ކޮންމެ ނަފްސަކީ އެ ނަފްސަކަށް ދެވިފައިވާ ވަގުތު ހަމަވުމުން މި ފަނާވަމުންދަނިވި ދުނިޔެއާ ވަކިވެގެންދާނެ އެއްޗެކެވެ. އެނަފްސެއް ކުޅަ ކަމެއްގެ ޖަޒާ އެ ނަފްސަކަށް ހަމައަށް ލިބިގެންވެސްދާނެއެވެ. އެ ނަފްސު ހުށެހެޅެނީ އެންމެ އަޒީޒްވަންތަ އެންމެ އިންސާފްވެރި ﷲ سُبْحَانَهُ وَ تَعَالَى ގެ ކުރިމައްޗަށްށެވެ.
ސަމީހްއަކީ ވަރަށް ފަރުވާކުޑަ ޒުވާނެކެވެ. ކަންނެތްކަމަކީ އޭނާގެ ހަށީގައި ހިފާފައި ހުންނަ އާދައެކެވެ. މިސްކިތް ހުންނަނީ ސަމީހް ގެއާ ޖެހިގެންކަމުން ފަސްވަގުތު ގޮވާލެވޭ ބަންގީގެ އަޑުން އޭނާއަށް ފަތިހުވެސް ހޭލެވެއެވެ. ނަމަވެސް ދެރަ ކަމަކީ ފަތިސްނަމާދަށް ދިޔުމަށްވުރެ ނިދި ނުވަތަ އޭނާ ގެންގުޅޭ ފޯނަށް އިސްކަންދިނުމެވެ. ސަމީހްއަކީ ފޯނުގައި އަތްލައިފިނަމަ އެޔަށް ރަނގަޅަށްވެސް ގެއްލިފައި އިންނަމީހެކެވެ. ފާހިޝް ސައިޓްތަކަށްވަދެ އެކަމުންވެސް އޭނާ އުފާލިބިގަނެއެވެ. މައްރިބް ނަމާދާ އިޝާ ނަމާދު ގަޑިއަކީ ސަމީހް އާއްމުކޮއް ނިދާލަން އޮށޯންނަ ގަޑިއެކެވެ.
އެއްދުވަހެއްގެ ހެނދުނެވެ. އަވަށްޓެރިއަކު ނިޔާވެގެން އުޅޭ ޙަބަރު ސަމީހްއަށް ލިބުނެވެ. އެގެޔަށް ސަމީހު ގޮސް ވަތްއިރު މުޅި ގޭގައިވަނީ މަޑު އަޑުން ތަކުބީރުގެ އަޑެވެ. އަދި އާދަޔާ ޙިލާފު މީރުވަހެއް އެގެއިން ދުވައެވެ. އަވަށްޓެރިޔާގެ މަންމަ އައިސް ސަމީހް ކައިރީ އަވަށްޓެރިޔާގެ ކޮޓަރިއަށް ވަދެލުމަށް އެދުނެވެ. ސަމީހް އެކޮޓަރިއަށް ވަތްތަނުން މީރުވަސް އިތުރަށް ގަދަވެގެންދިޔައެވެ. އަވަށްޓެރިޔަގެ މޫނަށް ސަމީހު ބަލާލިއެވެ. އެމޫނުގައިވަނީ އަލިކަމާ އުޖާލާކަމެވެ. އަދި އެހާމެ ބޮޑު ހިނިތުންވުމެކެވެ. މޫނުގެ ހަންގަނޑުވެސް އެހާމެ އޮމާނެވެ. މިކަމާ ސަމީހް ވަރަށް ހައިރާންވިއެވެ.
އަވަށްޓެރިޔާގެ ކަށުކަމާކެމީގެ ކަންތަނިމި ވަޅުލެވިއްޖެއެވެ. ގޭދޮށުގައި ހުރި ސަމީހްއަށް އަވަށްޓެރިޔާގެ މަންމަ އަންނަތަން ފެނުނެވެ. އަދި މަންމައާ ބައްދަލްކޮއް ހިތުގައި ހުރި ސުވާލުތައް ބޭރުކޮއްލަން އުޅެނިކޮއް އަވަށްޓެރިޔާގެ މަންމަ ސަމީހްއަށް އެރޭ އެގެއަށް އައުމަށް ދައުވަތުދިނެވެ. ހައިރާންވެފައިހުރި ސަމީހް ދައުވަތު ގަބޫލްކުރިއެވެ. އަދި އެރޭ އަވަށްޓެރިޔާގެ ގެޔަށްދިޔައެވެ. އެގޭތެރޭގައި މީހުން ވަރަށް ގިނައެވެ. ސަމީހްއަށްވެސް ވަދެވުނީ ދޮރުން ވަކި ހިސާބަކަށްށެވެ. އިރުކޮޅަކުން އަވަށްޓެރިޔާގެ މަންމަ އައިސް އެންމެން ކުރިމަތީ ގޮނޑިއެއް ބަހައްޓައިގެން އިށީނެވެ. އެއަށްފަހު އެންމެނަށް ހިނިތުންވެލުމަށްފަހު ވާހަކަ ފެށިއެވެ.
” މަގޭ އަވަށްޓެރިންނޭވެ. މަގޭ ދަރިފުޅުގެ ޖަނަޒާގައި ބައިވެރިވެދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. މަގޭ ދަރިފުޅުވަނީ މި ފަނާވަމުންދާ ދުނިޔެއަށްވުރެ މާ ރަނގަޅުތަނެއްގައި. އަހަރެންނަށް އެނގޭ އެންމެންގެވެސް ވަރަށް ބައިވަރު ސުވާލު އެބަހުރިކަން ވީނާ މިދެނީ ތިޔަ ހުރިހާ ސުވާލަކަށް ޖަވާބު. އަހަރެންގެ ދަރިފުޅަށް އެންމެ ކުޑައިރުވެސް ނަމާދުކުރަން ދަސްކޮއްދިނިން އަދި ގުރުއާން ކިޔަވަން ދަސްކޮއްދިނިން. ވަރަށްވެސް އުނދަގުލުން އެވެސް. އެއަށްފަހު ހެވާ ނުބައި ދަސްކޮއްދިނިން. ބޭކާރު ކަންކަމާ ނުބެހުމަށްށާ ދޫ ރައްކާތެރިކުރުމަށް ދަސްކޮއްދިނިން. އުމުރުން ދުވަސްވާ ވަރަކަށް ފިލްމާ ޑްރާމާ ދެއްކުމަށްވުރެ އިސްލާމީ ރިވެތި ދަރުސްތަކަށް ގެންދިޔައިން. އެއަށްފަހު ދަމު ނަމާދަށް ހޭލައްވަންފެށިން އެއީވެސް ވަރަށް އުނދަގޫ މަރުހަލާއެއް. ދުވަސްކޮޅަކުން އޭނާ އަހަރެންނަށްވުރެ ކުރިން ދަމުނަމާދަށް ތެދުވޭ. ދަމުނަމާދުކޮއްގެން ފަތިސްކޮލައިގެން ދެގަޑިއިރު ނިދާފައި ވަޒީފާއަށްދޭ އަދި އައިސް ބުނޭ ތިމަންނަ ވަރަށް ތާޒާއޭ މަންމާއޭ އެއްވެސް ކަންނެތްކަމެއްނެތޭ. އުމުރުން ވިހި އަހަރުވީއިރު އޭނާ އަހަރެން ނަމާދަށް ހޭލައްވާ. އަދި އަހަރެންނަށް ވަރަށް އޯގާތެރި ދުވަހަކުވެސް ކުރިމަތީ ބަހެއް ނުބުނޭ. އަބަދުވެސް އިވެނީ ދަންވަރު ހޭލާ އަހަރެންނަށް ދުއާކޮއްދޭތަން. މިއަދު އުމުރުން ތޭވީސް އަހަރު އޭނާ އެވަނީ އަހަރެންނާ ވަކިވެފަ. އޭނާގެ ފަހު ބަހަކަށްވީ ޝަހާދަތުގެ ދެކަލިމަ. މިއަދު އަހަރެން މިހުރީ ވަރަށް އުފާވެފަ. އެފަދަ ދަރިޔަކު ތަރުބިއްޔަތު ކުރެވުނީތީ. ލޮބުވެތި އަވަށްޓެރިންނޭ އަދިވެސް ވަގުތު އެބައޮތެވެ. ވަގުތު ފާއިތުވުމުގެ ކުރިން ހެޔޮ އަމަލު ކުރާށެވެ. މިއަދު ތިޔަ ފެނުނީ ހެޔޮމަރެއްގައިވާ އަހަރެންގެ ދަރިފުޅު ”
އަވަށްޓެރިޔާ މަންމަގެ ވާހަކަ އިވުމުން ސަމީހްއަށް ރޮވިއްޖެއެވެ. އަދި އެގެއިން ނުކުމެގެން ވަގުތުން މިސްކިތައް އެރިއެވެ. އަދި ތައުބާ ނަމާދުކުރިއެވެ. އެއަށްފަހު ވަރުގަދައަށް އަޒުމް ކަނޑައެޅިއެވެ. ލިބިފައިވާ ވަގުތު ފާއިތުނުވަނީސް އެ ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމަށްށެވެ.
No comments:
Post a Comment