Monday, September 21, 2020


 

ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ރަހްމަތްތެރިންނާއެކު ގޭމް ކުޅެން އިން މޫސަ އަރާ ނިދަން އޮށޯތެވެ. މިއީ އޭނާ އަބަދުވެސް ނިދާގަޑިއެވެ. ރޭގަނޑު ހަތަރުދަމު އުޅެނީ ހޭލައެވެ. ބައެއްފަހަރު ދެތިން ދުވަސްވަންދެންވެސް ނުނިދާހުރެއެވެ. ފަތިހު އެ އޮށޯންނަ މީހާ ދެން ތެދުވާނީ ހަވީރުއެވެ.

ހާވިރުވުމާއެކު މޫސަ ހޭލައިގެން އޭނާގެ އެކުވެރިންނާއެކު ސަޔަށްދިޔައެވެ. ރަށުގެ ހޮޓާ އެންމެ ގަދަޔަށް ހިނގާގަޑިޔަކީ އެއީކަމުން ބާރުވެސް ބޮޑުވަނެތީ އަވަހަށް ޖާގައެއް ހޯދުމަށް އެންމެންވެސް ދިޔައީ ބާރު ދުވެލީގަ ހިނގާފައެވެ. ހެދިކާ ނަގައިގެން ސައިބޯން ޖައްސާލި ވަގުތު މޭޒުގާ އައިސް އެ ޖައްސާލީ އެރަށު ނުކުޅެދުންތެރިކަން ހުންނަ ސިޔާޒްއެވެ. ސިޔާސްއަށް ވާހަކަ ދެއްކުމުގާ ދަތިތަކެއްހުރެއެވެ. އަދި ސިކުނޑިވެސް ބައެއްފަހަރު ހަމަނުޖެހެއެވެ. ސިޔާޒް އިށީނުމާއެކު ސިޔާޒްއަށް ޖެއްސުންކޮށް ރުޅިއެރުވުމުގެ މަސައްކަތް މޫސައާ އޭނާގެ ރަހްމަތްތެރިންފެށިއެވެ. ގިނައިރުތަކެއްނުވެ ސިޔާޒް ރުޅިއަތުވެއްޖެއެވެ. ބޯން އިން ސައިތަށި ބިންމައްޗަށް ވައްޓާލާ ހެދިކާތައް ހޫރުވާލާފަ ގޮވުނު އަވުގުރާނައެއް ގޮވަމުން ހޮޓަލުން ނުކުމެގެންދިޔައެވެ. އެކަމާހެދި ހޮޓަލުގާ ސައިބޯން ތިބި ގިނަމީހުންގެ ނުރުހުން މޫސަމެނަށް އަމާޒުވިއެވެ.

މަޢްރިބް ނަމާދަށް ބަންގިގޮވުމުން އެންމެން އެއްކޮށް ގޮސް ރަށުގެ ޖޯލިފަތީގާ ޖައްސާލިޔެވެ. ޖޯލިފަތި ހުންނަނީ މިސްކިތާ ފަސްފޫޓު ދުރުގައެވެ. ނަމާދަށް މީހުންތައް ދާންފަށާފިޔެވެ. އެމީހުންގެ ފަހަތުން ސިޔާޒްވެސް ނަމާދަށްދާތަން މޫސަމެނަށް ފެނުމާއެކު ސިޔާޒް އެމީހުން ކައިރިއަށް އައުމަށް ގޮވިއެވެ. ނަމަވެސް ސިޔާޒް އެމީހުންނަށްދިނީ ބީރު ކަންފަތެކެވެ. ނަމާދުގެ ޖަމާއަތުގާ ބައިވެރިވެ ނަމާދުކޮށްގެން މީހުންނާއެކު ފޭބިއެވެ. އެއަށްފަހު ނަމާދުން ފޭބި ބަޔަކާއެކު މޫސަމެންކައިރިޔަށް އައިސް އިށީނެވެ. އެހިނދު މޫސަގެ އެކުވެރިޔަކު އޭނާގެ ފޯނުން ސިޔާޒްއަށް އޮރިޔާން ވީޑިޔޯއާ ފޮޓޯ ދައްކަންފެށިއެވެ. އެއާއެކު ނަމާދުން އައިސް ތިބި މީހުންވެސް ސިޔާޒްއަށް އެއަށް ބެލާލުމަށް ބުނެލިޔެވެ. އެއީކީ އެވަރު ކަމެއްނޫން ކަމަށްބުނިޔެވެ. ނަމަވެސް އެހިނދު ސިޔާޒްގެ މޫނު އަނެއް ފަރާތަށް އަވަސް އަވަހަށް އަނބުރާލިޔެވެ. އަދި އެތަނުން ތެދުވެގެންދިޔައެވެ.

ސިޔާޒް ހިތްހަމަނުޖެހީފާ ހުރެގެންގޮސް މިސްކިތަށް އެރުމަށްފަހު އެތަނުގާ އިށީންދެގެންއިނެވެ. އިރުކޮޅަކުން މިސްކިތުގެ އިމާމް ސިޔާޒް ކައިރިއަށް އައިސް އިށީނެވެ. ސިޔާޒް ނުރުހުންވެފައިނީ ކީއްވެތޯ ސުވާލުކޮށްލިޔެވެ. އެހިނދު ކޮންމެ ދުވަހެއްގެ ހާލަތުގެ ވާހަކަ ސިޔާޒް އިމާމް މީހާއަށް ކިޔާދިނެވެ. އެއާއެކު އިމާމް މީހާ ސިޔާޒް މިސްކިތުގާ މަޑުކޮށްލުމަށް ބުނުމަށްފަހު މިސްކިތުން ފައިބައިގެން ގޮސް މޫސަމެން ކުރިމައްޗަށް ހުއްޓުނެވެ.

އިމާމް : ކަލޭމެން ސިޔާޒްއަށް އަބަދު އިހާނެތިކޮށް ކަންތައް ކުރަނީ ކީއްވެ؟
މޫސަ : އެއީ ސަމާސަ
އިމާމް : ސަމާސާއަކަށްވެސް ދައްކަން ނުޖެހޭ އެއްޗެއް ދައްކަންޖެހޭތަ؟
މޫސަ : ކީއްތަވީ؟ އެއީ މޮޔައެއްނު
އިމާމް : ދަރިފުޅާ ބުނަން ވާހަކައެއް. ކަލޭމެން މިއަދު އޭނާއަށް އިހާނެތިކޮށް ތިޔަހަދަނީ ކަލޭމެންނަށް އޭނާ ފެންނަނީ މޮޔައެއްގޮތުގާވީމަ އެކަމު އަސްލު ހަގީގަތުގާ މޮޔައަކަށްވުރެ މޮޔައީ ކަލޭމެން ކީޔާދޭންވީތަ ކީއްވެގެންކަން؟
މޫސަ : ކިޔާދީބަލަ
އިމާމް : ކަލޭމެން ހަތަރު ދަމު ހޭލާ އުޅޭ އޭނާ ނުވައެއްޖަހާއިރު ގެޔަށްވަދެ ނިދާ. ކަލޭމެން ފަތިހު ނިދަންދޭ އޭނާ ފަތިހު މިސްކިތައް އާދޭ. ކަލޭމެން ނިދާއިރު އޭނާ އިތުރު ދެނަމާދަށް ޖަމާއަތަށް ހާޒިރުވޭ. އަދި ކަލޭމެން އޭނާއަށް ނުބައިކަންތައް ދައްކާހިނދު އޭނާ ކަލޭމެނަށް ފުރަގަސްދޭ. ދެން ކަލޭމެން ނަމާދުކުރާމިހުން. ކަލޭމެން ނަމާދުކޮށްގެން އައިސް މި މީހުންނާ އެއްބައިވެގެން އެސޮރަށް ފާހިޝް އަމަލަށް ބަލަން ހިއްވަރު ތިޔަދެނީ ކަލޭމެން ކަލޭމެން ހިތުން ސަމާސާއެއް އެކަމު ކަލޭމެން ކުރި ނަމާދުގެ ބޭނުމަކީ ކޮބާ؟ އަވަހަށް ތައުބާވޭ ދެންވެސް ވަގުތު އޮއްވާ.
މޫސަ : (ބޮލަށް އުނދަގޫވެގެން) އާނ ދެން މިތަނުން ރައްކާވޭ ކަލޭ އޭނާ ގާތްކޮށްގެންއުޅޭ.

އެރޭ ފަތިސް ނަމާދަށް ގޮވުމުން މޫސަ ގެޔަށް ނިދަންދިޔައެވެ. ނިދަން އޮށޯތުމަށްފަހު ނިދަން އުޅެ އުޅެ ނުނިދުނެވެ. އެއްވެސް ގޮތަކަށް ހަމަ ލޮލަށް ނިންޖެއްނައެވެ. ޖެހިގެން އައި ދުވަހުވެސް ހަމަ ދިމާވީ އެހެންނެވެ. މިގޮތައް ނުނިދޭތާ މިހާރު ހަފްތާއެއްވެއްޖެއެވެ. މިކަމާ ކަންބޮޑުވެގެން ޑޮކްޓަރަށް ދައްކާ ނިދާބޭސްގަނެ އިންޖެކްޝަންވެސް ޖެހިއެވެ. ނަމަވެސް ހަމަ ހިލާ ނިންޖެއްނައެވެ. މިހާރު މޫސައަށް ނުނިދޭތާ ދެތިން މަސްވީޔެވެ. މީހާ ހުންނަނީ އަބަދު ރުޅި އައިސްފައެވެ. ކިރިޔާ މީހަކު އެއްޗެއް ބުންޏަސް ގަޔަށް ބޮލަށް އަރާގަނެއެވެ. އައުގުރާނަ އެހާވަރަށް ގޮވައެވެ. އަމިއްލައަށް ވާހަކަ ދެއްކުންވެސް ގިނަވެއްޖެއެވެ. އޭނާގެ ރައްޓެހިންވެސް ވަކި ހިސާބަކުން އޭނާ ދޫކޮށްލިޔެވެ. ގެންގުޅެވޭވަރު ނުވުމުންނެވެ. ހަމަސް ފަހުން މޫސަގެ ސިކުނޑި އެއްކޮށް ގޮވާފިއެވެ. މިހާރު އަބަދު ހުންނަނީ ހަޅޭއްލަވަލަވައެވެ. ހޭންވެސް އެހާވަރަށް ހެއެވެ. ގައި ތާހުރުވެސް ގިނަފަހަރުނުވެއެވެ. ގަޔަށް ހުންނަނީ ނަޖިސް ފައިބާފައެވެ. އެ ނަޖިސް މީހުން ގައިގާވެސް އޭނާ އުނގުޅަން މަސައްކަތްކުރެއެވެ. މިކަން ބޮޑުވެގެން އޭނާ ގޭގާ ބަންދުކުރަންޖެހުނެވެ. އޭނާ ހުންނަނީ އަބަދު ކުޑަދޮރު ކައިރީގައެވެ. ބިއްލޫރިގަނޑުން ބޭރު ބަލާށެވެ. ހާއްސަކޮށް ފަތިހުއެވެ. ކޮންމެ ދުވަހަކުވެސް އޭނާއަށް އެއްކަލަ މޮޔައެކޭ ގޮވި ސިޔާޒް ބަރާބަރަށް ބަންގީގެ އަޑަށް މިސްކިތައް ދާތަން ފެނެއެވެ.

- ނިމުނީ -

ލޮބުވެތި އަޙުންނޭވެ. އަޅުގަނޑުމެންގެ ތެރޭގަ އެތައް ނުކުޅެދޭ މީހުންނެއް އުޅެއެވެ. ތިބާއަށް ވީވަރަކުން އެމީހުންނަށް އެހީތެރިކަން ފޯރުވާށެވެ. އަދި ގާތްކޮށް އެކުގާ ގެންގުޅޭށެވެ. އެމީހުންގެ އިހުސާސްތައް ދަސްކޮށް ދެނެގަންނާށެވެ. އެކަމުގެ ސަބަބުން ތިބާއަށް ހުރި ހެޔޮކަން އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

 


އެ ބައްޔެއްގެ ވާހަކަ އިވުމުން އެންމެންވެސް ބިރުގަނެއެވެ. އެބައްޔެއް ޖެހި އެތައް ބަޔަކު މިދުނިޔެއާ ވަކިވެއްޖެއެވެ. އެއްވެސް ހުއްޓުމެއްނެތި އެ ބަލި މިދަނީ އަދިވެސް ފެތުރެމުންނެވެ. ސަރުކާރުތަކުން އެތައް ބާވަރު ފިޔަވަޅުތަކެއް އެބަލިން ރައްކާތެރިވުމަށް އަޅާފިޔެވެ. ނަމަވެސް މަދު ބޯހަރު ބަޔެއްގެ ސަބަބުން އެބަލި ފެތުރުން އިތުރުވާން ފުރުސަތުލިބެއެވެ.

އަލީއާ އޭނާގެ ރަހްމަތްތެރިންނަކީ އަބަދުވެސް މަޖަލުގާ އުޅެމުން އަންނަ ބަޔެކެވެ. ދީނީ އެއްވެސް ކަމަކަށް ސަމާލުކަމެއްނުދެއެވެ. ނަމާދަށް ގޮވިޔަސް އަޅާވެސްނުލައެވެ. ކުޅިވަރާ މަޖަަލަށް އެމީހުންވަނީ ގެއްލި ހުސްވެފައެވެ.

ދެހާސް ވިހި ފެށުމާއެކު އެމީހުންގެ ސަކަރާތްޖެހުން އާ އުސްމިންތަކަކަށް ނެގުން ގަސްދުކުރިޔެވެ. އެގޮތުން ދަތުރުތައް ދިޔުން ގިނަކުރަން ރޭވިޔެވެ. ނަމަވެސް އިވެންފެށި ހަބަރެއްގެ ސަބަބުން އެމީހުން ދަތުރު ފަސްކޮށްލަން ޖެހުނެވެ. ޗައިނާގާ ނުރައްކާތެރި ރޯގާއެއް ފެތުރި އެތައް ބަޔަކު މަރުވެ ދުނިޔެއަށް އެ ފެތުރެންފެށި ވާހަކައެވެ. މީސް މީޑިޔާގާ މީހުން މަރުވެގެން ވެއްޓޭ ވީޑިއޯތައް ގިނަވާންފެށިޔެވެ. އަދި ހޮސްޕިޓަލްތައް ތޮއްޖެހިފާވާ ވީޑިއޯތައްވެސް އަންނަންފެށިޔެވެ. ނަމަވެސް އަލީއާ އޭނާގެ ރައްޓެހިންނަށް މިކަންވީ މަޖާ ކަމަކަށްށެވެ. އެތަނުން އެކަކު ވަގުތުން މީސްމީޑިޔާގާ ތިމަންނައަށް ކޮރޯނާ ޖެހޭނަމައޭ ކިޔާފަ ސްޓެޓަސް އަޕްޑޭޓްއެއް ޖަހާލިޔެވެ. އެޔާއެކު މީހަކު އޭނާއަށް އެއީ ކީއްވެތޯ ސުވާލުކޮށްލުމުން އޭނާ ބުނީ އެއީ ސަޅިކަމަކަށްވާނެތީއެވެ. އެ ސްޓެޓަސްގެ ސަބަބުން އަލީގެ ރަހްމަތްތެރިޔާއަށް މަލާމާތާ ނުރުހުން ލިބެން ފެށުމުން އޭނާ އެ ސްޓެޓަސް ނެގިޔެވެ. އެކަމާ އަލީމެން ހޭންފެށިޔެވެ.

ދުވަސްކޮޅެއްފަހުން ސަރުކާރުން ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް މި ބަލިމަޑުކަމާ ވިދިގެންއެޅިޔެވެ. އެގޮތުން ގިނަ ގިނައިން އަތްދޮވުމާ ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ އަމިއްލަޔަށް ކަމާބެހޭ ފަރާތައް އެނގުމާ ބޭރަށް ނުނިކުމެ އުޅުމަށް އިލްތިމާސްކުރިޔެވެ. އެއިރުގާ އަލީމެން ތިބީ ރިސޯޓެއްގައެވެ. ގެސްޓުންނާއެކު ވަގުތު ހޭދަކޮށް ސަކަރާތުގައެވެ. ސަކަރާތުގެ ތެރޭ ތިއްބާ އެތަނުން ގެސްޓަކު ވަރަށް ގަދަޔަށް ކިނބިހި އެޅުމަށްފަހު ނޭފަތް ފޮޅާލިޔެވެ. އެއަށްފަހު އޭނާގެ ކޮޓަރިޔަށް ދިޔައެވެ. އަލީގެ ކޮނޑުގާ އޭނާގެ ރައްޓެއްސަކު ކޮއްޓާލުމުން އެކަމާ ހާސްނުވުމަށް ބުނިޔެވެ. އަލީމެންނަކީ ޒުވާނުންކަމާ ޒުވާނުންނަށް ވައިރަސް ނާރާނެކަމަށް ބުނެ އޭނާގެ ރައްޓެހި މީހާ ހަމަޖައްސާލިޔެވެ.

ގެސްޓުންނާއެކު ވަގުތު ހޭދަކުރުމަށްފަހު އަލީމެން މާލެއައެވެ. އަލީ އޭނާގެ ރައްޓެހިންނަށް އަލްވަދާއު ކިޔުމަށްފަހު ގެޔަށްގޮސްވަނެވެ. އަރާމުކޮށްލަން ޖައްސާލިތަނުން ނިދިއްޖެއެވެ. އިރުކޮޅަކުން އަލީ ހޭލާގެން ކާރީގަ ހުރި ސުޕަމާޓްއަށްދިޔައެވެ. އަލީ ހުރީ ރޯގާ ވައްތަރު ވެފާކަމުން އެތަނުން ޓިޝޫއާ އެހެނިހެން ތަކެތި ގަތުމަށްފަހު ކައުންޓަރަށްގޮސް ފައިސާ ދައްކަން ހުއްޓާ ކިނބިސެއް އެޅުނެވެ. ކައުންޓަރުގާ ހުރި ކުއްޖާ އަލީ މާސްކްއަޅާން އުޅުމަށް އިލްތިމާސްކުރުން އެކުއްޖާއާ ދިމާލަށް އަލީ އެއްޗެއްހި ގޮވުމަށްފަހު އެތަނުން ނުކުމެ ގެޔަށް ދިޔަ މަގުމަތީ ކިނބިހިތައް ފުލުފުލުން އެޅެން ފެށިޔެވެ. ޓިޝޫތަކުން ނޭފަތް ފޮހެ ފޮހެފާ މަގުމައްޗަށް އުކަމުން އަދި ޓިޝޫ ހުސްވުމުން ޖެހުނު ތަނެއްގާ އަރުދަފުސް އުނގުޅާ ފޮޅަމުން އަލީ ގޮސް ގެޔަށްވަނެވެ. ވަތްގޮތައްވަދެ އަތް ޓިޝޫއަކުން ސާފުކޮށްލުމަށްފަހު ނުވެސްދޮވެ ކާތަކެތީގާ އަތްލާހެދިޔެވެ. ބަނޑުފުރާލާގެން އަލީ މަގުމައްޗަށްނުކުމެ ކޭފޭއަކަށް އޭނާގެ ރައްޓެހިން ގޮވައިގެންގޮސް ވަގުތުތައް ހޭދަކުރުމަށްފަހު ގެޔަށް އައިސް ވަތްތަނުން ގައިގަ ވަރުދާކަހަލަ ގޮތެއް ވާންފެށިޔެވެ. އަލީ އަވަހަށް ގޮސް އެނދުގާ ޖައްސާލުމާއެކު ނިދިއްޖެއެވެ.

ޖެހިގެން އައި ދުވަހު އަލީ އުޅުނީ ބޯއަނބުރާފަ ހޮޑުލެވޭތީޔެވެ. ހުންވެސް އެހާވަރަށް ގަދަޔެވެ. ބޭރަށްވެސް އެހާވަރަށް ހިނގައެވެ. ނޭވާލާންވެސް އުނދަގުލެވެ. ހީވަނީ މޫދަށް މީހާ ގެނބިގެންއުޅޭހެނެވެ. ފުއްޕާމޭގާ ފުޅިތޮށި ހެރޭފާޑު ތަދެއް ހުރެއެވެ. ކަންބޮޑުވެފާހުރި އަލީ ކާރަކަށް ގުޅާގެން ހޮސްޕިޓަަލަށްދިޔައެވެ. އަލީ ބެލި ޑޮކްޓަރަށްވެސް ވާނުވާ ނޭނގިގެން އަލީ އެޑްމިޓްކުރިޔެވެ. މިހެން އޮއްވާ އަލީ ބަލާ ރައްކާތެރި ހެދުން އެޅި ހަތަރު މީހަކުއައެވެ. އެމީހުން އަލީ ވަކިން ތަނަކަށް ގެންގޮސް ބަންދުކޮށް ފަރުވާދޭންފެށިޔެވެ. ނަމަވެސް އަލީގެ ހާލު ދިޔައީ ގޯހުން ގޯހަށްށެވެ. މިހާލުގާ އޮއްވާ ދެން އިވެންފެށި އަދި މާ ބިރުވެރި ހަބަރެކެވެ. އަލީވަނީ ކޮރޯނާއަށް ޕޮސިޓިވްވެފައެވެ. އަދި އަލީމެންނާއެކު މަޖާކުރި ގެސްޓްމީހާ މަރުވި ހަބަރެވެ. އެމީހާ މަރުވެފާވަނީ ކޮރޯނާ ވައިރަސް ޖެހިގެންނެވެ.

ދުވަސްގަނޑަކަށްފަހު އަލީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ. ނަމަވެސް އަލީއާ ގާތްވެލާނެ މީހަކުވެސް ނުވެއެވެ. މުޅި ހޮސްޕިޓަލްވަނީ ފުރި ބާރުވެފައެވެ. ފެންނަމުންދަނީ ބިރުވެރިކަމާ ނާމާންކަމެވެ. އެތައް ބަޔަކުވަނީ އެޑްމިޓްކުރެވިފައެވެ. ގިނަ މީހުން ތިބީ ތަޅުންގަނޑުގައެވެ. ވަރަށްވެސް މަންޒަރު ހިތްދައްޗެވެ. ކުޑަކުދިންނާ އަންހެނުން ރޮނީއެވެ. ބަޔެއް މައިން އެމީހުންގެ ފުރާނަނެތް ދަރިންގެ މަސްގަނޑުގާ ބައްދާގެން ތިއްބެވެ. އެ އެންމެނަށް ފަރުވާދޭނެ ގާބިލްކަންވެސް މިވަނީނެތިފައެވެ. މި މަންޒަރު ބަލަން އަލީ އޮންނަންޖެހުނީ ކަރުނަ ބާލަބާލައެވެ. މިއީ އޭނާގެ ސަބަބުން ވީކަމެއްކަން މިއަދު އޭނާއަށް އެނގެންފެށިޔެވެ. މިކަމާ އޭނާ ހިތާމަކޮށް ކަރުނައަޅާ ރޯންފެށިޔެވެ. ނަމަވެސް މިއަދު މިވަނީ ވަގުތު ފާއިތުވެފައެވެ.

- ނިމުނީ -

 


ތިބާ މަރުވުމުން ތިބާއަށް ގިޔާމަތް ފެށުނީއެވެ. ތިބާ ކަށްވަޅަށް ގެންގޮސް ލެވޭހިނދު އެހީވާނެ އެކަކުވެސް ނުހުންނާނެއެވެ. ދުނިޔޭގަ އުޅުންއިރު ކޮށްފާވާ ހެޔޮ އަމަލް ފިޔަވާ އިތުރު އެއްޗެއް ތިބާއަކަށް ނުގެންދެވޭނެއެވެ.

ޔޫނުސްއަކީ ހީވާގި ޒުވާނެކެވެ. ބުރަ މަސައްކަތުން މަދު އަހަރުކޮޅެއްތެރޭ މުއްސަންޖަކަށްވި ޔޫނުސް އަތުގާ އެންމެ ފަހުގެ ހުރިހާ މުދަލެއްވެސްހުރެއެވެ. މުއްސަނދިކަން ލިބުމުން ޔޫނުސްގެ ހިތްވެސްވަނީ ހަރުވެފައެވެ. ޝައިތާނާވަނީ އޭނާގެ މައްޗަށް ބާރުވެރިވެފައެވެ. ހިތަށް އެރިއްޔާ ނަމާދުވެސްކޮށްފާ ގުރުއާންވެސް ކިޔަވާލައެވެ ނަމަވެސް ސަލާންޖަހާ މީހެއް ފެނުމުން ވަގުތުން އެމީހާއަށް ފުރަގަސްދެއެވެ. އެހީއަކަށް އެދި މީހަކު ގުޅާލިނަމަ އަތްމަތި ދަތިވާހަކަ ބުނެއެވެ. އަދި ރުޅި އައިސްފިނަމަ އެމީހަކާ ދިމާލަށް ހަޅޭއްވެސްލަވައެވެ. ޔޫނުސްގެ ދިރިއުޅުމަށް ދުވަހަކުވެސް ބަދަލެއް ނާންނާނެކަމަށް ހިތާ އޭނާ ހުންނަނީ ވަރަށްވެސް ފޮނިވެފައެވެ. ނަމަވެސް މިދުނިޔޭގެ އުފަލަކީ ވަގުތީ އުފަލެއްކަން އޭނާއަށް އެނގޭދުވަސް އޮތީ ވަރަށްވެސް ގާތުގައެވެ.

އެއްދުވަހަކު ވަރަށް ބުރަކޮށް އުޅެފާ ޔޫނުސް ގެޔަށް އައިސް ނިދަން އޮށޯތެވެ. ނަމަވެސް އިރު އިރުކޮޅާ ފޯނުކޯލް އަންނަވަރުން ފޯނުވެސް ނިއްވާލުމަށްފަހު ނިދަން އެރިޔެވެ. އިސާހިތަކު އޭނާއަށް ނިދުނެވެ. ނިދުމުގެ ތެރޭގާ އޭނާއަށް ހުވަފެނެއް ފެނިގެންދިޔައެވެ. އެ ހުވަފެނުގާ ފެންނަނީ އޭނާ މަރުވެގެން އުޅޭތަނެވެ. މީހުން އައިސް އޭނާގެ މޫނު ބަލާތަނެވެ. ކޮންމެ މީހެއްގެ މޫނުގާވެސްވަނީ ހިތާމައެވެ. ކުއްލިއަކަށް ޔޫނުސްއަށް ހޭލެވުނެވެ. އަދި އެއީ އެހެން ހަމަ ފެނިލި ހުވަފެނެއްކަމަށް ހީކޮށް ނިދާލިޔެވެ.

ޖެހިގެން އައި ދުވަހުވެސް ޔޫނުސް ހަމަ ނިދަން އޮށޯތުމާއެކު ހުވަފެނެއްފެނުނެވެ. މިފަހަރު ތަފާތެވެ. ބިންމަތީގާ އިށީންދެގެން އިން ޔޫނުސް ދިޔައީ ކޮންމެވެސް ކަމަކާ ބިރުން ފަހަތަށް ޖެހެމުންނެވެ. ޔޫނުސް ކުރިމަތިން މީހަކު ރޮމުން ގޮވައެވެ. " سورة الملك ކިޔަވާ سورة الملك ކިޔަވާ ކަލޭ ސަލާމަތް ބޭނުންނަމަ سورة الملك ކިޔަވާ " އެއިރުގާ ޔޫނުސްގެ ގަޔަށް ދިޔައީ ބޮޑު ބިޔަ ހިޔަންޏެއްވެސް އެޅެމުންނެވެ. ކުއްލިޔަކަށް ޔޫނުސް ހަޅޭއްލަވަމުން ތެދުވިއެވެ. ޖެހި ޖެހިގެން ދެރޭ މި ފެނުނު ހުވަފެނަކީ ވަރަށްވެސް ވަރުގަދަ އިންޒާރެއްކަން އޭނާއަށް އެނގިއްޖެއެވެ.

ފަތިސްވުމުން ނަމާދަށްގޮސް ނިންމާލުމަށްފަހު އިމާމްމީހާއާ ބައްދަލްކޮށް އެވާހަކަ ކިޔާދިނެވެ. އެއާއެކު އިމާމް އެ ހުވަފެން އެއީ ވަރަށްވެސް ބޮޑު އިންޒާރެއްކަމަށް ބުނެއެވެ. އަދި ސުވާލްކުރަންފެށިއެވެ.

އިމާމް : ޔޫނުސް ގަވައިދުން ނަމާދުކުރަންތަ؟
ޔޫނުސް : ނޫން
އިމާމް : ގުރުއާން ކިޔަވަންތަ؟
ޔޫނުސް : ބައެއް ފަހަރު
އިމާމް : ސަދަގާތްދެންތަ؟
ޔޫނުސް : ބައެއްފަހަރު
އިމާމް : ޔޫނުސް.... ދުނިޔެއަކީ ވަގުތީ ތަނެއް. ޔޫނުސްގެ ހުރިހާ މުދަލެއް ޔޫނުސްއަކަށް ނުގެންދެވޭނެ މަރުވުމުން ހުރިހާ އެއްޗެއް ބަހައްޓާފަ ދާންޖެހޭނީ. ގެންދެވޭނީ ހެޔޮ އަމަލްތައް އެކަނި. ޔޫނުސްގެ ހުވަފެނުގާ ފުރުތަމަ ތިޔަފެނުނީ މަރުވެގެން އުޅޭތަން. މާނައަކީ އެންމެ ގާތުގާވެސް އެންމެ ދުރުގާވެސްވަނީ މަރެވެ. ދެވަނަ ހުވަފެނުގާ ތިޔަ ފެނުނުމީހާ سورة الملك ކިޔަވާށޭ އެގޮވީ ޔޫނުސްގެ ނަސީބު މިއަދު ރަނގަޅުކަމުން. އެއީވެސް ޔޫނުސްއަށް އައި އިންޒާރެއް. ކަށްވަޅުގެ އަޒާބަކީ ލިބޭނެ އެއްޗެއް. ނަމަވެސް އޭގެންވެސް ރައްކާތެރިވެވޭނެ ގޮތް އެބޮތް އެހެންވެ سورة الملك ކިޔަވަންވެސް މުހިންމީ. ކޮންމެ ދުވަހަކު سورة الملك ކިޔަވާފި މީހަކަށް ކަށްވަޅުގެ އަޒާބުން ރައްކާތެރިކަން ދެއްވާނެ. އެހެންވީމާ ޔޫނުސް ކުރަންވީ ކަމަކީ އަވަހަށް ފުރިހަމަ ތައުބާއަކުން ތައުބާވޭ. އެއަށްފަހު ކޮންމެ ދުވަހަކު ގުރުއާން ކިޔަވާފަ ނިންމާލަމުން سورة الملك ކިޔަވާ.
ޔޫނުސް : (ރޮމުން) ޝުކުރިއްޔާ

އިމާމްއާ ބައްދަލްކޮށް ނިންމުމަށްފަހު ޔޫނުސް ދިޔަގޮތަށް އެންމެ ފުރުތަމަވެސް އޭނާގެ މުދަލުން ބޭނުން ޖެހިފާވާ މީހުންނަށް އެހީވާންފެށިއެވެ. ސަދަގާތް ގިނަކޮށް ނަމާދަށް ފަރުވާ ބެހެއްޓިއެވެ. ނަމާދުކޮށް ނިންމާލުމަށްފަހު ގުރުއާން ކިޔަވައެވެ. سورة الملك ކިޔެވުމަށް ކޮންމެ ދުވަހަކުވެސް ހާއްސަކަން ބަހައްޓައެވެ. " އެންމެ ދުރުގާވެސް އަދި އެންމެ ގާތުގާވެސްވަނީ މަރެވެ. " މިއީ އޭނާގެ ހިތުގާ އަބަދުވެސް ހަރުލާފާވާ އަގުހުރި ބަސްކޮޅެކެވެ.

- ނިމުނީ -

 


ފަޒީލްއަކީ މީހުންނަށް ޖެއްސުން ކުރުމުގާ އަރާހުރިމީހެކެވެ. އޭނާގެ ސަބަބުން މީސްމީހުންގެ އެތައް ޅަ ދަރިންނެ ހަލާކުވެއެވެ. އޭނާގެ ކަމަކީ ރަނގަޅަށް ކިޔަވާ ކުއްޖެއްނަމަ އެކުއްޖެއްގެ މަގު ފުރެއްދުމެވެ. ގިނަފަހަރު ކުދިން ހަލާކުކޮށްލުމަށް އޭނާ ގެންގުޅޭ ފުރުތަމަ އުކުޅަކީ ފޯނު މެދުވެރިކޮށް ކޮންމެވެސް ދަޅައެއް ދައްކައިގެންނެވެ. އެގޮތުން ގޭމް ކުޅުމަށް ދެވި ހިފުވައެވެ. އެއަށްފަހު ބޮޑަށް ގާތްވުމުން އޭނާއާއެކު ގިނަ ވަގުތު އުޅުަށް އެދެއެވެ. އެއަށްފަހު ސިނގިރެޓްފަދަ ތަކެތި އެކުދިންނަށްދީ އޭނާއާ ވީހާވެސް ގާތްކޮށް އޭނާ ކުރާ ވިޔަފާރިތަކުގެ ވާހަކަ ދައްކާ އޭގާ ބައިވެރިކުރެއެވެ. ގިނަ ކުދިން ފަޒީލްގެ ވިޔަފާރީގާ ބައިވެރިވެ އޭގެ އަވައިގަ ޖެހި އެޔާނުލާ ނުވެސް އުޅެވޭ ހިސާބަށްދެއެވެ. މިކަން ބޮޑުވެގެން އެތައް ބެލެނިވެރިންނެއްގެ ޝަކުވާއާއެކު ފަޒީލް އެތައް ފަހަރަކުވެސް ހައްޔަރުކުރެވިފާވެއެވެ. ނަމަވެސް ގިނަ ދުވަސްތަކެއްނުވެ ދޫކޮށްލެވެއެވެ.

އެހެން ދުވަސްދުވަހެކޭ އެއްގޮތައް މިއަދުވެސް ފަޒީލްހުރީ ކުއްޖަކު މަގު ފުރައްދަން ހިތުލައިގެންނެވެ. މިއަދު އޭނާ ދިމާކުރަން ނިންމައިގެންހުރީ ރިޝްވާން ކިޔާ ކުއްޖަކާއެވެ. ރިޝްވާންއަކީ މަޔަކާ ބަފަޔަކަށް ލިބިފައިހުރި ހަމައެކަނި ދަރިޔެކެވެ. ވަރަށްވެސް ހިތްހެޔޮ ތެދުވެރި ސަކަ މީޒާޖެއްގެ ކުއްޖެކެވެ. އެތައް ބަޔެއްގެ ލޯބި ލިބިފައިވާ މޮޅަށް ކިޔަވަމުން އަންނަ ކުއްޖެކެވެ. ރިޝްވާން ކްލާސް ނިންމާފަ އަންނަތަން ފެނުމާއެކު ފަޒީލް އޭނާގެ މަސައްކަތާގެން ކުރިޔަށްދިޔައެވެ.

ފަޒީލް : އޭތް ރިޝްވާން ކޮންތާކަށް؟
ރިޝްވާން : މިދަނީ ގެޔަށް
ފަޒީލް : މިތާ ހުރި ޖޯއްޔަށް ހިނގާބަލަ އެއްޗެއް ދައްކާލާނަން
ރިޝްވާން : ކޮންއެއްޗެއް؟
ފަޒީލް : އައިމައެއްނު އެނގޭނީ

އެއްވެސް ޖެހިލުމެއްނެތި ރިޝްވާން ފަޒީލްއާއެކު ޖޯއްޔަށް ދިޔައެވެ. ފަޒީލް ފޯނު ހުޅުވާލާފަ ޕަގްޖީ އެޅުވިޔެވެ. އަދި އެ ކުޅެންފެށިއެވެ. ރިޝްވާން ފަޒީލް ކުޅޭތަން ބަލަންއިންދާ ބަންގީގެ އަޑު އިވެންފެށިޔެވެ.

ރިޝްވާން : އޭ މަ ދަނީ އެނގޭ ބަންގި އެ ގޮވަނީ
ފަޒީލް : ކޮންތާކަށް ތި ދަނީ؟
ރިޝްވާން : ނަމާދަށް
ފަޒީލް : މަޑުކޮށްބަލަ މި ގަނޑު ނިމެންދެން
ރިޝްވާން : ނޫނޭ. ޖަމާއަތުގާ ކުރާ ނަމާދުން ލިބޭ ސަވާބު މާ މުހިންމު ތިޔަށްވުރެ
ފަޒީލް : ނަމާދުން ފައިބައިގެން އަންނައްޗޭ

ނަމާދަށްދިޔަ ރިޝްވާން ނައުމުން އެތައް އިރަކު ޖޯލީގަ އޮވެފާ ފަޒީލް ގެޔަށްދިޔައެވެ. ޖެހިގެން އަންނަ ދުވަހު ދިމާކުރުމަށް ނިންމައިގެންނެވެ.

ޖެހިގެން އައި ދުވަހުވެސް ފަޒީލް ރިޝްވާންއާ ދިމާކުރިޔެވެ. ނަމަވެސް ރިޝްވާންގެ ހިތަކަށް އޭނާއަށް އުޅެ އުޅެވެސް ބަދަލެއް ނުގެނެވުނެވެ. އެންމެ ފަހަށް ފަޒީލްގެ ރައްޓެހިންނަށް ރިޝްވާން ތައާރަފްކޮށް އެމީހުންނާއެކު ވަގުތުކޮޅެއް ހޭދަކުރުމަށް އެދުނެވެ. ގްރޫޕް ހަދާފަ އެންމެންގޮސް ޖޯލީގާތިބެ އެކި ގޭމްތައް ފޯނުން ކުޅެންފެށިޔެވެ. މިހެން ތިއްބާ ބަންގީގެ އަޑު ޖެހޭއިރަށް ރިޝްވާން ދާން ހިނގާގަތެވެ.

ފަޒީލް : ކަލޯ ދެން މަޑުކޮށްލަބަލަ ފަހުންވެސް ނަމާދަށް ދެވިދާނު
ރިޝްވާން : ޖަމާއަތް މާ މުހިންމު ނަމާދުން ލިބޭ ސަވާބު މާ މުހިންމު
ފަޒީލްގެ ރައްޓެއްސެއް : ދެން މާ ނަމާދުކުރެވޭ މީހާކަށްވެގެން. އަޅެއް އިރުކޮޅަކުންވެސް ނަމާދަށް ދެވޭނު
ފަޒީލް : ތެދެކޭ އެންމެ ދުވަހަކު މަޑުކޮށްލުމުން ގެއްލުމެއްނުވާނެ
ރިޝްވާން : (ރުޅި އައިސްފަ) ބުނަން ވާހަކައެއް. ކަލޭމެން ނަމާދު ނުކުރިޔަސް އަހަރެން ކުރާނަން އެއީކީ ކަލޭމެންނާ ބެހޭ ކަމެއްނޫން. ކަލޭމެން ތިޔަ އުޅޭ އުޅުމަށް މަށެއް ނުހެއްލޭނަން
ފަޒީލް : އޭ ބްރޯ ހަމަޖެހިބަލަ. ދޭ ނަމާދަށް ގޮސްފާ އަންނަން

މިފަހަރު ނަމާދަށް ދިޔަ ރިޝްވާން އެނބުރި އައިސް ޖޯލީގާ އިށީނުމުން ފަޒީލް ހައިރާންވިޔެވެ. މިފަހަރު އޭނާގެ އަވައިގާ ރިޝްވާން ޖެހޭނެކަމަށް އޭނާ އުންމީދުކުރިޔެވެ. ނަމަވެސް ކަންވީ ހީނުކުރާ ގޮތައްށެވެ. ރިޝްވާން ޖޯލިން ތެދުވެ އެންމެން ކުރިމަތީ ހުއްޓުނެވެ.

ރިޝްވާން : އަހަރެން މީ ކަލޭމެން ވަރަށް ރަނގަޅަށް ދަސްކޮށްގެން މިތަނަށް އައި މީހެއްކަން ހަނދާންކުރާތި. ކަލޭމެނަށް އެނގޭތަ ﷲ سُبْحَانَهُ وَ تَعَالَى އަހަރުމެން ދުނިޔެއަށް ފޮނުވީ އަހަރުމެނަށް ދެއްވާފާވާ ކުޑަ ވަގުތުކޮޅު ހެޔޮގޮތުގާ ބޭނުންކުރުމަށްކަން. ކަލޭމެންނަށް އެނގޭތަ އަހަރުމެންނަކީ ކުނޑި ފުކަކަށްވުރެއްވެސް ނިކަމެތި އިންސާނުންކަން. ﷲ سُبْحَانَهُ وَ تَعَالَى ގެ ހަޒްރަތުގާވާ މަލާއިކަތުންގެ ބިޔަ ބޮޑުކަން އެނގޭނަމަ ކަލޭމެންނަށް އެއްޗެއް ވިސްނޭނެ. އަދި އަހަރުމެން ދިރިއުޅެމުން މި އަންނަ ގުރަހައަކީ ﷲ سُبْحَانَهُ وَ تَعَالَى ގެ އަތްޕުޅަށް ލައިފިނަމަ ކުނޑި ކޮޅަކަށްވުރެވެސް ކުޑަ އެއްޗެއް. ދެން ވިސްނާލަބަލަ އިންސާނާއާމެދު. މިއަދު އަހަރުމެން ކިތަންމެ މޭފުއްޕާފަ އުޅުނަސް މިއީކީ އެއްވެސް ބަޔެއްނޫން މިއީ ހަމަ ނިކަމެތި އިންސާނުން. ﷲ سُبْحَانَهُ وَ تَعَالَى އަޅުން. އެކަލާނގެއަށް ބޯލަނބައިގެން ނޫނީ ނެތް އެއްވެސް ސަލާމަތެއް. އަހަރެން އުންމީދުކުރަން ކަލޭމެން އެންމެން އެއްދުވަހުން މިސްކިތުން ފެންނާނެކަމަށް. އަހަރެން ދުއާވެސް ކުރާނަން

ރިޝްވާން ދިޔުމުން ހުރިހާ އެންމެން ބާރަކަށް ހޭންފެށިޔެވެ. އަދި މަލާމަތް ކުރަންފެށިޔެވެ. ނަމަވެސް އެމީހުންގެ އެ މަލާމަތް ވެގެންދާނީ ހީނުކުރާފަދަ އިބްރަތަކަށްށެވެ.

ދުވަސްތައް ފާއިތުވެގެންގޮސް ރޯދަމަސް އައިސް ޖެހިއްޖެއެވެ. ނަމާދުގެ ޖަމާއާތްތައް ބޮޑެތިވާންފެށިއެވެ. ގުރުއާން ކިޔެވުމުގެ އަޑު މިސްކިތްތަކުން ނުކެނޑެއެވެ. މި މާތް މަސްވަރުގެ މާތްކަން ހިތަތައް ފަތަހަކުރަމުން ގޮސް އެންމެ ފަހަށް ފަޒީލްއާ އޭނާގެ ރައްޓެހިންގެ ހިތްތައްވެސް ފަތަހަކޮށްފިޔެވެ. ހުކުރަށްށާ އީދު ނަމާދަށް ހަމައެކަނިދާ ފަޒީލްމެނަކީ މިހާރު ގަވައިދުން ނަމާދުކުރާ ބަޔެކެވެ. މި މަންޒަރު ފެނިފާ އެންމެން ހައިރާންވިޔެވެ.

އެއްދުވަހަކު ނަމާދު ނިންމާލާފައި ފަޒީލްމެނާ ރިޝްވާން ބައްދަލްކޮށްލިޔެވެ. އަދި އެންމެންގެ ހާލު އަހުވާލު އޮޅުން ފިލުވާލިޔެވެ.

ރިޝްވާން : މިއަދު އަހަރެންގެ ދުއާ ﷲ سُبْحَانَهُ وَ تَعَالَى އިޖާބަ ކުރައްވާފިކަން އެނގިއްޖެ
ފަޒީލް : އާނ ދުއާ އަކީ ވަރަށް ވަރުގަދަ ހަތިޔާރެއް އަދި ރިޝްވާން ދިން ނަސޭހަތަށް އަހަރުން މަލާމާތްކުރެވުނީތީ މައާފްއަށް އެދެން. އަހަރުމެން އެދުވަހު ރިޝްވާން ދިން ނަސޭހަތަކީ ތެދެއްތޯ ބަލަން އިންޓަނެޓުން ބެލިން ބަލަނިކޮށް ޔޫޓިޔުބު ވީޑިއަކުން ދަރުސެއް ފެނުން އެދަރުސް އަޅުވާލިތަނުން އޭގަ ކިޔާދިން ﷲ سُبْحَانَهُ وَ تَعَالَى ގެ އަރްޝިކޮޅު ހިފަހައްޓައިގެން ތިއްބެވި ކޮންމެ މަލާއިކަތެއްގެ ބޮޑުކަން ވަރަށް ތަފްސީލްކޮށް. އެއަށްފަހު އެކަމާ ވަރަށް ފިކުރު ކުރެވުން ކޮންމެ ދުވަހަކުވެސް ޖޯއްޔަށް އެއްވެ ދަރުސް އެއް ނުބަލާ ހަމަ ނުތިބެވުން އެންމެނަށް. އެހެންވެ އަހަރުމެންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލްވެގެންދިޔަ. އަހަރުމެންނަކީ އެއްވެސް އެއްޗެއްނޫކަންވެސް އެނގުން. (ކަރުނަބާލަމުން) ކުނޑިކޮޅަކަށްވުރެއްވެސް އަހަރުމެން ނިކަމެތި
ރިޝްވާން : މައާފްކޮށްފިން. ދެން ހިނގާ ޖޯއްޔަށް ދަމާ

ފަޒީލްމެނަށް އައި ބަދަލާއެކު އެމީހުން ކުދިން މަގު ފުރައްދަން ގެންދާ ޖޯލިވެގެންދިޔައީ ދީނީ ނަސޭހަތްދޭ ތަނަކަށްށެވެ. ކޮންމެ ނަމާދަކަށްފަހު އެ ޖޯލީގާ ތިބެގެން ފަޒީލްމެން ކުރާ މަސައްކަތަކީ ގިނަ މީހުންނަށް ތެދުމަގު ދައްކާދިނުމެވެ.

- ނިމުނީ -


 

އުމުރުގާ ލިބިފައިވާ މަދު ދުވަސްކޮޅު ހެޔޮގޮތުގާ ބޭނުންކުރަމުން އަންނަނީ ވަރަށްވެސް މަދު ބަޔެކެވެ. ގިނަ މީހުންނަކީ މުސްކުޅިވެ ގައިބާރު ދޫވާން ކައިރިވުމުން ހެޔޮ އަމަލްތަކަށް އަވަސްވެ ގަންނަ މީހުންނެވެ. އެމީހުންގެ ޒުވާން ދުވަސްވަރު ހޭދަކުރަމުން އަންނަނީ ބޭކާރު ގޮތުގާކަން އެމީހުންނަށް އޮންނަނީ ނުވިސްނިފައެވެ.

މިގްދާދްއަކީ ޒުވާނެކެވެ. ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއް އަދާކުރަމުން އަންނަ މިގްދާދްގެ ހުސްވަގުތުތައް ހޭދަކުރަމުންދަނީ ކޮފީތަކުގަޔާ ގޭމްކުޅުމުގައެވެ. ނަމާދަށް ބަންގިގޮވާއަޑު އިވުނަސްވެސް މިގްދާދް އެކައްޗެކޭވެސް ހިތަކަށް ނާރައެވެ. އޭނާގެ ތާވަލް ރޭވިފައި އޮންނަނީ ވާޒީފާއިން އައުމަށްފަހު މަޢްރިބް ނަމާދަށް ގޮވުމުން ދުވަންދިޔުމެވެ. އެއަށްފަހު މޫދަށްގޮސް އަށެއް ޖަހާއިރު އައިސް ފެންވަރައިގެން ބޭރަށްދިޔުމެވެ. އެދާމީހާ ދެން އަންނާނީ މެންދަމު އެކެއް ޖެހުމުންނެވެ. ބައެއް ދުވަސްދުވަހު ނުވެސް ނިދާ އޮފީހަށްދެއެވެ. މިގްދާދްގެ ނިދުމަށް ހާއްސަ ދުވަހަކީ ހުކުރުދުވަހެވެ. ބުރާސްފަތި ދުވަހުގެ ރޭ ގެއިން ބޭރަށްދާ މީހާ އަންނާނީ ހެނދުނު ހައެއް ޖެހުމުންނެވެ. އަންނަގޮތަށް ނިދާމީހާ ހޭލަނީ މެންދުރު ތިނެއް ޖެހުމުންނެވެ.

އެހެން ދުވަސްދުވަހެކޭވެސް އެއްގޮތަށް މިގްދާދް މިއަދުވެސް އޮފީހަށްދާން ތެދުވިޔެވެ. އަވަސްކޮށްލައިގެން ގަޑިޔަށް އޮފީހަށްގޮސް މަސައްކަތްތައް ނިންމާލުމަށްފަހު އޮފީސް ގްރޫޕާއެކު ކޮފީއަށްދިޔައެވެ. މި ގްރޫޕްގާ ހިމެނެނީ މިގްދާދްއާ އަމީޝް އަދި ހުޒާމްއެވެ. އަމީޝްއަކީ ކިތަންމެ ބުރަކޮށް އުޅުނަސް ދީނީ ކަންތައް ތަކަށް ފަރުވާ ބަހައްޓާ ކުއްޖެކެވެ. ހުޒާމްއަކީ އޮފީސް މެނޭޖަރުގެ ސެކްރެޓެރީއެވެ. ތިން މީހުން ގޮސް މޭޒުދޮށުގާ ޖައްސާލުމާއެކު މިގްދާދް ފަށާގަތެވެ.

މިގްދާދް : މަގޭ މޭޒުގަ މިއަދު އެބައޮތް ސިޓީއެއް ބާއްވާފަ. އެއީ އަނެއްކާ ކޮންކަހަލަ އެއްޗެއް
ހުޒާމް : (ހިނިއައިސްފަ) އެއީ ކަލޭ ކަނޑާލާ ވާހަކަ ލިޔެފައޮތް ސިޓީއެއް
މިގްދާދް : ކީއްވެ؟
ހުޒާމް : އެއީ ދޮގެއް. މިއަދު ކޮފީދޭންޖެހޭނެ މަ އެއީ ކޮންއެއްޗެއްކަން ބުނެފިއްޔާ
މިގްދާދް : އަވަހަށް ބުނޭ
ހުޒާމް : އެއީ ކަލޭ މުސާރަ ބޮޑުވިކަމުގެ ސިޓީ
މިގްދާދް : އެހެން. ކަލޭމެން ބޭނުން އެއްޗެއް ކާންވީ މިއަދު
އަމީޝް : މަރުހަބާ. މިހާރު ކިހާވަރެއް އެހެންވިއްޔާ ޖުމްލަ ލިބޭނީ
ހުޒާމް : ވިހި ހާސް
އަމީޝް : ވަރަށް އުފާވެއްޖެ
ހުޒާމް : އަމީޝް ކޮން އިރަކުން ހައްޖަށް ދިޔުން އޮތީ
އަމީޝް : އަދި ވަރަށް އަތްމަތި ދަތި. ނަމަވެސް ލާރި ދެއްކުނު ވަރަކަށް ދައްކަމުން މިދަނީ ދަރިފުޅާ އަންހެނުންނަށްވެސް ހަރަދު ކަނޑާފައެއްނު ކަމެއްވާނީ
ހުޒާމް : ކިހާވަރެއްތަ އަމީޝްއަށް ލިބެނީ؟
އަމީޝް : އަދި ފަނަރަ ހާސް. އޭގެން ގޭ ކުލިވެސްދައްކަންޖެހޭނު
މިގްދާދް : އަދި ކުރިޔަށް އޮތްތާ ބޮޑުވާނެ
އަމީޝް : މިގްދާދް މިހާރު މުސާރަ ބޮޑުވީމަ ވަރަށް ބޮޑު އެއްޗެއް ރައްކާކުރެވޭނެދޯ
މިގްދާދް : އާނ. މަ ބޭނުންވާ ތަންތަނަށް މަށަށް ދެވޭނެ
އަމީޝް : ހައްޖަށްދާންދޯ ތިޔަ އުޅެނީ އެހެންވިއްޔާ؟
މިގްދާދް : (ބޯ ކަހާލާފަ) ނޫނޭ އަދި އެއީ ފަހުގެ ކަމެއް. އުމުރުގަ ތަން އެބޮތްވިއްޔަ އެހެންނޫނަސް މަ ވިސްނަނީ އުމުރުން ފަންސާސް ފަހެއް ނޫނީ ފަސްދޮޅަސްވީމަ ދާން އޭރުން މަރުވުމުގެ ކުރިން ހުރިހާ ފާފައެއްވެސް ފޮހެވޭނު.
އަމީޝް : އެންމެ ރަނގަޅު ތިޔަހެން ބުނީމަ މަ އެބޮތް ސުވާލެއް ކޮށްލަން؟
މިގްދާދް : ކޮށްބަލަ
އަމީޝް : މިގްދާދްއަށް ކިހާ ގެރެންޓީއެއް އެބައޮތް ފަސްދޮޅަސްވަންދެން ދުނިޔޭގަ ހުންނާނެކަން؟
މިގްދާދް : ސިދާ އެހެން ބުނާކަށް ނޭނގެ އެކަމު ގިނަ މީހުން ތިބޭދޯ
އަމީޝް : އެންމެ ރަނގަޅު. ކަށުނަމާދު ޕޭޖު ބަލާލުމުން ލިބެނީ ކޮން ފިލާވަޅެއް
މިގްދާދް : ނޭނގެ
އަމީޝް : އެދުވަހެއްގާ މަރުވާ ބަޔެއްގެ އުމުރުތައް ހުންނާނެ ލިޔެވިފަ. އޭގެންވެސް ދޭހަވަނީ އެންމެ ގާތުގާވެސް އެންމެ ދުރުގާވެސްވަނީ މަރުކަން. ސަހަރާއަށް ކޮންމެ ދުވަހަކު ޒިޔާރަތްކުރުމުންވެސް އެ ފެންނަނީ އަހަރުމެންގެ ފަހުގެ މަންޒިލް. މޮޅު ގަޑިއެއް ފޯނެއް އިއްޒަތެއްނެތް ހަމަ އެކަނި ފޮތިކޮޅަކާ ފިލާކޮޅަކާ. ކަށްވަޅާ ހަމަޔަށްގޮސް އަހަރުމެންގެ މުދަލާ އާއިލާ އަދި އަނބިދަރިން އަހަރުމެން ދޫކޮށްދާނެ ނަމަވެސް އަހަރުމެންނާއެކު ކަށްވަޅުގާ އަހަރުމެން ކުރި އަމަލްތައް މަޑުކުރާނެ. މިގްދާދް ރުޅި ނާންނާތި ކޮންމެވެސް. އަހަރެންނަށް ފާހަގަ ކުރެވޭ މިގްދާދް ނަމާދު އެއްގޮތަކަށްވެސް ނުކުރާކަން އެކަމު އެއީ އަހަރެންނާ ބެހޭކަމެއްނޫން. އަހަރެން މިދެނީ ނަސޭހަތެއް ރަހްމަތްތެރިޔެއްގެ ހައިސިއްޔަތުން.
މިގްދާދް : މިނީ އަޑުއަހަން ތައްޔާރަށް
އަމީޝް : ނަމާދަކީ އެހާ ގިނައިރު ނަގާ ކަމެއްނޫން. އެއީ ޖަމާއަތުގަ ކޮށްފިއްޔާ ވިހި ނުވަތަ ފަނަރަ މިނެޓްގެ ކަމެއް. އެކަނި ކޮށްފިއްޔާ ފަހެއް ނުވަތަ ދިހައެއް. މިގްދާދް ވިސްނާލަބަލަ ދުވާލަކު މި ޖެހެނީ އެންމެ ފަސްނަމާދު ކޮށްލަން. އެއީ ސައްވީސް ގަޑިއިރުން ބަލައިފިނަމަ އެންމެ އެއްގަޑިއިރުވަރު. ނިކަން ވިސްނާލަބަލަ އިބިލީހުގެ ހުރި ނުބައިކަން އޭނާ ފަނަރަ މިނެޓްގެ ނަމާދުވެސް އަހަރުމެންނަށް އެ ދައްކަނީ ބޮޑު ބުރައެއްގޮތައް. ނަމަވެސް އެކަން ހުއްޓުވޭނެ ގޮތްވެސް އޮންނާނެ. ގިނަ ގިނައިން ﷲ އަށް ދުއާކޮށްގެން އަދި ވަސްވާސް ޖެހޭ ހިނދު އޭނާއަކީ ސުވަރުގެއިން ބޭރުކޮށްލެވުނު ޝައިތާނާކަން ހަނދާންކުރަންވީ އަދި އަހަރުމެންނަށް ތައުބާގެ އެތައް ފުރުސަތެއް އޮތްއިރު އޭނާއަށް އެފުރުސަތެއްނެތްކަން ހިތައް ގެނުވަންވީ އަދި އޭނާއަކަށް ސުވަރުގެޔަށް ނުވަދެވޭނެކަން އަހަރުމެންނަށް ވަދެވޭނެކަން ހިތުގާ ބަހައްޓަންވީ. އެހެންވީމާ މިގްދާދް ފުރުތަމަ ކުރަންވީ ކަމަކީ ތިޔަ ގޯސް ވިސްނުން ދޫކޮށްލާ އަދި ތައުބާވެ ނަމާދުކުރަން ފަށާ. އެއަށްފަހު ފުރުތަމަ ގޮސްލާ ޑިސެންބަރު އުމްރާއަށް އެއީ މައްކާގެ އެންމެ ލުއި ދުވަސްކޮޅު ގެފުޅާވެސް ވަރަށް ކައިރިން ތޮވާފްކުރަން ފުރުސަތު ލިބޭނެ. ގޮސް އެތަން ރަނގަޅަށް ދަސްކުރާތި. އެއަށްފަހު އައިސް އިހުސާސްތައް އަހަރެންނަށް ހިއްސާކޮށްލާތި
މިގްދާދް : އަހަރެން ތިޔަކަމާ ވަރަށް ވިސްނާނަން ޝުކުރިއްޔާ ތިޔަދިން ނަސޭހަތަށް
ހުޒާމް : އޭތް އަހަރެންނަށް ނޭވާލާން އެބަ އުނދަގުވޭ. މެޔަށްވެސް ވަރަށް ތަދު އެބަވޭ

ހުޒާމްގެ އެބަސްކޮޅު ވެގެންދިޔައީ އޭނާގެ އެންމެ ފަހު ބަސްކޮޅަށްށެވެ. ކުއްލިޔަކަށް އިށީންދެގެން އިންގޮނޑިން ހުޒާމް ވެއްޓިއްޖެއެވެ. ކެފޭގަ ތިބި މީހުންގެ އެހީއާއެކު ހުޒާމް ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދެވުނެވެ. ހޮސްޕިޓަލުން ދިން ޙަބަރުން މިގްދާދްގެ ހިތައް ބިރުވެރިކަން ވަންނަންފެށިއެވެ. މިއަދު ތިން މީހުން ކޮފީގަ ތިއްބާ މަރު އައިސް ބައްދަލްކުރީ ހުޒާމްއާއެވެ. ހުޒާމްގެ އުމުރަކީ 33 އަހަރެވެ.

ހުޒާމްގެ ކުއްލި މަރުގެ ސަބަބުން މިގްދާދްގެ ހިތަށް ވަރަށްވެސް އަސަރުކުރިއެވެ. އަދި ދިރިއުޅުމަށް ބޮޑު ބަދަލެއް ގެންނަންޖެހޭކަން އެނގުނެވެ. ހުޒާމްގެ މޫނު ބަލަން ދިޔަ ވަގުތު މިގްދާދްއަށް ސިފަވެގެންދިޔައީ އޭނާ އެތަނުގާ ބޭއްވޭނެ ދުވަހެވެ. ކަށުނަމާދުގާ ބައިވެރިވުމަށްފަހު ސަންދޯކްގާ ހިފައިގެންގޮސް ކަށްވަޅަށް ސަންދޯކް ލެވުނުހިނދު ފެންކަޅުވެ ރޮވެންފެށިއެވެ. އެއީ އޭނާއަށްވެސް އަންނަންއޮތް ދުވަހެއްކަން އޭނާއަށް އެނގޭތީއެވެ. މީހުންތައް ހުޒާމްގެ މަހާނަ ދޫކޮށްދިޔުމުން އެންމެ ފަހު މީހެއްގެ ގޮތުގާ އެތަނުގާ މަޑުކުރުމަށްފަހު ދިޔައީ މިގްދާދްއެވެ. މިގްދާދް ގެޔަށްގޮސް އެންމެ ފުރުތަމަވެސް ގުޅީ އަމީޝްއަށްށެވެ. އަދި އަމީޝްގެ ފަރާތުން އެތައް އެހީއަކާއެކު މިގްދާދް ދީނީ ކަންތައްތައް އުނގެނުނެވެ. ނަމާދަށް ވަގުތައް ދާންފެށިއެވެ. ބޭކާރު ޙަރަދު މަދުކޮށް ސަދަގާތް ގިނަކުރިޔެވެ. އެއަށްފަހު ތިން އަހަރުތެރޭ ފައިސާ އެއްކުރުމަށްފަހު ހައްޖުގެ މަތިވެރި މާތް އަޅުކަމަށްދިޔައެވެ. ދިޔައީ ހަމައެކަނި މިގްދާދްއެއްނޫނެވެ. އަމީޝްއާ އޭނާގެ އާއިލާވެސް ގޮވައިގެންނެވެ.

- ނިމުނީ -

 


މާތް ﷲ އެކި މީހުންނަށް އެކި އިމްތިހާން ޖައްސަވަނީ އެކި ގޮތްގޮތައްށެވެ. އެއްބަޔަކު ނިކަމެތިކަމުގައެވެ. އަނެއްްބަޔަކު މުއްސަނދިކަމުގައެވެ. މި ދެގޮތުން އިމްތިހާންކުރެވޭ މީހާގެ ނިމުން ހެޔޮގޮތުގާ ހޯދުންވަނީ އެމީހާގެ އަތްމަތީގައެވެ.

ހަސަންކޮއެއަކީ ނިކަމެއްޗެކެވެ. އޭނާ ދިރިއުޅެނީ ރަށުގެ އަތިރިމަތީ ހަދާފާވާ އޭނާގެ ފަން ޖިފުޓީގައެވެ. އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ މީހުންނަށް ރުއް ކަނޑާދިނުމާ ކެޔޮކެނޑުމުގެ މަސައްކަތެވެ. ހަސަންކޮއެ ގެއާ މާކަށް ދުރުނޫން ހިސާބެއްގާ ހުންނަނީ އަބްދުބެއްޔާ ދިރިއުޅޭގެއެވެ. އަބްދުބެއްޔާއަކީ އުމުރުން ދުވަސްވީ އެކަނިމައި އެކަނީ އެގޭގާ ދިރިއުޅޭ މީހެކެވެ. ދަރިންވަނީ ބޮޑެތިވެ މީހުންނާ އިނދެގެން އެކި ދިމަދިމާލަށް ގޮސްފައެވެ. ނަމަވެސް އަބްދުބެއްޔާގެ ގެޔަކީ ތިޔާގި ގެޔެކެވެ. އެކި ވައްތަރުގެ ރުއް ގަސްތަކުން ފުރިފާވާ ގެޔެކެވެ. ހިކަނދިފަތާ ކެޔޮގަސް އަދި ބިލިމަގު ގަހާ ރާނބާފަތްގަހުން މުޅި ގޭތެރެހެންވަނީ ޒީނަތްތެރިވެފައެވެ. ކޮންމެ ދުވަހަކުވެސް ހަސަންކޮއެ އެގެޔަށް ގޮސް އަބްދުބެއްޔާއަށް ކެޔޮކަނޑާދީހަދައެވެ. އަދި އެކި ކަންތަކުގާ އެހީވެއެވެ. ތެދުވެރިކަމާއެކު އަބްދުބެއްޔާ ގެއިން ކަނޑާ އެއްޗެއްނަމަ ގެންގޮސް ބޯޓަށްލާދެއެވެ. މިކަމާ އަބްދުބެއްޔާ ހުންނަނީ ވަރަށްވެސް ހިތްހަމަ ޖެހިފައެވެ.

އެހެން ދުވަސް ދުވަހެކޭވެސް އެއްގޮތައް މިއަދުވެސް ހަސަންކޮއެ އަބްދުބެއްޔާގެ ގެޔަށްދިޔައެވެ. ހަސަންކޮއެ އެގެޔަށްވަދެ ތިން ފަހަރު ސަލާމް ގޮވާލުމަށްފަހު ޖަވާބު ނުދިނުމުން އެގެއިން ނުކުންނަން ހިނގައިގަތެވެ. އެހިނދު ގޭތެރޭން މީހަކު ކެއްސާއަޑު އިވިގެން އަނެއްކާވެސް ސަލާމް ގޮވާލިޔެވެ. އެއާއެކު އެތެރެއިން އަބްދުބެއްޔާ ސަލާމް ބަލައިގަނެ އެތެރެޔަށް އައުމަށް ބުނެލިޔެވެ. ހަސަންކޮއެ ވަނުމާއެކު އަބްދުބެއްޔާ އެދުނީ އޭނާ ގޮވައިގެން މަރުކަޒަށް ގޮސްދިނުމަށްށެެވެ. ހަސަންކޮއެގެ އެހީއާއެކު އަބްދުބެއްޔާ މަރުކަޒަށް ގެންދިޔައެވެ. އަދި މަރުކަޒުގާ ބޭއްވުނެވެ. އެއަށްފަހު މަރުކަޒު ފަރާތުން އޭނާގެ ދަރިންނަށް އެންގިޔެވެ. އަބްދުބެއްޔާގެ ދަރިން އަންނަންދެން އަބްދުބެއްޔާގެ ހުރިހާ ކަމެއް ބެލެހެއްޓީ ހަސަންކޮއެއެވެ. ނަމަވެސް ހަސަންކޮއެއަށް އެ ދަރިންގެ ފަރާތުން ޝުކުރުގެ ބަހެއްވެސް ނުލިބުނެވެ. ލިބުނީ މަލާމާތެވެ. ހަސަންކޮއެ އުޅެނީ މަކަރުން އެމީހުންގެ ބައްޕަގެ މުދާ ބޭނުންވެގެންކަމެވެ. ގިނަދުވަސްތަކެއްނުވެ އަބްދުބެއްޔާ މާލެ ގެންދެވުނެވެ. އަބްދުބެއްޔާ ނެތްތާނގަ އަބްދުބެއްޔާ ގެޔަށް ވަންނަ ވަގުން ފަހައިގަތުމަށް ހުށިޔާރުވެ އެގައަށް ފާރަލައިގެން ހުންނަނީ ހަސަންކޮއެއެވެ. ކޮންމެ ދުވަހަކުވެސް ވަގުން އެގެޔަށް ވަނުމަށް ދިމާކުރެއެވެ. ނަމަވެސް ހަސަންކޮއެ ފެންނަ އިރަށް ޖެހިލުންވެއެވެ. ހަސަންކޮއެއަކީ ނިކަމެއްޗެއްކަމަކު ވަރަށް ބާރުގަދަ މީހެކެވެ.

ދެ ހަފްތާ ފަހުން އަބްދު ބެއްޔާ ރަށަށް ގެނެވުނެވެ. ނަމަވެސް އަބްދުބެއްޔާ ބެހެއްޓީ އޭނާގެ ދަރިޔެއް ކައިރީގައެވެ. ހަސަންކޮއެއަށް ކާއެއްޗެއް ދިއްކޮށްލާ މީހާ ނެތުމުން ވަރަށްވެސް ދަތިވާންފެށިޔެވެ. މިހެން އުޅެމުން އެއްދުވަހަކު ރަހްމަތްތެރިޔަކު ދިން މަހެއް ގަރުދިޔަ ކައްކާލަން ހިތައްއެރިޔެވެ. ނަމަވެސް ހިކަނދިފަތްކޮޅެއް ބޭނުންވާތީ އަބްދުބެއްޔާ ގޯއްޗަށް ވަނުމުގެ ހުއްދަ ހޯދުމަށް އަބްދުބެއްޔާއާ ބައްދަލްކުރިޔެވެ. އަބްދުބެއްޔާ ހަސަންކޮއެއަށް ހުއްދަދިނެވެ. ކޮންމެ ދުވަހަކުވެސް ވަދެ ބޭނުންވަރަކަށް ފަތް ނަގާށެވެ. ހަސަންކޮއެ ވަރަށް އުފަލުން ގޮސް އެގެޔަށްވަނެވެ. ވަތްއިރު ގޭގެ މޭޒުމަތީ ކުޑަ ދޮންކެޔޮ އަރިޔެއްއޮތެވެ. ދޮންވެ އެހާމެ މީރު ފޮނިވަސްދުވައެވެ. ވަރަށްވެސް ކާހިއްވިއެވެ. އެހާވެސް ބަނޑުހައެވެ. ނަމަވެސް އެވަގުތު ނިއުމަތުން ފުރިގެންވާ ސުވަރުގޭގާ އޭނާއަށްވާނެ ނިއުމަތްތަކުން ހަނދާންކުރަންފެށިޔެވެ. އެއަށްފަހު ގޮސް ހިކަނދިފަތްކޮޅެއް ބިނދެލައިގެން ނުކުމެގެންދިޔައެވެ. ތިންދުވަސްފަހުންވެސް ހަމަ އެގެޔަށް ހިކަނދިފަތްކޮޅެއް ބަލާ ވަންނަންޖެހުނެވެ. މިފަހަރު އަބްދުބެއްޔާ ބުނެގެންނެވެ. ވަތްއިރު މޭޒުމަތީގާ ދޮންވެ ފައްކާވެފާވާ ބޮޑު ދޮންކެޔޮގަނޑެއް އޮތްގޮތައްއޮތެވެ. ވަރަށްވެސް މީރު ފޮނިވަސްދުވައެވެ. ހަސަންކޮއެ އެދުވަހު ހުރީ އެއްވެސް އެއްޗެއްވެސް ބަނޑަށްނުލައެވެ. ނަމަވެސް ކެތްތެރިކަމާއެކު ސުވަރުގޭގާ އޭނާއަށްވާނެ ނިއުމަތްތައް މަތިން ހަނދާން ބެހެއްޓިއެވެ. އެއަށްފަހު ކުރަން އައި ކަންތައްކޮށް އެގެއިން ނުކުތެވެ.

އެއްމަސްދުވަސްފަހުން އަބްދުބެއްޔާ ނިޔާވެއްޖެއެވެ. އެ އޯގާތެރި މީހާ ނިޔާވުމުން އެންމެ ބޮޑަށް ހިތާމަކުރީ ހަސަންކޮއެއެވެ. އަބްދުބެއްޔާ ޖަނާޒާ ކަންތައް ނިންމާފަ އައިސް ގެއަށްވަނުމާއެކު މީހަކު އައިސް ސަލާމްގޮވާލިޔެވެ. ހަސަންކޮއެ ސަލާމް ބަލައިގަނެ އެތެރެޔަށް އެމީހަކު އައުމަށް ދައުވަތުދިނެވެ. އެތެރެޔަށްވަނީ ރަށު ކޯޓުގެ މީހެކެވެ. އޭނާ އަތުގާ ސިޓީއެއްއޮތެވެ. އެސިޓީގާވަނީ ހަސަންކޮއެ ކޯޓަށް ހާޒިރުވުމަށްށެވެ. ވަރަށް ހާސްވެފަ ވެގެން މިއުޅެނީ ކީއްކަން ނޭނގިހުރެ ކޯޓަށް ގޮސް ވަނުމުން ހަސަންކޮއެ ފަހަތުން އަބްދުބެއްޔާގެ އާއިލާ އެންމެންވަނެވެ. އިރުކޮޅަކުން ގާޒީ ހާޒިރުވިޔެވެ. ގާޒީ އަތުގާ ގަނޑެއްއޮތެވެ. އެ ގަނޑު ހުޅުވާލުމަށްފަހު ކިޔަންފެށިޔެވެ.

" މިއީ އަހަރެން (އަބްދުބެއްޔާ) ގެ ވަސިއްޔަތެވެ. މިއީ މަރްހޫމް އާދަމްކޮއެގެ ދަރި ހަސަންކޮއެއަށް އަހަރެންގެ ގޯތިން އޭނާ ބޭނުން އެއްޗެއް ނެގުމުގެ ހުއްދައެވެ. އަހަރެން ނެތް ތަނުގާ އެއީ އޭނާގެވެސް ތަނެއްކަމަށް ބަލައިގެން އެތަނަށް ކަމޭހިތާ އެތަނުން ލިބޭ އެއްޗަކުން ކައިބޮއެ ހަދައިގެން ހަސަންކޮއެ ދިރިހުރިހާ ދުވަހަކު އުޅެންވީއެވެ. މިކަމުގާ އަހަރެންގެ ދަރިންނަށް ބުނެލަންއޮތީ ކަލޭމެން މިކަމަށް އެއްބާރުލުން ސަބަބަކީ ހަސަންކޮއެއަކީ އިހްލާސްތެރި މީހެކެވެ. ބައްޕަގެ އެއްވެސް މުދަލަކުން ވައްކަންނުކުރެއެވެ. ބައްޕަކައިރީ އެއްޗެއްހި ދޭންވެސް ނުކިޔައެވެ. މިއަދު މިކަމަށް ތިޔަކުދިން އެއްބާރުލުން ދޭނެކަމަށް އުންމީދުކުރަމެވެ. "

ވަސިއްޔަތް ކިޔާ ނިމުމަށްފަހު ގާޒީ ހުރިހާ އެންމެންގެ ސޮޔާ އިނގިލީގެ ނިޝާންނެގިއެވެ. އެއަށްފަހު އެންމެން ފޮނުވާލިޔެވެ. ހަސަންކޮއެ އެންމެ ފުރުތަމަވެސް ކޯޓުން ނުކުމެގެން ދިޔައީ މިސްކިތައްށެވެ. ގޮސްޖެހީ ޝުކުރުގެ ސަޖިދައެވެ. މިއަދު އޭނާ ބެހެއްޓި ހެޔޮކަމުގެ ނަތީޖާގެ ފޮނިކަން އޭނާއަށްވަނީ ލިބިފައެވެ.

- ނިމުނީ -

 


އަނިޔާވެރިން ތިބެނީ އެކި ސިފަސިފާގައެވެ. ބައެއްފަހަރު އެއީ ދުރުހިލޭ މީހަކަށްވެދާނެއެވެ. އަދި ބައެއްފަހަރު އެއީ ގާތްމީހަކަށްވެސް ވެދާނެއެވެ. އެފަދަ އަނިޔާވެރިޔެއްގެ ސަބަބުން ކުރިމަގުގާ ބޮޑު ލަދެއްގާ ބެދޭ މީހުން މަދެއްވެސް ނޫނެވެ.

މަދީހާގެ އުމުރަކީ 8 އަހަރެވެ. މަދީހާއާ އޭނާގެ މަންމަ ދިރިއުޅެމުން ދަނީ ހިތްފަސޭހަ މާހައުލެއް ލިބިފައިވާ ރީތި ރަށެއްގައެވެ. މަދީހާގެ ބައްޕަވަނީ މަދީހާގެ އުމުރުން ފަސްއަހަރުގާ ނިޔާވެފައެވެ. މަދީހާމެންގެ ކަންތަ އެހިސާބުން ބަލަހައްޓަމުންދަނީ މަދީހާގެ ބޮޑުބޭބެ ބަކުރުއެވެ. ބަކުރަކީ މަސްވެރިޔެވެ. ހީވާގި މީހެކެވެ. ބަކުރު ރަށް އަންނަ ކޮންމެ ފަހަރަކު އެގެޔަށް މަސްގެނެސް ކަނޑާދީހަދައެވެ. އެއަށްފަހު މަދީހާއާއެކު ވަގުތު ހޭދަކުރެއެވެ. ފެންވަރާ ރީތިވެލާގެން އައިސް މަދީހާ ގޮވައިގެން ބޭރަށްގޮސްހަދައެވެ. މިކަމާ މަދީހާ މަންމަ ހުންނަނީ ވަރަށްވެސް އުފާވެފައެވެ. އަދި ބަކުރަށް ކުރާ އިތުބާރު ލައްކަ ބޮޑުވެގެންދިޔައެވެ.

އަހަރު ތަކަކަށްފަހު ބަކުރު ހައްޖަށްގޮސްފާއައެވެ. މަދީހާގެ އުމުރަކީ މިހާރު 13 އަހަރެވެ. ބަކުރު އަންނަމުން ބައިވަރު ހަދިޔާ ދެމައިންނަށް ގެނައެވެ. ގިނައީ މަދީހާއަށް ގެނައި އެއްޗިއްސެވެ. ރަން ކެވެއްޔާ ފަށެވެ. ހަމަ އެގޮތުން ރަންފަށާ ކެވެލި މަދީހާ މަންމައަށްވެސް ދިނެވެ. ބަކުރު ވަރެއް އެދަމައިންނަކަށް ހަމަ ނެތެކޭ ބުންޏަސް ގޯހަކަށްނުވާނެއެވެ. މިހެން ދުވަސްތައް ގުނަމުންދަނިކޮށް ބަކުރާ އޭނާގެ އަނބިމީހާއާ ދެމީހުން ކުއްލިގޮތަކަށް ވަރިވެއްޖެއެވެ. ބަކުރުގެ ހިތާމާގަ އެންމެ ބޮޑަށް ބައިވެރިވީ މަދީހާގެ މަންމައެވެ. ބަކުރުއާ ވަރަށްވެސް ގާތްކޮށް މަންމަ އުޅެންފެށިއެވެ. ރޭގަނޑު އެތައް ވަގުތެއް ވާހަކަ ދެއްކުމުގާ ޖޯލީގާ ބަކުރާ މަދިހާގެ މަންމަ ހޭދަކުރަންފެށިއެވެ. މިކަން މަދީހާއަށް ފާހަގަވެ ބަކުރު ގިނައިން އެގެއަށް އައިސް އޮންނާތީ ވަރަށް ހިތްހަމަޖެހުނެވެ.

އެއްދުވަހެއްގެ ހަވީރު މަދީހާ ސްކޫލްއިން ގެއަށް ވަރަށް ބޮޑަށް ބަލިވެގެން ގެނައެވެ. އެދުވަހަކީ މަދީހާގެ މަންމަ ކައިރި ރަށަކަށް ގޮސްފާ އިރުއޮއްސެންވާއިރަށް އަންނަން އޮތްދުވަހެވެ. އެދުވަހު މަދީހާ ގެޔަށް ގެނެވުނުއިރު ގޭގާ ބަކުރު އުޅެއެވެ. ބަކުރާ ހަވާލުކުރުމަށްފަހު ސްކޫލުން ފޮނުވިމީހާ އަނބުރާ ދިޔަތާ މާ ގިނައިރުތަކެއްނުވެ މަދީހާ އަނބުރާގަތެވެ. އެވަގުތު ބަކުރު މަދީހާ ނަގާގަނެގެން ކޮޓަރިއަށް ގެންދިޔައެވެ. އަދި އެނދުގާ ބޭއްވުމަށްފަހު މޫނުގާ ފެން އުނގުޅިޔެވެ. އަދި މަދީހާ ހޭއަރުވަން ވަރަށް މަސައްކަތްކުރިޔެވެ. އެވަގުތަކީ މަދީހާގެ މަންމައަށް ގެޔަށް ވަދެވުނު ވަގުތެވެ. އެނދުގާ ބޭއްވިފާއޮތް މަދީހާގެ ކަނައަތުގާ ބަކުރު އަތްލާގެން އިން ގޮތް ނުބައިކޮށް މަދީހާގެ މަންމައަށް ފެނިގެންދިޔައެވެ. ބަކުރު އޭނާ ދަރިފުޅުގެ އުރަމަތީ އަތްލައިގެން އިންފަދައެވެ. އެހިނދު އަޑުގެ ނެތްކޮޅަށް ބަކުރާ ދިމާލަށް ހަޅޭއްލަވާގަތެވެ. އަދި ހެއްދެވި ނުހެއްދެވި ބަކުރާދިމާލަށް ގޮވަމުން މީހުން އެތަނަށް އެއްކުރިޔެވެ. ކިހިނެއްވެގެންތޯ ގިނަ މީހުން ސުވާލުކުރަންފެށުމުން މަދީހާ މަންމަ ބަކުރު އޭނާގެ ދަރިފުޅު ގަޔަށްއެރި ކަމުގެ ތުހުމަތުކުރިޔެވެ. އެހިނދު އެއްވެފާ ތިބި އެންމެން ބަކުރު ގައިގާ ހިފާގަނެ ތަޅާގަތެވެ. ބިންމައްޗަށް ވައްޓާލާ ފައިންތަޅާ ވެއްޔާލާ މޮޑެލިޔެވެ. އެވަގުތަކީ މަދީހާވެސް ހޭއެރި ވަގުތެވެ. ވެގެން މިއުޅެނީ ކީއްކަން އެކުއްޖާއަކަށްވެސް ނޭނގެއެވެ. ފެނުނީ މީހުންތައް މީހެއް ގައިގާ ތަޅާތަނެވެ. ބަކުރުކަން އެނގުމުން މަދީހާ ދުވެފާގޮސް ބަކުރުގައިގާ ބައްދާގަނެ އޭނާގެ ބުރަކަށިން ބަކުރު ދިފާއުކުރިޔެވެ. އެހިނދު މީހުންތައް ދުރަށް ޖެހެންފެށިއެވެ. މަދީހާ އައިސްފާހުރި ރުޅިން އެންމެނާ ދިމާލަށް ހަޅޭއްލެވިޔެވެ. ބަކުރު ގައިގާ ތެޅީ ކީއްވެތޯ އެހިއެވެ. އެވަގުތު މަދީހާ މަންމަ ހުރިހާ އެއްޗެއް ކިޔާދިނެވެ. މަންމަ ކިޔާދިނީ ތެދެއްތޯ މަދީހާ ބަކުރާ ސުވާލުކުރިޔެވެ. ބަކުރު ކަން ހިނގިގޮތް ރީއްޗަށް ކިޔާދިނެވެ. އަދި ދުވަހަކުވެސް މަދީހާ ގަޔަކު އެފަދަ ނިޔަތެއްގާ އަތްވެސް ނުޖައްސާނެކަމަށްބުނިއެވެ. ބަކުރުގެ ބަސް ގަބޫލްކޮށް މަދީހާއަށް ކިޔުނު އެއްޗެއް އޭނާގެ މަންމައާ ދިމާލަށް ކިޔާލިޔެވެ. އަދި އެއްވެފާ ތިބި މީހުންވެސް އެތަނުން ދިޔުމަށް އެނގިޔެވެ. ބަކުރުވެސް ތެދުވެގެން ގައިން ވެލި ފޮޅާލުމަށްފަހު އެގެއިން ނުކުމެގެންދިޔައެވެ.

ރަށުތެރޭގާ ބަކުރުގެ ނަން މިހާރުވަނީ ވަރަށް ބޮޑަށް ވެއްޔާލާ މޮޑެވިފައެވެ. ބަކުރަކީ ކުޑަކުދިންނާ ބެހޭ މީހެއްކަން މުޅި ރަށުގާވަނީ ފެތުރިފައެވެ. މަގުމަތިން ބަކުރު ފެނުމުން ބަކުރަށް އަނިޔާކުރާމީހުންވެސް މަދެއްނޫނެވެ. ދުވަސްގަނޑަކަށްފަހު ބަކުރު ޖަލަށްވެސް ގެންދިޔައެވެ. ތިން އަހަރަށްށެވެ. އެތިންއަހަރު ވެގެންދިޔައީ މަދީހާއާ އޭނާގެ މަންމައަށް ވޭންދެނިވި ތިން އަހަރަށްށެވެ. ކާނެ އެއްޗެއް ގިނަފަހަރަކު ނުލިބެއެވެ. ގާތްތިމާގެ މީހުންނާ ރަހްމަތްތެރިންގެ އަޅާލުމެއްނުލިބެއެވެ. އަދި ނުވިތާކަށް މަދީހާގެ ނަން ދިޔައީ ރަށުތެރޭ ކިލަނބުވަމުންނެވެ. މަދީހާ ޖެހެނީ އިސްޖަހާލައިގެން ރަށުތެރޭ ހިނގާށެވެ. މީހަކާ އަނގައިން ބުނާކަށްވެސް ނުކެރެއެވެ. އެންމެ މީހެއް ތަނެއް ދޮރެއް ބަލާނުލާ ކުރި ކަމެއްގެ ސަބަބުން ދެފަރާތަށްވެސް މިވަނީ ފޫނުބެއްދޭފަދަ އަނިޔާތަކެއްލިބިފައެވެ. ހަގީގަތް މިއަދު ކިތަންމެ ފަހަރަކު ކިޔާދިނަސް އެކަން އެކަކުވެސް ގަބޫލްއެއްނުކުރާނެއެވެ.

- ނިމުނީ -

އެ ދަތުރު

 ސްޕޯޓްސް ފިޝިންގްއަކީ ރާއްޖޭގާ ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން ކުރަމުން އަންނަކަމެކެވެ. އެއީ ފަށައިފިނަމަ ފޫހިނުވާކަމެކެވެ. އަގުބޮޑެ...