Saturday, February 8, 2020


ޔައުގޫބްއަކީ އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ޒުވާނެކެވެ. ވަޒީފާ އަދާކުރަމުން އަންނަނީ ގަބުރުސްތާންގައެވެ. ވަޅު ކޮންނަ މީހެއްގެ ގޮތުގައެވެ. އެތައް ބަޔަކަށް އޭނާ ވަނީ މިހާތަނަށް ވަޅު ކޮނެދީފައެވެ. އެތައް ބަޔެއްގެ ސަންދޯކް އޭނާގެ އަތުން ވަނީ އޭނާ ކޮނެދިން ކަށްވަޅުތަކަށް ތިރިކޮއްދީފައެވެ. ޔައުގޫބް އިންތިޒާރުކުރަމުން އަންނަނީ އޭނާ ވަޅުލެވޭނެ ދުވަހަށްށެވެ. އަބަދުވެސް އުންމީދުކުރަމުން އަންނަނީ ހެޔޮ ނިމުމަކަށްށެވެ. ނަމަވެސް އޭނާއަށް ހުރަސްތަކެއް ދިމާވެއެވެ. އޭނާއަށް ގަވައިދުން ނަމާދެއް ނުކުރެވެއެވެ. އަދި ގުރުއާނާ ކޮންމެވެސް ވަރަށްކަށް ދުރެވެ. މިކަމާ ޔައުގޫބް ވަރަށް ފިކުރުކުރެއެވެ.
އެއްދުވަހަކު ޖަނާޒާއެއް ނިންމާލާފައި މައްޔިތާ ވަޅުލުމަށްފަހު ޔައުގޫބް މިސްކިތުން ނުކުނަންދަނިކޮށް މިސްކިތުގެ އިމާމްއާ ދިމާވިއެވެ. އަދި ވާހަކައެއް ދައްކާލަން ބޭނުންވާ ވާހަަކަ ބުނެލިއެވެ. އެއާއެކު އިމާމްގެ އޮފީހަށް ޔައުގޫބް ގެންގޮސް ވެގެން އުޅޭގޮތް އޮޅުންފިލުވާލަދޭން އެދުނެވެ. ޔައުގޫބް ކަރުނަ އަޅާހާލު އޭނާގެ ހިތުގައިވާ ޝަކުވާތައް ބަންޑުންޖަހާލިއެވެ. ނަމާދަށް ފަރުވާކުޑަކުރެވޭ ވާހަކައާއެކު ގުރުއާންވެސް ކިޔެވުން މަދުކުރެވޭ ވާހަކަ ބުނިއެވެ. އެއާއެކު އިމާމް ފުން ނޭވާއެއްލުމަށް ނަސޭހަތް ފަށައިގަތެވެ.
” އިބިލީހަކީ ހަމަ ކަނޑައެޅިގެންވެސް މުޅި އިންސާނިއްޔަތައްހުރި ދުޝްމަނެކެވެ. މިކަލޭގެވަނީ އަހަރުމެންގެ އެތައް ނިއުމަތްތަކެއް މިއަދު ފޭރިގަނެފައެވެ. މިގޮތުން އެންމެ ފުރުތަމަ މިކަލޭގެ ﷲ سُبْحَانَهُ وَ تَعَالَى އާދަމް عليه السلام އުފައްދަވާ އެކަލޭގެފާނަށް ހުރިހާ މަލާއިކަތުންނާއެކު އިބިލީސްވެސް ސަޖިދަ ކުރަން އަމުރު ކުރެއްވުމާއެކު އެކަމާ އިބިލީސް ދެކޮޅުހެދިއެވެ. އަދި ﷲ سُبْحَانَهُ وَ تَعَالَى ގެ އެ އަމުރަށް ނުކިޔަމަންތެރިވެ އެތައް ބަހަނާއެއް ދެއްކިއެވެ. އަދި މިކަލޭގެ ސަބަބުން ނިއުމަތްތައް ލިބިގެންވާ ސުވަރުގެއިން އެންމެ ފުރުތަމަ އުފެއްދެވި ދެ އިންސާނުންކަމުގައިވާ އާދަމްގެފާނާ ހައްވާގެފާނު ނެރެވި މި ފާނާވަމުން ދިޔަ ދުނިޔެއަށް ގެނެވުނެވެ. ހަމަ އެހެންމެ އިބިލީސްވެސް ސުވަރުގެއިން ބޭރުކޮއްލެވުނެވެ. އެކަލޭގެވަނީ ގިޔާމަތާހަމަޔަށް ދަންދެކަށް އިންސާނިއްޔަތު މަގުފުރައްދާނެކަމަށް ވައުދުވެފައެވެ.
ނިކަން ވިސްނާލަމާތޯއެވެ. އިންސާނާއަށް ﷲ سُبْحَانَهُ وَ تَعَالَى އަމުރު ކުރައްވާފައިވަނީ ފަރުޝު ފަސް ނަމާދު އަދާކުރާށެވެ. އަދި ގުރުއާން ކިޔަވަންށެވެ. އެގޮތުން ފަތިސްނަމާދުގެ މުހިންމުކަން ޝައިތާނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެ ނަމާދުގެ އިހު ސުންނަތުގެ ދެރަކުއަތަކީ ދުނިޔެއާ ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ހެޔޮކަންބޮޑު ދެ ރަކުއަތެވެ. އިންސާނާ ފަތިސް ނަމާދަށް ތެދުވިޔަނުދޭން ރޭގަނޑު ޝައިތާނާގެ މަސައްކަތަކީ އެތައް ވަސްވާހެއް އިންސާނާ ބޮލަށް ވައްދައިގެން ނިދިނަގާލުމެވެ، އަދި މެންދަން ނުވަތަ ފަތިސްވާން ގާތްވުމުން ނިދި ބަރުކޮއްލުމެވެ. ދެން ހުރި ނަމާދުތައްވެސް ކުރިޔަނުދޭން މިކަލޭގެ އެތައް މަޅިއެއް ޖަހައެވެ. އެގޮތުން ތިމާ ވަޒީފާ އަދާކުރާތަނުގެ މަސައްކަތްތައް ނަމާދުގަޑި ކައިރިވަންދެން ފަސްކުރުވާ ނުވަތަ ކޮންމެވެސް މުހިން ކަމެއް ނަމާދުގަޑިޔާ ދިމާކޮށް މިކަލޭގެ ތައްޔާރުކުރެއެވެ.
ދެން އޮތީ ސުންނަތް ނަމާދާ ރޯދަތަކެވެ. ދަމު ނަމާދަކީ ﷲ سُبْحَانَهُ وَ تَعَالَى އާ އެންމެ ބޮޑަށް ގާތްކުރުވާ އެއް ނަމާދެވެ. މީސްތަކުން ނިދާ ހަމަހިމޭންވެފައި ތިބޭއިރު ﷲ سُبْحَانَهُ وَ تَعَالَى އަށް އަޅުކަން ކުރުމަށް ތެދުވަނީ ވަރަށް ހިތްވަރުގަދަ މަދު މީސްކޮޅެކެވެ. ދަމު ނަމާދަށް ތެދުވަން މަސައްކަތްކުރާމީހާއަށް ޝައިތާނާ ވަކި ދުލެއްނުދެއެވެ. ނިންޖަކީ އެކަލޭގެ ހަތިޔާރެވެ. ހޭލެވުމާއެކު އެކަލޭގެ މަސައްކަތް އަވަހަށް ފަށައިގަންނާނެއެވެ. ނަމަވެސް އެކަލޭގެ މައްޗަށް އިންސާނާ ހިތްވަރުކޮއްފިނަމަ ގަދަވެވޭނެއެވެ. އެގޮތުން ތެދުވެ މޫނުދޮވެލުމަށްފަހު ވީހާވެސް އަވަހަކަށް ވުޝޫކޮއްލާށެވެ. އަދި ތިބާ މި ހޭލީ ﷲ سُبْحَانَهُ وَ تَعَالَى އަޅުކަންކުރަންކަން ހިތަށް ގެންނާށެވެ. އެއަށްފަހު ދަމުނަމާދުކުރަން ފަށާށެވެ. ދަމުނަމާދު ނިމުމާއެކު ގުރުއާން ކިޔަވަން ފަށާށެވެ. ޝައިތާނާއަށް ނިދި ބަރުކުރުމަށް ފުރުސަތު ނުދޭށެވެ. މިއީ ތިބާއަށް ކުރެވޭނެ ވަރުގަދަ ހަނގުރާމައެއްކަން ހަނދާން ބަހައްޓާށެވެ.
ފަތިސް ނަމާދު ބަންގި ދިނުމުން އަވަހަށް މިސްކިތައްދާށެވެ. ފަތިސް ނަމާދުކޮއްގެން ހިތްވަރެއްހުރިއްޔާ ޝުހާ ނަމާދުކޮއްލުމަށް މަޑުކޮލާށެވެ. މި ތިންނަމާދުން ދުވަސް ފައްޓާތާ މަސްދުވަސްތެރޭ ތިބާގެ ހަށިގަނޑަށް އަންނަންފަށާނެ ބަދަލްތައް ތިބާ އަމިއްލަޔަށް ދެކިލާށެވެ. މި ތިން ނަމާދުކޮއް ނިންމާލާފައި ނިދި ކުޑަ ހިނދުކޮޅަކުވިޔަސް ނިދާލާފަ ތެދުވާށެވެ. ތިބާ ހުންނާނީ އޭރުން ދުވަހަށް ތައްޔާރުވެފައެވެ. ހަށިގަނޑު ކަނެއްތްކަން ފިލާފައެވެ. ދެން ބާކީ ހުރި ނަމާދުތަކަށްވެސް ސަމާލުކަންދޭށެވެ. ޝައިތާނާ ގަދަވިޔަނުދޭށެވެ. އަދި ގިނަ ގިނައިން ﷲ سُبْحَانَهُ وَ تَعَالَى އަށް ދުއާ ދަންނަވާށެވެ. ދުއާއަކީ އެންމެ ވަރުގަދަ ހަތިޔާރެވެ. ދެން އޮތް އެންމެ މުހިންމު އެއް ވާހަކައަކީ ނަމާދަށް ހުށޫއަތްތެރިވާން ގަދައަޅާ މަސައްކަތްކުރާށެވެ. ނަމާދުގައި ކިޔޭ ތަކެއްޗާމެދު ފުންކޮށް ވިސްނާލާށެވެ. އަދި މަޑުމައިތެރިކަމާ ކެތްތެރިކަމާއެކު ނަމާދުކޮށް ނިންމާލާށެވެ. އެއްވެސް ހާލެއްގައި އަވަސް އަރުވާނުލާށެވެ. ނަމާދަށް އަރާތަނުންވެސް ޝައިތާނަކު އަންނާނެއެވެ. އޭނާ އުޅޭނީ ނަމާދު އޮޅުވަންށެވެ. އެހެންވެ ޖަމާއަތަށް ދިޔުންވެސް މުހިންމުވަނީ. އެކަނި ނަމާދަށް ހުއްޓަސް މިބުނާ ޝައިތާނަކު އައިސް ދުނިޔެވީ އެތައް ހިޔާލެއް ބޮލަށް ވައްދާނެ ހުށިޔާރުވެގެން ހުންނާތި. ”
އިމާމްގެ ނަސޭހަތް އަޑުއަހާ ޔައުގޫބް އެގޮތަށް އަމަލްކުރަންފެށިއެވެ. ފެށިއިރު ވަރަށްވެސް އުނދަގުލެވެ. ދަމުނަމާދަށް ތެދުވާ މީހާ ނިދިބަރުވެގެން ނިދެނީއެވެ. ނަމަވެސް ހިތްވަރުކޮށް ދުލެއްނުދީ އަޒުމްވަރުގަދަ ކުރިއެވެ. އެއާއެކު ދަމުނަމާދަށް ހޭލެވެންފެށިއެވެ. އެއަށްފަހު ނިދަނީ ފަތިސްނަމާދުކޮށްގެންނެވެ. އެއްމަސްފަހު ހޭނުނީމަ ދެން ފެށީ ދަމު ނަމާދާ ފަތިސްކޮށް ނިންމާލުމަށްފަހު ޝުހާ ނަމާދުކުރާށެވެ. ކޮންމެ ނަމާދެއް ނިންމާލުމަށްފަހު ގުރުއާން ކިޔަވަންފަށައެވެ. އެއްވެސް ހުސް ޖާގައެއްނުދެއެވެ. މިކަމުގެ ސަބަބުން ބާކީ ހުރި ނަމާދުތަކަށް ފަުރުވާ ބަހައްޓަން ޔައުގޫބްއަށް ފަސޭހަވެގެންދިޔައެވެ. ބަރާބަރު ތިންމަސް ފަހު ޔައުގޫބްއަށް ހުރިހާ ނަމާދެއް އެއްވެސް އުނދަގުލަކާނުލާ ކުރެވެއެވެ. ދެންފެށީ ސުންނަތް ރޯދަ ހިފާށެވެ. އެއާއެކު އަދި ވަކިން ބޮޑަށް ޔައުގޫބްގެ އިމާންތެރިކަން ވަރުގަދަވެގެންދިޔައެވެ. މިއަދު އޭނާއަކީ ޝައިތާނާ އޭނާގެ މައްޗަށް ގަދަނުވެވޭވަރުގެ އަޒުމެއްގައި ހުރި ޒުވާނެކެވެ،

No comments:

Post a Comment

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...