Monday, April 8, 2019


މިދުނިޔޭގައި އިންސާފް ހޯދުމަކީ ދަތިކަމެކެވެ. ނުފޫޒާ ބާރު އޮތް މީހުންގެ ސަބަބުން އެތައް ބަޔަކުވަނީ އިންސާފް ލިބުމަށް މަހްރޫމްވެފައެވެ. ނަމަވެސް އެންމެ އިންސާފްވެރި ދުވަސް އައުން އޮތީއެވެ. އެދުވަހަކުން އެމީހަކު ކުރި ކަމެއްގެ ޖަޒާ އެމީހަކަށް ދެއްވާނީ އެންމެ އިންސާފްވެރި الله سبحان و تعالىٰ އެވެ.
ނަބީލްއަކީ ނިކަމެތި އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ކިޔެވުމުގައި ރަނގަޅު ވަނަތައް ހާސިލްކުރަމުން އަންނަ ކުއްޖެކެވެ. ނަބީލްގެ ހުވަފެނަކީ ގަނޫނީ ވަކީލަކަށްވުމެވެ. ކިޔެވުމަށް ފައިސާ ހޯދުމަށް ނަބީލް ނުކުރާކަށް މަސައްކަތެއްނެތެވެ. މަސައްކަތުން ލިބޭ އާމްދަނީ މަންމަ އަތަށް ފޮރުވަންދެއެވެ. އަދި ބޭނުން ކުރަނީ މަދު ފައިސާކޮޅެކެވެ. ލިބޭ އާމްދަނީއަށް އަބަދުވެސް ނަބީލް ޝުކުރުކުރެއެވެ. އަދި ގަވައިދުން ނަމާދުކޮއް ކާމީޔާބު ދެއްވުމަށް އެދި الله سبحان و تعالىٰ އަށް އަބަދުވެސް ދުއާ ދަންނަވައެވެ.
ނަބީލްގެ އެކުވެރި ޝާމްއަކީ އޭނާއަށް އެންމެ ހިތްވަރުދެމުން އައި ރަހްމަތްތެރިޔާއެވެ. ޝާމްއަކީ އޭނާގެ އާއިލާގެ ހުރި ހަމައެކަނި ދަރިއެވެ. މަންމައާ ބައްޕަ އެންމެ ލޯބިވާ ރަންދަރިއެވެ. ޝާމްއަކީ ކިޔަވާ ނިންމައިގެން ރަނގަޅު ވަޒީފާއެއް އަދާކުރާ ޒުވާނެކެވެ. ނަބީލް ކުރަމުން އައި މަސައްކަތްތައްފެނި އެކަމާ ހަމްދަރުދީވެ ޝާމް ކައިރިއަށް މަސައްކަތު އައުމަށް ދައުވަތުވެސްދިނެވެ. ނަމަވެސް ނަބީލް ބުނަނީ އޭނާ ކިޔަވާނީ މީހެއްގެ އެހީއާ ނުލައެވެ. ޝާމްއަށް އެ ޖަވާބު ބައެއްފަހަރު ވަރަށް މަޖާވެއެވެ. އަދި ސަމާސާއަށްވެސް ބަނގާޅީއޭ ކިޔާ ނަބީލްއާ ދިމާކުރުމުން ނަބީލްވެސް ދޫނުދީ މިއީ ބޮންދެކޭ ބުނެލައެވެ.
އެއްދުވަހެއްގެ ހެނދުނެވެ. މަސައްކަތުގައި ނަބީލް އުޅެނިކޮއް ޝާމް ސައިކަލްގައި އައިސް ސައިބޯންދާން ދައުވަތުދިނެވެ. އެކުވެރިޔާގެ ދައުވަތު ގަބޫލްކޮއް ސައިބޯން ދިޔައެވެ. ވާހަކަތަކަށް ގެއްލި ވަގުތު ހިނގައްޖެއެވެ. ޝާމް ނަބީލް ކައިރީ ސައިކަލް މަޑިދަށުގައި އޮތް ސިނގިރޭޓްފޮށި ނަގައިގެން އެބަ އަންނަމޭ ކިޔާފައި ނުކުތެވެ. މަޑި ހުޅުވާލައިގެން ސިނގިރޭޓު ފޮށި ނަގައި ނަބީލްއަށް ދައްކާލުމަށް އެނބުރުނު ވަގުތު ޝާމްގެ ކަރަށް މީހަކު ވަޅިއެއް ހަރާލާފިއެވެ. ވަޅި ހަރާލި މީހާ ރީތިކޮއް ނަބީލްއަށް ފެނުނެވެ. ބަލަން ނުއިނދެ ވެއްޓެމުން ދިޔަ ރަހްމަތްތެރިޔާ ހިފަހައްޓަން ދުއްވައިގަތެވެ. ޝާމްގެ ކަރަށް ވަޅިޖެހި މީހާ ދުވެފައިގޮސް ސައިކަލަކަށް އަރައިގެން ބާރު ބާރަށް ނައްޓާލިއެވެ. ރަހްމަތްތެރިޔާގެ މަރަށްތެޅި ފުރާނަ ވަކިވެގެން ދިޔައީ ނަބީލް ކުރިމަތީގައެވެ. ނަބީލްގެ ހަމައެކަނި އެކުވެރިޔާ މިދުނިޔެއާ ވަކިވީއެވެ. ކަން ހިނގާ ދިޔައިރު އެހީވުމުގެ ބަދަލުގައި ބަލަން ތިބި މީހުން ދިޔައި ފޮޓޯ ނަގާ ވީޑިއޯ ކުރެވޭތޯ ބަލަމުންނެވެ. ނަބީލް އެމީހުންނަށް ނަޒަރު ހިނގާލިއެވެ. އަދި އެއަށްފަހު ސީސީޓީވީ ކެމެރާތައް ހުރި ދިމާތައް ފާހަގަ ކުރިއެވެ.
އެކުވެރިޔާގެ ކަށުކަމާކެމީގެ ކަންތައްކޮއް ނިމި ވަޅުލެވިއްޖެއެވެ. ނަބީލް ބޭނުންވީ އޭނާގެ އެކުވެރިޔާއަށް އިންސާފް ހޯދާދޭށެވެ. މިގޮތުން ފުލުހުންނަށް ހާދިސާ ހިނގިގޮތުގެ ތަފްސީލް ކިޔާދިނެވެ. ކުއްވެރިޔާ ހުރި ސިފަތައްވެސް ކިޔާދިނެވެ. މާކަށް ގިނަދުވަހެއްނުވެ ކުއްވެރިޔާ އަތުކޮއްފިއެވެ. ކޯޓަށް އެތައް ފަހަރަކު ގެންދެވިއްޖެކަން ޙަބަރުތަކުން ގޮވިއެވެ. މިގޮތަށް މައްސަލަ ދާތާ މިހާރު ތިން އަހަރުވީއެވެ. ޖަލުން ކޯޓަށް ކޯޓުން ޖަލަށް ކުއްވެރިޔާ ގެންދާ ވާހަކަ ޙަބަރުތަކުގައި ލިޔެވިފައިވެއެވެ. އެންމެ ފަހަށް އިސްތިއުނާފަށް ހުށެހެޅި ޙަބަރުވެސް ނަބީލްއަށް ފެނިއްޖެއެވެ. އަދި ވާވަރަށް ހެކި ނުލިބުމުގެ ސަބަބުން ކުއްވެރިޔާ މިނިވަން ކޮއްފި ވާހަކަ ޙަބަރުގައި ލިޔެވިފައި އޮތްތަން ފެނުމުން ނަބީލް ގާތަށް ވަރަށް ރުޅިއައެވެ. އެންމެ ފަހަށް ކުއްވެރިޔާއާ އަމިއްލައަށް ދިމާކުރިއެވެ. ކީއްވެގެން ކުރި ކަމެއްތޯ އަހާލުމުން ލިބުނީ ވަރަށްވެސް ކުރު ހެއްވާ ޖަވާބެކެވެ. އެއީ އޮޅިގެން ކަމަށްށެވެ. މިކަމާ ނަބީލް ވަރަށް މާޔޫސްވިއެވެ. އަދި ކުރިއަށް އޮތްތާ ވަރުގަދަ އަޒުމަކާއެކީ އޭނާގެ އެކުވެރިޔާއަށް އިންސާފް ހޯދާދޭން މަސައްކަތްފެށިއެވެ. މިފަހަރު ކިޔަވަންފެށީ ގާނޫނީ ވަކީލަކަށް ވުމުގެ ނިޔަތަކު ނޫނެވެ. ގާޒީއަކަށްވުމަށްށެވެ.

އިންސާނުން ދުނިޔެ ފޮނުއްވާފައިވަނީ الله سبحان و تعالىٰ އަށް އަޅުކަން ކުރާށެވެ. އެގޮތުން އިންސާނުންގެ މައްޗަށް 5 ނަމާދު ކުރުމަށް އެކަލާނގެވަނީ އަމުރު ކުރައްވާފައެވެ. ނަމަވެސް މިއަދު އިންސާނުންވަނީ ހައްދުފަހަނައަޅާ ގޮސް ދުނިޔެއަށް ގެއްލިފައެވެ. ނަމާދަކީ ބޭނުން އިރަކު ކުރެވޭނެ އެއްޗެއްކަމަށް ގިނަމީހުން ދެކިގެން އުޅެއެވެ.
އަޒީޒްއަކީ ޒުވާނެކެވެ. ރީތިކަމާ މުއްސަނދިކަން އޭނާއަށް الله سبحان و تعالىٰ ވަނީ ދެއްވާފައެވެ. އަޒީޒްގެ މައިންބަފައިން ތިބެނީ އޭނާ އުޅޭ ގެއާ ދުރުހިސާބެއްގައި ކަމުން ކޮންމެ ހުކުރު ދުވަހަކު އޭނާ އެމީހުންނަށް ޒިޔާރަތްކުރެއެވެ. ނަމަވެސް އެ ޒިޔާރަތް އަބަދުވެސް ކުރުވެފައި އޮންނަނީ އަޒީޒްގެ މައިންބަފައިން އޭނާ އަޑުއަހަން ބޭނުންނުވާ ސުވާލުތައް ކުރާތީއެވެ. އަޒީޒްގެ މައިންބަފައިން އަބަދުވެސް އަޒީޒް ނަމާދު ކުރިންތޯ ސުވާލުކުރެއެވެ. ނަމަވެސް އަޒީޒް އެމީހުންނަށް ހެދުނު ދޮގެއް ހަދާ ވާހަކަ އޮޅުވާލަން މަސައްކަތްކުރެއެވެ. ނަމަވެސް މައިންބަފައިން އެމީހުންގެ ނަސޭހަތް އަޒީޒްއަށް ނުހުއްޓި ތަކުރާރުކުރެއެވެ. ނަމާދުގެ މުހިންމުކަމާ އޭގެން ލިބޭ ސަވާބާ ފައިދާގެ ވާހަކަތައް ކިޔަން ފެށުމުން އަޒީޒް އެގެއިން ނުކުމެގެން ދެއެވެ. ނަމަވެސް ދަނިކޮއްވެސް އަލްވަދާއުގެ ގޮތުގައި މައިންބަފައިން ބުނަނީ ދަރިފުޅާ ނަމާދެވެ.
މައިންބަފައިން ކައިރިން އާދެވުމާއެކު އަޒީޒް އޭނާގެ ދިރިއުޅުމައިގެން ކުރިއަށްދެއެވެ. ހަތަރުދަމު ފޯނުގައި ކުދިންނާ ވާހަކަ ދައްކައިގެން އޭނާގެ މުއްސަނދިކަމުގެ ވީޑިއޯތައް މީސްމީޑިއާގައި ހިއްސާކުރެއެވެ. އަދި ކޮންމެ ރެޔަކު ދުނިޔޭގެ އުފާތައް ހޯދުމަށް ކްލަބްތަކަށް ގޮސް މަސްތުވުންފަދަ ކަންކަންވެސް ކުރެއެވެ. މިގޮތުގައި ރޭ ހަތަރުދަމު ހޭދަކޮއްފައި ގެއަށް އަންނަނީ އިރުއެރުމުންނެވެ. މިގޮތަށް އަޒީޒްގެ ދުވަސްތައް ދާއިރު އޭނާ އެއްގޮތަކަށްވެސް އާޙިރަތާމެދު ވިސްނާނުލައެވެ. މީސްމީހުން މަރުވެގެން ގެންދާތަން އަޒީޒްއަށް ފެނުނަސް ކަންފުޅެއްވެސް ހިތަކަށް ނާރައެވެ.
އެއްރެޔެއްގެ ދަންވަރެވެ. އަޒީޒް ނައިޓް ކްލަބް ތެރޭގައި ފޯރިނަގާ އުފާތައް ހޯދަމުން ދިޔައެވެ. ފަހަރަކު އަންހެނެއްގައި ކޭއްތެމުން ފައިސާތައް އުކަމުން އޭނާ ބާރަށް ހީހީފައި ރާބޮއެހަދައެވެ. ނެށުމުގެ ފޯރީގައި ހުއްޓާ މީހުންތައް ހަޅޭއް ފަޅޭއްޖަހައިގެންފިއެވެ. ވެގެން އުޅޭގޮތް ބަލާލިއިރު މުޅި ކްލަބް ވަށާ ވަނީ އަލިފާން ރޯވެފައެވެ. އެތަނުން ނުކުމެވޭނެ ގޮތެއް ހޯދުމަށް އަޒީޒް މަސައްކަތްފެށިއެވެ. ކައުންޓަރު މައްޗަށް އަރާ ސީލިންގް ފަޅާލައިގެން ވެންޓިލޭޝަންތެރެއިން އަޅާފައި މަގުމައްޗަށް ނުކުތެވެ. އަޒީޒް ލޯ ކުރިމަތީ މުޅި ކްލަބް އަނދާ އަޅިއަށް ވެއްޖެއެވެ. އިރުކޮޅަކުން އަޒީޒް ފޯނު ރިންގްވާން ފަށާފިއެވެ. އެއީ އަޒީޒްގެ މައިންބަފައިންނެވެ. ފޯނު ނަގާ ކަންފަތުގައި ޖެހުނުތަނުން އަޒީޒް ސަލާމަތުން ހުރި ވާހަކަ ވަގުތުން މައިންބަފައިންނަށް އެނގިއެވެ. މައިންބަފައިން އަޒީޒްއަށް ދިމާވި ހާދިސާއާމެދު ވިސްނާ ފިކުރުކުރުމަށް ނަސޭހަތްދިނެވެ. އަދި އަވަހަށް ތައުބާވެ ނަމާދުކުރުމަށް ނަސޭހަތްދިނެވެ. ނަމަވެސް މައިންބަފައިންނަށް ބަހަނާ ދެއްކުމަށްފަހު ފޯނު ކަނޑާލާ އެވަރުކަމެއް ނޫންކަމަށް ހިތާ ކާރަށް އަރާ ގެއާ ދިމާލަށް ދިޔުމަށް ދުއްވާލިއެވެ. ހައިވޭ ހުރަސްކޮއް ޖަންގަލީގެ މަގުން ގެއާދިމާލަށް ދުއްވާ ދުއްވާ ހުއްޓާ ކުއްލިއަކަށް ކާރުމައްޗަށް ވެއްޓުނީ ގަހެކެވެ. ގަސް ވެއްޓުމާއެކު ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް މަގުގެ އެއްފަރާތައް އަރިއަޅާލިއެވެ.
ޒަޙަމްވެފައިވާ އަޒީޒްއަށް އެހީވުމަށް މީހަކު ނާންނަތާ އެއްގަޑިއިރުވީއެވެ. ދުއްވާ އެއްޗެއްގެ ހިލަމެއްވެސް އެމަގަކަށްނުވެއެވެ. ނުވިތާކަށް ފޯނުގެ ރޭންޖްވެސް ނުލިބެއެވެ. މިހާލުގައި އަޒީޒް އޮންނަތާ މިހާރު ހަތަރު ގަޑިއިރުވީއެވެ. ގައިން ފައިބަމުން ދިޔަ ލޭތައް ނުހުއްޓި މުޅި މީހާ ހުދުވާން ފަށާފިއެވެ. އަޒީޒްގެ ކަންފަތައް ކުޑަވަރެއްގެ އަޑެއް އިވުނެވެ. އެއީ އިންސާނެއްގެ ފިޔަވަޅުގެ އަޑެވެ. އަޒީޒްގެ މެރި މެރި އޮތް ލޮލަށް އެމީހެއްގެ މޫނު ފެނުނެވެ. އެއީ ޕޮލިހެކެވެ. އޭނާ ކިޔަމުންދަނީ އެންމެ އެއްޗެކެވެ. ކޮއްކޯއެވެ لَا إِلٰهَ إِلَّا ٱلله ކިޔާށެވެ. ނަމަވެސް އަޒީޒްގެ ދޫ މި ލުއި ކަލިމަ ކޮޅު ކިޔުމަށް ހަމަ ހިލާ ގުޑާވެސް ނުލިއެވެ. ކުއްލިއަކަށް ނޭވާ ހާސްވާން ފަށާފިއެވެ. މަރުގެ މަލާއިކަތާ ހާޒިރުވެ އަޒީޒްގެ ފުރާނަ ހަށިގަނޑާ ވަކިކޮއްފިއެވެ.
– ނިމުނީ –

އިންސާނާ ފުރިހަމަ ސިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރަންޖެހެއެވެ. ކަސްރަތު ނުކުރުމުގެ ސަބަބުން މުސްކުޅި އުމުރުގައި އެތައް ބަޔަކުވަނީ އެތައް އުނދަގުލަކާ ކުރިމަތިލާންޖެހިފައެވެ.
އިޔާޒުއަކީ ކުޑައިރުއްސުރެ ކެއުމަށް ފޯރި ހުންނަ ކުއްޖެކެވެ. އިޔާޒުގެ މަންމަ އޭނާ ބުނި ކޮންމެ އެއްޗެއް ހަދާފަ ކާންދެއެވެ. އިޔާޒުގެ އުމުރުން ފަނަރަ އަހަރުގައި އޭނާގެ ބަރުދަން ފަންސާސް ކިލޯއަށްވަނީ އަރާފައެވެ. ކޮންމެއަކަސް އޯލެވެލް ނިންމުމަށްފަހު ފުރުތަމަ ވަޒީފާއަށް އިޔާޒުވަނެވެ. މޭޒެއް ދޮށުގައި އިންދެ މަސައްކަތްކޮއްލުމަކީ އިޔާޒް އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ.
ފުރުތަމަ މަހުގެ މުސާރަ އިޔާޒްއަށް ލިބުމުން އޭނާގެ އޮފީސް ކުދިން ގޮވައިގެން ކެއުމަކަށް ދިޔައެވެ. އިޔާޒުގެ އޯޑަރު ފެނިފައި ހުރިހާ ކުދިން ތިބީ ހައިރާންވެފައެވެ. އޭނާގެ އޯޑަރު އޭނާއަށް ހުސްވާނެތޯ ކުއްޖަކު ސުވާލުކޮއްލުމުން ހިނިގަނޑަކާއެކު އެކަން ވާނެކަމަށް ބުނިއެވެ. އޮފީސް ކުދިން މަދުން ކާތީ އެކަމާ އިޔާޒް ޝަކުވާކުރިއެވެ. ނަމަވެސް އެކުދިން ދިން ޖަވާބުން އިޔާޒް އައީ ރުޅިއެވެ. މާ ގިނައިން ކެއުމަކީ މީހާ ކަންނެތްވެ ނުރައްކާތެރި ބަލިތައް ހަށިގަނޑުގައި އުފެދުމުގެ ފުރުސަތު ބޮޑުވާނެ ވާހަކަ ބުނުމުންނެވެ. ކެއުން ނިންމާލުމަށްފަހު ބިލް ދެއްކިގޮތަށް އިޔާޒް ގެއަށް ގޮސް ނިދަން އޮށޯތެވެ. ނަމަވެސް އޮފީސް ކުދިންގެ ނަސޭހަތުގެ ބަސްތައް ކަންފަތްތެރޭ ގުގުމާވަރުން އޭނާއަށް ރަނގަޅަށް ނުނިދުނެވެ.
ޖެހިގެން އައި ދުވަހު އޮފީހަކަށް އިޔާޒް ނުދެއެވެ. އޭނާ ބޭނުންވީ މުޅި ދުވަސް އެއްކޮއް އޭނާ އަމިއްލަ ކަންތައްތަކުގައި އުޅެލާށެވެ. މިގޮތުން ބާޒާރުކޮލުމަށް ނުކުމެ ދުއްވުންތައް ދުއްވާލުމަށްފަހު އެދުވަހު މެންދުރު ކެއުން ކެއީ ބޭރުންނެވެ. އެއަށް ފަހު ރަހްމަތްތެރިއަކާއެކީ ކޮފީއަކަށް ގޮސް ކޮފީ ނިންމާލުމަށްފަހު ހަވީރު ސައިބޯން ހޮޓަލަކަށްވަދެ ތަށި ފުރާ ސާމާނު އަޅައިގެން ކައި ހުސްކޮއްލިއެވެ. އަދި ގެގައަށް ގޮސް ކާގަޑި ޖެހެންދެކަށް ކޮމްޕިޔުޓަރ ކައިރީ ވަގުތުތައް ހޭދަކުރިއެވެ. ކާގަޑި ޖެހުމާއެއްކޮއް ކައިގެން އޮށޯވެ ނިދައިފިއެވެ. މިގޮތުގައި އިޔާޒްގެ ދުވަސްތައް ހޭދަކުރަމުންގޮސް މީހާ ކުރިއަށްވުރެ ފަލަވެއްޖެއެވެ. އިޔާޒްގެ ބަރުދަނަކީ މިހާރު ސަތޭކަ ވިހި ކިލޯއެވެ. ކުރިން އިޔާޒް ލަމުން އައި އެކްއެލް ގަމީސް މިހާރު ތްރީ އެކްސެލްއަށް ބަދަލްވެއްޖެއެވެ. މިކަމާ އިޔާޒް އެއްވެސް ވަރަކަށް ކަންބޮޑެއްނުވެއެވެ. ނަމަވެސް އިޔާޒްގެ މަންމަ އެކަމާ ކަންބޮޑުވެ ކަސްރަތުކުރުމަށް ނަސޭހަތްދޭންފަށާފިއެވެ. މިކަމާ އިޔާޒް ހިތްހަމަ ނުޖެހެއެވެ. އެހެންވެ ގޭގެ ކެއުން ނުކައި ބޭރުން ކެއުން ގިނަކުރިއެވެ.
އެއްދުވަހެއްގެ ހެނދުނެވެ. އިޔާޒް އޮފިހަށްދާން ތެދުވެ ފެންވަރައިގެން ނުކުމެ ރީތިވެލައިގެން ނުކުމެވުނީ ގޭ ދޮރާއްޓާ ހަމައަށްށެވެ. ކުއްލިއަކަށް މެޔަށް ތަދެއް އަރައިފިއެވެ. ވީ ތަދުން ހަޅޭއްވެސް ލަވަގެންފިއެވެ، އިޔާޒްގެ މަންމަ އައިސް ވެގެން އުޅެނީ ކީއްތޯ އަހާލިއެވެ. ނަމަވެސް އިޔާޒްއަށް ޖަވާބު ނުދެވުމުން ގޭދޮށު ބައެއްގެ އެހީގައި އޭނާ ހޮސްޕިޓަލްއަށް ގެންދެވުނެވެ. ޓެސްޓްތައް ހަދާ ނަތީޖާ ލިބިއްޖެއެވެ. އިޔާޒްގެ މަންމަ ޑޮކްޓަރު އައުމުން ނަތީޖާ ދިއްކޮއްލިއެވެ. ޑޮކްޓަރ ވަރަށް ސީރިއަސްވެފައި އިޔާޒް މޫނަށް ބަލާލާފައި އިޔާޒްގެ ލޭ ވަރަށް މަތިވެ އެއާއެކު ކޮލެސްޓްރޯލްވެސް ހުރީ ވަރަށް މަތީގައި ކަމަށް ބުނެލިއެވެ. މިކަމުގެ ސަބަބުން ވެދާނެ ގެއްލުންތައްވެސް ކިޔާދިނެވެ. އަދި ކެއުން މަދުކޮއް ކަސްރަތުކުރުމަށް އިރުޝާދު ދިނެވެ. މިކަންކަން ނުކޮއްފިނަމަ ދާއިމީ ކޮއް ބޭސްކާންޖެހި ބޮޑު ބައްޔަކަށް ބަދަލްވެ އަދި ފުރާނައަށް ގެއްލުންވުން އެކަށީގެންވާކަން ކިޔާދިނެވެ. އަދި އުމުރު މަތިވާވަރަކަށް މިކަމުގެ ވޭން ވަކިން ބޮޑުވާނެކަމުގެ އިންޒާރު ދިނުމަށްފަހު އިޔާޒް ފޮނުވާލިއެވެ.
ޑޮކްޓަރުގެ ނަސޭހަތުން އިޔާޒްއަށް އިވުނީ އެއްބައެވެ. ދުވަސްކޮޅަކު ކަސްރަތުކުރަން ދާންފެށިއެވެ. ނުދެވޭނަމަ ގޭގައިވެސް ކުޑަކޮއް ކޮއްލައެވެ. ނަމަވެސް އިޔާޒް ދެވިހިފާފައިވާ ކެއުމުގެ އާދައަށް ހުއްޓުމެއް ނާދެއެވެ. ގެއިން ބޭރަށް ގޮސްފިއްޔާ އަންނީ ކޮންމެސް ތާކަށް ވަދެ ކާލައިގެންނެވެ. މިގޮތުގައި އުޅެނިކޮއް އެއްދުވަހަކު އިޔާޒް ހޮޓަލުން ނުކުތްތަނުން މީހާ ހުއްޓުން އެރިއެވެ. އަދި އެއްފަޅި ވާގިގޮސްގެން ބިންމައްޗަށް ވެއްޓުނެވެ. ހޮޓަލުގައި ތިބި ބަޔެއްގެ އެހީގައި އިޔާޒް ހޮސްޕިޓަލަށް ގެންދެވުނެވެ. އިމަޖެންސީ ކޮޓަރިއަށް ވައްދާ މެޝިންތައް ގުޅިއެވެ. ޑޮކްޓަރު އައިސް ބަލާފައި އިޔާޒްގެ މަންމަ ހޮސްޕިޓަލްއަށް ގެނެސް އިޔާޒްއަށްވަނީ ސްޓްރޯކްއެއް ޖެހިފައިކަން ބުނިއެވެ. އަދި ޖެހުނީ ފުދޭވަރަކަށް ބޮޑު ސްޓްރޯކްއެއް ކަމުން އިޔާޒްގެ އެއްފަޅިވަނީ ދިގު މުއްދަތަކަށް ވާގިގޮސްފައިކަން އެންގިއެވެ. އިޔާޒްގެ މަންމަ ކަރުނައަޅާ ހާލު އިޔާޒް ކައިރިއަށް އައިސް އިޔާޒްއާ ކައިރީ އިށިންދެފައި މަންމަގެ ނަސޭހަތް އަޑު ނޭހުމުން މިއަދު އިޔާޒްއަށް ލިބުނު ނަތީޖާ ކިހާ ހިތިކަން ބުނެލިއެވެ. މި ބަސްތައް އިވުމާއެކު އިޔާޒްވެސް ލޮލުން ކަރުނައަޅާ ރޯންފެށިއެވެ. އަދި މައާފްއަށްވެސް އެދުނެވެ. ނަމަވެސް މިއަދު ކުރާނީ ކީއްހެއްޔެވެ. އިޔާޒް އެވަނީ ދާއިމީކޮއް ބަލިމީހަކަށް އޭނާގެ އުމުރުން އެންމެ ވިހި އަހަރުގައިވެފައެވެ.
– ނިމުނީ –

ރޫހާނީ ކަންތައްތައް އެކި މީހުންނާ ދިމާވަނީ އެކިގިތަށްށެވެ. އެކަމެއް ދިމާވުމުން އެމީހަކު އެވާހަކަ ހިއްސާކުރިޔަސް ގިނަފަހަރު މީހުން އެކަން ގަބޫލްކުރަނީ އެފަދަ ހާދިސާއެއް ދިމާވުމުންނެވެ.
ޓެކްސީ ޑްރައިވަރެއްކަމުގައިވާ ޝަރީޕްއަކީ ދަންވަރު ޑިއުޓީއަށް އަބަދުވެސް ނުކުންނަ މީހެކެވެ. ދުވާލު އަމިއްލަ މަސައްކަތްކޮއް އަދި އާއިލާއާއެކު ވަގުތު ހޭދަކުރުމަށްފަހު އޭނާ ފަތިސް ނަމާދަށް ގޮވަންދެކަށް ޓެކްސީ ކުރުމުގައި ވަގުތުތަށް ހޭދަކޮއްލައެވެ. ފަހަކަށް އައިސް ޙަބަރުތަކުގައި ހައިވޭމަތިން ރޫހާނީ ކަންތައް ފެންނަ ވާހަކަ ޝަރީފްގެ ކަންފަތުގައިވެސް ޖެހިއްޖެއެވެ. ނަމަވެސް މިހާތަނަށް އޭނާ ކޮއްފައިވާ ދަތުރުތަކުން އެފަދަ އެއްވެސް ކަމަކާ ދިމާނުވެއެވެ.

މިރޭވެސް މެންދަމު ބާރަޖެހުމުން ޝަރީފް ނުކުތީ އޭނާގެ ޑިއުޓީއަށްށެވެ. ދެތިން ދަތުރެއް ކޮއްލުމަށްފަހު އޭޑީކޭ ކައިރިން ލަނބައިލާގެން މަޖީދީމަގުން ހެންވޭރަށް ދުއްވާލާފައި ދަނިކޮއް ހެންވޭރު ކުރީގެ ޔޫތް ކެފޭ ކައިރިން އަންހެން ކުއްޖަކު ކާރާ ދިމާލަށް އަތްހޫރުވާތަންފެނިގެން ޝަރީފް މަޑުކޮއްލިއެވެ، އެއިރު ގަޑިން މެންދަމު ދޭއް ޖަހާފިއެވެ. އެކުއްޖާ ޓެކްސީއަށް އެރިއެވެ. ކޮންތާކަށް ދާންވީތޯ އަހާލުމުން ހުޅުމާލޭ ހޮސްޕިޓަލަށް ކަމަށް ބުނިއެވެ. ދެފަރާތުން ވާހަކަ ދައްކައިގެން އަގު ހަމަ ޖައްސާފައި ދަތުރުފެށިއެވެ. ބުރިޖުން އަރައި ހައިވޭއަށް ފައިބައިގެން އާދައިގެ ދުވެއްޔެއްގާ ޝަރީފް ދިޔައީ ދުއްވަމުންނެވެ. ހައިވޭގެ މެދަކަ ހަމައަށް ދިޔަ ތަނުން ކާރު ހުއްޓެން ފަށައިފިއެވެ. އެންމެފަހަ އެއްކޮއް ހުއްޓި ޝަރީފް ފަސިންޖަރު ކައިރީ އެތެރޭ މަޑުކުރުމަށް ބުނެފައި ފާބައި އިންޖީނަށް މައްސަލައެއް ދިމާވިތޯ ބަލާލިއެވެ. އެއްވެސް މައްސަލައެއް ނެތުމުން އަރާ ސްޓާޓްކުރަން މަސައްކަތް ކޮއްކޮއް ނުވިއެވެ. ކުއްލިއަކަށް ފަހަތުން އިން އަންހެންކުއްޖާ ތުރުތުރުއަޅާ އަޑަކުން ” ބޭބޭ އެހުރީ ކޮން ކުޑަކުއްޖެއް ކާރު ކުރިމަތީ ” ޝަރީފް ކާރުގެ ކުރިޔަށް ބަލާލިއިރު އެކަކުވެސް ފެންނާކަށްނެތެވެ. ސަމާސާ ނުކުރުމަށް ޝަރީފް އެކުއްޖާއަށް އެންގިއެވެ. އަދި ކާރު ސްޓާޓްވޭތޯ ވަރަށް މަސައްކަތް ކުރަނިކޮއް ވެއްޖެއެވެ. ނަމަވެސް ދުއްވާލަން އުޅެނިކޮއް އަންހެންކުއްޖާ އަޑުގެ ނެތްކޮޅަށް ހަޅޭއްލަވައިގަނެ ” ބޭބޭ އެހުރީ އަންހެނަކާ ކުޑަކުއްޖެއް މިހާރު. ހަމަ ކާރު ކުރިމަތީ ” ޝަރީފް ކާރުގެ ކުރިޔަށް ބަލާލިއިރު ހަމަ އެކައްޗެއްވެސް ފެންނާކަށްނެތެވެ. މިކަމާ ޝަރީފް ވަރަށް ރުޅިއައިސް އަންހެން ކުއްޖާއާ ދިމާލަށް އެއްޗެހި ގޮވާލުއެވެ. އަދި ބަރަށް ދުއްވާފައިގޮސް ހުޅުމާލޭ ހޮސްޕިޓަލަށް އެކުއްޖާ ބޭލުމަށްފަހު އަނބުރާ މާލެ ދިޔުމަށް ހައިވޭއިން ދަތުރުފެށިއެވެ.
ހައިވޭގެ މެދާހަމައަށް ޝަރީފްއަށް އާދެވުމުން އަނެއްކާވެސް އިންޖީނު ހުއްޓިއްޖެއެވެ. އިންޖީނު ބަލައިލުމަށް ޝަރީފް ކާރުން ފައިބާ އިންޖީނު ބަލާ ނިންމާލާފައި ކާރުގެ ކުރީ މަތިގަނޑު ލެއްޕިތަނުން ލޮލުގައި އަޅާގަތީ ކާރު ފަހަތު ސީޓުގައި އޭނާ އުފުލި އަންހެންކުއްޖާ އިންތަނެވެ. އެކުއްޖާ އިނގިލި ޝަރީފްއާ ދިމާލަށް ދިއްކޮއްލާ ފަހަތް ބަލާލުމަށް އިޝާރާތްކުރިއެވެ. ޝަރީފް ފަހަތް ބަލާލިއިރު ވަރަށް ކައިރީގައި ހެވިފައި ހުރި ކުޑަކުއްޖެއް ހުރިއެވެ. ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަން ފެށުމާއެކު އެ ކުޑަކުއްޖާ ގެއްލުނެވެ. އަދި ފަހަތު ސީޓަށް ބަލައިލިއިރު އެއްކަލަ އަންހެން ކުއްޖާވެސް ނެތެވެ. އަވަސް އަވަހަށް ކާރަށް އަރައި ސްޓާޓް ކޮއްލައިގެން މާލެއަރާ މަޖީދީ މަގުން ދަނިކޮއް ކުރީގެ ހެންވޭރ ޔޫތްކެފޭއާ ހަމައިން މީހާކު އަތް ހޫރުވާތަން ފެނުމުން ކައިރި ކުރިއިރު ހުރީ ހުޅުމާލެ ގެންދިޔަ އަންހެން ކުއްޖާއެވެ. ޝަރީފް އެކުއްޖާ ނާރުވާން އިދިކޮޅު ހެދުމުން ކީއްވެތޯ އެކުއްޖާ ސުވާލުކުރިއެވެ، ޖަވާބުގައި ޝަރީފް ދިމާވި ކަންތައް ކިޔާދިނުމުން އެކުއްޖާ ހައިރާންވެފައި ހުރެ ޝަރީފްއަށް އޭނާ ހުޅުމާލެދާން ނުކުތީ އަދި ކިރިޔާކަން ބުނެލިިއެވެ.
– ނިމުނީ –


މުސްކުޅިން ބުނެއުޅެއެވެ. ތިމާ ފޭހުނު އިލޮށިހެރޭނީ ތިމާގެ ލޮލަށްށެވެ. މި ބަސްކޮޅުގެ މާނަ ފިސާރެ ފުނެވެ. އެތައް އިބްރަތެއް މި ބަސްކޮޅުގައި ހިމެނެއެވެ.
އައްޔޫބްއަކީ ވަރަށްބޮޑު ނިކަމެއްޗެކެވެ. ގިނަ ފަހަރު ކާނެ އެއްޗެއް ނުލިބި ދުވަސްތައް ގުނަންވެސް ޖެހެއެވެ. އައްޔޫބް ލައްވާ އެތައް ބަޔަކު އެތައް މަސައްކަތެއް ކުރުވުމަށްފަހު އޭނާއަށް ދޭންޖެހޭ އުޖޫރަ ނުދެއެވެ. ނަމަވެސް އައްޔޫބު އެކަމާ އެއްވެސް ޝަކުވާއެއްނުކުރެއެވެ. ސަބަބަކީ އޭނާއަށް މި ދުނިޔެއަކީ އެހާ މުހިންމު އެއްޗަކަށް ނުވާތީއެވެ. އޭނާގެ ހިތަކީ މުއްސަނދިކަމުން ފުރިގެންވާ ހިތެކެވެ. އީމާންކަން ގަދަ އައްޔޫބް އެންމެ ނަމާދެއްވެސް ވައްޓާނުލައެވެ. ސަހަރާތަކާ ވާދީ ތަކުގައި ދަތުރުކުރިޔަސް ގަޑިއަށް ނަމާދަށް އަރައެވެ.
އެއްދުވަހެއްގެ ހެނދުނެވެ. އައްޔޫބް ބަނޑުހައި ހޫނުކަން ފިލުވާލުމަށް ކާއެއްޗެއް ލިބޭތޯ މަގުމައްޗަށް ނުކުމެ ހިނގަންފެށިއެވެ. އެތައް ބަޔަކަށް އާދޭސްކޮއްގެންވެސް ކާނެ އެއްޗެއް ނުލިބި މެންދުރުވުމުން ނަމާދުކޮއް ނިންމާލައިގެން ގޭދޮށުގައި ކެތްތެރިކަމާއެކު މަޑުކޮއްލައިގެންއިނެވެ. މިހެން އިންދާ އަވަށުގެ މަހުޖަނަކު އައިސް އައްޔޫބް ގާތު އޭނާއާއެކު ދަތުރެއް ގޮސްދިނުމަށް އެދުނެވެ. އައްޔޫބް މަހުޖަނު ކައިރިން ކާއެއްޗަކާ ބޯނެ ފެންފޮދެއް ދިނުމުން ދާނެކަން ބުނެލިއެވެ. މަހުޖަނު ގޮސް ފާނަކާ ފެންޖަގެއް ގެނެސް އައްޔޫބްއަށް ދިނެވެ. އައްޔޫބް ކައި ނިމިގެން މަހުޖަނާއެކު އޭނާ އެބުނާ ދަތުރެއް ކުރުމަށް ހިނގައިގަތެވެ. މަހުޖަނު އާއެކު އައްޔޫބްގޮސް އޭނާ މުދަލާއެކު ތައްޔާރުކޮއްފައިވާ ދެޖަމަލާ ހަވާލުވެ ހިނގައިގަތެވެ. މަހުޖަނު އޭނާގެ އަހުގައި ޖަމަލުތަކުގެ ފަހަތުން އާދެއެވެ.
ދަތުރުގެ ތެރޭގައި އަސުރު ވަގުތު ޖެހުމުން އައްޔޫބް ދެ ޖަމަލުއަށް ފެންފޮދެއް ދިނުމަށްފަހު ނަމާދަށް އެރިއެވެ. އަހުގައި އިން މަހުޖަނު މީހާ އިނީ މޫނު ހަދައިގެންނެވެ. ސަބަބަކީ އޭނާގެ ދަތުރު ލަސްވާތީއެވެ. ނަމާދުކޮއް ނިމުމުން އަނެއްކާވެސް ދަތުރު ފަށައި އިރުއޮއްސެންދެން ފަރުބަދަ ތަކުގެ ތެރެއިން ދަތުރު ކުރިޔަށް ގެންދިޔައެވެ. އިރުއޮއްސުމުން އައްޔޫބް ޖަމަލުތައް ބަހައްޓާފައި މަޢްރިބްއަށް އެރިޔެވެ. މަހުޖަނު ކަލޭގެ މަންޒަރުބަލަން އޭނާގެ އަހުގައި ނުފައިބާ އިނެވެ. ނަމާދުކޮއް ނިމުމުން އައްޔޫބްއަށް ރޭގަނޑު ދަތުރު ނުކުރެވޭނެ ވާހަކަ މަހުޖަނު ކައިރީ ބުނެލިއެވެ. ސަބަބަކީ ރޭގަނޑު ދަތުރުކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫންކަމަށް ވާތީއެވެ. ނަމަވެސް ދަހިވެތި މަހުޖަނު ބޭނުންވީ ކުރާށެވެ. މިކަމާ އައްޔޫބަކަށްވެސް ދެކޮޅު ހަދާކަށް ބޭނުންނުވީ އޭނާއަށް މަޖުބޫރުވެގެންނެވެ.
ރޭގަނޑުގެ ކަނު އަނދިރީގައި ދަތުރުފަށައިގޮސް މެންދަމު އަތަށް އަޅާފިއެވެ. އައްޔޫބް ވަރުބަލިވެގެން ނިދަން ބޭނުންވާ ވާހަކަ މަހުޖަނު ކައިރީ ބުނުމުން މަހުޖަނު ކަލޭގެ އަހުން ފައިބާ އަލިފާންގަނޑެއް ރޯކުރިއެވެ، އަދި އައްޔޫބް ކައިރީ ނިދަން ބުނިއެވެ. އައްޔޫބް ނިދުމުން މަހުޖަނު ކަލޭގެ މަޑުމަޑުން ޖަމަލްތަކާ އަސް ހިފައިގެން ހުނގައިގަތެވެ. އައްޔޫބް އެކަނި ދޫކޮއްލާފައި އޭނާގެ މުދާތަކައިގެން ދާންވީ މަންޒިލްއަށް ދިޔުމަށް ދަނިކޮއް ދެ މަގަކާ ޖެހިއްޖެއެވެ. ކަނައަތުން ފެންނަން އޮތީ ވަލުތެރެއެވެ. އަދި ވައަތުން އޮތީ ސަހަރާ ފެންނާށެވެ. މަހުޖަނު ކަލޭގެ ކަނައަތުމަގުން ވަދެ އޭނާގެ ދަތުރު ފެށިއެވެ. ދެވޭ ނުދެވޭ ދިމާލެއް ނޭގެއެވެ. މިހާލުގައި ހުއްޓާ ވަލު ޖަނަވާރު ގޮވާއަޑު އިވެންފެށުމުން އޭނާ ހިފަހައްޓައިގެން ހުރި އަހާ ދެ ޖަމަލު އޭނާ ދޫކޮއް ފިލައިފިއެވެ. މަހުޖަނު ކަލޭގެ އެކަނިވުމުން ބިރުން ހުރެ ކުރިއަށް ދާންފެށިތަނާ ވަލު ކުއްތާ ބައިގަނޑަކާ ދިމާވެ މިކަލޭގެ އެ ކައްތާތަކުގެ ޝިކާރައަކަށް ވެއްޖެއެވެ.
އައްޔޫ ފަތިސް ނަމާދަށް ހޭލިއިރު މަހުޖަނުއާ އޭނާގެ ދެ ޖަމަލު ނެތުމުން ހޯދަންފެށިއެވެ. ތާޒާ ފިޔަވަޅުތައް ހޯދަމުން ވަކި ހިސާބަކަށް ދެވުނުތަނާ ދެޖަމަލު ފެނިއްޖެއެވެ، އެ ދެ ޖަމަލު ގަހެއްގައި އައްސާ ފަތިސް ނަމާދުކޮއްގެން އައްޔޫބް މަހުޖަނު ހޯދަން ފެށިއެވެ. މިގޮތުގައި އުޅެނިކޮއް އެއްކަލަ ދެ މަގާ ހަމައަށް އާދެވިއްޖެއެވެ. އެ ދެމަގު ފެށޭ ހިސާބުގައި މަހުޖަނުގެ އަސް އޮތެވެ. ދުވާލުގަޑިކަމުން އައްޔޫބް ވަލުތެރެއަށް ވަދެލިއެވެ. މާކަށް ދުރުނޫން ހިސާބުގައި މަހުޖަނުގެ ފުރާނަނެތް މަސްގަނޑު އެކި ތަންތަނުން ކައި ދެބުރި ކޮއްލާފައި އޮތެވެ. މި މަންޒަރު ފެނިފައި ވީ އެންމެ އަވަހަކަށް އަވަށް އެނބުރިގޮސް އިމާމަކު ހޯދިއެވެ. އަދި ވީކަންތައް ކިޔާދިނެވެ. އިމާމް މީހާ އައްޔޫބް ގާތު ހިތްވަރުކުރުމަށް އެދުނެވެ އަދި އައްޔޫބްގެ އެއްވެސް ކުށެއް ނެތްވާހަކަ ބުނިއެވެ. މަހުޖަނު އައްޔޫބްއަށް ލަނޑުދޭން ހަދައިގެން އޭނާއަށް އެކަމުން ލިބުނީ ރަނގަޅު ފިލާވަޅެއްކަން އިމާމް މީހާ ބުނެލިއެވެ.

ކޮއްކޮއިންނަކީ ރަނެކެވެ. ބައެއް ފަހަރު އުނދަގުލަކަށްވިޔަސް އާއިލާގެ މުޅި މާހައުލަށް އުފާވެރިކަން ގެނުވާދޭ ބައެކެވެ. ކޮއްކޮއެއް ހުރުމަކީ އެތައް ހަނދާންތަކެއް އުފައްދާދޭ ކަމެކެވެ.
އަހަރެންގެ ލޯބިވާ ކޮއްކޮ މިދުނިޔެއަށް އުފަންވީސުރެ އޭނާއާމެދު އަބަދުވެސް ހާއްސަކަމެއް ބަހައްޓަމެވެ. ހަލަންޏަކަސް ބަހެއް ނުބުނެ ވޭތޯ ވަރަށް މަސައްކަތްކުރަމެވެ. ކޮއްކޮ ބޮޑުވަމުން އައިވަރަކަށް އާ ކަންކަން ދަސްކުރަން މަސައްކަތްކުރެއެވެ. އެގޮތުން އެއްދުވަހަކު ސްކޫލުން އަހަރެން އައި އިރު ބޭބެހުރީ ކޮއްކޮ އުރައިގެންނެވެ. މުޅި އަނގައިގާ އޮތީ ލެއެވެ. ކިހިނެއްވީތޯ އަހާލުމުން ފެންބޯ ތައްޓެއް ކާލި ވާހަކަ ބޭބެ ބުނިއެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ.
ކޮއްކޮ ބޮޑުވަމުން އައީ ފިސާރި މޮޅު ނަތީޖާތަކާ ވަނަތައް ސްކޫލުން ހޯދަމުންނެވެ. ނަމަވެސް އަހަރެންގެ ލޯ މައްޗަށް ކޮއްކޮ ގެއްލުނީ ކިޔަވަން ލަންކާއަށް ބަދަލުވިފަހުންނެވެ. އަހަރު ތަކަކު ޙަބަރެއް ނުވެ ހުއްޓާ ފޭސްބުކް މެދުވެރިކޮއް ދެމީހުން ދިމާވިއެވެ. އަދި ހާލު އަހުވާލުއެހުނެވެ. އެދުވަސްވަރު ކާފާވެސް ބަލިވެގެން ކޮއްކޮ ކައިރިއަށް ވަނީ ގެންދެވިފައެވެ. ކާފަ ކޮއްކޮ ކައިރިއަށް ކުރީ ވަދާއީ ޒިޔާރަތެވެ. މި ދުނިޔެއާ ކާފަ ވަކިވެގެން ދިޔައީ ކޮއްކޮމެނާ ބައްދަލްކޮއްފައި އައިތާ ހަފްތާއެއް ވީ ފަހުންނެވެ. ކާފަ ނިޔާވުމުން އަހަރެންނަށް ލިބުނު ހިތާމަގައި ކޮއްކޮ ބައިވެރިވެ ހިތްވަރު ދިނެވެ.
ކާފަ ނިޔާވިތާ އަހަރުތަކެއްފަހުން އަހަރެންނަށް ކޮއްކޮ ކައިރިއަށް ދެއަހަރަށް ކިޔަވަން ދިޔުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އެއްގެއަކަށް ދެވުމުން ވަރަށް އުފާވިއެވެ. އަދި އެކި މީސްމީހުންނާ ކޮއްކޮ އަހަރެން ރަހްމަތްތެރި ކުރުވިއެވެ. އެމީހުންގެ ސަބަބުން އެތައް ގިނަގުނަ ފައިދާހުރި ފިލާވަޅުތަކާ މަޖާ ވަގުތުތަކުގެ ސަބަބުން އަބަދުވެސް ފަޅުފިލައެވެ. މިގޮތުން އެންމެ ބޮޑަށް ހަނދާނަށް އަންނަނީ ކޮއްކޮއާއެކު ލަންކާގެ ނޫރައްލިޔާއަށް ދިޔަ ދަތުރެވެ. އެއީ އަހަރެންގެ ހަޔާތުގައިވެސް ނުދާހާ ފިނި ތަނެކެވެ. ނޫރައްލިޔާގައި ދެދުވަސް ހޭދަކުރަން ޖެހުނީވެސް އެއް ޖިންސް މަތިން އަނެއް ޖިންސް ލައިގެނެވެ. މިކަމާ ކޮއްކޮ ވަރަށް މަލާމާތްވެސް ކުރިއެވެ. ނޫރައްލިޔާ ދަތުރު ނިންމާލުމަށް ފަހު ޗުއްޓީ ހަމަވުމުން ކިޔެވުމާގެން ކުރިޔަށް ދިޔައީމެވެ. ފުރުތަމަ ޑިޕްލޮމާ ހާސިލްކުރުމުން އެކަމަށް އެންމެ ފުރުތަމަވެސް މަރުހަބާކީ ކޮއްކޮއެވެ.
ކޮންމެއަކަސް ކިޔަވާނިމި އަހަރެން މާލެ އައިތާ މާ ގިނަދުވަހެއްނުވެ އިތުރު އުފާވެރި ޙަބަރު ލިބިގެން ދިޔައެވެ. އެއީ ޑޮކްޓަރުކަން ކިޔެވުމަށް ކޮއްކޮ ރަޝިއާއަށް ދިޔުމަށް ފުރުސަތު ލިބުނު ޙަބަރެވެ. ރަޝިއާގައި ކޮއްކޮ ދުވަސްތައް ހޭދަކުރަމުންދާގޮތް އަހަރެން ދިޔައީ މީސްމީޑިއާއިން ގާތުން ބަލަމުންނެވެ. ކޮއްކޮގެ އުފާވެރި ފޮޓޯތަކުގެ ތެރެއިން އެންމެ ފާހަގަވީ ސްނޯގައި ނަގާފައިވާ ފޮޓޯތަކެވެ. ނަމަވެސް ކަންތައްތައް ދިމާވިގޮތުން ކޮއްކޮ އަނބުރާ މާލެ އަންނަންޖެހުނެވެ. އެއަށް ފަހު ވަގުތުތަށް ހޭދަކުރީ އަމިއްލަ ކަންތަތަކުގައެވެ. އާއިލާ ފަޅުފިލުވައިދިނުމުގައެވެ. ރޯދަމަސްތަކުގައި އަހަރެން ދަހި ކުރުމުގައެވެ. މިގޮތުގައި ދުވަސްތައް ހޭދަކުރަމުން ގޮސް އަހަރެންގެ ކައިވެނީގެ އުފާވެރި ޙަބަރު ކޮއްކޮއަށް ދިނީމެވެ. ވާން އުޅޭ ފަހަރަވެރިޔާ ދައްކާލާ އެންމެންނާ އެކު ހީ ސަމާސާ ކޮއްލުމަށްފަހު ކައިވެންޏަށް ފުރައިގެން އައިތަނާ ވީ އެންމެ ބާރާދުވަސްތެރޭ މި ލިބުނީ ހިތްފަޅައިގެން ދާފަދަ ޙަބަރެކެވެ. އަހަރެންގެ ލޯބިވާ ކޮއްކޮ މިދުނިޔެއަށް އަލްވަދާއު ކިޔައިފިކަމެވެ. ފުރުތަމަ އަހަރެން ގަބޫލްވެސް ނުކުރަމެވެ. ނަމަވެސް ކޮއްކޮގެ ބައްޕައަށް ގުޅާލުމުން ޙަބަރު ތެދުކަން އެނގުނެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަހަރެންގެ ލޯބިވާ ކޮއްކޯއެވެ. އަހަރެންނަށް ހުރެވުނުތަނެއްވެސް ނޭނގުނެވެ. ހިތްވަރުކޮއް ކަރުނަ ހިފަހައްޓައިގެން ހުއްޓެއްކަމަކު އަހަރެންގެ ހިތްވަނީ ކުދިކުދިވެފައެވެ. ލޯބިވާ ކޮއްކޮއަށް އަބަދުވެސް އަހަރެން ހެޔޮދުވާކުރާނެމެވެ.
– ނިމުނީ –
( މިއީ އަޅުގަނޑުގެ ލޯބިވާ ކޮއްކޮ މުހަންމަދު ނާއިފް ނަޝީދުގެ ހަނދާންތައް އާކޮއްލުމަށް ލިޔެވިފައިވާ ވާހަކައެކެވެ. މަރްހޫމްގެ ފުރާނައަށް الله سبحان و تعالىٰ ބަރަކާތްލައްވާށެވެ. އަދި ފާފަ ފުއްސަވާންދޭވެ.)

އިންސާނުންނަށް ޖިންނީން ފޮރުވިފައިވާ ބައިވަރު ސަބަބުތައް ހުރެއެވެ. އެސޮރުމެންނަށް އިންސާނެއްގެ ފަރާތުން ގޯނާއެއް ވެއްޖެނަމަ އެމީހަކު ހަމަ ހިލާ ދޫނުކުރާނެކަން ކަށަވަރެވެ. އެސޮރުމެންގެ ފަރާތުން އަޅުގަނޑުމެން ރައްކާތެރިކަން ހޯދޭނެ މަގުތައްވަނީ އިސްލާމްދީންގައި އުނގަންނާދެވިފައެވެ.
ރާއްޖޭގެ މަޝްހޫރު ރިސޯޓެއް ހުޅުވުމުގެ މަސައްކަތް އަހަރެންގެ ކުންފުންޏަށް ލިބުނެވެ. މަސައްކަތް ފެށުމަށްޓަކައި ބިދޭސީން ގެންނަންފެށީމެވެ. ގެންނަ ކޮންމެ ބިދޭސީއަކު ލަހެއް ފަހެއްނުކޮއް ވީ އެންމެ އަވަހަކާ ރިސޯޓަށް ފޮނުވާލަމެވެ. މި ގޮތުން އައި އެންމެ ފަހު ބިދޭސީ މީހާއާއެކު އަހަރެންވެސް ރިސޯޓަށް ފުރާފީމެވެ. ބައެއް ބިދޭސީންނަކީ ފަރުވާ ކުޑަ ބަޔަކަށް ވާތީ އަހަރެން އެމީހުންގެ މަސައްކަތްތައް ގެންދަންވާ ގޮތް ކިޔާދޭން އިރު އެރީސުރެ އިރު އޮއްސެންދެން ހުންނަމެވެ. ބިދޭސީންގެ ކައްކާއަކަށް ހުންނަ ބާބޫ އަކީ އަހަރެން އެންމެ އިތުބާރު ކުރާ އެކަކެވެ. އެހެން ބިދޭސީންނާ ޙިލާފަށް އަބަދުވެސް އަހަރެން ކައިރިން ހުއްދަ ހޯދައިގެން ނޫނީ އެއްވެސް ތާކަށް ނުދާނެއެވެ. ބާބޫ އަކީ ވަރަށް ބޮޑު ނިކަމެއްޗެކަމުން އަހަރެން ފަރާތުން އަބަދުވެސް އޭނާގެ އާއިލާއަށް ކަމެއް ދިމާވެއްޖެނަމަ އެހީތެރިވަމެވެ.
މަސައްކަތު ބިދޭސީއެއް ކަމަށްވާ ޝުމޮން އަކީ ފިސާރި ކަންތައްބޮޑުކުރާ ސޮރެކެވެ. މިއަދުވެސް މީނާގެ އުނދަގޫ އަހަރެންނަށް ޖެހުނެވެ. ބުނާ އެއްގޮތެއްވެސް ނުހަދައެވެ. މަސައްކަތުގައި އެހާ ފަރުވާކުޑައެވެ. އޭނާގެ އުނދަގޫ ބޮޑުވެގެން އެތައް ބިދޭސީންނެއްގެ ޝަކުވާއާއެކު އޭނާ ފޮނުވާލަން އަހަރެން ވަނީ ނިންމާފައެވެ. އިރުއޮއްސި މަސައްކަތް ނިމުމުން އަހަރެން ޝުމޮންއަށް ގުޅާފައި އަހަރެން ކައިރިއަށް އަންނަން ބުނީމެވެ. އޭނާ އައީ ރުޅި މޫނު ހަދާފައެވެ. އައިސް އަހަރެން ކުރިމަތީ އެތައް ޒުވާބެއްކޮއް ގަޔަށް ބޮލަށް އަރާ ހިސާބަށް ދިޔުމުން ބާކީ ތިބި ބިދޭސީން އައިސް އޭނާ ދުރަށް ގެންދިޔައެވެ. އަދި ޝުމޮން ފޮނުވާލުމަށް ފަހު އެންމެން ކާން ދިޔައެވެ. ކައި ނިމުން އިރުވެސް ޝުމޮން ނާންނާތީ އޭނާ ހޯދަން ދިޔުމަށް އަހަރެން ދެ ބިދޭސީން ފޮނުވީމެވެ. ފޮނުވިތާ ގިނައިރެއް ނުވަނީސް އަހަރެންނަށް ފޯނުކޯލްއެއް އައެވެ. ފޯނުކުރީ ޝުމޮން ހޯދަން ފޮނުވި ބިދޭސީއެއްކަމަށްވާ ރާޖާއެވެ. އޭނާ އަހަރެން ގާތުގައި ވަރަށް އަވަހަށް އޭނާ ހުރި ތަނަށް އައިސް ދިނުމަށް އެދުނެވެ. އަހަރެން ދިޔައިރު ޝުމޮން އޮތީ ބިންމަތީގައެވެ. އޭނާއަށް ވެފައިވަނީ ކީއްތޯ ބަލަން ރިސޯޓް ކްލިނިކްގެ ޑޮކްޓަރު ގެނެއިމެވެ. ޑޮކްޓަރު ބަލާފައި އަހަރެންކައިރީ ބުނީ އެއްވެސް ކަމެއް ނުވާކަމަށްށާ ހަމަ ހޭނެތިފަވާ ކަމަށްށެވެ. އަހަރެންގެ އަމުރަށް ރާޖާ ޝުމޮން ގެންގޮސް އެމީހުން ނިދާ ކޮޓަރީގައި ބޭއްވިއެވެ. އަދި އެންމެން ނިދާ ގަޑި ޖެހުމުން ނިދަން ދިޔައީމެވެ.
ގަޑިން މެންދަމު ދޭއް ޖެހީއެވެ. އަހަރެން ނިދާފައި އޮއްވާ ފޯން ރިންގްވާން ފެށުމުން އަހަރެންނަށް ހޭލެވުނެވެ. ފޯން ނަގެތަނުން ސިއްރުން ވާހަކަ ދެއްކީ ރާޖާއެވެ. ” ބޮސް…. މިރޫމް އަންހެން މީހާ ހުންނަނީ….. ބޮސް އޭނާ ހުންނަނީ ޝުމޮން ބެޑް ކައިރީ….. ބޮސް އަވަސް އާދޭ ” ރާޖާ ބުނި ވާހަކައިން އަހަރެން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ސަބަބަކީ އެރަށުގައި އެއްވެސް އަންހެނެއް ނޫޅޭތީއެވެ. ނަމަވެސް ކަމުގެ ހަގީގަތް ބަލާލުމަށް އަހަރެން ރާޖާމެން ނިދާ ކޮޓަރިއަށް ގޮސް ދޮރު ހުޅުވާލީމެވެ. ހުޅުވާލިއިރު ޝުމޮންގެ އެނދުކައިރީ އެކަކުވެސް ނެތުމުން އެއީ އެމީހުން ޖެހި ސަކަރާތެއް ކަމަށް ހިތާ އަހަރެން އެމީހުންނާ ދިމާލަށް ބަވާލުމަށްފަހު ގޮސް އަހަރެންގެ ކޮޓަރިއަށް ވަދެ ނިދީމެވެ.
ޖެހިގެން އައި ރޭވެސް ހަމަ ކަންތައް ހިނގީ އެހެންނެވެ. ހަމަ ދޭއް ޖެހިތަނާހެން ރާޖާ އަހަރެންނަށް ގުޅާ އެއްކަލަ އަންހެން މީހާ ހުރި ވާހަކަ ބުނިއެވެ. މިފަހަރެވެސް އަހަރެން ދިޔައިރު އެބުނާ އަންހެން މީހާ ނެތުމުން އަހަރެން ވަރަށް ރުޅިގަދަވިއެވެ. އަދި ރާޖާ ކައިރީ މާދަންރޭ އަހަރެންނާ ބާބޫ އާ ޝުމޮން އެ ކޮޓަރީގައި ނިދާނެ ވާހަކަ ބުނީމެވެ. އެނެއް ދުވަހުގެ އިރު އެރުމާއެކު ޝުމޮންއާ އަހަރެން ސުވާލު ކޮއްލީމެވެ. ނަމަވެސް ޝުމޮންއަށްވެސް މި ބުނާ އަންހެނެއް ނުފެންނަށް ވާހަކަ ބުނެއެވެ. ދަންވުމުގެ ކުރިން ޝުމޮންއަކީ ނިދާ މީހެއްކަމަށް ބުނިއެވެ. އޭނާ އަކީ ލޭމައްޗަށް ދާ މީހަކަށް ވާތީ އެހެން ބިދޭސީން ގޮތަށް ގިނައިރު ހޭލާވެސް ނޫޅޭކަމަށް ބުނިއެވެ.
ކޮންމެއަކަސް ދުވަހުގެ މަސައްކަތް ނިމި އެންމެން ކައިގެން ނިދަން ވަނެވެ. އަހަރެންނާ ބާބޫ މިރޭ ނިދީ ރާޖާއާ ޝުމޮން ނިދާ ކޮޓާރީގައި ޝުމޮންވެސް ގޮވައިގެނެވެ. ޝުމޮން އެނދުގައި ޖެހުމާއެކު ގިނައިރެއް ނުވެ ނިދާ ގުގުރި ދަމަން ފަށައިފިއެވެ. ގުގުރި ދަމާވަރުން އަހަރެންނަށް ނުނިދި އުޅެނިކޮއް މެންދަމު ދޭ ޖެހާފިއެވެ. ދޭއް ޖެހިތަނާހެން އަހަރެން ތާއްޔާ ޖެހެން ފަށައިފިއެވެ. ނަމަވެސް ނިދި ނަގާލީ އަހަރެންގެ ލޮލުގައި އަޅާގަތް އެއްޗަކުންނެވެ. ޝުމޮންގެ އެނދު ކައިރީ ރަތް ލިބާޙެއްފަދަ ހެދުމެއްގައި އިސްތަށިގަނޑު ދިގު އަނހެނެއް ފުރަގަހަށް އެނބުރިގެން ހުއްޓެވެ. އަދި އަތުން ޝުމޮންގެ ކަރަށް އިޝާރާތް ކޮއްލިތަނާހެން ޝުމޮންގެ އަނގައިން ފޮނު ފައިބަން ފަށައިފިއެވެ. އަހަރެން ގަތް ބިރުން ބާބޫ ގައިގާ ކޮއްޓާލީމެވެ. ބާބޫއަށް ހޭލެވުނުތަނުން އަހަރެން އިނގިލިން އިޝާރާތްކޮއް ބާބޫއަށް މަންޒަރު ދެއްކީމެވެ. ބާބޫ ތެދުވެ ކިޔުނު ހެޔޮ އެއްޗެއް ކިޔަން ފެށުމުން ދުމެއް ޖެހިހެން އެ އަންހެން މީހާ ފިލާފިއެވެ.
ޝުމޮންއަށް ދިމާވި ކަންތަކާހުރެ ރުގްޔާ ކިޔަވާ މީހަކު އަހަރެން ގެނެއިމެވެ. އޭނާ ޝުމޮންއަށް ރުގްޔާ ކިޔެވުމަށްފަހު ޖިންނި ހާޒިރުކޮއް މައްސަލަ ބެލިއެވެ. ބެލި ބެލުމުން މި އެނގުނީ ޝުމޮން އޭނާ ގަޔަށް ކުޑަކަމު ދިޔަ ކަމެވެ. އެއީވެސް އޭނާގެ ގޭގައި އިންދާ ކަމެވެ. އޭނާގެ ގެއަކީ ކޮބާތޯ އެހުމުން ޖަވަބުގައި ރަށުގެ ދެކުނުގައި ހުރި މަގޫފަތް ތަކުތެރޭގައި ހުރި މަހާނައެއްގެ ވާހަކަ ބުނިއެވެ. އެއީ އެރަށު އިހުޒަމާނެއްގައި އުޅުނު އެންމެ ރީތި ކަމަނަ ރެހެންދި ކިޔާ އަންހެނެއް ގެ މަހާނަ ކަމަށްވެސް އެ ޖިންނި ބުނިއެވެ. ޝުމޮންއަށް އުނދަގޫ ކުރުން ހުއްޓާލާނީވެސް އެންމެން ރަށުން ފޭބީމަކަން އެ ޖިންނި ބުނިއެވެ. އަދި އެރަށުގައި ތިބޭނަމަ އިތުރަށް އުނދަގޫތައް ބޮޑުވާނެކަމަށް ބުނިއެވެ.
ރުގްޔާ ކުރާ މީހާ އަހަރެމެން އެރިސޯޓުން އިހަށް ފޭބުމަށް އެންގިއެވެ. ނަމަވެސް ލިބެން އޮތް އާމްދަނީ އާ ނިންމަން އޮތް ވަގުތު ކުޑަތަން ވެފައިވާތީ ގަދަހަދާފައި އެރަށުގައި އަހަރެމެން މަޑު ކުރީމެވެ. އަދި ނުވިތާކަށް އެ ބުނި މަގޫ ގަސްތައް ހާވަ ބެލީމެވެ. ބެލިއިރުގައި ރީތި ހުދު މަހާނަ ޒުޔާރަތެއް އިނެވެ. އޭގައި އެއްވެސް ކޫރުމެއް އަދި ހަލާކުވުމެއްވެސް ނެތެވެ. ހަމަ ހީވެނީ އިހައްދުވަހު ޖެހި މަހާނައެއްހެނެވެ. ކޮންމެޔަކަސް ކޮންމެ ރެޔަކުވެސް އަހަރެމެންނަށް ކަމަނަ ފެނެއެވެ. ފެންނަނީ އެކި ރޭ އެކި މީހުންނަށްށެވެ. ގިނަ ފަހަރު ނިދާފައި ތިބޭއިރު އައިސް ކައިރީގައި އިށީނދެ ކޯމަތީތަޅާ ފަޔަށްވެސް ދަމައެވެ. އަދި މަސައްކަތު ގަޑީ އެކި ސާމާނުވެސް ގެއްލެއެވެ. އަދި ބައެއްފަހަރު ލަކުޑިބުރި އެއްޗެހިވެސް ވައިތެރޭ އުދުހިފައި އައިސް މަސައްކަތްކުރާ މީހުންގެ ގައިގާ ޖެހެއެވެ. ކަންތައްތައް މާ މައްޗަށް ދިޔުމުން އިތުރަށް ގޯސްވެދާނެތީ އަހަރެމެން އެންމެން އެރިސޯޓުގެ މަސައްކަތް އަހަރު ދުވަހަށް ހުއްޓާލަން މަޖްބޫރުވިއެވެ.
– ނިމުނީ –
( ނޯޓް : މީ ހަގީގީ ހާދިސާއަކަށް ބިނާކޮއް ލިޔެވިފައިވާ ވާހަކައެކެވެ. )

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...