މަކަރުވެރިޔެއްގެ މަޅީގައި ޖެހޭ މީހުން މަދެއްނޫނެވެ. އެއްވެސް ބެލުމެއްނެތި ކަމެއްކުރަންއިޅޭއިރު މިކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އެނގެނީ ވަގުތު ފާއިތުވުމުންނެވެ. މިކަމުގެ ސަބަބުން ލިބޭ ގެއްލުމުން ގިނަ މީހުންނަށް އަރައިގަންނަން ދަތިވެފައި އެބަތިއްބެވެ.
ސުރޫރްއަކީ އަބަދުވެސް މުއްސަންޖަކަށްވުމަށް އެދޭ މީހެކެވެ. ފަހުގެ ޓެކްނޮލޮޖީއަކީ އޭނާ ވަރަށް ލޯބިކުރާއެއްޗެކެވެ. ނަމަވެސް ތަނަވަސްކަން ނެތުމުން އޭނާ ބޭނުންވާއެއްޗެއް އޭނާއަށް ލިބުންވަނީ ދަތިވެފައެވެ. ސުރޫރް މަސައްކަތްކުރަނީ ކުޑަ އޮފީހެއްގައެވެ. އެތަނުން ލިބޭ އާމްދަނީއިން ކިރިޔާ އޭނާ ދެކޮޅު ޖައްސައެވެ. ކުލި ދައްކާފައި ކެއުމުގެ ހަރަދާ ބިލްތަކަށް ފައިސާ ކަނޑާނިމޭއިރު އަތުގައި އޮންނަނީ އެންމެ ދެހާސްރުފިޔާއެވެ. އޭގެން މަސްނިމޭއިރު ބޭނުންކޮއްލަން ފައްސަތޭކަ އަބަދުވެސް އޭނަ ފޮރުވައެވެ.
އެއްދުވަހެއްގެ ހެނދުނެވެ. އޮފީހަށްދާން ސުރޫރް ނުކުމެ ސައިބޯލައިގެން މީސް މީޑިއާ ހަވަމުން އޮފީހަށް ހިނގާފައިދަނިކޮއް އޭނާއަށް އި މެއިލް ނޯޓިފިކޭޝަންއެއްއައެވެ. މެއިލް ހުޅުވާ ބަލައިލިއިރު މެއިލްގައި ލިޔެވިފައިވަނީ ވިޔަފާރިއެއްގެ ފުރުސަތުގައި ބައިވެރިވުމަށް ލައްވާލާފައިވާކަމަށްށެވެ. މާކަށް ބޮޑު ބެލުމެއްނެތި އަޅާނުލާ ގޮސް އޮފީހަށްވަދެ އޮފީސް ކޮމްޕިޔުޓަރުން އެ މެއިލް އަލުން ރަނގަޅަށް ކިޔާލަން ފެށިއެވެ. އެއީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔެއްގެ ނަމުގައި އައިސްފައި އިން މެއިލްއެކެވެ. އެ މެއިލްގައިވަނީ ވަކި ވަރެއް ދީގެން އެ ވިޔަފާރީގައި ބައިވެރިވެވޭކަމެވެ. އެވިޔަފާރިން ލިބޭ ފައިދާ ދެގުނަ ލިބޭނެކަމުގެ ޔަގީންކަމާއެކު ލިބިފައި ތިބި މީހުންގެ ލިސްޓްއެއްވެސް އެ މެއިލްގައިވަނީ ހިމަނާފައެވެ. ކޮންމެ މީހެއް އަތުގައި އެމީހެއްގެ ފައިދާ އޮތް ފޮޓޯއާ އަރާމް ދިރިއުޅުން ދައްކުވައިދޭ ފޮޓޯތައްވެސް މި މެއިލްގައި އޮތެވެ. ސުރޫރް ވަގުތުން މިކަމަށް ޝައުގުވެރިވެ އެ މެއިލްއަށް ރިޕްލައިކޮއްލިއެވެ. އެއަށްފަހު އެފަރާތަކުން އަންނާނެ ޖަވާބެއްގެ އިންތިޒާރުގައި މުޅިދުވަސް ހޭދަކުރިއެވެ. ނަމަވެސް އެދުވަހަކު ޖަވާބެއްނުލިބުނެވެ.
ޖެހިގެން އައި ދުވަހު ސުރޫރް އޮފީހުގައި އިންދާ އޭނާގެ ފޯނަށް އީމެއިލްގެ ނޯޓިފިކޭޝަން ލިބިގެން ދިޔައެވެ. އަވަސް އަރުވާލާފައި ކޮމްޕިޔުޓަރުންވަދެ އައިސްފައި އިން ޖަވާބު ބަލާލިއެވެ. އޭގައިވަނީ އެމީހާ ބުނާ އެކައުންޓްއަކަށް ފައިސާ ޖަމާކޮއްދިނުމަށްށެވެ. އެއިރުން މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެވުނީ ކަމަށްށެވެ. ފައިސާގެ އަދަދަކީ ފައްސަތޭކަ ކަމަށްށެވެ. ފައިސާ ޖަމާކުރުމަށް މެއިލްގައި ހިމަނާފައިވާ ލިންކްއަށް އޮބާލުމަށްވަނީ އެދިފައެވެ. ސުރޫރް އެލިންކްއަށް އޮބާލިއެވެ. ކޮމްޕިޔުޓަރުގެ ބްރައުޒާގަ އާ ވިންޑޯއެއް ހުޅުވުނެވެ. އޭގައިވަނީ އެބުނާ މީހެއްގެ އެކައުންޓް ނަމްބަރާއެކު ބޭންކް ކާރޑް މައުލޫމާތު ފުރާ ފޯމަކާއެކު އޮންލައިންކޮއް ފައިސާ ދެއްކޭގޮތެވެ. ސުރޫރް ވަގުތުން އެ ފޯމު ފުރުމަށްފަހު ސަބްމިޓް ސްވިޗްއަށް އޮބާލިއެވެ. އިރުކޮޅަކުން މަރުހަބާގެ މެއިލްއެއް ސުރޫރްއަށްއައެވެ. މިހާރު ސުރޫރްއަކީ ވިޔަފާރީގެ ހިއްސާދާރު މެމްބަރެއްކަމަށް އެ މެއިލްގައި ބުނެފައި އޮތެވެ. އިތުރު މެމްބަރުން ހޯދައިފިނަމަ ސުރޫރްއަށް ލިބޭ ފައިދާ ބޮޑުވާނެކަމަށްވެސް އެމެއިލްގައި ލިޔެވިފައި އޮތެވެ. ވީ އުފަލުން ސުރޫރް އެކި ރައްޓެހިންގާތު މިވާހަކަ ދެއްކިއެވެ. އަދި ބައެއް ރައްޓެހިން ސުރޫރްގެ ބަސް ގަބޫލްކޮއް މިބުނާ ވިޔަފާރީގައި ބައިވެރިވިއެވެ. މިހާރު ސުރޫރް ހުންނަނީ އޭނާއަށް ލިބޭ ފައިދާގެ އިންތިޒާރުގައެވެ. އޭނާ ބޭނުންވާ މުއްސަނދިކަން އޭނާއަށް ލިބޭނެކަމުގެ ޔަގީންކަން މިއަދު އޭނާ ހުރީ ކަށަވަރުކޮއްގެނެވެ.
މަސްނިމި މުސާރަވެސް ޖަމާވުމާއެކު ސުރޫރް ދިޔައީ އަވަހަށް ފައިސާ ނަގައިގެން ކުލި ދެއްކުމުގެ ނިޔަތުގައެވެ. އޭޓީއެމްއަށް ކާރޑް ޖަހާލުމަށްފަހު ކުލީގެ އަދަދު ކަމުގައިވާ ހަތްހާސް ޖަހާލިއެވެ. ނަމަވެސް ފައިސާ އޭޓީއެމްއިން އައުމުގެ ބަދަލުގައި އެރީ އެއަދަދަށް ފައިސާނެތްކަމަށްށެވެ. ހާސްވެފައި ހުރި ސުރޫރް ދެވަނަފަހަރު އަދި ތިންވަނަފަހަރުވެސް މަސައްކަތްކޮއްގެން އެ އަދަދަށް ފައިސާއެއްނުލިބުނެވެ. ހާސްކަން އިތުރަށް ބޮޑުވެ އެކައުންޓް ބެލެންސް ބަލައިލިއިރު ހިތް ފަޅަފަޅައިގެންދިޔައެވެ. އެކައުންޓްގައި އެކައްޗެއްވެސްނެތެވެ. އޮފީހުގެ އެހެންމީހުންނަށް ގުޅާ މުސާރަ ޖަމާވިތޯ ބެލުމުން އެހެންމީހުންނަށް ޖަމާވި ވާހަކަ ބުނުމުން އިތުރަށް ސުރޫރް ދެރަވިއެވެ. ވެގެން އުޅޭގޮތް ހަމަ އެއްގޮތަކަށްވެސް ނޭނގި ހުއްޓާ ސުރޫރް ބުނެގެން ވިޔަފާރީގައި ބައިވެރިވި ދެތިން ރައްޓެއްސެއްގެ އެކައުންޓަށްވެސް ހަމަ އެހެންވެގެން އުޅޭ ވާހަކަ ގުޅާފައި ބުނިއެވެ. އެކަމުގެ ޒިންމާ ނަގަންޖެހޭނީ ސުރޫރްކަމަށް ބުނެ އެމީހުން އޭނާ އަތުން ލާރި ހޯދަން އަންނާނެވާހަކަ ބުނިއެވެ. މިހާރު ކުރެވުނު މޮޔަ ކަންތަކޭ ސުރޫރް ހިތަށް އަރައެވެ. އޭނާއަށްވަނީ ހުރިހާ ކޮޅަކުންވެސް މަގުބެދިފައެވެ. ދެރީކީ އެންމެ މީހަކަށްނޫނެވެ. އެތައް ބަޔަކަށްށެވެ. ހަދާނެ އެއްވެސް ގޮތެއްނެތިފައިހުރި ސުރޫރް މަގުމަތީ ހުއްޓާ އޮފީހުގެ ވެރިމީހާއާ ދިމާވިއެވެ. ސުރޫރްގެ މާޔޫސްވެފައިވާ މޫނު ފެނުމުން ވެރިމީހާ ވެގެން އުޅޭގޮތް އޮޅުން ފިލުވާލިއެވެ. ކަންތައްވީގޮތް ކިޔާދިނުމުން ވެރިމީހާ ސުރޫރް ގޮވައިގެން އޮފީހަށް ދިޔައެވެ. އަދި ގޮސް ބޭންކްގައި އުޅޭ އޭނާގެ ގާތް ރައްޓެއްސެއް މެދުވެރިކޮއް ސުރޫރްގެ ކާޑް ކެންސަލްކުރުމަށްފަހު އެކަންއުންޓްވެސް ބަންދުކޮއް އާ އެކައުންޓްއަކާ ކާޑެއް ހަދާފައި ސުރޫރްއަށް ހަފްތާއެއްތެރޭ ލިބޭގޮތް ހަދައިދިނެވެ. އަދި ސުރޫރްގެ މުސާރަ އަލުން އޭނާއަށް ދިނުމަށްފަހު ސުރޫރްގެ ރައްޓެހިންގެ ފަރާތުން އޭނާ ސަލާމްތްކުރިއެވެ. އެމީހުންނަށް ދޭންވާ ލާރި ދީ ހަލާސްކޮއްލިއެވެ. ސުރޫރް ވެރިމީހާއަށް ޝުކުރުއަދާ ކުރުމަށްފަހު އަވަހަށް ފައިސާ ހިފައިގެން ކުލިދައްކަން ދަނިކޮއް ސުރޫރް ފޯނަށް މެސެޖެއްއައެވެ. ފޯނުނަގާ ބަލާލިއިރު އެއީ ވެރިމީހާގެ މެސެޖެކެވެ. އެ މެސެޖުގައިވަނީ ފެންނަ ކޮންމެ އެއްޗަކީ ރަނެއްނޫނެވެ.
No comments:
Post a Comment