Monday, September 21, 2020


 

ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ރަހްމަތްތެރިންނާއެކު ގޭމް ކުޅެން އިން މޫސަ އަރާ ނިދަން އޮށޯތެވެ. މިއީ އޭނާ އަބަދުވެސް ނިދާގަޑިއެވެ. ރޭގަނޑު ހަތަރުދަމު އުޅެނީ ހޭލައެވެ. ބައެއްފަހަރު ދެތިން ދުވަސްވަންދެންވެސް ނުނިދާހުރެއެވެ. ފަތިހު އެ އޮށޯންނަ މީހާ ދެން ތެދުވާނީ ހަވީރުއެވެ.

ހާވިރުވުމާއެކު މޫސަ ހޭލައިގެން އޭނާގެ އެކުވެރިންނާއެކު ސަޔަށްދިޔައެވެ. ރަށުގެ ހޮޓާ އެންމެ ގަދަޔަށް ހިނގާގަޑިޔަކީ އެއީކަމުން ބާރުވެސް ބޮޑުވަނެތީ އަވަހަށް ޖާގައެއް ހޯދުމަށް އެންމެންވެސް ދިޔައީ ބާރު ދުވެލީގަ ހިނގާފައެވެ. ހެދިކާ ނަގައިގެން ސައިބޯން ޖައްސާލި ވަގުތު މޭޒުގާ އައިސް އެ ޖައްސާލީ އެރަށު ނުކުޅެދުންތެރިކަން ހުންނަ ސިޔާޒްއެވެ. ސިޔާސްއަށް ވާހަކަ ދެއްކުމުގާ ދަތިތަކެއްހުރެއެވެ. އަދި ސިކުނޑިވެސް ބައެއްފަހަރު ހަމަނުޖެހެއެވެ. ސިޔާޒް އިށީނުމާއެކު ސިޔާޒްއަށް ޖެއްސުންކޮށް ރުޅިއެރުވުމުގެ މަސައްކަތް މޫސައާ އޭނާގެ ރަހްމަތްތެރިންފެށިއެވެ. ގިނައިރުތަކެއްނުވެ ސިޔާޒް ރުޅިއަތުވެއްޖެއެވެ. ބޯން އިން ސައިތަށި ބިންމައްޗަށް ވައްޓާލާ ހެދިކާތައް ހޫރުވާލާފަ ގޮވުނު އަވުގުރާނައެއް ގޮވަމުން ހޮޓަލުން ނުކުމެގެންދިޔައެވެ. އެކަމާހެދި ހޮޓަލުގާ ސައިބޯން ތިބި ގިނަމީހުންގެ ނުރުހުން މޫސަމެނަށް އަމާޒުވިއެވެ.

މަޢްރިބް ނަމާދަށް ބަންގިގޮވުމުން އެންމެން އެއްކޮށް ގޮސް ރަށުގެ ޖޯލިފަތީގާ ޖައްސާލިޔެވެ. ޖޯލިފަތި ހުންނަނީ މިސްކިތާ ފަސްފޫޓު ދުރުގައެވެ. ނަމާދަށް މީހުންތައް ދާންފަށާފިޔެވެ. އެމީހުންގެ ފަހަތުން ސިޔާޒްވެސް ނަމާދަށްދާތަން މޫސަމެނަށް ފެނުމާއެކު ސިޔާޒް އެމީހުން ކައިރިއަށް އައުމަށް ގޮވިއެވެ. ނަމަވެސް ސިޔާޒް އެމީހުންނަށްދިނީ ބީރު ކަންފަތެކެވެ. ނަމާދުގެ ޖަމާއަތުގާ ބައިވެރިވެ ނަމާދުކޮށްގެން މީހުންނާއެކު ފޭބިއެވެ. އެއަށްފަހު ނަމާދުން ފޭބި ބަޔަކާއެކު މޫސަމެންކައިރިޔަށް އައިސް އިށީނެވެ. އެހިނދު މޫސަގެ އެކުވެރިޔަކު އޭނާގެ ފޯނުން ސިޔާޒްއަށް އޮރިޔާން ވީޑިޔޯއާ ފޮޓޯ ދައްކަންފެށިއެވެ. އެއާއެކު ނަމާދުން އައިސް ތިބި މީހުންވެސް ސިޔާޒްއަށް އެއަށް ބެލާލުމަށް ބުނެލިޔެވެ. އެއީކީ އެވަރު ކަމެއްނޫން ކަމަށްބުނިޔެވެ. ނަމަވެސް އެހިނދު ސިޔާޒްގެ މޫނު އަނެއް ފަރާތަށް އަވަސް އަވަހަށް އަނބުރާލިޔެވެ. އަދި އެތަނުން ތެދުވެގެންދިޔައެވެ.

ސިޔާޒް ހިތްހަމަނުޖެހީފާ ހުރެގެންގޮސް މިސްކިތަށް އެރުމަށްފަހު އެތަނުގާ އިށީންދެގެންއިނެވެ. އިރުކޮޅަކުން މިސްކިތުގެ އިމާމް ސިޔާޒް ކައިރިއަށް އައިސް އިށީނެވެ. ސިޔާޒް ނުރުހުންވެފައިނީ ކީއްވެތޯ ސުވާލުކޮށްލިޔެވެ. އެހިނދު ކޮންމެ ދުވަހެއްގެ ހާލަތުގެ ވާހަކަ ސިޔާޒް އިމާމް މީހާއަށް ކިޔާދިނެވެ. އެއާއެކު އިމާމް މީހާ ސިޔާޒް މިސްކިތުގާ މަޑުކޮށްލުމަށް ބުނުމަށްފަހު މިސްކިތުން ފައިބައިގެން ގޮސް މޫސަމެން ކުރިމައްޗަށް ހުއްޓުނެވެ.

އިމާމް : ކަލޭމެން ސިޔާޒްއަށް އަބަދު އިހާނެތިކޮށް ކަންތައް ކުރަނީ ކީއްވެ؟
މޫސަ : އެއީ ސަމާސަ
އިމާމް : ސަމާސާއަކަށްވެސް ދައްކަން ނުޖެހޭ އެއްޗެއް ދައްކަންޖެހޭތަ؟
މޫސަ : ކީއްތަވީ؟ އެއީ މޮޔައެއްނު
އިމާމް : ދަރިފުޅާ ބުނަން ވާހަކައެއް. ކަލޭމެން މިއަދު އޭނާއަށް އިހާނެތިކޮށް ތިޔަހަދަނީ ކަލޭމެންނަށް އޭނާ ފެންނަނީ މޮޔައެއްގޮތުގާވީމަ އެކަމު އަސްލު ހަގީގަތުގާ މޮޔައަކަށްވުރެ މޮޔައީ ކަލޭމެން ކީޔާދޭންވީތަ ކީއްވެގެންކަން؟
މޫސަ : ކިޔާދީބަލަ
އިމާމް : ކަލޭމެން ހަތަރު ދަމު ހޭލާ އުޅޭ އޭނާ ނުވައެއްޖަހާއިރު ގެޔަށްވަދެ ނިދާ. ކަލޭމެން ފަތިހު ނިދަންދޭ އޭނާ ފަތިހު މިސްކިތައް އާދޭ. ކަލޭމެން ނިދާއިރު އޭނާ އިތުރު ދެނަމާދަށް ޖަމާއަތަށް ހާޒިރުވޭ. އަދި ކަލޭމެން އޭނާއަށް ނުބައިކަންތައް ދައްކާހިނދު އޭނާ ކަލޭމެނަށް ފުރަގަސްދޭ. ދެން ކަލޭމެން ނަމާދުކުރާމިހުން. ކަލޭމެން ނަމާދުކޮށްގެން އައިސް މި މީހުންނާ އެއްބައިވެގެން އެސޮރަށް ފާހިޝް އަމަލަށް ބަލަން ހިއްވަރު ތިޔަދެނީ ކަލޭމެން ކަލޭމެން ހިތުން ސަމާސާއެއް އެކަމު ކަލޭމެން ކުރި ނަމާދުގެ ބޭނުމަކީ ކޮބާ؟ އަވަހަށް ތައުބާވޭ ދެންވެސް ވަގުތު އޮއްވާ.
މޫސަ : (ބޮލަށް އުނދަގޫވެގެން) އާނ ދެން މިތަނުން ރައްކާވޭ ކަލޭ އޭނާ ގާތްކޮށްގެންއުޅޭ.

އެރޭ ފަތިސް ނަމާދަށް ގޮވުމުން މޫސަ ގެޔަށް ނިދަންދިޔައެވެ. ނިދަން އޮށޯތުމަށްފަހު ނިދަން އުޅެ އުޅެ ނުނިދުނެވެ. އެއްވެސް ގޮތަކަށް ހަމަ ލޮލަށް ނިންޖެއްނައެވެ. ޖެހިގެން އައި ދުވަހުވެސް ހަމަ ދިމާވީ އެހެންނެވެ. މިގޮތައް ނުނިދޭތާ މިހާރު ހަފްތާއެއްވެއްޖެއެވެ. މިކަމާ ކަންބޮޑުވެގެން ޑޮކްޓަރަށް ދައްކާ ނިދާބޭސްގަނެ އިންޖެކްޝަންވެސް ޖެހިއެވެ. ނަމަވެސް ހަމަ ހިލާ ނިންޖެއްނައެވެ. މިހާރު މޫސައަށް ނުނިދޭތާ ދެތިން މަސްވީޔެވެ. މީހާ ހުންނަނީ އަބަދު ރުޅި އައިސްފައެވެ. ކިރިޔާ މީހަކު އެއްޗެއް ބުންޏަސް ގަޔަށް ބޮލަށް އަރާގަނެއެވެ. އައުގުރާނަ އެހާވަރަށް ގޮވައެވެ. އަމިއްލައަށް ވާހަކަ ދެއްކުންވެސް ގިނަވެއްޖެއެވެ. އޭނާގެ ރައްޓެހިންވެސް ވަކި ހިސާބަކުން އޭނާ ދޫކޮށްލިޔެވެ. ގެންގުޅެވޭވަރު ނުވުމުންނެވެ. ހަމަސް ފަހުން މޫސަގެ ސިކުނޑި އެއްކޮށް ގޮވާފިއެވެ. މިހާރު އަބަދު ހުންނަނީ ހަޅޭއްލަވަލަވައެވެ. ހޭންވެސް އެހާވަރަށް ހެއެވެ. ގައި ތާހުރުވެސް ގިނަފަހަރުނުވެއެވެ. ގަޔަށް ހުންނަނީ ނަޖިސް ފައިބާފައެވެ. އެ ނަޖިސް މީހުން ގައިގާވެސް އޭނާ އުނގުޅަން މަސައްކަތްކުރެއެވެ. މިކަން ބޮޑުވެގެން އޭނާ ގޭގާ ބަންދުކުރަންޖެހުނެވެ. އޭނާ ހުންނަނީ އަބަދު ކުޑަދޮރު ކައިރީގައެވެ. ބިއްލޫރިގަނޑުން ބޭރު ބަލާށެވެ. ހާއްސަކޮށް ފަތިހުއެވެ. ކޮންމެ ދުވަހަކުވެސް އޭނާއަށް އެއްކަލަ މޮޔައެކޭ ގޮވި ސިޔާޒް ބަރާބަރަށް ބަންގީގެ އަޑަށް މިސްކިތައް ދާތަން ފެނެއެވެ.

- ނިމުނީ -

ލޮބުވެތި އަޙުންނޭވެ. އަޅުގަނޑުމެންގެ ތެރޭގަ އެތައް ނުކުޅެދޭ މީހުންނެއް އުޅެއެވެ. ތިބާއަށް ވީވަރަކުން އެމީހުންނަށް އެހީތެރިކަން ފޯރުވާށެވެ. އަދި ގާތްކޮށް އެކުގާ ގެންގުޅޭށެވެ. އެމީހުންގެ އިހުސާސްތައް ދަސްކޮށް ދެނެގަންނާށެވެ. އެކަމުގެ ސަބަބުން ތިބާއަށް ހުރި ހެޔޮކަން އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

No comments:

Post a Comment

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...