Monday, September 21, 2020

 


މީސްމިޑިޔާއާ ނުލާ އިންސާނުންނަށް ދިރިއުޅުމަކީ މިހާރު ދަތިކަމެކެވެ. ސްމާޓް ފޯންއެއް ލިބުމުން އެންމެ ފުރުތަމަވެސް މީސްމިޑިޔާ ފިޔަވާ އެއްވެސް އެއްޗަކަށް އެކަކުވެސް ސަމާލުކަމެއްނުދެއެވެ. މިބުނާ މީސްމީޑިޔާގެވެސް ހީނުކުރާފަ އެތައް އަނދިރިފަރާތްތަކެއް އެބަ ފެންނަމުންދެއެވެ. އޭގެތެރޭގަ ﷲ ހަރާމްކުރެއްވި ފާހިޝް އަމަލްތައް ޕްރޮމޯޓްކުރުމާ އިސްލާމްދީނަށް ފުރައްސާރަކުރުން މިވަނީ މިއަދު ވަރަށް ފުޅާވެފައެވެ. އޭ އިންސާނުންނޭ. ކަލޭމެން ތި ކުރަމުންދާ ހުރިހާ ކަމެއް ﷲ މޮޅަށް ދެނަވޮޑިގެންވެއެވެ. އަދި ދެ ކޮނޑުގާވާ މަލާއިކަތުން ކެނޑިނޭޅިދަނީ ތިކުރާ އަމަލްތައް ލިޔުއްވާ ގިޔާމަތްދުވަހު ހެކިދޭން ތައްޔާރުވަމުންނެވެ.

ހަރީޝާއާ އޭނާގެ ދައްތަ ރިޒުމާއަކީ ކުއްޔަށް މާލޭގާ ދިރިއުޅެމުން އަންނަ ދެމީހުންނެވެ. ހަރީޝާ ވަޒީފާ އަދާކުރަމުންދާއިރު ދައްތައަކީ ގޭގާ އަބަދު ހުންނަ މީހެކެވެ. ދައްތައަށްވެސް ފައިސާ ލިބޭކަން ހަރީޝާއަށް އެނގެއެވެ. ދައްތަ ބުނާގޮތުންނަމަ ފައިސާ ހޯދަމުންދަނީ އަމިއްލަ މަސައްކަތުންނެވެ. ކޮންމެ މަހަކުވެސް ގޭކުލި ދައްކަނީ ދައްތައެވެ. އަދި ހަރީޝާގެ ފައިސާ ރައްކާކުރުމަށް އަބަދުވެސް ދައްތަ ބުނަމުންދެއެވެ. މާދަމާވެސް މީހަކާ އިންނަންވާއިރު އަތުގާ އެއްޗެއް ބެހެއްޓުމަށް އެދެމުންދިޔައެވެ. މިކަމާ ހަރީޝާ ވަރަށް އުފާވެއެވެ.

އެހެން ދުވަސްތަކެކޭ އެއްގޮތައް މިއަދުވެސް ހަރީޝާ ވަޒީފާއަށްދިޔައެވެ. މިއަދަކީ މުސާރަލިބޭ ދުވަސްކަމުން އެންމެންވެސް ވައިބާ ގްރޫޕެއްގާވަނީ ތަނަކަށް ކާންދިޔުމަށް ރާވާފައެވެ. މަސައްކަތް ނިމުމާއެކު ހުރިހާ ކުދިންނާއެކު ހަރީޝާވެސް ޑައިނަމޯއަށް ކާންވެގެންދިޔައެވެ. ހަރީޝާގެ އެންމެ ގާތް އެކުވެރިޔަކީ ހަފްސާއެވެ. ހަފްސާއަކީ ކޮންމެ މަހަކުވެސް އާ ފޯނެއް ނުވަތަ ކޮންމެވެސް ފަހުގެ އިލެކްޓްރޯނިކް އާލާތެއް ގެންގުޅޭ ކުއްޖެކެވެ. ހަރީޝާ އަބަދުވެސް ދެކެމުން އަންނަ އެއް ހުވަފެނަކީ އޭނާގެ ހަލާކުވެ ތަޅައިގެން ގޮސްފާވާ ފޯން އާކޮށްލުމެވެ. އަދި ބޭނުންވަނީ ގިނަދުވަހު ގެންގުޅޭވޭނެ ވަރުގަދަ ފޯނެއްނަގާށެވެ. މިހެންކަމުން ހަފްސާއާ ވަކިން ވާހަކައެއް ދައްލާން އޮތްކަމަށްބުނެ ކެއުން ނިންމާލުމަށްފަހު ދެކުދިން ބްރިޖް ކައިރިޔަށްދިޔައެވެ.

ހަރީޝާ : އޭތް ހަފް. އަނެއްކާ އާ ފޯނެއްދޯ؟
ހަފްސާ : އާނ މަގޭ ދޮންބައްޕަ މަށަށް ގަނެދޭ ސާމާނު. ލޯބި ވަންޔާ ގަނެދޭނު
ހަރީޝާ : ހެހެ ވަރަށް ނަސީބުގަދަ މީހެއްތީ.
ހަފްސާ : (ފޯނު ރިންގްވާން ފެށުމާއެކު) އޭތް އެބަގުޅާ ބައްޕަ މަޑުކޮށްލާ. (ފޯނު ނަގާފަ) ކީކޭ ބައްޕާ މިހުރީ ބްރިޖް ކައިރީ. އާދޭ ލާރިކޮޅުދޭން
ހަރީޝާ : މަ މިހާރު މި ވިސްނަނީ ފޯނެއް ގަންނަން
ހަފްސާ : (ހަރީޝާގެ ފޯނަށް ބަލާލާފަ) ހާދަ ހާލެއްގައޭ ދޯ ތިޔޮތީ
ހަރީޝާ : އާނ... އެވަހާކަ ދައްކަން މި އައީ. ކޮން ވައްތަރެއް ރަނގަޅުވާނީ.
ހަފްސާ : މަ މި ގެންގުޅޭއެތި ބަރާބަރުވާނެ އައި ފޯން ހަމަ އެއްވަނަ
ހަރީޝާ : އެކަމު ހާދަ އަގުބޮޑުވާނޭ
ހަފްސާ : (ހަރީޝާ ކޮނޑުގާ ޖަހާލާފަ) ކެތްކޮށްލާ.... އޭތް އެޔޮށް އައި ބައްޕަ. އެބަ އަންނަން އެނގޭ

ހަފްސާ ދިޔަގޮތައް ސައިކަލެއްގާއިން އުމުރުން ދުވަސްވެފާވާ މީހެއް ކައިރިޔަށް ހުއްޓުނެވެ. އެމީހާގެ ހަށިގަނޑު ފަލަވެފާ ވަރުގަދަޔެވެ. ބަލާބެލުމަށް އުމުރުން އަދި ވާނީ ސާޅީސް ފަހެކެވެ. އެމީހާ ހަފްސާ އަތަށް ކޮތަޅަކާ ފައިސާ ދިންތަން ހަރީޝާއަށް ފެނުނެވެ. އަދި ހަރީޝާ ފެނުމާއެކު އެމީހާ އަތުން ހަނާ އަޅާލިޔެވެ. އެއަށްފަހު ހަފްސާ ކޮލަށް ދޮނެއްދީފަ އެމީހާ ނައްޓާލިޔެވެ. އެމީހާ ދިޔުމުން ހަފްސާ އައިސް ހަރީޝާ ކައިރީގަ އިށީނުމަށްފަހު ހަރީޝާއަށް ހަދިޔާއެކޭ ކިޔާފަ އެއްހާސްރުފިޔާ ދިއްކޮށްލިޔެވެ. ހަރީޝާ ވަރަށް އުފަލުން އެފައިސާގަ ހިފިޔެވެ. އެޔަށްފަހު ކޮތަޅުގާ އޮތީ ކޯންޗެއްތޯ ދެކުދިން ބަލާލިޔެވެ. އޮތީ އެންމެ ފަހުގެ ސެމްސަންގް ފޯނަކާ ފަހުގެ ސާމާނުތަކެވެ. ވީ އުފަލުން ހަފްސާ އޭނާގެ އައިފޯން ސިމް ނަގުމަށްފަހު އާ ފޯނަށް ލައްވާލިޔެވެ. އަދި އައިފޯން ހަރީޝާއަށް ހަދިޔާކުރިޔެވެ. ނަމަވެސް އޭގަ ހިފަން ހަރީޝާ ޖެހިލުވިޔެވެ. ވަގުތުން ދައްތައަށް ގުޅާފަ އެވާހަކަ ކިޔާދިނުމުން ދައްތަ އެ ފޯނު ނަގަން ހުއްދަދިނެވެ. އެހެންކަމުން ހަރީޝާއަށް އެފޯނު ލިބުނެވެ.

ވަރަށް އުފަލާއެކު އަލަށް ލިބުނު ފޯނު ހިފައިގެން ހަރީޝާ ގެޔަށް ދިޔަތަނުން ހަފްސާ ގުޅިޔެވެ. އަދި މީސްމީޑިޔާތަކުން ލޮގިންވުމަށްފަހު ޓިކްޓޮކް، ސްނެޕްޗެޓް އަދި ޓެލެގްރަމްގާ އެކައުންޓްތައް ހުޅުވުމަށް އެދުނެވެ. ޓެލެގްރަމްއިން ފިލްމްއާ އެއްޗެހި ލިބޭކަމަށް ބުނެލުމަށްފަހު ޓިކްޓޮކް އެއީ ސަކާރަތް ޖަހަންކަމަށް ބުނެލިޔެވެ. އެޔަށްފަހު ސްނެޕްޗެޓް އަޅަންވީ ސިއްރު މެސެޖްތައް ފޮނުވޭތީކަމަށް ބުނެލިޔެވެ. ހަރީޝާ ވަރަށް ޝައުގުވެރިކަމާއެކު މި ހުރިހާ ކަމެއް ކުރަމުންދިޔައެވެ. މިހާރު އޭނާއަކީ ވަރުގަދަ މަޅިޔެއްގާ މަޑު މަޑުން ޖެހެމުން އަންނަ ކުއްޖަކަށް ވެގެންދިޔައެވެ. އެންމެ ފުރުތަމަ ސަކަރާތްފެށީ ހަފޫއާއެކު ޓިކްޓޮކްގައެވެ. އެކި ފިރިހެނުންނާއެކު ނަޝާހަދަންފެށީ އަމަށަކު ވަރަކަށްނޫނެވެ. ދުވަސްކޮޅެއްގެ ތެރޭގަ އެކަމަށް ރަނގަޅަށްވެސް ދެވި ހިފާފިޔެވެ. އެއަށްފަހު ދެން ފެށީ ސްނެޕްޗެޓްގެ ކުޅިވަރެވެ. އޭގެ އަވައިގަވެސް ރަނގަޅަށް ޖެހި މަޝްހޫރުވެއްޖެއެވެ. އެތައް ފިރިހެނުންނެއްް ހަރީޝާ ދަނެއެވެ. މިހެން އުޅުމުގެ ތެރޭގަ ދެތިން ފިރިހެނަކާ ރައްޓެހިވެސް ވެއްޖެއެވެ. ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ ހަރީޝާގެ ނާޖައިޒް ފައިދާ ނެގޭތޯއެވެ. ނަމަވެސް ހަރީޝާގެ ހުށިޔާރު ދައްތަގެ ސަބަބުން އެފަދަ މަޅިޔެއްގާ އޭނާ ޖެހުނަކަނުދެއެވެ.

ދުވަސްތައް ފާއިތުވެގެންގޮސް ފޭސްބުކްގެ ޕޭޖަކުން ހަރީޝާ ޖަހާފަވާ ސަކަރާތްތަކެއް އޭނާގެ ދައްތައަށް ފެނިގެންދިޔައެވެ. މިކަމާ އޭނާގެ ދައްތަ ވަރަށް ރުޅިގަދަވިޔެވެ. ހަރީޝާ ގެޔަށް އައުމާއެކު ހަރީޝާގެ ފޯނު އަތުލިޔެވެ. އެޔަށްފަހު ސޯފާގަ އިށީނުމަށް އަމުރުކުރިޔެވެ.

ރިޒުމާ : އޭތް. މިއިންދަ ހަރީޝާ. ކަލޭ ކިހިނެއް ވެގެން ތިއުޅެނީ
ހަރީޝާ : ދައްތަ ކިހިނެއްވީ މާ ރުޅި އައިސްފަ
ރިޒުމާ : ރުޅި ނާންނަ ވަރެއްތަ؟ ކަލޭ ޖަހާފަވާ ސަކަރާތް އެޔޮތީ ފޭސްބުކްގަ
ހަރީޝާ : ކޮން ސަކަރާތެއް؟
ރިޒުމާ : (ފޭސްބުކް ޕޭޖްއަކުން ހަރީޝާއާ ފިރިހެނަކު ބައްދާން ނަށާތަން ދައްކާފަ) މިއޮތީ. ކަލޭ ހާދަ ގޮތްކުޑަވެއްޖެޔޭދޯ. މަންމައާ ބައްޕަ އަހަރުން މިތަނަށް ފޮނުވީ ގަނޑު ގަންނާކަށްނޫން.
ހަރީޝާ : މަ އަމިއްލަ މިނިވަންކަން މަށަށް އޮންނަންވާނެ
ރިޒުމާ : ކަލޭ އަމިއްލަ މިނިވަންކަން އޮންނަނީ ކަލޭ ބޭނުން ގޮތަކަށް އުޅޭކަށްނޫން. ކަލޭގެ ތި ރަހްމަތްތެރި ހަފްސާވެސް މަ މިދަނީ ވަރަށް ގާތުން ބަލަމުން
ހަރީޝާ : ހަފްސާ ކިހިނެއްތަވީ؟
ރިޒުމާ : (ހަރީޝާ ފޯނު އޭނާ އަތަށް ދީފަ) ޓެލެގްރަމް ހުޅުވާފަ މަ މިބުނާ ދެ ޗެނަލްއަށް ވަދެބަލަ.
ހަރީޝާ : (ރިޒުމާ ބުނި ދެ ޗެނަލްއަށް ވަނުމުން އަންތަރީސްވެފަ) މިއީ ހަމަ ހަފްސާ. މިއީ އޭނާގެ ވީޑިޔޯތައް. އޭނާއާ އެކު އެއިނީ އޭނާގެ ދޮންބައްޕަ އައްޗީޑި
ރިޒުމާ : އޭނާ އުޅެނީ ކަލެޔަށްވެސް އޮޅުވާލާން. އެއީ އޭނާގެ ދޮން ބައްޕައެއްނޫން އެއީ އެމީހުން ކިޔާ ގޮތުންނަމަ ޝުގާ ޑެޑީ
ހަރީޝާ : އެއީ ކޮން ކަހަލަ މީހެއް
ރިޒުމާ : އެއީ މުސްކުޅި މުއްސަނދިން. ޅަ ކުދިންނަށް އަގުބޮޑެތި ހަދިޔާ ދީގެން އެމީހުންގެ ފަރާތުން އުފާ ހާސިލްކުރާމީހުން
ހަރީޝާ : އަހަރެންނަށް މި ފޯނު ދިންދުވަހު އެމީހާ އަހަރެންނަށް ހަނާވެސް އެޅި.
ރިޒުމާ : ދެންވެސް އޭނާޔާ ދުރަށްދެވޭތޯ ބަލާ އިތުރަށް ކަލޭ ހަލާކުނުވަނީސް

ހަރީޝާ ފޯނު ހިފައިގެން އޭނާ ކޮޓަރިޔަށްދިޔައެވެ. އަދި އޭނާގެ ދައްތަ ދެއްކި ދެ ޗެނަލް އަލުން ރަނގަޅަށް ހާވާ ދިރާސާ ކުރަންފެށިޔެވެ. މީހުންގަ ހުރި ގޮތްކުޑަކަމާ ލަދު ހަޔާތް އޭނާއަށް ރަނގަޅަށް ފެންނަންފެށިޔެވެ. ތިމާގެ ހަށިގަނޑު ނީލަން ކިޔަމުންދާ ޗެޓްލޮގްތައްވެސް ފެންނަންފެށިޔެވެ. ވަކި އުމުރެއްނެތެވެ. އުމުރުން ފަނަރައިން ފެށިގެން އެ މުޑުދާރު ކަންތައްތަކުގާ މީހުންވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގާ ނިގާބްއަށްވެސް ހުތުރު އަރުވާފަ ހުއްޓެވެ. ނިގާބެ އަޅާން ހުރި އަންހެނަކު އޭނާގެ ހަށިގަނޑު އިސްތިހާރު ކުރާ ވީޑިޔޯއެއް އިންތަން ފެނުމާއެކު ހަރީޝާ ފެންކަޅިވިޔެވެ. ވަރަށްވެސް ހިތުގާ ޖެހުނެވެ. ސަތޭކަ ޕަސެންޓް އިސްލާމީ ގައުމެއްކަމަށް ދައުވާ ކުރަމުން އަންނަ ދިވެހި ރާއްޖެ މިއޮތީ މުޅިން ހަލާކުވެފައެވެ. ކުރަމުންދަނީ އެތައް މުޑުދާރު ފާފައެކެވެ. ލިވާތުކުރުމާ ޒިނޭ އަދި ރާބުއިމުގެ އިތުރުން އިސްލާމްދީނަށްވެސް ފުރައްސާރަކުރަނީޔެވެ.

ހަރީޝާ އެންމެ ފަހަށް އޭނާއަށް ލިބުނު ފޯނުން ސިމް ނެގިޔެވެ. އަދި ބިންދާލިޔެވެ. އެޔަށްފަހު ގޮސް ދައްތަ ކައިރިން މައާފްއަށް އެދުނެވެ. އަދި ކަމެއް ކޮއްދޭނަމަ އެ ފޯނު ގެންގޮސް ހަފްސާއާ ހަވާލުކޮށްދިނުމަށް އެދުނެވެ. އެޔަށްފަހު މާތް ﷲ އަށް ކުއްތަންވިޔެވެ. ހެޔޮމަގުން ކައްސާނުލުމަށް އަޒުމް ވަރުގަދަކުރިޔެވެ.

- ނިމުނީ -

 


ޒަމާނަށް އައި ބަދަލާއެކު ޓެކްނޯލަޖީވަނީ ވަރަށް ކުރިއަރާފައެވެ. ކޮންމެ މީހަކު ކޮންމެ ތަނެއްގާ ހުއްޓަސްވެސް އެމީހަކާ ވާހަކަ ދައްކާލާ ދެކިލުމަކީ މިހާރު އުނދަގޫ އެއްވެސް ކަމެއްނޫނެވެ. ނަމަވެސް މި ކުރިއަރާފަވާ ޒަމާނުގާވެސް އެންމެ އުނދަގޫބޮޑު އެއް ބަޔަކީ ވަގުންނެވެ. ފައިސާ ހޯދަމުންދަނީ ހީނުކުރާހާވެސް ބޮޑެތި މަކަރުތައް ހަދައިގެންނެވެ.

ޒާންއަކީ އުމުރުން ފަންސަވީސް އަހަރުގެ ޒުވާނެކެވެ. އޭނާއަކީ މައިންބަފައިން ދިނުމުން ކައިގެން ހުންނަ މީހެކެވެ. ދުވާލު އޭނާ ކަމަކީ ނިދުމެވެ. ރޭގަނޑު ވެއްޖެނަމަ އުޅޭނީ މުޅިންވެސް ބޭރުގައެވެ. އޭނާ ދެކޭ ގޮތުގާ ނައިޓްލައިފްއޭ މި ކިޔާ ދިރިއުޅުމަކީ ދިރިއުޅުމެވެ. ގެޔަށް ވަންނާނީ ފަތިސްނަމާދަށް ބަންގި ދިނުމާއެކުގައެވެ. ޒާންގެ މަންމަ ޒާން ވަޒީފާއަކަށް ނުދާތީ ވަރަށް އެއްޗެހި ކިޔައެވެ. އަބަދަކު މައިން ބަފައިން ނުތިބޭނެކަމަށް އަބަދުވެސް ބުނަމުން ގެންދިޔައެވެ. މިހެން އުޅެނިކޮށް ޒާންގެ ބައްޕަ ދުނިޔެއަށް އަލްވަދާއު ކިޔަންޖެހުނީ ނުރައްކާތެރި އެކްސިޑެންޓްއެއްގައެވެ. މިހާރު ޒާންގެ ހުރީ މަންމަ އެކަންޏެވެ. ޒާންގެ ނައިޓްލައިފް ދޫކޮށް ވަޒީފާއަށް ނުކުންނަން މަޖްބޫރުވިޔެވެ. ފުރުތަމަވެސް ވަނީ އާދައިގެ ފިހާރައަކަށްށެވެ. ފިހާރައިން ލިބޭ އެތިކޮޅު މަދުކަމުން ޒާން އެކަމާ އަބަދުވެސް ޝަކުވާކުރެއެވެ. މިހެން އުޅެނިކޮށް ޒާންގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ ހޫދު އެއްދުވަހަކު ފިހާރަޔަށް އައިސް ވަދެލިޔެވެ.

ހޫދު : އަހަ ސޭޓާ ވިޔަފާރި ކިހިނެއް؟
ޒާން : މި ވައި ތަނެއް
ހޫދު : (ހިނިގަނޑެއް ޖަހާލާފަ) ތިތާ އިނުމުގެ ބޭނުމަކީ ކޮބާ ދެން؟
ޒާން : މަޖްބޫރީ
ހޫދު : (ޖީބުން ފަހުގެ އައިފޯނެއްނަގާ ދައްކާލާފަ) މަ ނުދަން ވަޒީފާއަކަށް އެކަމު ބަލާ މަ އަތުގަ އޮތް އެއްޗެއް
ޒާން : ކަލޭ ހަކުރު ވިއްކަނީދޯ
ހޫދު : ނޫނޭ ހަކުރު ވިއްކަން ގާތްވެސް ނުވޭ
ޒާން : ދެން؟
ހޫދު : ފިހާރަ ނިންމާފަ މަށާ ދިމާކޮށްލާ އޭރުން ކިޔާދޭނަން
ޒާން : އެންމެ ރަނގަޅު

ފިހާރަ ނިމުމާއެކު ޒާން ހޫދުއަށް ގުޅާގެން ވެސްޓް ޕާކްއަށް ކޮފީއަކަށްދިޔައެވެ. އަދި އެއްޗެއްހި އޯޑަރު ކުރުމަށްފަހު ކެތްމަދުވެފާއިން ޒާން ފަށާގަތެވެ.

ޒާން : ދެން ކިޔާދީބަލަ
ހޫދު : މިއީ އާދައިގެ ކަމެއްނޫން މިއީ ވަރަށް ކެރިގެން ކުރަންޖެހޭ ކަމެއް. ވަރަށް ރިސްކީވެސްވާނެ. ކަލެޔަށް ވާނެތަ
ޒާން : ކިޔާދިނީމައެއްނު އެނގޭނީ
ހޫދު : އެންމެ ރަނގަޅު އަޑުއަހާ. އަހަރެން ނުދަންނަ ނަމްބަރުތަކަށް ގުޅާފަ މި ޖައްސަނީ މޮޅު ސްޓޯރީއެއް ޖައްސާން ފައިސާ ހޯދަނީ.
ޒާން : އެހެން.
ހޫދު : (ތަނުގާ މީހުން މަދުތޯ ބަލާލާފަ ނުދަންނަ ނަމްބަރަކަށް ގުޅާލާފަ) ހަލޯ މިއީ ކާކުކަން އެނގޭތަ. ވަރަށް ގާތް ރައްޓެއްސެއްކޭ. އެނގޭނެ ދެން. އާނ މިއީ އައްސަދުއޭ. މަބުނީ ކަމެއް ކޮއްލާދީބަލަ މަ މާދަން އަނބުރާދޭގޮތައް ދީބަލަ ތިންސަތޭކަ ރުފިޔާ. އަންހެނުން ބަނޑުގަ ރިއްސާތީ ކޮންމެހެންވެސް ރަށަށްދާން އެބަޖެހޭ. އާނ ތި ފޮނުވާލަނީ ދޯ. މި ފޮނުވަނީ އެކައުންޓް ނަމްބަރު މިއީ މަ ރައްޓެއްސެއްގެ އެކައުންޓް ނަމްބަރު މަ ނަމްބަރަށް ޖަމާކޮށްފިއްޔާ ލޯނަށް ކަނޑާނެ. އޯކޭ ބޭއްވިއްޔޭ. (ޒާންއަށް ބަލާލާފަ) ގެނޭ ކަލޭ އެކައުންޓް ނަމްބަރު.
ޒާން : (އެކައުންޓަށް ފައިސާ ޖަމާވިތަން ފެނިގެން) އޯ މީމާ ސަޅި ގޮތެއްދޯ. ފަސޭހައިން ފައިސާ ހޯދަން. ކީއްކުރަން ވަޒީފާއަށް ދާކަށް
ހޫދު : ދެވި ނުހިފާތި މިކަމަށް
ޒާން : ފައިސާ ހޯދާލާނަން މިފަހަރު. ލިބޭ ކޮންމެ ފަހަރަކު ކަލެޔަށް ކޮފީ އޮންނާނެ.

ޒާން ގެޔަށް ދިޔަ މަގުމަތީ ތަނަކަށްވަދެ ދިހަ ސިމްކާޑް ބޭރު ބަޔަކަށް ފައިސާދީގެން ނެގުވިޔެވެ. އަދި ބައްތި ފޯނެއް ގަތުމަށްފަހު ގެޔަށް ގޮސް ފަހަރަކު ސިމްއެއް ލައިވާގެން ހޫދު ކަންތައް ކުރި ގޮތައް ކަންތައް ކުރަމުން ގެންދިޔައެވެ. އިސާހިތަކު ޒާންގެ އެކައުންޓަށް ހިތްފުރޭވަރަށް ފައިސާ ވަންނަންފެށިޔެވެ. އެއްރޭ މަތިން ފަސްހާސް ހަމަކޮށްލިޔެވެ. ޒާންއަށް މިކަންވީ ވަރަށް މޮޅު ކަމަކަށްށެވެ.

ޒާން އޭނާގެ ނައިޓްލައިފް އަލުން ފަށާގަތެވެ. އިސާހިތަކު އޭނާއަށް ލިބެމުންދިޔަ މުއްސަނދިކަމާމެދު އޭނާގެ ރައްޓެހިން ސުވާލުކުރަންފެށިޔެވެ. ނަމަވެސް ޒާން ބުނަނީ އެއީ އަމިއްލަ މަސައްކަތުންކަމަށްށެވެ. ތެދުވާނީ ތެދަށްށެވެ. އަމިއްލަ މަސައްކަތެވެ. ނަމަވެސް ޒާންއަށް ނޭނގި މި ކުރެވެމުންދާ ބޮޑު ވައްކަމާ ފޭރުން އޭނާއަށް ހިތިވާނެކަމަށް އޭނާ ކުޑަކޮށްވެސް ހިތަށް ނާރުވާލަޔެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު ޒާން ކުރި ކޯލްއަކުން މީހެއް އަތުން ފަންސަވީސްހާސް ރުފިޔާ ދަމައިގަތެވެ. އޭގެ ދުވަސްކޮޅެއް ފަހުން ޒާންގެ އެކުވެރިޔަކު ކަމުގާވާ މަހްމޫދު އައިސް ޒާންއާ ބައްދަލްކޮށްލިޔެވެ. މަހްމޫދުއަކީ ސައިބާ ސެކިޔުރިޓީ ކިޔަވާންހުރި މޮޅު ކުއްޖެކެވެ. އޭނާ އައިސް ޒާން ކައިރީގަ އޭނާާގެ ބައްޕައަށް އޮޅުވާލާ މަކަރު ހަދައިގެން ޒާން ނެގި ފައިސާއަކީ އޭނާ ބައްޕަ ހައްޖަށްދާން ބަހައްޓާފަހުރި ފައިސާކަމަށްބުނެ އެ އަނބުރާ ދިނުމަށް އެދުނެވެ. ނަމަވެސް ޒާން އެތައް އުޒުރެއް ދެއްކިޔެވެ. ޒާން އެފަދަ ކަމެއް ނުކުރާކަމަށް ބުނަމުންދަނިކޮށް މަހްމޫދު ޒާންގެ ފޯން ޓްރެކްކުރި ގޮތްތައް ކިޔާދިނެވެ. އަދި ފައިސާ ފޮނުވާފާވާ އެކައުޓްއަކީ ޒާންގެ އެކަންޓްކަން އެނގުމާއެކު ބޭންކްއަށްވެސް މައްސަލަ ޖައްސާފަވާނެކަމަށް ބުންޏެވެ. މިހިސާބުން ޒާން ވަރަށް ބިރުގަންނަންފެށިޔެވެ. އޭނާ ހުރީ އޭނާ ދުވަހަކުވެސް ފަލީހަތްނުވާނެ ކަމަށް ނިންމާންނެވެ. އެންމެ ފަހަށް އެ ފައިސާ އެކައުންޓްއިން ނަގާ މަހްމޫދާ ހަވާލުކޮށް ފުލުހަށް ނުގެންދަން އާދޭސްކުރަންފެށިޔެވެ.

މަހްމޫދު : ޒާން. އަހަރެން ކަލެޔަށް މައާފްކޮށްފިން. ނަމަވެސް ކުރެވެމުންތިޔަދާ ކަންތައް އަވަހަށް ހުއްޓާލާ. ތިކަމުގެ ސަބަބުން ޒާންއަށްހުރީ އާހިރަތުގާ ކިހާބޮޑު ދެރަޔެއްކަން އެނގޭނަމައޭ އަހަރެން ހިތަށް އަރާ. ސީދާ ތި ކުރެވޭނީ ވައްކަމާ ފޭރުން. ޒާން... އަހަރެން މިއަދު މިދޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގާ ހިފާ. ކަލޭ އެކައުންޓްގާހުރި ފައިސާތައް އޭގެ ވެރިފަރާތްތަކަށް އަވަހަށް ރައްދުކޮށް ތިކަމުން ސަލާމަތްވެ ތައުބާވޭ. އަދި ހަރުދަނާ މީހަކަށްވެ ކިތަންމެ ބުރަ މަސައްކަތެއް ކޮށްގެންވިޔަސް ހަލާލު ފައިސާ ހޯދަންފަށާ. ޝައިތާނަގެ ބަހަށް ނުހެއްލޭ. އެއީ ސީދާ އަހަރުމެެންގެ އަދުއްވެއް.

މަހްމޫދު ދިޔުމުން ޒާން ވަރަށް ފުންކޮށް ވިސްނަންފެށިޔެވެ. ސަލާމަތް މިވީ ހަމަ ކިރިޔާކަން އޭނާއަށް ވިސްނުނެވެ. އަވަސް އަވަހަށް އޭނާ އެކައުންޓްގަވާ ފައިސާތައް އޭގެ ވެރިފަރާތްތައް ހޯދާގެން ޓްރާންސްފާކުރަންފެށިޔެވެ. އެކަން ނިމުމުން އެކަމާ ރޮއެ ހިތާމަކުރަންފެށިޔެވެ. އަދި ﷲ އަށް ކުއްތަންވެ ބިރުވެތިވެ އެފަދަކަމެއް ދުވަހަކުވެސް ނުކުރުމަށް ހިތުގާ ވަރުގަދަ އަޒުމެއް ކަނޑައެޅިޔެވެ.

- ނިމުނީ -

 


ހަގީގީ މުއްސަނދިކަމަކީ މިދުނިޔޭގަ ލިބޭނެ އެއްޗެއްކަން ތިބާ ހީކުރަނީހެއްޔެވެ؟ ތިޔައީ ކުއްހީއެކެވެ. ތިބާ މަރުވުމުން ތިބާއަށް މިދުނިޔޭގަ ލިބިފާވާ މުއްސަނދިކަމުން ޒައްރެއްގެ މިންވަރުވެސް ނިކަން ގެންދެވޭތޯ ބަލާބަލާށެވެ. ހަމަ ހިލާ އެކަމެއް ނުވާނެއެވެ. ތިބާއަށް ގެންދެވޭނީ ތިބާކުރި އަމަލްތައް އެކަންޏެވެ.

މަހްމޫދުއަކީ ދުބާއީގަ ތެޔޮ ފެކްޓަރީއެއްގަ މަސައްކަތްކުރަމުން އަންނަ އާދައިގެ ޒުވާނެކެވެ. އާމްދަނީއެއް ގޮތުގާ މާކަށް ބޮޑު އެއްޗެއް ނުލިބުނަސް އޭނާ މަސައްކަތުގާ އުޅެމުންދަނީ ވަރަށް ހިތްހަމަޖެހިލާގެންނެވެ. ކުންފުނިން ކޮންމެ މުވައްޒަފަކަށް ކާރެއްދީފަ އޮންނާތީއާއެކީ ވަޒީފާއަށް އައުމަށް އެއްވެސް ދައްޗެއްނެތި ގަޑިޔަށް ހާޒިވާން ހުރަހެއް ނޯވެއެވެ. މަހްމޫދު މަސައްކަތްކުރަމުން އަންނަ ކުންފުނީގެ ވެރިޔާއަކީ ވަރަށް ދުވަސްވީ މުސްކުޅިޔެކެވެ. އޭނާގެ ނަމަކީ އަމީރު އަހްދާރުއެވެ. އޭނާގެ އުމުރަކީ ނުވަދިހަ އަހަރެވެ. އަމީރުގެ ހުންނަނީ އެންމެ ދަރިޔެކެވެ. އެއީ ފިރިހެން ކުއްޖެކެވެ. ނަމަކީ އަބޫ ޝަމަސްއެވެ. އަބޫ ޝަމަސް ކިޔަވަން ހުންނަނީ އެމެރިކާގައެވެ.

އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް މަހްމޫދު ވަޒީފާއަށް ދިޔައެވެ. ފެކްޓަރީ ގޭޓުން ވަތްއިރު މީހުންތައް އެއްވެފާ އޮތުމުން ކަމެއް ހިނގާގެން އުޅޭހެން ހީވެ އެތަނަށް ދިޔައެވެ. އެއިރުގާ ފެކްޓަރީ މެނޭޖަރު ދިޔައީ ވާހަކަ ދައްކަމުންނެވެ.

މެނޭޖަރު : ކުދިންނޭ. އަހަރެންގެ ލޮބުވެތި މުވައްޒަފުންނޭ. މިއަދަކީ ވަރަށްވެސް ހިތާމަވެރި ދުވަހެއް. އަހަރުމެންގެ ސާހިބު މީހާ މިއަދުވަނީ ކުއްލިގޮތަކަށް ނިޔާވެފަ. އެހެންވީމާ ފެކްޓަރީއާ ހަވާލުވާން އޭނާގެ ދަރި އަބޫ ޝަމަސް އަންނަންދެން އަހަރެންނަކީ ވަގުތީ ވެރިޔާ. ދެން ހުރިހާ ކުދިންވެސް ހަނދާންކުރާތީ އަހަރުމެންގެ ސާހިބާއާ އަބޫއާ ވަރަށް ބޮޑަށް ތަފާތުވާނެ. ވީމާ ހުރިހާ ކުދިންވެސް ވަރަށް ވިސްނާގެން ބަލާގެން އުޅޭތި.

މެނޭޖަރުގެ ބަސްތައް އިވިފާ މަހްމޫދު ވަރަށް ދެރަވެސްވިޔެވެ. އަދި ޖެހިލުންވެސްވިޔެވެ. ސަބަބަކީ އަބޫގެ ވާހަކަތައް މީގެ ކުރިން އޭނާޔަށް އިވިފާވާތީއެވެ. އަބޫއަކީ ހަރުކަށި މީހެކެވެ. ވަރަށް ފޮނި އަދި އެހާމެ ދެއްކުންތެރި މީހެކެވެ. އެފަދަ މީހަކު މިތަނާ ހަވާލުވުމުން މުވައްޒަފުންނާމެދު ކަންތައް ކުރާނެ ގޮތާމެދު ފުންކޮށް ވިސްނަން ހުއްޓާ މެނޭޖަރު އައިސް މަހްމޫދު ކޮނޑަށް އަތްވައްޓާލާފަ ސާހިބު މީހާ ޖަނާޒާއަށް ދިޔުމަށް އެންގިޔެވެ. އަދި އެދުވަހަކީ ބަންދު ދުވަހެއްކަމަށް އަންގާ ގެޔަށް ފޮނުވާލިޔެވެ.

ޖެހިގެން އައި ދުވަހު މަހްމޫދު ފެކްޓަރީއަށް ދިޔައިރު ސަފުސަފަށް މީހުންތައް ބާތިއްބާފަތިއްބެވެ. މަހްމޫދުވެސް ގޮސް އެ ސަފާ ގުޅިލިޔެވެ. މިހެން ތިއްބާ އިރުކޮޅަކުން ފެކްޓަރީއަށް ވައްދާލީ ރަނުންނ ޖަރީ ކުރެވިފާވާ ފެރާރީއެކެވެ. ފެރާރީ އައިސް އެންމެން ކުރިމައްޗަށް ކަހާލުމަށްފަހު ދެ ދޮރު މައްޗަށް ހިއްލާލިޔެވެ. އެ ފެރާރީން ނުކުތީ އެންމެ ފުރުތަމަވެސް އަބޫއެވެ. ކޯޓު ފަޓުލޫނާ ޖަވާހިރުގެ އަނގޮޓިތަކާ ރަނުގެ ގަނޑިއާ އެންމެ ފަހުގެ އަވިއައިނުން އޭނާގެ ހަށިގަނޑުވަނީ ޖަރީކުރެވިފައެވެ. އެއަށްފަހު ރީތި ފަން އިސްތަށިގަނޑެއް ލިބިފާވާ އަންހެން ކުއްޖެކެވެ. އެކުއްޖާ ލާގެން ހުރި ހެދުމުން މޭމަތީގެ އައުރަގެ ދެބައިކުޅަ އެއްބާ ފެެނެއެވެ. އެ އަންހެން ކުއްޖާގެ ހަށިގަނޑުގެ ބައިތައްވެސްވަނީ ރަނުގެ އަގުބޮޑެތި ގަހަނާތަކުން ޖަރީކުރެވިފައެވެ.

އަބޫ : (ދެކޮޅަށް ބަލާލާފަ) އަހަރެންނަކީ އަބޫ ޝަމަސް. ކަލޭމެން އަހަރެންނަށް މުހާތަބުކުރާނީ އަބޫއޭ ކިޔާފަ. މިއަދުން ފައްޓާން އަހަރެންނަކީ ކަލޭމެންގެ ސާހިބު މީހާ. ކަލޭމެން ގަޑިޔަށް ހާޒިރުވާންވާނެ ނުވެއްޖެނަަމަ މުސާރަ ކެނޑޭނެ. ބަލިވެގެން ނާދެވޭނަމަ މުސާރަ ކެނޑޭނެ. އަދި ޗުއްޓީ ލިބޭނީ ދެ އަހަރުން އެއް އަހަރު. ދެން އަނބުރާ މަސައްކަތުދޭ

އަބޫ ފެރާރީއަށް އަރާގެން ނައްޓާލުމުން މަހްމޫދު މަސައްކަތް ފެއްޓިޔެވެ. ވަރަށް ބުރަކޮށް މަސައްކަތްކުރަމުންގޮސް ނަމާދުގަޑި ޖެހުމާއެކު އެންމެންނާއެކު ނަމާދަށް އެރިޔެވެ. ނަމާދަށް ތިއްބާ އަބޫ އެތަނަށް އަތުވެއްޖެއެވެ. އެންމެން ނަމާދުކޮށް ނިމެންދެން މަޑުކޮށްލުމަށްފަހު މީހުންތައް ނިމުމުން އެއްކުރިޔެވެ. އަދި ނަމާދަށް ލިބޭނީ އެންމެ ފަސް މިނެޓް ކަމަށްށާ ފެކްޓަރީގެ މަސައްކަތް ދެގުނަޔަށް ވަރުގަދަ ކުރަން ޖެހޭ ވާހަކަ އެންގިޔެވެ. އަދި އިތުރުގަޑީގާވެސް މަސައްކަތްކުރަންޖެހޭކަން އެނގުމަށްފަހު އޭނާ އެތަނުގެ އޮފީހަށް ދިޔައެވެ. ގޮސް މެނޭޖަރު ބޭރުކޮށް އޭނާ ލައްވާވެސް މަސައްކަތްކުރުވިޔެވެ. މި މަންޒަރު ފެނިފާ ބައެއް މުވައްޒަފުން ހިތްހަމަ ނުޖެހުނެވެ. އަދި އަބޫއާ ދެކޮޅަށް ދެމީހަކު ނުކުމެ ނުރުހުން ފާޅުކުރިޔެވެ. އެވަގުތު އެދެމީހުން ވަޒީފާއިން ވަގުތުން ވަކިކުރިޔެވެ.

އަބޫގެ އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. މުވައްޒަފުންނާ ދޭތެރޭ އެހާމެ އިހާނެތިކޮށް ކަންތައް ކުރަންފެށިޔެވެ. ބައެއްފަހަރު ޗާބޫކެއް ހިފާގެން އައިސް މުވައްޒަފުންނަށް އަނިޔާކުރެއެެވެ. މިކަންތައް ބޮޑުވެގެން އެންމެ ފަހަށް މަހްމޫދޫ އެއްދުވަހަކު އަބޫއާ ކުރިމަތިލާން ނިންމިޔެވެ. އަބޫ އެއްދުވަހަކު އޭނާގެ ޗާބޫކުން މުވައްޒަފެއް ގާގަ ތަޅަމުންދަނިކޮށް އެދޭތެރެޔަށް މަހްމޫދުވަނެވެ. އަދި ޗާބޫކު އަތުލާ ދުރަށް އެއްލާލިޔެވެ.

އަބޫ : ކަލެޔަށް ހަލާކުހުރި މިހިރަ މުޑުދާރު އިންސާނާ
މަހްމޫދު : މުޑުދާރީ މަށެއްނޫން މުޑުދާރީ ކަލޭ. ކަލޭ ހީކުރީތައް މުވައްޒަފުންނަށް ހިތުހުރިހާ ގޮތެއް ހެދޭނޭ. އެއީވެސް އިންސާނުންނޭ
އަބޫ : ބުނަން ރަނގަޅު ވާހަކައެއް މަގޭ ޗާބޫކު މަށަށް ގެނެސްދީ އެހެންނޫނީ ކަލޭ ވަޒީފާއިން ވަކިކުރާނަން
މަަހްމޫދު : (ހިނިގަނޑެއް ޖަހާލާފަ) އޭ މިހިރަ ދުނިޔެމަތީ މުއްސަނދި މޮޔަޔާ. ކަލޭ ހީކުރީތަ ވަޒީފާގެ ބިރު ދައްކާގެން އުޅޭވޭނޭ. އަހަރެން ބިރެއް ނުގަނޭ ކަނޑާލަންޔާ ކަނޑާލަންވީ. އެކަމު ބުނަން އަހަރެންނަކީ ކަލެޔަށްވުރެ މުއްސަނދި މީހެއްކަން ހަނދާންކުރާތި
އަބޫ : (ބާރަށް ހީގަނެފާ) އޭ މިހިރަ ތެލުން ތަތްތެޅިފާވާ މުޑުދާރު މީހާ. ކަލޭ ކޮންހެނެއް ހޯދި މުއްސަނދިކަމެއް؟ ކަލޭ މަސައްކަތްކުރަނީ އަހަރެން ކާރި. ދައްކާ މޮޔަ ވާހަކަ
މަހްމޫދު : ކިޔާދެނީ މި ރަނގަޅަށް އަޑުއަހާ. އަހަރެން ގަވާދުން ނަމާދުކުރަން. ސަދަގާތްދެން. އަދި ހުރިހާ ސުންނަތް ނަމާދުތައްކޮށް ﷲ އަށް ގިނަ ގިނައިން ޒިކުރުކުރަން. މިހާރު އަހަރެންނަކަށް ނޭނގެ އަހަރެންގެ މުއްސަނދިކަން ހުރީ ކޮން ހިސާބެއްގަ ކަމެއްވެސް. ގުނާ އަދަދު ނުކުރެވޭނެކަން އަހަރެންނަށް އެނގެނީ. ގުރުއާންގެ އެންމެ އަކުރެއް ކިޔާލުމުންވެސް އެބަ ލިބޭ ދިހަ ސަވާބު. ހައްޖެއް ނުވަތަ އުމްރާއެއް ކުރުމުން އެތައް ސަވާބަކާ ދަރުމަ. ރޯދަ ހިފުމުން އެތައް ސަވާބަކާ ދަރުމަ. (ދެލޮލުން ކަރުނަ ފައިބާ ހާލު) އަހަރެންނަކަށް ނޭނގެ ކިތައް ގަނޑުވަރުކަމެއް އަހަރެންނަށް ސުވަރުގޭގަވަނީވެސް. އެހެންވީމާ އަހަރެން މިބުނަނީ ކަލޭ ކައިރީ މިއަދު މިތަން ދޫކޮށްފާ ދާނީ އަހަރެން އެކަންޏެއް ނޫންކަން އެތައް ބަޔަކު މިތަނުން ދޭނެ

މަހްމޫދުއާއެކު އެތައް ބާވަރު މުވައްޒިފުންނެއް އެއްފަހަރާ ކެނޑިގެންދިޔައެވެ. މަހްމޫދު ދެން ކުރަން ފެށީ އަމިއްލަ މަސައްކަތެވެ. އެގޮތުން އަތުގާ އޮތް ކާރުން ޓެކްސީކުރަން ފެށިޔެވެ.

އަހަރުތައް ފާއިތުވެ މަހްމޫދުގެ އަތްމަތިވެސް މުއްސަނދިވެއްޖެއެވެ. އެއީ ކާރު ދަތުރެއް ނެގި މަހުޖަނެއްގެ ފައިސާތައް އަމާނަތްތެރިކަމާއެކު ރައްދުކުރުމުންނެވެ. މިހާރު މަހްމޫދު އަމިއްލާ ގަރާޖްއަކާ ޓެކްސީ ސެންޓަރެއް ހިންގައެވެ. އެއްދުވަހަކު މަސައްކަތް ނިންމާލާފަ ހަބަރު ބަލާލަން ޖައްސާލިތަނުން ފެނިގެންދިޔައީ ކުރިން މަހްމޫދު މަސައްކަތްކުރި ފެކްޓަރީ އަނދާ އަޅިޔަށްވަމުންދާތަނެވެ. އެ ފެކްޓަރީ ކުރިމަތީ އަބޫ ބޮލުގާ އަތްއަޅާގެން ހުރިތަން ފެނިގެންދިޔައެވެ. އޭނާގެ ރަނުން ޖަރީކުރެވިފާވާ ފެރާރީ މައްޗަށްވަނީ ދަގަނޑު ފާބާގެންގޮސް ޗިސްވެފައެވެ. ލައިވެކޮށް ދައްކަމުންދިޔަ މަންޒަރުތައް ބަލަން އިން މަހްމޫދުއަށް ދެން ފެނިގެންދިޔައީ ބޮޑު ގޮވުމެއްގޮވާ އަބޫވެސް ގެއްލިގެންދިޔަތަނެވެ. ވިސްނާލި މީހަކަށް އިބުރަތެކެވެ. އެންމެ އިންސާފުވެރި ﷲ އެ ނުބައި ނުލަފާ އަބޫގެ ނިމުން ގެނުވީ އެންމެ ހިތި އަދި އެންމެ ނިކަތި ގޮތަށްށެވެ. އެއީވެސް މުޅި ދުނިޔެއަށް ދައްކުވާފައެވެ.

- ނިމުނީ -

 


ތިބާ އިސްލާމްދީނަށް ފުރައްސާރަކޮށް އެ ދީނަށް ފުރަގަސްދީ ތިޔަހެދީ ތިބާއަށް ކާކު ނަސްރުދޭނެކަމަށްހެއްޔެވެ. ބަޔެއްގެ ބަހަށް ހެއްލި އެންމެ އަގުހުރި މާތްވެގެންވާ ހުރިހާ ނިއުމަތެއް ލިބިގެންވާ ދީން ދޫކޮށްލުމަކީ މިދުނިޔެމަތީ ތިބާ ކުރާނެ އެންމެ މޮޔަކަމެވެ. ތިބާގެ މަރު އައުމުގެ ކުރިން ދެންވެސް ތައުބާވާށެވެ. އަޖަލުގެ ވަގުތަކީ ތިބާއަށް އެނގޭނެ އެއްޗެއްނޫނެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

މުހުސިންއަކީ ނިކަމެތި އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ހެޔޮލަފާ މަޔަކާ ބަފަޔެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. މުހުސިންއަކީ ގަވައިދުން ނަމާދުވެސް ކުރާ ޒުވާނެކެވެ. ބަންގި ގޮވުމުން ވަގުތައް ނަމާދަށް ދެއެވެ. މުހުސިންގެ ހުވަފެނަކީ ކިޔަވާން މޮޅުމީހަކަށްވެ މައިން ބަފައިން ހައްޖަށް ފޮނުވުމެވެ. މުހުސިން ކިޔަވަމުންދަނީ ޑިޕްލޮމާއެވެ. ބައެއް ފަހަރު ގައުމުން ބޭރަށްވެސް ކިޔެވުމުގެ ކަންތަކުގަދާންޖެއެވެ. މިހެން އުޅުމުގެ ތެރޭގަ ދިޔަ ދަތުރެއްގާ އާ ރަހްމަތްތެރިންތަކެއް ލިބިގެންދިޔައެވެ. ދެ ފިރިހެނުންނާ އަންހެނެކެވެ. އެމީހުން އަބަދުވެސް މުހުސިން ގާތްކޮށްގެން ގެންގުޅެއެވެ. ނަމަވެސް މުހުސިންއަށް އެމީހުން ކަމަކުނުދެއެވެ. ސަބަބަކީ ބޭކާރު ވާހަކަ ދައްކާތީއެވެ. އަބަދުވެސް މަޖަލުގާ ވަގުތުތައް އިސްރާފްކުރާތީއެވެ. މިހެން އުޅުމުގެ ތެރޭގަ މުހުސިންގެ ހިތަށް މަޑުމަޑުން ޝައިތާނާ ވަސްވާސްދޭންފަށާފިޔެވެ. އެއްކަލަ ރަހްމަތްތެރިންނާއެކު އުޅޭ ވަގުތުތައް ކުއްލިޔަކަށް މުހިންމުވާން ފައްޓާފިޔެވެ. އެމީހުން ގުޅާލާފިނަމަ ހުރިހާ ކަމެއް ބަހައްޓާފަ އެމީހުން ކައިރިޔަށްދެއެވެ. އެންމެ ފަހަށް އަލަށް ސިނގިރޭޓްގެ ރަހަވެސް ބަލާފިޔެވެ. އަންހެން ރަހްމަތްތެރިޔާއާ ގާތްވީވީނުންގޮސް އޭނާއާ އެކު އެކަނި ލިބުނު ފުރުސަތެއްގާ ޒިނޭވެސްކޮށްފިޔެވެ. އެމީހުންނާއެކު ބާތަކަށްވެސް ދާންފެއްޓިޔެވެ. ފާހިޝް އަތްތައް ހަށިގަނޑުގާ އުގުޅޭލެއް ގިނަވެގެންދިޔައެވެ. ދުނިޔެއަށް ބަރޯސާވާންފެއްޓިޔެވެ.

އެއްދުވަހެއްގާ ރަހްމަތްތެރިންނާއެކު މުހުސިން ކެސީނޯއަކަށްދިޔައެވެ. އެތަނަށް ފައިސާ ހަރަދުކޮށް ޖުވާކުޅެމުންދަނިކޮށް ކުއްލި މުއްސަނދިކަމެއްލިބި އެކަމަށް ދެވިހިފިޔެވެ. އެންމެ ފަހަށް ރާވެސްވީ ވަރަށް ގާތް އެއްޗަކަށްށެވެ. ހައްދުފަހަނަ އަޅާ ދިޔައީ ވަކިވަރަކަށްނޫނެވެ. ރަހްމަތްތެރިން މުހިންމުވެ މައިންބަފައިން ދޫކޮށްލުމަށްފަހު ބޭރު ގައުމުގާ ދިރިއުޅެންފެށިޔެވެ. މައިން ބަފައިންނަކީ ނެތް ބަޔަކަށްހެދިޔެވެ. މިޔުޒިކާ ޕާޓީ ކުރުން މުހިންމުވިޔެވެ. އެންމެ ފަހަށް މިހެން އުޅެމުން ރަހްމަތްތެރިން އޭނާ ކްރިސްޓިއަނުންގެ ފައްޅިއަކަށް ކޮންމެ ދުވަހަކު ގެންގޮސް އެމީހުންގެ ދީން އުނގަންނާދޭންފެށިޔެވެ. މާކަށް ގިނަދުވަހެއްނުވެ އެންމެ މާތްވެގެންވާ އިސްލާމްދީންވެސް ދޫކޮށްލާފިޔެވެ. އެންމެ ފަހަށް ކްރިސްޓިއަން މިޝަނަރީއަކަށްވެސް ވެއްޖެއެވެ. އަދި މީސްމީޑިޔާގާ އިސްލާމްދީންއަށް ފުރައްސާރަކޮށް ލިޔުންތައް ލިޔެ ވީޑިޔޯހަދަންފެށިޔެވެ. ޔަހޫދީންނާ ނަސޯރާއިންގެ ހިމާޔަތުގާ ހުރެގެންނެވެ. ބިރެއް ފިކުރެއްނެތިޔެވެ.

ދުވަސްތައް ފާއިތުވެގެންގޮސް މުހުސިންގެ ރަހްމަތްތެރިންނަށްވެސް އޭނާ އޮބިނޯވެގެން އެމީހުން އޭނާ ދޫކޮށްލިޔެވެ. މުހުސިން ދިރިއުޅޭ ސަރަހައްދުގެ މީހުންނަށްވެސް އޭނާ ވެފާވަނީ ބޮޑު އުނދަގުލަކަށްށެވެ. އެންމެ ފަހަށް ފުލުހަށް އެތައް ފަހަރަކު ގެންދެވުނެވެ. އޭނާގެ ސަބަބުން ގައުމަށް ނުރައްކާވެދާނެތީޔޭ ކިޔާފަ އެތައް ނަސޭހަތެއް ދިނެވެ. ނަމަވެސް މައިތިރި ނުވުމުން އެންމެ ފަހަށް ޖަލަށްލެވުނެވެ. ޖަލުގާވެސް މުހުސިން މައިތިރި ނުވުމުން ސުޕާ މެކްސް ޕްރިޒަންއަކަށް ގެންދެވުނެވެ. އެތަނުގާ އެތައް ކަމަކާ މުހުސިން ކުރިމަތިލާން ޖެހުނެވެ. ލިވާތުގެ ޝިކާރަޔާ އަނިޔާވެރިންގެ ހަމަލާތަކެވެ. ނަމަވެސް މުހުސިންވެސް އެންމެ ތަންފުކެއްވެސް ދޫނުކުރިޔެވެ. އެންމެ ފަހަށް މުހުސިން ބަހައްޓަން މަޖުބޫރުވީ އައިސޮލޭޝަންގައެވެ. އެއީ ފާހާނަ ތައްޓަކާއެކު އިންނަ ހަފޫޓް ހަފޫޓް ގޮޅިޔެކެވެ. އެތަނުގާ މުހުސިން އިން އިރުގާ އޭނާއަށް ޖެހިގެން އިން ބައިން ފާރުގެ އަނެއް ފަރާތުން މީހަކު އަބަދުވެސް ގުރުއާން ކިޔަވާއަޑުއިވުނެވެ. މިކަމުގެ ސަބަބުން މުހުސިންއަށް އެއްޗެއް ވިސްނެންފެށިޔެވެ. ހުރިހާ އެންމެ އޭނާ އެއްލާލިއިރުވެސް އޭނާއަށް އޯގާތެރިވާ ފަރާތެއްވާކަމެވެ.

ކޮންމެ ދުވަހަކުވެސް މުހުސިން ދިޔައީ ގުރުއާން ކިޔަވާއަޑު އަހަމުންނެވެ. އޭނާގެ ހިތަށް އެކަމުން ހިތްހަމަޖެހުންލިބެއެވެ. ނަމަވެސް އިތުރު އެއްޗެއް މަދުވާކަން އޭނާއަށް ވިސްނެންފެށިޔެވެ. އެއީ ހިތުގެ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމުގާވާ ނަމާދެވެ. ދުވަސްކޮޅަކުން އައިސޮލޭޝަން އިން ނެރުމާއެކު އެންމެ ފުރުތަމަވެސް މުހުސިން ކުރިކަމަކީ ޝުކުރުގެ ސަޖިދަޖެހުމެވެ. އަދި ވަގުތުން ޝަހާދަތްކިޔާ ވަރުގަދަ ތައުބާއަކުން ތައުބާވާން ހިތުން ނިޔަތްގަތެވެ. އެއަށްފަހު އުޅުން ރަނގަޅުކޮށް އިސްލާމްދީނުން އޭނާއަށް ލިބިފާވާ އިލްމް މީހުންނަށް އުނގަނާދޭންފެށިޔެވެ. އެއް އަހަރަށްފަހު މުހުސިންގެ އުޅުން ރަނގަޅުކަމުން މިނިވަންވެއްޖެއެވެ. ވަގުތުން މައިންބަފައިން ކައިރިޔަށްގޮސް މައާފްއަށް އެދުނެވެ. އަދި ކަންވީ ގޮތް ކިޔާދިނެވެ. އެޔަށްފަހު ވަރުގަދަ އަޒުމަކާއެކު ބުރަ މަސައްކަތްކޮށްގެން ރެޔާ ދުވާލު އެއްކުރި ފައިސާއިން ތިން އަހަރުތެރޭ މައިންބަފައިން ހައްޖަށް ފޮނުވިޔެވެ.

- ނިމުނީ -

ލޮބުވެތި އަހުންނާ އުޙްތުންނޭވެ. ނިކަން މާތް ﷲ ގެ ކުޅަދުންވަންތަކަން ދެކިބަލާށެވެ. ތިބާ ކިތަންމެ ދަތިހާލެއްގާ ވިޔަސް އެކަލާނގެ ތިބާ ދުވަހަކުވެސް ދޫނުކުރާނެއެވެ. ތައުބާގެ ދޮރުވަނީ ހުޅުވިފައެވެ. އަވަހަށް ތައުބާވާށެވެ. ސަލާމަތްއޮތީ އިސްލާމްދީންގައެވެ.

 


ކަށްވަޅަކީ އަޅުގަނޑުމެންގެ މިދުނިޔޭގެ ފަހު މަރުހަލާއެވެ. އަޅުގަނޑުމެންގެ ފުރާނަނެތް ހަށިގަނޑު ކަށްވަޅަށްލާ ފަސްއެޅި އެންމެންގެ ލޯމަތިން ގެއްލޭނެއެވެ. އެއަށްފަހު އަހަރުތަކަކަށްފަހު އަޅުގަނޑުމެންމަތިން ހަނދާންވެސް ނެތޭނެއެވެ.

އަޒީޒްއަކީ ވަރަށްވެސް ޖާނުން ވަރުގަދަ ފައިސާހުރި ޒުވާނެކެވެ. ސައުދީއަށް ނިސްބަތްވާ މި ޒުވާނާގެ ހަތަރު ތެޔޮވަޅުހުރެއެވެ. އޭނާ ބޭނުންވާ ހުރިހާ އެއްޗެއް އޭނާ ހޯދައެވެ. އޭނާގެ ރަހްމަތްތެރިންނަކީވެސް އޭނާފަދަ ފައިސާވެރިންނެވެ. އެކުގާ ގިނަ ތަންތަނަށް ދަތުރުކޮށްހަދައެވެ. އިސްރާފް އެހާބޮޑެވެ. އަޒީޒްމެންގެ ދިރިއުޅުމަކީ ދުނިޔެވީ އުފަލަށްޓަކާ ހުސްކޮށްލަމުންދާ ދިރިއުޅުމެކެވެ.

އެއްދުވަހެއްގާ އަޒީޒްގެ ރަހްމަތްތެރިޔަކު އައިސް އަޒީޒްމެން ކާރި އޭނާއާއެކު އޭނާގެ ގްރެޖުއޭޝަންއަށް ދިޔުމަށް އެދުނެވެ. އެއާއެކު އެންމެން އުފަލުން ނަށަންފެށިޔެވެ. އަދި އަވަސް އަވަހަށް ތައްޔާރުވެލާން އެމީހުން އެކުގާ އަޒީޒްގެ ބޮޑު އެސްޔޫވީއަށް އަރާގެން ދަތުރުފެށިޔެވެ. ގްރެޖުއޭޝަންއަށް ގަޑިޔަށްގޮސް ރަހްމަތްތެރިޔާ ސެޓްފިކެޓް ލިބި ނުކުތުމުން އެންމެން އެއްކޮށް ދިގު ދަތުރެއްދާން ނިންމިޔެވެ. މި ދަތުރަށް ބޭނުންވާ ސާމާނުގަނެ ސަހަރާ ތެރޭވާ ދިގުމަގުތަކުން ދުއްވަންފެށިޔެވެ. އިރުއޮއްސުމުން ޓެންޓްޖަހާ ސަކަރާތްޖަހަންފެށިޔެވެ. މިހެން ތިއްބާ ޖަމަލުތެކެއް ގޮވާގެން ދިޔަ މީހަކު ފެނިފާ އަޒީޒް އެމީހާ ގެެނެއެވެ.

އަޒީޒް : ބޭބޭ މިތަނުން ޖަމަލެއް އަހަރެންނަށް ވިއްކަންވީނު
މީހާ : ކިހާވަރަކަށް ތި ކިޔަނީ
އަޒީޒް : ދިހަ ހާސް ރިޔާލް
މީހާ : މާތް ﷲ ގަންދީބުނަން އަހަރެންނަށް ތި ފައިސާއަށްވުރެ އަހަރެންގެ ޖަމަލްތައް މުހިންމު
އަޒީޒް : އެޔޯ؟
މީހާ : މިއީ މީހެއްގެ އަމާނާތެއް. އެޔަކަށް އަހަރެން ހިޔާނާތެއްނުވާނަން
އަޒީޒް : ވިއްކުމަކީ ހިޔާނާތްވުމެއްނޫން. ފައިސާ ގެންދިޔާމާ އަމާނާތް އަދާކުރެވުނީ
މީހާ : ނޫން. ފައިސާއަކީ ހުރިހާ އެއްޗެއްނޫން. މާދަން ކަށްވަޅަށްދާއިރު އެޔެއް ނުގެންދެވޭނެ. އެކަމު އަމަލްތައް ގެންދެވޭނެ. މާދަން އެކަނި ކަށްވަޅުގާ އޮންނައިރު އަމަލްތަކުންނުނީ އެއްވެސް ލުޔެއް ނުލިބޭނެ
އަޒީޒް : ހޫނ ދެން ހެވޭ. ކަލޭ ނުވިއްކަންޏާ މިތަނުން ދާންއުޅޭ

ޖެހިގެންއާ ދުވަހު އަޒީޒްމެން ސަހަރާތެރެއިން އަނެއްކާވެސް ދަތުރުފެށިޔެވެ. މާ ބޮޑަށް ހޫނުގަދަ ދުވަހަކަށްވުމުން އެންމެ އަވަހަށް ޖެހުނު ތަނަކަށް މަޑުކުރިޔެވެ. އެއީ ކުޑަކުޑަ އަވަށެކެވެ. އެ އަވަށުގާވަނީ ގުރުއާންގެ އަޑު ގުގުމާލާފައެވެ. އެ އަވަށު މީހުންތައް އަޒީޒްމެން ފެނުމުން އައިސް މެހެމާންދާރީ އަދާކުރިޔެވެ. އަޒީޒްމެން އެ އަވަށުތެރެ ބަލާލުމަށް ފާމަގުގާ ހިނގަންފެށިޔެވެ. ކޮންމެ ގެޔެއްގެ ދޮރުވަނީ ހުޅުވާފައެވެ. ކޮންމެ ގެޔެއްގާ ދިޔައީ ގުރުއާން ކިޔަވާ ފިލާވަޅުތައް ނަގާދެމުންނެވެ. އަޒީޒްމެން ތަންކޮޅަކަށް ދިޔަތަނުން ބަޔަކު އެއްވެ ތިބިތަން ފެނިގެން އެދިމާލަށްގޮސް ވެގެން އުޅޭގޮތް ބަލާލިޔެވެ. އެތަނުގާވަނީ ކަށްވަޅެއް ކޮނެފައެވެ. މަންޒަރު ބަލަންތިބި އަޒީޒްމެންނަށް އެ ކަށްވަޅަށް ޒުވާނަކު ފޭބިތަންފެނުނެވެ. އެޒުވާނާހުރީ ގާގަ ހުދުފޮތި އޮޅާންނެވެ. އެޒުވާނާ ކަށްވަޅުގާ އޮތް ސަންދޯކުގާ އޮށޯތުމުން ސަންދޯކު މަތި ޖަހާލެވުނެވެ. އަދި ކޮންމެސް ވަރަކަށް ވެލިއަޅާ ބޯ ފިލައަކުން ކަށްވަޅު ނިވާކުރިޔެވެ. ދިހަ މިނެޓްފަހު ކަށްވަޅު މަތިނަގާ އެޒުވާނާ ސަންދޯކުންނެގިޔެވެ. އެޒުވާނާހުރީ ބިރުން ތުތުރުއަޅައަޅާއެވެ. ބާރަކަށް ރޯންފެށިޔެވެ. މަންޒަރުބަލަން ތިބި ގިނަ މީހުންނަށް ރޮވުނެވެ.

ޒުވާނާ : އޭ ލޮބުވެތި އަހުންނޭ. ހާދަ އަނދިރިޔޭ ހާދަ އެކަނިވެރިޔޭ. އެންމެ ފަސްމިނެޓްވެސް ހީވަނީ އެތައް ގަޑިއިރެއްހެން. ހެޔޮނުވާނެ ގިނަ ގިނައިން ތައުބާވެ ހެޔޮމަގުގާ ހިފަހައްޓާ.

މަންޒަރު ބަލަން ތިބި އަޒީޒްމެންނަށް އެކަން މާކަށްބޮޑު ކަމަކަށްނުވެއެވެ. އަދި އޭނާގެ ރައްޓެހިން އަޒީޒްއާ ދިމާލަށް އެ ކަށްވަޅަށް އެރޭކަށް ނުކެރޭނޭ ކިޔާ ދިމާކުރަންފެށިޔެވެ. އަޒީޒް އޭނާއަށް ކެރޭނަކަމަށްބުނެ ރައްޓެހިން ކުރިމަތީ އަގު ނުވެއްޓޭން ގޮސް ކަށްވަޅަށް އެރެން ބޭނުންވާ ވާހަކަބުނިޔެވެ. އެހިސާބުން އަވަށު މީހުން އަޒީޒް ގާގާ ހުދުފޮތި އޮޅާދިނެވެ. އަޒީޒް ކަށްވަޅާދިމާލަށް ހިނގަންފެށިޔެވެ. ގާތްވި ވަރަކަށް އޭނާ ހިތަށް ދިޔައީ ބިރުވެރިކަން ވަންނަމުންނެވެ. ލޯމައްޗަށް ފެންނަމުންދިޔައީ އޭނާގެ ދިރިއުޅުމެވެ. މިހާތަނަށް އޭނާ ކޮށްފާވާ ނުބާ އަމަލްތަކެވެ. ކަށްވަޅާ ހަމަޔަށް ދެވުމުން ދެފާ ކުޑަކޮށް ތުރުތުރު އަޅަންފެށިޔެވެ. ދެތިންފަހަރަކު ކަށްވަޅަށް ފާ ތިރިކޮށްފާ ނެގިޔެވެ. ރައްޓެހިންނާ ދިމާލަށް ބަލާލާފަ ހީގަނެފަ ކަށްވަޅަށް ފާބާ ސަންދޯކުގާ އަތްކާއްތާލުމަށްފަހު އެޔަށް އެރުނެވެ. އަޒީޒްގެ މުޅިގާ ދިޔައީ ތުރުތުރުއަޅަމުންނެވެ. ސަންދޯކުމަތި ފުރުތަމަ ޖަހާލިފަހަރު ތެޅިގަނެ އެ ނެގުވިޔެވެ. ދެވަނަފަހަރުވެސް ހަމަ އެހެންނެވެ. ތިންވަނަ ފަހަރު މަޑުން އޮވެވޭތޯބެލިޔެވެ. ސަންދޯކް މަތި ޖެހިއްޖެއެވެ. ސަންދޯކަށް ވެލި ފާބާއަޑު އިވިއްޖެއެވެ. މިހާރު އަޒީޒްގެ ހިތަށް ވަރަށް ބޮޑަށް ބިރުވެރިކަން ވަންނަންފެއްޓިޔެވެ. މިހާރު އޭނާއަށް އެކަނިވެރިކަން ވަރަށް ބޮޑަށް އިހްސާސްވެ ރޮވެންފެށިޔެވެ. ހަމަ ހިލާ އެކަކުވެސް އޭނާ ގާތަކު ނެތްކަން އޭނާއަށް މިއަދު އެނގެންފެށިޔެވެ. ކަށްވަޅަށް ދާންޖެހޭނީ އެކަނިކަމާ އެއީ އަނދިރިވެގެންވާ އެއްވެސް އަލިކަމެއް ނެތް ތަނެއްކަން އޭނާއަށް އެނގުނެވެ. ވަގުތުތައް ގުނަމުންގޮސް ވަރަށްވެސް ދިގުވިޔެވެ. އެންމެ ފަހަށް ބާރަށް ރޮވެން ފައްޓާފިޔެވެ. އިރުކޮޅަކުން މީހަކު ސަންދޯކު މަތި ހުޅުވާލުމާއެކު އަޒީޒް ފުންމާން ތެދުވެ އެމީހާ ގާގަ ބައްދާގަނެ ބާރު ބާރަށް ރޯންފެށިޔެވެ. އަޒީޒް މައިތިރިވުމުން އެތަނުގާހުރި ދުވަސްވީ މީހަކު އޭނާއާ ސުވާލުކުރަން ފެއްޓިޔެވެ.

މީހާ : އޭ ޒުވާނާ. ކަލެޔަށް އެތާ އިހުސާސްވީ ކޮން ކަންތައްތަކެއް؟
އަޒީޒް : އެކަނިވެރިކަމާ އަނދިރި އަދި ނާމާންކަން
މީހާ : ކަލޭގެ ދުނިޔޭގަ ހޯދި އަގުބޮޑެތި މުދަލާ ފައިސާ ގެންދެވުންތަ؟
އަޒީޒް : ނޫން
މީހާ : ކަލޭ އަލިކަމެއް ބޭނުންވިތަ؟
އަޒީޒް : ވަރަށް ބޮޑަށް
މީހާ : ކަލެޔަށް ވިސްނުނީ ކޮންއެއްޗެއް؟
އަޒީޒް : ދުނިޔެއަކީ ވަގުތީ ތަނެއްކަން އަދި އަހަރުމެން ދާންއޮތީ ކަށްވަޅަށްކަން
މީހާ : ކަލޭގެ ރަހްމަތްތެރިންނަށް ދޭންއޮތީ ކޮން ނަސޭހަތެއް؟
އަޒީޒް : (ރައްޓެހިންނާ ދިމާލަށް ފެންކަޅިވެފާ ބަލާލާފަ) ހެޔޮނުވާނެ އިސްލާހްވޭ. ހެޔޮމަގަށް ރުޖޫއަވޭ. މާދަމާވެސް މަރާ ބައްދަލްކުރަން ޖެހިދާނެ

އަޒީޒްމެން އަވަށް ދޫކޮށް ދިޔައީ ވަރުގަދަ އަޒުމަކާއެކުއެވެ. ލިބިފާވާ މުއްސަނދިކަން ހެޔޮގޮތުގާ ބޭނުންކުރާށެވެ. ކުރެވުނު ހެޔޮ އަމަލެއްކޮށްގެންވެސް އެމީހުން ބޭނުންވީ އެމީހުންގެ ކަށްވަޅުތައް އަލިކޮށް ސުވަރުގެ ލިބިގަތުމަށްށެވެ.

- ނިމުނީ -

 


އެންމެ މާތް މަސްވަރު ކަމުގާވާ رَمَضَان މަހަކީ އެމަހެއްގާ އެތައް ދަރުމައާ ސަވާބެއް އެކުލެވިގެންވާ މަހެކެވެ. މިއީ އަޅުގަނޑުމެންނާ ކޮންމެ އަހަރަކު އެއްފަހަރު ބައްދަލްކުރާ މަހެކެވެ. ނަރަކައިން މުއްތިކުރެވޭ މަހެކެވެ. ލައިލަތުލް ގަދްރިވިލޭރޭ ހިމެނޭ މަހެކެވެ. ނަމަވެސް މި މާތް މަސްވަރުގެ ހެޔޮކަން ގިނަބަޔަކު ފުރިހަމަޔަކަށް ލިބިގަތުމަށް މަސައްކަތްނުކުރާކަމީ ހިތާމަހުރިކަމެކެވެ.

ހަލީމްއަކީ ޒުވާނެކެވެ. މިޔުޒިކްއަށް ލޯބިޖެހިފާވާ ޒުވާނެކެވެ. އެންމެ ފަހުގެ މިޔުޒިކް ސާމާނަކީ އަބަދުވެސް އޭނާ އަތުގާ ހުންނަ އެއްޗިއްސެވެ. އެގޮތުން އޭނާ އެންމެ ގަދަޔަށް ގަނެހަދަނީ ގިޓާއެވެ. އެކި ގޮތްގޮތައް މިޔުޒިކް ހަދާގެން މީސްމީޑިއާއަށްލާގެން އެތައް ބަޔެއްގެ ސަމާލުކަން އަބަދުވެސް އޭނާ ހޯދައެވެ. އޭނާއަކީ ރޭގަނޑުގެ ނިދި ނަގާލަން އާދަވެފާ ހުންނަ މީހެކެވެ. މުޅި ރޭގަނޑު ހޭދަކުރަނީ މިޔުޒިކް ކުޅުމުގައާ އަޑުއެހުމުގައެވެ. ފަތިސް ނަމާދަށް ގޮވުމުން ނުކުމެގެން ގޮސް ހޮޓަލުން ސާބޮއެގެން އިރުއަރާ މަންޒަރު ބަލަން ގޮސްފާ އައިސް ނިދައެވެ.

މާތްވެގެންވާ رَمَضَان މަސްވެސް އައިސް ޖެހިއްޖެއެވެ. ތަންތަނުގާ ސާމާނު ސޭލް އަޅުވާފިޔެވެ. ހަލީމް އަވަސްވެގަތީ އާ ހެޑްފޯން އެއްޗެހި ގަތުމަށްށެވެ. އެންމެ އަގު އަދި ކޮލިޓީ ރަނގަޅު ހެޑްފޯންއެއް ހޯދަން ނުކުތް ހަލީމް ގޮސް ވަތް ފިހާރައެއްގާ ކީރިތި ގުރުއާން ޖަހާފާ ހުރުމުން އެތަނުގާ އޭނާއަށް ގިނައިރު ކެތެއްނުވިޔެވެ. ނަމަވެސް ނުކުންނަން އުޅެނިކޮށް ފިހާރަ ސޭޓު އޭނާ ހިތްޖެހޭ ކަހަލަ ހެޑްފޯންއެއް ދައްކާލުމަށްފަހު އޭގެން ގުރުއާން އަޑުއަހާލަން ވަރަށް ރީތިވާނޭ ބުނެލިޔެވެ. ނަމަވެސް ހަލީމް އެ ގަތުމަށްފަހު އޭނާ އެގަތީ އެހެން ކަމަކުކަމަށްބުނެ މޫނުހަދާފަ ނުކުތެވެ.

رَمَضَان މަހުގެ ދުވަސްތަކުގާ މީހުންތައް މިސްކިތްތަކަށްގޮސް އަޅުކަންކޮށް ސަވާބު ހޯދުމަށް ބުރަވެގަނެގެންއުޅުނެވެ. ނަމަވެސް ހަލީމް އާދަކާދަ ބަދަލެއްނުވެއެވެ. ހަމަ ކުރިޔެކޭ އެއްފަދައެވެ. މީސްމިޑިޔާގަ އިތުރަށް ސަމާލުކަން ހޯދުމަށް މަސައްކަތް ބުރަކޮށްލިޔެވެ. ހަނދުނު ނިދާ މީހާ ތެދުވަނީ އަސުރަށް ގޮވުމުންނެވެ. ތެދުވެ ފަށަނީ ގިޓާ ކުޅޭށެވެ. އެހެންނޫނީ ލަވަ އަޑުއަހާ މީސްމީޑިޔާ ހާވާށެވެ. މިކަންތަކާ ކަންބޮޑުވެ ހަލީމްގެ ބައްޕަ އެއްދުވަހު އޭނާ ހޭލުމުން ސިޓިންގްރޫމްއަށް ގެނައެވެ.

ބައްޕަ : ދަރިފުޅާ ބައްޕަ އެބޮތް ވާހަކައެއް ދައްކާލަން
ހަލީމް : އަނެއްކާ ކޮން ވާހަކައެއް؟
ބައްޕަ : ދަރިފުޅު ކުޑައިރުއްސުރެ ބައްޕަމެން މި އަންނަނީ ބޭނުން އެއްޗެއް ގަނެދެމުން. ދަރިފުޅު އެއްފަހަރުވެސް އެކަން ދެނަހުރިންތަ؟
ހަލީމް :އާނ
ބައްޕަ : އެހެންވިއްޔާ ކަލޭ ކީއްވެ ނަމާދަށް ނުދަނީ؟
ހަލީމް : ދާނަމޭ ބައްޕާ
ބައްޕަ : އަހަރެން ވަރަށް ދުވަހު ކެތްކޮށްފިން. ކޮންމެ ރެޔަކު ކަލޭ ތި ކުޅޭ ކުޅިވަރެއްކުޅެން ދޫކޮށްގެން މިހުންނަނީ އަމިއްލަޔަށް އެންމެ ފަހަރަކުވެސް ނަމާދަށް އަރާތޯ ނަމަވެސް ރޭގަނޑު ހޭލާފަ ދުވާލު ނިދާފަ ތި ތެދުނީ އަމުދުން ރޯދަމަހުވެސް ދެން ކަލެޔަށް ކޮން ރޯދައެއް ހިފިފަ ހުންނާނީ؟
ހަލީމް : ހޫނ ދެން ހެވޭ
ބައްޕަ : ހަބަރުދާރު. މީގެ ފަހުން ކަލޭ ނަމާދަށްނުގޮސް މިޔުޒިކް ކުޅެން އިނދެފިއްޔާ ހަމަ ހުރިހާ އެއްޗެއް ބިންދާލާނަން
ހަލީމް : ބައްޕަވެސް ދެން ހާދަ ކަންތައް ފަލަވެއްޖޭ.

ހަލީމް ބައްޕައާ ޒުވާބުކުރުމަށްފަހު އަނބުރާ އޭ ކޮޓަރިޔަށްދިޔައެވެ. އަދި އަލަށް ގަތް ހެޑްފޯން ކަނޑާލިޔެވެ. އެއާއެކު ހެޑްފޯން ލާފައިން ޕްކެޓްތެރެއިން ކުޑަ އެމްޕީތްރީ ޕްލެޔަރެއް ވެއްޓުނެވެ. އެ ނަގާފަ ހަލީމް ހެޑްފޯން އެޔަށް ޖަހާލާފަ އޭގަ ހުރީ ކޮން އެއްޗެއްތޯ ބަލާލިޔެވެ. ފުރުތަމަވެސް އަންނަންފެށީ ރީތި ކިޔެވުމަކާގެން މުލްކް ސޫރަތެވެ. ނަމަވެސް އެ ސޫރަތް އަޑުނާހަން ހަލީމް އަވަހަށް އެ ނިވާލުމަށްފަހު އެމްޕީތްރީ ޕްލެޔަރު ކޮޓަރީގެ ކަނަކަށް ހޫރުވާލިޔެވެ. އެޔަށްފަހު އޭނާގެ ފޯނަށް ހެޑްފޯން ޖަހާގެން އޮށޯތުމާއެކު ނިދުނެވެ.

ނިދިފާ އޮތް ހަލީމްއަށް ހުވަފެނެއް ފެންނަންފެށިޔެވެ. އޭނާ ހުރީ ހުސް ބިމެއްގައެވެ. ވަރަށް ދުރުން މީހުންތައް ރީތިކަމުން ފުރިގެންވާ ބަގީޗާތަކަށް ވަންނަތަން ފެނުނެވެ. ހަލީމް އެދިމާލަށް ހިނގާގަންނަ ކޮންމެ ފަހަރަކު ބިންގަނޑު ގުޑާގަނެޔެވެ. ވަރަށްވެސް ބިރުންހުރެ ކުރިޔަށް ޖެހެމުންގޮސް ރީތިކަމުން ފުރިގެންވާ ބަގީޗާއާ ވަރަށް ކައިރިވިތަނުން ބިންގަނޑު ފަޅާފަ އަލިފާންގަނޑެއްއެރިޔެވެ. އަދި ވަރުގަދަ ބިރުވެރި އަޑަކުން މަހްލޫގްއަކު ހަޅޭލަވާ އަޑުއިވުނެވެ. އޭގެ ފަހުން މީހުންތައް ރޮއް ހޭރޭއަޑު އިވުނެވެ. އެޔަށްފަހު ފެނިގެން ދިޔައީ ހަލީމްގެ މިޔުޒިކް ސާފާނުގާ ހުޅު ހިފާގެން އައިސް ހަލީމް ގައިގާ ޖެހޭތަނެވެ. ޖެހޭ ކޮންމެ ތަނެއް ވިރިގެންދެޔެވެ. އަޅާވޭން އެހާވެސް ބޮޑެވެ. އަދި އަޑަކުން ބުނާ އަޑުއިވުނެވެ " ހަމަކަށަވަރުން ކާފިރުންނަށްހުރީ ނަރަކަޔެވެ "

ހަލީމްއަށް ކުއްލިޔަކަށް ހޭލެވުނެވެ. އެއިރުގާ އަދި ހުރީ ގަޑިން ފަސްގަޑި ފަނަރަވެފައެވެ. އަވަސް އަވަހަށް ފެންވަރާލުމަށްފަހު ތުރުތުރު އަޅާ ހާލު މިސްކިތައްގޮސްވަނެވެ. އަދި އަސުރުކޮށްލުމަށްފަހު އެތަނުގާ މަޑުކޮށްގެން އިންދާ ހަލީމްއަށް ހެޑްފޯން ވިއްކި ސޭޓާ ދިމާވިޔެވެ.

ސޭޓް : (ހަލީމްއާ ސަލާމްކޮށްލާފަ) އައްސަލާމް އަލައިކުމް. ކޮބާ ހެޑްފޯން ރަނގަޅުތޯ
ހަލީމް : (ލަދުން އިސްޖަހާލާފަ) އަޅުގަނޑަށް މައާފްކުރައްވާ
ސޭޓް : ކޮން ކަމަކާތޯ މައާފްކުރަންވީ؟
ހަލީމް : ސޭޓްއާ ދިމާލަށް މޫނުހަދާލާފަ ވާހަކަދެއްކުނީތީ
ސޭޓް : (ހަލީމްގެ މޫނުގާވާ ހާސްކަންފެނިފަ) ކަމެއް ގޯސްވީތަ؟
ހަލީމް : މާ ބޮޑަށްވެސް
ސޭޓް : މިއީ ﷲ ގެ ގެކޮޅެއް މިތަނުގާ ދައްކާ ވާހަކައަކީ އަހަރެން ސިއްރެއްގޮތުގާ އަމާނާތްކުރާނެ އެއްޗެއް ކިޔާދެވިދާނެތަ ވެގެންއުޅޭގޮތް؟
ހަލީމް : އަހަރެންނަކީ އަބަދުވެސް މިޔުޒިކަށް ލޯބިކުރާ މީހެއް މި ރޯދަމަހުވެސް އަހަރެންނަށް އުޅެމުން އާދެވުނީ ހިތުހުރިގޮތަކަށް މިހެން އުޅެނިކޮށް ބައްޕަޔާ އަހަރެން ޒުވާބުކުރަންޖެހުން އެވެސް ނަމާދުނުކޮށްގެން. ދެން އަހަރެން ކޮޓަރިޔަށްގޮސް ސޭޓް ވިއްކި ހެޑްފޯން ކަނޑާލިތަނުން އޭގެން ވެއްޓުނު އެމްޕީތްރީ ޕްލެޔަރަކަށް އެޖަހާލާފަ ޖައްސާލިތަނުން ގުރުއާން އަންނަންފެށީމަ އެ ނިވާލާފަ ކޮޓަރީ ކަނަކަށް ހޫރުވާލާފަ މިޔުޒިކް އަޑިއަހަން ޖައްސާލިތަނުން ނިދުނީ އެހިސާބުން ފެނުނީ ބިރުވެރި ހުވަފެނެއް މީސްތަކުން ސުވަރުގެ ވަންނަނިކޮށް އަހަރެން އެތަނާ ގާތްވިތަނުން ބޮޑު އަލިފާންގަނޑެއްއެރީ އެޔަށްފަހު ބިރުވެރި އަޑަކުން މަހްލޫގަކު ހަޅޭލަވާއަޑު އިވުން އެއަށްފަހު މީހުން ރޯއަޑުން ދެން އިވުނީ ހަމަކަށަވަރުން ކާފިރުންނަށްހުރީ ނަރަކަކަން
ސޭޓް : ކޮއްކޯ ބުނަން ވާހަކައެއް. މަޝްހޫރު އަލީ ރަމީޒްވެސް ބުނެފާވޭ މިޔުޒިކް ކުޅުމަށް ދީނުގާ ކިރިޔާވެސް ހުއްދަކުރާނަމަ މިޔުޒިކް ދޫނުކުރީމުހޭ. އެއީ ވަރަށް ފުން ބަސްކޮޅެއް އޭގެންވެސް އެ އެނގެނީ މިޔުޒިކްއަކީ ހަރާމްއެއްޗެއްކަން އަދި ބޮޑު ގެއްލުމެއްކަން. ވީމާ ކޮއްކޮ ކުރަންވީ ކަމަކީ މިޔުޒިކްއާ އަދި އެހެނިހެން ހަރާން ކަންތައްތަކާ ދުރުހެލިވާންވީ ތިމާޔަށް އަމިއްލަޔަށް ތިމާ އިސްލާހްކުރެވޭނީ މީހަކު ބުނެކިޔާންނެއްނުވާނެ. މިއީ މާތްވެގެންވާ رَمَضَان މަސް އެތައް ބަޔަކު ނަރަކައިން މުއްތިކުރައްވާ އެތައް ދަރުމަޔާ ސަވާބެއް އެކުލެވިގެންވާ މަސް މި މަސް ހެޔޮގޮތުގާ ފުރިހަމަޔަށް ބޭނުންކޮށްފިނަމަ ދުނިޔެއާ އާހިރަތުގެ ކާމިޔާބު ހޯދަން ފަސޭހަވެސްވާނެ.

ސޭޓަށް ޝުކުރު އަދާކުރުމަށްފަހު ހަލީމް ގެޔަށްދިޔައެވެ. ގޮސް ބައްޕަ ކައިރިން މައާފްއަށް އެދުނެވެ. އަދި ހުރިހާ މިޔުޒިކް ސާމާނެއް ހަލާކުކޮށް ކޮޓަރިތެރެ ތާހިރުކުރުމަށްފަހު ކޮޓަރީގެ ކަނަށް އެއްލާލީ އެމްޕީތްރީ ޕްލެޔަރް ނަގާގެން އައިސް އިށީނުމަށްފަހު ފޯންގަ ހުރި ހުރިހާ މިޔުޒިކްއެއް ފުހެލުޔެވެ. އެޔަށްފަހު ގުރުއާން އަޑުއަހަންފެށިޔެވެ. އެއަށްފަހު ބަރާބަރަށް ނަމާދަށް ދާންފެށިޔެވެ. ދަންވަރު ތެދުވެ ދަމުނަމާދަށް އިސްކަންދިނެވެ. ފަތިސްކޮށްގެން ނިދާ މީހާ އެންމެ ލަސްވެގެން އެގާރަގަޑި ބާގަ ތެދުވެ ބަރާބަރު ގަޑިޔަށް ނަމާދަށްދާންފެށިޔެވެ. މިއަދު ހަލީމް އެ ގަދައަޅާ މަސައްކަތްކުރަނީ ފުރިހަމަ ރޯދައެއް ހިފާ ދުނިޔެއާ އާހިރަތުގެ ބާއްޖަވެރިކަން ހޯދާށެވެ.

- ނިމުނީ -

 


އެންމެ ދުރުގާވެސް އެންމެ ކާރީގަވެސްވަނީ މަރެވެ. މިއީ އަބަދުވެސް އެނގޭ ކަމެކެވެ. ނަމަވެސް ގިނަބަޔެއްގެ ހިތުގާ މިބަސްކޮޅު އޮންނަނީ ހިނދުކޮޅަކުއޭ ބުންޏަކަސް ގޯހަކަށްނުވާނެއެވެ.

ސާއިރާއަކީ އުމުރުން ސަތާރަ އަހަރުގެ ކުއްޖެކެވެ. އޭނާއަކީ އޭނާގެ އާއިލާގެ އެންމެ ހަގުކުއްޖާއެވެ. އޭނާގެ ބޮޑަށް ހުންނަ އޭނާގެ ދައްތަ ކަމުގާވާ ސާދާގެ އުމުރަކީ ނަވާރަ އަހަރެވެ. މި ދެކުދިންނަކީވެސް މާލެ ކިޔަވަން އައިސް އުޅޭ ދެކުދިންނެވެ. ތިބެނީ މާމަ ކާރި ކަމުން އެކުދިން ބޭނުން ގޮތަކަށް އުޅެވެއެވެ. ސާދާއަކީ ފޯނަށް ދެވި ހިފާފަހުންނަ ކުއްޖެކެވެ. ހުރިހާ މީސްމީޑިޔާއެއްގާ މަޝްހޫރުކަން ހޯދަމުން އަންނަ ކުއްޖެކެވެ. އެހާމެ ކާމިޔާބެވެ. ފިރިހެނުން ގަޔާވާފަދަ ސިފަތައް ލިބިފާ އޭނާއަށްހުރެއެވެ. ސާއިރާ އޭގެ އިދިކޮޅެވެ. ވަރަށްވެސް ބަސްމަދުވެފާ ފޯނާ އެހާ ގަޔާނުވެއެވެ. އޭނާގެ އަޒުމަކަށްވަނީ މޮޅު ގުރުއާން ޓީޗަރަކަށްވުމެވެ. ފަސްވަގުތު ބަރާބަރަށް ނަމާދަށްއަރައެވެ. ކީރިތި ގުރުއާންއަކީ އޭނާގެ ގާތް އެކުވެރިޔާއެވެ. ކޮންމެ ނަމާދަކަށްފަހުވެސް ގުރުއާން ކިޔަވާނުލާ ހިތްހަމަނުޖެހެވެ. މިކަމާ ސާދާ ބައެއްފަހަރު ވަރަށް މަލާމާތްވެސް ސާއިރާއަށް ކުރެއެވެ. އަދި މުސްތަގްބަލްގާ މޫނު ބުރުގާއަޅާ ތުނބުޅި ދިގުކޮއްފާ ހުންނާ މީހަކާ އިންނާނޭކިޔާން އަބަދުވެސް ދިމާކުރެއެވެ. ނަމަވެސް ސާއިރާ އަބަދުވެސް އޭނާގެ ދައްތައަށް ހެޔޮވިސްނުންދިނުމަށް އެދި ކޮންމެ ނަމާދެއްގާވެސް ދުއާކުރެއެވެ.

ދުވަސްތައް ފާއިތުވެގެންގޮސް ސާދާ ވަރަށް ގިނައިން ބޭރަށްދާން ފައްޓާފިޔެވެ. ދަނީވެސް ފާޑަކަށް ހުންނަ ފިރިހެންކުއްޖަކާއެކުއެވެ. ހުންނަނީ މޫނާ ކަންފަތާ ތަންތަން ތޮރުފާފައެވެ. ބޭރަށް ދާ ސާދާ ގެޔަށް އަންނަނީވެސް މެންދަމު ބާރަޖެހުމުންނެވެ. މިކަމާ މާމަ ވަރަށް ޝަކުވާވެސްކުރެއެވެ. ނަމަވެސް ސާދާ އެކަމާދެނީ ބީރުކަންފަތެވެ. ގެޔަށް އަންނަ ސާދާ ކޮންމެ ފަހަރަކުވެސް ކޮޓަރިޔަށް ދަންވަރު ވަންނައިރު ކޮއްކޮ ހުންނަނީ ނަމާދަށްށެވެ. ނަމަވެސް އެކަމުން އޭނާއަށް އެއްވެސް އަސަރެއްވެސްކޮށްނުލައެވެ. އަރާ ގޮތައް އޮށޮންނަނީ ނިދާށެވެ.

އެއްދުވަހަކު ވަރަށް މުހިންމު އެއްޗެއްހިތަކެއް ޕްރިންޓްކުރަން ޖެހިގެން ސާއިރާ މާމަގެ ހުއްދަ ހޯދާގެން ޕްރިންޓްކުރާ ތަނަކަށްދިޔައެވެ. ބޭނުންވާ ތަކެތި ޕްރިންޓްކޮށްގެން ދިޔަ މަގުމަތީ ސާދާ ފިހާރައެއްކައިރީ ހުއްޓާ ފެނުނެވެ. ފިހާރަ ކައިރީ ހުރި ބިދޭސީން ދިރިއުޅޭ ގެޔެއްގެ ދޮރުމަތީ ބިދޭސީއަކާ ވާހަކަދައްކަން ސާދާއާއެކު އުޅޭ ފިރިހެންކުއްޖާ ހުރިތަންފެނުނެވެ. އެސޮރު ބިދޭސީ މީހާ ޖީބަށް ފައްސަތޭކަ ރުފިޔާލީތަން ސާއިރާއަށްފެނުނެވެ. އަދި ސާދާ ކައިރި އެގެޔަށް އައުމަށް އިޝާރާތް އެސޮރުކުރިޔެވެ. ސާދާ އައުމުން އަތުގަ ހިފާގެން އެގެޔަށްވަނެވެ. މި މަންޒަރުފެނިފާ ސާއިރާ ހިތުގާޖެހުނެވެ. ލޯބިވާ ދައްތަގެ އުޅުން މުޑުދާރުކަމުންނެވެ.

ބަރާބަރު ގަޑިން ބާރަޖެހިތަނުން ސާދާ ގެޔަށް އަތުވެއްޖެއެވެ. އައިސް ކޮޓަރިޔަށް ވަތްތަނުން މިފަހަރު ސާއިރާ ހުރީ ނަމާދަށްނޫންކަމުން ވަރަށްވެސް ހައިރާންވިޔެވެ.

ސާދާ : މިރޭ ނަމާދުނުކުރާ ރެޔެއްތަ؟
ސާއިރާ : އަހަރެން އެބޮތް ވާހަކައެއް ދައްކާލަން
ސާދާ : (އެނދުގާ އޮށޯންނަމުން) ހަމަ ދައްކަންވީ
ސާއިރާ : ކޮން އިރަކުން ތި އުޅުން އިސްލާހުވާނީ
ސާދާ : މަ ހިތަށް އެރީމަ އެނގިއްޖެ
ސާއިރާ : އަހަރެންނަށް މިއަދުވެސް ފެނުން ކަލޭ ގޮސް ބިދޭސީން ދިރިއުޅޭ ގެޔަކަށް ވަންނަނިކޮށް
ސާދާ : އެއީ ކަލެޔާ ބެހޭކަމެއްނޫން
ސާއިރާ : މަށާ ނުބެހި ދެން ކާކުއާ ބެހެވޭނީ ތިއީ މަގޭ އެއްބަނޑު އެއްބަފާ ދައްތަ. އަހަރުމެން މިތަނަށްއައީ މައިންބަފައިން ދޫކޮށްފަ ވަކި ކަމަކު. ތިއުޅުން ހުއްޓާލާފަ އިސްލާހުވެބަލަ ކިހިނެއް އެނގޭނީ މާދަމާވެސް ލޯމަރާލަން ޖެހިދާނެކަމެއް
ސާދާ : މާ ގިނަ ވާހަކަ ނުދައްކާ ނިދަންއުޅޭ އޭރުން ހުވަފެނުގާ ކަލޭގެ ތުނބުޅިލީ ޕްރިންސް ފެނިދާނެ.
ސާއިރާ : (ރުޅި އައިސްގެން ފުންމާގެން ތެދުވެފާ) ހަބަރުދާރު މަގޭ ލޯބިވާ ރަސޫލާގެ ސުންނަތައް މަލާމަތްނުކުރައްޗޭ
ސާދާ : އަހަރެން މަލާމާތްކޮށްފިންތަ؟
ސާއިރާ : ނޫނޭ ކަލޭ ހިތުން ކަލޭ ނުކުރޭ. ކަލޭ ކޯންޗެއް ކިޔަވާންތިހުރީ. ރަސޫލާގެ ސުންނަތައް ތަބާވާ މީހުންނަށް ކަލޭ ކަހަލަ މީހުން މަލާމާތްތިކުރަނީ އެއީ މާ މޮޅުކަމެއްކަމަށްތަ. މަ ލައްކަ ދުވަހު ކެތްކޮށްފިން އެކަމު މަ މިބުނަންވާ އެއްޗެއްބުނީ. ދެން އަހަރެން ކަލޭ ތިއުޅޭ ގޮތްތަކުގެ ވާހަކަ ގެންދާނީ މައިންބަފައިންނާ ހަމަޔަށް

ސާއިރާ ރުޅި ކޮންޓްރޯލްކޮށް ނިދަން އޮށޯތެވެ. ނަމަވެސް ސާދާ ނިދާކަށް ހިޔާލްވެސްނުކުރެއެވެ. އޭނާ ދިޔައީ ޓިކްޓޮކް ވީޑިޔޯ ހަދަމުންނެވެ. މިހެން އޮއްވާ ދަންވަރު ތިނެއްޖަހާފިޔެވެ. ކުއްލިޔަކަށް ސާދާ ނޭވާހާސްވާން ފައްޓާފިޔެވެ. ހީވަނީ މީހަކު އޭނާ ކަރަށް ފިއްތާލާންހުރިހެންނެވެ. ދެއަތް ހަލުވަމުން އަތުގާ އޮތް ފޯނު ސާރިރާ އޮތް އެނދުބުޑަށް ހޫރުވާލުމާއެކު ސާއިރާއަށް ހޭލެވުނެވެ. އެއިރު އޭނާގެ ދައްތަ އެނދުގާ އޮވެ ތެޅިފޮޅެނީއެވެ. ސާއިރާ އައިސް ސާދާ ކައިރިއަށް ހުއްޓުނުއިރު ސާދާގެ މޫނުގެ ކުލަވަނީ ނޫއަރަންފަށާފައެވެ. މިއީ ވަރަށްބޮޑު ގޯހެއްކަން އެނގި ދައްތަ ކައިރީ ޝަހާދަތްކިޔަން އާދޭސްކުރީ ކަރުނައަޅަމުންނެވެ. އިރުކޮޅަކުން މާމަވެސް އަތުވެއްޖެއެވެ. އެންބިޔުލާންސްއަށް ގުޅުމަށްފަހު މާމަވެސް ސާދާގާތު ޝަހާދަތްކިޔުމަށް އާދޭސްކުރިޔެވެ. ނަމަވެސް އެ ލުއި ކަލިމަކޮޅު ކިޔާލުމަށް ސާދާގެ ދޫ ގުޑާވެސްނުލިޔެވެ. އެންމެ ފަހަށް އަނގައިން ލޭނުކުންނަން ފައްޓާފިޔެވެ. މޭމަތިން ބާރު އަޑެއްވެސް ގޮވާފިޔެވެ. ދެން ފެނިގެންދިޔައީ ސާދާގެ ފުރާނަ ހަށިގަނޑާ ވަކިވެގެންދިޔަތަނެވެ. މި މަންޒަރުފެނިފާ ސާއިރާ ވަރަށް ބިރުގަތެވެ. އަދި ހިތާމަވެސްކުރިޔެވެ.

ސާދާގެ ކަށުކަމާކެމީގެ ކަންތައް ކުރިޔަށް ގެންދެވުނެވެ. މަންމަޔާ ބައްޕަވެސް ރަށުން އައިސްފިޔެވެ. ދަރިފުޅުގެ މޫނު އެންމެ ފަހު ފަހަރު ދެކިލުމަށްށެވެ. ކުއްލިޔަކަށް ހިނަވާ ގެއިން މީހުންތައް ހަޅޭއްލަވަން ފައްޓާފިޔެވެ. ބަޔެއްމީހުން އެތަނުން ނުކުމެގެން އެކި ކޮޅުކޮޅަށް ދުއްވާގަތެވެ. ވެގެން އުޅޭގޮތްބަލަން ސާއިރާ ވަތްއިރު އޭނާގެ ދައްތަގެ ބަނޑުވަނީ ފުއްޕާގެންގޮސް ފަޅާންގޮސްފައެވެ. އަދި މޫނު ކަޅުވެގެންގޮސްވަނީ އަނދިރިގަނޑަކަށްވެފައެވެ. މި މަންޒަރުފެނިފާ ސާއިރާ ވަރަށް ހިތްވަރުކުރިޔެވެ. އަދި ހިނަވާ މީހަކު ގެނެސް އަމިއްލަ ދެއަތުން ދައްތަ ހިނަވާހެދިޔެވެ. އެޔަށްފަހު މޫނު ދައްކަން ނެރުނެވެ. ނަމަވެސް އިރުކޮޅަކުން މުޅިތާ ދުވަންފެށި ކުނިވަހުން އަވަހަށް ސާދާގެ ހަށިގަނޑު ސަންދޯކަށްލެވުނެވެ. ކަށު ނަމާދަށް ގެންދެވުނެވެ. ކަށުނަމާދުކުރަންއުޅުނު ގިނަ މީހުންނަށްވެސް ދުވާ ކުނިވަހުން އެކަން ނުކުރެވި ސާދާގެ ސަންދޯކް ވަޅުލާންޖެހުނެވެ. ފެނިގެންދިޔައީ ހަމަ ސީދާ އިލާހީ ކޯފާކަން އެންމެނަށްވެސް އެނގިއްޖެއެވެ. ވަރަށް ގިނަ ބަޔަކު މިކަމުން ތަޖުރިބާލިބި ހެޔޮމަގަށް ރުޖޫއަވިޔެވެ.

- ނިމުނީ -


 

ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ރަހްމަތްތެރިންނާއެކު ގޭމް ކުޅެން އިން މޫސަ އަރާ ނިދަން އޮށޯތެވެ. މިއީ އޭނާ އަބަދުވެސް ނިދާގަޑިއެވެ. ރޭގަނޑު ހަތަރުދަމު އުޅެނީ ހޭލައެވެ. ބައެއްފަހަރު ދެތިން ދުވަސްވަންދެންވެސް ނުނިދާހުރެއެވެ. ފަތިހު އެ އޮށޯންނަ މީހާ ދެން ތެދުވާނީ ހަވީރުއެވެ.

ހާވިރުވުމާއެކު މޫސަ ހޭލައިގެން އޭނާގެ އެކުވެރިންނާއެކު ސަޔަށްދިޔައެވެ. ރަށުގެ ހޮޓާ އެންމެ ގަދަޔަށް ހިނގާގަޑިޔަކީ އެއީކަމުން ބާރުވެސް ބޮޑުވަނެތީ އަވަހަށް ޖާގައެއް ހޯދުމަށް އެންމެންވެސް ދިޔައީ ބާރު ދުވެލީގަ ހިނގާފައެވެ. ހެދިކާ ނަގައިގެން ސައިބޯން ޖައްސާލި ވަގުތު މޭޒުގާ އައިސް އެ ޖައްސާލީ އެރަށު ނުކުޅެދުންތެރިކަން ހުންނަ ސިޔާޒްއެވެ. ސިޔާސްއަށް ވާހަކަ ދެއްކުމުގާ ދަތިތަކެއްހުރެއެވެ. އަދި ސިކުނޑިވެސް ބައެއްފަހަރު ހަމަނުޖެހެއެވެ. ސިޔާޒް އިށީނުމާއެކު ސިޔާޒްއަށް ޖެއްސުންކޮށް ރުޅިއެރުވުމުގެ މަސައްކަތް މޫސައާ އޭނާގެ ރަހްމަތްތެރިންފެށިއެވެ. ގިނައިރުތަކެއްނުވެ ސިޔާޒް ރުޅިއަތުވެއްޖެއެވެ. ބޯން އިން ސައިތަށި ބިންމައްޗަށް ވައްޓާލާ ހެދިކާތައް ހޫރުވާލާފަ ގޮވުނު އަވުގުރާނައެއް ގޮވަމުން ހޮޓަލުން ނުކުމެގެންދިޔައެވެ. އެކަމާހެދި ހޮޓަލުގާ ސައިބޯން ތިބި ގިނަމީހުންގެ ނުރުހުން މޫސަމެނަށް އަމާޒުވިއެވެ.

މަޢްރިބް ނަމާދަށް ބަންގިގޮވުމުން އެންމެން އެއްކޮށް ގޮސް ރަށުގެ ޖޯލިފަތީގާ ޖައްސާލިޔެވެ. ޖޯލިފަތި ހުންނަނީ މިސްކިތާ ފަސްފޫޓު ދުރުގައެވެ. ނަމާދަށް މީހުންތައް ދާންފަށާފިޔެވެ. އެމީހުންގެ ފަހަތުން ސިޔާޒްވެސް ނަމާދަށްދާތަން މޫސަމެނަށް ފެނުމާއެކު ސިޔާޒް އެމީހުން ކައިރިއަށް އައުމަށް ގޮވިއެވެ. ނަމަވެސް ސިޔާޒް އެމީހުންނަށްދިނީ ބީރު ކަންފަތެކެވެ. ނަމާދުގެ ޖަމާއަތުގާ ބައިވެރިވެ ނަމާދުކޮށްގެން މީހުންނާއެކު ފޭބިއެވެ. އެއަށްފަހު ނަމާދުން ފޭބި ބަޔަކާއެކު މޫސަމެންކައިރިޔަށް އައިސް އިށީނެވެ. އެހިނދު މޫސަގެ އެކުވެރިޔަކު އޭނާގެ ފޯނުން ސިޔާޒްއަށް އޮރިޔާން ވީޑިޔޯއާ ފޮޓޯ ދައްކަންފެށިއެވެ. އެއާއެކު ނަމާދުން އައިސް ތިބި މީހުންވެސް ސިޔާޒްއަށް އެއަށް ބެލާލުމަށް ބުނެލިޔެވެ. އެއީކީ އެވަރު ކަމެއްނޫން ކަމަށްބުނިޔެވެ. ނަމަވެސް އެހިނދު ސިޔާޒްގެ މޫނު އަނެއް ފަރާތަށް އަވަސް އަވަހަށް އަނބުރާލިޔެވެ. އަދި އެތަނުން ތެދުވެގެންދިޔައެވެ.

ސިޔާޒް ހިތްހަމަނުޖެހީފާ ހުރެގެންގޮސް މިސްކިތަށް އެރުމަށްފަހު އެތަނުގާ އިށީންދެގެންއިނެވެ. އިރުކޮޅަކުން މިސްކިތުގެ އިމާމް ސިޔާޒް ކައިރިއަށް އައިސް އިށީނެވެ. ސިޔާޒް ނުރުހުންވެފައިނީ ކީއްވެތޯ ސުވާލުކޮށްލިޔެވެ. އެހިނދު ކޮންމެ ދުވަހެއްގެ ހާލަތުގެ ވާހަކަ ސިޔާޒް އިމާމް މީހާއަށް ކިޔާދިނެވެ. އެއާއެކު އިމާމް މީހާ ސިޔާޒް މިސްކިތުގާ މަޑުކޮށްލުމަށް ބުނުމަށްފަހު މިސްކިތުން ފައިބައިގެން ގޮސް މޫސަމެން ކުރިމައްޗަށް ހުއްޓުނެވެ.

އިމާމް : ކަލޭމެން ސިޔާޒްއަށް އަބަދު އިހާނެތިކޮށް ކަންތައް ކުރަނީ ކީއްވެ؟
މޫސަ : އެއީ ސަމާސަ
އިމާމް : ސަމާސާއަކަށްވެސް ދައްކަން ނުޖެހޭ އެއްޗެއް ދައްކަންޖެހޭތަ؟
މޫސަ : ކީއްތަވީ؟ އެއީ މޮޔައެއްނު
އިމާމް : ދަރިފުޅާ ބުނަން ވާހަކައެއް. ކަލޭމެން މިއަދު އޭނާއަށް އިހާނެތިކޮށް ތިޔަހަދަނީ ކަލޭމެންނަށް އޭނާ ފެންނަނީ މޮޔައެއްގޮތުގާވީމަ އެކަމު އަސްލު ހަގީގަތުގާ މޮޔައަކަށްވުރެ މޮޔައީ ކަލޭމެން ކީޔާދޭންވީތަ ކީއްވެގެންކަން؟
މޫސަ : ކިޔާދީބަލަ
އިމާމް : ކަލޭމެން ހަތަރު ދަމު ހޭލާ އުޅޭ އޭނާ ނުވައެއްޖަހާއިރު ގެޔަށްވަދެ ނިދާ. ކަލޭމެން ފަތިހު ނިދަންދޭ އޭނާ ފަތިހު މިސްކިތައް އާދޭ. ކަލޭމެން ނިދާއިރު އޭނާ އިތުރު ދެނަމާދަށް ޖަމާއަތަށް ހާޒިރުވޭ. އަދި ކަލޭމެން އޭނާއަށް ނުބައިކަންތައް ދައްކާހިނދު އޭނާ ކަލޭމެނަށް ފުރަގަސްދޭ. ދެން ކަލޭމެން ނަމާދުކުރާމިހުން. ކަލޭމެން ނަމާދުކޮށްގެން އައިސް މި މީހުންނާ އެއްބައިވެގެން އެސޮރަށް ފާހިޝް އަމަލަށް ބަލަން ހިއްވަރު ތިޔަދެނީ ކަލޭމެން ކަލޭމެން ހިތުން ސަމާސާއެއް އެކަމު ކަލޭމެން ކުރި ނަމާދުގެ ބޭނުމަކީ ކޮބާ؟ އަވަހަށް ތައުބާވޭ ދެންވެސް ވަގުތު އޮއްވާ.
މޫސަ : (ބޮލަށް އުނދަގޫވެގެން) އާނ ދެން މިތަނުން ރައްކާވޭ ކަލޭ އޭނާ ގާތްކޮށްގެންއުޅޭ.

އެރޭ ފަތިސް ނަމާދަށް ގޮވުމުން މޫސަ ގެޔަށް ނިދަންދިޔައެވެ. ނިދަން އޮށޯތުމަށްފަހު ނިދަން އުޅެ އުޅެ ނުނިދުނެވެ. އެއްވެސް ގޮތަކަށް ހަމަ ލޮލަށް ނިންޖެއްނައެވެ. ޖެހިގެން އައި ދުވަހުވެސް ހަމަ ދިމާވީ އެހެންނެވެ. މިގޮތައް ނުނިދޭތާ މިހާރު ހަފްތާއެއްވެއްޖެއެވެ. މިކަމާ ކަންބޮޑުވެގެން ޑޮކްޓަރަށް ދައްކާ ނިދާބޭސްގަނެ އިންޖެކްޝަންވެސް ޖެހިއެވެ. ނަމަވެސް ހަމަ ހިލާ ނިންޖެއްނައެވެ. މިހާރު މޫސައަށް ނުނިދޭތާ ދެތިން މަސްވީޔެވެ. މީހާ ހުންނަނީ އަބަދު ރުޅި އައިސްފައެވެ. ކިރިޔާ މީހަކު އެއްޗެއް ބުންޏަސް ގަޔަށް ބޮލަށް އަރާގަނެއެވެ. އައުގުރާނަ އެހާވަރަށް ގޮވައެވެ. އަމިއްލައަށް ވާހަކަ ދެއްކުންވެސް ގިނަވެއްޖެއެވެ. އޭނާގެ ރައްޓެހިންވެސް ވަކި ހިސާބަކުން އޭނާ ދޫކޮށްލިޔެވެ. ގެންގުޅެވޭވަރު ނުވުމުންނެވެ. ހަމަސް ފަހުން މޫސަގެ ސިކުނޑި އެއްކޮށް ގޮވާފިއެވެ. މިހާރު އަބަދު ހުންނަނީ ހަޅޭއްލަވަލަވައެވެ. ހޭންވެސް އެހާވަރަށް ހެއެވެ. ގައި ތާހުރުވެސް ގިނަފަހަރުނުވެއެވެ. ގަޔަށް ހުންނަނީ ނަޖިސް ފައިބާފައެވެ. އެ ނަޖިސް މީހުން ގައިގާވެސް އޭނާ އުނގުޅަން މަސައްކަތްކުރެއެވެ. މިކަން ބޮޑުވެގެން އޭނާ ގޭގާ ބަންދުކުރަންޖެހުނެވެ. އޭނާ ހުންނަނީ އަބަދު ކުޑަދޮރު ކައިރީގައެވެ. ބިއްލޫރިގަނޑުން ބޭރު ބަލާށެވެ. ހާއްސަކޮށް ފަތިހުއެވެ. ކޮންމެ ދުވަހަކުވެސް އޭނާއަށް އެއްކަލަ މޮޔައެކޭ ގޮވި ސިޔާޒް ބަރާބަރަށް ބަންގީގެ އަޑަށް މިސްކިތައް ދާތަން ފެނެއެވެ.

- ނިމުނީ -

ލޮބުވެތި އަޙުންނޭވެ. އަޅުގަނޑުމެންގެ ތެރޭގަ އެތައް ނުކުޅެދޭ މީހުންނެއް އުޅެއެވެ. ތިބާއަށް ވީވަރަކުން އެމީހުންނަށް އެހީތެރިކަން ފޯރުވާށެވެ. އަދި ގާތްކޮށް އެކުގާ ގެންގުޅޭށެވެ. އެމީހުންގެ އިހުސާސްތައް ދަސްކޮށް ދެނެގަންނާށެވެ. އެކަމުގެ ސަބަބުން ތިބާއަށް ހުރި ހެޔޮކަން އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

 


އެ ބައްޔެއްގެ ވާހަކަ އިވުމުން އެންމެންވެސް ބިރުގަނެއެވެ. އެބައްޔެއް ޖެހި އެތައް ބަޔަކު މިދުނިޔެއާ ވަކިވެއްޖެއެވެ. އެއްވެސް ހުއްޓުމެއްނެތި އެ ބަލި މިދަނީ އަދިވެސް ފެތުރެމުންނެވެ. ސަރުކާރުތަކުން އެތައް ބާވަރު ފިޔަވަޅުތަކެއް އެބަލިން ރައްކާތެރިވުމަށް އަޅާފިޔެވެ. ނަމަވެސް މަދު ބޯހަރު ބަޔެއްގެ ސަބަބުން އެބަލި ފެތުރުން އިތުރުވާން ފުރުސަތުލިބެއެވެ.

އަލީއާ އޭނާގެ ރަހްމަތްތެރިންނަކީ އަބަދުވެސް މަޖަލުގާ އުޅެމުން އަންނަ ބަޔެކެވެ. ދީނީ އެއްވެސް ކަމަކަށް ސަމާލުކަމެއްނުދެއެވެ. ނަމާދަށް ގޮވިޔަސް އަޅާވެސްނުލައެވެ. ކުޅިވަރާ މަޖަަލަށް އެމީހުންވަނީ ގެއްލި ހުސްވެފައެވެ.

ދެހާސް ވިހި ފެށުމާއެކު އެމީހުންގެ ސަކަރާތްޖެހުން އާ އުސްމިންތަކަކަށް ނެގުން ގަސްދުކުރިޔެވެ. އެގޮތުން ދަތުރުތައް ދިޔުން ގިނަކުރަން ރޭވިޔެވެ. ނަމަވެސް އިވެންފެށި ހަބަރެއްގެ ސަބަބުން އެމީހުން ދަތުރު ފަސްކޮށްލަން ޖެހުނެވެ. ޗައިނާގާ ނުރައްކާތެރި ރޯގާއެއް ފެތުރި އެތައް ބަޔަކު މަރުވެ ދުނިޔެއަށް އެ ފެތުރެންފެށި ވާހަކައެވެ. މީސް މީޑިޔާގާ މީހުން މަރުވެގެން ވެއްޓޭ ވީޑިއޯތައް ގިނަވާންފެށިޔެވެ. އަދި ހޮސްޕިޓަލްތައް ތޮއްޖެހިފާވާ ވީޑިއޯތައްވެސް އަންނަންފެށިޔެވެ. ނަމަވެސް އަލީއާ އޭނާގެ ރައްޓެހިންނަށް މިކަންވީ މަޖާ ކަމަކަށްށެވެ. އެތަނުން އެކަކު ވަގުތުން މީސްމީޑިޔާގާ ތިމަންނައަށް ކޮރޯނާ ޖެހޭނަމައޭ ކިޔާފަ ސްޓެޓަސް އަޕްޑޭޓްއެއް ޖަހާލިޔެވެ. އެޔާއެކު މީހަކު އޭނާއަށް އެއީ ކީއްވެތޯ ސުވާލުކޮށްލުމުން އޭނާ ބުނީ އެއީ ސަޅިކަމަކަށްވާނެތީއެވެ. އެ ސްޓެޓަސްގެ ސަބަބުން އަލީގެ ރަހްމަތްތެރިޔާއަށް މަލާމާތާ ނުރުހުން ލިބެން ފެށުމުން އޭނާ އެ ސްޓެޓަސް ނެގިޔެވެ. އެކަމާ އަލީމެން ހޭންފެށިޔެވެ.

ދުވަސްކޮޅެއްފަހުން ސަރުކާރުން ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް މި ބަލިމަޑުކަމާ ވިދިގެންއެޅިޔެވެ. އެގޮތުން ގިނަ ގިނައިން އަތްދޮވުމާ ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ އަމިއްލަޔަށް ކަމާބެހޭ ފަރާތައް އެނގުމާ ބޭރަށް ނުނިކުމެ އުޅުމަށް އިލްތިމާސްކުރިޔެވެ. އެއިރުގާ އަލީމެން ތިބީ ރިސޯޓެއްގައެވެ. ގެސްޓުންނާއެކު ވަގުތު ހޭދަކޮށް ސަކަރާތުގައެވެ. ސަކަރާތުގެ ތެރޭ ތިއްބާ އެތަނުން ގެސްޓަކު ވަރަށް ގަދަޔަށް ކިނބިހި އެޅުމަށްފަހު ނޭފަތް ފޮޅާލިޔެވެ. އެއަށްފަހު އޭނާގެ ކޮޓަރިޔަށް ދިޔައެވެ. އަލީގެ ކޮނޑުގާ އޭނާގެ ރައްޓެއްސަކު ކޮއްޓާލުމުން އެކަމާ ހާސްނުވުމަށް ބުނިޔެވެ. އަލީމެންނަކީ ޒުވާނުންކަމާ ޒުވާނުންނަށް ވައިރަސް ނާރާނެކަމަށް ބުނެ އޭނާގެ ރައްޓެހި މީހާ ހަމަޖައްސާލިޔެވެ.

ގެސްޓުންނާއެކު ވަގުތު ހޭދަކުރުމަށްފަހު އަލީމެން މާލެއައެވެ. އަލީ އޭނާގެ ރައްޓެހިންނަށް އަލްވަދާއު ކިޔުމަށްފަހު ގެޔަށްގޮސްވަނެވެ. އަރާމުކޮށްލަން ޖައްސާލިތަނުން ނިދިއްޖެއެވެ. އިރުކޮޅަކުން އަލީ ހޭލާގެން ކާރީގަ ހުރި ސުޕަމާޓްއަށްދިޔައެވެ. އަލީ ހުރީ ރޯގާ ވައްތަރު ވެފާކަމުން އެތަނުން ޓިޝޫއާ އެހެނިހެން ތަކެތި ގަތުމަށްފަހު ކައުންޓަރަށްގޮސް ފައިސާ ދައްކަން ހުއްޓާ ކިނބިސެއް އެޅުނެވެ. ކައުންޓަރުގާ ހުރި ކުއްޖާ އަލީ މާސްކްއަޅާން އުޅުމަށް އިލްތިމާސްކުރުން އެކުއްޖާއާ ދިމާލަށް އަލީ އެއްޗެއްހި ގޮވުމަށްފަހު އެތަނުން ނުކުމެ ގެޔަށް ދިޔަ މަގުމަތީ ކިނބިހިތައް ފުލުފުލުން އެޅެން ފެށިޔެވެ. ޓިޝޫތަކުން ނޭފަތް ފޮހެ ފޮހެފާ މަގުމައްޗަށް އުކަމުން އަދި ޓިޝޫ ހުސްވުމުން ޖެހުނު ތަނެއްގާ އަރުދަފުސް އުނގުޅާ ފޮޅަމުން އަލީ ގޮސް ގެޔަށްވަނެވެ. ވަތްގޮތައްވަދެ އަތް ޓިޝޫއަކުން ސާފުކޮށްލުމަށްފަހު ނުވެސްދޮވެ ކާތަކެތީގާ އަތްލާހެދިޔެވެ. ބަނޑުފުރާލާގެން އަލީ މަގުމައްޗަށްނުކުމެ ކޭފޭއަކަށް އޭނާގެ ރައްޓެހިން ގޮވައިގެންގޮސް ވަގުތުތައް ހޭދަކުރުމަށްފަހު ގެޔަށް އައިސް ވަތްތަނުން ގައިގަ ވަރުދާކަހަލަ ގޮތެއް ވާންފެށިޔެވެ. އަލީ އަވަހަށް ގޮސް އެނދުގާ ޖައްސާލުމާއެކު ނިދިއްޖެއެވެ.

ޖެހިގެން އައި ދުވަހު އަލީ އުޅުނީ ބޯއަނބުރާފަ ހޮޑުލެވޭތީޔެވެ. ހުންވެސް އެހާވަރަށް ގަދަޔެވެ. ބޭރަށްވެސް އެހާވަރަށް ހިނގައެވެ. ނޭވާލާންވެސް އުނދަގުލެވެ. ހީވަނީ މޫދަށް މީހާ ގެނބިގެންއުޅޭހެނެވެ. ފުއްޕާމޭގާ ފުޅިތޮށި ހެރޭފާޑު ތަދެއް ހުރެއެވެ. ކަންބޮޑުވެފާހުރި އަލީ ކާރަކަށް ގުޅާގެން ހޮސްޕިޓަަލަށްދިޔައެވެ. އަލީ ބެލި ޑޮކްޓަރަށްވެސް ވާނުވާ ނޭނގިގެން އަލީ އެޑްމިޓްކުރިޔެވެ. މިހެން އޮއްވާ އަލީ ބަލާ ރައްކާތެރި ހެދުން އެޅި ހަތަރު މީހަކުއައެވެ. އެމީހުން އަލީ ވަކިން ތަނަކަށް ގެންގޮސް ބަންދުކޮށް ފަރުވާދޭންފެށިޔެވެ. ނަމަވެސް އަލީގެ ހާލު ދިޔައީ ގޯހުން ގޯހަށްށެވެ. މިހާލުގާ އޮއްވާ ދެން އިވެންފެށި އަދި މާ ބިރުވެރި ހަބަރެކެވެ. އަލީވަނީ ކޮރޯނާއަށް ޕޮސިޓިވްވެފައެވެ. އަދި އަލީމެންނާއެކު މަޖާކުރި ގެސްޓްމީހާ މަރުވި ހަބަރެވެ. އެމީހާ މަރުވެފާވަނީ ކޮރޯނާ ވައިރަސް ޖެހިގެންނެވެ.

ދުވަސްގަނޑަކަށްފަހު އަލީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ. ނަމަވެސް އަލީއާ ގާތްވެލާނެ މީހަކުވެސް ނުވެއެވެ. މުޅި ހޮސްޕިޓަލްވަނީ ފުރި ބާރުވެފައެވެ. ފެންނަމުންދަނީ ބިރުވެރިކަމާ ނާމާންކަމެވެ. އެތައް ބަޔަކުވަނީ އެޑްމިޓްކުރެވިފައެވެ. ގިނަ މީހުން ތިބީ ތަޅުންގަނޑުގައެވެ. ވަރަށްވެސް މަންޒަރު ހިތްދައްޗެވެ. ކުޑަކުދިންނާ އަންހެނުން ރޮނީއެވެ. ބަޔެއް މައިން އެމީހުންގެ ފުރާނަނެތް ދަރިންގެ މަސްގަނޑުގާ ބައްދާގެން ތިއްބެވެ. އެ އެންމެނަށް ފަރުވާދޭނެ ގާބިލްކަންވެސް މިވަނީނެތިފައެވެ. މި މަންޒަރު ބަލަން އަލީ އޮންނަންޖެހުނީ ކަރުނަ ބާލަބާލައެވެ. މިއީ އޭނާގެ ސަބަބުން ވީކަމެއްކަން މިއަދު އޭނާއަށް އެނގެންފެށިޔެވެ. މިކަމާ އޭނާ ހިތާމަކޮށް ކަރުނައަޅާ ރޯންފެށިޔެވެ. ނަމަވެސް މިއަދު މިވަނީ ވަގުތު ފާއިތުވެފައެވެ.

- ނިމުނީ -

 


ތިބާ މަރުވުމުން ތިބާއަށް ގިޔާމަތް ފެށުނީއެވެ. ތިބާ ކަށްވަޅަށް ގެންގޮސް ލެވޭހިނދު އެހީވާނެ އެކަކުވެސް ނުހުންނާނެއެވެ. ދުނިޔޭގަ އުޅުންއިރު ކޮށްފާވާ ހެޔޮ އަމަލް ފިޔަވާ އިތުރު އެއްޗެއް ތިބާއަކަށް ނުގެންދެވޭނެއެވެ.

ޔޫނުސްއަކީ ހީވާގި ޒުވާނެކެވެ. ބުރަ މަސައްކަތުން މަދު އަހަރުކޮޅެއްތެރޭ މުއްސަންޖަކަށްވި ޔޫނުސް އަތުގާ އެންމެ ފަހުގެ ހުރިހާ މުދަލެއްވެސްހުރެއެވެ. މުއްސަނދިކަން ލިބުމުން ޔޫނުސްގެ ހިތްވެސްވަނީ ހަރުވެފައެވެ. ޝައިތާނާވަނީ އޭނާގެ މައްޗަށް ބާރުވެރިވެފައެވެ. ހިތަށް އެރިއްޔާ ނަމާދުވެސްކޮށްފާ ގުރުއާންވެސް ކިޔަވާލައެވެ ނަމަވެސް ސަލާންޖަހާ މީހެއް ފެނުމުން ވަގުތުން އެމީހާއަށް ފުރަގަސްދެއެވެ. އެހީއަކަށް އެދި މީހަކު ގުޅާލިނަމަ އަތްމަތި ދަތިވާހަކަ ބުނެއެވެ. އަދި ރުޅި އައިސްފިނަމަ އެމީހަކާ ދިމާލަށް ހަޅޭއްވެސްލަވައެވެ. ޔޫނުސްގެ ދިރިއުޅުމަށް ދުވަހަކުވެސް ބަދަލެއް ނާންނާނެކަމަށް ހިތާ އޭނާ ހުންނަނީ ވަރަށްވެސް ފޮނިވެފައެވެ. ނަމަވެސް މިދުނިޔޭގެ އުފަލަކީ ވަގުތީ އުފަލެއްކަން އޭނާއަށް އެނގޭދުވަސް އޮތީ ވަރަށްވެސް ގާތުގައެވެ.

އެއްދުވަހަކު ވަރަށް ބުރަކޮށް އުޅެފާ ޔޫނުސް ގެޔަށް އައިސް ނިދަން އޮށޯތެވެ. ނަމަވެސް އިރު އިރުކޮޅާ ފޯނުކޯލް އަންނަވަރުން ފޯނުވެސް ނިއްވާލުމަށްފަހު ނިދަން އެރިޔެވެ. އިސާހިތަކު އޭނާއަށް ނިދުނެވެ. ނިދުމުގެ ތެރޭގާ އޭނާއަށް ހުވަފެނެއް ފެނިގެންދިޔައެވެ. އެ ހުވަފެނުގާ ފެންނަނީ އޭނާ މަރުވެގެން އުޅޭތަނެވެ. މީހުން އައިސް އޭނާގެ މޫނު ބަލާތަނެވެ. ކޮންމެ މީހެއްގެ މޫނުގާވެސްވަނީ ހިތާމައެވެ. ކުއްލިއަކަށް ޔޫނުސްއަށް ހޭލެވުނެވެ. އަދި އެއީ އެހެން ހަމަ ފެނިލި ހުވަފެނެއްކަމަށް ހީކޮށް ނިދާލިޔެވެ.

ޖެހިގެން އައި ދުވަހުވެސް ޔޫނުސް ހަމަ ނިދަން އޮށޯތުމާއެކު ހުވަފެނެއްފެނުނެވެ. މިފަހަރު ތަފާތެވެ. ބިންމަތީގާ އިށީންދެގެން އިން ޔޫނުސް ދިޔައީ ކޮންމެވެސް ކަމަކާ ބިރުން ފަހަތަށް ޖެހެމުންނެވެ. ޔޫނުސް ކުރިމަތިން މީހަކު ރޮމުން ގޮވައެވެ. " سورة الملك ކިޔަވާ سورة الملك ކިޔަވާ ކަލޭ ސަލާމަތް ބޭނުންނަމަ سورة الملك ކިޔަވާ " އެއިރުގާ ޔޫނުސްގެ ގަޔަށް ދިޔައީ ބޮޑު ބިޔަ ހިޔަންޏެއްވެސް އެޅެމުންނެވެ. ކުއްލިޔަކަށް ޔޫނުސް ހަޅޭއްލަވަމުން ތެދުވިއެވެ. ޖެހި ޖެހިގެން ދެރޭ މި ފެނުނު ހުވަފެނަކީ ވަރަށްވެސް ވަރުގަދަ އިންޒާރެއްކަން އޭނާއަށް އެނގިއްޖެއެވެ.

ފަތިސްވުމުން ނަމާދަށްގޮސް ނިންމާލުމަށްފަހު އިމާމްމީހާއާ ބައްދަލްކޮށް އެވާހަކަ ކިޔާދިނެވެ. އެއާއެކު އިމާމް އެ ހުވަފެން އެއީ ވަރަށްވެސް ބޮޑު އިންޒާރެއްކަމަށް ބުނެއެވެ. އަދި ސުވާލްކުރަންފެށިއެވެ.

އިމާމް : ޔޫނުސް ގަވައިދުން ނަމާދުކުރަންތަ؟
ޔޫނުސް : ނޫން
އިމާމް : ގުރުއާން ކިޔަވަންތަ؟
ޔޫނުސް : ބައެއް ފަހަރު
އިމާމް : ސަދަގާތްދެންތަ؟
ޔޫނުސް : ބައެއްފަހަރު
އިމާމް : ޔޫނުސް.... ދުނިޔެއަކީ ވަގުތީ ތަނެއް. ޔޫނުސްގެ ހުރިހާ މުދަލެއް ޔޫނުސްއަކަށް ނުގެންދެވޭނެ މަރުވުމުން ހުރިހާ އެއްޗެއް ބަހައްޓާފަ ދާންޖެހޭނީ. ގެންދެވޭނީ ހެޔޮ އަމަލްތައް އެކަނި. ޔޫނުސްގެ ހުވަފެނުގާ ފުރުތަމަ ތިޔަފެނުނީ މަރުވެގެން އުޅޭތަން. މާނައަކީ އެންމެ ގާތުގާވެސް އެންމެ ދުރުގާވެސްވަނީ މަރެވެ. ދެވަނަ ހުވަފެނުގާ ތިޔަ ފެނުނުމީހާ سورة الملك ކިޔަވާށޭ އެގޮވީ ޔޫނުސްގެ ނަސީބު މިއަދު ރަނގަޅުކަމުން. އެއީވެސް ޔޫނުސްއަށް އައި އިންޒާރެއް. ކަށްވަޅުގެ އަޒާބަކީ ލިބޭނެ އެއްޗެއް. ނަމަވެސް އޭގެންވެސް ރައްކާތެރިވެވޭނެ ގޮތް އެބޮތް އެހެންވެ سورة الملك ކިޔަވަންވެސް މުހިންމީ. ކޮންމެ ދުވަހަކު سورة الملك ކިޔަވާފި މީހަކަށް ކަށްވަޅުގެ އަޒާބުން ރައްކާތެރިކަން ދެއްވާނެ. އެހެންވީމާ ޔޫނުސް ކުރަންވީ ކަމަކީ އަވަހަށް ފުރިހަމަ ތައުބާއަކުން ތައުބާވޭ. އެއަށްފަހު ކޮންމެ ދުވަހަކު ގުރުއާން ކިޔަވާފަ ނިންމާލަމުން سورة الملك ކިޔަވާ.
ޔޫނުސް : (ރޮމުން) ޝުކުރިއްޔާ

އިމާމްއާ ބައްދަލްކޮށް ނިންމުމަށްފަހު ޔޫނުސް ދިޔަގޮތަށް އެންމެ ފުރުތަމަވެސް އޭނާގެ މުދަލުން ބޭނުން ޖެހިފާވާ މީހުންނަށް އެހީވާންފެށިއެވެ. ސަދަގާތް ގިނަކޮށް ނަމާދަށް ފަރުވާ ބެހެއްޓިއެވެ. ނަމާދުކޮށް ނިންމާލުމަށްފަހު ގުރުއާން ކިޔަވައެވެ. سورة الملك ކިޔެވުމަށް ކޮންމެ ދުވަހަކުވެސް ހާއްސަކަން ބަހައްޓައެވެ. " އެންމެ ދުރުގާވެސް އަދި އެންމެ ގާތުގާވެސްވަނީ މަރެވެ. " މިއީ އޭނާގެ ހިތުގާ އަބަދުވެސް ހަރުލާފާވާ އަގުހުރި ބަސްކޮޅެކެވެ.

- ނިމުނީ -

 


ފަޒީލްއަކީ މީހުންނަށް ޖެއްސުން ކުރުމުގާ އަރާހުރިމީހެކެވެ. އޭނާގެ ސަބަބުން މީސްމީހުންގެ އެތައް ޅަ ދަރިންނެ ހަލާކުވެއެވެ. އޭނާގެ ކަމަކީ ރަނގަޅަށް ކިޔަވާ ކުއްޖެއްނަމަ އެކުއްޖެއްގެ މަގު ފުރެއްދުމެވެ. ގިނަފަހަރު ކުދިން ހަލާކުކޮށްލުމަށް އޭނާ ގެންގުޅޭ ފުރުތަމަ އުކުޅަކީ ފޯނު މެދުވެރިކޮށް ކޮންމެވެސް ދަޅައެއް ދައްކައިގެންނެވެ. އެގޮތުން ގޭމް ކުޅުމަށް ދެވި ހިފުވައެވެ. އެއަށްފަހު ބޮޑަށް ގާތްވުމުން އޭނާއާއެކު ގިނަ ވަގުތު އުޅުަށް އެދެއެވެ. އެއަށްފަހު ސިނގިރެޓްފަދަ ތަކެތި އެކުދިންނަށްދީ އޭނާއާ ވީހާވެސް ގާތްކޮށް އޭނާ ކުރާ ވިޔަފާރިތަކުގެ ވާހަކަ ދައްކާ އޭގާ ބައިވެރިކުރެއެވެ. ގިނަ ކުދިން ފަޒީލްގެ ވިޔަފާރީގާ ބައިވެރިވެ އޭގެ އަވައިގަ ޖެހި އެޔާނުލާ ނުވެސް އުޅެވޭ ހިސާބަށްދެއެވެ. މިކަން ބޮޑުވެގެން އެތައް ބެލެނިވެރިންނެއްގެ ޝަކުވާއާއެކު ފަޒީލް އެތައް ފަހަރަކުވެސް ހައްޔަރުކުރެވިފާވެއެވެ. ނަމަވެސް ގިނަ ދުވަސްތަކެއްނުވެ ދޫކޮށްލެވެއެވެ.

އެހެން ދުވަސްދުވަހެކޭ އެއްގޮތައް މިއަދުވެސް ފަޒީލްހުރީ ކުއްޖަކު މަގު ފުރައްދަން ހިތުލައިގެންނެވެ. މިއަދު އޭނާ ދިމާކުރަން ނިންމައިގެންހުރީ ރިޝްވާން ކިޔާ ކުއްޖަކާއެވެ. ރިޝްވާންއަކީ މަޔަކާ ބަފަޔަކަށް ލިބިފައިހުރި ހަމައެކަނި ދަރިޔެކެވެ. ވަރަށްވެސް ހިތްހެޔޮ ތެދުވެރި ސަކަ މީޒާޖެއްގެ ކުއްޖެކެވެ. އެތައް ބަޔެއްގެ ލޯބި ލިބިފައިވާ މޮޅަށް ކިޔަވަމުން އަންނަ ކުއްޖެކެވެ. ރިޝްވާން ކްލާސް ނިންމާފަ އަންނަތަން ފެނުމާއެކު ފަޒީލް އޭނާގެ މަސައްކަތާގެން ކުރިޔަށްދިޔައެވެ.

ފަޒީލް : އޭތް ރިޝްވާން ކޮންތާކަށް؟
ރިޝްވާން : މިދަނީ ގެޔަށް
ފަޒީލް : މިތާ ހުރި ޖޯއްޔަށް ހިނގާބަލަ އެއްޗެއް ދައްކާލާނަން
ރިޝްވާން : ކޮންއެއްޗެއް؟
ފަޒީލް : އައިމައެއްނު އެނގޭނީ

އެއްވެސް ޖެހިލުމެއްނެތި ރިޝްވާން ފަޒީލްއާއެކު ޖޯއްޔަށް ދިޔައެވެ. ފަޒީލް ފޯނު ހުޅުވާލާފަ ޕަގްޖީ އެޅުވިޔެވެ. އަދި އެ ކުޅެންފެށިއެވެ. ރިޝްވާން ފަޒީލް ކުޅޭތަން ބަލަންއިންދާ ބަންގީގެ އަޑު އިވެންފެށިޔެވެ.

ރިޝްވާން : އޭ މަ ދަނީ އެނގޭ ބަންގި އެ ގޮވަނީ
ފަޒީލް : ކޮންތާކަށް ތި ދަނީ؟
ރިޝްވާން : ނަމާދަށް
ފަޒީލް : މަޑުކޮށްބަލަ މި ގަނޑު ނިމެންދެން
ރިޝްވާން : ނޫނޭ. ޖަމާއަތުގާ ކުރާ ނަމާދުން ލިބޭ ސަވާބު މާ މުހިންމު ތިޔަށްވުރެ
ފަޒީލް : ނަމާދުން ފައިބައިގެން އަންނައްޗޭ

ނަމާދަށްދިޔަ ރިޝްވާން ނައުމުން އެތައް އިރަކު ޖޯލީގަ އޮވެފާ ފަޒީލް ގެޔަށްދިޔައެވެ. ޖެހިގެން އަންނަ ދުވަހު ދިމާކުރުމަށް ނިންމައިގެންނެވެ.

ޖެހިގެން އައި ދުވަހުވެސް ފަޒީލް ރިޝްވާންއާ ދިމާކުރިޔެވެ. ނަމަވެސް ރިޝްވާންގެ ހިތަކަށް އޭނާއަށް އުޅެ އުޅެވެސް ބަދަލެއް ނުގެނެވުނެވެ. އެންމެ ފަހަށް ފަޒީލްގެ ރައްޓެހިންނަށް ރިޝްވާން ތައާރަފްކޮށް އެމީހުންނާއެކު ވަގުތުކޮޅެއް ހޭދަކުރުމަށް އެދުނެވެ. ގްރޫޕް ހަދާފަ އެންމެންގޮސް ޖޯލީގާތިބެ އެކި ގޭމްތައް ފޯނުން ކުޅެންފެށިޔެވެ. މިހެން ތިއްބާ ބަންގީގެ އަޑު ޖެހޭއިރަށް ރިޝްވާން ދާން ހިނގާގަތެވެ.

ފަޒީލް : ކަލޯ ދެން މަޑުކޮށްލަބަލަ ފަހުންވެސް ނަމާދަށް ދެވިދާނު
ރިޝްވާން : ޖަމާއަތް މާ މުހިންމު ނަމާދުން ލިބޭ ސަވާބު މާ މުހިންމު
ފަޒީލްގެ ރައްޓެއްސެއް : ދެން މާ ނަމާދުކުރެވޭ މީހާކަށްވެގެން. އަޅެއް އިރުކޮޅަކުންވެސް ނަމާދަށް ދެވޭނު
ފަޒީލް : ތެދެކޭ އެންމެ ދުވަހަކު މަޑުކޮށްލުމުން ގެއްލުމެއްނުވާނެ
ރިޝްވާން : (ރުޅި އައިސްފަ) ބުނަން ވާހަކައެއް. ކަލޭމެން ނަމާދު ނުކުރިޔަސް އަހަރެން ކުރާނަން އެއީކީ ކަލޭމެންނާ ބެހޭ ކަމެއްނޫން. ކަލޭމެން ތިޔަ އުޅޭ އުޅުމަށް މަށެއް ނުހެއްލޭނަން
ފަޒީލް : އޭ ބްރޯ ހަމަޖެހިބަލަ. ދޭ ނަމާދަށް ގޮސްފާ އަންނަން

މިފަހަރު ނަމާދަށް ދިޔަ ރިޝްވާން އެނބުރި އައިސް ޖޯލީގާ އިށީނުމުން ފަޒީލް ހައިރާންވިޔެވެ. މިފަހަރު އޭނާގެ އަވައިގާ ރިޝްވާން ޖެހޭނެކަމަށް އޭނާ އުންމީދުކުރިޔެވެ. ނަމަވެސް ކަންވީ ހީނުކުރާ ގޮތައްށެވެ. ރިޝްވާން ޖޯލިން ތެދުވެ އެންމެން ކުރިމަތީ ހުއްޓުނެވެ.

ރިޝްވާން : އަހަރެން މީ ކަލޭމެން ވަރަށް ރަނގަޅަށް ދަސްކޮށްގެން މިތަނަށް އައި މީހެއްކަން ހަނދާންކުރާތި. ކަލޭމެނަށް އެނގޭތަ ﷲ سُبْحَانَهُ وَ تَعَالَى އަހަރުމެން ދުނިޔެއަށް ފޮނުވީ އަހަރުމެނަށް ދެއްވާފާވާ ކުޑަ ވަގުތުކޮޅު ހެޔޮގޮތުގާ ބޭނުންކުރުމަށްކަން. ކަލޭމެންނަށް އެނގޭތަ އަހަރުމެންނަކީ ކުނޑި ފުކަކަށްވުރެއްވެސް ނިކަމެތި އިންސާނުންކަން. ﷲ سُبْحَانَهُ وَ تَعَالَى ގެ ހަޒްރަތުގާވާ މަލާއިކަތުންގެ ބިޔަ ބޮޑުކަން އެނގޭނަމަ ކަލޭމެންނަށް އެއްޗެއް ވިސްނޭނެ. އަދި އަހަރުމެން ދިރިއުޅެމުން މި އަންނަ ގުރަހައަކީ ﷲ سُبْحَانَهُ وَ تَعَالَى ގެ އަތްޕުޅަށް ލައިފިނަމަ ކުނޑި ކޮޅަކަށްވުރެވެސް ކުޑަ އެއްޗެއް. ދެން ވިސްނާލަބަލަ އިންސާނާއާމެދު. މިއަދު އަހަރުމެން ކިތަންމެ މޭފުއްޕާފަ އުޅުނަސް މިއީކީ އެއްވެސް ބަޔެއްނޫން މިއީ ހަމަ ނިކަމެތި އިންސާނުން. ﷲ سُبْحَانَهُ وَ تَعَالَى އަޅުން. އެކަލާނގެއަށް ބޯލަނބައިގެން ނޫނީ ނެތް އެއްވެސް ސަލާމަތެއް. އަހަރެން އުންމީދުކުރަން ކަލޭމެން އެންމެން އެއްދުވަހުން މިސްކިތުން ފެންނާނެކަމަށް. އަހަރެން ދުއާވެސް ކުރާނަން

ރިޝްވާން ދިޔުމުން ހުރިހާ އެންމެން ބާރަކަށް ހޭންފެށިޔެވެ. އަދި މަލާމަތް ކުރަންފެށިޔެވެ. ނަމަވެސް އެމީހުންގެ އެ މަލާމަތް ވެގެންދާނީ ހީނުކުރާފަދަ އިބްރަތަކަށްށެވެ.

ދުވަސްތައް ފާއިތުވެގެންގޮސް ރޯދަމަސް އައިސް ޖެހިއްޖެއެވެ. ނަމާދުގެ ޖަމާއާތްތައް ބޮޑެތިވާންފެށިއެވެ. ގުރުއާން ކިޔެވުމުގެ އަޑު މިސްކިތްތަކުން ނުކެނޑެއެވެ. މި މާތް މަސްވަރުގެ މާތްކަން ހިތަތައް ފަތަހަކުރަމުން ގޮސް އެންމެ ފަހަށް ފަޒީލްއާ އޭނާގެ ރައްޓެހިންގެ ހިތްތައްވެސް ފަތަހަކޮށްފިޔެވެ. ހުކުރަށްށާ އީދު ނަމާދަށް ހަމައެކަނިދާ ފަޒީލްމެނަކީ މިހާރު ގަވައިދުން ނަމާދުކުރާ ބަޔެކެވެ. މި މަންޒަރު ފެނިފާ އެންމެން ހައިރާންވިޔެވެ.

އެއްދުވަހަކު ނަމާދު ނިންމާލާފައި ފަޒީލްމެނާ ރިޝްވާން ބައްދަލްކޮށްލިޔެވެ. އަދި އެންމެންގެ ހާލު އަހުވާލު އޮޅުން ފިލުވާލިޔެވެ.

ރިޝްވާން : މިއަދު އަހަރެންގެ ދުއާ ﷲ سُبْحَانَهُ وَ تَعَالَى އިޖާބަ ކުރައްވާފިކަން އެނގިއްޖެ
ފަޒީލް : އާނ ދުއާ އަކީ ވަރަށް ވަރުގަދަ ހަތިޔާރެއް އަދި ރިޝްވާން ދިން ނަސޭހަތަށް އަހަރުން މަލާމާތްކުރެވުނީތީ މައާފްއަށް އެދެން. އަހަރުމެން އެދުވަހު ރިޝްވާން ދިން ނަސޭހަތަކީ ތެދެއްތޯ ބަލަން އިންޓަނެޓުން ބެލިން ބަލަނިކޮށް ޔޫޓިޔުބު ވީޑިއަކުން ދަރުސެއް ފެނުން އެދަރުސް އަޅުވާލިތަނުން އޭގަ ކިޔާދިން ﷲ سُبْحَانَهُ وَ تَعَالَى ގެ އަރްޝިކޮޅު ހިފަހައްޓައިގެން ތިއްބެވި ކޮންމެ މަލާއިކަތެއްގެ ބޮޑުކަން ވަރަށް ތަފްސީލްކޮށް. އެއަށްފަހު އެކަމާ ވަރަށް ފިކުރު ކުރެވުން ކޮންމެ ދުވަހަކުވެސް ޖޯއްޔަށް އެއްވެ ދަރުސް އެއް ނުބަލާ ހަމަ ނުތިބެވުން އެންމެނަށް. އެހެންވެ އަހަރުމެންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލްވެގެންދިޔަ. އަހަރުމެންނަކީ އެއްވެސް އެއްޗެއްނޫކަންވެސް އެނގުން. (ކަރުނަބާލަމުން) ކުނޑިކޮޅަކަށްވުރެއްވެސް އަހަރުމެން ނިކަމެތި
ރިޝްވާން : މައާފްކޮށްފިން. ދެން ހިނގާ ޖޯއްޔަށް ދަމާ

ފަޒީލްމެނަށް އައި ބަދަލާއެކު އެމީހުން ކުދިން މަގު ފުރައްދަން ގެންދާ ޖޯލިވެގެންދިޔައީ ދީނީ ނަސޭހަތްދޭ ތަނަކަށްށެވެ. ކޮންމެ ނަމާދަކަށްފަހު އެ ޖޯލީގާ ތިބެގެން ފަޒީލްމެން ކުރާ މަސައްކަތަކީ ގިނަ މީހުންނަށް ތެދުމަގު ދައްކާދިނުމެވެ.

- ނިމުނީ -

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...