Sunday, June 26, 2022

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެތި ދޮށްޓާ ރީލް އެމީހަކަށް ގަނެވޭ ފެންވަރުގާ ގަނެލާގެން ގޮސް ބާނާލާ މަސްތައް މީސްމީޑިޔާއަށް ދޫކޮށް އެއްބަޔަކު އަނެއްބަޔަކާ ވާދަކުރަމުންދަނީވެސް އަމަށަކު ވަރަކަށްނޫނެވެ. ދުރު ދިމަ ދިމާލަށް ގޫރޫޕް ހަދާލާގެން ދަތުރުގޮސް ވީހާވެސް އަޑިންޔަށް ދޫކޮށްލާން އެހެރަ ޖެހިލާ މަސްތަކުގެ ސަބަބުން ކުރަންޖެހޭ މަސައްކަތް ބައެއްފަހަރު ވަރަށް ބުރަވެގެންދެއެވެ. ނަމަވެސް ހިތަށް އެލިބެމުންދަނީ ހާދަހާވާ ބޮޑު ހިތްހަމަޖެހުމެކެވެ. 

މޫނިސްއަކީވެސް ސްޕޯޓްސް ފިޝިންގްއަށް އަލަށް ނުކުތް ޒުވާނެކެވެ. ކުޑަ ދުވަސްކޮޅެއްތެރޭ މީސްމީޑިޔާގާ މީހުންނާ ވާދަޖަހައިގެން އޭނާގެ ހުނަރާ ކުޅަދާނަކަން ވީޑިޔޯތަކުން ފެންނަމުންދިޔައެވެ. މޫނިސް ވަޒީފާ އަދާކުރަމުންދަނީ ކޮނޮށްޓާގައެވެ. އެއްދުވަހު ރިސޯޓަށް އަލަށް މުވައްޒިފަކުއައެވެ. އޭނާގެ ނަމަކީ ބަޝީރުއެވެ. ބަޝީރަކީ މޫނިސް މީސްމީޑިޔާއިން ފެނި ރަހްމަތްތެރިވެފާވާ މީހަކަށްވީތީ މޫނިސްއާ އޭނާގެ ރަހްމަތްތެރިން ތިބޭ ކޮޓަރީގާ ބަޝީރު ބެހެއްޓިޔެވެ. ކުޑަ ދުވަސްކޮޅެއްފަހުން ބަޝީރުވެސް ދޮށްޓަކާ ރީލްއެއް ގެނެސްގެން މޫނިސްއާ ވާދަކުރަމުންދިޔައެވެ. މިހެން އުޅެލާފާ ދެމީހުން އެއްކޮށް ކޮފީއަކަށް އަރާ މީސްމީޑިޔާ ހާވަން ތިއްބާ ރަހްމަތްތެރިޔަކު އައިސް މަސްދަތުރެއް ރާވަން ބުންޏެވެ. މޫނިސްއާ ބަޝީރު މަޝްވަރާކޮށް ދުވަސް ކަނޑައަޅާ ސާމާނުތައް ތައްޔާރުކުރިޔެވެ. މި ދަތުރުގާ ބައިވެރިވަނީ ހަތަރު ބައިވެރިންނެވެ. އެއީ މޫނިސްއާ ބަޝީރުގެ އިތުރުން ޝިޔާޒްއާ މޫސައެވެ. އެންމެން ޑިޔުޓީ ނިންމާލުމަށްފަހު ޑިންގީއެއްނަގާގެން ހަވީރު ފުރީ ކޮނޮށްޓާ ކައިރީގާ އޮންނަ ބޮޑު ފަރެއް ކައިރިޔަށްށެވެ. ދަތުރު ކޮށްތަށް މާކަށް ބޮޑު އެއްޗެއް ނުގެންދިޔައީ އަވަހަށް އަނބުރާ އައުމުގެ ނިޔަތުގައެވެ. އިސާހިތަކު އަޑިޔަށް ޖިގްތައް ފޮނުވާލާ މަސްބާނާ މަހެއް ޖެހޭތޯ މަސައްކަތްފެށިޔެވެ. އުޅެ އުޅެ ހަމަ އެކަތިވެސް ނުޖެހުނެވެ. އެހެންކަމުން ފަރުގެ އަނެއްފަޅިޔަށް ދާން ނިންމިޔެވެ. ޑިންގީ ސްޓާޓްކޮށްލުމަށްފަހު ދުއްވާފާ ގޮސް ފަރުގެ އަނެއް ފަޅީގާ ވޭއްވުމަށްފަހު ނަގިލިއެޅިޔެވެ. އެއިރު އިރުއޮއްސިއްޖެއެވެ. ގަޑިން ރޭގަނޑު ހަތެއް ޖަހިތަނުން އެހެރަ މަސްތައް ގަންނަން ފެށީޔެވެ. ބައެއް މަސްތައް މައްޗަށް އެރުވުމުގެ ކުރިން މިޔަރުތައް ދިޔައީ ކަމުންނެވެ. މިހެން ތިއްބާ ބޮޑު ފެމުނެއްވެސް އައިސް އެނބުރެންފަށާފިޔެވެ. އެމީހަކަށް ނެގުނު މަހެއް އަވަސް އަވަހަށް ދިޔައީ ނަގަމުންނެވެ. މަސްބާނާ ނިންމާލަން ބެލިއިރު ގަޑިން 10 ޖަހާފިޔެވެ. އަލިކޮށްލަން ދިއްލާފާ އިން އަލިވެސް ނިވާލާފިޔެވެ. ނަގިލި ނަގަން މޫނިސް މަސައްކަތްފެށިތަނުން ކަނޑުތެރެއިން ނޫކުލައިގެ އެއްޗެއް ދިއްލިލާފާ ގެއްލެން ފަށާފިޔެވެ. މާކަށް ބޮޑު ސަމާލުކަމެއްނުދީ މޫނިސް ދިޔައީ ނަގިލި ނަގަމުންނެވެ. އެވަގުތު ހަމަ އެއްކަލަ ނޫ އަލި ދިއްލިލާފާ ގެެއްލެމުންދިޔައެވެ. ނަގިލި ނަގަނަގާ ހުއްޓާ ނަގިލި ވާގަނޑުގާ ހިފާ ފިސާރެ ބާރަށް ކަނޑުތެރެރެޔަށް ދަމައިގެންފިޔެވެ. އެހިނދު މޫނިސްގެ އަތް ވަލުގަ ހިފަހަށްޓާގެން އޮތުމުން ފިހިގެންދިޔައެވެ. މޫނިސް ޑިންގީތެރެޔަށް ވެއްޓުމުން މޫސަ އައިސް މޫނިސް ނެގިޔެވެ. އިރުކޮޅަކުން އިވުނީ ބަޝީރު ހޭންފެށިއަޑެވެ. އޭނާ ޑިންގީ ކޮޅަށް އިނގިލި ދިއްކޮށްފާ އެތަނުގާ ކަޅު ވަރުގަދަ ކެހެރިބޯ އެއްޗެއް ހުރި ވާހަކަ ބުނަމުންދިޔައެވެ. އަދި މިފަހަރު ސަލާމަތެއް ނެތްކަމުގާ ބުނެ ބިރުވެރި އަޑަކުން ހެމުންދިޔައެވެ. މޫނިސް އާ މޫސައާ ދެމީހުންނަށް ކަނޑާ ދިމާލަށް ބަލާލެވުނުލިއިރު ޑިންގީ ދަށުން ނޫކުލައިން ދިއްލެން ފަށާފިޔެވެ. އިސާހިތަކު ނާމަން އަޑުތައް އިވެންފެށިޔެވެ. ވާރޭ ވެހޭހެންވެސް ހީވެގެންދިޔައެވެ. ދެން ފެނިގެންދިޔައީ ސަންދޯކާ ގަބުރު ފަދަ ތަކެތި ކަނޑުން މައްޗަށް އަރަމުންދިޔަތަނެވެ. ހަދާނެ ގޮތް ހުސްވެފާ ތިއްބާ ޝިޔާޒް ކުރިޔަށް ޖެހިލުމަށް ފަހު ބާރަށް ބަނގިގޮވަންފެށިޔެވެ. އެއާއެކު ބަޝީރު ހޭނެތިގެން ވެއްޓިއްޖެއެވެ. ފެންނަމުންދިޔަ ބިރުވެރި މަންޒަރުތައް ގެއްލެންފަށާފިޔެވެ. އަވަސް އަވަހަށް ނަގިލި ނަގާ އިންޖީނު ސްޓާޓުކޮށް ލޯންޗް ދުއްވާލިޔެވެ. ސާޅިސް ފަސްމޭލު ބާރުގާ ދިޔަ ލޯންޗްއާ އެއްވަރަށް ކަނޑުތެރެއިން ނިވިއްދިލަމުން އަލިގަނޑު އަންނަމުންދިޔައެވެ. ލޯންޗްއާ އެއްވަރުކުރުމަށްފަހު އަލިގަނޑު ކަނޑުތެރެޔަށް ގެއްލިގެންދިޔައެވެ. އަވަސް އަވަހަށް ރިސޯޓަށްގޮސް ލޯންޗް އެޅުމަށްފަހު ހޭނެތިފާވާ ބަޝީރު ނަގައިގެން ގެންގޮސް ރިސޯޓްގެ މިސްކިތާ ހަވާލުވެގެންހުރި އިމާމްލައްވާ ރުގްޔާކޮށް ބަޝީރު ރަނގަޅުކުރިޔެވެ. 

އޭގެ އަހަރެއްފަހުން ބަޝީރު ވަޒީފާއިން ކެނޑުނެވެ. ދުވަސްކޮޅެއްފަހުން ހަބަރު ލިބިގެންދިޔައީ އޭނާ ގެނބިގެން ނިޔާވި ހަބަރެވެ. ބަޝީރު ނިޔާވި ހަބަރު ލިބުމާއެކު ދަތުރުދިޔަ އެންމެންވެސް ވަރަށް ހިތާމަކުރިޔެވެ. ބަޝީރު ނިޔާވިތާ ދުވަސްކޮޅެއްފަހުން ކާޑެއްދޫ ކައިރި އޮންނަ ފަޅުރަށެއްކައިރިޔަށް މޫނިސްއާއެކު ކުރިން ދިޔަ ދެކުދިންކަމުގާވާ މޫސައާ ޝިޔާޒް މަސްބާނަންގޮސް ތިއްބެވެ. އެރޭ އައި ކޮޅިގަނޑެއްގާ ތަނެއް ދޮރެއް ނުފެންނަވަރަށް ވިއްސާރަ އޮއްސާލާ ކަނޑުވެސް ގަދަވެއްޖެއެވެ. މޫނިސް އޭނާގެ ފޯނުން ޗާޓު ބަލާގެން ލޯންޗް މަޑުމަޑުން ދެ ފަޅުރަށެއްގެ ދޭތެރޭ އޮންނަ ފަޅަކަށް ވެއްދިޔެވެ. މާކަށް ގިނައިރެއްނުވެ ވިއްސާރަ ހުއްޓާލާފިޔެވެ. ހަނދުވަރެއްނެތް ކަޅުފޮއެ އެރޭގާ ކަނޑު މަޑުވެލުމުން ނުކުންނަން ތައްޔާރަށް ފޯނުން ޗާޓުބަލާގެން ތައްޔާރުވަމުންދަނިކޮށް ކައިރީގަ އޮތް އެއް ފަޅުރަށުން އަލިގުޅަޔެއް މައްޗަށްއަރާފިޔެވެ. އެ ދިޔަގޮތައް ދެރަށް ދެމެދަށް އެރުމާއެކު މުޅި ސަރަހައްދު ވަރުގަދަ އަލިގަނޑަކުން ދިއްލާލިޔެވެ. އެއާއެކު ދެން ފެނިގެން ދިޔައީ ދެރަށުގެ އެތެރެ ވަރުގަދަޔަށް ރަތްކުލާންދިޔަތަނެވެ. ހީވަނީ ދެރަށު އެތެރޭގާ އަލިފާންރޯވެފައޮތްހެނެވެ. އިރުކޮޅަކުން އަލިފާން ބޯޅަތައް މައްޗަށް އަރާ އަލިފާން ވެއްޓެމުންދިޔައެވެ. ހީވަނީ އުޑުން އަލިފާން ފައިބަމުންދިޔަހެނެވެ. މަންޒަރު ބަލަންތިއްބާ އިރުކޮޅަކުން ލޯންޗު ކުރިމަތީ ދުރުގާ އޮތް ފަރެއްގެ މައްޗަށް ފިރުކިފާ މީހަކު އަރަމުންދިޔަތަންފެނިގެންދިޔައެވެ. އެމީހާ ކޮޅަށް ތެދުވިވަގުތު އަލިގުޅަޔެއް އެމީހާ މަތިން ދިއްލާލިޔެވެ. އެޔާއެކު އެންމެނަށް ފެނިގެންދިޔައީ ގެނބިގެން ނިޔާވި ހަބަރު ލިބުން ބަޝީރުއެވެ. އޭނާ ހިނިއައިސް ހުރެ އެއްއަތުން ހަނާ އަޅަމުން މޫދަށް ފައިބަންފެށިޔެވެ. އެހިނދު އެންމެންވެސް ބާރު ބާރަށް ބަނގިގޮވާ ކިޔުނު ހެޔޮއެއްޗެއް ކިޔަމުންދިޔައެވެ. އަވަސް އަވަހަށް ލޯންޗް ސްޓާޓްކޮށްލާގެން ބާރު ބާރަށް ގަދަ ކަނޑުތެރެޔަށް ނެރެގެން އަނބުރާ ރިސޯޓަށްދިޔައެވެ. އެ ހާދިސާތަކަށްފަހު އެންމެންވެސް އިމާންތެރިކަން ވަރުގަދަކުރިޔެވެ. ބަރާބަރަށް ނަމާދުކުރަންފެށިޔެވެ. ނަމާދު އެއްގޮތަކަށްވެސް ނާޅައެވެ. ކޮންމެތާކު ހުއްޓަސްމެއެވެ. އެމީހުންނަށް ދިމާވި ހާދިސާތައް ދުވަހަކުވެސް ހަނދާންނުނެތޭނެއެވެ. 

- ނިމުނީ - 

Saturday, June 25, 2022

އެއްލާލި ޙަޒާނާ

 ފަނާވަމުން ދަނިވި ދުނިޔެއަށް މީސްތަކުންވަނީ ބުރަވެފައެވެ. ދިރިއުޅުން އެތައް ގުނައަކަށްވަނީ ބަދަލްވެފައެވެ. އިސްލާމްދީންއަށް ތަބާވެ ކަމޭހިތަމުން ދަނީ މަދުބަޔެކެވެ. އަނެއްބަޔަކު ތިބެނީ ނަމެއްގާ އިސްލާމްކަންމަތީގައެވެ. އެބައިމީހުންގެ ކުރިމަތީގާ އޮތް އެތައް ޙަޒާނާއެއް އެބައިމީހުންގެ ކަނު ލޯތަކަށް ހަމަ ނުފެންނަނީއެވެ. އެބައި މީހުންނަށް ވިސްނަނީ އަޖަލު ހަމަވާން ގާތްވެ މަރު ހާޒިރުވުމުންނެވެ. 

ޔަޒީދުއަކީ ޒުވާނެވެ. ބުރަ މަސައްކަތްކޮށްގެން ޔަޒީދުގެ އުމުރުން ފަންސަވީސް އަހަރުގާ މުއްސަނދިވެއްޖެއެވެ. އެ މުއްސަނދިކަމުގެ ސަބަބުން އޭނާ ހުންނަނީ ވަރަށް ބޮޑާވެ ފޮނިވެފައެވެ. މީހަކު ގޮވާލިޔަސް ބައެއްފަހަރު ދަންނަ ކަމަށްވެސް ނުހަދައެވެ. ޔަޒީދު އެންމެ ކުރާހިތްވާކަމަކީ މަސްވެރިކަމެވެ. އަގުބޮޑު ލޯންޗެއް ގަނެ އެންމެ ގާތް އިތުބާރުކުރާ މީހުން ގޮވާގެން ކޮންމެ ދުވަހަކު ހަވީރު ޔަޒީދު މަހަށްދެއެވެ. އެކަމަށް އޭނާގެ މުއްސަނދިކަމުން އެތައް ހަރަދެއްކޮށްލާކަށް ޖެހިލުމެއްނުވެއެވެ. ދާ ކޮންމެ ދުވަހަކުވެސް ބޭނޭ އެއްޗެއް ވިއްކާލާ ފައިދާ ބަހާއިރު ޔަޒީދު ބޮޑުބައި ނަގާތީ އެކުވެރިންނާ ބައެއްފަހަރު މައްސަލަވެސްޖެހެއެވެ. ނަމަވެސް ޔަޒީދޫ އެމީހުންނަށް އެކި ގޮތްގޮތުން ބަހަނާ ދައްކާ މައްސަލަ އޮއްބާލައެވެ. 

އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް މިއަދުވެސް ޔަޒީދުއާ އޭނާގެ އެކުވެރިން މަހަށް ނުކުތެވެ. ފޯރީގާ ތިއްބާ އިންޖީނުން ބާރު އަޑެއްކިޔާފާ ލޯންޗް ހުއްޓިއްޖެއެވެ. ޔަަޒީދުއާ އޭނާގެ ރަހްމަތްތެރިން އިންޖީނަށް ވީގޮތް ބަލާ ހައްލު ހޯދުމަށް މަސައްކަތްފެށިޔެވެ. ނަމަވެސް ރަނގަޅު ނުވުމުން ކޯސްޓްގާޑްގެ އެހީއާއެކު ކައިރި ރަށަކަށް ލޯންޗް ގެންދެވުނެވެ. ކޯސްޓް ގާޑްގެ މެކޭނިކެއްކަމަށްވާ ޔޫސުފް އައިސް އިންޖީނު މަރާމާތުކުރުމުގެ މަސައްކަތްފެށިޔެވެ. ނަމަވެސް އިރުކޮޅަކުން ބަންގިގޮވުމުން ޔޫސުފް މަސައްކަތް ހުއްޓާލުމަށްފަހު ނަމާދަށް އެރުމަށް ހިނގާގަތެވެ. އެހިނދު ޔަޒީދު އައިސް ޔޫސުފް އަތުގާ ހިފެހެއްޓިޔެވެ. 

ޔަޒީދު : އޭ ބުރޯ ކޮންތާކަށް ތިދަނީ މަސައްކަތް ހުއްޓާލާފަ؟
ޔޫސުފް : މިދަނީ ނަމާދަށް. ކަލެޔަށް ނީވޭތަ ބަންގިގޮވާއަޑު؟
ޔަޒީދު : ނޫނޭ ބުރޯ އިވޭ އެކަމު އަހަރުމެން ފުރަން ބޭނުން އަވަހަށް މިކަން ނިންމާލަދީބަލަ ކަލޭ ބުނި އަދަދެއް ދޭނަމޭ.
ޔޫސުފް : (ހިނިގަނޑެއް ޖަހާލާފަ) ކަލޭގެ ފައިސާއާ އެކަލާނގެ އަހަރެންނަށް ދެއްވާ ސަވާބާ އަޅާވެސް ކިޔާނުލެވޭނެ. އަހަރެން ނަމާދުކޮށްލާން އަންނަންދެން މަޑުކޮށްލާ. އިތުރު ޝަކުވާއެއް އޮތިއްޔާ އަހަރެންގެ ކޮމާންޑަރާ ވާހަކަ ދައްކާ
ޔަޒީދު : (ޔޫސުފް ދުރަށް ދިޔުމުން) މާ ސޯލިހު މީހެއްވިއްޔާ..... ހަމަ ކީއްތަވާނީ ނިންމާލާފަ ދިޔައްޔާ. ފަހުންވެސް ނަމާދުކުރެވިދާނު 

ފަނަރަ މިނެޓްފަހުން އައިސް ޔޫސުފް މަސައްކަތްފަށާގަތެވެ. އިރުގަނޑެއްގެ މަސައްކަތަށްފަހު ޔަޒީދުގެ ލޯންޗް އިންޖީން ހަދާ ނިމިއްޖެއެވެ. މިކަމާ ޔަޒީދު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނަމަވެސް ޔޫސުފް ދެން ދިން ހަބަރުން ޔަޒީދު މާޔޫސްވެ ރުޅިގަދަވިޔެވެ. އެއީ ޔޫސުފްގެ މަސައްކަތުން ގެނެވުނީ ވަގުތީ ހައްލަކަށްވާތީއެވެ. ލޯންޗް އަނބުރާ މާލެ ގެންގޮސް ބޮޑު މަރާމާތެއް ކުރަންޖެހޭތީއެވެ. ޔަޒީދު އައި ރުޅިގާ ހެއްދެވި ނެހެއްދެވިޔެއް ޔޫސުފްއަށް ގޮވާ މަލާމާތްކުރަމުން ދަނިކޮށް ކޮމާންޑަރު އައިސް އެދޭތެރެޔަށްވަދެ ޔަޒީދު ދުރަށް ޖައްސަން މަސައްކަތްކުރިޔެވެ. ނަމަވެސް ޔަޒީދުއާ އޭނާގެ ރައްޓެހިން ގަދަ ދައްކަމުންދަނިކޮށް ކޯސްޓްގާޑްގާ ތިބި އިތުރު ސިފައިން ފައިބާ ޔަޒީދުމެން ދުރުކޮށް އިންޒާރުދިނެވެ. އެއަށްފަހު ޔަޒީދުމެންނާ ލޯންޗް ދޫކޮށްލުމަށްފަހު ކޯސްޓްގާޑް ފުރާގެންދިޔައެވެ. ޔަޒީދުމެން ލޯންޗްއަށް އަރާ ދުއްވާލިޔެވެ. މާކަށް ދުރަށް ނުދެވެނީ އިންޖީނުން އަނެއްކާވެސް ކުޑަކޮށް އަޑުކިޔާފިޔެވެ. މިފަހަރު މާލެ އަނބުރާ ދިޔުން ނޫންގޮތެއް ނެތިގެން އަނބުރާ ގޮސް ބަނދަރުކުރުމަށްފަހު ޔަޒީދުއާ އޭނާގެ އެކުވެރިން ގެޔަށްދިޔައެވެ. 

ލޯންޗްގާ މައްސަލަ ޖެހިފާވުމުން ޔަޒީދު ދެކޮޅަށް އެނބުރެނީއެވެ. ގެނެވުނު އެންމެ މޮޅެތި މެކޭނިކުން ގެނެސް މަސައްކަތްކުރުވިޔެވެ. ނަމަވެސް ހައްލެއް ހަމަ ނުފެނުނެވެ. އެންމެ ފަހަށް އެކަމާ ފޫހިވެގެން ޔަޒީދުގެ މައިންބަފައިންނާ އެވާހަކަ ހިއްސާކޮށްލިޔެވެ. އެކަމާ މެދު މައިންބަފައިން ދެއްކި ވާހަކަޔާމެދު ޔަޒީދު ޖެހުނީ ހިތްހަމަ ނުޖެހިގެން ގެއިން ނުކުންނާށެވެ. އެއީ ޔަޒީދު އަޑުއަހަން ބޭނުންވާފަދަ ވާހަކަތަކަކަށް ނުވާތީއެވެ. ދީނީ ވާހަކަތަކަކަށްވާތީއެވެ. ފޫހިވެގެން މާލެތެރޭ ދުއްވާލަން ނުކުމެ ގޮސް އައިޖިއެމް އެޗް ކައިރީ ހުރި ތަނެއްގާ އިށީންދެލައިގެންއިނެވެ. މިހެން އިންދާ މީހަކު ފަހަތުން ސަލާމް ގޮވާލިޔެވެ. ޔަޒީދު ފަހަތް އެނބުރި ބަލާލިއިރު ހިނިތުންވުމާއެކު ހުރީ ޔޫސުފްއެވެ. 

ޔަޒީދު : ކަލޭ ކޮން މަލާމާތްކުރާ ފާޑަކަށް ހިނިއައިސްފަ ތިޔަހުރީ؟
ޔޫސުފް : މައާފްކުރައްވާތި އެކަމުވެސް ހިނިތުންވުމަކީ ސަދަގާތެއް. ކޮބާ އިންޖީނު ހެދިއްޖެތަ؟
ޔަޒީދު : ނޫނޭ އެކަކަށްވެސް އެކަމެއްނުވި. ވަރަށް ދެރަ. މައިންބަފައިންނާ އެވާހަކަ ހިއްސާކޮށްލީމަވެސް ފެށީ ދީނީ ނަސޭހަތް
ޔޫސުފް : ކީކޯ ބުނީ؟
ޔަޒީދު : އެފަދަ ކަންތައްތައް ދިމާވަނީ އަހަރެންގެ ދިރިއުޅުން ހުންނަގޮތުންނޯ. ނަމާދުނުކޮށް ގުރުއާން ނުކިޔަވާ އަދި ނުވީތާކަށް ސަދަގާތްވެސް ނުދޭތީޔޯ.
ޔޫސުފް : ތިކަމުގާ އަހަރެން ބުނާނެ ވަކި އެއްޗެއް ނެތިން. އެކަމު ފައިސާ ހުރެ އެ ހެޔޮގޮތުގާ ބޭނުން ނުކުރަންޏާ އެކިކަހަލަ މުސީބާތްތަކާ ކުރިމަތިވާނެ. އެހެންވެ އަނގަވާފަ އެއޮންނަނީ ގައިގާ ވަރުހުރި ދުވަހު ހައްޖަށްވެސް ދާން. ނަމާދުވެސް ނާޅާން މާދަމާ ވާނެ ގޮތެއް ހަމަ ނޭނގޭނެ. މިދުނިޔެއަށް އަލްވަދާއު ކިޔަންޖެހިދާނެ 
ޔަޒީދު : ހޫ ކަލޭވެސް ފެށީ ދޯ ދެން ހުއްޓާލާ މަ މިދަނީ 

ޔަޒީދު ގެޔަށް ގޮސް ވަންނަނިކޮށް ފޯންކުރީ އޭނާގެ އެކުވެރިޔެކެވެ. ލޯންޗްގާ ހުޅުހިފާ ރޯވެ އަނދަމުންދާކަމުގެ ހަބަރު ދިނުމާއެކު ޔަޒީ ބާރަށް ސައިކަލްގާ އެދިމާލަށް ދިޔައިރު ކަންވެ ނިމިއްޖެއެވެ. ޔަޒީދުގެ ލޯންޗް އަނދާ އަޅިޔަށްވެއްޖެއެވެ. އޭތިވަނީ މިހާރު މޫދު އަޑީގައެވެ. މަންޒަރު ފެނިފާ ޔަޒީދު ވަރަށް ހިތުގާ ޖެހުނެވެ. އޭގެ ދުވަސްކޮޅެއް ފަހުން ޔަޒީދު ހުޅުވާގެން އުޅުނު އަމިއްލަ ކުންފުނި ބަނގުރޫޓުވެ އަތުން ފައިސާ ހުސްވެ ފަގީރު ހާލަތަށްދިޔައެވެ. މައިން ބަފައިންގެ ބެލުމުގެ ދަށުގާ ޔަޒީދު ގެންގުޅެނިކޮށް މަގުމަތިން ހިނގި އެކްސިޑެންޓްއެއްގާ ޔަޒީދުގެ އެއްފައި ބިންދާންގޮސް ނުކުޅަދޭ މީހަކަށް ވެއްޖެއެވެ. އެންމެ ގާތުން އުޅުން ރައްޓެހިންވެސް އޭނާއަށް ދޯކާދީ ދަންނަ މީހަކަށްވެސް ނަހަދައެވެ. މުޅިން އެކަނިވެއްޖެއެވެ. މިހާލުގާ އެއްދުވަހު މަންމަޔާ އެއްކޮށް ރަސްފަނަށް ދިޔަތަނުން މީހަކު ފަހަތުން ސަލާމް ގޮވާލިޔެވެ. ފަހަތް ބަލާލިއިރު ހުރީ ޔޫސުފްއެވެ. ޔަޒީދުގެ ދައުވަތަށް ޔޫސުޕް އޭނާ ގާތު އިށީނެވެ.

ޔަޒީދު : އަހަރެންނަށް މައާފްކޮށްފާނަންތަ؟
ޔޫސުފް : އަހަރެންގެ ހިތް ކަލެޔާމެދު ސާފު
ޔަޒީދު : އަހަރެންނަށް މިއަދު މިހާލު ޖެހުނީ ކީއްވެކަން ވަރަށް ސާފުވެއްޖެ. އެއިރު ކަލެޔާ މަންމަޔާ ބައްޕަގެ ނަސޭހަތް އަޑުއެހިނަމަ މިއަދު މިހާލު ނުޖެހުނީސް
ޔޫސުފް : (ޔަޒީދް ކޮނޑުގާ އަތްއަޅާފަ) ތައުބާގެ ދޮރު އަދިވެސް ވަނީ ހުޅުވިފަ. އަވަހަށް ތައުބާވެ އިސްލާހްވޭ. 

- ނިމުނީ - 

ގެއްލި ހުސްވި ހަޔާތް

 މީސްމީޑިޔާގެ އަވާގާ ޒުވާނުން ޖެހި ހަލާކުވަމުންދާތަން މިއަދު ވަރަށް ފުޅާ ދާއިރާއެއްގާ ފެނިގެން އެބަދެއެވެ. ޒުވާން އަންހެންކުދިންނާ ފިރިހެންކުދިން މިކަމަށް މުޅި ދުވަސް ހޭދަކޮށްލަނީ އެއްވެސް ވިސްނުމެއް ފިކުރެއްނެތިޔެވެ. އުމުރަކީ ކިހާ ކުޑައެއްޗެއްކަން އެމީހުންނަށް ހަމަ ނޭނގެނީބާއެވެ. އެ ޒުވާނުންނޭ ހޭއަރާށެވެ. އެންމެ ދުރުގާވެސް އެންމެ ގާތުގާވެސްވަނީ މަރެވެ. 

ނަފާއަކީ މުޅި ދުވަސްހެން މީސްމީޑިޔާއަށް ހުސްކޮށްލަމުން އަންނަ ޒުވާން އަންހެންކުއްޖެކެވެ. މަންމަޔާ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުކަމުން ނަފާ ބުނި ކޮންމެ އެއްޗެއް ނަފާއަށް ލިބެމުންދެއެވެ. ގެޔަށް ލާފަ ހުންނަ އިންޓަނެޓްއަކީ ނަފާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެޔާނުލާ ނަފާއަށް ނޭވާވެސްނުލެވެއެވެ. އެންމެ ފަހަރަކު އިންޓަނެޓްގެ ހިދުމަތަށް ބުރައެއް އެރިޔަސް އެ ލާދީފާވާ ފަރާތަށް ގުޅާ އެތައް އުނދަގުލެއްކުރުމަކީ ނަފާގެ ހަށީގާ ހިފާފަ ހުންނަ އާދައެކެވެ. ގެއިން ބޭރަށް ދާނަމަ ހުސްނުވާވަރަށް ނަފާ އަބަދުވެސް ހުންނަނީ ފޯނަށް ޑާޓާ ނަގާފައެވެ. ފޯނު އަތުން ހަމަ އެންމެ ހިނދުކޮޅަކުވެސް ނަފާ ދޫނުކޮށްލައެވެ. ފާހާނައަށް ވަނަސް އަދި ރައްޓެހިންނާއެކު ކިތަންމެ މުހިންމު ކަމަކު އުޅުނަސް އެޔަށް ގިނަފަހަރު ނުބަލާ ފަރުވެސްނުޖެއެވެ. މިކަމާ ނަފާގެ ބައެއް އެކުވެރިން ނުރުހުންވެސް ފާޅުކުރެއެވެ. ނަމަވެސް ނަފާ އެކަމަކާ އަޅާނުލައެވެ. 

ދުވަސްތައް ފާއިތުވެގެންގޮސް ޓިކްޓޮކްގެ އަވާގާ ޒުވާނުންތައް ޖެހެންފަށާފިޔެވެ. މިއީ މުޅިން ރާއްޖެއަށް އަލަށް ތައާރަފްވި އެއްޗެކެވެ. އިސާހިތަކު ނަފާއަށްވެސް ޓިކްޓޮކްގެ ހަބަރު ލިބިއްޖެއެވެ. ވަގުތުން ފޯނަށް އަޅާ އެ ދިރާސާކުރަންފެށިޔެވެ. އެންމެ ފަހަށް ނަފާއަށް ވަރަށް ޓިކްޓޮކް ކަމުގޮސްފިޔެވެ. ފުރުތަމަ ހެދި ވީޑިޔޯއަށްވެސް އެތައް ތައުރީފަކާ ކޮމެންޓްތައް އޮއްސާލާފިޔެވެ. ބެލި މީހުންގެ އަދަދު ދިޔައީ އެތައް ގުނަޔެއް މައްޗަށްށެވެ. ޓިކްޓޮކްގާ ނަފާ ވިދަންފެށީ ލައްކަ އަވަހަށްށެވެ. ހިލޭ ފިރިހެނުންނާއެކު ބޭރަށް ގޮސް ޓިކްޓޮކް ހެދުން ގިނަވެއްޖެއެވެ. ގްރޫޕްހަދާފާ އެކި ތަންތަނުންގާ ނަށާ ވީޑިޔޯތައް އެކި މީސްމިޑިޔާތަކުގާ އާއްމުވެއްޖެއެވެ. މިކަންތައް ނަފާގެ މައިންބަފައިންނަށް ކަމަކު ނުދިޔައެވެ. އެހެންކަމުން ނަސޭހަތްދޭންފެށިޔެވެ. ނަމަވެސް ބީރު ކަންފަތަކަށް އިވޭނީ ކޮން ނަސޭހަތެއްހެއްޔެވެ. ނަމާދުގަޑިޔެއް ރޯދަމަހެއް އެހެން މާތް ދުވަހެއް ނަފާއަކަށް ނޯވެއެވެ. ރީތިވެލާން މުޅިންވެސް އުޅެނީ ޓިކްޓޮކްގައެވެ. 

އެހެން ދުވަސް ދުވަހެކޭ އެއްގޮތައް މިއަދުވެސް ނަފާ އުޅުނީ ޓިކްޓޮކްއެއް ހަދާލުމަށް ތައްޔާރުވެއެވެ. ގަޑިން މައްރިބް ނަމާދުވަގުތު ޖެހި ބަންގިވެސް ގޮވަން ފަށާފިޔެވެ. ނަފާ ތައްޔާރުވެ ނިމި އޭނާގެ ރައްޓެހިން އައުމަށް އެދި ގުޅާލިޔެވެ. ނަފާގެ ރައްޓެހިން ކުޑަ ހިނދުކޮޅެއްތެރޭ ނަފާގެ ކޮޓަރިޔަށް އައިސްވަނެވެ. އެންމެން ހީ ސަކާރާތްޖަހާ ހަދަންވާ ޓިކްޓޮކް ރަވާލާފިޔެވެ. އެޔަށްފަހު އެންމެ އެކުގާ ނަށަންފަށާފިޔެވެ. ތިރީސް ސިކުންތުގެ އެ ޓީކްޓޮކް ނުނިމި އުޅެނިކޮށް ނަފާއަށް ކުއްލިޔަކަށް ގޮތްތަކެއްވާންފެށިޔެވެ. މީހާ ކުއްލިޔަކަށް ބިންމައްޗަށް ބާރަކަށް ވެއްޓިއްޖެއެވެ. ބިންމަތީއޮވެވެސް އޭނާ ދިޔައީ ނަށަމުންނެވެ. ހާސްވެފާ ތިބި އޭނާގެ ރައްޓެހިން ނަފާގެ މައިންބަފައިންނަށް ގޮވާ ގެނެއެވެ. އެއިރުގާ ނަފާގެ ހަރަކާތްތައް ހުއްޓެމުންއައެވެ. މީހަކު ތިމަންނާގެ ކަރަށް ފިއްތާލާފިޔޭ ބުނާ ކަހަލަގޮތަކަށް ނަފާ އިށާރާތްކުރަންށިޔެވެ. ނަފާގެ މޫނުމަތީ ނޫކުލަވާންށިޔެވެ. ނޭވާ ނުލެވި ތެޅެންފެށިޔެވެ. ތެޅެމުންދިޔައިރުވެސް ޖެއްސެނީ ނަށާއިރު ޖައްސާ ވައްތަރުތަކެވެ. މައިންބަފައިންނަށް މިއީ ނަފާގެ އެންމެ ފަހު ވަގުތުކޮޅުކަން އެނގި ރޮއެ ހޭރެންފަށާފިޔެވެ. ނަމަވެސް ކުރެވޭނެ އެއްވެސް ކަމެއްނެތެއެވެ. ނަފާގެ ފުރާނަ ހިއްޕަވާން މަލަކަލް މައުތު އެ ވަޑައިގަތީ ﷲ ގެ ހަޒްރަތަށްށެވެ. ކޮންފަދަ ހިތި ނުބައި ނިމުމެއްތޯއެވެ. އެއްވެސް ހެޔޮ އަމަލެއްނުކޮށް ދުނިޔެއާ ވަކިވެގެން އެދިޔައީ ގެއްލި ހަލާކުވެ ހުރި ހާލުގައެވެ. ވިސްނާލި މީހަކަށް އިބުރަތެކެވެ. މިއަދު އޭނާ ލަމުން އައި ރީތި ހެދުމުގެ ބަދަލުގާ އޭނާ ކަފުންކޮށްލެވުނީ ހުދު ފޮތިކޮޅަކުންނެވެ. އޭނާ ބޭނުން ކުރަމުން އައި އަގުބޮޑު ސެންޓްގެ ބަދަލުގާ އޭނާ ގައިގާ ލެވިގެންދިޔައީ ކާފޫރެވެ. އޭނާ ނިދަމުން އައި އަރާމު އެނދު މިއަދު ވެގެން އެދިޔައީ އޭނާގެ ސަންދޯކަށެވެ. 

ލޮބުވެތި އަހުންނާ އުހްތުންނޭވެ. ތިމާ ކުރާ ކޮންމެ ހެޔޮ އަމަލަކީ ލިޔެވޭނެ އެއްޗެކެވެ. އަދި ތިމާ ކުރާ ނުބައި ކޮންމެ އަމަލަކީ ލިޔެވޭނެ އެއްޗެކެވެ. އެހެންކަމުން ތިމާ ޓިކްޓޮކް ފަދަ މީސްމިޑީޔާތަކަށް ތިޔަ ދޫކޮށްލާ އެއްޗަކުން ތިމާއަށް އާހިރަތުގާ ހުރި ގެއްލުމާމެދު ފުންކޮށް ވިސްނާލާށެވެ. މާތް ﷲ އަޅަމެންނަށް ތެދުމަގު ދައްކަވާ ސާބިތުކަން ދެއްވާށެވެ. 

- ނިމުނީ -

 


ﷲ سُبْحَانَهُ وَتَعَالَى‎ އިންސާނާ އުފެއްދެވީއްސުރެ އެކަމާ އެންމެ ހަސަދަވެރިވީ ނުބައިވެގެންވާ ނުލަފާ އިބްލީސްއެވެ. އޭނާގެ ސަބަބުން މިއަދު އިންސާނާ މިވަނީ ސުވަރުގެއިން ނެރެވި ފަނާވަމުންދާ ދުނިޔެއަކަށްލެވިފައެވެ. މި ފަނާވަމުންދާ ދުނިޔެއަށް އަލްވަދާއުކިޔާ އަލުން އަނބުރާ ސުވަރުގެވަދެވެނޭމަގު އިންސާނާއަށް ﷲ سُبْحَانَهُ وَتَعَالَى‎ ވަނީ ދައްކަވާފައެވެ. ނަމަވެސް އެކަމަށްވެސް ހުރަސްއެޅުމުގާ ނުބައިވެގެންވާ އިބްލީސްއާ އޭނާގެ ޝައިތާނުން އަވަދިނެތިއުޅެމުން ގެންދެއެވެ.


ހާރުންއަކީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރުކޮށްލާކޮށްލާ ހުންނަ ޒުވާނެކެވެ. ވަޒީފާއަކަށް ނުދިޔަސް އަމިއްލަ ފައިމައްޗަށްވަނީ ތެދުވެވިފައެވެ. ފައިސާ ހޯދުމަށް ކުޅަދާނައެވެ. ޓުއަރިސްޓުން ގެނެސްގެން އެމީހުންނަށް ރާއްޖޭގެ ނަލަ ތަންތަން ދައްކާލަން ދިޔުމަކީ ހާރޫން ވަރަށް ހިތްހަމަޖެހޭކަމެކެވެ. ފަތިހު ތެދުވާ މީހާ ދުވަސްފަށަނީ ކަސްރަތުކޮށް މޫދަށް އެރިލާގެންނެވެ. އެއަށްފަހު ގެނެސްފާ ތިބި ޓުއަރިސްޓުންގެ ހެނދުނު ނާސްތާ ތައްޔާރުކުރުމަށް އަވަދިނެތިއުޅެމުން ގެންދެއެވެ. އެމީހުންނަށް ކާންދިނުމަށްފަހު ދުވަހުގެ ބާކީބައި ހޭދަކުރަމުންދިޔައީ އެމީހުން ގޮވައިގެން ރަށްތައް ދައްކާލުމުގައްޔާ އަދި ކުޅިވަރުތަކުގައެވެ. މިގޮތަށް ކޮންމެ ދުވަހެއްވެސް ނިމިގެންދަނީ ރޭގަނޑު 8 ޖަހާއިރުގައެވެ.


ކޮންމެއަކަސް މާތްވެގެންވާ ރޯދަ މަސް އައިސް ބޯމަތިވެއްޖެއެވެ. ރޯދަމަހުގެ ފުރުތަމަ ދުވަހު ހާރޫން ހޭލީ މެންދުރު ނަމާދަށް ގާތްވެފާ ހުއްޓާއެވެ. އަވަސްކޮށްލާގެން މިސްކިތައްދިޔައިރު މީހުންވަނީ ތޮއްޖެހިފައެވެ. ނަމާދުކުރަން ޖެހުނީ ބޭރުގާ ކަމުން އެކަމާ ހާރޫން ހުރީ ހިތްހަމަ ނުޖެހިފައެވެ. އެދުވަހުގެ އަސުރުނަމާދުގެ ހާލަތުވެސް ދިޔައީ ހަމަ އެގޮތަށްށެވެ. މައްރިބް ބަންގިޔަށް ރޯދަ ވިއްލުމަށްފަހު ހާރޫން ގޭގާ ނަމާދުކޮށްލިޔެވެ. އެޔަށްފަހު އިޝާއަށް ގޮވުމުން މިސްކިތައްގޮސް ތަރާވީސްނަމާދުވެސް ނިންމާލާގެންއައެވެ. މިގޮތަށް ފުރުތަމަ ދިހަ ދުވަސް ނިމިއްޖެއެވެ. މިހާރު ހާރޫން ހޭލަނީ ހަވީރުއެވެ. ނަމާދުމަތިން ހަނދާންވެސް ނުހުންނަނީޔެވެ. ރޯދަ ވިއްލާން ބެލެނީ މަޖާކުރެވޭތޯއެވެ. މުޅިރޭ ހަތަރުދަމު ހޭލާ އުޅުމަށްފަހު ހާރު ކައިގެން ފަތިސްނަމާދު ބަންގިޔަށް ނިދަން އޮށޯވެއެވެ. މިގޮތަށް ދެވަނަ ދިހައެއްނިމި ފަހު ދިހަޔަކަށް އަޅާފިޔެވެ. މިސްކިތްތަކުން މީހުން މަދުވެސްވާން ފަށާފިޔެވެ. ޓީވީއިން ދައްކަމުންދާ ލަވަމުބާރާތް ފަދަ ކަންކަމަށް ގެއްލި މީހުންގަނޑު ހުސްވެފާވާތަން ހާރޫންއަށް ފެންނަމުންދިޔައެވެ. ހަރޫންގެ ހިތަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އަންނަމުންދާންފަށާފިޔެވެ. އެކަނި ވަގުތުތައް ހޭދަކުރަންފެށިޔެވެ. އެއަށްފަހު އޭނާގެ ރަހްމަތްތެރިޔެއް ކަމަށްވާ އަޒީއަށް ގުޅާލިޔެވެ. އަޒީޒްއަކީ މާލޭގެ މިސްކިތެއްގެ އިމާމެކެވެ. އަހުލާގު ރަނގަޅު ގަދަރުވެރި އާއިލާއަކަށް ލިބިފައިވާ ހަމައެކަނި ފިރިހެންދަރިޔެވެ.


އަޒީޒް : އައްސަލާމް އަލައިކުމް އެކުވެރިޔާ ހާދަ ދުވަހެއްކޮށްލާފަ ތިޔަ ގުޅާލީ. ކިހިނެއްވަނީ ކަންތައްތައް؟

ހާރޫން : ވާލައިކުމް ވައްސަލާމް. ކަންތައްތައް އަދި ރަނގަޅު. ކަމަކު މި ގުޅާލީ

އަޒީޒް : އަވަހަށް ބުނެލާ.

ހާރޫން : އަހަރެންނަކީ ނަމާދާ ވަރަށް ދުރު މީހެއް. މި ރޯދަމަސް އައި ފަހުން ފުރުތަމަ ދިހަޔަކަށް ނަމާދަށް ދެވުނީ ދާހިތުން ނަމަވެސް ފަރުވާ ކުޑަކޮށް މެދު ދިހަޔެއްގާ މާބޮޑަށް ފަރުވާކުޑަވެއްޖެ. އަދި މިހާރު މިޔޮށްތީ ފަހު ދިހަޔަކަށް އަޅާފަ. އަހަރެންނަށް މިއަދު ފެނުން މިސްކިތްތަކުގެ ސަފުތައް މަދުވެފާވާތަން އަދި ގޭގޭގާ މީހުން ޓީވީތައް ބުޑުގާ ލަވަމުބާރާތްފަދަ އެއްޗެހި ބެލުމުގާ އަވަދިނެތިއުޅޭތަން. މިކަމުގެ ސަބަބުން އަހަރެންނަށް ނުތަނަވަސްކަމެއް އައިސްގެން މިއުޅެނީ

އަޒީޒް : ލޮބުވެތި އެކުވެރިޔާގެ ހިތަށް ތިފަދަ ނުތަނަވަސްކަމެއް ތިޔައައީ ހިތުގާ ކޮންމެވެސް ވަރެއްގެ އިމާންތެރިކަމެއް އޮތީމާ. އެކުވެރިޔާ ބުނަންނަ ވާހަކައެއް. އަހަރެން އެކުވެރިޔާގެ ދިރިއުޅުން ގާތުން ދެކުނިން ނަމާދަށްދާން ނެސޭހަތްދޭން މަަސައްކަތްކުރަން ވިސްނިން ނަމަވެސް އޭގެ ބަދަލްގާ އަހަރެން ދުއާކުރިން އެކުވެރިޔާއަށް ހިދާޔަތް ދައްކަވާތޯ. މިއަދު އެހެންވެ ކަންނޭގެ މި ކޯލްވެސް މަށަށް މި އައީ. އަހަރެންނަށް ބުނެދެވެން އޮތީ މިހެން. އަހަރުމެންނަކީ ކުޑަ ވަގުތުކޮޅަށް މިދުނިޔެއަށް ފޮނުވުނު ބަޔެކޭ. އަހަރުމެންނަށް އަނގަވާފާވަނީ މާތް ﷲ އަށް އަޅުކަން ކުރުމަށް. އެއީކީ މާކަށް ބުރަކަމެއްނޫން އެކުވެރިޔާ. ކޮންމެ ނަމާދަކީ އެންމެ ފަނަރަ މިނެޓް. އެކަން ޝައިތާނާ އެ ދައްކަނީ ބުރަޔަކަށް. ޝައިތާނާ އިންސާނާ ނަމާދަށް ދާން އުޅޭއިރަށް ފަހަރަކު ކަމެއް ދައްކާ މީހާ ބުރަބޮޑުކޮށްލާނެ. މިކަމަށް ވަރަށް ސަމާލުވެގެން ހުންނާތި. އަހަރުމެން އިންސާނުން ފަސްނަމާދު ކުރާއިރު ކޮންމެ ދެނަމާދެއްގެ ދޭތެރޭ ކިތައް ފާފަ ކުރެވިފާ ހުންނާނެ. އެކަމުން ސަލާމަތްވާން އޮތީވެސް ހަމަ ގަވައިދުން ނަމާދަށް ގޮސްގެންނޭ އެކުވެރިޔާ. ކީރިތި ގުރުއާންއަށްވެސް ނިކަން ވިސްނާލަބަލަ ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ސަވާބޭ އެކުވެރިޔާ. އަހަރުމެންނަށް ކިހާބޮޑު ނިއުމަތެއް މިއޮށްތީ ދެއްވާފަ. އަމިއްލަޔަށް ވިސްނާލަބަލަ އެކުވެރިޔާ. އާ އަޒުމަކާގެން މި ފަހު ދިހަޔެއްގާ ނުކުމެ ލައިލަތުލް ގަދްރި ވިލޭރޭ ހޯދަން ގަދައަޅާ މަސައްކަތްކޮށްބަލަ.

ހާރޫން : ޝުކުރިއްޔާ އެކުވެރިޔާ މިފަހަރު އަހަރެން ނުކުންނާނީ އާ އަޒުމަކާއެކުގާ.


ޖެހިގެން އައި ދުވަހު އާ އަޒުމަކާއެކު ހާރޫން ނުކުތެވެ. ފަތިސް ނަމާދު ޖަމާއަތުގެ އެންމެ ކުރީ ސަފުގާ ނަމާދުކުރިޔެވެ. އެއަށްފަހު ގުރުއާން ކިޔަވަން މަޑުކޮށްލިޔެވެ. ނިންމާލުމަށްފަހު ކުޑަކޮށް ނިދާލުމަށްފަހު މަސައްކަތާގެން ކުރިޔަށް ދިޔައެވެ. މެންދުރު ވުމުން މަސައްކަތް މަޑު ޖައްސާލުމަށްފަހު ނަމާދަށް ދިޔައެވެ. މިގޮތައް ގޮސް ހުރިހާ ނަމާދަކަށް ގަވައިދުން ދާންފެށިޔެވެ. ރޯދަމަހުގެ ފަހު ދިހަޔެއް ނިމިގެންދިޔައީ ހާރޫން އެންމެ ބޭނުންވިގޮތަށްށެވެ. އެންމެ ނަމާދެއްވެސް ވައްޓާނުލާއެވެ. ރޯދަމަސް ނިމުމުންވެސް އެގޮތުގާ ބަރާބަރަށް ހާރޫން ދިޔައީ ހިފަހަށްޓަމުންނެވެ. މިއަދު އޭނާއަކީ ގަވައިދުން ނަމާދަށް ގަޑިޔަށް ހާޒިރުވާ ޒުވާނެކެވެ.


- ނިމުނީ -

 


ކަނޑިމަތި އެޅުމުގެ ހާދިސާތަކަކީ ހިނގާ ކަންކަމެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުސުރެ މިއަދާ ހަމަޔަށްވެސް މިފަދަ ހާދިސާތައް އަންނަނީ ހިނގަމުންނެވެ. މިފަދަ ކަމަކުން ސަލާމަތްވެތިބުމަށް އޮތީ އީމާންތެރިކަން ވަރުގަދަކުރުމެވެ.


އަލިބެއްޔާއަކީ މަސްވެރިޔެކެވެ. އޭނާއާއެކު އޭނާގެ އެކުވެރި ތައްޙާން ބެއްޔާ އަބަދުވެސް މަސްވެރިކަމުގާ ބައިވެރިވެއެވެ. ތައްޙާން ބެއްޔާ އަބަދުވެސް އަލިބެއްޔާއާ ސަމާސާކުރެއެވެ. މަސްބާނަމުންދާއިރު ބައެއްފަހަރު ޖެއްސުންކޮށްލުމުގެ ގޮތުން ފައިންޖަހާ ކަނޑަށްވެސް ވައްޓާލައެވެ. ނަމަވެސް އަލިބެއްޔާއަކީ މަޑުމައިތިރި މީހެއްކަމުން ތައްޙާން ބެއްޔާގެ އެ ސަމާސާ އަބަދުވެސް ހިތުއަޑިން ގަބޫލްކޮށް މައާފްކުރެއެވެ.


ދުވަސްތައް ފާއިތުވެގެންގޮސް ރަށުގެ މަސްދޯނި އެހެލާފިޔެވެ. ރަށަށް މަސްލިބުންވެސް ދަތިވެއްޖެއެވެ. ރަށު ރައްޔިތުން ގޮނޑުދޮށްތަކަށް ނުކުމެ ފަރުމަސް ބާނަން މަޖުބޫރުވިޔެވެ. އަލިބެއްޔާއާ ތައްޙާން ބެއްޔާ އެއްބަސް ކިޔާން މެދު މިނުގެ ކުޑަ ދޯންޏެއް ބަނުމުގެ މަސައްކަތްފެށިއްޖެއެވެ. ބަރާބަރު ތިންމަސްތެރޭގާ ދޯނި ނިންމާލާފިޔެވެ. ދެމީހަކަށް ދަތުރުކުރެވޭ އެ ދޯންޏަށް ރިޔަލަކާ އެއްޗެހި ހަދިޔާކުރީ އަލިބެއްޔާގެ ޅިޔަނެއްކަމުގާވާ ބަކުރެވެ. މޫސުމަށް ބެލުމަށްފަހު ދޯނި ބާލާގެން ފުރުތަމަ ދަތުރު އަލިބެއްޔާއާ ތައްހާން ބެއްޔާ ކުރަންފެށިޔެވެ. ކައިރީގާ ވާ ފަޅުރަށްތައް ކައިރިން ވަދު އަޅާލަން ދުވާލުމުން ލައްޓި އަދި ކުރުމަސްގެ އިތުރުން ތޮޅިފަދަ ސާމާނު ކާމިޔާބުކަމާއެކު ބޭނުނެވެ. މަސްކޮޅު ވާވަރަށް ބޭނުމުން އަނބުރާ ރަށަށް އައިސް ރައްޔިތުންނަށް ހުރިހާ އެއްޗެއް ބަހާލިޔެވެ. އެއަށްފަހު ޖެހިގެން އައި ދުވަހުވެސް ހަމަ އެގޮތައް ދިޔައެވެ. ވަރަށް ކާމިޔާބެވެ. މިގޮތައް އެތައް ދަތުރެއް ކުރުމަށްފަހު ތައްޙާން ބެއްޔާ އަލިބެއްޔާއަށް ރޭގަނޑު މަހަށް ދިޔުމަށް ލަފާދިނެވެ. މިކަމާ އަލިބެއްޔާ އެއްބަސްވެ ދެމީހުން ހަވީރު ފުރާފިޔެވެ. ފަޅުރަށްތައް ކައިރީ ދުއްވާލުމަށްފަހު ފަރު ކައިރިޔަށް ނަގިލި ވައްޓާލުމަށްފަހު ދެމީހުން މަސްވެރިކަމާގެން ކުރިޔަށްދިޔައެވެ. އިރުކޮޅަކުން ކައިރިން ފެންނަން އޮތް ފަޅުރަށް މަތިން އަލިގުޅަޔެއް ދަތުރުކުރިތަން ފެނިގެންދިޔައެވެ. ތައްޙާން ބެއްޔާ އެވާހަކަ އަލިބެއްޔާ ގާތު ބުނުމުން އެކަމާ އަޅާ ނުލުމަށް އަލިބެއްޔާ ބުނެލިޔެވެ.


ވަރުގަދަޔަށް މަސްގަންނަ ގަޑި ޖެހިއްޖެއެވެ. ރަތް މަހާ އެކި ޒާތުގެ ބޮޑެތި މަސް ފޯރިޔާއެކު ދެމީހުން ދިޔައީ ބާނަމުންނެވެ. ވަގުތު ދިޔަގޮތްވެސް ނޭނގި މެންދަމު އަތަށް އަޅާފިޔެވެ. ކުއްލިޔަކަށް ފެނުނީ ކައިރީ އޮތް ފަރުމަތީ ރެދަންލާ ދިއްލާލިތަނެވެ. އެޔާއެކު ފަރުހަކި ވަސްގަނޑު ވަރަށް ގަދަވެގެންދިޔައެވެ. ފަރުމަތިން އަލިގަނޑެއްވެސް އަރާފިޔެވެ. ދެން ފެނިގެން ދިޔައީ ރަން ކުލައިން ދިއްލިފާވާ އެއްޗެއް ފަރުމަތީ ހިނގަމުންދިޔަތަނެވެ. އަލިގަދަ ކަމުން އެއް އެއްޗެއްގެ ސިފަ ރަނގަޅަށް ނުވެސް އެނގެއެވެ. ފަރުގެ އެއްކޮޅު އަނެއްކޮޅަށް އެ އެއްޗެއް ދިޔައީ މަޑު ދުވެލީގައެވެ. އޭތީގެ މާނޭވާ ލާ އަޑު ރީއްޗަށް އަލިބެއްޔާއާ ތައްހާން ބެއްޔާއަށް އިވެއެވެ. މިއީ ގޯހެއްކަން އެނގި ދެމީހުން އަވަހަށް މަސްބޭނުން ހުއްޓާލުމަށްފަހު އަވަހަށް ނަގިލި ނަގާ ރިޔާ ނަގާން ދަތުރު ރަށާ ދިމާލަށް ފަށާގަތެވެ. ފަޅުރަށްތައް ކައިރިން ދިޔައިރު އިވެމުންދިޔައީ ކުޑަކުދިން ރޯއަޑާ ބިރުވެރި ނާމަން އަޑުތަކެވެ. ތައްހާން ބެއްޔާއާ އަލިބެއްޔާ ދެފަރާތަށް ބަލަ ބަލާ ތިއްބާ ފާހަގަވީ ދޯނި ކުރިޔަށް ނުދާކަމެވެ. ދޯނީގެ ތިރިވަނީ ރަންކުލައިން ދިއްލިފައެވެ. ފަރުވަސް ވަރަށްވެސް ގަދަވެއްޖެއެވެ. ދޯނީ ފަހަތުގާ އިން ތައްޙާން ބެއްޔާ ސިއްސާން ދިޔައީ އޭނާގެ އަތުގާ އެއްޗެއް ހިފުމުންނެވެ. އެ ހިފި އެއްޗެއްގެ އަތުގާވަނީ ރަންކުލައެވެ. ތޫނު ވަކިތައްހުރީ ނުކުމެފައެވެ. އެހާމެ ހަންގަނޑު ލޮންޖެވެ. ތައްޙާން ބެއްޔާ ބަލަން ނުއިންދެ ކައިރީ އޮތް ވަޅި ނަގާ އެ އަތަށް ހަރާލިޔެވެ. އެޔާއެކު ބާރު އަޑުފައްގަނޑަކާއެކު އެއް އެއްޗެއް ހަޅޭއްލަވާގަނެ ތައްހާން ބެއްޔާ އަތުން ދޫކޮށްލުމަށްފަހު ކަނޑުތެރެޔަށް ގެއްލުނެވެ. އިސާހިތަކު ދޯނިވެސް ކުރިޔަށް ދާންފެށިޔެވެ. ރަށާ ހަމަޔަށް ދެވުންއިރު ފަތިސްވާން ކައިރިވެއްޖެއެވެ. ރަށު ރައްޔިތުން ތިބީ ކަންބޮޑުވެގެން ނުކުމެއެވެ. އަލިބެއްޔާމެން ދޯނި އައިސް ލެފުމުން އެންމެންގެ ޝަކުވާތައް ބަންޑުންކޮށްލިޔެވެ. އިރުކޮޅަކު އިނދެލުމަށްފަހު އަލިބެއްޔާ ހުރިހާ އެއްޗެއް ކިޔާދިނެވެ. ރައްޔިތުން އެވާހަކަ އަޑުއަހާފާ ވަރަށް ބިރުވެސްގަތެވެ. އަދި ރޭގަނޑު މަހަށް ނުދިޔުމަށް އަލިބެއްޔާއަށް އާދޭސްކުރިޔެވެ.


ދުވަސްގަނޑަކަށްފަހު ތައްޙާން ބެއްޔާ ކުއްލިގޮތަކަށް ބޮޑު ބައްޔެއް ވެއްޖެއެވެ. ހަކީމަކަށް ދެއްކުމަށް ދަތުރުކުރުމަށް ރަށުގެ މަސްދޯނިވެސް ބަލާފިޔެވެ. އޭގެން ތައްޙާން ބެއްޔާ ގޮވާގެން ދަތުރު ފެށުނީ ހަވީރުއެވެ. ދަތުރު ކުރަމުން ގޮސް އިރުއޮއްސި އަނދިރިވެއްޖެއެވެ. ހަކީމްވެރިޔާގެ ރަށް ފެންނަ ހިސާބަށް އާދެވުނުތަނާ ތައްހާން ބެއްޔާ ކުއްލިޔަކަށް ހާލުބޮޑުވެ ނޭވާ ހާސްވެގެންގޮސް މަރުވެއްޖެއެވެ. ކުރިޔަށް ދިޔުން ނޫން އިތުރު ގޮތެއް ނެތި ދޯނި މިސްރާބް ބެހެއްޓި ހަކީމްވެރިޔާގެ ރަށަށްށެވެ. ކުއްލިޔަކަށް ވާރޭވެސް ވެހެންފެށިޔެވެ. ކަނޑުމަތި ގަދަވާންފެށިޔެވެ. އަދި ކުރިން ނުފެންނަ އެތައް ފަރުތަކެއް ދިއްލިފާ ހުންނަތަން ފެންނަންފެށިޔެވެ. ދުއްވަން ހުރި އަލިބެއްޔާއަށް މިއީ ގޯހެއްކަން އެނގި ވެހެމުންދިޔަ ވާރޭގެ ރަހަ ބަލާލިޔެވެ. ވާރޭގާ ލޮނުރަހަށް ހުރުމުން އަލިބެއްޔާ ވަރަށް ހައިރާންވިޔެވެ. އިރުގަނޑަކަށްފަހު ކަނޑު މަޑުވެއްޖެއެވެ. ރަށް އޮތީ ހަމަ އޮތް ހިސާބުގާ ފެންނާށެވެ. ދޯނި ކުރިޔަށް ދާހެނެއް ހިޔެއްނުވެއެވެ. މިހެއް ތިއްބާ ކަނޑު އަޑިން ކަފުންކޮށްފާވާ ގަބުރުތައް ފެނުމައްޗަށް އަރަންފެށިޔެވެ. ނާމާން އަޑުތައް އިވެންފެށިޔެވެ. މަރުވެފާވާ ތައްހާން ބެއްޔާގެ ހަށިގަނޑު ކުޑަކޮށް ގުޑާލިހެން ހީވެގެން ހަށިގަނޑު ކައިރީ ތިބި އެންމެން ފަހަށް ޖެހިގަތެވެ. ތައްހާން ބެއްޔާގެ ދެލޯ މަޑުމަޑުން ހުޅުވުނެވެ. ދެލޮލުގެ ކުލަވަނީ ރަންކުލައިން ދިއްލިފައެވެ. މަޑު މަޑުން ކޮޅަށް ތެދުވެ ދެފަރާތަށް ކަނދުރާ އަނބުރާލިޔެވެ. ތައްހާން ބެއްޔާގެ އަތުގެ އިނގިލިތަކުން ތޫނު ވަކިތަކެއް ނުކުތްތަން އެންމެންނަށް ފެނިގެންދިޔައެވެ. ކުއްލިޔަކަށް އައިސް އެންމެ ކައިރިން އަތުޖެހެން ހުރި މީހާ އަތުކޮށް އޭނާ ކަރުގާ ވަކިއަޅާ މަރާލުމަށްފަހު މޫދަށް އެއްލާލިޔެވެ. އެއަށްފަހު ދެން ތިބި އެންމެންނާ ދިމާކުރުމުގެ ކުރިން އަލިބެއްޔާ އަޑުގެ ނެތްކޮޅަށް ބަންގި ގޮވަން ފެށިޔެވެ. އިސާހިތަކު ތައްޙާން ބެއްޔާ ބިރުވެރި އަޑަކުން ހަޅެއްލަވާގަތުމަށްފަހު ކަނޑަށް ފުންމާލާގެންގޮސް ގެއްލުނެވެ. އިސާހިތަކު ދޯނިވެސް ކުރިޔަށް ދާންފެށިޔެވެ. ހަކީމްވެރިޔާގެ ރަށަށް ލެފުމާއެކު މީހުންގަނޑު ރޮއެ ހޭރެން ފެށުމުން ރައްޔިތުން އައިސް ކީއްތޯވީ ބަލާ ސުވާލުކުރަން ފެށުމުން ހާދިސާ ހިނގިގޮތް ކިޔާދިނެވެ. އެހިސާބުން އެރަށުގާ މަސްދުވަސް ވަންދެން ދޯނި މަޑުކުރަން އެންގިޔެވެ. ކިޔެވެލި ކިޔަވާ މީހުން ކިޔެވެލި ކިޔެވުމަށްފަހު އިތުރަށް އެއްމަހު މަޑުކުރުވާފާ ދޯނި ފުރުވާލިޔެވެ. ސަލާމަތުން އަލިބެއްޔާމެން ރަށަށް އާދެވުމުން ހުރިހާ އެއްޗެއް ރަށު ރައްޔިތުންނަށް ކިޔާދިނެވެ. އެހިސާބުން ރަށު މީހުންގެ އިމާންތެރިކަން ވަރުގަދަ ކުރުމަށް ގަދައަޅާ މަސައްކަތްތައް ފެށުނެވެ. ލިބު ކޮންމެ ދީނީ ތައުލީމެއް އެރަށު މީހުން ދިޔައީ ހާސިލްކޮށް އެޅުނު ރައްކާތެރި ފިޔަވަޅެއް އަޅަމުންނެވެ.


ހާދިސާ ހިނގިތާ ފަސް އަހަރުފަހުން އަލިބެއްޔާއާ އޭނާގެ ޅިޔަނެއް ރޭގަނޑު މަސްވެރިކަމަށް ނުކުތެވެ. ފަރު ކައިރީ މަސްބާނާލަން ތިއްބާ ޅިޔަނަށް ފަރުމަތިން މީހަކު ފެންނަ ވާހަކަ އަލިބެއްޔާ ކައިރީ ބުންޏެވެ. އަލިބެއްޔާ ބަލާލިއިރު ފަރުމަތީގާ އެއްކޮޅުން އަނެއްކޮޅަށް ހިނގަމުންދާތަން ފެނުނީ ތައްޙާން ބެއްޔާއެވެ. ނަމަވެސް އެއީ ތައްޙާން ބެއްޔާއެއް ނޫންކަން އަލިބެއްޔާއަށް އެނގި ޅިޔަނު ކައިރީ ކިޔުނު ހެޔޮ އެއްޗެއް ކިޔަން އަންގާ ދޯނި އޮތް ތަނުން ނަގާން ރަށާ ދިމާލަށް މިސްރާބުޖެހިޔެވެ.


- ނިމުނީ -


ނޯޓް : މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް އިތުރު ބައިތައް ލައިގެން ލިޔެވިފާވާ ވާހަކައެކެވެ.

 


މައިންބަފައިންނަކީ ރަން މުތެކެވެ. އެމީހުންނާ ދެތެރޭ ހެޔޮކޮށް ކަންތައް ކުރަން ލޮބުވެތި ރަސޫލާވެސްވަނީ އަމުރު ކުރައްވާފައެވެ. އަދި ކީރިތި القرآن‎ ގާވެސް ވަރަށް ސާފުކޮށް އެކަންވަނީ ބަޔާންކޮށްފައެވެ.


މުއާޒުއަކީ ޒުވާނެކެވެ. މަންމައާ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ކިޔެވުމަށް މޮޅެވެ. މުއާޒު ބުނި ކޮންމެ އެއްޗެއް އެމީހުން މުއާޒުއަށް ހޯދާދެއެވެ. އެމީހުންގެ ރަންދަރި ހިނދުކޮޅަކަށްވެސް ލޯމަތިން ގެއްލިއްޖެނަމަ އެހާމެ ކަންބޮޑުވެއެވެ. އެހާވެސް ލޯބިޔެވެ. ނަމަވެސް މައިންބަފައިންގެ ކިތަންމެ ލޯބި ލިބުނަސް މުއާޒުއަކީ ދީނީ ކަންތައްތަކަށް ވަރަށް ފަރުވާކުޑަ ޒުވާނެކެވެ. މައިންބަފައިންނަށް ލިބޭ އެއްޗަކުން އެތައް ހަރަދެއް އިސްރާފްވެސްކޮށްލަނީ އެއްޗެއް ހިތަށްވެސް ނާރާހާ އަވަހަށްށެވެ. ރައްޓެހިންނަށް ކުރާ ހަރަދު އެތައް ގުނަޔެއް ބޮޑުވެގެންދެއެވެ. އަބަދުވެސް ފަހުގެ ޓެކްނޯލޮޖީ ގެންގުޅެން ބޭނުންވެއެވެ. މިފަދަ ގޮތަކަށް އުޅެމުން އައި ޒުވާނާއާމެދު އޭނާގެ މައިބަފައިން ވަރަށް ކެތްތެރިވިޔެވެ.


ދުވަސްތައް ފާއިތުވެގެންގޮސް މުއާޒުވެސް އަމިއްލައަށް ފެނިގެން ވަޒީފާގެ މާހައުލަށް ނުކުމެއްޖެއެވެ. ދެ އަހަރުތެރޭގާ އޭނާއަށް ލިބެމުން އައި އާމްދަނީ ބޮޑުވެސް ވެއްޖެއެވެ. ނަމަވެސް އެ ލިބެމުން އައި އެއްޗަކުން މައިންބަފައިންނަށް ޒައްރެއްގެ މިންވަރުވެސް ދިއްކޮށްނުލައެވެެ. މަންމައާ ބައްޕަ ބަލިވިޔަސް މާކަށް ބޮޑު ސަމާލުކަމެއްވެސް ނުދެއެވެ. މުއާޒު އުޅެމުން އައީ އޭނާ ހިތުހުރި ގޮތަކަށްށެވެ. ލޯބިދެމުން އައި މައިންބަފައިންނަކީ މުއާޒު ލޯ ކުރިމަތީ މިހާރަކު މާކަށް ބޮޑު އެއްޗެއް ނޫނެވެ. އަނގައިން ވެސް ބުނެއުޅެނީ ވަރަށް މަދުންނެވެ. މިކަމާ ހިތާމާކޮށްކޮށް ބައްޕަ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ބައްޕަގެ ބޭސްފަރުވާ ކަންތަކަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް މުއާޒު ނުދެއެވެ. އެންމެ ފަހަށް ބަލިހާލު ބޮޑުވުމުން މަންމަ ފަހަށް ހައްޖަށް ދިޔުމަށް ރައްކާކޮށްފާހުރި ހުރިހާ ފައިސާއެއް ނަގާގެން ބައްޕަޔަށް ބޭސްފަރުވާކުރިޔެވެ. ފުރާނާ ސަލާމަތްވީ ހަމަ ކިރިޔާއެވެ.


ދުވަސްތައް ފާއިތުވެގެންގޮސް މުއާޒު އަލަތު ކައިވެނިވެސްކޮށްފިޔެވެ. އިނދެގެން އައި މީހާ މައިބަފައިންނަށް ވަރަށް ހެވެވެ. މުއާޒުއަށް މައިބަފައިންނަށް އަޅާލުމަށް އަބަދުވެސް ނަސޭހަތްދެމުން ގެންދެއެވެ. މިކަން މުއާޒުއަށް ވެގެންދިޔައީ ވަރަށް ބޮޑު އުނދަގުލަކަށްށެވެ. އަނބި މީހާ ދިން ހެޔޮ ނަސޭހަތް އޭނާއަށް ފެނިގެންދިޔައީ ވިހައެއްގޮތުގައެވެ. އެހެންކަމުން ގިނަދުވަސްތަކެއް ނުކޮށް ވަރިވެސްކޮށްފިޔެވެ. އިހާނެތިކޮށް ގެއިން ނެރެ އެއްލާލިޔެވެ. ދާނެތަނެއް ނެތް ނިކަމެތި އެ އަންހެނާއަށް އެހީވީވެސް މުއާޒްގެ މައިންބަފައިންނެވެ. ކޮންމެޔަކަސް އެތައް ދުވަހެއް ފަހުން މުއާޒު ދެވަނަ ކައިވެންޏެއްކޮށްފިޔެވެ. އިން މީހާއަކީ މުއާޒުއާ ހެދި ހޭބަލިވެފާ ހުންނަ މީހެއްކަމުން އޭނާ ބޭނުންވީ އެ ދެމީހުން އެކަނި އެގޭގާ އުޅޭށެވެ. އަދި މުއާޒުގެ މައިންބަފައިން އެގެއިން ނެރެލުމަށް ކޮންމެ ރެޔަކުމެ އެ އަންހެންމީހާ ދިޔައީ މުއާޒުގެ ހިތަށް ވަސްވާސްދެމުންނެވެ. އެންމެ ފަހަށް މުއާޒު މައިންބަފައިން ކައިރީ އެގެއިން ނުކުންނަން ބުންޏެވެ. ނަމަވެސް އެކަމާ މައިންބަފައިން ދެކޮޅުހެދިޔެވެ. އަދި ބޮޑު އަރާރުމަކަށްވިޔެވެ. މި އަރާރުން މާރާމާރީއަކަށް ބަދަލްވެ މުއާޒުގެ ބައްޕަ ކޮއްޕާލިވަގުތު ގޮސް ސިޑިން ވެއްޓި ފައި ބިންދާންދިޔައެވެ. ހިތާމާގެ ކޮޅެއް ނެތެވެ. އެންމެ ފަހަށް މަންމަ ހަދާނެ ގޮތް ހުސްވިޔެވެ. މަޖްބޫރުވެގެން އެގެއިން ނުކުންނަން ޖެހިޖެއެވެ. ވަންނާނެ ތަނެއް ނެތި މަގުމަތިވެއްޖެއެވެ. ނަސީބު ދިމާކުރި ގޮތުން ތިމާގެ މީހަކާ ދިމާވެ ހިޔާވަހިކަމެއް ލިބުނެވެ. އޭގެ ކުޑަދުވަސްކޮޅެއް ފަހުން ބައްޕަ މަރުވެ މަންމަ އެކަނިވެރިވެއްޖެއެވެ. ގެންދިޔަ ތިމާގެ މީހާގެ ފަރާތުންވެސް ލިބެމުން އައި އޯގާތެރިކަން ނެތެންފަށާފިޔެވެ. އެގެއިންވެސް ނުކުންނަން މަޖްބޫރުވެއްޖެއެވެ. އެންމެ ފަހަށް އެކަނިވެރިވެ އެ މަންމަ މަގުމަތީ ސަލާންޖަހަން އިށީންނަން ޖެހުނެވެ.


ދުވަސްތައް ފާއިތުވެގެން ގޮސް އެއްދުވަހަކު ސަލާން ޖަހަން މަގުމަތީ އިން މަންމަގެ އަތުގާ އައިސް ހިފީ ކުރިން މުއާޒު އިން އަންހެނުންނެވެ. މިހާރު އޭނާ އުޅެނީ އެހެން ކައިވެންޏެއްކޮށް ވަރަށް އުފަލުގައެވެ. މަންމަ ފެނިފާ އޭނާ ވަރަށް ދެރަވިޔެވެ. އަދި އޭނާގެ ބެލުމުގެ ދަށަށް މަންމަ ގެންދިޔައެވެ. އޭގެ ދެ ހަފްތާފަހުން މުއާޒު ކުރީގެ އަންހެނުންނަށް މުއާޒު ގުޅިޔެވެ. އަދި އޭނާ ބިކަވެ ނިކަމެތި ވެއްޖެ ހަބަރުދިނެވެ. އަންހެންމީހާ ވަގުތުން ގޮސް މުއާޒުގެ މަންމައަށް ހުރިހާ އެއްޗެއް ކިޔާދިނުމަށްފަހު މުއާޒުއަށް ގުޅާ ގެނެސް މަންމައާ ބައްދަލްކުރުވިޔެވެ. މަންމަ ފެނުމާއެކު މުއާޒު ލޯ ފެންކަޅިވިޔެވެ. އަދި ކުރެވުނު ކަންތަކަށް މައާފްއަށް އެދުނެވެ. އެއަށްފަހު އޭނާ އިނދެގެން އައި މީހާގެ ހަގީގަތް މަންމައަށް ކިޔާދިނެވެ. އެއީ މަސްތުވާތަކެތި ބޭނުންކުރާ ބޮޑު މަކަރުވެރިޔެއްކަން ބުންޏެވެ. އަދި ގޯތި އަތުލަން މަސައްކަތްކުރުމުން މުއާޒު އެކަމާ ދެކޮޅު ހެދުމުން ބިރުދައްކަން އުޅުން ވާހަކަވެސް ބުންޏެވެ. އޭނާ ކިބައިން ސަލާމަތްވީ މުއާޒްގެ އަތުގާ ހުރި ހުރިހާ އެއްޗެއް ދިނުމަށްފަހުކަން ބުންޏެވެ. މިހާރު ހަމައެކަނި އަތުގާ ހުރީ ގޯތި އެކަނިކަމުން މަންމައާ އެކު އަނބުރާގޮސް އަލުން ދިރިއުޅުން ފައްޓަން ބޭނުންވާކަން ބުނެ އާދޭސްކުރަން ފެށިޔެވެ. މަންމަ މުއާޒުއަށް މައާފްކޮށް އަނބުރާ ގެޔަށް ދިޔައީ އުފަލާއެކުގައެވެ. އެއް އަހަރުތެރޭ ދިން އޯގާތެރިކަމާއެކު މުއާޒްއަކީ ބަދަލްވެފާވާ ޒުވާނެއްކަން މަންމަ ގަބޫލްކުރިޔެވެ. މިހާރު މަންމައަށް މާމަ ކިޔާފަ ގޮވާލާނެ ކުއްޖަކު އޮންނާތީ އެކަމާ މަންމަ ވަރަށް އުފާކުރެއެވެ.


- ނިމުނީ -

 


އިންސާނާ ދުނިޔެއަށް ފޮނުއްވާ ދުވަހުން ފައްޓާން އެކި ބަލިތައް އޭނާގެ ހަށިގަނޑުގާ އަށަގަންނަން ދިމާކުރެއެވެ. މި ބަލިތަކުން ދިފާއުކުރުމަށް އެންމެ ތުއްތުއިރުން ވެކްސިންވެސް ދެމުންގެންދެއެވެ. ނަމަވެސް ބައެއް ބޭސްތަކުން އިންސާނާއަށް ފަރުވާނުލިބި އުންމީދުކަނޑާލާ ހިސާބަށްވެސް ގޮސްފާ އެބަހުއްޓެވެ. އެފަދަ ދަނޑިވަޅެއްގާ ގިނަ އިންސާނުންނަށް ހެއްދެވިފަރާތްމަތިން ހަނދާންވެސްވެއެވެ. އަދި މާތް ﷲ ބާއްވާލެއްވި ފޮތާ ދިމާލަށް ދުއްވާވެސްގަންނަ މީހުން މަދެއްނޫނެވެ.


ކޮރޯނާ ބަލި ދުނިޔެއަށް ފެތުރި މީހުންތައް ބަލިވެ މަރުވަމުންދާ ހަބަރު ލައްކަ ބާރަށް ފެތުރެން ފަށާފިޔެވެ. މި ބައްޔަކީ ފުއްޕާމޭޔަށް އެތައް ގެއްލުމެއްދޭ ވަރުގަދަ ބައްޔެކެވެ. މި ބަލި ޖެހޭ މީހުން ގިނަފަހަރަށް ވެންޓިލޭޓަރަށްވެސް ލައިގެން ސަލާމަތްނުވެއެވެ. މި ބައްޔަށް އެތައް ރައްކާތެރި ފިޔަވަޅެއް އެޅިޔަސް ފަރުވާ ކުޑަ އިންސާނުންގެ ސަބަބުން މި ބަލި އިތުރަށް ބާރަށް ދިޔައީ ފެތުރެމުންނެވެ. ޒާހިރުއަކީވެސް ހަމަ އެފަދަ މީހެކެވެ. އޭނާއަކީ ކޮރޯނާގެ ކުރިން ވަރުގަދަ ރެސްޓުއަރެންޓްއެއް ހިނގަމުން އައި މީހެކެވެ. ޒާހިދު މުއްސަނދިވެފާވަނީ އެތަނުގެ ސަބަބުންނެވެ. އެ މުއްސަނދިކަމުގާ އޭނާވަނީ ހެއްދެވި ފަރާތްމަތިން ހަނދާންވެސް ނައްތާލާފައެވެ. ކޮންމެޔަކަސް ކޮރޯނާ މާލެޔާ ހަމަޔަށް އައުމުން ޒާހިދުއަށް ގެއްލުންތައްވަމުންދިޔައީ އަމަށަކު ވަރަކަށް ނޫނެވެ. ސަރުކާރުން ރެސްޓުއަރެންޓްތައްވެސް ބަންދުކުރަން އަނގާފިޔެވެ. މިކަމަށް ޒާހިރު ބޯނުލަނބާ ހުއްޓި އެންމެ ފަހަށް ކަމާ ބޭހޭ ފަރާތުން އައިސް އިންޒާރުދީ އެތަން ބަންދުކުރިޔެވެ. އެކަމާ ޒާހިދު ވަރަށް ހިތްހަމަ ނުޖެހުނެވެ. އެހެންކަމުން ވަގުވަގަށް މީސްމީޑިޔާގާ ޕޭޖްއެއް ހުޅުވާން ޓޭކްއަވޭ ހިދުމަތްދޭކަމަށް އިއުލާންކުރިޔެވެ. އެއާއެކު ޒާހިދުއަށް އެތައް ކޯލްއަކާއެކު އެތައް ފައިދާއެއްވާންފެށިޔެވެ.


ދުވަސްތައް ފާއިތުވެގެންގޮސް އެންމެ ފުރުތަމަ ކޮރޯނާ ބަލީގެ ޝިކާރައަކަށްވީ ޒާހިރު ތަނުގާ އުޅޭ ކާތަކެތި ގެންގޮސްދޭ ކުއްޖާއެވެ. އެހެންކަމުން ޒާހިރު އޭނާއަށް ގޭގާ މަޑުކުރުމަށް އެނގިޔެވެ. އެޔަށްފަހު އިތުރު މީހެއް ނެތުމުން ޒާހިރު އަމިއްލަޔަށް ކާތަކެތި ގެންދަން ނުކުތެވެ. ގޭގެޔަށް ވަންނައިރު ބައެއް ފަހަރު ހުންނަނީ މާސްކް ނަގާންނެވެ. އަތަށް އެއްވެސް އަނގިޔެއް އެއްޗެއްވެސް ނުލައްވައެވެ. މިހެން އުޅުމުގެ ތެރޭގާ ގެޔަކަށް ކާތަކެތި ގެންދިޔަވަގުތު ޒާހިރު ކައިރިން ދިޔަ މީހަކު ވަރަށް ގަދަޔަށް ކެއްސާ ކިނބިހި އަޅަމުންދިޔައެވެ. އެއިރުގާ ޒާހިރު ހުރީ މާސްކްވެސް ތިރިކޮށްލާންނެވެ. އަވަސް އަވަހަށް މާސްކް މައްޗަށް ހިއްލާލުމަށްފަހު ޒާހިރު ގޮސް ކާތަކެތި ހަވާލުކުރުމަށްފަހު އެރެޔަށް ނިންމާލިޔެވެ. ފައިސާތައް ގުނާ ނިންމުމަށްފަހު މުވައްޒިފުންގެ އުޖޫރަދީ ނިންމާލިޔެވެ. އެޔަށްފަހު އެންމެން ގެޔަށް ފޮނުވާލިޔެވެ.


އޭގެ ހަފްތާއެއް ފަހެވެ. ޒާހިރު އާދަޔާ ހިލާފަށް ބަލިވާންފެށިޔެވެ. ނޭވާ ލާންވެސް އުނދަގޫވާން ފައްޓާފިޔެވެ. ރަނގަޅަށް ނިދެނީކީނޫނެވެ. ހުންވެސް އެހާ ގަދަޔެވެ. ހޮޑުވެސް ލެވެންފެށިޔެވެ. އެންމެ ފަހަށް ރޯގާ ވަރުގަދަވެ ބޮލަށް ތަދުވެ މީހާ ނުތެދުވެވޭ ވަރުވެއްޖެއެވެ. އެންމެ ފަހަށް އެޗްޕީއޭއަށްވެސް ގުޅާފިޔެވެ. އެދުވަސްވަރަކީ އެޗްޕީއޭވެސް އެންމެ ބުރަ ދުވަސްވަރުކަމުން މީހުން ފޮނުވަން އެމީހުންވެސް ވަރަށް މަސައްކަތްކުރިޔެވެ. ގިނައިރުވާ ވަރަކަށް ޒާހިރުގެ ކެތްތެރިކަން ދިޔައީ ކޮޅުން ލަމުންނެވެ. އެތައް ފަހަރަކު ގުޅާ ހާލަތު ކިޔާދެމުންދިޔައެވެ. އެންމެ ފަހަށް ފަތިސްވެއްޖެއެވެ. ބަންގި ގޮވާ އަޑު ޒާހިރު ކަންފަތުގާ ޖެހުނެވެ. މިއޮށް ހުރިހާ ދުވަހު ސަމާލުކަން ނުދިން އެ ގޮވާލުމަށް މިއަދު ޒާހިރު ސާމާލުކަންދީ ތެޅިގަނެފިޔެވެ. ގަދަކަމުން ތެދުވެގެންގޮސް ފާހާނާއަށްވަދެ ވުލޫކޮށްލާފިޔެވެ. އެއަށްފަހު ގޮނޑިޔެއްގާ އިށީނދެ ނަމާދުކުރަންފެށިޔެވެ. ނަމާދުކުރަން ފެށުމާއެކު ޒާހިރުގެ އުނދަގޫތައް ދިޔައީ ލުއިވަމުންނެވެ. ނަމާދުކޮށް ނިމިގެން ލިބުނު ކުޑަ ލުޔާއެކު މީގެ ކުރިން ހިރަފުސްކުރަން ބާއްވާޕައޮތް ހަތިމްވެސް ނަގާ ކިޔަވަން ފައްޓާފިޔެވެ. ކިޔަވަމުންދާވަރަކަށް ހަށިގަނޑަށް ދިޔައީ ލުއިކަން ލިބެމުންނެވެ.


ހަށިގަނޑަށް ލުއިކަން ލިބުމުން ޒާހިރުއަށް ކޮންމެވެސް ވަރަކަށް ނިދީގެ އަރާމުވެސް ލިބިގެންދިޔައެވެ. ނަމަވެސް އިރުކޮޅަކުން ހޭލެވުނީ އެޗްޕީއޭ މީހުންގެ ޓަކީގެ އަޑަށްށެވެ. ޒާހިރު އެމީހުންނާއެކު ގެންދެވި ފަރުވާދޭންފެށުނެވެ. ޒާހިރުއާ ގާތުން މީހަކުވެސް ދިޔައީ ފަރުވާ ދެވެމުންނެވެ. ދެމީހުން އިސާހިތަކު އެކުވެރިކަން އާލާވެއްޖެއެވެ. އެކަކު އަނެކަކަށް ކޮރޯނާ ޖެހުނުގޮތް ކިޔާދީހެދިޔެވެ. ނަމަވެސް މިއަދު ޒާހިރުގެ އާ ރަހްމަތްތެރިޔާގެ ހާލު ކުއްލިޔަކަށް ހަމަ ގޯސްވިޔެވެ. ޑޮކްޓަރުން ދުވެފާ އައިސް އެމީހާއަށް ފަރުވާދޭން އެތައް މަސައްކަތެއްކޮށް ވެންޓިލޭޓަރުވެސް ގުޅާފިޔެވެ. ނަމަވެސް އެންމެން ކުރިމަތީ އޭނާގެ ފުރާނަ މިދުނިޔެއާ ވަކިވެގެންދިޔައެވެ. ޒާހިރުގެ ހިތަށް ވަރަށްވެސް ބޮޑަށް އަސަރުކޮށްފިޔެވެ. އަދި ބިރުވެސް ގަންނަން ފަށާފިޔެވެ. ކުރިމަތިން ފެނިގެން އެދިޔައީ މަރެވެ. އެކަމަށް ތައްޔާރުނުވެއްޖެނަމަ ހުރި ވޭން އޭނާއަށް އިހުސާސްވާންފެށިޔެވެ. އެހެންކަމުން ޒާހިރު ބާއްވާފަ އޮތް ތަނުގާ ހުރި ގޮނޑި ބޭނުންކޮށްގެން ނަމާދުކުރުމުގާ އަވަދިނެތި އުޅުނެވެ. އަދި ފޯނަށް القرآن ކިޔަވަމުން ގެންދިޔައެވެ.


ފަނަރަ ދުވަހަށްފަހު ޒާހިރު ދޫކޮށްލާފިޔެވެ. މީހާ ހުރީ ފުރިހަމަ ސިއްހަތުގައެވެ. ގެޔަށް ދިޔައީވެސް ވަރަށްވެސް ބަލާގެންނެވެ. ގެޔަށްގޮސް މުޅިތަން ސާފުކޮށް ނަމާދުކޮށް ހެދުމާ القرآن ކިޔެވުމަށް ވަކިތަނެއް ގިބްލައަށް ވާގޮތައް ހަދާލިޔެވެ. އެޔަށްފަހު ކޮންމެ ދުވަހަކުވެސް ގެއިން ނުކުންނަނީ القرآن ގެ މިންވަރެއް ކިޔަވާލާންނެވެ. ކޮންމެ ނަމާދަކަށްފަހުވެސް القرآن ގެ ތިން ސަފްހާ ކިޔުމަށް އާދަކުރިޔެވެ. ޒާހިރުގެ އަޒުމަކީ ހަމައެކަނި ކޮރޯނާއިން ސަލާމަތްވެ ހުރުމެއްނޫނެވެ. އާޙިރަތްވެސް ބާއްޖަވެރިކުރުމެވެ.


- ނިމުނީ -

 


ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގާ ލިބިގަތުމަށް މަސައްކަތްނުކުރަނީ ކީއްވެހެއްޔެވެ؟ ތިބާގެ އުމުރަކީ ދިގުއެއްޗެއް ކަމަށް ހީކޮށްގެން ތިޔަ ހުންނަނީ ތިޔައީ ހަމަ ސީދާ ކުއްހީއެކެވެ. މަރުގެ މަލާއިކަތާ ކޮންމެ ފަދަ ވަގުތެއްގާވެސް ހާޒިރުވެދާނެވެ. އަވަހަށް ތައުބާވާށެވެ.


މުޒްނާއަކީ ޒުވާން ރީތި ކުއްޖެކެވެ. އެތައް ފިރިހެނުންނެއް އޭނާއަށްޓަކާ ހިތް ކިޔަމުންދެއެވެ. މީސްމީޑިޔާގަވެސް އެހާމެ މަޝްހޫރެވެ. ކޮންމެ ދުވަހެއްގެ އިރުއަރާއިރު މުޒްނާއަށް އޮންނަނީ އެތައް ފިރިހެނުންނެއްގެ އާދޭހުގެ މެސެޖްތައް ލިބިފައެވެ. ވާހަކަ ދައްކާނުލާގެންނެވެ. ނަމަވެސް މުޒްނާއަކީ މިނިވަންކަމަށް ލޯބިކުރާ ކުއްޖެކެވެ. މީހަކު ކިޔާ އެއްޗަކަށް ނުބަލާ ފަހުގެ ޒަމާނީ ހެދުން ލައިގެން ނުކުތުމަކީ އޭނާ ލަދުވެސް ގަންނަކަމެއްނޫނެވެ. ބައެއްފަހަރު އެކަމުގެ ސަބަބުން ފިރިހެނުންގެ ފަރާތުން އުނދަގޫތަކާ ކުރިމަތިވެ ގެޔަށް ވަންނަންޖެހޭ ފަހަރުވެސްދެއެވެ.


އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް މުޒްނާ ރީތިވެލާން ނުކުތީ ފިހާރަތައް ބަލާލުމުގެ ނިޔަތުގައެވެ. މަގުމަތީ އެކަނި ހިނގާލަމުން ދިޔައިރު އެތައް ބަޔެއްގެ ލޯތައް ދިޔައީ އަމާޒުވަމުންނެވެ. ފަހަރަކު ފިހާރައަކަށް ވަންނަމުން އެއްޗެހިތައް ހާވަމުން ދިޔަ މުޒްނާއަށް ވަދެވުނީ ވަރަށްވެސް އާދައިގެ ފިހާރައަކަށްށެވެ. އެ ފިހާރާން މުޒުނާއަށް ކަމުދާ އެއްޗަކާ ދިމާވިޔެވެ. ރީތި ހެދުމެކެވެ. އެ ހެދުން ނަގައިގެންގޮސް ހެޔޮވަރު ކުރުމަށްފަހު ފައިސާ ދެއްކުމަށް ކައުންޓަރު ކައިރިޔަށް ދިޔައިރު ކައުންޓަރުގާ އިނީ މުޒުނާ ދުވަހަކުވެސް ނުދެކޭހާ ރީތި ފިރިހެނެކެވެ. ބަލާ ބެލުމަށް އޭނާއަކީ މުޒްނާއާ އެއް އުމުރެއްގެ މީހެކެވެ. އެހެންކަމުން ހިނދުކޮޅަކު ބަލާލަން ހުރެފާ ހެދުން ދިއްކޮށްލާ އަގުއަހާލުމަށްފަހު ފައިސާ ދެއްކިޔެވެ. މުޒްނާ ހައިރާންވިކަމަކީ އެ ފިރިހެން މިހާ ފައިސާ ނެގުމަށްފަހު އިސްދަށަށް ޖަހައިގެން އިންކަމުންނެވެ. މުޒުނާއާ ދިމާލަށް ބަލާވެސް ނުލައެވެ. މިއީ މިފަދަ ކަމެއް ހިނގި ފުރުތަމަ ފަހަރު ކަމުން ކުޑަކޮށް ހިތްހަމަ ޖެހުނެވެ. ސަބަބަކީ އެހެން މީހެއްނަމަ މުޒްނާއާ ވާހަކަ އަޅުވާލަން އުޅޭނެތީޔެވެ.


ހެދުން ގަނެގެން ފިހާރައިން ނުކުތްއިރު ބަންގީގެ އަޑު އިވެންފެށިޔެވެ. ކައުންޓަރުގަ އިން ފިރިހެންމީހާ އަވަސް އަވަހަށް ތެދުވެގެން އައިސް ފިހާރަ ތަޅުލުމަށްފަހު އަވަސް ހިނގުމެއްގާ މިސްކިތާ ދިމާލަށް ދިޔަތަން މުޒުނާއަށް ފެނިގެންދިޔައެވެ. ކޮންމެޔަކަސް މުޒްނާގެ ހިތުގާ އެދުވަހުން ފައްޓާގެން އެމީހާއަޓަކާ ކުޑަވަރެއްގެ ޝައުގުވެރިކަމެއް އުފެދުނެވެ. އެހެން ކަމުން މީސް މީޑިޔާ ހާވަން ފެށީ އެމީހާ ފެނޭތޯއެވެ. ހަމަ އެއްގޮތަކަށްވެސް ނުފެނުނެވެ. އެހެން ކަމުން މުޒުނާ ނިންމީ އަމިއްލަޔަށް އޭނާގެ ނަމްބަރު އެމީހާއަށްދީ ވާހަކަ ދައްކާލާށެވެ. އެހެންކަމުން މުޒްނާ އެ ފިހާރަޔަށް ގޮސް އެތަނުގެ މީހަކާ ބައްދަލްކޮށް ނަމްބަރު ހޯދުމަށްފަހު ގެޔަށްގޮސް ވައިބާ މެދުވެރިކޮށް ވާހަކަދެއްކޭތޯ މަސައްކަތްކުރިޔެވެ. ވަރަށް މަސައްކަތުން ޖަވާބެއް ލިބިއްޖެއެވެ. ވާހަކަ މަދުން ދައްކާލުމަށްފަހު އެދުވަހަށް މަޑުޖައްސާލިޔެވެ. ނަންވެސް ހޯދިއްޖެއެވެ. އޭނާގެ ނަމަކީ އަރީޝްއެވެ.


ފަސްވަރަކަށް މަހުގެ މަސައްކަތަށްފަހު މުޒްނާއާ އަރީޝް ރަނގަޅަށް ވާހަކަ ދައްކަންފަށާފިޔެވެ. އަބަދުވެސް ދެމުންދިޔައީ ހެޔޮ ނަސޭހަތެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ހޭލާއިރު ދީނީ ނަސޭހަތެއް ފޮނުވާފައޮވެއެވެ. ބައެއްފަހަރު މުޒްނާއަށް މިކަމުން އުނދަގޫވެ އެވާހަކަ ބުނެލަން ހިތަށްވެސް އަރައެވެ. ނަމަވެސް ބުނާކަށް ނުކެރެއެވެ. އެއީވެސް މުޒްނާ އަރީޝް ބޭނުންވާވަރުންނެވެ. އެންމެ ފަހަށް މިހެން އުޅެމުންގޮސް އެއް އަހަރުވީތަނާހެން މުޒްނާ އަމިއްލަޔަށް އަރީޝް ގާތު ކައިވެންޏަށް އެދުނެވެ. ނަމަވެސް އަރީޝްގެ ހާލަތު ރަނގަޅަށް ކިޔާދިނެވެ. އެވަރުންވެސް މުޒްނާ ދުލެއް ނުދިނެވެ. އެންމެ ފަހަށް ކައިވެނިވެސް ކުރެވިއްޖެއެވެ. ކޮންމެ ދުވަހަކުވެސް މުޒްނާއަށް ފަތިސްނަމާދަށް އަރީޝް ގޮވާފަދެއެވެ. އަރީޝް ދިޔުމުން މުޒްނާ ތެދުވެފާ އަލުން ނިދަން އޮށޯވެއެވެ. ކޮންމެ ނަމާދު ވަގުތެއްގާވެސް އަރީޝްދަނީ މުޒްނާއަށް ނަމާދަށް އެރުމަށް ނަސޭހަތްތެރިވެފައެވެ. ނަމަވެސް މުޒްނާ އެކަމަށް ދެނީ ފުރަގަހެވެ. އެންމެ ފަހަށް އަރީޝް މޫނުމަތީ މުޒްނާ ޒުވާބުކުރަންފެށިޔެވެ. ދެމުންދާ ދީނީ ނަސޭހަތްތަކުން ބޮލަށް އުނދަގޫވާ ވާހަކަވެސް ބުނެފިޔެވެ. މިކަމުން އަރީޝް ވަރަށް ހިތުގާ ޖެހުނެވެ. ފޮނި އުންމީދަކާއެކު ކުރި ކައިވެނިވެސްވަނީ ހަރާބުވެފަކަން އޭނާއަށް އެނގުނެވެ. ބޯހަރު ބުނާ ގޮތް ނަހަދާ މީހަކަށް ކިތަންމެ ވަރަކަށް ނަސޭހަތްދީ އާދޭސްކުރިޔަސް ރަނގަޅު ނުވާނެކަން އޭނާއަށް އެނގިގެންދިޔައެވެ. ނަމަވެސް އެންމެ ފަހު ފަހަރަށްވެސް އޭނާ ބޭނުންވީ މަސައްކަތްކޮށްލާށެވެ. އެހެންކަމުން ވަރަށް ވިސްނުމަށްފަހު މުޒްނާ ގޮވާން ގެޔަށް ނަމާދަށް އަރަން މަސައްކަތްކުރަންފެށިޔެވެ. އެކަމުގާވެސް ކުރިއެރުމެއް ނުލިބި ލިބެންފެށީ މަލާމާތެވެ. މިސްކިތް ދޫކޮށް ގެޔަށް ބަދަލުވެ ނަމާދުކުރަންފެށި އަނބިދަށުވާންކަމަށް ބުނަމުންދިޔައެވެ.


ދުވަސްތައް ފާއިތުވެގެންގޮސް އަރީޝްގެ ކެތްތެރިކަން ކޮޅުންލާގެންދިޔައެވެ. އެންމެ ފަހަށް މުޒްނާއާ ދިމާލަށް ފޮޅާލީ ރީތިގޮތުގައެވެ. އަބަދަކު މުޒްނާ ޒުވާންކަމުގާ ނުހުންނާނެކަމަށް ބުންޏެވެ. އަދި އެންމެ ފަހު ފަހަރަށް ތައުބާވުމަށް ނަސޭހަތްދިނެވެ. އޭގެ ބަދަލްގާ އަރީޝްގެ މޫނުމައްޗަށް އައީ ވަރުގަދަވެގެންވާ އެތިފަހަރެކެވެ. އެއަށްފަހު ހަޑި ހުތުރު ބަސްތަކެވެ. އަދި އެޔާއެކު ގެއިންވެސް ނެރެލާ މަގުމަތިކޮށްލިޔެވެ. އަރީޝް މިއަދު ވަންނާނެ ތަނެއް ނެތުމާއެކު ދިޔައީ މިސްކިތައްށެވެ. އެތަނަށް ގޮސް އެތަނުގާ ދިރިއުޅެންފެށިޔެވެ. މިކަން ކުރިން އަރީޝް މަސައްކަތްކުރި ފިހާރާގަ ތިބި ބިދޭސީންނަށް އެނގި އަރީޝްގެ ވާހަކަ އެމީހުންގެ ވަރިޔާއާ ހަމަޔަށް ގެންދިޔައެވެ. ވެރިޔާ ވަގުތުން އަރީޝްއަށް ގުޅާ ފިހާރަޔަށް އައުމަށް އެންގިޔެވެ. އަދި އަރީޝް ދިރިއުޅޭނެތަނެއް ހޯދާދިނެވެ.


އެއް އަހަރު ފަހުން އަރީޝް އުފާވެރި ކައިވެންޏެއްކުރިޔެވެ. އިނީ ދަރިޔަކު ހުރި މީހަކާއެވެ. ވަރަށްވެސް ދީންވެރި ހެޔޮލަފާ މީހަކާއެވެ. އަރީޝް ބޭނުންވާފަދަ މީހަކާއެވެ. އެމީހާގެ ފަރާތުން އަރީޝްއަށް ދެކުދިން ލިބި ފާގަތި މުސްތަގްބަލެއް ލިބިގެންދިޔައެވެ. އުފަލުގާ އުޅެމުންދިޔަ އަރީޝްއާ އޭނާގެ އަނބިމީހާ އެއްދުވަހަކު މަގުމަތިން ހިނގާލަން ދިޔައިރު މަގުމަތިން ހޫރެމުން އަންނަ އަންހެނެއް ފެނިގެންދިޔައެވެ. މޫނުމައްޗަށް އިސްތަށިގަނޑު ވައްޓާލާގެން މޮޔަ ގޮވަމުން އައި އަންހެންމީހާ މަގުމަތީ ހުރި ހޮޅިދަނޑިޔެއްގާ އެލިގަނެ ބާރަކަށް ހެމުންދިޔައެވެ. އެވަގުތު އަރީޝްއަށް އެއީ ކާކުކަން އެނގިގެންދިޔައެވެ. އެއީ މުޒްނާއެވެ. އޭނާގެ ރީތި ހަންގަނޑުވަނީ ކަޅުވެ ކުރަކިލާފައެވެ. އޭނާގެ އިސްތަށިގަނޑުގެ ބޮޑުބުބަޔެއްވަނީ ފައިބާފައެވެ. އޭނާގެ ދަތްތަކުންކުރެ މެދު ދަތްތައްވަނީ ފައިބާފައެވެ. މީހާގެ ސިފަ އެއްކޮށްވަނީ ގެއްލިފައެވެ. އަރީޝް އޭނާގެ އަނބިދަރިން ގޮވާގެން ގެޔަށް ދިޔުމަށްފަހު މުޒްނާގެ ބައްޕައަށް ގުޅާލިޔެވެ. އަދި މުޒްނާ ފެނުންކަމަށް ބުނެ ކިހިނެއްތޯވީ ކިޔާދިނުމަށް އެދުނެވެ. މުޒްނާގެ ބައްޕަ ހިތުގާ ޖެހި އިނދެ ކިޔާދޭންފެށިޔެވެ.


" އަހަރެންގެ ދަރިފުޅު ކަލޭ ދިޔަފަހުން އެހެން މީހަކާ ރައްޓެހިވި. އެމީހާގެ ނިޔަތްވެސް ވަރަށް ނުބައި. އަބަދު އައިސް އޮންނަނީ ގޭގާ. އިންނާކަށްވެސް ނޫޅުނު. އެންމެ ފަހަށް އަހަރެން އެމީހާ ވަނުމަށް މަނާކޮށް މުޒްނާއާ އެމީހާ ދުރުކުރިން. އޭގެ ފަހުން އަހަރެން ދެކެ އައިސްފާ ހުންނަނީ އަލިފާންކަހަލަ ރުޅި. އެގޮތުން އެއްދުވަހަކު ބަންގި ގޮވުމާއެކު ނަމާދަށް އަރަން ބުނިން ބުނީމަ ދިމާލަށް ބުނީ އަރާކަށް ނުޖެހޭނޭ ތިމަންނާ ކުރަން ޖެހޭ ކަމެއްނޫނޭ. ހަމަ އެވަގުތު އޭނާއަށް ސްޓްރޯކެއް ޖެހިގެން ވެއްޓުނު އަދި އެކަމަށް ފަރުވާ ކުރުމަށްފަހު ގެޔަށް ގެނެއި އިރު މީހާ ހުރީ ހަމަ ހެޔަކު ނޫން. އެދުވަހުން ފައްޓާން މީހާގެ ދިރިއުޅުން ޖަނަވާރަކަށްވުރެ ދަށް ދިރިއުޅުމަކަށް ބަދަލްވި. ގޭތެރެޔަށް ފާހަނާވެސް ކުރޭ މުޑުދާރުކަމުން ގޮސް ގާތްވާންވެސް ނުކެރޭ. އަހަރެން މި ހުންނަނީ އެކަމާ ބޯ ގޮވާފަ. ކަލޭ އޭނާ ކައިރީ ކުރި އާދޭހަށް މިއަދު އޭނާ ފުރަގަސް ނުދިންނަމަ އެހެނެއްނުވީސްކަން ކަށަވަރު. ދެން ހިހަށް ބޭއްވީ "


މުޒްނާގެ ހާދިސާގެ ވާހަކަ އިވިފާ އަރީޝްގެ ހިތަށް ބިރުވެރިކަންވަނެވެ. އަދި އަވަސް އަވަހަށް ގޮސް ނަމާދަށް އެރުމަށްފަހު ދުއާކުރަންފެށިޔެވެ. މާތް ﷲ ގެ ފަރާތުން ރައްކާތެރިކަމަށްއެދިޔެވެ.


- ނިމުނީ -


އަޅުގަނޑުމެންގެ މުޖްތަމައުގާ އާދަޔާހިލާފަށް ބަލި މީހުންވަނީ ގިނަވެފައެވެ. މިފަދަ ބަލިމީހުންގެ ތެރެއިން އެންމެ ގިނައީ ކިޑްނީ ފެއިލްވެފާވާ މީހުންނެވެ. އެމީހުންގެ ހާލަތު އެންމެ ރަނގަޅަށްވެސް އެނގޭނީ އެމީހުންނަށްށެވެ. ކޮންމެ ދުވަހަކު ހަދާ ޑަޔަލަސިސްއިން އެމީހުން ގައިގާ އަޅާ ވޭން ތިބާއަކަށް އިހުސާސްއެއްނުވާނެވެ. އެމީހުންގެ އާދޭސްތަކުގެ އަޑު އަހަނީ މަދުބަޔެކެވެ. އެހީވަނީ މަދުބަޔެކެވެ. ދެރަކަމަކީ މިއަދު ގިނަ މީހުން އެފަދަ މީހުންގެ ފަރާތުން އުޅެނީ ނާޖާއިޒް ފައިދާ ނަގާށެވެ. އެހީގެ ނަމުގާ އަންނަނީ ނުބައި ނިޔަތުގައެވެ.


މޫސައަކީ ޒުވާނެކެވެ. ކުޅިވަރާ އެނޫންވެސް އެހެނިހެން ކަންތައްތަކުގާ ޝާމިލްވެ އުޅޭ މީހެކެވެ. މޫސައަކީ ހަށިގަނޑު ރީތި ފިޓްކޮށް ހުންނަ މީހެކެވެ. ޒުވާން އެތައް އަންހެން ކުދިންނެއް އެ ހަށިގަނޑަށް ހިތްވެސް ކިޔައެވެ. މޫސަގެ އެކުވެރިންނަކީ އޭނާގެ އެންމެ އިސް މީހުންނެވެ. އެމީހުން ކޮންމެ ކަމަކު ބުންޏަސް މޫސަ އެކަމެއް ކޮށްދޭނެއެވެ. މޫސަގެ ހުންނަނީ އެންމެ ނުބައި އާދައެކެވެ. އެއީ ކަޅު ކޮފީއާ ސިނގިރެޓެވެ. ދުވާލަކަށް ފޮއްޓެއް ހުސްކޮށްލާ ތިން ހަތަރު ކަޅު ކޮފީ ބޯލާން ނޫނީއްޔާ ހިތްހަމަވެސް ނުޖެހެއެވެ. މި އާދަ އޭނާ ހުއްޓާލުމަށް ވަރަށް ގިނަ މީހުން ނަސޭހަތްދިނެވެެ. ނަމަވެސް މޫސަ އަޑެއް ނާހައެވެ. އެންމެ ފަހަށް ދެން ފެށީ ވަޒީފާއަށް ދަމުން ދުވާލު ރެޑްބުލްއެއް ބޯލުމެވެ. އެއީވެސް ސިނގިރެޓަކާއެކުގައެވެ.


އެއްދުވަހަކު މޫސަ އޮފީހުގާ އިނދެފާ ފާހާނާއަށް ގޮސްލިގަޑީ ކުޑަކަމުދިޔައިރު ލޭ އަންނަތަން އޭނާއަށް ފެނިއްޖެއެވެ. މިއީ އަދި ފުރުތަމަ ފަހަރުކަމުން އޭނާ އަޅާނުލިޔެވެ. ނަމަވެސް ގެޔަށް ދިޔުމަށްފަހުވެސް މިކަން ފެންނާތީ ހާސްވާންފެށިޔެެވެ. އެންމެ ފަހަށް ޑޮކްޓަރަށްވެސް ދައްކާފިޔެވެ. ޑޮކްޓަރު އެނގީ ކިޑްނީ ޓެސްޓްއެއް ހަދާލުމަށްށެވެ. ކިޑްނީ ޓެސްޓް ހެދިއިރު މޫސަގެ ދެ ކިޑްނީވަނީ ފެހިލްވެފައެވެ. އެހެންކަމުން ހަޔާތުގާ އެންމެ ފުރުތަމަ ފަހަރަށް ޑަޔަލަސިސް މެޝިނަށް މޫސަ ލެވިއްޖެއެވެ. ލައްކަ ވޭން ތަހަންމަލް ކުރުމަށްފަހު އެކަން ނިމިއްޖެއެވެ. މީހާ ހުރީ މުޅިން ވަރުބަލިވެފައެވެ. ހޮސްޕިޓަލުން ނުކުމެ ކާރެއް ނަގާގެން މޫސަ ގެޔަށް ދިޔައެވެ. އެންމެ ފަހަށް އާއިލާ މީހުންނަށް މި ހަބަރު ދިނެވެ. މުޅި އާއިލާ ދިޔައީ ފުން ހިތާމައަކަށްށެވެ. އަދި ކިޑްނީއެއް ހޯދުމަށް ވައުދުވެ މޫސައަށް އެހީވާންފެށިޔެވެ.


ދުވަސްތައް ފާއިތުވެގެންގޮސް އާއިލާ މީހުން މޫސައާމެދު އުންމީދު ކަނޑާލަންފެށިޔެވެ. ކިޑްނީއެއް ހޯދަން މަސައްކަތް ކޮށްކޮށް އެމީހުން ވަރުބަލިވެއްޖެއެވެ. އަންނަ ކޮންމެ މީހަކުވެސް ބޭނުންވަނީ ފައިސާއެވެ. ލައްކައިން ލައްކައިންނެވެ. މޫސަ އެންމެ ފަހަށް އެކަމާ ކަންބޮޑުވެ މީސްމީޑިޔާގާ އެހީޔަށް އެދުނެވެ. ފަސް ވަރަކަށް މީހުން ގުޅާ ކިޑްނީ ހަދިޔާ ކުރާނަމޭ ބުންޏެވެ. އެހެންކަމުން އެމީހުންގެ ޓެސްޓްތައް ހެދުމަށް މޫސަ ޑްކޮޓަރާ އެޕޮއިންޓްމެންޓް ހެއްދިޔެވެ. ނަމަވެސް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ޓެސްޓްހަދާ ދުވަސް އައުމުން އެކަކުވެސް ފޯނެއް ނުނެގިޔެވެ. މޫސަގެ ހިތް ދިޔައީ ފަޅަ ފަޅާންނެވެ. އެންމެ ފަހަށް ގާތުގާ އުޅުން ރައްޓެހިން މޫސައަށް ގެއްލެންފެށިޔެވެ. ދުރު ދުރުން އެމީހުންވެސް މޫސަގެ ހިތް ހަލާކުކޮށްލީ ޖަހާލާ ތޫނު ބަސްތަކުންނެވެ. ނުކުޅެދޭ މީހެކެވެ، ކަލޭ ރަނގަޅެއް ނުވާނެވެ. ކަލޭ ކިޑްނީއެއް ލެއްވިޔަސް އެއްވެސް އުންމީދެއް ނެތެވެ. މިފަދަ ބަސްތަކުން މޫސަގެ ކަނދުރާ އެލިއްޖެއެވެ. އެންމެ ފަހަށް ލޯބިވެރިޔާވެސް ގެއްލުނެވެެ. މީހެއްގެ އަސްލު ސޫރަ ފެންނާނީ އެންމެ ބޭނުންޖެހޭ ދުވަހުއޭ މީހުން ބުނާތަން މިއަދު މޫސައަށް ހަމަލޮލަށް ފެނިއްޖެއެވެ. ހިތާމާގެ ކޮޅެއް ނެތި އެކަނިވެ މާޔޫސްވެއްޖެއެވެ. އެންމެ ފަހަށް އާއިލާތެރޭ ދެބަސްވުން އުފެދި އާއިލާވެސް ދެބައި ވެއްޖެއެވެ.


ދުވަސް ގަނޑަކަށްފަހު މޫސައަށް ނުދަންނަ ނަމްބަރަކުން މީހަކު ގުޅިޔެވެ. އެމީހަކު މޫސައާ ބައްދަލްކުރަން ބޭނުންވާ ވާހަކަ ބުނުމުން އެމީހާއާ މޫސަ ބައްދަލްކުރިޔެވެ. އެއީ މެދު އުމުރުގެ މީހެކެެވެ. އެމީހާ މޫސައާ ވާހަކަ ދެއްކީ ވަރަށްވެސް ހެޔޮކޮށްށެވެ. އަދި މާތ ﷲ އަށްޓަކާ އޭނާގެ ކިޑްނީއެއް މޫސައަށް ހަދިޔާކުރަން ބޭނުންވާ ވާހަކަ ބުންޏެވެ. މޫސަގެ އުންމީދު އާވެގެންދިޔައީ މިހިސާބުންނެވެ. ދެމީހުންގޮސް ޓެސްޓްތައް ހަދާ އެކަމަށް ތައްޔާރުވުމުގެ ފަހު މަރުހަލާއާ ހަމަޔަށް ގޮސްފިޔެވެ. ފުރަން އެއްދުވަހަށް ވެފާ އޮއްވާ މޫސައަށް އެމީހާ ގެއްލިއްޖެއެވެ. ގުޅީމަކާ ފޯނެއްވެސް ނުނަގައެވެ. މޫސަގެ ހިތް ދިޔައީ ފަޅަ ފަޅާންނެވެ. މާތް ﷲ ގެ ނަމުގާ ކިޑްނީ ހަދިޔާކުރަން އައި މީހާވެސް ދިނީ ކެއްސެވެ. މިއި މިއަދު ހަމަ މީހުންގެ ހުރި ނުބައި ނުލަފަފާކަންބާއެވެ. ނަމަވެސް މޫސަ އުންމީދު ކަނޑައެއްނުލިޔެވެ. ހިތްވަރުކޮށްފާ ގަދައަޅާ މަސައްކަތް އަލުން ފެށިޔެވެ. ކިޑްނީއެއް ހޯދުމަށްށެވެ. މާތް ﷲ ގެ އިރާދަފުޅާއެކު މޫސައަށް ކިޑްނީއެއް ހަދިޔާކުރީ މުސްކުޅި ބޭބެއެކެވެ. އެމީހާ ކިޑްނީ ހަދިޔާ ކުރި ދުވަސްނޫން އަނެއް ދުވަހު ނިޔާވިޔެވެ. އެމީހާގެ ވަސިއްޔަތްކޮށްފާވަނީ އޭނާގެ ދެވަނަ ކިޑްނީވެސް މޫސައަށް ހަދިޔާކުރުމަށްށެވެ. سبحان الله ކޮންފަދަ ހެޔޮ ނިމުމެއްތޯއެވެ.


- ނިމުނީ -


ލޮބުވެތިން އަޙުންނާ އުޙްތުންނޭވެ. ކިޑްނީއަކަށް ބޭނުންޖެހިފާވާ މީހަކު ހިތުގާ ނުޖައްސާށެވެ. ތިބާއަށް އެކަން ކުރަން ނުކެރޭނަމަ އެމީހަކަށް ހެޔޮދުއާ ކުރާށެވެ. އަދި ސިއްރިއްޔާތުގާ ފައިސާގެ އެހީވާށެވެ. އެކަމުން ވިޔަފާރި ނުކުރާށެވެ. އެއީ ވަރަށް ބޮޑު ގޯހެކެވެ. ތިބާޔާ ސުވާލު ކުރެވޭނެ ދުވަސް އަންނާނެކަން ހަނދާންކުރާށެވެ. ވީ ވަރަކުން އެހީތެރިވެ އާހިރަތަށް ތައްޔާރުވާށެވެ،

 

 


މި ފަނާވަމުންދާ ދުނިޔެއަށް ގެއްލި އެތައް ބަޔަކު ހަލާކުވެއްޖެއެވެ. އުފަލާ މަޖާ ފިޔަވާ އެހެން އެއްޗެއް އެބައިމީހުން ބޭނުންވެސް ނުވަނީއެވެ. ސަލާމަތް ހޯދެން އޮތް މަގު ކަމުގާވާ އިސްލާމްދީންވެސް ދޫކޮށްފިޔެވެ. ލޮބުވެތި ރަސޫލް ބޭކަލުންނަށް މަލާމާތްވެސް ކުރަން ފަށާފިޔެވެ. އަދި މާތް ﷲ ބާއްވާލެވި ފޮތައްވެސް އެބައި މީހުން ފުރަގަސްދީފިޔެވެ. ފަސްވަގުތުގެ ގޮވާލުމަކީ މިއަދު އެބައި މީހުންނަށް އެއްވެސް އެއްޗެއްނޫނެވެ. އެބައި މީހުންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.


ޔޫނުސްއަކީ ޒުވާނެކެވެ. މަންމަޔާ ބައްޕައެއްގެ ހުރި ހަމައެކަނި ދަރިޔެވެ. ޔޫނުސް ކިޔަވާ ނިމުމުން މަތީ ތައުލީމްވަނީ ފެއްޓިފައެވެ. އެ ތައުލީމްގެ ތެރެއިން އެތައް އެކުވެރިންނެއް އޭނާއަށް ލިބުނެވެ. މުއްސަނދި މަޖާ ރަހްމަތްތެރިންނެވެ. އެއީ ޔޫނުސް ބޭނުންވާފަދަ ރައްޓެހިންނެވެ. އުޅެނީ ހަތަރުދަމު ކުޅިވަރުގަޔާ ބޭރުގައެވެ. ގެޔަށް ވަންނާނީ ފަތިސްނަމާދު ބަންގިޔަށްށެވެ. މިއީ އެމީހުންނަށް ވަރަށް މޮޅު ކަމެކެވެ. ނިދަން އޮށޯންނަ މީހުން ތެދުވާނީ ހަވީރު ހަތަރަކުންނެވެ. އެހާހިސާބުން ދެން އޮންނާނީ ކޮންމެވެސް ކަމަކާގެން އުޅުމެވެ.


އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް ޔޫނުސް ނިދާ ހޭލީ ހަވީރު ހަތަރެއް ޖެހިފަހުންނެވެ. ފެންވަރާ ރީތިވެލާގެން ބޭރަށް ނުކުތީ ރަހްމަތްތެރިންނާއެކު ކޮފީއަށްށެވެ. ކުރިޔަށް އޮތީ ރޯދަމަހުގެ ފުޓްބޯޅަ މުބާރާތްކަމުން ކޮޕީގާ މުޅިންވެސް އެންމެން ދެއްކީ އެވާހަކައެވެ. އެހެންކަމުން ތަމްރީން ހެދުމަށް ގަޑިޔެއް ކަނޑައެޅިޔެވެ. އެންމެންވެސް ނިންމީ ދެ ނަމާދު ދޭތެރެއެވެ. އެހެންކަމުން ކޮފީގާ ތިބެފާ ހައެއް ޖެހުމާއެކު ގެޔަށްގޮސް ތައްޔާރުވެގެން މަޢްރިބް ނަމާދު ބަންގިޔަށް އެންމެންވެސް ސްޓޭޑިޔަމްއަށް ހިނގައްޖެއެވެ. އެމީހުން އެތަނުގާ ތަމްރީން ހެދިއިރު ބޮޑެތި ކްލަބު ތަކުގެ ކުޅުތެރުރިން ސަފުހަދާ ނަމާދުކުރަމުން ދިޔައީ އެމީހުންނަށް ހާއްސަކުރެވިފާވާ ދަނޑުގައެވެ. މި މަންޒަރު ފެނިފާ ޔޫނުސްމެން އެކައްޗެއްވެސް ހިތަކަށްވެސް ނޭރިޔެވެ. އެމީހުން ކުޅިވަރާން ކުރިޔަށްގޮސް އަށެއް ޖެހިއިރު ނިންމާލާފިޔެވެ. ނިންމާލުމަށްފަހު އެންމެންވެސް ދިޔައީ މޫދަށްށެވެ. އެތަނުގާ ގޮސް ސަކަރާތް ޖަހަޖަހާފަ ގެޔަށް އައީ ދިހައެއް ޖެހިއިރުއެވެ.


ގެޔަށް އައި ޔޫނުސްއާ ބައްޕަޔާ ދިމާވިޔެވެ. ލަސްވީ ކީއްވެތޯ ސުވާލުކޮށްލުމުން ކުރި ކަންތައް ކިޔާދިނެވެ. އެއާއެކު ދެން އައި ސުވާލަކީ ނަމާދުކުރިންތޯއެވެ. ޖަވާބުގާ ޔޫނުސް ހެދީ ދޮގެވެ. ނަމާދު ކުރިކަމަށް ބުނެ އަވަހަށް ގޮސްވަނީ ފެންވަރާށެވެ. ފެންވަރާން ކައިގެން ފޯނު ހިފާގެން ޖައްސާލިޔެވެ. ފަތިސް ނަމާދު ބަންގި ގޮވަންދެން ފޯނު ކުޅުމާ ގޭމް ކުޅުމުގާ ޝާމިލްވެ އުޅުނެވެ. އެންމެ ފަހަށް ފަތިސް ނަމާދު ބަންގި ގޮވުމާއެކު ނިދަން އޮށޯތެވެ. ނަމަވެސް މިފަހަރު ޔޫނުސްގެ ނިންޖަށް ހުރަސްއެޅީ ބައްޕައެވެ. ދޮރުގާ ބާރަށް ޓަކިޖަހާ ޔޫނުސް ނެރެ ގޮވާގެން މިސްކިތައް ދިޔައެވެ. ނުރުހުމުގާ ހުރެ ޔޫނުސް ނަމާދުކޮށް ނިންމާލާން އަވަސް އަވަހަށް ގެޔަށް އައިސް ނިދަން އޮށޯތެވެ.


ނިދަން އޮތް ޔޫނުސްއަށް ހޭލެވުނީ ބާރު ހޮނުގުގުރިޔެއް ޖެހި އަޑަށްށެވެ. އެއިރުގާ ގަދަޔަށް ދިޔައީ ވިއްސާރަ ވެހެމުންނެވެ. ގަޑި ބަލާލިއިރު މެންދުރު ދޭއް ޖެހީޔެވެ. އަލުން ގޮސް ނިދަން އުޅެ އުޅެ ނުއެއް ނިދުނެވެ. އެންމެ ފަހަށް ޔޫނުސް ތެދުވެގެން އައިސް ސޯފާގާ ޓީވީ އަޅުވާލާން ޖައްސާލިޔެވެ. މިހެން އިންދާ މެސެޖެއް ފޯނަށް އަތުވެއްޖެއެވެ. މިރޭވެސް ތަމްރީން އެބޮތްކަމެވެ. އެހެން ކަމުން ޔޫނުސް ވާރޭ ތުނިކޮށްލާނެކަމަށް އުންމީދުކޮށްގެން ހައެއް ޖަހަންދެން މަޑުކުރިޔެވެ. ކޮންމެވެސް ވަރަކަށް ހައެއްޖެހިއިރު ތުނިކޮށްލުމުން ތައްޔާރުވެގެން ސްޓޭޑިއަމްއަށް ދިޔައެވެ. ޔޫނުސްމެން ފިޔަވާ އެއްވެސް ބަޔަކު މިއަދު ކުޅޭކަށް ނުދެއެވެ. އެހެން ކަމުން ފައްޓާލިތަނާހެން ވާރޭވެސް ބޯކޮށްލާފިޔެވެ. ނަމަވެސް ކުޅިވަރު ހުއްޓައެއްނުލިޔެވެ. މައްރިބް ނަމާދަށް ގޮވާގޮސްފިޔެވެ. އެންމެ ފަހަށް އިޝާއަށް ގޮވަން ގާތްވެއްޖެއެވެ. މިހެން ބާރު އަޑަކާއެކު އެންމެންގެ މެދަށް ބޮޑު ރަތް ހޮނު ގުގުރިޔެއް ޖެހިޔެވެ. އެޔާއެކު އެންމެން ބުރާގެން ގޮސްފިޔެވެ. އެކި މީހުން އެކި ދިމަ ދިމާލަށް ބާރަކަށް ޖެހި ހަރަކާތްކެނޑިފާ ތިއްބެެވެ. އިރުކޮޅަކުން ޔޫނުސް ކެއްސަމުން ތުރުތުރު އަޅަމުން ތެދުވިޔެވެ. ހުރިހާ ރަހްމަތެރިންނަށް އެމީހުންގެ ނަންތަކުން ގޮވަމުންދިޔައެވެ. އެއިރު ވާރޭ ވަރަށް ބޯވެ ގުގުރާ ވިދަނީޔެވެ. ހަމަ ހިލާ އެކަކުވެސް ޖަވާބެއް ނުދިނެވެެ. ޔޫނުސް ހާސްވާން ފެއްޓިޔެވެ. ކުރިޔަށް ދާން ގުޑާލިތަނުން ކަނައަތަށް ވަރުގަދަ ތަދެއް އެރިޔެވެ. ޔޫނުސްގެ ކޮނޑުހުޅުވަނީ ނައްޓާންގޮސްފައެވެ. އަތުގާ އަތް އަޅާން ކުރިޔަށް އައި ޔޫނުސްއަށް އޭނާގެ އެކުވެރިންގެ ހާލު ފެންނަންފެށިޔެވެ. ހުރިހާ އެންމެންވެސްވަނީ ވަރަށް ބޮޑަށް ފިހެވިފައެވެ. ބައެއް އެކުވެރިންގެ ގުނަވަންތައްވެސް ނެތެެވެ. މަންޒަރު ފެނުމާއެކު ޔޫނުސް ހޭނެތިގެން ވެއްޓިއްޖެއެވެ.


ޔޫނުސްއަށް ހޭލެވުއިރު މުޅި ހަށިގަނޑަށްވަނީ ހޮޅިތައް ގުޅާފައެވެ. ނޭވާލެވެނީ ކިރިޔަ ކިރިޔާއެވެ. މިއީ ޔޫނުސްގެ ފަހުވަގުތުކޮޅުކަމަށް ހިތާ އޭނާ ރޯންފެށިޔެވެ. ކުރިމަތީ ހުރި ޓީވީއިން ފެންނަމުންދިޔައީ ހަދީސާ ހިނގާގެން އުޅޭ ސަރަހައްދެވެ. އިރުކޮޅަކުން ޑޮކްޓަރާ ނަރުހަކުއައެވެ. އެމީހުން އައިސް ޔޫނުސްގެ ހާލު އޮޅުންފިލުވާލުމުން ޔޫނުސް އޭނާގެ ރަހްމަތްތެރިން ކޮބާތޯ ސުވާލުކޮށްލިޔެވެ. ޑޮކްޓަރާ ނަރުސް އެކަކު އަނެކަކަށް ބަލާލާފަ ހަމައެކަނި ދިރިހުރީ ޔޫނުސްކަމަށް ބުންޏެވެ. އެއާއެކު ޔޫނުސްގެ ހިތް ފަޅަ ފަޅާންދިޔައެވެ. އަދި ބިރުވެރިކަންވެސް ވަންނަންފެށިޔެވެ. އެ އެންމެން ފިޔަވާ ޔޫނުސް އެކަނި ސަލާމަތްވީތީއެވެ. ޑޮކްޓަރާ ނަރުސް ދިޔުމުން ޔޫނުސްގެ މަންމަޔާ ބައްޕަ އައިސް ޔޫނުސްކައިރީ އިށީނދެ ކޮލަށް ބޮސްދޭންފެށިޔެވެ.


ހޮސްޕިޓަލުން ދޫކޮށްލުމާއެކު ޔޫނުސް ބައްޕަޔާއެކު ހާދިސާ ހިނގިތަނަށް ދިޔައެވެ. އަދި ބައްޕާގެ އަތުގާ ބާރަށް ހިފަހައްޓާލާންހުރެ ތައުބާވުމަށް އެހީތެރިވުމަށް އެދުނެވެ. ބައްޕަގެ އެހީޔާއެކު ޔޫނުސް ގަވައިދުން ނަމާދުކޮށް ގުރުއާން ކިޔަވަންފެށިޔެވެ. މިއަދު ފަތިސްނަމާދަށް ނިދަމުންދިޔަ ޔޫނުސް ހުންނަނީ ފަތިސްނަމާދު ބަންގިޔަ ތެދުވެއެވެ. އަދި ފަސްވަގުތުގެ އެ ގޮވާލުމަށް އޭނާ ދުވަހަކުވެސް ފުރަގަސްނުދޭން ވައުދުވިޔެވެ. ފަހެ އެންމެ ދުރުގާވެސް އެންމެ ގާތުގާވެސްވަނީ މަރުކަން އޭނާއަށް އެނގެއެވެ.


- ނިމުނީ -

 


ކޮންމެ ނަފްސެއްވެސް އަޖަލު ހަމަވުމުން މަރާ ބައްދަލްކުރަންޖެހެއެވެ. މި ފަނާވަމުންދަނިވި ދުނިޔެއަށް އަލްވަދާއު ކިޔަންޖެހެނީ ހުރިހާ އެއްޗެއް ދޫކޮށްލާފައެވެ. ހަމައެކަނި ގެންދަންލިބެނީ ކުރި އަމަލްތަކެވެ.


އާ ދުވަހަކަށް ތިބާ ތި ލޯ ހުޅުވާލީ އުންމީދުތަކަކާއެކުގައެވެ. އަނބިދަރިންނަށް އަލްވަދާއު ކިޔުމަށްފަހު ތިބާ ތި ނުކުތީ މަސައްކަތުދާށެވެ. ވަރަށްވެސް ބުރަކޮށް އުޅެ މަސައްކަތް ނިންމާ ހުސްވަގުތު ހޯދުމަށްފަހު ތިބާގެ ރަހްމަތްތެރިންނާވެސް ތިބާ ބައްދަލްކޮށްފިޔެވެ. އެއަށްފަހު ލޯބި ލޯބި އާއިލާއާއެކު ވަގުތު ހޭދަކުރުމަށްފަހު ތިބާ ނިދަން އޮށޯވެއްޖެއެވެ.


ޖެހިގެން އައި ދުވަހުގެ އިރުއެރީ ތިބާގެ ލޯބިވާ ދަރިޔަކު އައިސް ތިބާއަށް ގޮވާ އަޑަށްށެވެ. ތިބާ މި ތެދުވަނީޔޭ ބުނުމުންވެސް އެ ދަރިފުޅުދިޔައީ ތިބާއަށް ގޮވަމުންނެވެ. އެންމެ ފަހަށް ތިބާ ތެދުވަން މަސައްކަތްކުރިޔެވެ. ނަމަވެސް ތިބާގެ ހަށިގަނޑުން ބަޔެއް ގުޑާވެސް ނުލައެވެ. އެންމެ ފަހަށް ގޮވަން ހުރި ލޯބި ލޯބި ދަރިފުޅު ދުވެފާގޮސް މަންމަ ގޮވާގެން އަތުވެއްޖެއެވެ. ތިބާގެ އަންހެނުންވެސް ތިބާއަށް ގޮވަނީއެވެ. ތިބާގެ ދަރިފުޅުވެސް ތިބާއަށް ގޮވަނީއެވެ. ނަމަވެސް ހަމަ ހިލާ ތިބާއަކަށް ގުޑާވެސް ނުލެވުނެވެ. އެންމެ ފަހަށް ކަމެއް ގޯސްކަން އެނގިއްޖެއެވެ. ތިބާ މިދުނިޔެއާ ވަކިވެއްޖެކަން އެނގިއްޖެއެވެ. ތިބާއަށް ރޮވެންފަށާފިޔެވެ. ތިބާގެ ރުއިމުގެ އަޑު އެމީހުންނަކަށް ނުއިވެއެވެ. އެންމެ ފަހަށް ތިބާގެ ލޯބި އަންހެނުން ދަރިފުޅު ގައިގާ ބައްދާގަނެގެން ރޯންފެށިޔެވެ. އިރުކޮޅަކުން އެމްބިޔުލަންސްވެސް އަތުވެއްޖެއެވެ. ތިބާ ލަވަމުންދިޔަ ހަޅޭއް އެމީހުންނަކަށްވެސް ނުއިވެއެވެ. އެމީހުން އައިސް ތިބާ ގައިގާ ހުދު ފޮތިގަނޑެއް އަޅާ ނިވާ ކުރުމުން ތިބާ ހޮސްޕިޓަލްއަށް ގެންދަންދެން އެއްވެސް އެއްޗެއް ތިބާއަކަށް ނުފެނެއެވެ. އިވެނީ މީހުންގެ އަޑުތަކެވެ. ދުއްވާ އެއްޗެހީގެ އަޑެވެ. ދިރިއުޅުން ހަމަ ކުރިޔަށްދަނީއެވެ.


އެންމެ ފަހަށް ތިބާގެ ހަށިގަނޑު ހޮސްޕިޓަލްއަށް ގެނެވިއްޖެއެވެ. ޑޮކްޓަރުންނަށް ކުރެވުނު މަސައްކަތްތައް ނާކާމިޔާބުވެ ތިބާ ނިޔާވެއްޖެކަމަށް ކަނޑައެޅިޔެވެ. އެއާއެކު އަނެއްކާވެސް ތިބާ އެމްބިޔުލާންސްއަށް ލެވިއްޖެއެވެ. ހިނަވާ ގެޔަށް ގެނެވިއްޖެއެވެ. ތިބާގެ މޮޅު އަތުކުރި ގަޑިޔާ ފޯންފަދަ ސާމާނުގެ އިތުރުން އަންނައުނު ނެގިއްޖެއެވެ. ތިބާގެ ގަޔަށް ފެން އަޅާ ހިނަވަންފެށިއްޖެއެވެ. ތިބާގެ ރުއިމާ ހަޅޭކުގެ އަޑު އެއިން އެކަކަށްވެސް ނުއިވެއެވެ. އެންމެ ފަހަށް ކަފުންކޮށް މޫނު ދެއްކުމަށްވެސް ތައްޔާރުވެ ބޭއްވިއްޖެއެވެ. ދުނިޔޭގާ ތިބާ ފެންނަން އޮންނަ އެންމެ ފަހު ގަޑިކޮޅު ހިނގަންފަށާފިޔެވެ. ރައްޓެހިންނާ ގާތްތިމާގެ މީހުންނާ ނުދަންނަ އެތައް ބަޔަކު ތިބާގެ މޫނުދެކެން އަންނަންފަށާފިޔެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުންދަނީ ހިތާމައެވެ. މަންޒަރު ވަރަށްވެސް ހިތްދައްޗެވެ. ނަމަވެސް ހަމަ ހިލާ އެކަަކަށްވެސް ތިބާގެ ހަޅޭކާ ރުއިމުގެ އަޑު ނުއިވެއެވެ. ސަންދޯކުވެސް ގެނެވިއްޖެއެވެ. އެންމެ ފަހަށް މޫނު އަޅާ ގަޑި ޖެހިއްޖެއެވެ. އާއިލާ މީހުން ގަދަޔަށް ރޮމުންދަނީޔެވެ. އަންހެނުންނާ ދަރިފުޅަށް އެންމެ ފަހު ފަހަރަށް ތިބާގެ މޫނު ފެންނަނެ ފަހަރަކީ މިއީޔެވެ. ތިބާގެ މޫނު އެޅުމާއެކު ހުރިހާ މަންޒަރެއް ގެއްލިއްޖެއެވެ. ދެން އިހްސާސްވެގެންދިޔައީ ތިބާގެ ހަށިގަނޑު ސަންދޯކަށް ލުމަށް ހިފާލި ހިފުމެވެ. ސަންދޯކަށް މަޑުމަޑުން ތިބާ ލުމަށްފަހު މަތި ޖެހުނެވެ. އެއަށްފަހު ކަށު ނަމާދަށް ތިބާ ނުވަންނަން ގަދަ ހެދި ނުވަތަ ވަދެ އުޅުން މިސްކިތައް ވެއްދިއްޖެއެވެ. ތިބާގެ މައްޗަށް ކަށުނަމާދުކޮށްފިޔެވެ. ނިމުމާއެކު ތިބާގެ ސަންދޯކު އުފުއްލާން ކަށްވަޅަށް ލުމަށް ގެންދެވެންފެށިޔެވެ. މަންޒަރު ވަރަށްވެސް ހިއްޗެވެ. ތިބާގެ ރުއިމާ ހަޅޭކުގެ އަޑު ހަމަ ހިލާ އެކަކަށްވެސް ނުއިވެއެވެ. ކަށްވަޅާ ހަމަޔަށް ގެނެވުމާއެކު ލަހެއް ނުކޮށް ތިބާގެ ސަންދޯކު ކަށްވަޅަށް ތިރިކޮށް ފަސްދާނު ލެވިއްޖެއެވެ. ތިބާގެ ހަޅޭކާ ރުއިމުގެ އަޑު ހަމަ އެކަކަށްވެސް ނުއިވެއެވެ. އެންމެ ފަހަށް މީސްތަކުން އަނބުރާ ދާ ފިޔަވަޅުގެ އަޑުތައް އިވެންފެށިޔެވެ. ދެން އޮތީ ތިބާގެ ވެރި ރައްބާ ތިބާ ބައްދަލްކުރުމެވެ.


ލޮބުވެތި އަޙުންނާ އުޙްތުންނޭވެ. މިއަދު އަޅުގަނޑުމެން ހިތު ހުރި ގޮތަކަށް މި އެނބުރެމުންދަނީ އަޅުގަނޑުމެންނަކީ މަރުނުވާނެ ބަޔެއްކަމަށް ދެކިގެންތޯއެވެ؟ ހަމަ ހިލާ އެހެނަކުން ނުވާނެއެވެ. މަރާ ބައްދަލްކުރަން ޖެހޭނެއެވެ. އެއަކަށް ހަމަ އެކަަކަށްވެސް ނުފިލޭނެއެވެ. އެއީ ކިތަންމެ ވަރުގަދަ ކިއްލާއެއްގާ އޮތަސްމެއެވެ. ތިބާ ދުނިޔޭގާ ހެޔޮކޮށް އުޅެފިނަމަ ތިބާއަށް ކަށްވަޅުގާ އުފާވެރިކަން ހުއްޓެވެ. އަދި ތިބާ ދުނިޔޭގާ ނުބައިކޮށް އުޅެފިނަމަ ތިބާއަށް ކަށްވަޅުގާ އޮތީ ވޭންދެނިވި އަޒާބެވެ. ވީމާ އަވަހަށް ތައުބާވާށެވެ. ޖެހިގެން އޮތް ސިކުންތުގާވެސް ތިބާ މަރުވެގެން ވެއްޓިދާނެއެވެ.


- ނިމުނީ -

 


ރޫހާނީ ކަންކަމަކީ ހިނގާ ކަންކަމެވެ. މިކަންކަން ހިނގަނީވެސް އިންސާނާގެ ހުންނަ ފަރުވާކުޑަކަމުންނެވެ. މިފަދަ ކަންކަން ހޯދުމުގެ ނިޔަތުގާވެސް ބައެއް މީހުން ކުރާ މޮޔަ ކަންތަކުން އުމުރަށްވެސް ބައެއްފަހަރު މިކަމުން ސަލާމަތްނުވެ އުޅެންޖެހެއެވެ. 


ހުސޭނުއަކީ ނިކަމެތި އާއިލާއަކަށް ލިބިފާވާ ތިންވަނަ ކުއްޖާއެވެ. އޭނާގެ ބޮޑަށް ފިރިހެނަކާ އަންހެނަކު ހުރެއެވެ. އެއީ ރޫމާއާ ބަދީއުއެވެ. ދުވަސްވަރަކީ ރާއްޖޭގެ ތަދު ދުވަސްވަރުކަމުން ކާންބޯން ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ ރުއްރުކުން ކާއްޓާ ސާމާނު އަޅާ ކައިހަދާންނެވެ. ހުސޭނުއާ އޭނާގެ ބޭބެވެސް ކުރާ މަސައްކަތަކީ މިއީއެވެ. އިރު އެރުމާއެކު ކައިރީ އޮންނަ ފަޅުރަށަށް ކާށިހޮވަން ދެބެއިންދެއެވެ. އެއީ ނަމާން ރަށެއް ކަމަށްވެސް މީހުން ބުނެއުޅެއެވެ. އެއްފައި ފަލަ އަންހެނަކު ފެންނަ ކަމަށް މީހުން ބުނަމުންދެއެވެ. އަދި އެ ފެންނަ ދިމާލަށް ނިދިޔުމަށް ރަށަށް ދާ ކޮންމެ މީހަކަށްވެސް ނަސޭހަތްތެރިވެއެވެ. ނަމަވެސް ހުސޭނުއާ ބަދީއުއަށް މިކަން ވީ މަޖާ ކަމަކަށްށެވެ. ގެއަށް މިއަދު ގެންނަން ޖެހެނީ ދަރާ ކާއްޓާކަމުން ބޮއްކުރާގާ ޖާގަ ހަދާގެން ދެބެއިން ފަޅުރަށަށް ދިޔައެވެ. ފުރޯތައް ކޮނޑަށް ލައިގެން ރަށަށް އެރިގޮތައް ރަށުގެ އެންމެ އެތެރެޔަށް ދިޔައީ ތުނބުން ފުމެމުން ލަވަކިޔަމުންނެވެ. ބޭނުންވާ ދިމާލަށް ދެވުމުން ހުސޭނު ފެށީ ކާށި ހޮވާށެވެ. ބަދީއު ފެށީ ދަރުކޮށާށެވެ. ދަރުކޮށަމުން ދިޔަ ބަދީއު ވަރުބަލިވެގެން ކައިރީ ހުރި ކުޑަ ރުކެއްގާ ފުރޯ ހަރުކޮށްލުމަށް ފުރޮއިން ޖަހާލިޔެވެ. އެވަގުތު ހަމަ ދެތިން ރުކާ ދުރުން ބާރަކަށް ރުކެއްގާ މީހަކު ޖަހާލިއަޑު އިވިގެންދިޔައެވެ. ބަދީއު ދެވަނަ ފަހަރަށް ރުކުގާ ކޮށާފަ އޮތް ދަރުބުރިޔަކުން ޖަހާލިޔެވެ. ހަމަ އެޔާއެކު ހަމަ ކުރިން އިވުނު ހިސާމުން މީހަކު ބާރަށް ރުކެއްގާ ޖަހާލިއަޑު އުވިގެންދިޔައެވެ. 


ބަދީއު : (ކާށި ހޮވަން އޮތް ހުސޭނަށް ބަލާލާފަ) ކޮއްކޯ. މިއަދު މިހުރީ ކަންތަކާ ޖެހިފާ

ހުސޭނު : ކިހިނެއްވީ ބޭބޭ؟

ބަދީއު : (ދަރުބުރިން ރުކުގާ ޖަހާލާފަ) ދެން އަޑު އަހާ

ހުސޭނު : (ރުކުގާ އަނބުރާ ޖަހާ އަޑު އިވުމުން) ބޭބެ ގިނައިން ޖަހާފަ ބަހައްޓާ

ބަދީއު : އާނ މިފަހަރު ބެރު ތަޅާލާވަރު ކޮށްލާނަން 

ހުސޭނު : (ޖިންނިއަށް މަލާމާތްކުރަމުން) އާދޭ ދެން ނަޝާލަން


އެތައް އިރަކު ދެބެއިން މި ސަކަރާތް ޖެހުމަށްފަހު ކޮށި ދަރާ ކާށި ހިފާގެން ބޮއްކުރަޔަށް އެރިޔެވެ. އެއިރުގާ އިރުއޮއްސި އަނދިރިވެއްޖެއެވެ. ދިޔަަވަރުވެސް ކޮންމެވެސް ވަރަކަށް ހިއްކެވެ. ބަދީއު އަރާ ބޮއްކުރާ ކަނބަމުންދިޔައެވެ. ހުސޭނު އިނީ ކުރީގާ އުޑާ ދިމާލަށް ބަލަހައްޓާންނެވެ. މިހެން އިންދާ ކުއްލިޔަކަށް ފަޅުރަށް ކައިރީން މަތިން އެމީހުންނާ ދިމާލަށް ރީތި އަލި ނޫކުލައެއްގާއިން އަލިގުޅައެއް އަންނަތަން ފެނުނެވެ. ހުސޭނު އޭނާގެ ބޭބެޔަށް އަލިގުޅައެއް ފަހަތުން އަންނަ ކަމަށް ބުނުމާއެކު ބަދީއު ފަހަތް އެނބުރި ބަލާލިޔެވެ. ނަމަވެސް އަލިގުޅައެއް ފެންނާކަށް ނެތެވެ. ބަދީއު އެނބުރި ހުސޭނުއާ ދިމާލަށް މޫނުހަދާލިޔެވެ. ނަމަވެސް ހުސޭނުއަށް އަލިގުޅަ ފެންނަމުންދިޔަކަމަށް ބުންޏެވެ. ރަށަށް ލެފުމާއެކު ބައްޕަ ކައިރީ އެއްވެސް ވާހަކައެއް ނުދެއްކުމަށް ބަދީއު އޭނާގެ ކޮއްކޮ ހުސޭނުއަށް ނަސޭހަތްތެރިވިޔެވެ. އެޔަށްފަހު ގެނޭ ސާމާނު ހިފާގެން ގެޔަށް ދެބެންދިޔައެވެ.


ޖެހިގެން އައި ހަފްތާގަވެސް ދެބެން އެއްކަލަ ފަޅުރަށަށްދިޔައެވެ. މެންދުރު ފަހުން ދިޔަ ދެބެން އެމީހުންގެ މަސައްކަތް ފެށުމަށް ކާށި ހޮވަން ހިނގަމުންދިޔައެވެ. މިހެން ދަނިކޮށް ހުސޭނުއަށް ފެހި ވިނަގަނޑެއްގެ މެދުގާ ހުރި ދިގު ރުކެއް ފެނިގެންދިޔައެވެ. އެތަނުގާ ރުއް ކައިރީ މުޑިކާއްޓެއް ވެއްޓިފާއޮތެވެ. ހުސޭނު އެތަނުން މުޑަކާށި ނެގުމަށްފަހު ބަދީއުއަށް ދިއްކޮށްލާފަ އެނބުރުނު އިރު ހަމަ އެދިމާލުގާ އަނެއްކާވެސް މުޑިކާއްޓެއް ފެންނަންއޮތެވެ. ކޮންމެ ފަހަރަކުވެސް ކަންވަމުން ދިޔައީ މިހެންނެވެ. 


ހުސޭނު : އަޅޭ ބޭބޭ މިވަރަށް މުޑިކާށި ހޮވަން ލިބެންޏާ ހިތްފުރޭވަރަށް ވާނެ ކާށި ހޮވަން. ފަސް ގޯނި ހަމަކުރަން ވާން 

ބަދީއު : ޔަގީން 

ހުސޭނު : ގެނޭ ގެނޭ ގިނައިން ގެނޭ


ހުސޭނު ކާށި ނަގަމުންގޮސް ފަހަތަށް ދިއްކޮށް އޭނާގެ ބޭބެޔަށް ދެމުންދަނިކޮށް އެންމެ ފަހަށް ބޭބެގެ ހަބަރެއް ނުވާތީ ފަހަތް ބަލާލިޔެވެ. އެއިރުގާ ބަދީއު ހުރީ ބޮކެއް ފުންމާހެން ހުރިތަނުގާ ހުރެ ފުންމަ ފުންމައެވެ. މި މަންޒަރު ފެނިފާ ބަދީއު ކާށި ހޮވިތަނަށް އެނބުރި ބަލާލިޔެވެ. އެއިރުގާ އެތާ ރުކުގެ ބަދަލުގާ ހުރީ ނިކަގަހެކެވެ. ގަންނާ ކުރެއްވި ބިރުން ހުސޭނު އޭނާގެ ބޭބެ ކޮނޑަށް ލައިގެން ދުވެފާގޮސް ބޮއްކުރަޔަށް އެރުވުމަށްފަހު އަވަހަށް އެރަށުން ފުރާގެން ރަށަށްއައެވެ. އެއިރުގާ ބަދީއު އޮތީ ތުރުތުރުއަޅައަޅާއެވެ. ބަދީއު ބޮއްކުރައިން ނަގާ ރަށުގެ ފަސްގަނޑުގާ ފައި ޖެއްސިތަނުން މީހާ ހޭނެތިގެން ވެއްޓުނެވެ. އެޔާއެކު ހުސޭނު އޭނާ ބޭބެ ބިންމަތިން ނަގާގެން ގެޔަށް ގެންގޮސް އަށިމަތީ ބޭއްވުމަށްފަހު ބައްޕަޔަށް ގޮވިޔެވެ. އަދި ކަންވީ ހުރިހާ ގޮތެއް ކިޔާދިނެވެ. ބައްޕަ ދުވެފާގޮސް އެރަށުގެ އެންމެ މޮޅު ފަންޑިތަވެރިޔާ ކާސިމްބެ ގޮވާގެން އައިސް ބަދީއުއަށް ފަރުވާކުރަން ފެށިޔެވެ. އެހިނދު އޭނާ ބިރުވެރި އަޑަކުން އަރަބިބަސްފަދަ ބަހަކުން ވާހަަކަ ދައްކަމުންދިޔައެވެ. މިކަންތައް ގަނޑުގާ ހަތަރުދަމު އުޅުމަށްފަހު އެންމެ ފަހަށް ބަދީއުގެ ކޮނޑުގާ ތަވީދެއްއަޅާ ކަންކުރަންވީގޮތް އޭނާގެ ބައްޕަޔަށް ކިޔާދިނެވެ. އެގޮތުން ބަދީއު ހޭއެރުމުން އޭނާ ހަފްތާއެއް ވަންދެން ކޮޓަރީގާ ބެހެއްޓުމަށް އެނގިޔެވެ. އެއްގޮތަކަށްވެސް ބޭރަށް ނުކުތަ ނިދުމަށް އަމުރުކުރިޔެވެ. ކުޑަކަމުވެސް އަދި ބޮޑުކަމުދާންވެސް އެއްޗެއް ބެހެއްޓުމަށް އަމުރުކުރުމަށްފަހު ކާސިމްބެ ގެޔަށްދިޔައެެވެ. ހަފްތާއެއް ފަހުން ކާސިމްބެ އައިސް ބަދީއު ގޮވާގެން ރަށުގެ ގޮނޑުދޮށަށްދިޔައެވެ. އަދި މޫދަށް އެރުވާ ތިންފަހަރު ގަންބާލުމަށްފަހު އަތިރިޔަށް އަރުވާ ތަވީދު ކަނޑާ އެއްލާލިޔެވެ. މިހާރު ބަދީއު އެހުރީ ރަނގަޅުވެފާކަމަށް ކާސިމްބެ ބުންޏެވެ. 


ދުވަސްތައް ފާއިތުވެގެން ގޮސް ބަދީއުއާ ހުސޭނު އަނެއްކާވެސް އެއްކަލަ ފަޅުރަށަށް ގޮސްލަން ނިންމިޔެވެ. ނަމަވެސް އޭގެ ކުރިޔަށް ނިންމީ މަސްހިފަން ރޭގަނޑު ވަގުތުގާ ދާށެވެ. ރަށުގެ ފުއްޓަރު ފަރާތަށް މައްރިބަށް ގޮވުމުން ދެބެންވެސް މިސްރާބްޖެހިޔެވެ. އެއިރުގާ ދިޔަވަރު އޮތީ އެއްކޮށްހެން ހިކިފަ ކަހަލަ ގޮތަކަށްށެވެ. ފުއްޓަރާ ހަމަޔަށް ދެވުނުއިރު އަނދިރިވެއްޖެއެވެ. ދެބެން އެރެން ދިމާކުރިވަގުތު ހުސޭނުއަށް ފަރުހަކި ވަސްގަނޑެއް ދުވަންފެށިޔެވެ. އެހިސާބުން މިއީ ގޯހެއްކަން އެނގި ބަދީއު މޭމަތީ އަތްޖައްސާލާ ހުއްޓުވާލިޔެވެ. އިރުކޮޅަކުން ދެބެންނަށް ފެނިގެންދިޔައީ ފުއްޓަރު ރާށުނަގާ ހިސާބުން ކަޅު ލޮނދި އެތިގަނޑެއް އަރާގެން ރަށުގެ ކަނޑޫފާއާ ދިމާލަށް ދާތަނެވެ. އެސޮރުގެ ގައިގާ ރެދަން ކޮންމެވެސް ވަރަކަށް ދިއްލިފާ ހުއްޓެވެ. މަޑު ހިނގުމެއްގާދާ އެ މަހްލޫގު ބަލަން ދެބެން ގުޑާވެސްލާން ނުކެރިފާ ތިއްބެވެ. މަހްލޫގު ގޮސް ކަނޑޫފާތެރެޔަށް ވަދެ ގެއްލުމާއެކު ދެބެން ދުވަމުން ގެޔާދިމާލަށްއައެވެ. ދެބެން އައި އިރުގާ ރަށުތެރެވަނީ ކޮންމެވެސް ވަރަކަށް ހަލަބޮލިވެފައެވެ. ފަޅުރަށަށް ދިޔަ މީހަކު އައިސްގެން އުޅޭތީއެެވެ. ހުސޭނުއާ ބަދީއު އެއީ ކާކުތޯ ބެލިއިރުގާ އެއީ އެމީހުންގެ އެކުވެރި އަހަންމާކަލޯއެވެ. އަހަންމާކަލޯގެ އަތްވަނީ ވަރަށް ބޮޑަށް ޒަހަމްވެސް ވެފައެވެ. ބޮޑެތި ނިޔަފަތިތަކަކުން ވަކިދަމާފާވާ ނިޝާން އޭނާ އަތުގާ ފެންނަން ހުއްޓެވެ. ހުސޭނު ގޮސް އަހަންމާކަލޯ ކައިރީ ވެގެން އުޅޭގޮތް ކިޔާދިމުަށް އެދުނެވެ.


އަހަންމާކަލޯ : ކޮޔާ ކަމަކު ދާކަށްނެތް. ކާފިޔޭ ކާފިޔޭ.... އަހަރެންނާއެކު ދިޔަ މުހަންމާ ކައިފިޔޭ. ދަރުކޮށަން ތިއްބާ އަނދިރިވެއްޖެ. ދަރު ހިފާން ފުރަން ނުކުތްއިރު މޫދުގާވަނީ ރެދަންލާފަ. އިރުކޮޅަކުން އިވުނީ އަންހެނަކު ބާރަށް ހޭއަޑު އެއަށްފަހު ނުކުމެގެން އެ އައީ ބިރުވެރި ސިފަޔެއްގާހުރި އެއްފައި ފަލަ އަންހެނެއް. މޫދުން އެ އެރީ ހަމަ ސީދާ ކަނޑު ފުރޭތައެވެ. އެ އައި ގޮތައް އަހަރުމެންނާ ހަމަވިތަނުން އަހަރުމެން ދުއްވާގަތީ ނަމަވެސް މުހަންމާ އެސޮރުމެން އަތުވި އަހަރެން އޭނާ ސަލާމަތްކުރަން އުޅެނިކޮށް އަހަރެން އަތުގާ އަންހެންމީހާ ވަކިދަމާގަތީ އެހެންވެ އަހަރެންނަށް ފިލަން މަޖުބޫރުވީ. 

ހުސޭނު : (ބަދީއުއަށް ބަލާލާފަ) ބޭބޭ. ފުރޯ ހިފައިން އާދޭ

ބަދީއު : (ރަށުމީހުންނާ މުޙާތަބުކޮށްފާ) އެމީހަކު އަތުޖެހުނު އެއްޗެއް ހިފައިން ފަޅުރަށަށް ދާން އާދޭ


ރައްޔިތުންނާއެކު ދެބެންވެސް ބޮއްކުރާތަކުގާ ފަޅުރަކަށް ދިޔައެވެ. އަހަންމާ ކަލޯ ގޮވާގެން ރައްޔިތުން އޭނާ ހާދިސާ ދިމާވި ދިމާލަށް ދިޔައެވެ. އެއިރުގާ އެތަނުގާ ކައިފާ ހޮޑަށް ލާފަވާ މިނިކަށިތައް ފެންނަން ހުއްޓެވެ. އެއީ މުހަންމާގެ މިނިކަށިތައްކަން އެންމެންނަށްވެސް އެނގުނެވެ. އެހިސާބުން އެންމެންވެސް އެރަށަށް ނޭރުމަށް ނިންމިޔެވެ. އަނބުރާ ރަށަށްގޮސް ކަނޑޫފާތެރެޔާ ރަށުތެރެ ރައްޔިތުން ހާވަމުންދިޔައީ ހުސޭނުއަށް ފެނުނު ކަނޑުފުރޭތަ ހޯދާށެވެ. މިހެން އުޅެނިކޮށް ހުސޭނުއާ ބަދީއު ފަޅުގެޔެއް ކައިރިޔަށް އައިސް މަގޫ ގަސްތަކުތެރެ ހާވަމުންދަނިކޮށް ހުސޭނުއަށް ބަދީއު ފަހަތުގާ އެއްޗެއް ހުރިހެން ހީވެގެން ބުނެލިޔެވެ. އެހިނދު ބަދީއު އެނބުރުތަނުން އެ އެއްޗެއް ބާރުބާރަށް ދެމިގަނެގެން ގޮސް މޫދަށް ފާބާ ގެއްލުނެވެ. އޭތި ދިމަ ވަގުތު ކައިރީ ހުރި ގަސްތައް ވަނީ ކޮޅު ކޮޅަށް ބުރާގެންވެސް ގޮސްފައެވެ. 


ރަށު މީހުންގެ ސަލާމަތައް ކިޔެވެލި ކިޔަވާ އެންމެ ވަރުގަދަ މަޝްހޫރުމީހުން ގެނެވުނެވެ. އަދި މަސްދުވަސްވަންދެން ކިޔެވުމަށްފަހު އެމީހުން ދިޔައެވެ. އޭގެފަހުން ދޭތެރެޔަކުން ރަށްމަތިން އަލިގުޅަޔެއް ދަތުރުކޮށްލާތަން އަބަދުވެސް ފެންނާނެއެވެ. އެއީ ރަށަށް މިހާރު އާއްމުކަމެއް ކަމުން އެކަކުވެސް ބިރެއްނުގަނެއެވެ. ހުސޭނުއާ ބަދީއުވެސް މިހާރުވަނީ ފަޅުރަށަށް ދިޔުން އެއްކޮށް ހުއްޓާލާފައެވެ. އެމީހުންނަށް ދިމާވި ކަންތައްތައް ދިޔައީ ހޮޅުއަށިތައްމަތީ އަބަދުވެސް ކިޔާދެމުންނެވެ. 


- ނިމުނީ - 


ނޯޓް : މިއީ އިހުޒަމާނުގާ ހިނގާފާވާ ބައެއް ހާދިސާތަކަށް ބިނާކޮށް މައުލޫމާތު އެއްކޮށްގެން ލިޔެފާވާ ހިޔާލީ ވާހަކައެކެވެ. 

 


ތިބާގެ އަޖަލު ހަމަވާނެ ވަގުތެއް ތިބާއަކަށް ނޭނގޭނެއެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ތިބާ ހެއްދެވި ފަރާތެވެ. ތިބާގެ ފަހު ދުވަހަކީ މިއަދު ނޫނީ މާދަމާއަށްވެސް ވެދާނެއެވެ. ވިސްނާ ފިކުރުކޮށްލާށެވެ. ކުށެއް ކުރެވިފާވާނަމަ އަވަހަށް ތައުބާވާށެވެ. އެންމެންނަށް ހިތް ހަލާލް ކުރާށެވެ. ހެޔޮ މަރެއް ލިބޭތޯ ގަދައަޅާ މަސައްކަތްކުރާށެވެ. 


މަދީންއަކީ ޒުވާން އުމުރު އިސްރާފްކުރަމުން އަންނަ މީހެކެވެ. މަޖަލާ ކުޅިވަރަކީ އޭނާގެ މުޅި ދުވަހުގާ ކުރާ ކަންތައްތަކެވެ. ދަންވަންދެން ހޭލާ އުޅޭނެއެވެ. ތެދުވާނީވެސް މެންދުރުފަހުއެވެ. އެ ތެދުވާގޮތައް ދެންދާނީ ކޮންމެވެސް މީހަކަށް އާދޭސްކޮށްގެން ކޮފީއެއް ހޯދާށެވެ. އެއަށްފަހު ރަހްމަތްތެރިންނާއެކު ބުރުތަޅަންދިޔުމެވެ. ބަންގީގެ އަޑާ ނަމާދު ވަގުތުތަކަކީ އޭނާއާ މުހިންމު އެއްޗެއްނޫނެވެ. ކީރިތި ގުރުއާން އޮންނަނީ ކޮޓަރީގާ އޮންނަ ކަބަޑުގާ ރީއްޗަކަށް ބާއްވާލާފައެވެ. އެވެސް ފެންނާނީ ރޯދަމަހު އެކަންޏެވެ. އެވެސް ފުރުތަމަ ދިހަ ދުވަހުއެވެ. އެއަށްފަހު އެޔާ މަޑުމަޑުން ދުރަށްދާންފަށައެވެ. މިއީ އޭނާގެ ދިރިއުޅުން ހުންނަގޮތެވެ. 


އެހެން ދުވަސްތަކެކޭވެސް އެއްގޮތައް މިއަދުވެސް މަދީން ދުނިޔެއަށް ލޯހުޅުވާލިޔެވެ. ތެދުވިގޮތައް ސިނގިރޭޓެއް ރޯކޮށްލުމަށްފަހު އެނދުމަތީގާ އޮތް ކޮމްޕިޔުޓަރުގެ ވަޔަލެސް ކީބޯޑް އަދި މައުސް ބޭނުންކޮށްގެން ރަނގަޅު ލަވަތައް ހޯދާލާ ކޮޓަރީގެ ހަތަރުފާރުގެ މަތީ ކަނުތަކުގާހުރި ސްޕީކަރުތަކުން ލަވަ ޖަހަންފެށިޔެވެ. އެއަށްފަހު ފޯނު ހާޥާލަންއިނދެ ސިނގުރެޓް ނިންމާލާން ގޮސް ފާހާނާއަށްވަދެ ފެންވާރާލާން ނުކުމެ ރީތިވެލާ ސެންޓް ތަޅާލާން ގެއިން ނުކުމެ ސައިކަލްއަށް އެރިގޮތައް ދުއްވާލަންދިޔައެވެ. ގޮސް ކޮންމެވެސް މީހަކަށް އުނދަގޫކޮށްގެން ކޮފީއެއް އަތުލިޔެވެ. އެއަށްފަހު ރައްޓެހިން ކައިރިޔަށްގޮސް ސަކަރާތްޖަހާ މަޖާކުރަމުންދިޔައެވެ. މިހެން މަޖާ ކުރުމުގެތެރޭގާ މަދީންގެ މެޔަށް ތަދެއް އެރިޔެވެ. ނަމަވެސް އިރުކޮޅަކުން އެތަދު ފިލިޔެވެ. އާދައިގެ ކަމެއް ކަމަށް ބަލާ އޭނާގެ ކަންތަކާން ކުރިޔަށްދިޔައެވެ. ވަރަށްވެސް ގަދަޔަށް މަޖާ ކުރުމުގައެވެ. މެންދުރާ އަސުރު ފާއިތުވެ މައްރިބް ނަމާދަށް ގޮވާފިޔެވެ. މަދީން ދެން ދިޔައީ ގެޔަށްށެވެ. ގެޔަށް ވަތްތަނުން އަނެއްކާވެސް މެޔަށް ތަދުވެލާފަ ގޮސްފިޔެވެ. ނަމަވެސް އެކަމާ އޭނާ އަޅާނުލާ ގޮސް އޭނާގެ ކަންތައްތަކާގެން ކޮޓަރީގާ އުޅުނެވެ. މައްރިބް ފާއިތުވެ އިޝާއަށް ގޮވާފިޔެވެ. މަދީން ހަމަ އެ ގޮވާލާ ކާމިޔާބީގެ ގޮވާލުމަށް ކުޑަވެސް ސަމާލުކަމެއްނުދީ އޭނާގެ ކަންތައްތަކާގެން ކުރިޔަދިޔައެވެ. 


ދަންވަރު ދޭއް ޖެހުމުން މަދީން ނިދަން އޮށޯތެވެ. މިފަހަރު މިޔަށް އެރީ ވަރުގަދަ ތަދެކެވެ. ފަސް މިނެޓްވަންދެން އެ ތަދު ހުރުމަށްފަހު ފިލާދިޔައެވެ. މަދީން އެކަމާ ކުޑަކޮށް ފިކުރުކޮށްލިޔެވެ. އަދި ޖެހިގެން އައި ދުވަހު ޑޮކްޓަރަށް ދައްކަން ނިންމާ ނިދޭތޯބެލިޔެވެ. ނަމަވެސް މީހާ ދާހިއްލާ ފޯވަނީޔެވެ. ހަމަ އެއްގޮތަކަށްވެސް ލޮލަކަށް ނިންޖެއްނައެވެ. މިހެން އޮށްވާ މަދީންގެ ލޯ މެރިއްޖެއެވެ. ކުއްލިޔަކަށް ހޭލެވުނީ ނޭވާ ނުލެވޭތީއެވެ. ނޭވާހޮޅިޔަށް ނޭވާހުރީ އަޅާފައެވެ. އެނދުން ފުންމާން ތެދުވެ ދެކޮޅަށް ތެޅެންފެށިޔެވެ. އިރުކޮޅަކުން ނޭވާ ލެވެންފެށިޔެވެ. ކުޑަކޮށް ހަމަޖެހުމާއެކު ޑޮކްޓަރަށްގޮސް ދެއްކުމުން އެއްވެސް ކަހަލަ މައްސަލައެއް ނެތްކަމަށް ބުންޏެވެ. މަދީން ގެޔަށް އާދެވުނުއިރު ހެނދުނު ހައެއް ޖަހާފިޔެވެ. ފަތިސްނަމާދު އޭނާހުރީ ނުކޮށްށެވެ. ނިދަން މަސައްކަތްކޮށްކޮށް ނުނިދުނެވެ. މީހާ ވަރުބަލިވަނީޔެވެ. ދާހިއްލަނީޔެވެ. އެނދުގާ ދެކޮޅަށް ތެޅިފޮޅެނީޔެވެ. އެންމެ ފަހަށް ބަނޑުހާވާންފެށިޔެވެ. ތަންތަން ހާވާގެން ފައިސާ ހޯދާގެން ސައިބޯންދިޔައެވެ. އަދި އެޔަށްފަހު ރަހްމަތްތެރިންނާ ބައްދަލްކުރުމުން އެމީހުންނަށްވެސް މަދީންގެ މޫނަށް ބަލާފާ މަދީން ބަލިކަން ފާހަގަކުރިޔެވެ. ކޮންމެވެސް ވަރަކަށް ސަކަރާތްޖަހާލުމަށްފަހު މަދީން ގެޔަށްދާން ހިނގާގަތްތަނުން އަނެއްކާވެސް މެޔަށް ތަދުއެރިޔެވެ. އެޔާއެކު ބިންމައްޗަށް މަދީން ވެއްޓުނެވެ. މަދީންގެ ރަހްމަތްތެރިން އައިސް އޭނާ ނަގާގަނެގެން ހޮސްޕިޓަލްއަށް ގެންދިޔައެވެ. މާނޭވާލާހާލު އެނދުމަތިކޮށްފާވާ މަދީންއަށް މިއީ އޭނާގެ ފަހުވަގުތުކޮޅުކަން އޭނާއަށް އެނގެންފެށިޔެވެ. ހިތައް ބޮޑު ބިރުވެރިކަން ވަދެއްޖެއެވެ.  ތަދަކަށްފަހު ތަދެއް ފުލުފުލުން މޭމައްޗަށް އަރަމުންދިޔައެވެ. އެއިރުގާ މެންދުރުނަމާދު ބަންގިގޮވާއަޑު ރީއްޗަށް މަދީންގެ ކަންފަތައް އިވެމުންދިޔައެވެ. ލޮލުން ކަރުނަ ފައިބަންފަށާފިޔެވެ. އުޅެވުނު ގޮތާމެދު ހިތާމަކުރަން ފަށާފިޔެވެ. ދުލުން ޝަހާދަތްކިޔަން މަސައްކަތްފެށިޔެވެ. ނަމަވެސް އެ ލުއި ކަލިމަކޮޅު ކިޔާލަން އެ ދޫ ހަމަ ހިލާވެސް ގުޑާނުލިޔެވެ. އޭގެ ބަދަލްގާ އޭނާއަށް ކިޔެމުންދިޔައީ އޭނާ ޖަހާ އުޅުން ލަވަތަކުގެ ތަންކޮޅުތަކެވެ. މިހާލުގާ އޭނާ އޮށްވާ މަލަކަލް މައުތު އޭނާގެ ފުރާނާ ހިއްޕަވާފިޔެވެ.  


- ނިމުނީ - 


ލޮބުވެތި އަޙުންނާ އުހްތުންނޭވެ. އެންމެ ދުރުގާވެސް އެންމެ ގާތުގާވެސްވަނީ މަރެވެ. ހެޔޮ އަމަލް ގިނަކުރާށެވެ. ކިތަންމެ ބުރަކޮށް އުޅުނަސް ނަމާދު ނާޅާށެވެ. ކީރިތި ގުރުއާން ކޮންމެ ދުވަހަކުވެސް ކުޅަދާނަވީ މިންވަރަކަށް ކިޔަވާށެވެ. މިޔުޒިކާ ދުރަށް ދެވޭތޯ ބަލާށެވެ. އަދި ފާހިޝް އަމަލްތަކާ ދުރުވާން ގަދައަޅާ މަސައްކަތްކުރާށެވެ. އަބަދުވެސް ﷲ އަށް ހެޔޮމަރެއް ދެއްވާތޯ ދުއާކުރާށެވެ. ތިބާޔަށްވެސް އަދި އަހަރެންނަށްވެސް ހެޔޮމަރެއް ދެއްވާށެވެ.

 


އިނގިރޭސިވިލާތުގާވާ ކުޑަ އަވަށެއްކަމުގާވާ ރޯސްޓައުންއަށް އުފަން އާނާއަކީ ވަރަށްވެސް ރީތި ކުއްޖެކެވެ. އޭނާގެ މައިންބަފައިންވަނީ ވަކިވެފައެވެ. އާނާ ބަލަހައްޓަމުން އަންނަނީ އޭނާގެ މަންމައެވެ. އާނާ ކޮންމެ ހަފްތާއަކުވެސް އޭނާގެ މަންމައާއެކު މާމާ ގެޔަށް ޒިޔާރަތްކުރެއެވެ. އެގެޔަކީ ވަލުތެރޭގަ ހުންނަ ގެޔެއްކަމުން އަސްގާޑިޔަލުގަ ނޫނިއްޔާ ނުދެވެއެވެ. އަސްގާޑިޔަލުގާ އާނާމެން ލާދޭން އެރިކް ކިޔާ ދަރުކޮށާ މީހަކު އަބަދުވެސް އާދެއެވެ. އެރިކްއަކީ ޖާނުން ވަރުގަދަ ހިތްވަރުހުރި ކެރޭ މީހެކެވެ. އޭނާ މަޝްހޫރުވެފާވަނީ އޭނާގެ ފުރޯ އުކުމަށްށެވެ. 

އެހެން ދުވަސްތެކެކޭވެސް އެއްގޮތައް މިއަދުވެސް އާނާއާ އޭނާގެ މަންމަ މާމަޔަށް ޒިޔާރަތްކުރަން ނުކުތެވެ. އިރުކޮޅެއްތެރޭ އެމީހުން ބަލާ އެރިކް އޭނާގެ އަސްގާޑިޔަލުގާ އައިސް މަޑުކޮށްލިޔެވެ. އަސްގާޑިޔަލަށް ދެމީހުން އެރާ ހަމަޖެހިލުމުން އެރިކް އަސްގާޑިޔާ ދުއްވަންފެށިޔެވެ. ރީތި ނަލަ މާ ދަނޑުތައް ކައިރިން ދުއްވާފާ ދިޔަ އަސްގާޑިޔަލުގާ އާނާ ކަޅިޖަހާނުލާވެސް މާތަކަށް ބަލަންއިނެވެ. އެއީ އޭނާއަށް އެންމެ ހާއްސަ ވަގުތުކޮޅެވެ. އަސްގާޑިޔާ ގޮސް ވަލާ ހަމަޔަށް އެރުމުން އަސްގާޑިޔާ ކައިރިޔަށް އަހެއްގާ މީހަކު އައިސް މަޑުކޮށްލިޔެވެ. އަދި އެރިކްމެންނާއެކު ދަތުރުކުރަންފެށިޔެވެ. ވަލުގެ އެންމެ އެތެރެޔަށް އަސްގާޑިޔާ ވަތްތަނުން ވަލުޖަނަވާރު ގޮވާއަޑު އިވެންފެށިޔެވެ. އާނާ ކުޑަކޮށް ބިރުގަންނަންފެށިޔެވެ. ނަމަވެސް އިތުރު މީހަކު ހުރުމުން އާނާ ކުޑަކޮށް ހިތްހަމަޖެހުނެވެ. މަޑު ދުވެއްޔެއްގާ ހުށިޔާރުކަމާއެކު ދަތުރުކުރަމުންދިޔަ އަސްގާޑިޔާ ފަހަތުގާ އަހެއްގާ އަންނަމުން ދިޔަ މީހާއަށް ކުއްލިޔަކަށް ބޮޑު ހިޔަޅެއް ފުންމާންއަރާ ހަމަލާދީ އޭނާ އަހުން ވައްޓާލިޔެވެ. އެވަގުތު އެރިކް އަސްގާޑިޔާ ބާރަށް ދުއްވާލިޔެވެ. އާނާމެން ސަލާމަތްކުރުމަށްށެވެ. އަސްގާޑިޔަލުން ފަހަތްބަލަން އިން އާނާއަށް ފެނިގެންދިޔައީ އަހުން ވެއްޓުނު މީހާ ގައިމައްޗަށް ބޮޑު ހިޔަޅު އެރިގޮތައް އޭނާ ގައިގާ ވަކިއަޅާ ދަތްއަޅާހަދަމުން މަރާލިތަނެވެ. މަންޒަރު ފެނިފާ އާނާ ހޭނެތުނެވެ. 

އާނާ ހޭ އެރިއިރު އޭނާ ގާތުގާ މާމަޔާ މަންމަ އަދި އެރިކްވެސް ހުއްޓެވެ. އާނާ ވަރަށް ބާރަށް ރޮއެގަތެވެ. އާނާ ހަމަޔަކަށް އެޅުވީ އޭނާގެ މަންމައެވެ. ދެ ދުވަހެއްވަރު މާމަގޭގާ މަޑުކުރުމަށްފަހު މަންމަ ކުއްލިޔަކަށް އަވަށަށް އަނބުރާ ދާންޖެހިއްޖެއެވެ. އަދި އާނާ އެވަގުތު މާމަ ކައިރީ މަޑުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނިންމާ މާމަޔާ އާނާ ހަވާލުކުރުމަށްފަހު އެރިކްއާއެކު މަންމަ ހިނގައްޖެއެވެ. މަންމަ ދިޔަތާ ހަފްތާއެއް ވެއްޖެއެވެ. ޙަބަރެއްނުވެއެވެ. މަންމަ ފެންނާނެކަމުގެ އުންމީދުގާ އާނާ ކުޑަދޮރުން އަބަދުވެސް ބޭރު ބަލަންހުރެއެވެ. މިހެން ހުއްޓާ އެއްދުވަހަކު އެރިކް އޭނާގެ ގާޑިޔަލުގާ އައިސް މަޑުކޮށްލިޔެވެ. މަންމަ އައި ކަމަށް ހީކޮށް އާނާ ދުވެފާ ބޭރަށް ނުކުތެވެ. ނަމަވެސް އައީ އެރިކް އެކަނިކަމުން މަންމަ ކޮބާތޯ އާނާ ސުވާލުކުރަންފެށިޔެވެ. އެރިކްގެ ޖަވާބަކަށްވީ ބޮޑު ހިޔަޅު މަންމަ ކާލާފިކަމަށްށެވެ. އެހެން ކިޔާ އެރިކް އަތުގާ ހުރި ޒަހަމްވެސް ދައްކާލިޔެވެ. އަދި ސަލާމަތްވީ ކިރިޔާކަމަށް ބުންޏެވެ. އާނާ ވަރަށް ބޮޑަށް ދެރަވިޔެވެ. މަންމަގެ މަރުގެ ހަބަރު ވެގެންދިޔައީ އޭނާގެ ހިތް ފަޅަފަޅާންދިޔަ ހަބަރަކަށްށެވެ. ހިތުގާ ރުޅިވެރިކަމާ ބަދަލް ހިފުމުގެ ރޫހް އާލާވިޔެވެ. 

ދުވަސްތައް ފާއިތުވެގެންގޮސް އާނާ ހަމަޔަކަށް އެޅިއްޖެއެވެ. މާމަގެ ބެލުމުގެ ދަށުގާ ހުރުމުން އާނާއަށް ވަރަށް ގަވައިދުތައް ހަރުކަށިވިޔެވެ. ބައެއް ފަހަރު މާމަ އެއީ މާމަ ބާއޭވެސް ހިތައް އަރާ ހިސާބަށްދެއެވެ. މާމާގެ ހުންނަ ރުޅިގަދަ ގޮތްގަނޑުގެ ސަބަބުން އާނާ ހުންނަނީ މާމަދެކެ ނަފްސާނީގޮތުން ބިރުގަންފައެވެ. ބުނި ކޮންމެ ކަމެއް އިސްޖަހާލާންހުރެ ކުރަން މަޖްބޫރެވެ. ކޮންމެ ހަފްތާއަކު މާމަ ކައިރިޔަށް އަންނަ އެރިކްވެސް ވަރަށް ތަފާތުވެއްޖެއެވެ. އޭނާ އާނާއާ ދިމާލަށް ބަލަނީ ފާޑަކަށްށެވެ. ނުބައި ނިޔަތެއްގައެވެ. އެއްރޭ އާނާ ނިދާފައޮށްވާ އެރިކްގެ ޝިކާރައަކަށް އޭނާ ވެއްޖެއެވެ. އަތްފާ ބަނދެފާ އިތްފަތްތެރިކަން ނަގާގަތީ އަނިޔާވެރިކޮށްށެވެ. ލަވަމުންދިޔަ ހަޅޭކަށް އެންމެ ކުޑަމިނުން މާމަވެސް ދައްކާނުލިޔެވެ. އެރިކް އޭނާގެ އެދުން ފުއްދުމަށްފަހު ގޮސް ކޮޓަރި ދޮރު ހުޅުވާލިއިރު މާމަ ދޮރުމަތީ ހުއްޓެވެ. އެރިކް އޭނާގެ ޖީބުން ފައިސާ ކޮތަޅެއް ނަގާ މާމަޔަށް ދިއްކޮށްލުމަށްފަހު ނުކުމެގެންދިޔައެވެ. އެރިކް ދިޔުމުން މާމަ އައިސް އާނާގެ އަތްފާ މޮހާލުމަށްފަހު ކޯމަތީ އެތިފަހަރެއްއެޅިޔެވެ. އަދި އެރިކް އަންނަ ކޮންމެ ފަހަރަކުވެސް ތައްޔާރަށް ހުންނަންޖެހޭނެކަމަށް ބުނުމަށްފަހު ގޮސް ކޮޓަރިން ނުކުތެވެ. އާނާއަށް ކެތެއްނުވިޔެވެ. ކުޑަދޮރު ހުޅުވާން ބޭރަށް ފައިބާ ވަރަށް ސިއްރުން އެރިކްގެ އަސްގާޑިޔަލާ ދިމާލަށްދިޔައެވެ. އޭގާ ބާއްވާއޮތް ރަތްކުލާގެ ދިގު ހުޑެއް ފެނުނެވެ. އެ ހުޑްނަގާ އެ ލައިގެން ވަލުތެރެޔަށް ދިޔައެވެ. އެކަނިވެލަންށެވެ. ވީ ކަންތައްތަކާމެދު ހިތާމަކުރާށެވެ. ހިނގަމުންދިޔަ އާނާއަށް އާދެވުނީ ބޮޑު ފެންއާރެއް ކައިރިޔަށްށެވެ. އެތަނުގާ އޭނާ މަޑުކޮށް ބާރަކަށް ރޮއެ ހޭރެންފެށިޔެވެ. އެހާލުގާ ހުއްޓާ ފަތިސްވެ މުޅިތާ ދުންފިނި އުފެދެންފައްޓާފިޔެވެ. އަނބުރާ ގެޔަށް ދިޔުމަށް ހިތްވަރުކޮށްފާ ދާންފެށިޔެވެ. މިހެން އުޅެނިކޮށް ކުއްލިޔަކަށް ބިޔަ ހިޔަޅެއްގެ ހިޔަނި ދުންފިނިތެރެއިން ފާޅުވެއްޖެއެވެ. އާނާ ބިރުން ފަހަތަށް ޖެހެންފެށިޔެވެ. ނަމަވެސް އެ ހިޔަނި ގެއްލި ދުންފިނިތެރެއިން ނުކުތީ ބޮޑު މާސިންގާ ހިޔަޅެކެވެ. އެސޮރު އާނާއާ ދިމާލަށް ބަލަހައްޓާން ކުރިޔަށް މަޑުމަޑުން އަންނަންފެށިޔެވެ. އާނާ ބިންމަތީގާ ދެކަކޫޖަހާ ތިރިވިޔެވެ. އަދި ހިޔަޅާދިމާލަށް އޭނާ ކާލުމަށް އެދި ހަޅޭއްލަވަމުންދިޔައެެވެ. ނަމަވެސް ކުރިޔަށް އައި ހިޔަޅު އައިސް އާނާ ގައިގާ އޭތީގެ ބޮޑު ދޫ ކާއްތާލިޔެވެ. އަދި އޭނާ މޫނުގާ އެސޮރުގެ މޫނު ޖައްސާލިޔެވެ. އެޔާއެކު އާނާ ވަރަށް ބޮޑަށް ހައިރާންވިޔެވެ. އަދި ހިތްހަމަޖެހުން ލިބިގެންދިޔައެވެ. ހިޔަޅު ގާގަ ލެނގިލާންއިނދެ ކަންތައް ވީ ގޮތް ރޮމުން ކިޔާދިނެވެ. އެޔަށްފަހު އިރު އެރުމުން އާނާ އަނބުރާ ގެޔަށް ދިޔައެވެ. އޭގެ ފަހުން ކޮންމެ ރެޔަކު އާނާ އެ ހިޔަޅު ހޯދުމަށް ވަލުތެރެއިން ހިނގާ ފަރިތަކުރިޔެވެ. ވަލުތެރޭގާ އުޅުމަކީ އާނާއަށް މިހާރު އެއްވެސް އުނދަގޫކަމެއްނޫނެވެ. އެރިކްއާ މާމަގެ ފަރާތުން ލިބޭ އަނިޔާތައް އަބަދުވެސް ހިޔަޅާ ދިމާވުމުން ކިޔާދެއެވެ. މިހެން އުޅެނިކޮށް އާނާ އެކަމުން ސަލާމަތްވާން ހިޔަޅު ބޭނުންކުރަން ވިސްނިޔެވެ. އެންމެ ފުރުތަމަ މަރާލަން ނިންމީ އެރިކްއެވެ. އެކަން އޭނާ ރާވާ ނިންމީ ވަރަށް ނުބައިކޮށްށެވެ. 

މިއަދަކީ އެރިކް އަންނަ ދުވަހެވެ. އާނާ ފެންވަރާ ރީތިވެ ހަދާލާގެން އެނދުމައްޗަށްއަރާ ހަމަޖެހިލާގެންއިނެވެ. ރޭގަނޑުވުމާއެކު އެރިކްގެ އަސްގާޑިޔާ އައިސް ގޭ ދޮރުމައްޗަށް މަޑުކޮށްލުމާއެކު އާނާ ނުކުތެވެ. އަދި މިރޭ އެރިކްއާއެކު ވަލުތެރޭގައިން އަރާމް ހިސާބަކަށް ދާން ބޭނުންވާ ވާހަކަ އާނާ ބުނެލިޔެވެ. އެޔަށްފަހު ދެމީހުން އެކީ ހިނގަމުން ސަކަރާތްޖަހަމުންގޮސް އެއްކަލަ ފެންއާރު ކައިރިޔަށްދިޔައެވެ. އެތަނުން އެރިކް އާނާ ބިންމައްޗަށް ވައްޓާލުމަށްފަހު ގަދަކަމުން އިއްފަތް ނަގާލަން މަސައްކަތްފެށިޔެވެ. ނަމަވެސް މިފަހަރު އާނާވެސް ދުލެއްނުދިނެވެ. އާނާ ދެތިން އެތިފަހަރު އެރިކްގެ ނޭފަތުގާ ޖަހާ ފަހަތަށް ބުރުވާލިޔެވެ. އެޔަށްފަހު ތެދުވިޔެވެ. އެރިކް ނޭފަތް ފޮޅާލާފަ އާނާއާ ދިމާލަށް އަންނަފެށިޔެވެ. ކުއްލިޔަކަށް އެރިކް ހުއްޓުންއެރީ އާނާ ފަހަތުން ބޮޑު ހިޔަޅެއް އެރުމުންނެވެ. އެސޮރު ރުޅިވެރިކަމާއެކު އެރިކްއާ ދިމާލަށް ބަލަހައްޓާން ހަމަލާދޭން ތައްޔާރުވިޔެވެ. އެހެން އޮވެފާ އުޑާދިމާލަށް ބޯހިއްލާލާފާ ހިޔަޅުގެ ގޮވުން ގޮވާލިޔެވެ. އެޔާއެެކު އެކި ދިމަދިމާލުން އެތައް ބައިވަރު ހިޔަޅެއް ނުކުމެގެން އައިސް އެރިކް ވަށާލިޔެވެ. އެރިކް އެވަގުތު އޭނާ ލައިގެން ހުރި ގަމީސްތެރެއިން ދެ ވަޅިދެގިޔެވެ. އަދި ހިޔަޅުތަކަށް ހަމަލާދިނުމަށް ތައްޔާރުވިޔެވެ. ކުއްލިޔަކަށް ހުރިހާ ހިޔަޅެއް އެއްފަހަރާ އެރިކްއަށް ހަމަލާދޭންފެށިޔެވެ. އެކި ދިމަ ދިމާލުގާ ވަކި ދަމަމުންގޮސް އެރިކް ކަކޫމައްޗަށް ތިރިކޮށްލުމަށްފަހު ދެ ހިޔަޅެއް އައިސް އެރިކްގެ ދެ އަތުގާ ދަތްއަޅާ ބުރިކޮށްލުމަށްފަހު ދެ އަތް ގެންގޮސް އާނާ ކައިރީ ބޭއްވިޔެވެ. އާނާ އެރިކްގެ ބުރިކޮށްލާފާވާ ދެ އަތުގާވާ ދެ ވަޅު ނަގާގެން ދުވެފާ އައިސް އެރިކްގެ މޭމަތީ ފައިން ޖަހާ ވައްޓާލުމަށްފަހު މޮޔައެއްހެން އެރިކްގެ މެޔަށް ވަޅިތައް ހަރަމުންދިޔައެވެ. މިހާރު މުޅި ތަންވަނީ އެރިކްގެ ލެއިން ތަތްތެޅިފައެވެ. އާނާ ހިތްފުރޭވަރު ވުމާއެކު ތެދުވިޔެވެ. އެޔާއެކު ހިޔަޅުތައް އައިސް އެރިކް ކައި ހުސްކޮށްލިޔެވެ. 

އެރިކްގެ ކަންތައް ނިމުމާއެކު އާނާ މިސްރާބުޖެހީ މާމަ ގެޔާ ދިމާލަށްށެވެ. ލެއިން ތަތްތެޅިފާވާ އާނާ އައިސް ގޭ ދޮރުމައްޗަށް ހުއްޓިހުރެ މާމަޔަށް ގޮވަންފެށިޔެވެ. އެޔާއެކު މާމަ ދޮރުމައްޗަށް ނުކުތެވެ. އާނާ ހުރި ގޮތް ފެނިފާ މާމަ ބިރުން ދޮރުޖަހާ ކުޑަދޮރުން ބަލަހައްޓާގެން ހުއްޓެވެ. ދެން ފެނިގެން ދިޔައީ ބޮޑު ހިޔަޅަކާއެކު ކުދި ހިޔަޅުތަކެއް އައިސް މުޅިގެ ވަށާލިތަނެވެ. ބޮޑު ހިޔަޅު އައި ގޮތައް ދޮރުގާ ދެތިން ފަހަރަކު ބާރަކަށް ޖެހިގަނެ ދޮރު ވައްޓާލިޔެވެ. އެޔާއެކު އާނާ ދެވަޅި އަތަށް ލާގެން ގެޔަށްވަނެވެ. އެއިރުގާ މާމަ ބިރުން ދުވެފާ ގޮސް އާނާގެ ކޮޓަރިޔަށްވަދެ ތަޅުލިޔެވެ. އާނާ އައިސް ދޮރުގާ ޓަކިޖަހަމުން މާމަޔަށް ގޮވަންފެށިޔެވެ. އަދި ދޮރު ހުޅުވުމަށް އެދެމުންދިޔައެވެ. ނަމަވެސް މާމާ އަޅާނުލާތީ އާނާ ގާތައް އިތުރަށް ރުޅި އަންނަންފެށިޔެވެ. އަދި ފައި ދޮރުގާ ތަޅަމުންގޮސް ދޮރު ވައްޓާލިޔެވެ. އެޔަށްފަހު ވަދެ މާމާ އެނދަށް ވައްޓާލާ ކަރުގާ ވަޅި ޖެއްސުމަށްފަހު މާމަޔާ އެރިކް އާނާއަށް ކުރި އަނިޔާގެ މަތިން ހަނދާންކޮށްދިނެވެ. އެޔަށްފަހު މާމަގެ ކަރުގާ ވަޅި ދަމާލާ ލޭ އޮހޮރުވާލިޔެވެ. އެޔާއެކު ގޭތެރެޔަށް ހިޔަޅުތައް ވަދެގަނެގެން އައިސް މާމަ އޮތް އެނދަށް އަރާ މާމަ ކާންފެށިޔެވެ. މި މަންޒަރު ބަލަން އާނާ ހުރީ ހެވިފައެވެ. އޭނާއަށް ލިބެމުންދިޔައީ ބޮޑު އުފަލެކެވެ. 

ހުރިހާ ކަމެއް ނިމުމުން އާނާ ގެއިން ނުކުތެވެ. އެވަގުތު އާނާ ކުރިމަތީ ހުރީ އޭނާގެ މަންމައެވެ. މިއީ ހުވަފެނެއްބާއޭ ހިތައްވެސް އެރިޔެވެ. އާނާ ދުވަފާ ގޮސް މަންމަ ގާގަ ބައްދާގަތެވެ. 

އާނާ : މަންމާ. މަންމަ މަރުވިކަން އަހަރެންނަށް އެނގިފާއޮތީ 
މަންމަ : އާނާ... މަގޭ ލޯބި އާނާ މަންމަ މިހުރީނު 
އާނާ : ކީއްވެ އަހަރެންނަށް މިހާ ދުވަސްފަހުން ތި ފެނުނީ؟
މަންމަ : އާނާ... މަންމަ އެރިކްއާއެކު ދަތުރުކުރީ ސަބަބެއްވެގެން. އޭނާގެ ފަރާތުން ރައްކާތެރިކަން ލިބުމަށް ނަމަވެސް ދަރިފުޅު މިތާ ބަހައްޓާފަ ދިޔަ ދުވަސް އެއީ އަހަރެންގެ އެންމެ ފަހު ދުވަސް. އެރިކް އަހަރެންގެ އިއްފަތް ނަގާލުމަށްފަހު އެތައް ޒަހަމްއެއްދީ އަހަރެން އެއްލާލީ. އަހަރެން މަރުނުވެ އޮތީ ހަމަ ކިރިޔަ ކިރިޔާ މިހާލުގަ އޮށްވާ އައީ ބޮޑު ހިޔަޅެއް އެސޮރު އަހަރެން ކައިރިޔަށް އައިސް އިންސާނަކަށް ބަދަލްވި. އަދި އަހަރެން ސަލާމަތްވާންއޮތީ އޭނާ ކަހަލަ މީހަކަށް ބަދަލްވެގެންކަން ބުނި. އެހިސާބުން އަހަރެން އެކަމަށް އެއްބަސްވީ. އެއީވެސް ދަރިފުޅުގެ ސަލާމަތަށް. އޭނާ އަހަރެން އަތުގާ ދަތްއެޅި. އެހިސާބުން އަހަރެންނަށް އެތައް އުނދަގުލެއްވެގެންދިޔަ. ނަމަވެސް ޒަހަމްތައް މަޑުމަޑުން ރަނގަޅުވެ މީހާ ހަމަޔަކަށް އެޅުން. އޭގެ ފަހުން ތަމްރީންވެސް ލިބުން. މިއަދު އަހަރެންނަކީ ވެއާ ވުލްފްއެއް. ދަރިފުޅު ބޭނުންނަމަށް މި ބާރު އަހަރެން މިހުރީ ދަރިފުޅަށްދޭން ތައްޔާރަށް 
އާނާ : (މަންމަގެ ހިތައް ވަޅި ގަންނުވާލަމުން) ނޫން މަންމާ. އަހަރެންނަށް މަންމަ މަރުވެއްޖެ. އިތުރަށް އަހަރެން ހައްދަން ނޫޅޭ 
މަންމަ : (ވޭންއަޅާ ހާލު ކަރުނަ ބާލަމުން) މަގޭ ލޯބިވާ ދަރިފުޅާ ޝުކުރިއްޔާ. މަންމަ ވަރަށް ލޯބިވޭ

އާނާގެ މަންމަ އޭނާގެ ކުރިމަތީ މަރުވެ އަޅިޔަށްވެގެންދިޔައެވެ. އާނާ ވަށާގެންވާ ކުދި ހިޔަޅުތައް އެކި ދިމަދިމާލަށް ގޮސް ގެއްލި ނިމިއްޖެއެވެ. މިއަދު އާނާގެ ވާހަކަތައް އަޑުއަހާނީ ފަހެ ކާކުހެއްޔެވެ؟ އާނާއަށް ބޭނުންވާ ލޯބި ދޭނީ ކާކުހެއްޔެވެ؟ މިއަދު އާނާއަށް ދިރިއުޅެން މަޖުބޫރުވެފާވަނީ އެކަންޏެވެ. ވަލުތެރޭގާ އޭނާ ފޫހިވީމާ އަތުގާ އޮންނަ ރަތް ހުޑް އަޅާގެން ހިނގައެވެ. ބައެއްފަހަރު ވަލުތެރެއިން ދަތުރުކުރާ މީހާކަށް އާނާ ފެނިފާ ހުރެއެވެ. މީހުން އޭނާއަށް ކިޔާ އުޅެނީ ރެޑް ރައިޑިން ހުޑްއެވެ. 

- ނިމުނީ - 


އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...