Monday, September 21, 2020

 


މީސްމިޑިޔާއާ ނުލާ އިންސާނުންނަށް ދިރިއުޅުމަކީ މިހާރު ދަތިކަމެކެވެ. ސްމާޓް ފޯންއެއް ލިބުމުން އެންމެ ފުރުތަމަވެސް މީސްމިޑިޔާ ފިޔަވާ އެއްވެސް އެއްޗަކަށް އެކަކުވެސް ސަމާލުކަމެއްނުދެއެވެ. މިބުނާ މީސްމީޑިޔާގެވެސް ހީނުކުރާފަ އެތައް އަނދިރިފަރާތްތަކެއް އެބަ ފެންނަމުންދެއެވެ. އޭގެތެރޭގަ ﷲ ހަރާމްކުރެއްވި ފާހިޝް އަމަލްތައް ޕްރޮމޯޓްކުރުމާ އިސްލާމްދީނަށް ފުރައްސާރަކުރުން މިވަނީ މިއަދު ވަރަށް ފުޅާވެފައެވެ. އޭ އިންސާނުންނޭ. ކަލޭމެން ތި ކުރަމުންދާ ހުރިހާ ކަމެއް ﷲ މޮޅަށް ދެނަވޮޑިގެންވެއެވެ. އަދި ދެ ކޮނޑުގާވާ މަލާއިކަތުން ކެނޑިނޭޅިދަނީ ތިކުރާ އަމަލްތައް ލިޔުއްވާ ގިޔާމަތްދުވަހު ހެކިދޭން ތައްޔާރުވަމުންނެވެ.

ހަރީޝާއާ އޭނާގެ ދައްތަ ރިޒުމާއަކީ ކުއްޔަށް މާލޭގާ ދިރިއުޅެމުން އަންނަ ދެމީހުންނެވެ. ހަރީޝާ ވަޒީފާ އަދާކުރަމުންދާއިރު ދައްތައަކީ ގޭގާ އަބަދު ހުންނަ މީހެކެވެ. ދައްތައަށްވެސް ފައިސާ ލިބޭކަން ހަރީޝާއަށް އެނގެއެވެ. ދައްތަ ބުނާގޮތުންނަމަ ފައިސާ ހޯދަމުންދަނީ އަމިއްލަ މަސައްކަތުންނެވެ. ކޮންމެ މަހަކުވެސް ގޭކުލި ދައްކަނީ ދައްތައެވެ. އަދި ހަރީޝާގެ ފައިސާ ރައްކާކުރުމަށް އަބަދުވެސް ދައްތަ ބުނަމުންދެއެވެ. މާދަމާވެސް މީހަކާ އިންނަންވާއިރު އަތުގާ އެއްޗެއް ބެހެއްޓުމަށް އެދެމުންދިޔައެވެ. މިކަމާ ހަރީޝާ ވަރަށް އުފާވެއެވެ.

އެހެން ދުވަސްތަކެކޭ އެއްގޮތައް މިއަދުވެސް ހަރީޝާ ވަޒީފާއަށްދިޔައެވެ. މިއަދަކީ މުސާރަލިބޭ ދުވަސްކަމުން އެންމެންވެސް ވައިބާ ގްރޫޕެއްގާވަނީ ތަނަކަށް ކާންދިޔުމަށް ރާވާފައެވެ. މަސައްކަތް ނިމުމާއެކު ހުރިހާ ކުދިންނާއެކު ހަރީޝާވެސް ޑައިނަމޯއަށް ކާންވެގެންދިޔައެވެ. ހަރީޝާގެ އެންމެ ގާތް އެކުވެރިޔަކީ ހަފްސާއެވެ. ހަފްސާއަކީ ކޮންމެ މަހަކުވެސް އާ ފޯނެއް ނުވަތަ ކޮންމެވެސް ފަހުގެ އިލެކްޓްރޯނިކް އާލާތެއް ގެންގުޅޭ ކުއްޖެކެވެ. ހަރީޝާ އަބަދުވެސް ދެކެމުން އަންނަ އެއް ހުވަފެނަކީ އޭނާގެ ހަލާކުވެ ތަޅައިގެން ގޮސްފާވާ ފޯން އާކޮށްލުމެވެ. އަދި ބޭނުންވަނީ ގިނަދުވަހު ގެންގުޅޭވޭނެ ވަރުގަދަ ފޯނެއްނަގާށެވެ. މިހެންކަމުން ހަފްސާއާ ވަކިން ވާހަކައެއް ދައްލާން އޮތްކަމަށްބުނެ ކެއުން ނިންމާލުމަށްފަހު ދެކުދިން ބްރިޖް ކައިރިޔަށްދިޔައެވެ.

ހަރީޝާ : އޭތް ހަފް. އަނެއްކާ އާ ފޯނެއްދޯ؟
ހަފްސާ : އާނ މަގޭ ދޮންބައްޕަ މަށަށް ގަނެދޭ ސާމާނު. ލޯބި ވަންޔާ ގަނެދޭނު
ހަރީޝާ : ހެހެ ވަރަށް ނަސީބުގަދަ މީހެއްތީ.
ހަފްސާ : (ފޯނު ރިންގްވާން ފެށުމާއެކު) އޭތް އެބަގުޅާ ބައްޕަ މަޑުކޮށްލާ. (ފޯނު ނަގާފަ) ކީކޭ ބައްޕާ މިހުރީ ބްރިޖް ކައިރީ. އާދޭ ލާރިކޮޅުދޭން
ހަރީޝާ : މަ މިހާރު މި ވިސްނަނީ ފޯނެއް ގަންނަން
ހަފްސާ : (ހަރީޝާގެ ފޯނަށް ބަލާލާފަ) ހާދަ ހާލެއްގައޭ ދޯ ތިޔޮތީ
ހަރީޝާ : އާނ... އެވަހާކަ ދައްކަން މި އައީ. ކޮން ވައްތަރެއް ރަނގަޅުވާނީ.
ހަފްސާ : މަ މި ގެންގުޅޭއެތި ބަރާބަރުވާނެ އައި ފޯން ހަމަ އެއްވަނަ
ހަރީޝާ : އެކަމު ހާދަ އަގުބޮޑުވާނޭ
ހަފްސާ : (ހަރީޝާ ކޮނޑުގާ ޖަހާލާފަ) ކެތްކޮށްލާ.... އޭތް އެޔޮށް އައި ބައްޕަ. އެބަ އަންނަން އެނގޭ

ހަފްސާ ދިޔަގޮތައް ސައިކަލެއްގާއިން އުމުރުން ދުވަސްވެފާވާ މީހެއް ކައިރިޔަށް ހުއްޓުނެވެ. އެމީހާގެ ހަށިގަނޑު ފަލަވެފާ ވަރުގަދަޔެވެ. ބަލާބެލުމަށް އުމުރުން އަދި ވާނީ ސާޅީސް ފަހެކެވެ. އެމީހާ ހަފްސާ އަތަށް ކޮތަޅަކާ ފައިސާ ދިންތަން ހަރީޝާއަށް ފެނުނެވެ. އަދި ހަރީޝާ ފެނުމާއެކު އެމީހާ އަތުން ހަނާ އަޅާލިޔެވެ. އެއަށްފަހު ހަފްސާ ކޮލަށް ދޮނެއްދީފަ އެމީހާ ނައްޓާލިޔެވެ. އެމީހާ ދިޔުމުން ހަފްސާ އައިސް ހަރީޝާ ކައިރީގަ އިށީނުމަށްފަހު ހަރީޝާއަށް ހަދިޔާއެކޭ ކިޔާފަ އެއްހާސްރުފިޔާ ދިއްކޮށްލިޔެވެ. ހަރީޝާ ވަރަށް އުފަލުން އެފައިސާގަ ހިފިޔެވެ. އެޔަށްފަހު ކޮތަޅުގާ އޮތީ ކޯންޗެއްތޯ ދެކުދިން ބަލާލިޔެވެ. އޮތީ އެންމެ ފަހުގެ ސެމްސަންގް ފޯނަކާ ފަހުގެ ސާމާނުތަކެވެ. ވީ އުފަލުން ހަފްސާ އޭނާގެ އައިފޯން ސިމް ނަގުމަށްފަހު އާ ފޯނަށް ލައްވާލިޔެވެ. އަދި އައިފޯން ހަރީޝާއަށް ހަދިޔާކުރިޔެވެ. ނަމަވެސް އޭގަ ހިފަން ހަރީޝާ ޖެހިލުވިޔެވެ. ވަގުތުން ދައްތައަށް ގުޅާފަ އެވާހަކަ ކިޔާދިނުމުން ދައްތަ އެ ފޯނު ނަގަން ހުއްދަދިނެވެ. އެހެންކަމުން ހަރީޝާއަށް އެފޯނު ލިބުނެވެ.

ވަރަށް އުފަލާއެކު އަލަށް ލިބުނު ފޯނު ހިފައިގެން ހަރީޝާ ގެޔަށް ދިޔަތަނުން ހަފްސާ ގުޅިޔެވެ. އަދި މީސްމީޑިޔާތަކުން ލޮގިންވުމަށްފަހު ޓިކްޓޮކް، ސްނެޕްޗެޓް އަދި ޓެލެގްރަމްގާ އެކައުންޓްތައް ހުޅުވުމަށް އެދުނެވެ. ޓެލެގްރަމްއިން ފިލްމްއާ އެއްޗެހި ލިބޭކަމަށް ބުނެލުމަށްފަހު ޓިކްޓޮކް އެއީ ސަކާރަތް ޖަހަންކަމަށް ބުނެލިޔެވެ. އެޔަށްފަހު ސްނެޕްޗެޓް އަޅަންވީ ސިއްރު މެސެޖްތައް ފޮނުވޭތީކަމަށް ބުނެލިޔެވެ. ހަރީޝާ ވަރަށް ޝައުގުވެރިކަމާއެކު މި ހުރިހާ ކަމެއް ކުރަމުންދިޔައެވެ. މިހާރު އޭނާއަކީ ވަރުގަދަ މަޅިޔެއްގާ މަޑު މަޑުން ޖެހެމުން އަންނަ ކުއްޖަކަށް ވެގެންދިޔައެވެ. އެންމެ ފުރުތަމަ ސަކަރާތްފެށީ ހަފޫއާއެކު ޓިކްޓޮކްގައެވެ. އެކި ފިރިހެނުންނާއެކު ނަޝާހަދަންފެށީ އަމަށަކު ވަރަކަށްނޫނެވެ. ދުވަސްކޮޅެއްގެ ތެރޭގަ އެކަމަށް ރަނގަޅަށްވެސް ދެވި ހިފާފިޔެވެ. އެއަށްފަހު ދެން ފެށީ ސްނެޕްޗެޓްގެ ކުޅިވަރެވެ. އޭގެ އަވައިގަވެސް ރަނގަޅަށް ޖެހި މަޝްހޫރުވެއްޖެއެވެ. އެތައް ފިރިހެނުންނެއްް ހަރީޝާ ދަނެއެވެ. މިހެން އުޅުމުގެ ތެރޭގަ ދެތިން ފިރިހެނަކާ ރައްޓެހިވެސް ވެއްޖެއެވެ. ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ ހަރީޝާގެ ނާޖައިޒް ފައިދާ ނެގޭތޯއެވެ. ނަމަވެސް ހަރީޝާގެ ހުށިޔާރު ދައްތަގެ ސަބަބުން އެފަދަ މަޅިޔެއްގާ އޭނާ ޖެހުނަކަނުދެއެވެ.

ދުވަސްތައް ފާއިތުވެގެންގޮސް ފޭސްބުކްގެ ޕޭޖަކުން ހަރީޝާ ޖަހާފަވާ ސަކަރާތްތަކެއް އޭނާގެ ދައްތައަށް ފެނިގެންދިޔައެވެ. މިކަމާ އޭނާގެ ދައްތަ ވަރަށް ރުޅިގަދަވިޔެވެ. ހަރީޝާ ގެޔަށް އައުމާއެކު ހަރީޝާގެ ފޯނު އަތުލިޔެވެ. އެޔަށްފަހު ސޯފާގަ އިށީނުމަށް އަމުރުކުރިޔެވެ.

ރިޒުމާ : އޭތް. މިއިންދަ ހަރީޝާ. ކަލޭ ކިހިނެއް ވެގެން ތިއުޅެނީ
ހަރީޝާ : ދައްތަ ކިހިނެއްވީ މާ ރުޅި އައިސްފަ
ރިޒުމާ : ރުޅި ނާންނަ ވަރެއްތަ؟ ކަލޭ ޖަހާފަވާ ސަކަރާތް އެޔޮތީ ފޭސްބުކްގަ
ހަރީޝާ : ކޮން ސަކަރާތެއް؟
ރިޒުމާ : (ފޭސްބުކް ޕޭޖްއަކުން ހަރީޝާއާ ފިރިހެނަކު ބައްދާން ނަށާތަން ދައްކާފަ) މިއޮތީ. ކަލޭ ހާދަ ގޮތްކުޑަވެއްޖެޔޭދޯ. މަންމައާ ބައްޕަ އަހަރުން މިތަނަށް ފޮނުވީ ގަނޑު ގަންނާކަށްނޫން.
ހަރީޝާ : މަ އަމިއްލަ މިނިވަންކަން މަށަށް އޮންނަންވާނެ
ރިޒުމާ : ކަލޭ އަމިއްލަ މިނިވަންކަން އޮންނަނީ ކަލޭ ބޭނުން ގޮތަކަށް އުޅޭކަށްނޫން. ކަލޭގެ ތި ރަހްމަތްތެރި ހަފްސާވެސް މަ މިދަނީ ވަރަށް ގާތުން ބަލަމުން
ހަރީޝާ : ހަފްސާ ކިހިނެއްތަވީ؟
ރިޒުމާ : (ހަރީޝާ ފޯނު އޭނާ އަތަށް ދީފަ) ޓެލެގްރަމް ހުޅުވާފަ މަ މިބުނާ ދެ ޗެނަލްއަށް ވަދެބަލަ.
ހަރީޝާ : (ރިޒުމާ ބުނި ދެ ޗެނަލްއަށް ވަނުމުން އަންތަރީސްވެފަ) މިއީ ހަމަ ހަފްސާ. މިއީ އޭނާގެ ވީޑިޔޯތައް. އޭނާއާ އެކު އެއިނީ އޭނާގެ ދޮންބައްޕަ އައްޗީޑި
ރިޒުމާ : އޭނާ އުޅެނީ ކަލެޔަށްވެސް އޮޅުވާލާން. އެއީ އޭނާގެ ދޮން ބައްޕައެއްނޫން އެއީ އެމީހުން ކިޔާ ގޮތުންނަމަ ޝުގާ ޑެޑީ
ހަރީޝާ : އެއީ ކޮން ކަހަލަ މީހެއް
ރިޒުމާ : އެއީ މުސްކުޅި މުއްސަނދިން. ޅަ ކުދިންނަށް އަގުބޮޑެތި ހަދިޔާ ދީގެން އެމީހުންގެ ފަރާތުން އުފާ ހާސިލްކުރާމީހުން
ހަރީޝާ : އަހަރެންނަށް މި ފޯނު ދިންދުވަހު އެމީހާ އަހަރެންނަށް ހަނާވެސް އެޅި.
ރިޒުމާ : ދެންވެސް އޭނާޔާ ދުރަށްދެވޭތޯ ބަލާ އިތުރަށް ކަލޭ ހަލާކުނުވަނީސް

ހަރީޝާ ފޯނު ހިފައިގެން އޭނާ ކޮޓަރިޔަށްދިޔައެވެ. އަދި އޭނާގެ ދައްތަ ދެއްކި ދެ ޗެނަލް އަލުން ރަނގަޅަށް ހާވާ ދިރާސާ ކުރަންފެށިޔެވެ. މީހުންގަ ހުރި ގޮތްކުޑަކަމާ ލަދު ހަޔާތް އޭނާއަށް ރަނގަޅަށް ފެންނަންފެށިޔެވެ. ތިމާގެ ހަށިގަނޑު ނީލަން ކިޔަމުންދާ ޗެޓްލޮގްތައްވެސް ފެންނަންފެށިޔެވެ. ވަކި އުމުރެއްނެތެވެ. އުމުރުން ފަނަރައިން ފެށިގެން އެ މުޑުދާރު ކަންތައްތަކުގާ މީހުންވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގާ ނިގާބްއަށްވެސް ހުތުރު އަރުވާފަ ހުއްޓެވެ. ނިގާބެ އަޅާން ހުރި އަންހެނަކު އޭނާގެ ހަށިގަނޑު އިސްތިހާރު ކުރާ ވީޑިޔޯއެއް އިންތަން ފެނުމާއެކު ހަރީޝާ ފެންކަޅިވިޔެވެ. ވަރަށްވެސް ހިތުގާ ޖެހުނެވެ. ސަތޭކަ ޕަސެންޓް އިސްލާމީ ގައުމެއްކަމަށް ދައުވާ ކުރަމުން އަންނަ ދިވެހި ރާއްޖެ މިއޮތީ މުޅިން ހަލާކުވެފައެވެ. ކުރަމުންދަނީ އެތައް މުޑުދާރު ފާފައެކެވެ. ލިވާތުކުރުމާ ޒިނޭ އަދި ރާބުއިމުގެ އިތުރުން އިސްލާމްދީނަށްވެސް ފުރައްސާރަކުރަނީޔެވެ.

ހަރީޝާ އެންމެ ފަހަށް އޭނާއަށް ލިބުނު ފޯނުން ސިމް ނެގިޔެވެ. އަދި ބިންދާލިޔެވެ. އެޔަށްފަހު ގޮސް ދައްތަ ކައިރިން މައާފްއަށް އެދުނެވެ. އަދި ކަމެއް ކޮއްދޭނަމަ އެ ފޯނު ގެންގޮސް ހަފްސާއާ ހަވާލުކޮށްދިނުމަށް އެދުނެވެ. އެޔަށްފަހު މާތް ﷲ އަށް ކުއްތަންވިޔެވެ. ހެޔޮމަގުން ކައްސާނުލުމަށް އަޒުމް ވަރުގަދަކުރިޔެވެ.

- ނިމުނީ -

No comments:

Post a Comment

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...