އިނގިރޭސިވިލާތުގާވާ ކުޑަ އަވަށެއްކަމުގާވާ ރޯސްޓައުންއަށް އުފަން އާނާއަކީ ވަރަށްވެސް ރީތި ކުއްޖެކެވެ. އޭނާގެ މައިންބަފައިންވަނީ ވަކިވެފައެވެ. އާނާ ބަލަހައްޓަމުން އަންނަނީ އޭނާގެ މަންމައެވެ. އާނާ ކޮންމެ ހަފްތާއަކުވެސް އޭނާގެ މަންމައާއެކު މާމާ ގެޔަށް ޒިޔާރަތްކުރެއެވެ. އެގެޔަކީ ވަލުތެރޭގަ ހުންނަ ގެޔެއްކަމުން އަސްގާޑިޔަލުގަ ނޫނިއްޔާ ނުދެވެއެވެ. އަސްގާޑިޔަލުގާ އާނާމެން ލާދޭން އެރިކް ކިޔާ ދަރުކޮށާ މީހަކު އަބަދުވެސް އާދެއެވެ. އެރިކްއަކީ ޖާނުން ވަރުގަދަ ހިތްވަރުހުރި ކެރޭ މީހެކެވެ. އޭނާ މަޝްހޫރުވެފާވަނީ އޭނާގެ ފުރޯ އުކުމަށްށެވެ.
އެހެން ދުވަސްތެކެކޭވެސް އެއްގޮތައް މިއަދުވެސް އާނާއާ އޭނާގެ މަންމަ މާމަޔަށް ޒިޔާރަތްކުރަން ނުކުތެވެ. އިރުކޮޅެއްތެރޭ އެމީހުން ބަލާ އެރިކް އޭނާގެ އަސްގާޑިޔަލުގާ އައިސް މަޑުކޮށްލިޔެވެ. އަސްގާޑިޔަލަށް ދެމީހުން އެރާ ހަމަޖެހިލުމުން އެރިކް އަސްގާޑިޔާ ދުއްވަންފެށިޔެވެ. ރީތި ނަލަ މާ ދަނޑުތައް ކައިރިން ދުއްވާފާ ދިޔަ އަސްގާޑިޔަލުގާ އާނާ ކަޅިޖަހާނުލާވެސް މާތަކަށް ބަލަންއިނެވެ. އެއީ އޭނާއަށް އެންމެ ހާއްސަ ވަގުތުކޮޅެވެ. އަސްގާޑިޔާ ގޮސް ވަލާ ހަމަޔަށް އެރުމުން އަސްގާޑިޔާ ކައިރިޔަށް އަހެއްގާ މީހަކު އައިސް މަޑުކޮށްލިޔެވެ. އަދި އެރިކްމެންނާއެކު ދަތުރުކުރަންފެށިޔެވެ. ވަލުގެ އެންމެ އެތެރެޔަށް އަސްގާޑިޔާ ވަތްތަނުން ވަލުޖަނަވާރު ގޮވާއަޑު އިވެންފެށިޔެވެ. އާނާ ކުޑަކޮށް ބިރުގަންނަންފެށިޔެވެ. ނަމަވެސް އިތުރު މީހަކު ހުރުމުން އާނާ ކުޑަކޮށް ހިތްހަމަޖެހުނެވެ. މަޑު ދުވެއްޔެއްގާ ހުށިޔާރުކަމާއެކު ދަތުރުކުރަމުންދިޔަ އަސްގާޑިޔާ ފަހަތުގާ އަހެއްގާ އަންނަމުން ދިޔަ މީހާއަށް ކުއްލިޔަކަށް ބޮޑު ހިޔަޅެއް ފުންމާންއަރާ ހަމަލާދީ އޭނާ އަހުން ވައްޓާލިޔެވެ. އެވަގުތު އެރިކް އަސްގާޑިޔާ ބާރަށް ދުއްވާލިޔެވެ. އާނާމެން ސަލާމަތްކުރުމަށްށެވެ. އަސްގާޑިޔަލުން ފަހަތްބަލަން އިން އާނާއަށް ފެނިގެންދިޔައީ އަހުން ވެއްޓުނު މީހާ ގައިމައްޗަށް ބޮޑު ހިޔަޅު އެރިގޮތައް އޭނާ ގައިގާ ވަކިއަޅާ ދަތްއަޅާހަދަމުން މަރާލިތަނެވެ. މަންޒަރު ފެނިފާ އާނާ ހޭނެތުނެވެ.
އާނާ ހޭ އެރިއިރު އޭނާ ގާތުގާ މާމަޔާ މަންމަ އަދި އެރިކްވެސް ހުއްޓެވެ. އާނާ ވަރަށް ބާރަށް ރޮއެގަތެވެ. އާނާ ހަމަޔަކަށް އެޅުވީ އޭނާގެ މަންމައެވެ. ދެ ދުވަހެއްވަރު މާމަގޭގާ މަޑުކުރުމަށްފަހު މަންމަ ކުއްލިޔަކަށް އަވަށަށް އަނބުރާ ދާންޖެހިއްޖެއެވެ. އަދި އާނާ އެވަގުތު މާމަ ކައިރީ މަޑުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނިންމާ މާމަޔާ އާނާ ހަވާލުކުރުމަށްފަހު އެރިކްއާއެކު މަންމަ ހިނގައްޖެއެވެ. މަންމަ ދިޔަތާ ހަފްތާއެއް ވެއްޖެއެވެ. ޙަބަރެއްނުވެއެވެ. މަންމަ ފެންނާނެކަމުގެ އުންމީދުގާ އާނާ ކުޑަދޮރުން އަބަދުވެސް ބޭރު ބަލަންހުރެއެވެ. މިހެން ހުއްޓާ އެއްދުވަހަކު އެރިކް އޭނާގެ ގާޑިޔަލުގާ އައިސް މަޑުކޮށްލިޔެވެ. މަންމަ އައި ކަމަށް ހީކޮށް އާނާ ދުވެފާ ބޭރަށް ނުކުތެވެ. ނަމަވެސް އައީ އެރިކް އެކަނިކަމުން މަންމަ ކޮބާތޯ އާނާ ސުވާލުކުރަންފެށިޔެވެ. އެރިކްގެ ޖަވާބަކަށްވީ ބޮޑު ހިޔަޅު މަންމަ ކާލާފިކަމަށްށެވެ. އެހެން ކިޔާ އެރިކް އަތުގާ ހުރި ޒަހަމްވެސް ދައްކާލިޔެވެ. އަދި ސަލާމަތްވީ ކިރިޔާކަމަށް ބުންޏެވެ. އާނާ ވަރަށް ބޮޑަށް ދެރަވިޔެވެ. މަންމަގެ މަރުގެ ހަބަރު ވެގެންދިޔައީ އޭނާގެ ހިތް ފަޅަފަޅާންދިޔަ ހަބަރަކަށްށެވެ. ހިތުގާ ރުޅިވެރިކަމާ ބަދަލް ހިފުމުގެ ރޫހް އާލާވިޔެވެ.
ދުވަސްތައް ފާއިތުވެގެންގޮސް އާނާ ހަމަޔަކަށް އެޅިއްޖެއެވެ. މާމަގެ ބެލުމުގެ ދަށުގާ ހުރުމުން އާނާއަށް ވަރަށް ގަވައިދުތައް ހަރުކަށިވިޔެވެ. ބައެއް ފަހަރު މާމަ އެއީ މާމަ ބާއޭވެސް ހިތައް އަރާ ހިސާބަށްދެއެވެ. މާމާގެ ހުންނަ ރުޅިގަދަ ގޮތްގަނޑުގެ ސަބަބުން އާނާ ހުންނަނީ މާމަދެކެ ނަފްސާނީގޮތުން ބިރުގަންފައެވެ. ބުނި ކޮންމެ ކަމެއް އިސްޖަހާލާންހުރެ ކުރަން މަޖްބޫރެވެ. ކޮންމެ ހަފްތާއަކު މާމަ ކައިރިޔަށް އަންނަ އެރިކްވެސް ވަރަށް ތަފާތުވެއްޖެއެވެ. އޭނާ އާނާއާ ދިމާލަށް ބަލަނީ ފާޑަކަށްށެވެ. ނުބައި ނިޔަތެއްގައެވެ. އެއްރޭ އާނާ ނިދާފައޮށްވާ އެރިކްގެ ޝިކާރައަކަށް އޭނާ ވެއްޖެއެވެ. އަތްފާ ބަނދެފާ އިތްފަތްތެރިކަން ނަގާގަތީ އަނިޔާވެރިކޮށްށެވެ. ލަވަމުންދިޔަ ހަޅޭކަށް އެންމެ ކުޑަމިނުން މާމަވެސް ދައްކާނުލިޔެވެ. އެރިކް އޭނާގެ އެދުން ފުއްދުމަށްފަހު ގޮސް ކޮޓަރި ދޮރު ހުޅުވާލިއިރު މާމަ ދޮރުމަތީ ހުއްޓެވެ. އެރިކް އޭނާގެ ޖީބުން ފައިސާ ކޮތަޅެއް ނަގާ މާމަޔަށް ދިއްކޮށްލުމަށްފަހު ނުކުމެގެންދިޔައެވެ. އެރިކް ދިޔުމުން މާމަ އައިސް އާނާގެ އަތްފާ މޮހާލުމަށްފަހު ކޯމަތީ އެތިފަހަރެއްއެޅިޔެވެ. އަދި އެރިކް އަންނަ ކޮންމެ ފަހަރަކުވެސް ތައްޔާރަށް ހުންނަންޖެހޭނެކަމަށް ބުނުމަށްފަހު ގޮސް ކޮޓަރިން ނުކުތެވެ. އާނާއަށް ކެތެއްނުވިޔެވެ. ކުޑަދޮރު ހުޅުވާން ބޭރަށް ފައިބާ ވަރަށް ސިއްރުން އެރިކްގެ އަސްގާޑިޔަލާ ދިމާލަށްދިޔައެވެ. އޭގާ ބާއްވާއޮތް ރަތްކުލާގެ ދިގު ހުޑެއް ފެނުނެވެ. އެ ހުޑްނަގާ އެ ލައިގެން ވަލުތެރެޔަށް ދިޔައެވެ. އެކަނިވެލަންށެވެ. ވީ ކަންތައްތަކާމެދު ހިތާމަކުރާށެވެ. ހިނގަމުންދިޔަ އާނާއަށް އާދެވުނީ ބޮޑު ފެންއާރެއް ކައިރިޔަށްށެވެ. އެތަނުގާ އޭނާ މަޑުކޮށް ބާރަކަށް ރޮއެ ހޭރެންފެށިޔެވެ. އެހާލުގާ ހުއްޓާ ފަތިސްވެ މުޅިތާ ދުންފިނި އުފެދެންފައްޓާފިޔެވެ. އަނބުރާ ގެޔަށް ދިޔުމަށް ހިތްވަރުކޮށްފާ ދާންފެށިޔެވެ. މިހެން އުޅެނިކޮށް ކުއްލިޔަކަށް ބިޔަ ހިޔަޅެއްގެ ހިޔަނި ދުންފިނިތެރެއިން ފާޅުވެއްޖެއެވެ. އާނާ ބިރުން ފަހަތަށް ޖެހެންފެށިޔެވެ. ނަމަވެސް އެ ހިޔަނި ގެއްލި ދުންފިނިތެރެއިން ނުކުތީ ބޮޑު މާސިންގާ ހިޔަޅެކެވެ. އެސޮރު އާނާއާ ދިމާލަށް ބަލަހައްޓާން ކުރިޔަށް މަޑުމަޑުން އަންނަންފެށިޔެވެ. އާނާ ބިންމަތީގާ ދެކަކޫޖަހާ ތިރިވިޔެވެ. އަދި ހިޔަޅާދިމާލަށް އޭނާ ކާލުމަށް އެދި ހަޅޭއްލަވަމުންދިޔައެެވެ. ނަމަވެސް ކުރިޔަށް އައި ހިޔަޅު އައިސް އާނާ ގައިގާ އޭތީގެ ބޮޑު ދޫ ކާއްތާލިޔެވެ. އަދި އޭނާ މޫނުގާ އެސޮރުގެ މޫނު ޖައްސާލިޔެވެ. އެޔާއެކު އާނާ ވަރަށް ބޮޑަށް ހައިރާންވިޔެވެ. އަދި ހިތްހަމަޖެހުން ލިބިގެންދިޔައެވެ. ހިޔަޅު ގާގަ ލެނގިލާންއިނދެ ކަންތައް ވީ ގޮތް ރޮމުން ކިޔާދިނެވެ. އެޔަށްފަހު އިރު އެރުމުން އާނާ އަނބުރާ ގެޔަށް ދިޔައެވެ. އޭގެ ފަހުން ކޮންމެ ރެޔަކު އާނާ އެ ހިޔަޅު ހޯދުމަށް ވަލުތެރެއިން ހިނގާ ފަރިތަކުރިޔެވެ. ވަލުތެރޭގާ އުޅުމަކީ އާނާއަށް މިހާރު އެއްވެސް އުނދަގޫކަމެއްނޫނެވެ. އެރިކްއާ މާމަގެ ފަރާތުން ލިބޭ އަނިޔާތައް އަބަދުވެސް ހިޔަޅާ ދިމާވުމުން ކިޔާދެއެވެ. މިހެން އުޅެނިކޮށް އާނާ އެކަމުން ސަލާމަތްވާން ހިޔަޅު ބޭނުންކުރަން ވިސްނިޔެވެ. އެންމެ ފުރުތަމަ މަރާލަން ނިންމީ އެރިކްއެވެ. އެކަން އޭނާ ރާވާ ނިންމީ ވަރަށް ނުބައިކޮށްށެވެ.
މިއަދަކީ އެރިކް އަންނަ ދުވަހެވެ. އާނާ ފެންވަރާ ރީތިވެ ހަދާލާގެން އެނދުމައްޗަށްއަރާ ހަމަޖެހިލާގެންއިނެވެ. ރޭގަނޑުވުމާއެކު އެރިކްގެ އަސްގާޑިޔާ އައިސް ގޭ ދޮރުމައްޗަށް މަޑުކޮށްލުމާއެކު އާނާ ނުކުތެވެ. އަދި މިރޭ އެރިކްއާއެކު ވަލުތެރޭގައިން އަރާމް ހިސާބަކަށް ދާން ބޭނުންވާ ވާހަކަ އާނާ ބުނެލިޔެވެ. އެޔަށްފަހު ދެމީހުން އެކީ ހިނގަމުން ސަކަރާތްޖަހަމުންގޮސް އެއްކަލަ ފެންއާރު ކައިރިޔަށްދިޔައެވެ. އެތަނުން އެރިކް އާނާ ބިންމައްޗަށް ވައްޓާލުމަށްފަހު ގަދަކަމުން އިއްފަތް ނަގާލަން މަސައްކަތްފެށިޔެވެ. ނަމަވެސް މިފަހަރު އާނާވެސް ދުލެއްނުދިނެވެ. އާނާ ދެތިން އެތިފަހަރު އެރިކްގެ ނޭފަތުގާ ޖަހާ ފަހަތަށް ބުރުވާލިޔެވެ. އެޔަށްފަހު ތެދުވިޔެވެ. އެރިކް ނޭފަތް ފޮޅާލާފަ އާނާއާ ދިމާލަށް އަންނަފެށިޔެވެ. ކުއްލިޔަކަށް އެރިކް ހުއްޓުންއެރީ އާނާ ފަހަތުން ބޮޑު ހިޔަޅެއް އެރުމުންނެވެ. އެސޮރު ރުޅިވެރިކަމާއެކު އެރިކްއާ ދިމާލަށް ބަލަހައްޓާން ހަމަލާދޭން ތައްޔާރުވިޔެވެ. އެހެން އޮވެފާ އުޑާދިމާލަށް ބޯހިއްލާލާފާ ހިޔަޅުގެ ގޮވުން ގޮވާލިޔެވެ. އެޔާއެެކު އެކި ދިމަދިމާލުން އެތައް ބައިވަރު ހިޔަޅެއް ނުކުމެގެން އައިސް އެރިކް ވަށާލިޔެވެ. އެރިކް އެވަގުތު އޭނާ ލައިގެން ހުރި ގަމީސްތެރެއިން ދެ ވަޅިދެގިޔެވެ. އަދި ހިޔަޅުތަކަށް ހަމަލާދިނުމަށް ތައްޔާރުވިޔެވެ. ކުއްލިޔަކަށް ހުރިހާ ހިޔަޅެއް އެއްފަހަރާ އެރިކްއަށް ހަމަލާދޭންފެށިޔެވެ. އެކި ދިމަ ދިމާލުގާ ވަކި ދަމަމުންގޮސް އެރިކް ކަކޫމައްޗަށް ތިރިކޮށްލުމަށްފަހު ދެ ހިޔަޅެއް އައިސް އެރިކްގެ ދެ އަތުގާ ދަތްއަޅާ ބުރިކޮށްލުމަށްފަހު ދެ އަތް ގެންގޮސް އާނާ ކައިރީ ބޭއްވިޔެވެ. އާނާ އެރިކްގެ ބުރިކޮށްލާފާވާ ދެ އަތުގާވާ ދެ ވަޅު ނަގާގެން ދުވެފާ އައިސް އެރިކްގެ މޭމަތީ ފައިން ޖަހާ ވައްޓާލުމަށްފަހު މޮޔައެއްހެން އެރިކްގެ މެޔަށް ވަޅިތައް ހަރަމުންދިޔައެވެ. މިހާރު މުޅި ތަންވަނީ އެރިކްގެ ލެއިން ތަތްތެޅިފައެވެ. އާނާ ހިތްފުރޭވަރު ވުމާއެކު ތެދުވިޔެވެ. އެޔާއެކު ހިޔަޅުތައް އައިސް އެރިކް ކައި ހުސްކޮށްލިޔެވެ.
އެރިކްގެ ކަންތައް ނިމުމާއެކު އާނާ މިސްރާބުޖެހީ މާމަ ގެޔާ ދިމާލަށްށެވެ. ލެއިން ތަތްތެޅިފާވާ އާނާ އައިސް ގޭ ދޮރުމައްޗަށް ހުއްޓިހުރެ މާމަޔަށް ގޮވަންފެށިޔެވެ. އެޔާއެކު މާމަ ދޮރުމައްޗަށް ނުކުތެވެ. އާނާ ހުރި ގޮތް ފެނިފާ މާމަ ބިރުން ދޮރުޖަހާ ކުޑަދޮރުން ބަލަހައްޓާގެން ހުއްޓެވެ. ދެން ފެނިގެން ދިޔައީ ބޮޑު ހިޔަޅަކާއެކު ކުދި ހިޔަޅުތަކެއް އައިސް މުޅިގެ ވަށާލިތަނެވެ. ބޮޑު ހިޔަޅު އައި ގޮތައް ދޮރުގާ ދެތިން ފަހަރަކު ބާރަކަށް ޖެހިގަނެ ދޮރު ވައްޓާލިޔެވެ. އެޔާއެކު އާނާ ދެވަޅި އަތަށް ލާގެން ގެޔަށްވަނެވެ. އެއިރުގާ މާމަ ބިރުން ދުވެފާ ގޮސް އާނާގެ ކޮޓަރިޔަށްވަދެ ތަޅުލިޔެވެ. އާނާ އައިސް ދޮރުގާ ޓަކިޖަހަމުން މާމަޔަށް ގޮވަންފެށިޔެވެ. އަދި ދޮރު ހުޅުވުމަށް އެދެމުންދިޔައެވެ. ނަމަވެސް މާމާ އަޅާނުލާތީ އާނާ ގާތައް އިތުރަށް ރުޅި އަންނަންފެށިޔެވެ. އަދި ފައި ދޮރުގާ ތަޅަމުންގޮސް ދޮރު ވައްޓާލިޔެވެ. އެޔަށްފަހު ވަދެ މާމާ އެނދަށް ވައްޓާލާ ކަރުގާ ވަޅި ޖެއްސުމަށްފަހު މާމަޔާ އެރިކް އާނާއަށް ކުރި އަނިޔާގެ މަތިން ހަނދާންކޮށްދިނެވެ. އެޔަށްފަހު މާމަގެ ކަރުގާ ވަޅި ދަމާލާ ލޭ އޮހޮރުވާލިޔެވެ. އެޔާއެކު ގޭތެރެޔަށް ހިޔަޅުތައް ވަދެގަނެގެން އައިސް މާމަ އޮތް އެނދަށް އަރާ މާމަ ކާންފެށިޔެވެ. މި މަންޒަރު ބަލަން އާނާ ހުރީ ހެވިފައެވެ. އޭނާއަށް ލިބެމުންދިޔައީ ބޮޑު އުފަލެކެވެ.
ހުރިހާ ކަމެއް ނިމުމުން އާނާ ގެއިން ނުކުތެވެ. އެވަގުތު އާނާ ކުރިމަތީ ހުރީ އޭނާގެ މަންމައެވެ. މިއީ ހުވަފެނެއްބާއޭ ހިތައްވެސް އެރިޔެވެ. އާނާ ދުވަފާ ގޮސް މަންމަ ގާގަ ބައްދާގަތެވެ.
އާނާ : މަންމާ. މަންމަ މަރުވިކަން އަހަރެންނަށް އެނގިފާއޮތީ
މަންމަ : އާނާ... މަގޭ ލޯބި އާނާ މަންމަ މިހުރީނު
އާނާ : ކީއްވެ އަހަރެންނަށް މިހާ ދުވަސްފަހުން ތި ފެނުނީ؟
މަންމަ : އާނާ... މަންމަ އެރިކްއާއެކު ދަތުރުކުރީ ސަބަބެއްވެގެން. އޭނާގެ ފަރާތުން ރައްކާތެރިކަން ލިބުމަށް ނަމަވެސް ދަރިފުޅު މިތާ ބަހައްޓާފަ ދިޔަ ދުވަސް އެއީ އަހަރެންގެ އެންމެ ފަހު ދުވަސް. އެރިކް އަހަރެންގެ އިއްފަތް ނަގާލުމަށްފަހު އެތައް ޒަހަމްއެއްދީ އަހަރެން އެއްލާލީ. އަހަރެން މަރުނުވެ އޮތީ ހަމަ ކިރިޔަ ކިރިޔާ މިހާލުގަ އޮށްވާ އައީ ބޮޑު ހިޔަޅެއް އެސޮރު އަހަރެން ކައިރިޔަށް އައިސް އިންސާނަކަށް ބަދަލްވި. އަދި އަހަރެން ސަލާމަތްވާންއޮތީ އޭނާ ކަހަލަ މީހަކަށް ބަދަލްވެގެންކަން ބުނި. އެހިސާބުން އަހަރެން އެކަމަށް އެއްބަސްވީ. އެއީވެސް ދަރިފުޅުގެ ސަލާމަތަށް. އޭނާ އަހަރެން އަތުގާ ދަތްއެޅި. އެހިސާބުން އަހަރެންނަށް އެތައް އުނދަގުލެއްވެގެންދިޔަ. ނަމަވެސް ޒަހަމްތައް މަޑުމަޑުން ރަނގަޅުވެ މީހާ ހަމަޔަކަށް އެޅުން. އޭގެ ފަހުން ތަމްރީންވެސް ލިބުން. މިއަދު އަހަރެންނަކީ ވެއާ ވުލްފްއެއް. ދަރިފުޅު ބޭނުންނަމަށް މި ބާރު އަހަރެން މިހުރީ ދަރިފުޅަށްދޭން ތައްޔާރަށް
އާނާ : (މަންމަގެ ހިތައް ވަޅި ގަންނުވާލަމުން) ނޫން މަންމާ. އަހަރެންނަށް މަންމަ މަރުވެއްޖެ. އިތުރަށް އަހަރެން ހައްދަން ނޫޅޭ
މަންމަ : (ވޭންއަޅާ ހާލު ކަރުނަ ބާލަމުން) މަގޭ ލޯބިވާ ދަރިފުޅާ ޝުކުރިއްޔާ. މަންމަ ވަރަށް ލޯބިވޭ
އާނާގެ މަންމަ އޭނާގެ ކުރިމަތީ މަރުވެ އަޅިޔަށްވެގެންދިޔައެވެ. އާނާ ވަށާގެންވާ ކުދި ހިޔަޅުތައް އެކި ދިމަދިމާލަށް ގޮސް ގެއްލި ނިމިއްޖެއެވެ. މިއަދު އާނާގެ ވާހަކަތައް އަޑުއަހާނީ ފަހެ ކާކުހެއްޔެވެ؟ އާނާއަށް ބޭނުންވާ ލޯބި ދޭނީ ކާކުހެއްޔެވެ؟ މިއަދު އާނާއަށް ދިރިއުޅެން މަޖުބޫރުވެފާވަނީ އެކަންޏެވެ. ވަލުތެރޭގާ އޭނާ ފޫހިވީމާ އަތުގާ އޮންނަ ރަތް ހުޑް އަޅާގެން ހިނގައެވެ. ބައެއްފަހަރު ވަލުތެރެއިން ދަތުރުކުރާ މީހާކަށް އާނާ ފެނިފާ ހުރެއެވެ. މީހުން އޭނާއަށް ކިޔާ އުޅެނީ ރެޑް ރައިޑިން ހުޑްއެވެ.
- ނިމުނީ -
No comments:
Post a Comment