މުސްލިމުންގެ އެންމެ މާތް އެއްދުވަހަކީ ހުކުރުދުވަހެވެ. އެދުވަހަކީ ގިނަ މުސްލިމުން ޖަމާއަތްތަކަށް ހުކުރު ނަމާދަށް އެއްވާދުވަހެވެ. ހުކުރަށް ބަންގި ދިނުމުގެ ކުރިޔާ ފަހަށްވެސް ބެލުމެއްނެތި އެ ނަމާދަކަށް ގިނަ މުސްލިމުން ހާޒިރުވާ ނަމާދެވެ.
ނިއުޒިލެންޑްގައި ޝައްމޫންއާ އޭނާގެ އާއިލާ ދިރިއުޅެމުން އައީ ކްރައިސްޓްޗާޗްގައެވެ. ޝައްމޫންއަކީ މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ޒުވާނެކެވެ. އޭނާގެ ކޯސް ނިމެން އޮތީ އެއްމަހެވެ. ޝައްމޫން އުޅޭ ގެއާ މިސްކިތް ހުންނަނީ ފުދޭވަރަކަށް ކައިރިކަމުން ނަމާދަށްގޮސްހަދަން ވަރަށްވެސް ފަސޭހައެވެ. ޝައްމޫންއަކީ އެންމެ ނަމާދެއްވެސް ވައްޓާނުލާ ގަވައިދުން ނަމާދުކުރާ ޒުވާނެކެވެ. މީހުންނަށް ހެޔޮ ނަސޭހަތްދީހަދާ މީހެކެވެ. ޝައްމޫން އެމިސްކިތަށް އަބަދުދަތީ ގިނަ ބަޔަކު އޭނާވަނީ ދެކިފަރިތަވެފައެވެ. އެގޮތުން މިސްކިތުގެ އިމާމް އަދި މަސައްކަތު މީހުންނަކީވެސް ޝައްމޫންގެ ވަރަށް ގާތް އެކުވެރިންނެވެ.
ހުކުރު ދުވަހެވެ. ޝައްމޫން ގޭގައި ކުރަން ހުރި ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު ހުކުރަށް ދާން ތައްޔާރުވިއެވެ. އަދި ކުޑަ ދަރިފުޅު ގޮވައިގެން ދާން މަޑުކޮއްލައިގެން އިންދާ އަންހެނުން އައިސް މިއަދު ކުޑަދަރިފުޅަށް ހުކުރަށް ދެވެންނެތީ ބަލިވެއުޅޭތިކަމަށް ބުނެލިއެވެ. އަނބިމީހާއަށް އަލްވަދާއު ކިޔުމަށްފަހު ހުކުރަށް ދާން ހިނގައިގަތެވެ. މިސްކިތަށްވަދެ ދިމާވި ކޮންމެ މީހަކާ ސަލާމްކޮއް ހާލު އަހުވާލު އޮޅުން ފިލުވާލިއެވެ. މިހެން ހުއްޓާ މިސްކިތުގެ މަސައްކަތު މީހާ އައިސް ޝައްމޫން ބޮލުގައި މަޑުމަޑުން އޭނާ ގެންގުޅޭ ފިހިގަނޑު ޖައްސާލިއެވެ. ޝައްމޫން ހިނިތުންވުމާއެކު އެނބުރިފައި މަސައްކަތު މީހާއާ ސަލާމްކޮއް ބައްދާލާ ހާލު އޮޅުންފިލުވާލިއެވެ. އެއަށްފަހު ސުންނަތްކޮއްލައިގެން އިށީނެވެ. ކުއްލިއަކަށް އިވުނީ މިސްކިތުތެރެއިން ބަޑީގެ އަޑެވެ. މީހުންތައް ހަޅޭއްލަވާއަޑެވެ. އެކި މީހުން ސަލާމަތް ހޯދަން ދުވަނީއެވެ. އެއިރު މީހަކު އެންމެނާދިމާލަށް ރަހުމެއްނެތި ބަޑިޖަހަމުން އަންނަނީއެވެ. ކުޑަކުއްޖެއް އަންހެނެއް މުސްކުޅިއަކަށް ނުބަލައެވެ. އަތުގައި އޮތް ބަޑީގެ މެގަޒިން ހުސްވާއިރަށް އަނެއް މެގަޒިން ލައްވައިގެން އޭނާ ދިޔައީ ހަމަލާދެމުންނެވެ. އެހިނދު މިސްކިތް ސާފްކުރާ މީހާ އޭނާއާ ކުރިމަތިލައި ބަޑި އަތުލިތަން ޝައްމޫންއަށް ފެނުނެވެ. ނަމަވެސް ބަޑި ޖަހަން ނޭނގުމުން މިސްކިތް ސާފްކުރާ މީހާ އަތުން އަލުން ބަޑި އަތުލައި ޓެރަރިސްޓްކަލޭގެ އެމީހާގެ ލޭ އޮހޮރުވާލިއެވެ. މަންޒަރު ބަލަން ނުހުރެ ޝައްމޫންވެސް ސަލާމަތްހޯދަން ދުއްވައިގަތެވެ. ބިއްލޫރި ގަނޑެއް ތަޅާލައިގެންނުކުމެ ގަސްތަކުތެރެއަށްވަދެ ފިލާއޮތެވެ. ޓެރަރިސްޓް ކަލޭގެ ދިޔައީ އަތުޖެހުނު މީހަކު ޝަހީދުކުރަމުންނެވެ. އެންމެ ފަހަށް ބަޑީގެ އަޑުފައްގަނޑު ނިމުމަކަށްއައިސް ހަމަހިމޭންކަން އައުމުން ޝައްމޫން ފިލާއޮތްތަނުން ނުކުތެވެ. އަދި މިސްކިތްތެރެއަށް ދުވަފައިވަނެވެ. ފެނުނު މަންޒަރުން އަނބުރައި ނުގަތީ ކިރިޔާއެވެ. އެތައް މުސްލިމް އަޙުންނާ އުޙްތުން މިވަނީ ޝަހީދުކޮއްލެވިފައެވެ. މުޅިތަންވަނީ ލޭކޯރު ހެދިފައެވެ. ޝައްމޫންގެ އެންމެ ގާތް ދެ އެކުވެރިންކަމުގައިވާ އިމާމްއާ މިސްކިތް ސާފްކުރާ މީހާވެސްމެއެވެ. ނަމަވެސް ހިތްވަރުކޮއްފައި ޒަޙަމްވެފައި ތިބި މީހުންނަށް އެހީތެރިވުމަށް ޝައްމޫން މަސައްކަތްފެށިއެވެ. އަދި ސިފައިންނާ ފުލުހުން އަދި އެމްބުލާންސްތައް އައުމުން އަނބުރާ ގެއަށް ދިޔައެވެ. ގެއަށްވަނުމާއެކު އަންހެނުން އައިސް ބައްދައިގަނެ ރޯންފެށިއެވެ. ޝައްމޫންވެސް ރޯންފެށިއެވެ.
ޝައްމޫން ހަމަޔަކަށް އެޅުމުން އަލުން އަންބުރާ މިސްކިތަށް އެހީވުމަށް ދާން ހިނގައިގަންނަން އުޅެނިކޮއް އަންހެނުން އޭނާ ހުއްޓުވިއެވެ. އަދި ދިޔުމަކީ އެހާ ރައްކާތެރިކަމެއްނޫންކަމަށް ބުނިއެވެ. އެރޭ ޝައްމޫންއަށް އެތައް ކޯލްއެއްއައެވެ. އާއިލާއާ ރައްޓެހިންނަށް މީސްމީޑިޔާ މެދުވެރިކޮއް ގުޅައި ނިމުނުތަނުން ރައްޓެއްސަކު އޭނާއަށް މިސްކިތަށް ދިން ހަމަލާގެ ވީޑިއޯއެއް ފޮނުވިއެވެ. އެ ވީޑީއޯގައި ދައްކަނީ ޓެރަރިސްޓްކަލޭގެ މީސްމިޑިޔާގައި ވަގުތުން މަންޒަރު ދައްކަމުން މިސްކިތަށް ވަންނަ މަންޒަރެވެ. ފެންނަނީ ބަޑި އެކަންޏެވެ. އަދި މިސްކިތަށްވަދެ ބަޑިޖަހާ އެތައް ބަޔަކު ޝަހީދުކޮއްލާ މަންޒަރެވެ. ވީޑިއޯ ބަލަން ކެތްނުވެގެން ޝައްމޫން އެ ވީޑިއޯ ނިވާލިއެވެ. އަދި ޙަބަރު އަޅުވާލައިގެން އިންދާ އެންމެ ފަހަށް ޓެރަރިސްޓް ކަލޭގެއަކީ ކާކުކަން ދައްކާފިޔެވެ. އޭނާގެ ނަމަކީ ބްރެންޓަން ޓަރަންޓްއެވެ. ލަސްތަކެއް ނުވެ މިކަލޭގެވެސް ހައްޔަރު ކުރެވިއްޖެއެވެ. ޓެރަރިސްޓު ބްރެންޓޮން ޓަރެންޓުގެ ޝަރީޢަތް އެޕްރީލް 5 ގައި ފަށާގޮތަށް ހަމަޖެހިފައެވެ. މީސްމީޑިޔާގައި ކާފަރުން ދިޔައީ އޭނާއަށް ބަތޮލެއްގެ ލަގަބު ދެމުންނެވެ. ނޫސްތަކުގައި އެންމެ ކުޑަމިނުން ޓެރަރިސްޓްއެކޭ އޭނާއަށް ދިމާލަށް ބުނެފަކައިވެސްނެތެވެ. ވާނީވެސް އެހެންތާއެވެ. އިސްލާމުން ފިޔަވައި ޓެރަރިސްޓުންނެއް ނޫޅޭވިއްޔާއެވެ. ފަހުން އެނގިގެން ދިޔައީ ހަމަލާ ހަމައެކަނި ދީފައިވަނީ ޝައްމޫން ދިޔަ މިސްކިތަށް އެކަންޏެއްނޫންކަމެވެ މިހަމަލާ އަދި އިތުރު މިސްކިތަކަށްވެސް އެރިކަމެވެ. 49 މުސްލިމުން ޝަހީދުކޮށްލާ، 87 މީހެއް ޒަހަމްކޮށްލި ޓެރަރިސްޓު ބްރެންޓޮން ޓަރެންޓު އޭނާ ކުރެވުނު ކަންތަކާ ހުންނަނީ ވަރަށްވެސް ފަޙުރުވެރިވެފައެވެ.
ﷲ سُبْحَانَهُ وَ تَعَالَى މި ނުލަފާ ދައްޖާލަށް ދެދުނީޔެގައިވެސް ލައުނަތްލައްވާ ދަތި އުދަނގު ޖައްސަވާ އަޒާބު ގަދަކުރައްވާފާންދޭވެ. އަދި ޝަހީދުވި ހުރިހާ އަޙުންނާ އުޙްތުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތްދެއްވާ އެމީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވާންދޭވެ.
No comments:
Post a Comment