އެ ބޭބެއަކީ އަބަދުވެސް ސްކޫލް ކައިރިން ފެންނަ ބޭބެއެކެވެ. އެ ބޭބެ ކޮންމެ ދުވަހަކުވެސް ކޮތަޅެއް ހިފައިގެން މަގުމަތިން ދާހާ ކުޑަކުދިންނަށް ޗޮކްލެޓް ބަހާތަން އަބަދުވެސް ފެނެއެވެ. ބައެއްފަހަރު އަހަރެންނާ އަރާ ހަމަވާއިރު ހުރިހާ ޗޮކްލެޓެއް ހުންނަނީ ހުސްވެފައެވެ. އެކަމާ ދަރިފުޅު ދެރަވުމުން އެ ބޭބެ ދެނީ ޗޮކްލެޓެއް ގަންނަވަރަށް ލާރިއެވެ. އެ ބޭބެގެ މޫނުމަތި އަބަދުވެސް ހުންނަނީ ހިނިތުންވެފައެވެ. އަބަދުވެސް އެ އޯގާތެރި އަތުން ދަރިފުޅު ބުރަކަށީ ފިރުމާނުލާ ފަހަރެއްނުދާނެއެވެ.
އެއްދުވަހެއްގެ ހެނދުނެވެ. ސްކޫލްއަށް ދިޔަ މަގުމަތީގައި ޗޮކްލެޓްދޭ ބޭބެ ފެނުނެވެ. އެ ބޭބެ ފެނުމުން ދަރިފުޅު އުފަލުން ދުވަމުން ގޮސް އެ ބޭބެ ގައިގާ ބައްދާލިއެވެ. އެ ބޭބެ އާ އެތައް ސަމާސާއެއްކޮއްފައި ހިތްފުރާ އުފާވެރިކަން ހިފައިގެން ދަރިފުޅު އައުމުން ސްކޫލްއަށް ގެންގޮސްލާފައި އަންނަނިކޮއް ޗޮކްލެޓްދޭ ބޭބެއާ ދިމާވިއެވެ. މިއަދު އެ ބޭބެގެ މޫނުމަތިން އެއްވެސް ހިނިތުންވުމެއް ނުފެނެއެވެ. ސުވާލުކޮއްލުމުން ހާލަތު ރަނގަޅުކަމަށް ބުނުމަށްފަހު ހިނގާފައިގޮސް ލޯމައްޗަށް ގެއްލުނެވެ.
ސްކޫލް ނިމުމުން ދަރިފުޅު ދުވަމުން އައިސް އެންމެ ފުރުތަމަވެސް ބުނީ މިއަދު ޗޮކްލެޓްދޭ ބޭބެއަށް ހަދިޔާ ދޭނީ ދަރިފުޅުކަމަށްށެވެ. އެހެންވެ ދަރިފުޅު ގޮވައިގެން އެ ބޭބެ އާއްމުކޮއް ހުންނަ ތަނަށް މިއަދު ދިޔައިރު ފެންނާކަށްނެތެވެ. މިކަމާ ދަރިފުޅު ވަރަށް ހިތާމަކުރިއެވެ. އަދި ޝަކުވާކުރިއެވެ. އެ ބޭބެއަށް ދޭން ހަދާފައި އޮތް ހަދިޔާވެސް ދައްކާލިއެވެ. ދަރިފުޅުގެ ހިތުގެ އުދާސްތައް އެންމެ ރަނގަޅަ އެނގޭނީ ބެލެނިވެރިޔާއަށްކަމުން ދަރިފުޅު ގެއަށްލާފައި ޗޮކްލެޓްދޭ ބޭބެ ހޯދަން ނުކުތީމެވެ. އެތައް ދުއްވުމެއް ދުއްވުމަށްފަހު އެތައް ބަޔެއް ކައިރިން މައުލޫމާތު އޮޅުން ފިލުވައިގެން އެ ބޭބެގެ ގެ ހޯދައިގެން އެގެޔަށް ދިޔައީމެވެ. އެގޭ ކުއްޔަށްދީފައިހުރި ކޮޓަރިއެއްގައި ޓަކި ދިނީމެވެ. އެތެރެއިން މީހަކު ކެއްސަމުން އަންނަ އަޑު އިވުނެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީ ހުރީ ޗޮކްލެޓްދޭ ބޭބެއެވެ. ދަރިފުޅުގެ ވާހަކަތައް ކިޔާދިނުމުން އެ ބޭބެ އަހަރެން އެތެރެޔަށް ވެއްދިޔެވެ. އަދި ކެއްސަމުން އޭނާގެ ހާލަތު ބަޔާންކުރިއެވެ. އޭނާއަކީ ކެންސަރުގެ ފަހު ސްޓޭޖްގައިވާ މީހެއްކަމެވެ. އަދި ދަރިފުޅު އެހާ އޭނާއާ ގާތްކޮއް ލޯބިން އުޅޭތީ އޭނާ ވަރަށް އުފާވާ ކަމަށްވެސް ބުނިއެވެ. އެއަށްފަހު ދަރިފުޅު ގޮވައިގެން ހަވީރު އެގޭދޮށަށް އައުމަށް އެމީހާ އެދުނެވެ.
އަހަރެން ވީ އެންމެ އަވަހަކާ ގެއަށްގޮސް ދަރިފުޅު ރީތިކުރީމެވެ. އަދި ޗެކްލެޓްދޭ ބޭބެއާ ބައްދަލްކުރަން ކަމަށް ބުނެ އަވަހަށް ހަދިޔާ ހިފައިން ހިނގައިގަތުމަށް ބުނެލީމެވެ. ދަރިފުޅުގެ އުފާވެރިކަން މޫނުމަތިން އެނގިގެންދިޔައެވެ. އަދި ސައިކަލްގައި ދަރިފުޅު ގޮވައިގެން ޗޮކްލެޓްދޭ ބޭބެ ގޭދޮށަށް ދިޔައިރު މީހުންތައް އެތަނުގައި އެއްވެފައި ތިއްބާ ފެނުނެވެ. ގިނައީ ކުޑަކުދިންނެވެ. އަވަހަށް ދަރިފުޅު ގޮވައިގެން އެތަނަށް ދިޔައީ އެ ބޭބޭއާ ބައްދަލްކުރުވާށެވެ. ނަމަވެސް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ޗޮކްލެޓްދޭ ބޭބެ އޭނާގެ ޗޮކްލެޓްތަކާއެކުވަނީ ބިންމައްޗަށް ވެއްޓިފައެވެ. އަހަރެންގެ ދަރިފުޅު ދުވެފައި ގޮސް އެ ބޭބެ ކައިރީ އިށީންދެ އެ ބޭބެއަށް އެތައް ފަހަރަކު ގޮވިއެވެ. އަދި ގެނެސްފައި އިން ހަދިޔާ ބޭބެގެ ލޯ މައްޗަށް ހޫރުވާ ދައްކައެވެ. ނަމަވެސް އެއްވެސް ހަރަކާތެއްނުކޮއް އޮތް ބޭބެގެ ފުރާނަނެތްކަން އެނގެނީ ބޮޑެތި މީހުންނަށް އެކަންޏެވެ. ދަރިފުޅު އައިސް އަހަރެން ގައިގާ ބާރަށް ބައްދާގަނެ ރޮއެގަތެވެ. އަދި ވެގެން އުޅޭގޮތް ކިޔާދިނުމަށް އާދޭސްކުރިއެވެ. ވަރަށް ހިިތްވަރުކޮއްފައި ޗޮކްލެޓްދޭ ބޭބެ އެއޮތީ މިދުނިޔެއާ ވަކިވެފައިކަން ބުނެލިއެވެ. އެ ބަސްތައް އިވުމުން ދަރިފުޅު އަޑުގެ ނެތްކޮޅަށް ރޯންފެށިއެވެ. ނަމަވެސް އިރުކޮޅަކުން ހުއްޓާލުމަށްފަހު ޗޮކްލެޓްދޭ ބޭބެ ކައިރިއަށް ގޮސް އުޑުމައްޗަށް ދެ އަތްނަގާ ހެޔޮދުއާ ކުރަންފެށިއެވެ. ދަރިފުޅުފަހަތުން ދެންތިބި ކުދިންވެސް ދުއާކުރަން ފެށިއެވެ. މި މަންޒަރު ފެނުމުން މުޅި ތަނުގައި އެއްވެފައި ތިބި މީހުން އެ ބޭބެއަށް ހެޔޮދުއާކުރަން ފެށިއެވެ. މި މަންޒަރު ވެގެން ދިޔައީ މުޅި މީޑިޔާތަކުގައި ފެތުރިގެން ދިޔަ މަންޒަރަކަށްށެވެ. އެ ބޭބެ މިއަދު މިދުނިޔެ ދޫކޮއް ދިޔަޔަސް އެތައް ކުދިންނެއްގެ ލޯތްބާ ހެޔޮދުއާ ދަނީ އެ ބޭބެއަށް ލިބެމުންނެވެ.
No comments:
Post a Comment