދިމާލަށް އެނބުރި ދުވަފައި އައިސް ކޮނޑުން ފަން ފާރުގާ ޖެހިގަތެވެ. އެއާއެކު ބާގަނޑެއް ހެދިގެން ދިޔައެވެ. ކުރިމަތިލުންނޫން އިތުރު ގޮތެއް ނެތުމުން ގޭތެރޭހުރި ހިފާގެންގުޅޭތަކެތި ހާވަމުންދަނިކޮށް ވަޅިއާ މަސްފިހަން ގެންގުޅޭ ދަގަނޑު ފެނުމުން އެ އެއްޗެހި ނަގައިގެން ތައްޔާރުވިއެވެ.
ގޭގެ ފުރަގަހުން އެންމެން ނުކުމެ ގެއަށް ހަމަލާދެމުންދިޔަ ފުރޭތައާ ދިމާކުރިއެވެ. އެމީހަކަށް ދެވުނު ހަމަލާއެއްދެމުން ދަނިކޮށް ސައްތާރުސޮރު ފުރޭތަގެ އަތުވެ ކަރުބުރިވެއްޖެއެވެ. އެއާއެކު އެންމެން ދުއްވާގަތީ ސަލާމަތްހޯދާށެވެ. ދިޔަގޮތަށް ރުއްރުކަށްއަރާ ތިއްބެވެ. މިހެން ތިއްބާ މަރާލެވިފައިވާ ސައްތާރުސޮރުގެ މަސްގަނޑު ދަމަމުން ފުރޭތަ އައިސް އަހަންމާކަލޯމެން އަރާތިބި ރުއްތައް ކައިރީ މަޑުކޮށް ދެފާ ވައްކޮށްލައިގެން އިށީންދެ އެމީހުންނާ ދިމާލަށް ބަލަމުން ސައްތާރުސޮރުގެ މަސްގަނޑު ކޮނެ ފަޅާގެން ކަމުންދިޔައެވެ. ހިތްދަތިކަމާއެކު އެކުވެރިޔާ ކެވެމުން ދިޔަ ތަން ބަލަން ތިއްބާ މުހަންމާކަލޯ އޮތް ރުކުން އޭނާ ފޭބިއެވެ. އައިސްފާހުރި ރުޅިގަނޑުގެ ސަބަބުން މަރުވިޔަސް ހެޔޮކަމަށް ފުރޭތައާ ކުރިމަތިލާން އޭނާ ދުއްވާގަތެވެ. މުހަންމާކަލޯ އަރާ ހަމަވުމާއެކު ސައްތާރުސޮރުގެ މަސްގަނޑުކާން އިން ފުރޭތަ ކުއްލިއަކަށް ތެދުވެ ފަހަތަށް އެނބުރި ކަނައަތުގެ ވަކިތައް މުހަންމާކަލޯ ބަނޑަށް ކޮޕާލުމަށްފަހު އުފުއްލާލާ ވައަތުގެ ވަކިތައްވެސް ބަނޑަށް ކޮއްޕާލުމަށްފަހު މުހަންމާކަލޯގެ ހަށިގަނޑު ދެބުރިކޮށްލިއެވެ. އެއަށްފަހު ފާބަމުން ދިޔަ ލޭތައް ބުއިމަށް ހަށިގަނޑު އަނގަޔާ ދިމާކުރިއެވެ.
މަންޒަރު ބަލަށް ރުކަށް އަރާތިބި އަހަންމާކަލޯއާ ރެކީކަލޯ އަދި ތުއްތީދީ ތިބީ ބިރުން ފިއްކަނޑައިގެން ގޮސްފައެވެ. ރޮއެ ހޭރެމުންވެސް ސަލާމަތްވާނެ ގޮތެއް ހޯދަން މަސައްކަތްފެށިއެވެ. ނަމަވެސް ރުކަށް އަރާ ގިނައިރު ނުތިބެވޭނެކަން އެމީހުންނަށްވެސް އެނގެއެވެ. މުހަންމާކަލޯގެ މަސްގަނޑު ކާ ނިންމާލުމަށްފަހު ފުރޭތަ އައިސް ރެކީކަލޯ އަރާ އޮތް ރުއް ހަލުވަންފަށާފިއެވެ. އެއަށްފަހު އެ ރުއް ރެކީކަލޯއާއެކު ވައްޓާލުމާއެކު ރުއްދަށުވެ ރެކީކަލޯ ހައްޔަރުވިއެވެ. އެއާއެކު ފުރޭތަ އައިސް ރެކީކަލޯ ބުރަކައްޓަށް ފުލު ފުލުން ވަކިތައް ހަރާލިއެވެ. އަދި ރެކީކަލޯގެ މަސްގަނޑުކާންފެށިއެވެ. ރުކަށް އަރާތިބި ތުއްތީދިއާ އަހަންމާކަލޯތިބީ ހަދާނެގޮތްހުސްވެފައެވެ. މިހެން ތިއްބާ ރެކީކަލޯ ކައި ހުސްކޮށްލުމަށްފަހު ފުރޭތަ ބިންމަތީ އޮށޯތެވެ. ބެލެވޭގޮތުގައި އެސޮރު ބަނޑު ފުރުނީއެވެ. އިރުކޮޅަކުން ބޮޑު ގުގުރިދަމަމުން ނިދާފިއެވެ. ދަނޑިވަޅު ބަލާފައި އަހަންމާކަލޯއާ ތުއްތީދި ރުކުން ފާބައިގެން އަވަސް އަވަހަށް ދޯންޔާދިމާލަށް ދިޔައެވެ. އަދި ދޯނި މޫދަށް ބޭލުމަށްފަހު ފަލި ޖަހާފާ ފަޅަށް ދޯނި ވައްދާ އިރުއަރަންދެން ފޯރިމަރަންތިއްބެވެ.
ނަސީބު ދިމާކުރިގޮތުން ޖެހިގެން އައި ދުވަހަކީ އުޑުމަތި ސާފު ހެޔޮވަރަށް ވައިޖެހޭ ދުވަހެއްކަމުން ރިޔާ ލުއްސާލާ މާކަނޑަށް ދޯނިނެރެ ދުއްވަން ފެށިއެވެ. މިހެން ދަނިކޮށް މަސްބާނަން އޮތް ދޯންޏެއް ފެނުމުން އެ ދޯންޏާ ގާތްކުރިއިރު އެއީ އަހަންމާކަލޯމެން ރަށު ދޯންޏެކެވެ. އެ ދޯނީގެ އެހީގައި ރަށަށްގޮސް ހަރު މީހަކު ހޯދައިގެން މީހުން އެއްކޮށްގެން ހިނގި ހާދިސާ ކިޔާދިނެވެ. އެއާއެކު ފުންނޭވާއެއްލާފައި އެ ހަރު މީހާ ވާހަކަ ފަށާގަތެވެ.
” ކަލޯމެން ނަސީބު ރަނގަޅު ނަމަވެސް މަރުވެ ދިޔަ ރަހްމަތްތެރިންނަށް އަހަރެން ހިތާމަކުރަން. މިއަދު ކަލޯމެން ކައިރި މި ބުނަނީ ތިޔަ ރަށުގެ ހަގީގަތް. އެރަށަށް ކިޔަނީ ކެޔޮޅުފުށި އެރަށަށް އެ ނަންދެވުނީ އެ ރަށަކީ ވަރަށް ރަނގަޅަށް މަސްވެރިކަން ކުރަމުން އައި ރަށެއް އެރަށުން މީހުން ފާބަން ޖެހުނީ ތިޔަބުނާ ފުރޭތައެއްގެ އުނދަގުލާހެދި ކޮންމެ ފަހަރަކު ބާނާން އަންނަ މަސްކޮޅު ކާލާ. އެންމެ ފަހަށް މަސްނުލިބޭ ދުވަސްވަރު އިންސާނުންނާ އެސޮރު ދިމާކުރޭ. ފުރުތަމަ ވަޅުން ފެނުނު ދެލޯ ކޮނެލާފައިވާ މީހާއަކީ އޭތީގެ ފުރުތަމަ ޝިކާރަ އެއީ އަލިތަކުރު. އޭނާ އެ ފުރޭތަޔާ ކުރިމަތިލައިގެން އޭނާގެ ދެލޯ ގެއްލުނީ. ދެން ތިޔަ ފެނުން އަންހެންމީހާއަކީ އަލިތަކުރު އަންހެނުން އޭނާ އަލިތަކުރު ނުދާން އެތައް ފަހަރަކު ގޮވި ނަމަވެސް އަލިތަކުރު އަޑުނަހާ ދިޔައީ. އެ ފުރޭތަ އަރަނީވެސް މަސްވެރިޔެއްގެ ސިފާގަ އެކަން ފަޅާއެރީވެސް އަލިތަކުރަށް. ”
އަހަންމާކަލޯމެންގެ ހަދިސާގެ ވާހަކަ އެތައް ޒަމާނަކަށް ދެމިގެންދިޔައެވެ. ބިރުވެރި އެހާދިސާ އަހަންމާކަލޯއާ ތުއްތީދި ދުނިޔޭގައި ތިބި އިރު އަބަދުވެސް ދިޔައީ ހޮޅުހަށިތަކުގާ ކިޔާދެމުންނެވެ.

No comments:

Post a Comment

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...