Saturday, February 8, 2020


ނިދިފައި އޮތް އަހުމަދުއަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށްށެވެ. އަހުމަދުއަކީ ފޮރެންސިކްގައި މަސައްކަތްކުރާ އޮފިސަރެއްކަމުން ކޮންމެ ގަޑިއެއްގައި އަންނަ ކޯލްއަކީވެސް އޭނާއަށް މުހިންމު ކޯލްއެކެވެ. އަވަސް އަވަހަށް ތެދުވެގެންގޮސް މޭޒުމަތީ އޮތް ފޯނު ނަގައި ގުޅަނީ ކާކުތޯ ބަލާލިއިރު ގުޅަމުން ދަނީ ސްޓޭޝަންއިންނެވެ. އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
އަހުމަދު : އައްސަލާމް އަލައިކުމް
ސްޓޭޝަން : ވާލައިކުމް ވައްސަލާމް. ރާއްޖެތެރެއަށް ފުރަން ތައްޔާރުވާން ޗީފް އަންގައިފި.
އަހުމަދު : ކިހާއިރަކު ފުރުން އޮތީ
ސްޓޭޝަން : ކުރިޔަށް އޮތް އެއްގަޑިއިރުތެރޭ ތައްޔާރުވެގެން ހުންނަވާ ޖިޕްގައި ދާނެ ބަލާ
ފޯނު ބޭއްވުމަށްފަހު ފެންވަރާ ރީތިވެލައިގެން ޔުނިފޯމް އަޅާ ފަންސާސް މިނެޓްތެރޭ ތައްޔާރުވެލައިގެން އަހުމަދު ގޭ ދޮރުމައްޗަށް ނުކުތްތާ އިރުކޮޅެއްތެރޭ ޖިޕް އައިސް މަޑުކޮއްލިއެވެ. ޖިޕްގައި ތިބީ އަހުމަދުގެ އެންމެ ގާތް ދެ އެކުވެރިން ކަމުގައިވާ ހައްޖައާ އަލީއެވެ. ހިނިތުންވެލައިފައި އަހުމަދު ޖިޕަށް އެރިތަނުން އަލީ ވާހަކަ ފަށައިގަތެވެ.
އަލީ : ހޫ މީނައަށްވިއްޔަ އަބަދު ރާއްޖެތެރެޔަށްދާން ލިބެނީމި
އަހުމަދު : ޖޭ ވީތަ؟
ހައްޖަ : އަހުމަދު ކީއްވާނީ އަހަރުން ދެމީހުން ގޮވައިގެން ދިޔައީޔާ އެއްފަހަރު
އަހުމަދު : ތި ދެމީހުން ފޮރެންސިކް ނަމަތާ މަގޭ އަމިއްލަ ޓީމް ހަދައިގެން އުޅެވޭނީ
އަލީ : އަހުމަދު ތީ އެތަނުގައި މިވަގުތުހުރި އެންމެ ސީނިއަރު އަދި އެންމެ މޮޅު އެކަކު ހަމަ ބުނެލީމަ އަހަރުމެން ގެންދާނެ ދޯ
އަހުމަދު : (ހިނިގަނޑެއް ޖަހާލާފައި) ދެން ތިހެން ކިޔާ. އަންނަމުން ހަދިޔާއެއް ގެންނަންވީތަ ތި ދެމީހުން ހިތްރުއްސަން؟
ހައްޖަ : ކޮންކަހަލަ ހަދިޔާއެއް އަނެއްކާ؟
އަހުމަދު : ބަނބުކެޔޮ ޑަބިޔަލެއް ރަނގަޅުވާނު
އަލީ : މަށަށް ބޮނޑިއެއް
އަހުމަދު : (އަލީ ކޮނޑުމަތީ ޖަހާލާފައި) ލިބިއްޖެއެއްނު
އަލީ : އާނ އޯކޭއޭ. އޭތް މިއޮށް އާދެވުނީ ދެން ފައިބާ
އަހުމަދު : (ހައްޖަ ގައިގަ ބައްދާލާފައި) އާނ މިހާރު އަދިކިރިޔާ ހީ މި ފިލީ
ހައްޖަ : މަށަކީ އަހުމަދު ހީފިލުވަން ބަހައްޓާފައި ހުންނަ އުނދުނެއްތަ
އަލީ : ހަމައެކަނި ހައްޖަ ގައިގަތަ ބައްދަންވީ ކޮބާ މަގޭ ހަގް
އަހުމަދު : އަލީއަށް އޮންނާނީ ކޮފީ. މަ އައިސްފަ
ހައްޖަ : އަހުމަދު. ސަލާމަތުން އެނބުރި އަންނާތި އެނގޭ. އޭރުން ދެންވެސް މި އަވަން ރޯކުރެވޭނީ
އަހުމަދު : އާނ ބަލާނަން
ޖިޕުން އެއް ނަމްބަރު ފާލަމަށް އަހުމަދު ފޭބުމަށްފަހު ހަމަޖެހިފައިވާ ލޯންޗަށް އެރިއެވެ. އެ ލޯންޗަގައި އަހުމަދުގެ ފޮރެންސިކް ސާމާނުވެސް ބެހެއްޓިފައި ހުއްޓެވެ. އެއްގަޑިއިރުގެ ދަތުރަކަށްފަހު ރަށަކަށް އާދެވިއްޖެއެވެ. އެއިރު ބަނދަރުމަތީ ރައްޔިތުން އެއްވެފައި ތިއްބެވެ. ކޮންމެ ރައްޔިތެއްގެ މޫނުންވެސް ފެންނަމުންދަނީ މާޔޫސްކަމެވެ. އަހުމަދު ބަނދަރުމައްޗަށް އެރިއިރު ބަލާ އައިސް ތިބީ އެރަށުގެ ކައުންސިލަރާ އެރަށު ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންނެވެ. އެންމެން އެކުގައި ހިނގާފައި ގޮސް ސްޓޭޝަންއަށްވަނެވެ.
އަހުމަދު : ކޮބާ މިތަނުގައި ހިނގައިގެން އުޅޭ ހާދިސާއަކީ
ކައުންސިލަރ : މިއުޅެނީ ދެމަފިރިއަކު މަރުވެގެން. ދަރިޔަކުވެސް ހުންނާނެ ކުއްޖާގެ އުމުރަކީ ދިހަ އަހަރު އެކުއްޖާވެސް ގެއްލިގެން މިއުޅެނީ.
އަހުމަދު : ކޮންދިމާލެއްގަ އޮތީ ދެމަފިރިން
ކައުންސިލަރ : މާކަށް ދުރެއްގައެއްނޫން ވަލާ ކައިރީ އެ ގެވެސް ހުންނަނީ
އަހުމަދު : ހިނގާ ދަމާ
ވަލާ ކައިރީގައި ހުރި އެއްވެސް އަލިކަމެއްނެތް ގެއަކާ ހަމައަށް އަހުމަދުމެނަށް އާދެވުނެވެ. އަހުމަދުގެ އެންގުމަށް ޖަނަރޭޓަރެއް ގެނެސް މުޅި ސަރަހައްދު އަލިކޮށްލިއެވެ. އެއަށްފަހު ތަހުގީގް ފެށިއެވެ. އަހުމަދު އެގެއަށް ވަތެއިރު ފެނުނު މަންޒަރުން ބިރުން ތުރުތުރު އަޅަންފެށިއެވެ. އަންހެންމީހާއާ ފިރިހެންމީހާ އޮތް ހާލު ފެނިފައެވެ. އަންހެންމީހާ އޮތީ ހަތަރެސްފައި އެކި ކޮޅު ކޮޅަށް އެންބުރިފައެވެ. ފިރިހެންމީ ކަރުގައިވަނީ ވަކި ދަމާފައެވެ. އަދި ގޮހޮރުވެސްވަނީ ބޭރަށް ނެރެފައެވެ. ހޮތްވަރުކޮށްފައި ތަހުގޯގް ކުރިޔަށް ގެންދަނިކޮށް އަހުމަދު ލޮލުގައި ގޭގެ ކަނެއްގައި ބަހައްޓާފައި ހުރި ހިލަގަނޑެއް އަޅައިގަތެވެ. އެ ހިލަގަނޑު ކައިރިއަށްގޮސް ޔޫވީ ލައިޓްއެއް އަޅުވާލިތަނުން ލޭ ބުރަ ބުރައިގެން ގޮސްފައި ހުރި ތަންތަން ފެނުނެވެ. އަދި ދިގު ރޮނގެއްގެއް ލޭ ގެއިން ބޭރަށް ގޮސްފައިހުއްޓާ ފެނުނެވެ. އެ ލޭރޮނގަށް އަލި އަޅުވަމުން އަހުމަދު ކުރިޔަށް ދަމުންގޮސް ވަލުތެރެޔަށްވަނެވެ. ވަކި ހިސާބަކަށް ދިޔަތަނާ ކުރިމަތިން ފިޔަވަޅުވެ އަޑުތަކެއް އިވޭތީ އިސް އުފުލާ ބަލާލިއިރު ކުރިމަތީ ހުރީ ހުދު ހެދުމެއްގައިހުރި އިސްތަށިގަނޑު ބުޅި މޫނުމަތި އެއްބައި ޒަޙަމްވެފައިހުރި ކުޑަކުއްޖެކެވެ. އެކުއްޖާ އަހުމަދުއަށް އިނގިލި ދިއްކޮށްލީ ފަހަތް ބަލާލުމަށް އެދިއެވެ. އެހިނދު އަހުމަދު ފަހަތް ބަލާލިއިރު މަރުވެފައި އޮތް އަންހެންމީހާ ހަތަރެސްފައި ތަޅުވަމުން ބިންމަތީ ފިރުކެމުން އަހުމަދުއާ ދިމާލަށް އާދެއެވެ. ބިރުން އަހުމަދުގެ މޭގަނޑު ގުޑެންފެށިއެވެ. އަދި ހުރި ބާރެއްލާފައި ދުއްވައިގަތެވެ. މާނޭވާލަމުން އަހުމަދު ނިކުތުމުން އެންމެން ތިބީ ހައިރާންވެފައެވެ.
އޮފިސަރު : ސާ. ކިހިނެއްވީ
އަހުމަދު : (މާނޭވާލަމުން) ކަލޯ މީ ކޮންކަހަލަ ކަމެއް. މިތާ އަނެއްކާ މަރުވެފައި އޮތް އަންހެންމީހާ އެބޮތްތަ
ކައުސިލަރ : ލައްބާ އެބޮތް. ކިހިނެއްވީ؟
އަހުމަދު : ޔަގީންތަ އޭނާ އެއްވެސް ތާކަށް ނުދާކަން
އޮފިސަރު : ސާ. އަނެއްކާ އޯކޭތަ
އަހުމަދު : އޯކޭވާނީ ކިހިނެއް. އެގެއިން ލޭ ރޮނގެއް ފެނިގެން ގޮސް މި ވަދެވުނީ ވަލުތެރެޔަށް އެތަނުން ފެނުނީ ކުރިމަތިން ކުޑަކުއްޖެއް އެކުއްޖާ އަހަރެންނަށް ފަހަތްބަލަން އިޝާރާތްކުރިއިރު ފަހަތް ބަލާލިއިރު މި ފެނުނީ މަރުވެފައި އޮތް އަންހެންމީހާ ބިންމަތީ ފިރުކެމުން އަންނަތަން
ކައުސިލަރ : (ހާސްވެފައި) މީ ވަރަށް ބޮޑު ގޯހެއް އެހެންވެއްޖެއްޔާ
އަހުމަދު : ކޮންކަމެއް ތި ސިއްރުކުރަނީ
ކައުންސިލަރ : ނުކުރަން އެއްވެސް ކަމެއް ދުވަހަކުވެސް މިކަހަލަ ކަމެއް މިރަށަކަށް ނެތް ދިމާވެފައެއް
އަހުމަދު : ދުވާލު ތަހުގީގްކުރަން ބަހައްޓާ މިވަގުތު އެހާ ރަނގަޅެއްނޫން މިކަން ކުރާކަށް
އޮފިސަރު : އޯކޭ ސާ.
އެރެޔަށް ތަހުގީގް ހުއްޓާލުމަށްފަހު އަހުމަދުއަށް ހަމަޖެހިފައިހުރި ގެޔަށް އޭނާ ނިދަން ދިޔައެވެ. ފެންވަރަން ފާހާނާއަށްވަދެ ލޯގަނޑަށް އިރުކޮޅަކު ބަލައިލަން ހުރުމަށްފަހު މޫނުދޮވެލައި ތުވާލިން މޫނު ފުހެލުމަށްފަހު ލޯގަނޑަށް އަނެއްކާވެސް ބަލާލިއެވެ. މިފަހަރު ލޯގަނޑުން ފެންނަންހުރީ އަހުމަދުގެ މޫނެއްނޫނެވެ. މަރުވެފައިވާ ފިރިހެންމީހާގެ މޫނެވެ. އޭނާގެ އަމިއްލަ މޫނުގައި ވަކިދަމަންފަށައި ނޮޅަންފެށުމުން އަހުމަދު ބިރުން ދުވެފައި ފާހާނައިން ނުކުތެވެ. ނުކުތެވަގުތު ކަހާލައިގެން ބިންމައްޗަށް ވެއްޓުނެވެ. ތެދުވެ އިސްއުފުއްލާލިއިރު މޫނާ މޫނު ޖެހޭހާ ކައިރީގައި ވަލުތެރެއިން ފެނުނު ކުއްޖާ ހުއްޓެވެ.
ކުއްޖާ : އަހަރެން މަރާލީ…..
އަހުމަދު : (މާނޭވާލަމުން) މަށާ ދުރަށްދޭ
ކުއްޖާ : (ބިރުވެރި އަޑަކުން) ގާތިލް އުޅެނީ ވަރަށް ގާތުން
ކުއްލިއަކަށް އެކުއްޖާ ގެއްލުނެވެ. ވަގުތުބަލާފައި އަހުމަދު ބާރުބާރަށް ގެއިން ނުކުމެ ދުވަމުން ގޮސް ސްޓޭޝަނަށްވަނެވެ.
އޮފިސަރު : ސާ. ކިހިނެއްވީ؟
އަހުމަދު : (މާނޭވާލަމުން) ކިހިނެއް ނުވަނީ. މަ ބޭނުން ކައުސިލަރ މިތަނަށް ހާޒިރުކުރަން
އޮފިސަރު : މިޔޮށް ދަންވަރުތޯ؟
އަހުމަދު : ކަލެޔަށް ކޮން ބަލާއެއްތަ މިއީ ކޮންމެ ގަޑިޔަކަސް ބުނީމަ ބުނާގޮތް ހަދާބަލަ
އޮފިސަރު : ސޮރީ ސާ. ހަމަ މިހާރު މިދަނީ
އޮފިސަރު ގޮސް އިރުކޮޅެއްތެރޭ ކައުންސިލަރ ގޮވައިގެންއައެވެ. އަހުމަދު ކައުންސިލަރ ގޮވައިގެން ތަހުގީގްކުރާ ކޮޓަރިއަށްވަނެވެ.
އަހުމަދު : އަހަރެން ކަލޭ ކައިރިއަކުން މައާފަކަށްވެސް ނުއެދޭނަން މިހާ ދަންވަރު މިތަނަށް ގެނެވުނީތީ އެކަމު އަހަރެންނަށް ރަނގަޅީ ކަލޭ ތޮ ފޮރުވާ ސިއްރު ކިޔާދިނިއްޔާ
ކައުންސިލަރ : ކޮން ސިއްރެއްތޯ؟
އަހުމަދު : މިރޭ އަހަރެންނަށް ފާހާނައިން ބައްދަލްކުރީ މަރުވެފައި އޮތް ފިރިހެންމީހާ އެތަނުން ނުކުތުމުން ކުޑަކުއްޖާ. އެކުއްޖާ ބުނީ އޭނާ މަރާލިއްޔޭ.
ކައުންސިލަރ : އެ ދެމީހުންގެ ވާހަކަ އަހަރެން މި ކިޔާދެނީ ރަނގަޅަށް އަޑުއަހާ. އެއީ މީގެ ފަނަރަ އަހަރު ކުރިން މިރަށަށް އައި ދެމަފިރިން. އަބަދުވެސް އިވޭނީ ޒުވާބުކުރާއަޑު އަދި އެތައް ބަޔަކާ ޒާތީގޮތުން ޖައްސާލާ. އެމީހުންގެ އުނދަގޫ ބޮޑުކަމުން ކައުންސިލުން ވަކިން ބިމެއް އެމީހުންނަށްދިނީ އެތާ އެމީހުން ގެ އަޅައިގެން ދިރިއުލެމުން ގޮސް ދަރިޔަކުވެސް ލިބުން އެކުއްޖާއަށް 10 އަހަރު ވީތަނުން އެކުއްޖާ ރަށުތެރެއިން ނުފެންނާތީ އެކަމާ ސުވާލުކޮށްލަންދާ ކޮންމެ މީހަކު ގޮސްފައި އައިސް އާދަޔާ ހިލާފަށް ބަލިވަނީ. އޭގެ ފަހުން އެކަކުވެސް ނުދޭ އެދިމާލަކަށް. ދުވަސް ގަނޑެއް ފަހުން އެމީހުންގެ ޙަބަރެއް ނުވެގެން އެގެޔަށް އިސްނަގައިގެން ކައުންސިލުން ދިޔައިރު އެމީހުން ތިބި ހާލު ފެނިގެން އަހަރެން ފުލުހުންނަށް އެނގީމަ މިއަދު އަހުމަދު މިތަނަށް ގެނެވިފައި ތިޔަހުރީ
އަހުމަދު : ވީމާ މިއުޅެނީ އަނެއްކާ ސިހުރުގެ ކަންތައް ގަނޑެއްބާ؟
ކައުންސިލަރ : ވެދާނެ
އަހުމަދު : އެންމެ ރަނގަޅު ދިޔަޔަސް. އެކަމު ބުނަން މާދަން ރުގްޔާކުރާ މީހުން މިރަށަށް ގެންނާތި
ކައުންސިލަރ : ލައްބަ
ކައުންސިލަރ ދިޔުމުން އަހުމަދުއާއެކު ފުލުހުން އަލުން ތަހުގީގަށް އެރޭ ނުކުތެވެ. އަހުމަދުމެން ތަހުގީގް ފެށުމަށް ގެ ކައިރިއަށް ގޮސް ދިއްލާލިއެވެ. އަދި ކުރިން ފެނުން ލޭ ރޮނގު ހޯދައިގެން އަހުމަދު ކުރިޔަށް ދަމުންގޮސް ވަލުތެރެޔަށްވަނެވެ. މިހެން ދަނިކޮށް ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވެންފެށިއެވެ. ” އަހަރެންނަށް ތިހެން ނުހަދާ ” ބައެއްފަހަރު އެހެން ބުނާ އަޑުވެސް އަހުމަދު ކަންފަތުގައި ޖެހުނެވެ. ކުއްލިއަކަށް ކުރިމަތިން ހުދު ހެދުމުގައިހުރި އަންހެންކުއްޖާ ފެނުނެވެ. ނަމަވެސް މިފަހަރު އަހުމަދު ފަހަތަކަށް ނުޖެހުނެވެ.
އަހުމަދު : ކީއްވެ އަހަރެންނަށް ތި ފެންނަނީ؟
ކުއްޖާ : ހަގީގަތް ހާމަކުރަން
އަހުމަދު : ކޮން ހަގީގަތެއް؟
ކުއްޖާ : ގާތިލް
އަހުމަދު : ކާކު ގާތިލްއަކީ ކިޔާދީބަލަ
ކުއްޖާ : އަހަރެން ބުނެފިނަމަ އޭނާ އަހަރެންނާ ހަވާލުކުރާނަންތަ؟
އަހުމަދު : ގާނޫނީ ގޮތުން އަހަރެންނަށް ފިޔަވަޅު އެޅޭނީ
ކުއްޖާ : ( ހިނިތުންވެލާފައި ) އަހަރެންނަކީ އެލީޒާ. އަހަރެން ވަދެ މިހުރީ ރޫމާގެ ހަށިގަނޑުތެރެޔަށް ރޫމާގެ މައިންބަފައިން ރޫމާދެކެ ވަރަށް ލޯބިވާނެ. ރަށުތެރޭ ރޫމާއަށް ވަރަށް ލޯބިލިބުން ނަމަވެސް މައިންބަފައިންނާމެދު މީހަކުވަނީ ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދަވާފައި އެކަމުގެ ސަބަބުން ރޫމާގެެ އާއިލާ ރައްޔިތުންނާ ދުރުގައި އުޅެން ޖެހުނީ. ކޮންމެ ދުވަހަކު އަހަރެން ދެކެން ރޫމާ އެކަނި ގޮސް ފިހާރައިން އެއްޗެއްހި ގަނެގެން އައިސް މަންމައާ ބައްޕައަށް ކާންދޭތަން. ނަމަވެސް އަންނަ މަގުމަތީ އެމީހެއްގެ އުނދަގޫ ރޫމާއަށް ޖެހޭ. އަބަދު އުޅެނީ ގަޔަށް އަތްލާން. އެއީ ވަހުސީ އެދުން ބޮޑު މީހެއް. އޭނާ އެއް ދުވަހު ހަވީރު ރޫމާ މަންމަ މެނަށް އެއްޗެއްހިގަނެގެން އަންނަނިކޮށް އަހަރެން ދެކުނިން ރޫމާ ދަމާފައި ގެންގޮސް ބޯ ވިނަގަނޑުތެރެޔަށް ވައްދާ އިއްފަތްނަގާލިތަން. އެއަށްފަހު އެކުއްޖާ ހޭ އެރުމުގެ ކުރިޔަށް ބޮލުގައި ގާގަނޑަކުން ޖަހާ މަރާލުމަށްފަހު އަހަރެން މި ހުރި ތަނުގައި ވަނީ ވަޅުލެވިފައި. އެކަން ނިންމާފައި އެމީހަކު ގޮސް ރޫމާގެ މައިންބަފައިން މަރާލުމަށްފަހު މިހާރު އެތިބިގޮތަށް އެ ބޭތިއްބީވެސް. އަހަރެން މި ހުރިތަން ނިކަން ކައުންސިލަރ ގެނެސްގެން ކޮނެލަބަލަ
އެކުއްޖާ ގެއްލުމާއެކު ތަން ފާހަގަކޮށް ފުލުހުންގެ ޓިމާ ކައުންސިލަރ ގޮވައިގެން އައިސް ފާހަގަކުރިތަން ކޮނެލިތަނުން ރޫމާގެ ހަށިގަނޑު ފެންނަންފެށިއެވެ. އެކުއްޖާވަނީ ބޮލުގައި ގާގަނޑަކުން ޖެހި ޖެހީނުން މަރާލެވިފައެވެ. ރޫމާގެ ހަށިގަނޑު ނަގަން ފެށުމުން ކައުންސިލަރ މަޑު މަޑުން ފަހަތަށް ޖެހެމުންގޮސް ދުއްވައިގަތެވެ. އެވަގުތު އަހުމަދުވެސް ކައުންސިލަރ ފަހާ ދުއްވައިގަތެވެ. ވަލުތެރެއިން ދުވަމުން ދިޔަ ކައުންސިލަރ އަތުކުރުމަށްފަހު ގެންގޮސް ސްޓޭޝަންއަށް ވެއްދިއެވެ. އެއަށްފަހު ތަހުގީގް ކޮޓަރިއަށްލާ ތަޅުލުމަށްފަހު އަހުމަދު ކައުންސިލަރާ ސުވަލުކުރަން އުޅެނިކޮށް ބޮކިތައް ނިވިދިއްލެންފެށިއެވެ. އަހުމަދު ގުޑާލަން އުޅެއުޅެ ގޮނޑިއަކުން ގުޑާނުލެވުނެވެ. ކައުންސިލަރަކަށްވެސް ހަމަ ހިލާ ގުޑާނުލެވުނެވެ. އިރުކޮޅަކުން މުޅި ތަން އަނދިރިވެފައި ދިއްލުނުއިރު ކައުންސިލަރ ފުރަގަހުގައިހުރީ މަރާލެވުނު ދެމަފިރިންނާ ކުޑަކުއްޖާއެވެ. އެމީހުން ކައުންސިލަރގެ ކަރުގައި އެއްފަހަރާ ހިފާ ވަކިތައް ގަންބާލިއެވެ. އަދި މުޅި ކަރުން ލޭ ނެރެލާ މުޅި ކަރު ހުޅުވާލިއެވެ. އެއަށްފަހު ހަތަރެސްފައި ބިންދާލައި ކޮޅުކޮޅަށް އަނބުރާލުމަށްފަހު ބަނޑަށް ވަކިތައް ހަރާލާ ގޮހޮރު ބޭރުކޮށްލިއެވެ. މަންޒަރު ބަލަން އިން އަހުމަދު އިނީ ބިރުން ފިއްކަނޑައިގެން ގޮސްފައެވެ. އިރުކޮޅަކުން މުޅިތަން އަނދިރިވެފައި ދިއްލުނު އިރު ކައުންސިލަރގެ ހަށިގަނޑު އޮތީ އިރާ ކުދިކުދިކޮށްލާފައެވެ. ތަހްގީގް ކޮޓަރީގައިވަނީ ލޭކޯރު ހެދިފައެވެ. އަހުމަދުގެ ހަށިގަނޑު ގަޑާލެވޭގޮތްވުމާއެކު އަވަސް އަވަހަށް އެތަނުން ނުކުތެވެ. އަދި ސްޓޭޝަންގައި ތިބި ފުލުހުން އެތަނަށް ވައްދާ ހުރިހާ އެއްޗެއް ކިޔައިދިނެވެ.
ރޫމާއާ އޭނާގެ މައިންބަފައިންގެ ކަށުކަމާކެމީގެ ކަންތައް ނިމި ވަޅުލެވިއްޖެއެވެ. އަހުމަދު ޖަނާޒާ ނިންމާލުމަށްފަހު ސަހަރާއިން ނުކުންނަންދަނިކޮށް ލޮލުގައި އަޅައިގަތީ ރޫމާގެ މާހާނަ ކައިރީގައި ހިނިތުންވެފައި ރޫމާއާ އޭނާގެ މައިންބަފައިންގެ ސިފައިގައި ތިބި ތިން މަހްލޫގުންނެވެ.

No comments:

Post a Comment

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...